އެއަރޕޯޓް ހަދާ ސަރަޙައްދުން ކަނޑާފައިވާ ލަކުޑިތަކެއް / ފޮޓޯ: މާފަރު ރައްޔިތެއް

ޤަވާއިދާ ޚިލާފަށް ވަރަށްގިނަ ލަކުޑިތަކެއް މާފަރުން ބޭރުކުރަމުންދާ މައްސަލައެއް ފެންމަތިވެއްޖެ.

ނ.މާފަރު ގައި އެއަރޕޯޓް އަޅާ ސަރަޙައްދުންނާއި، އަދި އެސަރަޙައްދަށް ނުހިމެނޭ ހިސާބުތަކުން ޤަވާއިދާ ޚިލާފަށް ވަރަށް ގިނަޢަދަދަކަށް ރުކާއި، ފުނަގަސްފަދަ ބޮޑެތި ގަސްލަކުޑި ކަނޑަމުންދާ މައްސަލައާއި، އަދި އެލަކުޑިތައް އެރަށުން ބޭރުކުރަމުންދާ މައްސަލައެއް ފެންމަތި ވެއްޖެއެވެ.

މީސްމީޑިއާގައި މި ފަދަ ފޮޓޯތަކެއް ދައުރުވަމުންދާއިރު މާފަރުން ލަންދޫއިންފޯއާއި ވާހަކަ ދެއްކިމީހަކު ބުނީ އެއަރޕޯޓް އަޅާ ސަރަހައްދުންވެސް އަދި އެސަރަޙައްދަށް ނުހިމެނޭ ސަރަޙައްދުންވެސް ވަރަށް ބޮޑެތި ގަސްކަނޑާފައިވާ ކަމަށާއި އަދި ހަމަ އެހާގިނަ ރުށްވެސް ކަނޑާފައިވާކަމަށެވެ. އަދި އެލަކުޑިތައް އެރަށުން ބޭރަށް ގެންދަމުން ދާކަމަށްވެސް އޭނާބުންޏެވެ.

އެއަރޕޯޓް އަޅާ ސަރަޙައްދުގެ ބިންސާފުކުރުމަށް ޙަވާލުކޮށްފައިވާ ކުންފުނިން ފޮނުވާފައިވާ މީހަކު އިސްވެހުރެ ކުރާކަމެއްމީ ، އެމީހުން ހަދާގޮތަކީ އެކްސްކަވޭޓަރުން ކޮންމެ ގަހެއްވެސް އުފުރާލަނީ ދެން އެވަޅުގަނޑު ފޮރުވާލުމަށްފަހު ގަސް ބުރިބުރި ކޮށްލައިގެން ގެންދަނީ ބަނދަރަށް ، ބަނދަރުގައި އޮންނަ ދޯންޏަށް ލޯޑްކުރުމަށްފަހު އެމީހުން އެގަސްތައް ގެންދަނީ ޅ.ނައިފަރަށް. އަޅުގަނޑުމެންނަށް ހީވަނީ އެއީ ދޯންޏެއް ބަންނަން ގެންދާ ލަކުޑިހެން. މާފަރުން ވާހަކަ ދެއްކިމީހާ އިތުރަށް ސާފުކޮށްދިނެވެ.

ލަކުޑިތައް ބޭރުކުރުމަށް ދޯންޏަކަށް ލޯޑްކޮށްފައި / ފޮޓޯ: މާފަރުރައްޔިތެއް

މާފަރުގައި އެއަރޕޯޓް ތަރައްޤީކުރަނީ 2.2 ކިލޯމީޓަރުގެ ރަންވޭއަކާއިއެކު ކަމަށްވާތީ ވަރަށް ބޮޑު ސަރަޙައްދެއްވަނީ ބިންސާފުކޮށް ރަންވޭ އެޅުމަށް ތައްޔާރުކުރެވިފައެވެ.

މާފަރުގައި އެއަރޕޯޓެއް އަޅާތީ މާފަރު ރައްޔިތުންނާއި، ނ.އަތޮޅުގެ ރައްޔިތުން އެކަމާ އުފާކުރަމުންދާއިރު އަދި ސަރުކާރަށް ސަނާކިޔަމުންދާއިރު މިފަހަރު ފެންމަތިވެފައިވާ ލަކުޑި ބޭރުކުރުމުގެ މައްސަލައަކީ ސަރުކާރުގެ ޒިންމާދާރު ވުޒާރާތަކާށާއި، އަދި އެންވަޔަރމެންޓް މިނިސްޓްރީއާއި، ޓޫރިޒަމް މިނިސްޓްރީ ފަދަ ކަމާބެހޭ އެއްވެސް މުއައްސަސާއަކަށް އެނގިގެން ކުރާ ކަމެއްނޫންކަން ދޭހަވާކަމަށްވެސް މާފަރުން ވާހަކަ ދެއްކި ބައެއް މީހުން ބުންޏެވެ. އެމީހުން ބުނީ ލަކުޑިތައް ބޭރުކުރަނީ ވަރަށް އަވަސް އަރުވާލައިފައިކަމަށާއި، ރޭގަނޑު ދަންވަރަށްވެސް އެމަސައްކަތް ކުރުވާކަމަށެވެ.

އަދި މިއީ ބިންސާފުކުރުމަށް އައިސްތިބި މީހުންގެ ވެރިއަކަށް ހުރި އިސްމީހާގެ އަމިއްލަ މަސްލަޙަތު އެކުލެވޭ ކަމެއްކަމަށް ޤަބޫލުކުރެވޭކަމަށާއި، މިމައްސަލަ މިހާރު ކަމާބެހޭ ފަރާތްތަކަށް މައްސަލައެއްގެ ގޮތުގައި ހުށަހެޅުމުގެ މަސައްކަތްތްވެސް ރައްޔިތުންގެ ތެރެއިން ބަޔަކު އިސްވެގެން ކުރިއަށް ދާކަމުގެ މައުލޫމާތު ލިބިފައިވާކަމަށްވެސް މާފަރުން ވާހަކަދެއްކިމީހާ މިއަދު ބުންޏެވެ.

ނޫހުގައި ނަންނުޖެހުމަށް ޝަރުތުކޮށް މިކަން ހިނގަމުންދާގޮތް ކިޔައިދެމުން އެމީހާ އިތުރަށް ބުނީ އެއަރޕޯޓް އަޅަން ކަނޑައަޅާފައިވާ ސަރަޙައްދު މިހާރު ސާފުކޮށް ނިމިފައިވާއިރު އަދިވެސްއިތުރު ގަސްރުއް އެކްސްކަވޭޓަރ ބޭނުންކޮށްގެން ނަގަމުންދާކަމަށެވެ. މިވަރުވީމާ އަޅުގަނޑުމެން މާފަރު ރައްޔިތެއްގެ ހައިސިއްޔަތުން ކަންބޮޑުވާނެ ނޫންތޯ. މާފަރުން ވާހަކަ ދެއްކިމީހާ ސުވާލު އުފެއްދިއެވެ.

އެއަރޕޯޓް ސަރަޙައްދުން ނެގި ގަސްލަކުޑިވެސް އެހެން ރަށަކަށް ބޭރުންކުރާނަމަ ކަމާބެހޭ މިނިސްޓްރީ ތަކުގެ ހުއްދަ އޮންނަންޖެހޭނެކަމަށް އެފަރާތުން ޤަބޫލުކުރެއެވެ. ނަމަވެސް އެފަދަ ހުއްދައެއް އެއްވެސް މިނިސްޓްރީއަކުން އަދި މިހާތަނަށް ނަގާފައި ނުވާކަމަށްވެސް މިމައްސަލައިގައި ކަންބޮޑުވުން ފާޅުކުރަމުންދާ ފަރާތްތަކުން ތުހުމަތު ކުރެއެވެ.

އަބޫދާބީ ފަންޑުގެ ހިލޭ އެހީގެ ދަށުން ތަރައްޤީކުރާ އެ އެއާރޕޯޓުގެ ޢަމަލީ މަސައްކަތް ފަށާތާ ހަމަސްދުވަހުގެ ތެރޭފައި ޚިދުމަތް ދޭން ފެށޭނެކަމަށް ސަރުކާރުންވަނީ ބުނެފައެވެ.

މި މަޝްރޫއަށް ގާތްގަނޑަކަށް 60 މިލިއަން ޑޮލަރު ޚަރަދުވާނެކަމަށާއި، މާފަރު އެއަރޕޯޓް ތަރައްޤީވުމުން އަމިއްލަ ޖެޓުތަކުގައި މުއްސަނދި ފަތުރުވެރިން އެ ސަރަޙައްދަށް ޒިޔާރަތް ކުރެވޭނެ ފުރުސަތު ފަހިވެގެންދާނެކަމަށް ޓޫރިޒަމް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

މަސައްކަތް ފަށާތާ 6 މަސްދުވަހުގެ ތެރޭގައި މާފަރު އެއަރޕޯޓް ނިންމާނަން – ރައީސް

ނ.މާފަރުގައި ތަރައްޤީކުރާ ބައިނަލްއަޤްވާމީ އެއަރޕޯޓް ތަރައްޤީކުރަން ފަށާތާ ހަމަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް …

ޚިޔާލެއްދެއްވާ

avatar
ލަންދޫ މީހާ
ލަންދޫ މީހާ

ކޮބާ ރަށުކައުންސިލުން ތިކަމާ ބެހޭގޮތުން ބުނާ ބަސް، ކޮބާ ރީޖަނަލް އެއަރޕޯޓްގެ ބަސް، ކޮބާ މަސައްކަތުގެ ކޮންޓްރެކްޓަރ ބުނާއެއްޗަކީ، ތިކަމުގެ ހަޤީޤަތް ރަގަޅަށް ބަލާފަ، ދެފުއް ފެންނަގޮތައް ލިޔޭ…. ބެލެވެނީ އެއްފަރާތައް ބުރަވެ ލިޔެފައިވާ ލިޔުމެއް ކަމަށް، ވަރަށް ޛިންމާދާރުކަން ކުޑަ. ރަގަޅުކޮށްލަންޖެހޭ ކަމަށް ދެކެން.

wpDiscuz