ޤަޟާޙާޖާކުރުމުގެ އަދަބުތައް

ޤަޟާޙާޖާކުރުމަކީ ކޮބާ؟

      ދިވެހިބަހުގެ ރަދީފުގައިވާ ގޮތުން ޤަޟާޙާޖާކުރުމަށް ދިވެހިން ކިޔާއުޅެނީ ބޮޑުކަމު ދިޔުމެވެ. ނަމަވެސް މިފަހަކަށް އައިސް މިހާރުގެކުދިން އިނގިރޭބަސްފަދަ ތަފާތުބަސްތައް މިކަންކުރުމަށް ބޭނުންކުރެއެވެ. މިގޮތުން ޓޮއިލެޓްކުރުން، ފާޚާނާކުރުން ފަދަނަންނަން ބޭނުންކުރެއެވެ. މިކަމަކީ އިންސާނުންނާއި އެހެނިހެން ޖަނަވާރުންނަށްވެސް ޠަބީޢީގޮތުން މެދުވެރިވާ ކަމެކެވެ. ވުމާއެކު މިކަންކުރާނޭ އެންމެ ރަނގަޅުގޮތާއި މިކަމުގެ އަދަބުތައް ދަސްކުރުމަކީ ކޮންމެ މުސްލިމެއްގެމައްޗަށް ލާޒިމުކަމެކެވެ.

ޤަޟާޙާޖާކުރުމުގެ އަދަބުތަކާމެދު ޢިލްމުވެރިންގެ ރަޢުޔުތައް

    ބޮޑުކަމުދިއުމުގައި ގެންގުޅެންޖެހޭ އަދަބުތަކެއް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ މިއުއްމަތަށް އުނގަންނައިދެއްވާފައެވެ. އައްޒުހައިރީގެ އަރިހުން އިބުނު ޖުރައިޖު ރިވާކުރެއްވި ޙަދީޘެއްގައި ވެއެވެ.  عَنْ أَنَسِ بْنِ مَالِكٍ – رَضِىَ اللهُ عَنْهُ – قَالَ: كَانَ رَسُوْلُ اللهِ صَلَّى ا للهُ عَلَيْهِ وَسَلَّمَ إِذَا دَخَلَ الْخَلاَءِ وَضَعَ خَاتَمَهُ ـ أَخُرَجَهُ أَرْبَعَةُ ـ وَهُوَ مَعُلُوْلٌ ـ މާނައަކީ އަނަސް ބުނު މާލިކު ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާކުރެއްވިއެވެ. ސަލާމާއި ޞަލަވާތްލެއްވި އިތުރުއެކަލޭގެފާނު ފާޚާނާއަށް ވަންނަވާއިރު އަނގޮޓީކޮޅު ނަންގަވާ، ބާއްބަވައެވެ. ދީނުގެ ހަތަރު އިމާމުންވެސް އެއްބަސްވެވަޑައިގަންނަވާގޮތުގައި މިކަމުގެ މަޤުޞަދަކީ އެއަނގޮޓީކޮޅުގައި ﷲގެ އިސްމުފުޅު ލިޔުއްވާފައިވުމެވެ. ވުމާއެކު ހަތަރު އިމާމުންވެސް އެއްބަސްވެވަޑައިގަންނަވާގޮތުގައި މާތްﷲގެ އިސްމުފުޅު ފަދަ ޤުރުއާނުގެ ކަލިމައެއް ލިޔެފައިވާއެއްޗެއް ހިފައިގެން ފާޚާނާކުރާތަނަށް ނުވެއްދުމަށް ދަލީލު ލިބެއެވެ. ނަމަވެސް އެއެއްޗަކީ އަގުބޮޑު ނުވަތަ ގެއްލިދާނެ ކަމުގެ ބިރުއޮތް އެއްޗެއްކަމުގައިވާނަމަ، ނުފެންނަގޮތަށޑް ޖީބުފަދަތަނެއްގައި ބޭއްވިދާނެކަމަށް ޢިލްމުވެރިން އެއްބަސްވެލައްވާފައިވެއެވެ.  عَنْ أَنَسِ بْنِ مَالِكٍ – رَضِىَ اللهُ عَنْهُ – قَالَ: كَانَ رَسُوْلُ اللهِ صَلَّى ا للهُ عَلَيْهِ وَسَلَّمَ إِذَا دَخَلَ الْخَلاَءَ قَالَ: اَللَّهُمَّ إِنِّى أَعُوْذُبِكَ مِنَ الْخُبُثِ وَالْخَبَاإِثِ ـ  މާނައަކީ “އަނަސްބުނު މާލިކު ރަޟިޔަﷲ ޢަންހު ރިވާކުރައްވާފައިވެއެވެ. ސަލާމާއި ޞަލަވާތްލެއްވި އިތުރު ރަސޫލާ ޙާޖަތަށް ވަންނަވާއިރު މިދުޢާވިދާޅުވެއެވެ. ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! އަންހެން އަދި ފިރިހެން ޝައިޠާނާގެ ނުބައިކަމުން މިއަޅާ ރައްކާތެރިކަން ދެއްވުމަށް ﷲ ޙަޟުރަތުގައި ދުޢާ ދަންނަވަމެވެ.” [1] އަދިވެސް މާﷲ ރުއްސުއްލެއްވި އަނަސްގެފާނުގެ ކިބައިން ރިވާވެގެންވެއެވެ. “مُحَمّدُ رَسُوْلُ اللهِ” މިފަދައިން ކަނޑާނެގިފައިވާ އަނގޮޓިކޮޅެއް رَسُوْلُ اللهِ صَلَّى ا للهُ عَلَيْهِ وَسَلَّمَ އަޅުއްވައެވެ. އެކަލޭގެފާނު ފާޚާނާއަށް ވެދެވަޑައިގަންނަވާއިރު އަނގޮޓިކޮޅު ނަންގަވާ ތަނެއްގައި ބާއްވަވައެވެ.” [2] މިޙަދީޘް ޟަޢީފް ކަމުގައި ވީނަމަވެސް ޤަޟާޙާޖާކުރުމުގެ އަދަބުތަކުގެތެރޭގައި އެތައް ޢިލްމުވެރިޔަކު މިކަން ބަޔާންކުރައްވާފައިވެއެވެ. ހަމައެފަދައިން ޤަޟާޙާޖާކޮށް ތާހިރުވުމަށް ފެންނުވަތަ ހިލަ އަދި ހިލައިގެ މާނައިގައި ބޭނުންކުރެވޭ ކޮންމެ އެއްޗަކުންވެސް ނަޖިސްފިލުވާލުން ހުއްދަކަމުގައި ޢިލްމުވެރިން ބަޔާންކުރައްވާފައިވެއެވެ. މީގެތެރެއިންވެސް އެންމެ އައުލާކަން ބޮޑުވެގެންވަނީ ފެނުން ތާހިރުވުންކަން އަންނަނިވި ޙަދީޘުން ވަރަށްރަނގަލަށް ސާބިތުވެއެވެ.  عَنْ أَنَسِ بْنِ مَالِكٍ – رَضِىَ اللهُ عَنْهُ – قَالَ: كَانَ رَسُوْلُ اللهِ صَلَّى ا للهُ عَلَيْهِ وَسَلَّمَ يَدُخُلُ الْخَلاَءَ فَأَحُمِلُ أَنَا وَغُلاَمٌ وَنَحْوِى إِدَاوَةً مِنْ مَاءٍ وَعَنَزَةً فَيَسْتَنْجِى بِا لْمَاءِ ، مُتَّفَقٌ عَلَيْهِ ـ މާނައަކީ “އަނަސްބުނު މާލިކު ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ، ޤަޟާޙާޖަތަށް ވެންނެވުމުން ތިމަންކަލޭގެފާނާއި އަދި ތިމަންކަލޭގެފާނުވަރުގެ އެހެންކުއްޖަކާއި ދެމީހުންވެގެން އެކަލޭގެފާނު ޠާހިރުވެވަޑައިގެންނެވުމަށްޓަކައި ފެންބާލިދީއެއް ގެންގޮސްދެމެވެ. އެފެންބާލިދީން އެކަލޭގެފާނު ޠާހިރުވެވަޑައިގަންނަވައެވެ.”  [3] މީގެ އިތުރުން އިބްނު ޢައްބާސް ރިވާކުރައްވާފައިވާ ޙަދީޘެއްގެ މާނައިގައިވެއެވެ. “އެކެލޭގެފާނު ގިނިކަންޏާ ހުންނަވަނިކޮށް މެނުވީ ޤަޟާޙާޖާ ކުރެއްވުމަށް ވަޑައެއް ނުގަންނަވައެވެ. އަދި އެފަދަ ވަގުތެއްގައި ބޯ ފޮތީގެ ފޭރާމެއް ބޭރުން ތުރު ކުރައްވައެވެ. އަދި މިފަދައިން ވިދާޅުވެއެވެ. ”އަހުރެން އެއްވެސް އެއްޗެއް ނުލައި ފާޚާނާގައި ހުންނަނިކޮށް ﷲ އަށް ފެނިދާނެތީވެ އަހުރެން ލަދުވެތި ވަމެވެ. “ [4] ޤަޟާޙާޖާ ކުރާމީހާ ނީސްތަކުންނާއި ދުރަށްދިއުމާއި އެހެންމީހުންނަށް ނުފެންނާނެހެން ފޮރުވިގެން އިނުމަށްފެސް މާތް ނަބިއްޔާ صَلَّى ا للهُ عَلَيْهِ وَسَلَّمَ ވަނީ އިރުޝާދު ދެއްވާފައެވެ. މިކަމުގެ ބޭނުމަކީ އޭނާ ލަދުގަންނަފަދަ އަޑެއް މީސްތަކުންނަށް އިވިދާނެތީއާއި ވަހެއްދުވާފާނެތީއެވެ. މާތްﷲ ރުއްސުއްލެއްވި ޖާބިރުގެފާނުގެކިބައިން ރިވާވެގެންވެއެވެ. ” رَسُوْلُ اللهِ صَلَّى ا للهُ عَلَيْهِ وَسَلَّمَ ޤަޟާޙާޖާކުރައްވަން އެދިވަޑައިގަންނަވާހިނދު އެއްވެސްމީހަކަށް ނުފެނިއްޖައުމަށްދާންދެން ދުރަށް ވަޑައިގަންނަވައެވެ.” [5]ޤަޟާޙާޖާކުރަން އިންނަވަގުތު އެއްވެސް ގޮތަކަށް ވާހަކަދެއްކުމަކީވެސް ކޮށްގެންވާނެކަމެއްނޫންކަން މާތް ނަބިއްޔާގެ ސުންނަތުން ސާބިތުވެއެވެ. މިގޮތުން މީހަކު ސަލަމް ގޮވާލިއަސް ދުލުން އޭގެ ޖަވާބުދީގެންނުވާނެއެވެ. ނަމަވެސް ހިތުން އިޖާބަދިނަސް އެންމެ ރަނގަޅެވެ. މާތްﷲ ރުއްސުއްލެއްވި އިބުނު ޢުމަރުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިދާޅުވިއެވެ. ” އެއްދުވަހަކު رَسُوْلُ اللهِ صَلَّى ا للهُ عَلَيْهِ وَسَلَّمَ ކުޑަގިފިލިކުރައްވަން އިންނަވަނިކޮށް މީހަކު ދަމުން ސަލާމް ގޮވާލިއެވެ. ފަހެ އެކަލޭގެފާނު އޭނާއަކަށް ސަލާމުގެ ޖަވާބެއް ނުދެއްވިއެވެ.” [6]  މިޙަދީޘުން ދަލީލު ލިބޭގޮތުގައި ބަންގިގޮވާއަޑު އިވުނަސް ދުލުން ޖަވާބުދީގެން ނުވާނެއެވެ. ސަބަބަކީ ވާހަކަދެއްކޭތީއެވެ. ހަމައެހެންމެ ހިތުން ޖަވާބުދެވިދާނެކަމުގައި ޢިލްމުވެރިން އެއްބަސްވެލައްވައެވެ.

މާތްﷲ ރުއްސުންލެއްވި އަބޫހުރައިރާގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. رَسُوْلُ اللهِ صَلَّى ا للهُ عَلَيْهِ وَسَلَّمَ ޙަދީޘްފުޅުކުރެއްވިއެވެ. “إِذَاجَلَسَ أَحَدُكُمْ لِحَاجَتِهِ فَلاَ يَسْتَقْبِلِ القِبْلَةَ وَلاَ يَسْتَدْبِرْهَا”  [7] މާނައަކީ “ތިޔަބައިމީހުންކުރެ މީހަކު ޤަޟާޙާޖާކުރަން އިށީންނަހިނދު ފަހެ އޭނާ ޤިބުލައަށް ކުރިމަތި ނުލާހުށިކަމެވެ. އަދި ފުރަގަސްވެސް ނުދޭހުށިކަމެވެ.” މިޙަދީޘާއިމެދު ޢިލްމުވެރިން ބަޔާންކުރައްވާފައިވަނީ މިއީ އެއްވެސް ހުރަހެއްނެތް ހުސްބިމެއްގައި ނުވަތަ ހަނަފަސްސަހަރާގައި ޤަޟާޙާޖާކުރާކަމުގައި ވާނަމައެވެ. ނަމަވެސް ބިނާއެއްގެ ތެރޭގައި ކުރާކަމުގައިވާނަމަ، މައްސަލައެއްނެތެވެ. މިކަން ހާމަވަނީ މާﷲ ރުއްސުންލެއްވި އިބުނުޢުމަރުގެ ކިބައިން ރިވާވެގެންވާ އަންނަނިވި ޙަދީޘުންނެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. “އެއްދުވަހަކު އަހުރެން (ރަސޫލާގެ އަނބިކަނބަލުން) ޙަފްސާގެ (އަދި އަހުރެންގެ އުޚުތާގެ) ގެކޮޅުމައްޗަށް އެރީމެވެ. އެހިނދު رَسُوْلُ اللهِ صَلَّى ا للهُ عَلَيْهِ وَسَلَّمَ ޝާމްކަރަޔާ ވީދިމާލަށް ކުރިމަތިލައްވައިގެން ކަޢުބާޔާވީފަރާތަށް ފުރަގަސްދެއްވައިގެން ޤަޟާޙާޖާކުރައްވަން އިންނަވަނިކޮށް އަހުރެން ދުށީމެވެ.” [8] އިސްވެދެންނެވުނު ދެޙަދީޘަށް ވިސްނާލިކަމުގައި ވާނަމަ، ޤިބުލައަށް ކުރިމަތިލައިގެން ނުވަތަ ފުރަގަސްދީގެން ޤަޟާޙާޖާކުރުމުގެ ޙުކުމް ވަރަށްރަނގަޅަށް އެނގިގެންދެއެވެ.

މާތްﷲ ރުއްސުންލެއްވި އަބޫމޫސަލް ޢަޝްޢަރީގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. رَسُوْلُ اللهِ صَلَّى ا للهُ عَلَيْهِ وَسَلَّمَ “އެއްދުވަހަކު ބަގީޗާއެއްގެ ގާތުގައި އޮތް މަޑުތަނަކަށް ވަޑައިގެން ކުޑަގިފިލި ކުރެއްވިއެވެ. އަދި ޙަދީޘްފުޅުކުރެއްވިއެވެ. “ތިޔަބައިމީހުންކުރެ މީހަކު ކުޑަގެފިލިކުރަން ބޭނުންވެއްޖެނަމަ، ފަހެ މަޑުތަނެއް ހޯދާހުށިކަމެވެ.” [9] މިޙަދީޘުން އެނގޭގޮތުގައި އެކަންކުރުމަށްޓަކައި މަޑު އަދި އަޑިތަނެއް އިޚުތިޔާރުކުރުމަކީ ވަރަށް މުހިއްމުކަމެކެވެ. އެއީ ގަޔަށްބުރާފާނެތީ އެކަމުން ރައްކާތެރިވުމަށްޓަކައެވެ. ވުމާއެކު މިޒަމާނުގައި ފާޚާނާތަށް ފަރުމާކުރެވިފައިއެވަނީވެސް މީގެ 1400 އަހަރުކުރިން މާތް ނަބިއްޔާ އިރުޝާދުދެއްވާފައިވާ ކަންތައްތައް ނަކަލްކޮށްގެންނޭ ދެންނެވުމަކީ ދޮގަކަށްވާނެތޯއެވެ؟

ކޮޅަހުރެ ކުޑަކަމުދިއުމަކީ މުރުއްވަތްތެރިކަމާއި ރިވެތި އާދަތަކާއި ޚިލާފުކަމެކެވެ. ގަޔަށްބުރުމުން ތިމާގެގައިގައި ނަޖިސްއުނގުޅި ހަޑިވެއެވެ. މާތްﷲ ރުއްސުންލެއްވި ޢާއިޝަތުގެފާނުގެ ކިބައިން ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވިއެވެ. ” رَسُوْلُ اللهِ صَلَّى ا للهُ عَلَيْهِ وَسَلَّمَ ކޮޅަށްހުންނަވައިގެން ކުޑަގެފިލިކުރެއްވިކަމަށް މީހަކު ތިޔަބައިމީހުންގެ ގާތުގައި ބުނެފިނަމަ، އެބަސް ތިޔަބައިމީހުން ތެދުނުކުރާށެވެ. އެކަލޭގެފާނު އިށީނދެއިންނަވައިގެންމެނުވީ އެކަން ނުކުރައްވައެވެ. [10]  އިމާމު ތިރްމިޛީ ރަޙިމަހުﷲ ވިދާޅުވެފައިވާގޮތުގައި މިއީ އެންމެ ރިވެތިވެގެންވާ އަދި އެންމެ ޞައްޙަވެގެންވާ ގޮތެވެ. ނަމަވެސް ޢާއިޝަތުގެފާނުގެ އިސްވެދިޔަ ޙަދީޘުން ކޮޅަށްހުރެ ކުޑަކަމުދިއުން ޙަރާމްވެގެންވާކަމަކަށް ދަލީލެއްނުކުރެއެވެ. ސަބަބަކީ އެކަމަނާގެ ގެކޮޅުން ބޭރުގައި ހިނގާ ވަރަށްގިނަކަންތައްތައް އެކަމަނާއަށް އެނގިވަޑައިނުގަތުން އެކަށީގެންވާތީއެވެ. މާތްﷲ ރުއްސުންލެއްވި ޚުޛައިފަތުލް ޔަމާނީ ގެކިބައިން ރިވާވެގެންވެއެވެ. އެކަލެގެފާނު ވިދާޅުވިއެވެ. “އެއްދުވަހަކު ބަޔަކު ކުނިއުކާ ގޮނޑެއްގެކައިރިއަށް رَسُوْلُ اللهِ صَلَّى ا للهُ عَلَيْهِ وَسَلَّمَ ވަޑައިގެން އެތަނަށް އެކަލޭގެފާނު ކޮޅަށްހުންނަވައިގެން ކުޑަގެފިލިކުރެއްވިއެވެ.” (مُتَّفَقٌ عَلَيْهِ) އިމާމް ނަވަވީ ރަޙިމަހުﷲ ވިދާޅުވިއެވެ. ” އަހުރެންނަށް އެންމެ ލޮބުވެތިކަން ބިޑުގޮތަކީ އިށީނދެއިނދެގެން ކުޑަކަމުދިއުމެވެ. އަދި ކޮޅަންހުރެގެން އެކަނކުރުންވެސް ހުއްދައެވެ. މިދެގޮތްވެސް رَسُوْلُ اللهِ صَلَّى ا للهُ عَلَيْهِ وَسَلَّمَ ގެ އަރިހުން ސާބިތުވެގެންވެއެވެ. ނަމަވެސް މިތާންގައި ބޮޑުކަމުދިއުމުގެވާހަކަ އައިސްފައިނުވާކަން ފާހަގަކޮށްލަންޖެހެއެވެ.

ބަޔާންވެދިޔަކަންތައްތަކުގެ ޚުލާސާ

ޤަޟާޙާޖަތްކުރާމީހާ ހިފަހައްޓަންޖެހޭ އަދަބުތަކުގެތެރޭގައި ފާޚާނާއަށް ވަނުމުގައި ވާތުފައި އިސްކުރުމަށް ރަޞޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިރުޝާދު ދެއްވާފައިވެއެވެ. ހަމައެހެންމެ އިސްވެދެންނެވުނު ދުޢާކިޔުމަކީވެސް ބޮޑުވެގެންވާ ސުންނަތެކެވެ. ޤަޟާޙާޖަތްކުރަން އިށީނުމުގެ ކުރީގައި ތާހިރުވާނޭފެން ނުވަތަ އިސްތިޖުމާރުކުރާނެ ހިލަ ނުވަތަ އެމާނައިގައި ބޭނުންކުރެވޭ ކުރަކިކަމެއްހުރި ކޮންމެވެސްއެއްޗެއް ތައްޔާރުކޮށްފައިބެހެއްޓުމަށް ކައުއިތުރު ރަސޫލާ ވަނީ އުއްމަތަށް އިރުޝާދުދެއްވާފައެވެ.

މީގެއިތުރުން ކޮޅަށްހުރެ ޤަޟާޙާޖާ ނުކުރުމާއި، ހަރުތަންތަނާއި ނަޖިސްވެފައިވާތަންތަނަށް ބޮޑުކަމު ނުދިއުމަށް ކީރިތިރަސޫލާ އުއްމަތަށް ނަޞޭޙަތްތެރިވެދެއްވާފައިވެއެވެ. ޤަޟާޙާޖަތްކުރާން އިންނަމީހާ ވާތުފައިމައްޗަށް ބުރަވެއިނުމާއި، އެވަގުތުވާހަކަނުދެއްކުމާއި، ވައިމައްޗަށް ކުރިމަތިލައިގެންއިނދެ ޤަޟާޙާޖާނުކުރުމަކީވެސް ބޮޑުކަމުދިއުމުގައި ހިފަހައްޓަންޖެހޭ އަދަބުތަކުގެތެރޭގައި ހިމެނޭކަންތައްތަކެވެ.

އަޅުގަނޑުމެން ޤަޟާޙާޖާކުރުމުގައި މޭވާއަޅާގަސްގަސްދޮށުގައި ޤަޟާޙާޖާކުރުމަކީ އެދެވިގެންވާކަމެއްނޫނެވެ. ހަމައެހެންމެ ޟަރޫރީ ބޭނުމަކަށްޓަކާމެނުވީ ކަމަކާއިނުލައި ތިމާގެ ޢައުރައަށް ނުވަތަ ދެދޮރުންކުރެ ދޮރަކުން ނިކުންނަ ނަޖިހަށްވެސް ބެލުން ހުއްދަވެގެންނުވެއެވެ. އަދި ނިމުމުން ކަމަކާއި ނުލައި ފާޚާނައިގައި ލަސްކުރުމަކީވެސް އެދެވިގެންވާކަމެއްނޫންކަމުގައި ޢިލްމުވެރިން ބަޔާންކުރައްވާފައިވެއެވެ. ޤަޟާޙާޖާކޮށް ތާހިރުވެގެން ނިކުންނަމުން “غفرانك”، “الحمد لله الذي أذهب عني الأذى وعافاني”. މި ދުޢާކިޔުމަކީވެސް ސުންނަތްވެގެންވާ ކަމެކެވެ.

ޤަޟާޙާޖާކުރާމީހާއަށް ޙަރާމްވެގެންވާ ކަންތައްތަކުގެތެރޭގައި ޤަބުރުސްތާނަށް ޤާޟާޙާޖާ ކުރުމާއި، ހާމަތަންތާނގައި ޤަޟާޙާޖާކުރާއިރު ޤިބުލައަށް ކުރިމަތިލައިގެން ނުވަތަ ފުރަގަސްދީގެން އިނުން ހިމެނެއެވެ. ވުމާއެކު މިފަދަ އަދަބުތަކަށް އަޅުގަނޑުމެން ރައްކާތެރިވުންހުއްޓެވެ.

އިސްތިންޖާކުރުމާއި އިސްތިޖްމާރުކުރުން

އިސްތިންޖާކުރުމަކީ ނަޖިސްނުތްތަން ސާފުކުރުމެވެ. މިސާފުކުރުމުގައި ފެން ނުވަތަ ހިލަ އަދި ހިލައިގެ މާނައިގައި ބޭނުންކުރެވޭއެއްޗަކުން ތާހިރު ވެވިދާނެއެވެ. އެންމެ ރަނގަޅުގޮތަކީ ފެނުން ދޮވުންކަމުގައި ދަންނަބޭކަލުން އިޖުމާޢުވެފައިވެއެވެ. މިޒަމާނުގައި ބޭނުންކުރާ ޓިޝޫފަދަތަކެތި ހިމެނޭނީ ހިލައިގެ މާނައިގައެވެ.

އިސްތިންޖާކުރުމުގައި ހިފަހައްޓަންޖެހޭ އަދަބުތަކުގެތެރޭގައި ވައަތުން އިސްތިންޖާކުރުމާއި، އިސްތިނަޖާކޮށް އަވަދިވެގެން ރަނގަޅަށް ސާފުކޮށް އަތްދޮވެލުންވެސް ހިމެނެއެވެ. އިސްތިޖުމާރުކުރުން ނުވަތަ ހިލައިން ފުހެގެން ތާހިރުވުމުގައި ތިންހިލައިން ނުވަތަ އެއަށްވުރެ ގިނަހިލައިން ޢަމަލުކުރުމުގައި އޮނަހިރިކުރުމަކީވެސް ޢިލްމުވެރިން އިރުޝާދުދެއްވާފައިވާ ކަމެކެވެ.


[1] – ރިވާހު: އަޙުމަދު، އަލްބުޚާރީ، މުސްލިމް، އަބޫދާއޫދު، އައްތިރްމިޛީ،އައްނަސާއީ އަދި އިބްނު މާޖާ

[2] – ރިވާހު: އައްތިރްމިޛީ

[3] – ބުލޫޣުލް މަރާމް (ޙަދީޘް 95 ޞ 47)

[4] – [ސިޔަރ އަޢްލަމް އަންނުބަލާ؛ 3/355]

[5] – ރިވާހު އަބޫދާއޫދު

[6] – رواه أحمد ومسلم وأبو داود والتّرمذي

[7] – رواه أحمد ومسلم

[8] – رواه الجماعة

[9] – رواه أحمد وأبو داود

[10] – رواه التّرمذي والنسائي

ލިޔުނީ: ޢަބުދުލް ޙަމީދު ޢަބުދުއްރަޙްމާން ( އެޑިޓަރ )

ޢަބުދުލް ޙަމީދަކީ ލިޔުންތެރިކަމުގެ ފަންނުގައި ކޮންމެ ރޮނގަކުންވެސް ލިޔެވިދާނެ ކުޅަދާނެ މައުލޫމާތު ގެ ޚަޒާނާއެކެވެ. ބިޒީ ޝެޑިއުލްގެ ތެރެއިންވެސް ހެޔޮބަސް ބުނުމާއި ހެޔޮކަންކަމަށް ގޮވާލައި ، އޮއްޓަރު ހުރި ޢިލްމީ ދިރާސާތައް ފެންނަމުންދާކަމީ މިކަމަށް ދެއްވާ ޝަޢުޤުވެރިކަން ދޭހަކޮށްދޭ އަލިގަދަ ހެއްކެކެވެ. .

މިލިޔުންވެސް ކިޔާލާ

އައިޕީޔޫ އިން ރާއްޖެއަށް ވަފުދެއް ފޮނުވަން ނިންމުމުން ރައީސް މައުމޫނު މަރުހަބާ ވިދާޅުވެއްޖެ.

ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެންބަރުންގެ ހައްގުތަކަށް އަރައިގަނެ އެ މެންބަރުންގެ ހައްގުތައް ނިގުޅައިގެންފައިވާކަމަށް ބުނެ އިންޓަޕާލިމެންޓްރީ ޔޫނިއަންއިން ކަންބޮޑުވުން ފާޅުކޮށް …

ޚިޔާލެއްދެއްވާ

avatar
wpDiscuz