ޒުވާނުންނަށް ހަމަ ނޭގެނީބާވައެވެ. !!!؟

ހުކުރު ދުވަހަކީ ހަފްތާގެ ދުވަސްތަކުގެ ތެރެއިން މުއުމިނުންގެ ޢީދުދުވަސް ކަމާއި ، ހުކުރު ދުވަހަކީ މާތްﷲ ސުބުޙަނަހޫ ވަތަޢާލާގެ ޙަޟްރަތުގައި ނުހަނު ބޮޑު ޤަދަރަކާއި ޝަރަފެއް ލިބިގެންވާ ދުވަހެއްކަމާއި ، ހުކުރު ނަމާދުގެ ޖަމާޢަތުގެ މާތްކަމާއި ، ހުކުރު ޚުޠުބާ އަޑުއެހުމުގެ މާތްކަން އަޅުގަނޑުމެންގެ ތެރޭގައި މިއުޅޭ ބައެއް ޒުވާންކުދިންނަށް ހަމަ ނޭނގެނީ ބާވައެވެ. ؟

އާއްމުގޮތެއްގައި ހުކުރުދުވަސް ދުވަސްދުވަހު އަޅުގަނޑުމެންނަށް ފެންނަ މަންޒަރަކީ ހުކުރު ނަމާދަށް ގޮސް ޚަޠީބުމީހާ ޚުތުބާ ކިޔާއިރުވެސް މިސްކިތުގެ ފެންޑާމަތީގައި ، ނުވަތަ މިސްކިތުކައިރި ހިސާބެއްގައި ( ގޭގެ ޖޯލީފަތި ، ހޮޅުއަށި ، ހިޔާދޭ ބޮޑަތި ގަސްތައްދަށް ފަދަ ތަންތަނުގައި ) ގްރޫޕް ހަދާފައި ވާހަކަދައްކަށް ތިބޭ މަންޒަރެވެ.

ހަމަ މިއާއިއެކު ހުކުރުދުވަހު ހުކުރު ނަމާދަށްގޮސް މިސްކިތްތެރެއަށްވަންނަ ބައެއްޒުވާނުންނާއި ހަރުކުލައިގެ މީހުންގެ ފަރާތުންވެސް އަޅުގަނޑުމެން ދެކެން ބޭނުންނުވާ އެތައް މަންޒަރެއް ފެނިގެން އެބަދެއެެވެ. މިއީ މިއަދު އަޅުގަނޑުމެން ކޮޅުނެތްކޮޅަށް ހިތާމަކޮށް އެންމެން ގުޅިގެން ރަނގަޅު ކުރަން ޖެހިފައިވާ ކަމެކެވެ.އެހެނީ ހުކުރު ދުވަހަކީ އެއަށްވުރެ މާ މާތް ހެޔޮސަވާބާއި ދަރުމަ އަޅުގަނޑުމެންނަށް ލިބެނިވި ދުވަހެކެވެ.

އެދުވަހާ ބެހޭގޮތުން ލޮބުވެތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. ( خَيْرُ يَومٍ طَلَعَتْ عَلَيْهِ الشَّمْسُ يَوْمُ الجُمُعَةِ : فِيهِ خُلِقَ آدَمُ ، وَفِيهِ أُدْخِلَ الجَنَّةَ ، وَفِيهِ أُخْرِجَ مِنْهَا ) رواه مسلم މާނައީ: އެދުވަހެއްގައި އިރުއެރި އެންމެ ހެޔޮކަންބޮޑު ދުވަހަކީ، ހުކުރު ދުވަހެވެ. އެދުވަހު، އާދަމުގެފާނު ޚަލްޤު ކުރެއްވުނެވެ. އަދި އެދުވަހު، އެކަލޭގެފާނު ސުވަރުގެއަށް ވެއްދެވުނެވެ. އަދި އެދުވަހު، އެކަލޭގެފާނު ސުވަރުގެއިން ނެރުއްވުނެވެ.

ހުކުރު ދުވަހުގެ އެންމެ މުހިއްމު އެއްކަމަކީ ހުކުރު ނަމާދެވެ. ހުކުރު ނަމާދުގެ އެންމެ މުހިއްމު އެއް ކަމަކީ އެނަމާދުގެ ކުރިން ދެވޭ ޚުޠުބާއެވެ. އުއްމަތުގެ މީސްތަކުންނަށް ނަސޭހަތެއްގެ ގޮތުގައްޔާއި އިރުޝާދެއްގެ ގޮތުގައި ގެނެސްދެވޭ މި ޚުޠުބާއަކީ، މުޖުތަމަޢު އިޞްލާޙުކުރުމުގެ ވަރަށްވެސް ބޮޑު ދައުރެއް އަދާކުރަން ޖެހޭ އެއްޗެކެވެ.

އެދުވަހުގެ ނަމާދުގައި ބައިވެރިވެއްޖެ މީހާއަށް ލިބޭ ސަވާބާއި ދަރުމައަކީ ކޮބައިތޯއެވެ؟ ލޮބުވެތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އިރުޝާދުން މީގެ ޖަވާބު ހޯދަމާ ހިނގާށެވެ.

އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ( الصَّلَوَاتُ الخَمْسُ ، وَالجُمُعَةُ إِلَى الجُمُعَةِ ، وَرَمَضَانُ إِلَى رَمَضَانَ ، مُكَفِّراتٌ مَا بَيْنَهُنَّ إِذَا اجْتُنِبَتِ الكَبَائِرُ ) رواه مسلم .

މާނައީ: ފަރުޟު ފަސްނަމާދާއި، އެއް ހުކުރުން، އަނެއް ހުކުރަށާއި، އެއް ރަމަޟާންމަހުން، އަނެއް ރަމަޟާންމަހަށް އެދެމެދުގެ ވަގުތުތަކަކީ، އެމީހަކު ބޮޑެތި ފާފަތަކުން ރައްކައުތެރިވެއްޖެނަމަ، އެދެމެދުގައި ކުރެވޭ ފާފަތަކުގެ ކައްފާރާއެކެވެ. (އެއީ) ބޮޑެތި ފާފަތަކުން އެއްކިބާވެގެންވާ ނަމައެވެ.

ހުކުރު ޚުޠުބާ ދެވޭ ވަގުތު މިސްކިތުގެ ބޭރުފެންޑާއާއި މިސްކިތާއި ކައިރި ހިސާބު ގޯތި، ގޯތީގެ ޖޯލިތަކުގައި ތިބޭ ފަރާތްތަކަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަންނަނިވި ބަސްފުޅު ފެދޭނެއެވެ.

ލޮބުވެތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. ( مَنْ تَوَضَّأ فَأَحْسَنَ الوُضُوءَ ثُمَّ أتَى الجُمُعَةَ ، فَاسْتَمَعَ وأنْصَتَ ، غُفِرَ لَهُ مَا بَيْنَهُ وَبَيْنَ الجُمُعَةِ وَزِيادَةُ ثَلاَثَةِ أيَّامٍ ، وَمَنْ مَسَّ الحَصَى ، فَقَدْ لَغَا ) رواه مسلم  މާނައީ: މީހަކު ވުޟޫކޮށް، އަދި އެވުޟޫ ފުރިހަމަކޮށްގެން، ހުކުރު ނަމާދަށް އައިސް، ފަހެ ޚުޠުބާއަށް ކަނުލައި އަޑުއަހައި، އަދި ހަމަހިމޭނުން އިނދެއްޖެނަމަ، އެހުކުރުދުވަހާއި، އަންނަން އޮތް ހުކުރާ ދެމެދާއި، އަދި އިތުރު ތިން ދުވަހުގެ ފާފަ ފުއްސެވޭ ހުއްޓެވެ. އަދި (އިމާމާ ޚުޠުބާ ކިޔާ ހިނދު) އޮށްގާކޮޅަކާ ކުޅުންފަދަ ކަމެއް ކުރިމީހާވެސް، އެކުރީ ބާޠިލު ކަމެކެވެ.

އޭގެ މާނައަކީ، އެއީ ޚުޠުބާ އަށް ކަނުލައި އެހުމަށް ހުރަސްއެޅޭފަދަ ކަމެއް ކަމުގައި ވުމާއެކު، ހުކުރުގެ ޘަވާބާއި ދަރުމަ އުނިވާނެ ކަމެކެވެ.

އަޅުގަނޑުމެންގެ ތެރޭގައި އުޅޭ ޒުވާނުންގެ ތެރެއިން ހުކުރުދުވަހަށް ސަމާލްކަން ނުދީ ހުކުރުނަމާދު އަޅާ، ހުކުރު ޚުޠުބާ އަޑުނާހާ މިއުޅޭ ޒުވާނުންނަށް ހެޔޮވިސްނުންދެއްވާށިއެވެ. އާމީން

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ހުކުރު ދުވަހުގެ މާތްކަން

އައްޝައިޚް މުޙައްމަދު ޢިޔާޟު ޢަބްދުއްލަތީފް الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما …

ޚިޔާލެއްދެއްވާ

avatar
ގުޖުރާތު
ގުޖުރާތު

ވަރަށް ރަގަޅު ވާހަކައެއް މޫސަ ތިބުނީ. ޒުވާނުންނަށް ހަމަ ނުވިސްނެނީ