ޤައުމީ އިދާރާތައް އުވާލުމުން އެތަންތަނަށް ހުށަހެޅިފައިހުރި މައްސަލަތަކަށް ވާނީކިހިނެތް؟

އުވިދިޔަ ސަރުކާރުން ، ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ޚާއްޞަ ބާރުގެ ދަށުން އުފައްދަވާފައިވާ ޤައުމީ އިދާރާތައް މިދިޔަބުރާސްފަތި ދުވަހުގެ ނިޔަލަށް މިވަނީ މިހާރުގެ ސަރުކާރުން އުވާލައްވާފައެވެ.

ޤައުމީ އިދާރާތައް އުވާލެއްވުމުން މިވަނީ އެތަންތާނގައި ތިއްބެވި މުވައްޒަފުންވެސް އެބޭފުޅަކު ނިސްބަތްވެ ލައްވާ ރަށެއްގެ ކައުންސިލް އިދާރާގެ މުވައްޒަފުންގެ ގޮތުގައި ވަކިގޮތެއް ހަމަޖެހެންދެން ހަމަޖައްސަވާފައެވެ. އެހެން ނަމަވެސް އެތަންތަނަށް ހުށަހެޅި އަދި ވަކި ޖަވާބެއް ނުލިބި ހުރި މައްސަލަތަކާއި، އެތަންތަނުން ބަލަންފަށާފާ މުޅިން ނުނިމި ހުރި މައްސަލަކާއި އަދި އެތަންތަނުން ބައްލަވާނެކަމަށް މެސެޖް ފޮނުވާފައި ނުވަތަ ވަކިތާރީޚުތަކެއް ހަމަޖައްސަވާފައި ހުރި މައްސަލަތަކަށް ވާނީ ކިހިނެތްބާއޭ މިއީ މިއަދު އަޅުގަނޑުމެން ފަދަ މާބޮޑު މައުލޫމާތެއް ލިބިފައި ނުވާ ބައެއްގެ ހިތުގައި އުފެދެމުން ދާނެ ސުވާލު މާކެއްކަން ކަށަވަރެވެ.

ހަމަގައިމުވެސް މިފަދަ މައްސަލަތަކާއި ގުޅުންހުރި ނުވަތަ ނިސްބަތްވާ ބޭފުޅުންނާއި، އެފަދަ މުވައްސަސާ ތަކުން މިކަމާ ފިކުރުކުރައްވާނެއެވެ. އެހެނީ ޤައުމީ އިދާރާތައް އުވާލުމުގެ ކުރިންވެސް އަދި އުވާލެއްވުމުގެ ފަހުންވެސް ކުރިން މިދެންނެވި ހެން އެއްވެސް ކަމެއްގައި ޤައުމީ އިދާރާގެ ބަދަލުގައިވެސް ނުވަތަ އެފަދަ ހާލަތެއްގައިވެސް ގުޅާލާނެ ނަމްބަރެއްހާ ހިސާބުވެސް އަދި މިވަނީ ނިލިބިއެވެ. މިއީ އަސްލު ކަމުގެބާވަތަށް ބަލާއިރު ކަންބޮޑުވާންޖެހޭ ކަމެކެވެ.

އެކިއެކި މުވައްސަސާ ތަކަށް ވަޒީފާ ހަމަޖެއްސުމާއި، އައުޓްސޯސް ކުރުންފަދަ މުހިއްމު މަރުހަލާތައް ހިނގަހިނގާ ހުރި މިދަނޑިވަޅުގައި ޤައުމީ އިދާރާތައް މިއުވާލެއްވީ އަޅުގަނޑު ޤަބޫލު ކުރާގޮތުގައި އެކަމުގެ ވަގުތު އަދި ނުޖެހެނީހެވެ. ދަންނަވަން މިއުޅޭ ވާހަކައަކީ ޤައުމީ އިދާރާ އުވާލުމުގެ ކުރިން ކުރަން ޖެހޭ މުހިއްމު ކަންކަން އަދި އަޅުއްވަން ޖެހޭ މުހިއްމު ފިޔަވަޅުތަކާއި، ނިންމަންޖެހޭ ބޮޑެތި ނިންމުތައް އަދި މިވަނީ ނުނިމިއެވެ.

ޙަޤީޤަތުގައި މިކަންކަމަށް ގޮތެއްނިންމާ އަމުރު ކަނޑައަޅާ ހެދުމުގެ ބާރުލިބިގެންވާ ޤައުމީ އިދާރާތަކުގެ ބެލެނިކަން ބަލަހައްޓާ ފަރާތަކީ ހޯމް މިނިސްޓްރީއެވެ. އަޅުގަނޑު ޤަބޫލު ކުރާގޮތުގައި މިފަދަ ބޮޑުކަމެއް ނިންމާ އިރު ހޯމް މިނިސްޓްރީން މިކަންކަމަށް ވިސްނާލެއްވުމަކީ ވަރަށް މުހިއްމުކަމެކެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ޚިޔާލެއްދެއްވާ

avatar
wpDiscuz