ޤަވާއިދު ދިރާސާ ( ދިވެހިބަހުގެ ދަރަޖަތައް ،ޢާއުމުކޮށް ބޭނުންކުރާ ކުށްބަސްތައް)

ތަޢާރަފް:

ޙަމްދު ސަނާ ހައްޤުވެގެންވަނީ ޢާލަމްތައް ހައްދަވާ ބޮޑުކުރެއްވި ﷲ ސުބްޙާނަޙޫ ވަޠަޢާލާއަށް، ޞަލަވާތް ލެއްވުން އެދި ދުޢާކުރަނީ މިއުއްމަތުގެ ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިޙި ވަސައްލަމައަށެވެ. އަދި މިޞަލަވާތުގައި އެކަލޭގެ ފާނުގެ އިތުރުޞަޙާބީންނާއި، މިތުރު އާލުން ޝާމިލްކުރަމެވެ.

މިއީ ޑިޕޮލަމާ އިން ދިވެހި ލެންގްއޭޖް ޓީޗިން (ބެޗް 2012) ދިވެހިބަސް (DHI105) އިން ޙަވާލުކުރެވުނު ފުރަތަމަ އެސައިންމެންޓެވެ. މި އެސައިންމެންޓްގެ މައިގަނޑު ސުރުޚީއަކީ ޤަވާއިދު ދިރާސާކުރުމެވެ. މިބައިގައި އަޅުގަނޑު ހުށަހަޅައިފައިވާނީ ދިވެހިބަހުގެ ދަރަޖަތަކާއި، ބެހޭގޮތުން ދިވެހިބަހުގެ ބައެއްޤަވާއިދު ފޮތްތަކުގައި ބަޔާންކޮށްފައިވާ ވާހަކަތައް ދިރާސާކޮށް އެބައިތަކުގެ މައްޗަށް ރިޢާޔަތްކޮށް ތައްޔާރުކޮށްފައިވާ ޚުލާޞާ އެކެވެ.

މީގެ އިތުރުން، އަޅުގަނޑުމެންގެ ތެރޭގައި ޢާއްމުކޮށްބޭނުން ކޮށްއުޅޭ ކުށްބަސްތަކާމެދުވެސް މި އެސައިންމެންޓްގައި ބަލައިލާފައިވާނެއެވެ. މިބައިގައިވެސް އެކިއެކި ނޫސްމަޖައްލާތަކާއި، ތަފާތުލިޔުންތައް ބަލާދިރާސާކޮށް ފާހަގަކުރެވުނު މައްސަލަތަކާއި އެމައްސަލަތަކުގެ ރަގަޅުގޮތް ބުނެދެވޭތޯ މަސައްކަތް ކޮށްފައިވާނެއެވެ. މިގޮތުން އަޅުގަނޑު ބެލިލިޔުންތަކުގައި މިފަދަ ބަސްތައް ބޭނުންކޮށްފައިވަނީ ރަގަޅަށްނޫންކަން ސަބަބާއިއެކު ބަޔާންކޮށްފައިވާނެއެވެ. އަދި އެފަދަ ބަސްބަސް ބޭނުންކޮށްފައިވާ ތަންތާންގައި ބޭނުންކުރަން ޖެހޭނީ ކޮންބަހެއްކަމާއި، އެބަސްތައް ބޭނުންކުރަން ޖެހުނުގޮތްވެސް ބުނެދީފައިވާނެއެވެ. އަދި މިދެންނެވި ކުށްބަސްތައް ބަޔާންކުރެވިފައިވާ ލިޔުންތަކުން އަޅުނގަޑު އެބައިތައް ފާހަގަކޮށްފައިހުންނާނީ އެލިޔުންތަކަށް ހަވާލާދީފައި ކޮންމެ ބަހެއްވެސް ވަކިން ސާފުކޮށް އޮޅުންފިލާނޭ ގޮތުންނެވެ.

މިއެސައިންމެންޓް ހެދުމަށް ދިރާސާކުރެވުނު ޤަވާޢިދުފޮތްތްކުގެ ތެރޭގައި ދިވެހިބަހުގެ ޤަވާއިދު 1،2،3،4 އާއި، ޙުސެއިން ރަޝީދު އަޙްމަދު ލިޔުއްވާފައިވާ “ދިވެހިބަހުގެ ބަސްމަގު” އާއި، ޢަބުދުﷲ ޞާދިގު ލިޔުއްވާފައިވާ އެންމެމާތްބަހުން ވާހަކަދެއްކުމުގެ ފަރިތަކުރުންތައް މިފޮތާއި، އަދިވެސް އެހެނިހެން ޤަވާއިދު ފޮތްތަކާއި، ދިވެހި ވަރަށްގިނަ ވެބްސައިޓްތައް ހިމެނިފައި ވާނެއެވެ.

ބަހުގެ ދަރަޖަތައް:

ދިވެހި ބަހުގެ ދަރަޖަތަކަކީ ބަހަށް ލިބިގެންވާ ޚާއްސަ ސިފައެއްކަމަށް ބަހުގެ މާހިރުން ވިދާޅުވެ އެވެ. ދަރަޖަތައް އޮތުމުން އެއީ ބަހަށް ލިބޭ ފުރިހަމަކަމެއްކަމަށް ބައެއް މީހުން ބުނާއިރު އަނެއް ބަޔަކު ބުނަމުންދަނީ އެއީ ވަކިބަޔަކަށް ޚާއްސަ އިމްތިޔާޒުތަކެއް ދިނުމަށް ގަނޑުވަރުގައި ގެންގުޅުނު އާދައެއް ކަމަށެވެ. ކޮންމެ ގޮތަކަށް ވިސްނިނަމަވެސް ދިވެހި ބަހުގެ ތަރިކައިގެ ތެރެއަށް ދަރަޖަތައް މިވަނީ ވަރަށްކުރިއްސުރެވެސް ވަދެފަ އެވެ. ބަހާ ދަރަޖަތައް ވަކިކުރެވޭކަށް ނެތެވެ.

ދިވެހިބަހުން ވާހަކަދެއްކުމުގައި ގެންގުޅޭ ރީތި އަދަބުތަކެއް ހުރެއެވެ. މިއަދަބުތައް ބެހިގެންވަނީ ތިންދަރަޖައަކަށެވެ. އެއީ  އެންމެ މާތްގޮތް ، މާތްގޮތް، އަދި އާދައިގެ ގޮތް މިއެވެ. މިއިން ކޮންމެ ދަރަޖައަކުން ވާހަކަދެއްކި ކަމުގައިވިޔަސް ކުށެއްނެތް ސާފުރީތި ދިވެހިބަހުން ވާހަކަދައްކަން ދަސްވުމަކީ ނުވަތަ އެނގުމަކީ ދިވެހިންގެ ފަޚުރެކެވެ. އަދި އިގިރޭސި ބަސްފަދަ މަޝްހޫރުބޮޑެތި ބަސްތަކުގައިވެސް މިތިން ދަރަޖަ ހިމެނިފައި ނެތުމަކީވެސް ވަކިންކުޑަފަޚުރެއް ނުމެ ނޫންމެއެވެ. އެހެނަސް އެފަޚުރު ދެމެހެއްޓޭނީ ފިސާރިކެރިގެން މިކަމާކުރިމަތިލައިގެންނެވެ. ނެތެމުން ވަޅުޖެހެމުން މިދާ ބަސްތަކާއި، ދަރަޖަތައް ވަކިހަމަތަކެއްގައި ހިފެހެއްޓިގެންނެވެ.

  1. 1.    މާތްކޮށްވާހަކަދެއްކުން:

ތިމާ އެބަޔަކަށް އިޙްތިރާމްކޮށް ކަމޭހިތާ އަދި ހިތުގެ ޤަދަރު ދީފައިވާ ފަރާތްތަކާމެދު ވާހަކަދައްކާއިރު ނުވަތަ އެފަދަ ފަރާތްތަކާ މުޚާޠަބު ކޮށް އެއްޗެއް ބުނާއިރު އެފަރާތްތަކުގެ ކަރާމަތާއި، ޤަދަރު ހިފެހެއްޓުމުގެ ގޮތުން އެކަށީގެންވާ ގޮތެއްގައި ވާހަކަދެއްކުމަކީ މާތްކޮށްވާހަކަދެއްކުމޭ ބުނެއުޅެއެވެ.

މިދެންނެވި ގޮތުގެ މަތިން ދިވެހިބަހުގެ ޤަވާއިދު ފޮތްތަކުގައި ވަކިހަމަތަކެއް ހިފެހެއްޓި ދަރަޖަތަކަކަށް ބެހިފައިވާތަން ފެނެއެވެ. ތިރީގައި މިބަޔާންކުރަނީ އެފަދަ ބައެއް ފޮތްފޮތުންނާއި، ލިޔުންތަކުން ދިރާސާކޮށް ލިބިފައިވާ ބައެއް ހަމަތަކެވެ.

  1. މާތްﷲ ސުބުޙާނަހޫ ވަތައާލާއަށް ޚާއްޞަކުރެވިފައިވާ ދަރަޖަ:
  2. ވޮޑިގެންވުން، ވަހީކުރެއްވުން، ކަލާމްފުޅު، އެކަލާންގެ، އެސުވާމީންގެ، އިބަސުވާމީންގެ، ތިމަންސުވާމީންގެ، މިބަސްތަކަކީ މާތްﷲ ސުބުހާނަހޫ ވަތަޢާލާއަށް ޚާއްޞަކުރެވިފައިވާ ބަސްތަކެވެ. ( ފިޔަވަޅު 3 ގައި ޖަމީލުދީދީ ލިޔުއްވާފައިވާ ލިޔުމަކުން )
  3. ދިވެހިބަހުން ވާހަކަދެއްކުމުގައި މާތްﷲ އާއި، ކީރިތިރަސޫލާއަށް ނިސްބަތްވާ ގޮތުން ބޭނުންކުރެވޭ ޚާއްޞަ ބަސްތަކެއް ހުރެއެވެ. އެބަސްތަކަކީ އެއްމެ މާތްކޮށް ވާހަކަދައްކާ އިރު ބޭނުންކުރާ ބަސްތަކަށްވުރެވެސް މާތްބަސްތަކެކެވެ.

މާތްﷲއަށްނިސްބަތްކޮށްވާހަކަދެއްކުމުގައި”ވޮޑިގެންވުން”،”ވަހީކުރެއްވުން”،”އައްސަވައިވޮޑިގެންވުން”،”ބައްލަވައިވޮޑިގެންވުން” މިފަދަ ބަސްބަސް ބޭނުންކޮށްގެން ޚާއްޞަކުރެވެއެވެ.

މާތްﷲ އަށާއި، ކީރިތިރަސޫލާއަށް ޚާއްޞާކުރެވިފައިވާ ބަސްބަހަކީ އެހެންއެއްވެސް ފަރާތަކަށް ރައްދުވާގޮތަށް ބޭނުންކުރެވޭ ބަސްބަހެއް ނޫނެވެ. ( “ބަހުގެހަމަ” (ދިވެހިބަހާ ތާރީޚަށް ޚިދުމަތްކުރާ ޤައުމީމަރުކަޒު) އިން ނަގާފައިވާ ލިޔުންކޮޅެކެވެ.)

މާތްﷲ ސުބުހާނަހޫ ވަތަޢާލާއަށް ޚާއްޞަކުރެވިފައިވާ، އިސްވެދިޔަބަސްތަކުގެ މާނަ:

#

ބަސްތައް

މާނަ

1

ވޮޑިގެންވުން

ހުރުން

2

ވަޙީކުރެއްވުން

ވާހަކަ ދެއްކުން ނުވަތަ ބުނުން

3

ކަލާމުފުޅު

ބަސް ނުވަތަ ދައްކާ ވާހަކަ

ނޯޓް:

އެކަލާންގެ، އެސުވާމީންގެ، އިބަސުވާމީންގެ، ތިމަންސުވާމީންގެ، މިބަސްތަކަކީ ، އޭނާ، ކަލޭ، އަހަރެން، ތިމަން، މިބަސްބަހުގެ ބަދަލުގައި ބޭނުންކުރާ ބަސްބަހެވެ. ( ފިޔަވަޅު 3 ގައި ޖަމީލުދީދީ ލިޔުއްވާފައިވާ ލިޔުމަކުން )

  1. ކީރިތި ރަސޫލާއަށް ޚާއްޞަވެފައިވާ ދަރަޖަ:

ހަދީސް ކުރެއްވުން، ހަދީސް، ފައިންޕުޅު ނުވަތަ ފައިވާންފުޅު ބީއްސެވުން، އަތްޕުޅު ބީއްސެވުން، ހިނިވަރުނަކުރެއްވުން، ސުވަރުގެ ވަޑައިގަތުން، ގެމަށްވޮޑިގަތުން މިބަސްތަކަކީ ހަމައެކަނި ކީރިތި ރަސޫލާއަށް ޚާއްޞަކުރެވިފައިވާ ބަސްތަކެކެވެ.

  1. ރަދުންނަށްނުވަތަ ރަސްގެފާނަށް ޚާއްޞަކުރެވިފައިވާ ދަރަޖަ:

ސާހިބު ނުވަތަ މަސާހިބު، ފައިންޕުޅު ނުވަތަ ފައިވާންޕުޅު އެޅުއްވުން، ވިދާޅުބަސްފުޅު އިއްވެވުން، އަވަހާރަފުޅު ލެއްޕެވުން، ހޭފުޅުލެއްވުން، ފަދަ ބަސްބަހަކީ ރަސްރަސްކަލުންނަށް ޚާއްޞާކުރެވިފައިވާ ބަސްބަހެވެ.

29 އޮކްޓޯބަރ 2011 ގައި ހަވީރު ނޫހުގައި “ވާހަކަދެއްކުމުގައި ބޭނުންކުރާ އަދަބުތައް” މިސުރުޚީގެ ދަށުން ނަސީމާ މުހައްމަދު ލިޔުއްވާފައިވާ ލިޔުއްވުމެއްގައި މިދަރަޖައަށް ޚާޢްޞަވެގެންވާ މިސާލުބަސްތަކެއްކަމަށް ލިޔުއްވާފައިވާ ބަސްކޮޅެއްވެސް ހިމަނާލާނަމެވެ. އެއީ  ފުރައުއްތަވުން، ހިރިޔާފާތުރާ ، ހުބަހިރިޔާ މިއެވެ. މިބަސްތަކާމެދު އެކަމަނާ ވިދާޅުވެފައިވަނީ މިބަސްތަކަކީ ކުރީޒަމާނުގައި ބޭނުންކުރެވުނު ބަސްތައްކަމަށްވުމާއިއެކު މިހާރު މިބަސްތަކަކީ ހަމައެކަނި ރަދީފުން ފެންނަ ބަސްތަކެއްކަމުގައެވެ.

އިސްވެދިޔަ ތިންބައިގެ އިތުރުން ދެންހުރި ބައިތައް ވެސް ބެހިގެންވަނީ ތިންދަރަޖައަކަށެވެ. އެއީ އެންމެ މާތްގޮތް ، މާތްގޮތް، އަދި އާދައިގެގޮތެވެ. އެންމެ މާތްގޮތް ނިސްބަތްވެގެންވަނީ “ބޭފުޅުން” ގެ ދަރަޖައިގާ މާތްކުރާ ފަރާތްތަކަށެވެ. މާތްގޮތުގެ ދަރަޖަ ބޭނުންކޮށްއުޅެނީ “ބޭކަލުން” ގެ ދަރަޖައިގާ މާތްކުރާ ފަރާތްތަކަށެވެ.  އަދި އާދައިގެގޮތް ނިސްބަތްވެގެންވަނީ އާދައިގެ މީހުންނާ މުޚާޠަބު ކުރާ ކުރުމުގައެވެ.

ބޭކަލުންގެ ނަން ދީފައިވާ ފަރާތްތަކުގެ ތެރެއިން، މަލާއިކަތުން، ރަސޫލުން، ނަބިއްޔުން، އާލުން، އަސްޙާބުން، ދީނުގެ އިމާމުން، ބޮޑެތި ވަލީވެރިން، މިފަރާތްތަކާމެދު ނިސްބަތްކޮށް އުޅެނީ ބޭފުޅުންގެ ދަރަޖައިގައެވެ.

ބޭފުޅުންނާ ވާހަކަދައްކައި އުޅުމުގައި އެބޭފުޅުންނަށް ނިސްބަތްވެގެންވާ ތަކެއްޗާ ބަސްތައް މާތްކުރުމުގައި ބައެއްބަސްބަހުގެ ފަހަތަށް ފުޅު،ކޮޅު، ފޮދު އިތުރުކުރެވެއެވެ. މިގޮތުން ބޭފުޅެއްގެ ހަށިކޮޅުގެ ބައިތަކަށާއި،ފުރާނަހުންނަ ތަކެއްޗާއި މައުނަވީ ސިފަތަކަށް އިތުރުކުރެވެނީ”ފުޅު” އެވެ. މިސާލު: އަތްޕުޅު، ސިކުނޑިފުޅު، ފުރާނަފުޅު، ގުރާފުޅު، އަމުރުފުޅު، ހިތްވަރުފުޅު، ވިސްނުންފުޅު މިއެވެ. މިދެންނެވި ގޮތާ ޚިލާފުވާބަސްބަސްވެސް ހުރެއެވެ. އެއީ، އުޅާފުޅު، ފަށްޕުޅު، ސުއްޓާފުޅު، ސިގިރޭޓްފުޅު، މިއެވެ.

ފަންވަތް.އިންފޯ ވެބްސައިޓްގައި 11 މާރޗް 2001 ވަނަ ދުވަހުގެ ޢަދަދުގައި، އަލްފާޟިލް އާދަމް ނަޞީރު އިބްރާހީމް ލިޔުއްވާފައިވެއެވެ. ބަހުގެ ދަރަޖައިން ވާހަކަ ދައްކަންފަށާމީހަކަށް އެންމެ ފުރަތަމަ އެނގެން ޖެހޭ އެއްފިލާވަޅަކީ، ދަރަޖަދެނީ އިންސާނާއަށްކަމެވެ. އާދެ! ދަރަޖަ ދެވެނީ ޝަޚްޞަކަށެވެ. މީހަކަށެވެ. އޭނާއާ ގުޅޭތަކެއްޗަށް، ނުވަތަ އޭނާއަށް ނިސްބަތްކުރެވޭތަކެއްޗަށް، ވަކި ހަމައެއްގެ މަތިން، ބައެއްފަހަރަށް ”ކޮޅު” ބައެއް ފަހަރަށް ”ފުޅު” ބައެއްފަހަރަށް ”ފޮދު” އިތުރު ކުރަނީ އޭނާއަށް ދަރަޖަ ދިނުމަށްޓަކަ އެވެ. އެއީ ދަރަޖަ ދެވޭފަރާތަށް ކަމޭ ހިތުމަށް ބަސްބޭނުން ކުރެވޭ ހަމަ އެވެ. އުސޫލެވެ. އެ ގޮތަށް ބަސްބޭނުން ކުރުމުން މާތްކުރެވޭނީ އެތަކެއްޗެއް ނޫނެވެ. ކާރުކޮޅު ކިޔުމުން ކާރު މާތެއް ނުވެ އެވެ. ހިތްޕުޅު ކިޔުމުން ހިތް މާތެއް ނުވެ އެވެ.

‘އެންމެމާތްބަހުން ވާހަކަދެއްކުމުގެ ފަރިތަކުންތައް’ މިފޮތުގެ 13 ވަނަޞަފްހާގައި ، އަލްފާޟިލް ޢަބުދުﷲ ޞާދިގު ލިޔުއްވާފައިވެއެވެ. ބައެއްނަންނަމަކީ ފުރާނަނެތް އެއްޗިއްސަށް ނިސްބަތްވާ ނަންނަމަށްވިޔަސް، އެނަންނަމުގެ ފަހަތަށް ޢާއްމުކޮށް ގެނެސްފައިވަނީ “ފުޅު” މިލަފްޒެވެ. “ގެފުޅު” އަދި މައުނަވީ ސިފަ މާތްކުރުމުގެ ގޮތުން، އެ ސިފަ ސިފައިގެ ފަހަތަށް “ފުޅު” އިތުރުކުރެއެވެ. މިސާލު ހަނދުމަފުޅު، ބިރުފުޅު، އުފާފުޅު، ހިނިފުޅު، ބުއްދިފުޅު، ފިކުރުފުޅު، ވިސްނުންފުޅު، މިއެވެ.

މާތްމީހުންނާއި ކުރިމަތިކޮށް، ނުވަތަ ނިސްބަތްކޮށް، ވާހަކަދައްކާއިރު ކަލޭ، އޭނާ ކިޔުމުގެ ބަދަލުގައި މަނިކުފާނު، އެމަނިކުފާނު، ކަލޭގެފާނު، އެކަލޭގެފާނު މިހެންކިޔުމަކީ އަދަބުވެރި ރީތިގޮތެކެވެ. އަދި ތިމާއާއި، ދަރަޖައިގެ ގޮތުން ހަމަހަމަވެގެންވިޔަސް އެކަކު އަނެކަކާ ވާހަކަދެއްކުމުގައި ‘ކަލޭ’ އޭ ކިޔައިގެން ވާހަކަދެއްކުމުގެ ބަދަލުގައި ސީދާ ނަންބޭނުންކުރުމަކީ ރީތި ސިފައެކެވެ.

ޢާއްމުކޮށްބޭނުންކުރާ ކުށްބަސްތައް:

ދިވެހިބަހުން ވާހަކަދެއްކުމާއި ލިޔެކިޔުމުގައި ކުށްބަހާއި ކުށްޢިބާރާތްބޭނުންކުރުމަކީ އިހުގައިވެސް މިހާރުވެސް ނުހިގާ ކަމެކޭ ނުދެންނެވޭނެއެވެ. މިއީ ދިވެހިބަހަށް ނުހަނު ބޮޑަށް ހީނަރުކަން އަންނާނެކަމެއް ކަމުގައި ދެކެމެވެ. އެހެނީ މިކަމަކީ ދިވެހިންގެ ހުރިހާ ގިންތީއެއްގައިވެސް ހިނގާކަމަކަށްވާއިރު މިކަން އިސްލާހްކޮށް ރަގަޅުކުރުމަށް އަދި މިހާތަނަށް ކުރެވިފައިވާ ނުވަތަ ކުރެވެމުންދާ މަސައްކަތްތަކަކީ ނިސްބަތުން މަދު މަސައްކަތްތަކެކެވެ.

މިއަދުގެ ގިނަ ދިވެހިންނަށް ނޭނގިގެން، ނުވަތަ ފަރުވާކުޑަކުރުމުގެ ތެރެއިން ނަމަވެސް ކުށްބަސް ބޭނުންކުރުން ޢާއްމުވެފައިވާ މިވާ ދުވަސްވަރުގައި މިކަމަށް ހައްލެއްލިބޭތޯ ފަރުދީ ފެންވަރުގައިވެސް މަސައްކަތްތަކެއް ކުރަންއެބަޖެހެއެވެ. ތިރީގައި މިބަޔާންކުރަނީ މިފަދަ ޢާއްމުބައެއްކުށްބަސްތަކާއި އެބަސްބަސް ބައެއް ޢާއްމު ލިޔުންތަކުގައި ބޭނުންކުރެވިފައިވާ ގޮތާއި، އެގޮތް ކުށްގޮތަކަށް ވީސަބަބާއި، އަދި އެ ކުށްބަހުގެ ބަދަލުގައި ބޭނުންކުރާންއޮތް ރަގަޅުބަހެވެ.

  1. 1.     އޭގެން، މީގެން

“މަދަހަޔާއި، ލަވަޔާއި، މިޔުޒިކާއި،ބޮޑުބެރާއި،ރާގުނުލާ ލަވަކިޔުމާއި،ގިޓާ ކުޅުމާއި މީގެން ހުއްދަ ކަންތަކަކީ ކޮބައިތޯ…އަދި ހުއްދަވަނީ ކިހާވަރަކަށްތޯ؟” މިއީ އިސްލާމީނޫރު ވެބްސައިޓްގައި (http://islaameenoor.com/beta/542) ޝެއިޚް އިބްރާހީމް ފަރީދު ލިޔުއްވާފައިވާ ލިޔުއްވުމަކުން ނަގައިފައިވާ ޖުމުލައެކެވެ.

މިޖުމުލައިގާ ދަށުރޮގުދަމާފައި އެވާ ތަންކޮޅަކީ ކުށްބަހެކެވެ. އެހެނީ ޢަބުދުﷲ ޞާދިޤު (1993) ލިޔުއްވާފައިވާ ބަހުގެ ހަމައިގެ އަތްމަތީފޮތުގައި، ޞަފްޙާ ނަމްބަރ 2 ގައި މިކަމާ ބެހޭގޮތުން ލިޔުއްވާފައިވަނީ މިފަދަ ޖުމުލަ ތަކުގައި ހުންނަ “ގެން” އެއީ ލިޔެއުޅޭކަށްވެސް ކިޔައި އުޅޭކަށްވެސް ރަގަޅު ބަހެއްނޫންކަމުގައެވެ. އޭގެ ބަދަލުގައި “މިއިން” ނުވަތަ “މީން” މިބަސްބަސް ބޭނުންކުރެވިދާނެކަމަށެވެ.

  1. 2.     ލިޔެފަކާ، ބުނެފަކާ

“ޖުޑިޝަލް ސަރވިސް ކޮމިޝަނަށް ކަނޑައެޅިފައިވަކި ޝަރުތުތަކެއް ޤާނޫނުއަސާސީއަކު ލިޔެފަކާ އަޅުގަނޑުމެންނަކަށެއް ނުވޭ.” މިޖުމުލައަކީ 16 ވަނަ ރައްޔިތުންގެ މަޖްލީހުގެ މާޅޮސްމަޑުލު އުތުރުބުރީ މެމްބަރ ޢަލީ ވަހީދު މަޖްލީހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވި ޖުމުލައެކެވެ. އަޅުގަނޑު މިޖުމުލަ ނަކަލުކޮށްފައިއެވަނީ މަޖްލީހުގެ ޖަލްސާތަކުގެ ޔައުމިއްޔާ ނަމްބަރ 50/2008 (17 އޯގަސްޓް 2008) ގެ ޔައުމިއްޔާގެ 914 ވަނަ ފޮޅުވަތުންނެވެ.

މިޖުމުލައިގައި ދަށުރޮގު ދަމާފައި އެވާބަހަކީ ކުށްބަހެކެވެ. އެހެނީ ލިޔެފައި، މިބަސް ނަފީގެ ގޮތުގައި ބޭނުންކުރެވޭއިރު އޮންނާނީ ލިޔެފައެއްނޯންނާނެ، ލިޔެފައެއްނުވޭ، ލިޔެފައެއް ނެތް މިހެން ކަމަށް ޢަބުދުﷲ ޞާދިޤު ގެ ބަހުގެ ހަމައިގެ ޤަވާއިދު ފޮތުގައި ލިޔުއްވައިފައި ވެއެވެ.

  1. އެނބުރިއައުން، އަނބުރާއައުން:

“މަސްހިފަން ގޮސްއުޅުނުމީހާ ހޯދަން ފެށީ ރޭ 09 ޖަހާކަންހާއިރުވެސް އޭނާ ރަށަށް އަނބުރާ ނައުމުގެ ސަބަބުންނެވެ. “

މަތީގައިވާ އެވާ ޖުމުލައަކީ “ގައްދޫން މީހަކު ގެއްލިގެން ހޯދައިފި” މިސުރުޚީގެ ދަށުން ގައްދޫއޮންލައިން.ކޮމް ގައި 5 ފެބުރުއަރީ 2009 ގައި ހުސެއިން ކިޔާބޭފުޅަކު ލިޔުއްވާފައިވާ ލިޔުއްވުމަކުން ނަގާފައިވާ ޖުމުލައެކެވެ. މިޖުމުލައިގާ ދަށުރޮގު ދަމާފައިވާ ބަހަކީ ކުށްބަހެކެވެ. ސަބަބަކީ ދިވެހިބަހާ ތާރީޚަށް ޚިދުމަތް ކުރާ ޤައުމީމަރުކަޒުގެ ފަރާތުން ނެރެފައިވާ ބަހުގެ ހަމަ (1993) މިފޮތުގެ 22،23 ވަނަ ޞަފްޙާގައި ވާފަދައިން އަނބުރާއައުން ބޭނުންކޮށްގެން ވާހަކަ ދެއްކޭނީ ދަތުރުފަތުރު ކުރާ އުޅަނދު ފަހަރާ ގުޅުވައިގެންނެވެ. މިތާންގައި މިއީ އިންސާނަކަށް ނިސްބަތްކޮށް ވާހަކަދެއްކިފައިވާ ޖުމުލައަކަށްވާއިރު ބޭނުންކުރުން އެންމެރަގަޅު ގޮތަކީ “އެނބުރިއައުން” މިބަހެވެ.

  1. 4.     ގާތުގައި، ކައިރީގައި

“ޑޮކްޓަރު އޭނާ ކައިރީގައި ބުނުއްވީ އޭނާގެ ފަޔަށް ލިބުނު އަނިޔާގެ ސަބަބުން ފައިގެ ބޭނުން ނުހިފޭނެކަމަށެވެ.”

މަތީގައިވާ ޖުމުލައަކީ ކުޅުދުއްފުށި.ކޮމް (http://kulhudhuffushi.com/reloaded/~10983) ގައި 19 އޮގަސްޓް 2011 ގައި “ޝިޔާނާ” ކިޔާ ކުރުވާހަކައެއްގައި ލިޔެފައިވާ ޖުމުލައެކެވެ. މިޖުމުލައިގާ ދަށުރޮނގުދަމާފައިވާ ބަހަކީ މިޖުމުލައިގާ ބޭނުންކޮށްފައިވާ ގޮތުން އެތާންގައި ބޭނުންކުރުން ކުށްބަހެކެވެ. އެހެނީ ދިވެހިބަހާ ތާރީޚަށް ޚިދުމަތް ކުރާ ޤައުމީމަރުކަޒުގެ ފަރާތުން ނެރެފައިވާ ބަހުގެ ހަމަ (1993) މިފޮތުގެ 23 ވަނަ ޞަފްޙާގައި ވާފަދައިން “ކައިރީގައި” ބޭނުންކުރުމުގެ ހަމައަކީ އެއްޗިއްސާ ގުޅުވައިގެން ވާހަކަދައްކާއިރުއެވެ. މިޖުމުލައިގައި އެވާ އޭނާ ނިސްބަތްވަނީ އިންސާނަކަށެވެ. އެހެންވީމާ މިޖުމުލައިގައި ބޭނުންކުރުން އެންމެރަގަޅު ހަމައަކީ “ޑޮކްޓަރ އޭނާގެ ގާތުގައި” މިހެންނެވެ.

  1. އަޅުވައިކިޔުން.

“ބުއްދީގެ އެހީގައި ﷲ سبحانه وتعلى އާއި އެއިލާހުގެ ޚަލްޤުތަކުންނާއި އަޅުވައިކިޔުން.” މިޖުމުލައަކީ މަރުޙަބާ.ކޮމް (http://maruhabaa.com/aboutus) ގައި “މިވެބްސައިޓަކީ.. ” މިސުރުޚީގެ ދަށުންލިޔެފައިވާ ލިޔުމުގައި ވާ ޖުމުލައެކެވެ. މިޖުމުލައިގައި ދަށުރޮގުދަމާފައިއެވާ ބަސްބޭނުންކޮށްފައި އެވަނީ ބަހުގެ ހަމަތަކާއެއްގޮތް ގޮތަކަށް ނޫނެވެ. އެހެނީ ދިވެހިބަހުގެ ޤަވާއިދު ފޮތްތަކުގައިވާގޮތުން “އަޅުވައިކިޔުން” ބޭނުންކުރަންވާނީ ދެޖިންސުގެ ދެމީހެއްގެ ދެމެދުގައި ހުންނަ ވަކިކަހަލަ ގުޅުމެއް ހުންނަ ކަމަށްވާހަކަ ދެކެވުމަށެވެ. ބަހުގެ އަދީބުންގެ ފޮތްތަކުގައި ވާގޮތުން މިތާންގައި ބޭނުންކުރަން ރަގަޅު ބަހަކީ “އަޅައިބެލުން” މިބަހެވެ.

  1. 6.     ހަޑި،ތާހިރު،ރީތި،ހުތުރު

” ބުރުގާ އަޅައިގެން އުޅޭ އަހަރެންގެ ބައެއް ރައްޓެހިން ފެނުމުން ހާދަ ހަޑިއެވެ. ހީވަނީ ދުވަސްވެފައިވާ ބައެއް ހެންނެވެ.” މިޖުމުލައަކީ މޯލްޑިވިއަން ޕިއަރލްސް.ކޮމް ގައި 2012 ޖެނުއަރީ 27 ވަނަ ދުވަހު “ޝަރުޢީ ޙިޖާބުން ޙިޖާބުއެޅުމަށް ފަސްޖެހޭ ބައެއް ސަބަބުތައް” މިސުރުޚީގެ ދަށުން ލިޔެފައިވާ އަލް އަޚް މުޙައްމަދު ސިނާން ލިޔުއްވާފައިވާ ލިޔުއްވުމަކުން ނަގައިފައިވާ ޖުމުލައެކެވެ.

މިޖުމުލައިގައި ދަށުރޮގުދަމާފައި އެވާ ބަހަކީ މިފަދަ ތަންތާންގައި ބޭނުންކުރުން އެކަށީގެންވާ ބަހެއްނޫނެވެ. ބަހުގެ ޤަވާޢިދު ފޮތްތަކުގައި ވާގޮތުން މިތަނުގައި ބޭނުންކުރަން ޖެހޭނީ “ހުތުރު”މިބަހެވެ. އެހެނީ މިޖުމުލައިގާ ލިޔުންތެރިޔާ ބުނެދެން މަސައްކަތް ކޮށްފައިވަނީ ރައްޓެހިންގެ ސިފަކަމަށްވާތީއެވެ. “ހަޑި” މިބަހުގެ މާނައަކީ ނުތާހިރު، ނުސާފެވެ. ހުތުރުގެ މާނައަކީ “ރީތި”ގެ އިދިކޮޅެވެ. އެހެންކަމުން މިތާންގައިބޭނުންކުރުން އެންމެ އެކަށީގެންވަނީ ރީތި ނުވަތަ ހުތުރެވެ.

  1. 7.     ތެރި،ވެރި

“އޯގާތެރި ސަރުކާރު” މިއީ މިސަރުކާރުގެ ބްރޭންޑް ކަމުގައި ރައްޔިތުންނަށް ވިއްކޭތޯބެލި ބްރޭންޑެކެވެ.” މިޖުމުލައަކީ ޑީއާރުޕީގެ ލީޑަރ އަޙްމަދު ތަސްމީން ޢަލީގެ އަމިއްލަފުޅު ބްލޮގްގައި “ބްރޭންޑް ކުރުމާއި ރީބްރޭންޑް ކުރުން – ސަރުކާރުގެ ސިޔާސީ އުކުޅެއް” މިސުރުޚީގެ ދަށުން 26 އޮކްޓޯބަރ 2010 ގައި ލިޔުއްވާފައިވާ ލިޔުއްވުމަކުން ނަގައިފައިވާ ޖުމުލައެކެވެ.

މިޖުމުލައިގައިވާ ދަށުރޮގުދަމާފައިވާ ބަހަކީ ކުށްބަހެކެވެ. މިބަސް މިތާ ބޭނުންކުރުމުގެ ބަދަލުގައި ބޭނުންކުރަން ޖެހޭނީ “ވެރި” މިބަހެވެ. ސަބަބަކީ ދިވެހިބަހުގެ ޤަވާއިދު ފޮތްތްކުގައިވާ ގޮތުން “ތެރި” މިބަސް ޢާއްމުގޮތެއްގައި ގުޅުވޭނީ ސުކުނަކަށް ނިމިފައިވާ ބަސްބަހާއެވެ.އެހެންކަމުން މިތާނގައި އެބަސްވެސް ހިމަނާލެވުނީއެވެ.

އާދެ! މިފަދަކުށްބަސްތައް ބަހުގެތެރެއަށް ގިނަވަމުންދާއިރު އަޅުގަނޑުމެން އެންމެވެސް މިކަމާ ވިސްނާ ބަހުގެ ޤަވާއިދު ފޮތްތައް ވީވަރަކުން މުޠާލިޔާކޮށް ދަސްކުރުން މުހިއްމު ކަމުގައި ދަންވާލަމެވެ.

ނިންމުން:

ދިވެހިބަހުގެ ދަރަޖަތަކާއި، ޢާއްމުކޮށްބޭނުންކުރާ ކުށްބަސް ދިވެހިބަހުގެ ޤަވާޢިދު ފޮތްތަކުގައި ބަޔާންވެފައިހުރީ ދާދިއެއްގޮތަންކަން މިކުރެވުނު ދިރާސާއިން ފާހަގަކުރެވުނެވެ. އެހެންކަމުން ބަޔާންވެދިޔަ ބައިތަކުގެ ކުރުޚުލާޞާއެއް ގެ ގޮތުގައި މި އެސައިންމެންޓް ތައްޔާރުކުރުމަކީ މާބޮޑު އުނދަގޫކަމަކަށް ނުވިއެވެ.

ދިވެހިބަހުގެ ދަރަޖަތަކުގެ ތެރެއިންނާއި، ޢާއްމުކޮށްބޭނުންކުރެވޭ ކުށްބަސްތަކުގެ ތެރެއިން މި އެސައިމެންޓްގައި ދިރާސާކުރެވުނު ބައިތަކުގެ އަލީގައި އެނގިގެންދިޔައީ ދިވެހި އެކިއެކި ލިޔުންތަކުގައި މި ދެބައިވެސް ޢާއްމުގޮތެއްގައި ބޭނުންކުރެވިފައިވަނީ ރަގަޅަށް ކަމެވެ. ނަމަވެސް މަދުމަދުން ނަމަވެސް ދިވެހި ޒުވާންލިޔުންތެރިންގެ ކިބައިން ޤަވާޢިދުން ކައްސާލައިގެން ގޮސްފައިވާ ތަންތަން ފެނިފައިވެއެވެ.

މިފަދަ އެސައިމެންޓެއް ހަދަން ޖެހުނީތީ ވަރަށްބޮޑުހިތްހަމަޖެހުމެއް ލިބިގެންދިޔައެވެ. އެހެނީ މިއީ ބަހުގެ ދަރަޖަތަކުގެ ބައިތަކާއި، ޢާއްމުކޮށް ލިޔެވެމުންދާ ކުށްބަސްތައް ދިރާސާކޮށް މުޠާލިޔާކޮށްލަން ލިބުނު ރަނުގެ ފުރުޞަތެކެވެ. އަދިހަމައެހެންމެ މިއެސައިމެންޓްގެ ސަބަބުން މިބައިތައް ލިޔުމުގައި ބޭނުންކުރުމާއި، ވާހަކަދެއްކުމުގައި ބޭނުންކުރަން އިތުރަށް ދަސްވެ، ބަހުގެ ޤަވާޢިދުގެ ތެރެއިން މިދެންނެވި ބައިތަކާމެދު ކުރިން ކުރެވިފައިވާ ހީތައް ވަރަށްރަގަޅަށް އޮޅުންފިލައި ހިތުގައިއުފެދިފައިވާ ވަހުމާއި، ޝައްކުތައްވެސް މުޅީންހެން ފިލައިގެން ހިނގައްޖެއެވެ. މިއީ މިފަދަ މަސައްކައްކަތުން ލިބިގެންދާނެ އެންމެ ބޮޑުފައިދާއާއި، ލާބަކަމުގައި ދެކެމެވެ.

ހިތްހަމަޖެހުމާއިއެކު ، މިއެސައިމެންޓް ނިންމާލެވުމުގެ ފުރުޞަތު މިންވަރުކުރެއްވީތީ މާތްﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޙަމްދާއި، ޝުކުރުދަންނަވަމެވެ. އަދި މިކަމުގައި އެކިއެކި ގޮތްގޮތުން އަޅުގަނޑަށް އެހީތެރިކަން ދެއްވި އެންމެހައިބޭފުޅުންނަށް ހިތުގެ އެންމެ އިޚްލާޞްތެރި ޝުކުރާއި، މުބާރިކުބާދީ ދަންނަވަމެވެ.

ރެފަރެންސް ލިސްޓް:

  • ޢަބުދުﷲ ޝާދިޤު. (1993). ބަހުގެ ހަމައިގެ އަތްމަތީފޮތް. މާލެ، ދިވެހިރާއްޖެ. ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީމަރުކަޒު.
  • ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީމަރުކަޒު. (1984) ދިވެހިބަހުގެ ޤަވާޢިދު 1،2،3،4.މާލެ،ދިވެހިރާއްޖެ.
  • މުޙައްމަދު ޖަމީލުދީދީ (1979) ފިޔަވަޅު 1،2،3، މާލެ، ދިވެހިރާއްޖެ. މ.ކުއްޅަވައްގެ
  • ދިވެހިތާރީޚާއި، ސަޤާފަތަށް ޚިދުމަތަކުރާ މަޖިލިސް (1979) ރާދަވަޅި
  • އަޝްރަފް ޢަބުދުއްރަހީމް ، ސާނަވީދިވެހި 1 (2001) ދިވެހިރާއްޖޭގެ ތަޢުލީމް ކުރިއަރުވާމަރުކަޒު
  • މުޙައްމަދު ޢާމިރު ފަރެސް، (2001) ސާނަވީދިވެހި 2
  • www.fanvai.info
  • www.liyuntherin.org

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ދިވެހިންގެ މާދަރީބަސް ( ދިވެހިބަސް )

ދިވެހި ކާބަފައިން އަޅުގަނޑުމެންނާ ހަމައަށް ގެނެސްދީފައިވާ މި ދިވެހި ބަހަކީ އަޅުގަނޑުމެންގެ މާދަރީ ބަހެވެ. އެބަހަކުން އަޅުގަނޑުމެން އެންމެންވެސް ވާހަކަ …

ޚިޔާލެއްދެއްވާ

avatar
wpDiscuz