ޓޫރިސްޓް ރިޒޯޓް، ޓޫރިސްޓް ހޮޓާ، ޓްރޭނިންގ ރިޒޯޓް، ޓްރާންސިޓް ހޮޓާ އަދި ސިޓީ ހޮޓަލުގެ ގޮތުގައި ތަރައްޤީ ކުރުމަށް ދީފައިވާ ތަންތަނުގެ މުއްދަތު އިތުރު ކޮއްދޭން ނިންމައިފި.

 

 

 

ޓޫރިސްޓް ރިޒޯޓް، ޓޫރިސްޓް ހޮޓާ، ޓްރޭނިންގ ރިޒޯޓް، ޓްރާންސިޓް ހޮޓާ އަދި ސިޓީ ހޮޓަލުގެ ގޮތުގައި ތަރައްޤީ ކުރުމަށް ދެހާސް ވަނަ އަހަރުން ފެށިގެން މިހާތަނަށް އެކި ފަރާތްތަކަށް ކުއްޔަށް ދީފައިވާ ރަށްރަށާއި، ބިން އަދި ފަޅުގެ ސަރަޙައްދުތަކުގެ ތެރެއިން،ފަންސާސް އިންސައްތައަށްވުރެ އިތުރު މިންވަރަކަށް މަސައްކަތް ހިނގާފައިވާ ތަންތަނުގެ ތެރެއިން މަސައްކަތް ނިންމާ ހުޅުވުމަށް އިތުރު މުއްދަތު ހޯދުމަށް އެދޭ ތަންތަނަށް، ތޭރަ މަސްދުވަހުގެ މުއްދަތު އިތުރުކޮށްދެއްވާ ގޮތަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.

 އިއްޔެ ބޭއްވި ވަޒީރުންގެ މަޖިޅިހުގެ ޖަލްސާގައި އެގޮތައް ނިންމާފައިވަނީ މިނިސްޓްރީ އޮފް ޓުއަރިޒަމް، އާޓްސް އެންޑް ކަލްޗަރުން ހުށަހެޅުއްވި ކަރުދާހެއްގެ މައްޗަށް މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުއެވެ. މެންބަރުން ދެއްކެވި ވާހަކަފުޅުގައި، އެކި ކަހަލަ ސަބަބުތަކާ ހުރެ މިހާތަނަށް ނުހުޅުވި ހުރި ތަންތަން ތަރައްޤީ ކުރުމަށް އިތުރު މުއްދަތަށް، އެފަރާތްތަކުން އެދެމުންދާކަން ފާހަގަކުރެއްވި.

އިއްޔެގެ ބައްދަލުވުމުގައި ޤާނޫނު ނަންބަރު 25/79 (ފޮރިން އިންވެސްޓްމަންޓާބެހޭ ޤާނޫނު) އަށް އިޞްލާޙް ގެނައުމަށާއި، ފޮރިން އިންވެސްޓްމަންޓް އެޑްވައިޒަރީ ބޯޑެއް އުފެއްދެވުމާ ބެހޭގޮތުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ހުށަހެޅުއްވި ކަރުދާހެއްގެ މައްޗަށްވެސް މެންބަރުން މަޝްވަރާ ކުރެއްވިއެވެ. މިމައްސަލައަށް މަޝްވަރާ ކުރެއްވުމަށްފަހު، ޤައުމުގެ މިހާރުގެ އިޤްތިޞާދީ ޙާލަތު އޮތް ގޮތުގެ މައްޗަށް ރިޢާޔަތް ކުރައްވައި، މިހާރު ޢަމަލު ކުރެވެމުންދާ ޤާނޫނަށް ގެންނަން ފެންނަ ބަދަލުތައް ގެންނެއުމުގެ މަސައްކަތް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ކުރިއަށް ގެންދެއުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވިއެވެ. އަދި ފޮރިން އިންވެސްޓްމަންޓް ކުރިއަރުވައި ތަރައްޤީ ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް، މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި ހިންގުމަށްޓަކައި، ފޮރިން އިންވެސްޓްމަންޓް އެޑްވައިޒަރީ ބޯޑެއް އެކުލަވާލެއްވުމަށް ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާއެރުއްވިއެވެ. މީގެ އިތުރުން ވެސް އިއްޔެގެ ބައްދަލުވުމުގައި ރާއްޖޭގެ ތިމާވެށި، މިހާރުގެ ޖީލަށާއި އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކޮށް ދެމެހެއްޓުމަށާއި، ދިވެހިރާއްޖޭގެ ތިމާވެށީގެ ޙާލަތު ރަނގަޅު ކުރުމަށާއި، ބައިނަލްއަޤްވާމީ މަސްރަހުގައި ފާހަގަކުރެވޭ ބޮޑެތި ކަންކަމުގައި، ރާއްޖެއަށް ފެންނަ ގޮތް ކަނޑައެޅުމުގައާއި، ތިމާވެށީގެ ރޮނގުން ދެމެހެއްޓެނިވި ތަރައްޤީގެ އުޞޫލުތައް ރާއްޖޭގައި ހަރުދަނާ ކުރުމަށްޓަކައި، ތިމާވެށްޓާބެހޭ ޤައުމީ ކައުންސިލެއް އުފެއްދެވުމަށްވެސް ވަޒީރުންގެ މަޖިލީހުން ނިންމެވިއެވެ.

 

ލިޔުނީ: އިރުފާނު ( އިރޭ )

އިރުފާނަކީ އެކިދާއިރާގެ ޚަބަރު ހޫނުކޮށް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ނުޖެހި ހިވާގިކަމާއެކު ކެރިގެން މަސައްކަތްކުރައްވާ ކުރިއަރަމުން އަންނަ ނޫސް ރިޕޯރޓަރެކެވެ.

މިލިޔުންވެސް ކިޔާލާ

ޓީމު ލަންދޫގެ ހެޑް ކޯޗް އަހުމަދު އިރުފާން ލަންދޫ އަށް ވަޑައިގަންފި

ޓީމު ލަންދޫގެ ހެޑް ކޯޗް އަލްފާޟިލް އަހުމަދު އިރުފާން މިއަދު ލަންދޫ އަށް ވަޑައިގަންފިއެވެ. ކޯޗް އިރުފާނަށް ލަންދޫއިން ވަނީ …

ޚިޔާލެއްދެއްވާ

avatar
wpDiscuz