ޤާޟީކަމަކީ ބިރުހުރި ކަމެއްތަ؟

ޤާޟީކަމުގެ މާނަ:

އަލްޤަޟާ ގެ މާނައަކީ ކަމެއްކުރުމަށް އިލްޒާމުކުރުމުގެ ގޮތުން ނިޔާކަނޑައެޅުމެވެ.  މާތްﷲ ވަޙީކުރައްވާފައިވެއެވެ. وَقَضَىٰ رَبُّكَ أَلَّا تَعْبُدُوا إِلَّا إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا ۚ (އަލްއިސްރާއު 15) މާނައަކީ “އެކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ.”

އުފެއްދުންތެރިކަމުގެ މާނައިގައިވެސް މިބަސް ބޭނުންކުރެވެއެވެ. އެއްޗެއްގެ ފުރިހަމަކަން ނުވަތަ ވަރަށް ފުރިހަމަކޮށް ކުރެވުމުގެ މާނައިގައެވެ. މާތްﷲ ވަޙީކުރެއްވިއެވެ. فَقَضَاهُنَّ سَبْعَ سَمَاوَاتٍ فِي يَوْمَيْنِ وَأَوْحَىٰ فِي كُلِّ سَمَاءٍ أَمْرَهَا މާނަ “ފަހެ، ދެދުވަހުގެ ތެރޭގައި އެކަލާނގެ ހަތް އުޑު ހެއްދެވިއެވެ. އަދި ކޮންމެ އުޑަކަށް، އެ އުޑެއްގެ ކަންތައް (تدبير ކުރައްވައި) އެންގެވިއެވެ.” އަދި މީގެ އިތުރުންވެސް އެތައް ޙާލަތެއްގައި މިބަސް ބޭނުންކުރެވިފައިވެއެވެ. މިގޮތުން ކަމެއްކޮށް ނިންމުމުގެ މާނައިގައި، ހުސްވަޤުތުގެ މާނައިގައި، އަދި މީހެއްގެ މަރު ނުވަތަ ނެތިގެން ދިއުމަށްވެސް މިބަސް ބޭނުންކުރައްވާފައިވެއެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. فَاسْتَغَاثَهُ الَّذِي مِن شِيعَتِهِ عَلَى الَّذِي مِنْ عَدُوِّهِ فَوَكَزَهُ مُوسَىٰ فَقَضَىٰ عَلَيْهِ (އަލް ޤަޞަޞް 15) ” އެހިނދު موسى ގެފާނު އޭނާގެ ގައިގައި މުށްކަވާފައި ޖެއްސެވިއެވެ. ފަހެ (އެހިނދު) އޭނާގެ ކަންތައް ނިންމަވައިލެއްވިއެވެ. (އެބަހީ: އޭނާގެ ގައިގައި ޖެއްސެވުމުން، އޭނާ މަރުވީއެވެ.)”

މީހަކުއެދޭކަމެއް އެކަމެއް އެދޭގޮތަކަށް ކޮށްދިނުމުގެ މާނައިގައި މިބަސް އައިސްފައިވެއެވެ. ހޫދުގެފާނުގެ މުޢުޖިޒާތަކީ ވަކީލުކުރެއްވުން ކަމުގައި އަންގަވާފައިވެއެވެ. ކަނޑައެޅިފައިވާކަމެއް އެކަނޑައެޅިފައިވާ ގޮތަކަށް ކުރިއަށްގެންދިއުމަށް މިބަސް ބޭނުންކުރެވޭއިރު މީހެއްގެމައްޗަށް ޙުކުމް ކުރުން (މިސާލަކަށް ސަފީހުންގެ މައްޗަށް މުދާ ހޭދަނުކުރުމަށް އެންގުން) ފަދަ މާނަތަކުގައި މިބަސް އައިސްފައިވެއެވެ.

އަލްޤަޟާއުގެ އިޞްތިލާޙީ މާނަ:

ދެޚަޞްމެއްގެ ދެމެދުގައި ނުވަތަ އެއަށްވުރެ ގިނަ ޚަޞްމުންގެ މެދުގައި އިސްލާމީ ޤާނޫނުގައި އޮންނަ ގޮތަށް ޙުކުމްކުރުމެވެ. މިކަންކުރާ މީހަކީ ރަސްމީ ސިފައެއްގައި، ރަސްމީ ޙައިޘިއްޔަތުން ޤާޟީކަންކުރާ މީހެއްކަމުގައި ވާންޖެހޭނެއެވެ.

އެއްބަޔަކު ބުނަނީ އެއީ ޢަމަލީގޮތުން ކަންކުރާ މީހެކެވެ. އަނެއްބައި ބޭކަލުން ބުނަނީ ޢަމަލީ ގޮތުން ކޮންމެހެންކުރާކަށް ނުޖެހެއެވެ. ހަމައެކަނި ޙައިޘިއްޔަތު އޮންނަނިކޮށް ނިމުނީއެވެ.

ޤާޟީކަމުގެ މަޤުޞަދަކީ މީސްތަކުންގެ ފާސިދުތައް ނައްތާލާ އަމަންއަމާންކަން ޤާއިމުކުރުމެވެ. ކުރިމަތިވާންއަންނަ ގެއްލުންތަކުން ސަލާމަތްވުންވެސް މީގެތެރޭ ހިމެނެއެވެ. މީސްތަކުންގެތެރޭ ފަސާދަ ނައްތާލެވޭނީ ޤަޟާއާއި ލައިގެންނެވެ.

ޤަޟާ ހުއްދަކަމުގެ ދަލީލު:

މާތްﷲ ވަޙީކުރައްވާފައިވެއެވެ. إِنَّ اللَّـهَ يَأْمُرُكُمْ أَن تُؤَدُّوا الْأَمَانَاتِ إِلَىٰ أَهْلِهَا وَإِذَا حَكَمْتُم بَيْنَ النَّاسِ أَن تَحْكُمُوا بِالْعَدْلِ ۚ إِنَّ اللَّـهَ نِعِمَّا يَعِظُكُم بِهِ ۗ إِنَّ اللَّـهَ كَانَ سَمِيعًا بَصِيرًا އައްނިސާއު 58 މާނައަކީ “ހަމަކަށަވަރުން އަމާނާތްތައް އޭގެ އަހުލުވެރިންނަށް އަދާކުރުމަށް މާތްﷲ ތިޔަބައިމީހުންނަށް އަންގަވައެވެ. އަދި މީސްތަކުންގެ މެދުގައި ތިޔަބައިމީހުން ޙުކުމްކުރާނަމަ، ޢަދުލަށް ޙުކުމްކުރުމަށް އަންގަވައެވެ.” ވުމާއެކު މިކަން ދީނުގައި ކަނޑައެޅި މަޝްރޫޢުވެފައިވެއެވެ.

ސުންނަތަށް ބަލައިލާއިރު ޔަމަނުކަރައިން އަންނަ ދެމީހަކު ޙަޟަރުމައުތުން އަންނަމީހަކާ ބިމެއްގެ މައްސަލައިގައި ރަސޫލާގެ އަރިހު މައްސަލަޖެއްސިއެވެ. ރަސޫލާ ޙަދީޘްކުރެއްވިއެވެ. “ތިމަންކަލޭގެފާނު ޙުކުމްކުރައްވާނީ ފެންނަ ހެކިތަކުގެ މައްޗަށެވެ. ދޮގުހަދައިގެން ދުލުގެ ބޭނުންކުރުމުންވެސް ފައިދާއެއްނެތެވެ. އަދި ވާހަކަނުދައްކާ އިނުމަކުންވެސް ފައިދާއެއްނެތެވެ.” މީގެއިތުރުން ޒިނޭގެ މައްސަލައިގައި މާޢިދުއާއި ޣާމިދިއްޔާ ރަޖަމްކުރުމަށް އެންގެވިއެވެ. އެކަލޭގެފާނުގެ ޒަމާނުގައި ޔަހޫދީންގެ މީހަކު ވައްކަންކުރުމުން އަތްކެނޑުއްވިއެވެ. ޖިނާޢީ، މަދަނީ އަދި ޢާއިލީ މައްސަލަތައް ކީރިތިރަސޫލާ ބެއްލެވިއެވެ.

ބުއްދީގެ ގޮތުން ބަލާއިރުވެސް މުޖުތަމަޢުގެ ހަމަޖެހުމާއި އަމާންވެއްޓެއްގައި ދިރިއުޅުމަށްޓަކައި އެއީ އޮންނަންޖެހޭކަމެކެވެ.

ޤާޟީކަމުގެ މާތްކަން

ކީރިތި ރަސޫލާގެ ޙަދީޘް “މީސްތަކުންކުރެ ޙުކުމްކުރަންހުންނަ ރަނގަޅަށް ޢަދުލަށް ޙުކުމްކުރަންހުންނަ ޤާޟީއަކީ ވަރަށް މާތްމީހެކެވެ.” ހަތަރު ޚަލީފާއިންގެ ޒަމާނުގައިވެސް ޤާޟީކަން ކުރެއްވިއެވެ. އަބޫބަކުރުގެފާނުގެ ޒަމާނުގައި ޢުމަރުގެފާނު ޤާޟީކަންކުރެއްވިއެވެ. ޢިލްމުވެރި އިމާމުންނަށް ބަލާއިރު އިމާމު އިބުނު ޙަޖަރަކީވެސް ޤާޟީއެކެވެ. ހަމައެހެންމެ އިމާމު އަބޫޙަނީފާ ފަދަ ބޭބޭފުޅުން ޤާޟީކަން ނުކުރެއްވުމުން ވެރިންގެ އަނިޔާވެރިކަން ލިބި ހުރަގޭގެ ދުވަސްތައް ހޭދަކުރެއްވި ކަމަށްވެސް ތާރީޚު ހެކިދެއެވެ.

ނުރައްކާތެރިކަން

އަލްއިމާމް އިބުނު މަސްޢޫދު ރިވާކުރެއްވި ޙަދީޘެއްގެ މާނައިގައިވެއެވެ. “ޤާޟީކަން ކޮށްފިނަމަ ވަޅިޔަކާނުލައި ކަތިލެވުންފަދަކަމެކެވެ.” މިޙަދީޘުން އެނގެނީ އެއީ ވަރަށްނުރައްކާތެރިކަމެއްކަމެވެ. ކީތްވެތޯއެވެ؟ ޝައިޠާނާ ވަސްވާސްލައިދޭނެއެވެ. ރަނގަޅުގޮތާއި ޚިލާފުވުމަށެވެ.

ތިންޤާޟީންކުރެ ދެޤާޟީ ނަރަކައަށްދާނެ ކަމަށް ރަސޫލާ ޙަދީޘްކުރައްވާފައިވެއެވެ. ކަން މިހެންވާއިރު މީހަކަށް އިސްލާމީ ޙުކުމްތައް އެނގި ޙައްޤަށް ޙުކުމްއިއްވުމުން ސުވަރުގެދެވޭ ވާހަކަވެސް ވެއެވެ. މިތަނުން ނަރަކައަށްދަނީ ޢިލްމު ލިބި ޙައްޤަށް ޙުކުމް ނުކުރި މީހާއެވެ. އަދި ޤާޟީންކުރެ ދެވަނައަށް ނަރަކައަށްދަނީ ބޮޑު މަޤާމެއް ލިބުމުން އެކައްޗެއްވެސް ނޭނގި ޢަދުލަށް ޙުކުމް ނުކުރިމީހާކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ.

ރިޝްވަތުގެ ކުރިމަތީގައި ހިފާއްޓައިނުލެވޭނަމަ، ޤާޟީކަމަށް ކުރިމަތި ނުލުމަށް އެންގެވިއެވެ. މުޢާޒުގެފާނު ޔަމަނަށް ފޮނުއްވިއިރު ކީރިތި ރަސޫލާ އިންޓަވިއުކުރެއްވިއެވެ. މިކަމުންވެސް ހާމަވަނީ ނޭނގި ޤާޟީކަންކުރުމަކީ ނުރައްކާ ކަމެކަމުގައެވެ. ރިޝްވަތައްނުހެއްލި ނުހުރެވޭނަމަ އެއީ ނުރައްކާ ކަމެކެވެ.

ޤާޟީކަމުގެ ޚާއްޞަކަން:

އިސްލާމީ ޝަރީޢާގެ ހުރި ހުރިހާ ޚާއްޞަކަމެއް ހިމެނޭނެއެވެ. ސަބަބަކީ އިސްލާމީ ޝަރީޢަތުގައި ޢަޤީދާ، ޢިބާދާތު، އަދި މުޢަމަލާތާއި އަޚުލާޤު ހިމެނޭތީއެވެ.

ޤާޟީކަންކުރާއިރު ޢަޤީދާއަށް ބަރޯސާވާނެއެވެ. ދަލީލު އަލްކަހުފް 49 لَا يُغَادِرُ صَغِيرَةً وَلَا كَبِيرَةً إِلَّا أَحْصَاهَا ۚ وَوَجَدُوا مَا عَمِلُوا حَاضِرًا ۗ وَلَا يَظْلِمُ رَبُّكَ أَحَدًا މާނައަކީ ” ކިތަންމެ ކުޑަކަމެއްވެސް، އަދި ބޮޑުކަމެއްވެސް، އެ ފަތުގައި ނުހިމަނައި ދޫކޮށްލައިފައެއް ނުވެއެވެ. އަދި އެއުރެންކުޅަ އެންމެހައި عمل ތައް އެ ފަތުގައިވާތީ، އެއުރެން ދެކޭނެތެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ އެއްވެސްމީހަކަށް އަނިޔާވެރިވެވޮޑިއެއް ނުގަންނަވަތެވެ. ” އިސްލާމީ ޝަރީޢާ ބާވާލެއްވީ ﷲގެ ޙަޟުރަތުންނެވެ. (ޤުރުއާނާއި ސުންނަތަކީ ޝަރީޢާއެވެ. އެއީ ޝާމިލު އެއްޗެކެވެ. ވަޠުޢީ ވާނެއެވެ. ވަރަށް ޙަޤީޤީ އެއްޗެކެވެ. ނަމަވެސް އާޔަތެއްގެ މާނައާމެދު ޢިލްމުވެރިޔަކުދޭ ފަތުވާ ޝަރީޢާއަކަށްނުވާނެއެވެ.) މާތްﷲގެ ޙަޟުރަތުން ބާވާލެއްވުމުން އެއްވެސް އުނިކަމެއް ނުވެއެވެ. އިސްލާމްދީން ޤަބޫލުނުކުރާމީހުންނަށްވެސް އުނިކަމެއް ނުދެއްކެއެވެ. ޙުކުމްތައް ޒަމާނާއި އެއްގޮތަށް ބަދަލުވުމަކީ ދީނާއި ތަޢާރުޟުވާކަމެއްނޫނެވެ. ފާހަގަކުރެވޭ ޚާއްޞަ ބައެއްކަންތައްތަކަކީ:

  1. އަޚުލާޤީ މިންގަނޑުތަކަށް އިލްތިޒާމްވާންޖޭހެއެވެ.
  2. މަޢުޟޫޢީ ވާނެއެވެ. މާނައަކީ އެއްވެސް މީހެއްގެ ނިސްބަތަކަށް ހައިޞިއްޔަތަކަށް ނުބަލާނެއެވެ.
  3. ހުރަސްތައް ގިނަވެގެން ނުވުން (އިދާރީ ހުރަސްތައް ހުރެގެންނުވާނެއެވެ. މިސާލަކަށް ކަމާނުގުޅޭ ފޯމުތައް ފުރުންކަހަލަ ކަންތައްތަކެވެ.
  4. މައްސަލަ އަވަސްކޮށްދިނުން އެއީ ވަރަށް މުހިއްމުކަމެކެވެ.) ޢުމަރުގެފާނުގެ ޚަލީފާކަމުގައި ރޭގަނޑު ދަންވަރުވެސް ބައެއް މައްސަލަތައް ނިންމައިދީފައިވެއެވެ.
  5. މީހުންގެ އަތުން ފައިސާނުނަގާ، އަބުރުވެރި ދިރިއުޅުމެއް އުޅެވޭވަރުގެ ޢާމްދަނީއެއް ދައުލަތުން ޤާޟީންނަށް ލިބިދިނުން
  6. އެންމެމަތީ ދަރަޖައަށް ޢަދުލުވެރިވުން

ޤާޟީކަމަށް އެދުން

މިކަމުގައި ކުރިމަތިލުން ޙާލަތުގެ ގޮތުން ވާޖިބުވެދެއެވެ. މަންދޫބުވެދެއެވެ. ޔަޢުނީ އެދެވިގެންވާކަމަކަށްވެދެއެވެ. އަދި ކުރިމަތިލުން މަނާކުރެވިދާނެއެވެ. މިސާލަކަށް މީހަކަށް ބަދަލުހިފުމުގެ ނިޔަތުގައި މިކަމުގެތެރެއަށް ވަންނަން މަސައްކަތްކުރުމަކީ ހުއްދަވާނެކަމެއްނޫނެވެ.

ޤާޟީކަން ރަނގަޅަށް ދަންނަނަމަ، މިކަމަށް އެދުމަކީ ހުއްދަކަމެއްކަން ކީރިތި ޤުރުއާނުން ދަލީލު ލިބެއެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. قَالَ اجْعَلْنِي عَلَىٰ خَزَائِنِ الْأَرْضِ ۖ إِنِّي حَفِيظٌ عَلِيمٌ  ޔޫސުފް 55 މާނައަކީ ” އެކަލޭގެފާނު ވިދާޅުވިއެވެ. (مصر ގެ) ބިމުގެ خزانة ތަކުގެ ވެރިޔަކަށް ތިމަން ލައްވާށެވެ! ހަމަކަށަވަރުން، ތިމަންނާއީ (އެއަށް) ރައްކާތެރިވާ (އެއާބެހޭ ކަންތައްތައް) ރަނގަޅަށް ދަންނަ މީހަކީމެވެ. “

ޢައްޔަންކުރުން

ކީރިތި ރަސޫލާގެ ޒަމާނުގައި ޤާނޫނު ހަދާ މަޖުލީހަކީ ވަޙީއެވެ. ނަބިއްޔާއަކީ ޤާޟީއެވެ. ތިންބާރަކީވެސް ކީރިތި ރަސޫލާއެވެ. އެއީ ނަބިއްޔެކެވެ. ރަސޫލެކެވެ. ރައީސެކެވެ. ޤާޟީއެކެވެ.

ޢުމަރުގެފާނުގެ ޚަލީފާކަމުގައި ރަސްމީގޮތުން ޤާޟީކަން ވަކިކުރެވުނެވެ. އޭރުވެސް ޢައްޔަންކުރައްވަނީ ރައީސެވެ. ޢުބާދާ ބިންތިއްޞާބިތު ޢުމަރުގެފާނު ފަލަޞްޠީނަށް ޤާޟީއެއްގެގޮތުގައި ހަމަޖެއްސެވިއެވެ. ނަމަވެސް މުއާވިޔަތުގެފާނަކީ  އެތަނުގެ ސަފީރެވެ. ޤާޟީގެ މަސައްކަތްޕުޅަށް ސަފީރު ނުފޫޒު ފޯރުއްވުމުގެ ތުހުމަތު ލިބިވަޑައިގަތުމުން ޢުމަރުގެފާނު އެކަން މަނާކުރައްވާ މުޢާވިޔަތުގެފާނަށް ސިޓީފުޅެއް ފޮނުއްވިއެވެ.

ބާރުތައްވަކިކުރެއްވުން ފެށިފައިވަނީ ކީރިތިރަސޫލާގެ ޒަމާނުގައެވެ. ޚަލީފާ ހާރޫނުއްރަޝީދުގެ ދުވަސްވަރު އަބޫޔޫސުފުގެފާނަށް ޤާޟީންގެ އެންމެހައިކަންތައްތައް ބެލެހެއްޓެވުން ޙަވާލުކުރެއްވިއެވެ.

ޤާޟީން ޢައްޔަންކުރުމުގެ ގޮތްތައް

  1. ރައީސް ވަކިމީހަކު ނުވަތަ ބަޔަކު ޢައްޔަންކުރުން
  2. އިންތިޚާބުކުރުން
  3. ހުރިހާ ބާރުތައް އެއްކޮށްގެން އައްޔަންކުރުން

    ޤާޟީންގެ ޝަރުޠުތައް

    އިއްތިފާޤީ ޝަރުޠުތައް

    1. އިސްލާމަކަށްވުން  (ނިސާއު 141) وَلَن يَجْعَلَ اللَّـهُ لِلْكَافِرِينَ عَلَى الْمُؤْمِنِينَ سَبِيلًا މާނައަކީ “އަދި، مؤمن ންގެ މައްޗަށް كافر ންނަކަށް އެއްވެސް މަގެއް اللَّه ނުލައްވާނެތެވެ.”

    –         މުސްލިމުންނާއި މުސްލިމުނޫން މީހުން ދިރިއުޅޭ ނަމަވެސް މުސްލިމަކު ޙުކުމްކުރުމަށް ހުންނަންޖެހޭނެއެވެ. އަދި އިންދެ ވަރިކުރުމާއި މުޢާމަލާތުގެ ކަންތައްތަކުގައި އެމީހުންގެ ކަންތައް އެބަޔަކު ނިންމާގޮތަށް އޮތުމެވެ. އަބޫޙަނީފާ ވިދާޅުވާގޮރުގައި އެމީހުންގެތެރެއިން މީހަކު އެބައެއްގެކަންތައްތަކުގައި ޙުކުމްކުރުމަށް ހުއްދައެވެ. ސަބަބަކީ އެހެންނޫންނަމަ އެމީހުން އިސްލާމްދީނަށް ޢަދާވާތްތެރިވެދާނެއެވެ.

    –         ސައްތައިންސައްތަ މުސްލިމު ޤައުމެއްގައި ޤާޟީއަކަށްހުންނަންޖެހޭނީ މުސްލިމެކެވެ.

    –         މުޢާމަލާތުގެ ކަންތައްތަކުގައި މިސާލަކަށް ވިޔަފާރީގައި މުސްލިމުނޫން މީހުންނާމެދު ވަރަށްރަނގަޅު ގުޅުމެއް އޮންނަންޖެހެއެވެ.

    –         އާލް އިމްރާން 75 وَمِنْ أَهْلِ الْكِتَابِ مَنْ إِن تَأْمَنْهُ بِقِنطَارٍ يُؤَدِّهِ إِلَيْكَ وَمِنْهُم مَّنْ إِن تَأْمَنْهُ بِدِينَارٍ لَّا يُؤَدِّهِ إِلَيْكَ إِلَّا مَا دُمْتَ عَلَيْهِ قَائِمًا ۗ ذَٰلِكَ بِأَنَّهُمْ قَالُوا لَيْسَ عَلَيْنَا فِي الْأُمِّيِّينَ سَبِيلٌ وَيَقُولُونَ عَلَى اللَّـهِ الْكَذِبَ وَهُمْ يَعْلَمُونَ މާނައަކީ “ނުހަނު ގިނަ މުދަލަކުން ކަލޭގެފާނު އެމީހަކާ أمانة حوال ކުރައްވައިފިނަމަ، އެ أمانة ކަލޭގެފާނަށް އަނބުރައި ރައްދުކުރާ މީހުން ފޮތުގެ أهل ވެރިންގެ ތެރެއިންވެއެވެ. އަދި، ދީނާރަކުން ކަލޭގެފާނު އެމީހަކާ أمانة حوال ކުރައްވައިފިނަމަ، (އެ أمانة އަނބުރައި ރައްދުކުރުން އެދިވަޑައިގެން) އެކަމުގެ މަތީގައި ކަލޭގެފާނު قائم ވެވަޑައިގެން ހުންނެވިއްޔާ މެނުވީ، އެ أمانة ކަލޭގެފާނަށް އަނބުރައި ރައްދު ނުކުރާ މީހުންވެސް އެއުރެންގެ ތެރެއިންވެއެވެ. އެއީ، ހަމަކަށަވަރުން، އެއުރެން ބުނެއުޅެނީ أمّى ންނާ މެދުގައި، (އެބަހީ: عربى ންނާ މެދުގައި) އެހެން ހެދުމަކުން އެއްވެސް ފާފައެއް އަހަރެމެންގެ މައްޗަކަށް ނެތެވެ. ފަހެ، އެއުރެން ދެނެތިބެ اللَّه އާމެދު ދޮގުބަސްތައް ބުނަނީއެވެ.”

    –         ދެބައި އުޅޭތީވެ ޚިޔާނާތްތެރިޔަކު ނެގިއްޖެނަމަ ހުރި ބިރުގެ ބޮޑުކަމަށްޓަކައި އެބައި ދޫކޮށްލެވިފައިވެއެވެ.

    –         ދެވަނަ ދަލީލު: އަނަސްގެފާނުގެ އަރިހުން ރިވާވެގެންވާ ޙަދީޘެއްގެ މާނައިގައި ވެއެވެ. “މުޝްރިކުންގެ ހިޔާވަހިކަމުގެތެރޭގައި ނުތިބޭށެވެ.” ވުމާއެކު މުސްލިމުނޫންމީހަކު ޤާޟީއަކަށް ނުލެވޭނެއެވެ.

    –         އަލްއިމާމުއްޝައުކާނީ ވިދާޅުވަނީ މިއާޔަތުގައި އެބުނަނީ އަމާނާތްތެރިންނާއި ޚިޔާނާތްތެރިން އުޅޭކަމަށް ބަޔާންކުރައްވާފައިވާއިރު އެދެބައިމީހުންނަށް އެއްޙުކުމެއްދިނުމަކީ ޢަދާވާތްތެރިވުމެވެ.

    –         ކީރިތި ރަސޫލާ މުސްލިމުނޫންމީހުންނަށް ވަރަށް އިތުބާރުކުރައްވާފައިވެއެވެ. މިސާލަކަށް އެކަލޭގެފާނު ހިޖުރައަށް ވަޑައިގެންނެވިއިރު ޔަހޫދީއެއް ގެންދެވިއެވެ. އެކަލޭގެފާނުގެ ބޮޑުބޭބޭފުޅު އަބޫޠާލިބުގެފާނު މުސްލިމެއްގެ ގޮތުގައި އޭރު ނުވާއިރުވެސް ޝިޢުބު އަބީޠާލިބުގެ ދުވަސްވަރު އެކަލޭގެފާނުގެ މަޝްވަރާ ބޭނުންކުރެއްވިއެވެ.

    1. ބާލިޣުވުން
    2. ބުއްދިހުރުން
    3. ހިއްސުތައް ސަލާމަތުންހުރުން (ޖުމްހޫރު ޢިލްމުވެރިން ދެކޭ ގޮތުގައި  މިޝަރުޠަކީ އެންމެ ފުރިހަމަ ޝަރުޠެވެ. ނުކުޅެދުންތެރި މީހަކަށްވާނަމަ އެމީހަކަށް ދިނުމުގައި އެކަމަށް ރިޢާޔަތްކޮށް އެމީހަކަށް އެމަޤާމު ގެއްލޭނެއެވެ.

    އިޙުތިލާފީ ޝަރުޠުތައް

    1. އަލް ޢަދާލަތު (އަޚުލާޤު ރަނގަޅުވުން)
    2. އަލް އިޖުތިހާދު (ޢިލްމުވެރިކަން) މުޖުތަހިދަކަށް ވާންޖެހެއެވެ. މިހާރު މުޠުލަޤު މުޖުތަހިދުން ނުތިބެއެވެ. އެދަރަޖައިގެ ބަޔަކަށް ތިއްބެވީ ބިންބާޒުމެންފަދަ ބޭފުޅުންނެވެ. ވުމާއެކު އެންމެ މޮޅުމީހުން ލިބުނުވަރަކުން ހޯދުމަށް ޢިލްމުވެރިން ފަތުވާދެއްވައެވެ.
    3. ފިރިހެނަކަށްވުން: ދަންނަބޭކަލުންގެ މެދުގައި ވަރަށްބޮޑަށް ޚިޔާލުތަފާތުވެފައިވާ މައްސަލައެކެވެ. ޚިލާފީ މައްސަލަތަކަކީ ވާޖިބަކަށް ނުވާނެއެވެ. ޙަރާމްކަމަކަށްނުވާނެއެވެ. އަދި ބިދުޢާ އަކަށްނުވާނެއެވެ. އަދި ދީނުންބޭރެއްނުވާނެއެވެ.

    –         ދަލީލުތަކުގެ ޞައްޙަކަމާއި އެއިން ލިބިދޭ މާނަވެސް ތަފާތެވެ.

    –         އަބޫޙަނީފާ ވިދާޅުވަނީ އަންހެނުންނަށް ހެކިބަސްދެވޭ ކަންތައްތަކުގައި ޤާޟީއަކަށް ވެވޭނެއެވެ.

    –         އަންހެނަކަށް މުފްތީ ނުވަތަ ފަތުވާދޭ މީހަކަށްވެވެއެވެ. ނަމަވެސް ތަފާތަކީ އެޙުކުމްތަންފީޒެއްނުކުރެވެއެވެ. ނަމަވެސް ޤާޟީ ޙުކުމް ކޮށްފިނަމަ ތަންފީޒުކުރުން ލާޒިމުވެއެވެ.

    –         ކުރީޒަމާނުގައި އަންހެނުން ތިބެނީ ގޭގައެވެ. އެއްވެސްތާކު ވަޒީފާ އަދާނުކުރެއެވެ.

    –          ދަލީލު އައްނިސާއު 34 الرِّجَالُ قَوَّامُونَ عَلَى النِّسَاءِ بِمَا فَضَّلَ اللَّـهُ بَعْضَهُمْ عَلَىٰ بَعْضٍ وَبِمَا أَنفَقُوا مِنْ أَمْوَالِهِمْ ۚ فَالصَّالِحَاتُ قَانِتَاتٌ حَافِظَاتٌ لِّلْغَيْبِ بِمَا حَفِظَ اللَّـهُ ۚ وَاللَّاتِي تَخَافُونَ نُشُوزَهُنَّ فَعِظُوهُنَّ وَاهْجُرُوهُنَّ فِي الْمَضَاجِعِ وَاضْرِبُوهُنَّ ۖ فَإِنْ أَطَعْنَكُمْ فَلَا تَبْغُوا عَلَيْهِنَّ سَبِيلًا ۗ إِنَّ اللَّـهَ كَانَ عَلِيًّا كَبِيرًا  މާނައަކީ “ފިރިހެނުންނަކީ، އަންހެނުންގެ މައްޗަށް ރައްކާތެރިވެ ބެލެހެއްޓުމުގައި قائم ވެގެންތިބޭ ބަޔެކެވެ. (އެއީ) އެއުރެންގެ އެއްބަޔެއްގެ މައްޗަށް އަނެއްބަޔަކު اللَّه މާތްކުރައްވައި، އިތުރުކުރައްވާފައިވާ ކަމަށްޓަކައެވެ. އަދި، އެއުރެންގެ މުދަލުން ހޭދަކޮށްފައިވާ ކަމަށްޓަކައެވެ. ފަހެ، ހެޔޮލަފާ އަންހެނުންނަކީ، ކިޔަމަންތެރި އަންހެނުންނެވެ. ރައްކާތެރިކުރުމަށް اللَّه އެންގެވި ކަންތައް، ސިއްރުގައިވެސް، ރައްކާތެރިކުރާ އަންހެނުންނެވެ. އެކަނބަލުން ނުކިޔަމަންތެރިވެދާނެކަމަށް، ތިޔަބައިމީހުން ބިރުގަންނަނަމަ، ފަހެ، އެކަނބަލުންނަށް نصيحة ދޭށެވެ! އަދި، އެކަނބަލުންނާއެކު އެއްދާންކުރުން ދޫކޮށްލާށެވެ! އަދި، އެކަނބަލުންގެ ގައިގައި (ހާނީއްކަ ނުވާގޮތުން) ޖަހާށެވެ! ފަހެ، ތިޔަބައިމީހުންނަށް އެކަނބަލުން ކިޔަމަންވެއްޖެނަމަ، އެކަނބަލުންގެ މައްޗަށް (އަނިޔާވެރި) މަގަކަށް ނޭދޭށެވެ! ހަމަކަށަވަރުން، اللَّه އީ، އެންމެ މަތިވެރި، އެންމެ ބޮޑު ރަސްކަލާނގެ ކަމުގައިވެއެވެ. “

    –          މިއީ ގޭތެރެއަށް ޚާއްޞަދަލީލެކެވެ.

    –          ނަބިއްޔާ ޙަދީޘްކުރައްވާފައިވަނީ އަންހެނެއްގެ ލީޑަރޝިޕްގައި މަސައްކަތްކުރާ މީހަކަށް ދުވަހަކުވެސް ކާމިޔާބެއްނެތެވެ.” މިކަންވީގޮތަކީ ކިސްރާ ރަސްގެފާނަށް ފޮނުވި ސިޓީފުޅު ފޮނުވުމުން އޭނާ އެސިޓީފުޅު ވީދާލީއެވެ. އެއްދުވަހަކު މީހަކުއައިސް ރަސޫލާގެ އަރިހު ދެންނެވިއެވެ. ކިސްރާ އަވަހާރަވެއްޖެއެވެ. އޭނާގެ އަންހެންދަރިފުޅު ވެރިކަމަށް އިސްވެއްޖެއެވެ. މިކަމާ ގުޅޭގޮތުން ޙަދީޘްކުރެއްވި ބަސްފުޅެއްކަމަށް ބުނެވެއެވެ.

    –          ޝަބާގެ ރަނިކަމަނާ ބަލްޤީޞް އަކީ މީގެ ވަރަށް ރަނގަޅު މިސާލެކެވެ.

    –          ދަންނަބޭކަލުން ވަނީ އަންހެނުންނަށް ޤާޟީކަން ނުކުރެވޭނެކަމަށް އިޖުމާޢުވެފައެވެ.

    –          ސަމްރާ ބިންތި ނުހައިކު ނަމަކަށް ކިޔުނު އަންހެނަކަށް ކީރިތިރަސޫލާ މަޤާމުދެއްވިކަމަށްވެއެވެ.

ލިޔުނީ: ޢަބުދުލް ޙަމީދު ޢަބުދުއްރަޙްމާން ( އެޑިޓަރ )

ޢަބުދުލް ޙަމީދަކީ ލިޔުންތެރިކަމުގެ ފަންނުގައި ކޮންމެ ރޮނގަކުންވެސް ލިޔެވިދާނެ ކުޅަދާނެ މައުލޫމާތު ގެ ޚަޒާނާއެކެވެ. ބިޒީ ޝެޑިއުލްގެ ތެރެއިންވެސް ހެޔޮބަސް ބުނުމާއި ހެޔޮކަންކަމަށް ގޮވާލައި ، އޮއްޓަރު ހުރި ޢިލްމީ ދިރާސާތައް ފެންނަމުންދާކަމީ މިކަމަށް ދެއްވާ ޝަޢުޤުވެރިކަން ދޭހަކޮށްދޭ އަލިގަދަ ހެއްކެކެވެ. .

މިލިޔުންވެސް ކިޔާލާ

އައިޕީޔޫ އިން ރާއްޖެއަށް ވަފުދެއް ފޮނުވަން ނިންމުމުން ރައީސް މައުމޫނު މަރުހަބާ ވިދާޅުވެއްޖެ.

ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެންބަރުންގެ ހައްގުތަކަށް އަރައިގަނެ އެ މެންބަރުންގެ ހައްގުތައް ނިގުޅައިގެންފައިވާކަމަށް ބުނެ އިންޓަޕާލިމެންޓްރީ ޔޫނިއަންއިން ކަންބޮޑުވުން ފާޅުކޮށް …

ޚިޔާލެއްދެއްވާ

avatar
wpDiscuz