ސީޔާސީ ވެގެން ގޮސް ދުނިޔޭން މޮޔަނުވާށެވެ.

ކޮންމެ މީހަކުވެސް ރަގަޅު ކަމެއް ކޮއްފިއްޔާ އެއީ ރަގަޅުކަމެއްގެ ގޮތުގައި ބަލައިގަންނަން ދަސްކުރާށެވެ. އެއީ ކޮންމެ ޕާޓީއަކުން ކަމުގައިވިޔަސް މެއެވެ. އަދި ހަމަ އެފަދައިން ގޯސްކަމެއް ކޮށްފިއްޔާވެސް އެއީ ގޯސްކަމެއް ކަމުގައި ބުނަން ހިތްވަރު ލިބިގަންނާށެވެ.

މިއަދު އަޅުގަނޑުމެންގެ ތެރޭގައި ސީޔާސީ ވެގެން ގޮސް އެެެއެއް މިއެއް ވަކިނުވާ ބައިވަރު މީހުން އެބައުޅެއެވެ. ތިމާ އުޅޭ ނުވަތަ ތިމާ ތާއީދު ކުރާޕާޓީން ނުވަތަ އެޕާޓީއަށް ނިސްބަތްވާ މީހަކު ކޮށްފިއްޔާ ކިތަންމެ ބޮޑު ނުބައިކަމެއްވެސް އެއީ ނުބައިކަމަކަށް ނުވެއެވެ. އަދި އިދިކޮޅު ޕާޓީގެ މީހަކު ނުވަތަ އެޕާޓީއަށް ނިސްބަތްވާ މީހަކު ކިތަންމެ ރަގަޅު ކަމެއްކުރިއަސް އެއީ ރަގަޅުކަމަކަށެއްވެސް ނުވެއެވެ.

މިދޭތެރޭން ދިމާވީ ހާދިސާއެކެވެ. **** ސްކޫލްގެ ވޭތުވެދިޔަ ދެ އަހަރުގެ އިނާމް ދިނުުމުގެ ޖަލްސާއަށް ވަޑައިގެންދެއްވުމަށް އެސްކޫލުގެ ފަރާތުން ދައުވަތުދިނީ ވިލާފައުންޑޭޝަންގެ ބޭފުޅަކަށެވެ. ނުވަތަ އެ ފައުންޑޭޝަންގެ ޗެއަރމަން އަށެވެ. އެއީ ފަހަރެއްގައިވެސް ސިޔާސީ ކެމްޕޭނެއް ގައި ވަޑައިގެން ދެއްވާ ޕާޓީއަށް މެމްބަރުން އިތުރު ކުރުމުގެ ޕްރޮގްރާމެއްހިންގުމުގެ ގަސްތަކުއެއްނޫނެވެ.

ކޮންމެއަކަސް ޗެއަރމަން އެރަށަށް ވަޑައިގެން ފިއެވެ. ރޭގަނޑު ޖަލްސާ އޮންނާތީ ވަޑައިގެންނެވީ ރޭވެސް ކުރާގޮތަށެވެ. ރާއްޖޭގައި މިވަގުތު ހުރި އެންމެ މުއްސަނދި މަހުޖަނު ކަމުން ކައިރީގައި އުޅުއްވާ ބޭފުޅުންވެސް ފުދޭވަރަކަށް ގިނައެވެ. އެންމެ ބޮޑުބައިގެ ދެ ލޯންޗްގައި މީހުންނަށް ކިރިޔާ އާދެވުނީއެވެ.

ރަށުތެރެ މުޅިން ހަލަބޮލި ވެއްޖެއެވެ. ރަށްޒީނަތްތެރި ކުރަން އުޅޭމީހުންނާއި، އިދިކޮޅު ޕާޓީއަށް ނިސްބަތްވާ މީހުންނާ ދެމެދު ބަހުގެ ހަމަލާތައް ރައްދުކުރަން ފަށައިފިއެވެ. ކުދި ޅަދަރިންނާއި، އެއްބަނޑު ތިމާގެ މީހުންގެ ހާޒިރުގައި ކިޔަން ލަނދުގަންނަ ބަހުރުވައިން އެއްބަޔަކު އަނެއްބަޔަކާ މުޚާޠަބު ކުރެވެން ފަށައިފިއެވެ.

އެއްބަޔަކު ބާޣީ އޭ ގޮވާއިރު އަނެއްބަކު ބުދުބެހެއްޓިވާހަކައާއި، ޢަބުދުﷲ ޣާޒީ ހައްޔަރު ކުރިވާހަކައާއި، ސްޕްރީމް ކޯޓްގައި ތަޅުއެޅުވިވާހަކައާއި، މީހުން އުޅޭ ރަށްރަށުގައި ބަނގުރާޢާއްމުކުރަން އުޅުނުވާހަކައާއި، ޖީއެމްއާރަށް އެއަރޕޯޓް ވިއްކާލިވާހަކައާއި، މިހެން ގޮސް ނިމިޔަދިޔަ ސަރުކާރުން ކޮށްފައިވާ ޤާނޫނާ ޚިލާފު އެތައް ބައިވަރު ކަންކަމުގެ ވާހަކަތައް ގޮވަން ފަށައިފިއެވެ.

އިރުއޮއްސުނުއިރު މަނަދޫގައި ތިބޭ ފުލުހުންނާއި، ވެލިދޫގައި ތިބޭ ފުލުހުންނާއި، އުގޫފާރުގައި ތިބޭ ފުލުހުން އެކުވެގެން ބޮޑުފައުޖެއް ރަށުތެރޭގައި ހަރަކާތްތެރިވާން ފަށައިފިއެވެ. ފުލުހުންގެ މަސައްކަތަށް ނުވަތަ ވާޖިބަށް ހުރަސްއަޅާ މީހުންމަދުމަދުން ނަމަވެސްހައްޔަރު ކުރަން ފަށައިފިއެވެ. ބައެއްމީހުންނަށް ހިސާބަކަށް އަނިޔާވެސް ވެއެވެ. އަނެއްބައިމީހުން ސުލުހަވެރިކަމާއެކު ދެއެވެ.

ޖަލްސާ ފައްޓައިފިއެވެ. ޤުރުއާންގެ ބަރަކާތުން ފެށި ޖަލްސާގައި ބޮޑަށް އަޑުއިވިގެން ދިޔައީ ޤުރުއާންގެ އަޑެއްނޫނެވެ. ކައިރީގައި ޖެހިގެން ހުރި ޖަގަހައިން ޖެއްސުން ކުރުމުގެ ގޮތުން ޖަހަމުންދިޔަ ބާރު ލަވައިގެ އަޑެވެ. ދެން އުކަން ފެށީގަލެވެ. ފުރާޅުމައްޗަށް ގާއުކައިގެން އެވަރުން ނުފުދިގެން ކުޑަދޮރުގެ ބިއްލޫރިގަނޑެއްވެސް ތަޅާލިއެވެ. ޗެއަރމަންގެ ލޯންޗްކޮޅަށް ކަޅުތެޔޮވެސް ޖެހީއެވެ.

ޗެއަރމަން ޖަލްސާ ނިންމާލެއްމަށްފަހު ވިދާޅުވިކަމަށް އެރަށުގެ މީހަކުބުނީ ” މިވަރުގެ ނާތަހުޒީބު ރަށަކަށް އަދި ނާދެވޭ ” މިހެންނެވެ.

އެކަމަކުވެސް ޗެއަރމަން ފުރާވަޑައިގަތީ ސްކޫލަށް އަގުބޮޑެތި އެއްޗެތި ތަކެއް ހަދިޔާކުރައްވާފައެވެ. ސްކޫލަށް ޗެއަރމަން ހަދިޔާކުރެއްވި ތަކެތީގެ އަގު  8 ލައްކަރުފިޔާއަށްވުރެ މައްޗަށް އަރާނެކަމަށް އެކަން ދެނެތިބި މީހުން ބުނެއެވެ. އޭގެ ތެރޭގައި ކޮމްޕިއުޓަރާއި، މަލްޓިމީޑިއާާއި، ސްމާޓް ބޯޑުފަދަ ތަކެތި ހިމެނޭކަމަށް އެފަރާތްތަކުން ބުނެއެއެވެ.

މިއީ މިއަދު އަޅުގަނޑުމެންގެ ތެރޭގައި ކަންތައްހުރި މިންވަރެވެ. އަމިއްލަ ރަށެވެ. އަމިއްލަ ދަރިން ކިޔަވަންދާ ސްކޫލެވެ. އަދި ތިމާވެސް އެތަނަކުން ކިޔެވި އެތަނަކަށް ދަރަނިވެރިވެފައިވާ މަދަރުސާއެވެ. ސިޔާސީ ވެގެންގޮސް ހަމައެއް ލަމައެއް ވަކިނުވީއެވެ. އެންމެ ބޮޑަށް ތަރައްޤީވެ ތަހްޒީބު ވެފައިވަނީ އަތޮޅުން ތިމަންނާމެންނޭ ބުނެ އެކަމަށް ދައުވާކުރަމުން އައި ރަށުގެ ރައްޔިތުންގެ އަގު އެންމެންގެ ކުރިމަތީގައި ވެއްޓުނީއެވެ. ކިހާދެރަހެއްޔެވެ.

އާދެ! ފައިދާއެއް ނެތް ސިޔާސީ ކަންކަމުގައި ދުނިޔޭން މޮޔަނުވާށެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

އެސެމްބްލީގައި ކުރެވިދާނެ ދުޢާއެއް (2)

الْحَمْدُ لِلَّهِ حَمْدًا كَثِيْرًا طَيِّبًا مُّبَارَكًا فِيْهِ , އަޅަމެންހައްދަވާ ގެންގުޅުއްވާ އިލާހު، އަޅަމެންގެ މާތްނަބިއްޔާ މުޙަންމަދު ރަސޫލުﷲ …

ޚިޔާލެއްދެއްވާ

avatar
މީނިވަން ހިޔާލް
މީނިވަން ހިޔާލް

ފުރަތަމަ ބަލަންވީ ތިގެނައި ޗެއަރމަނަކީ ކިހާތަހުޒީބު މީހެއްތޯ،ތިކަން ހިނގިރަށް(ހޮޅުދޫ) ގެ ވާހަކަވެސް ޖެހިނަމަ ލިޔުން އިތުރށް ފުރިހަމަވިސް.ބަލަގަ ލިޔުންތެރިޔާ އަށްވެސް ފެންނާނީ ހަމައެކަނި އިށްތިހާދު ނޫނީ އަދާލަތު ޕާޓީން ކުރާ ކަންތަށް އެކަނި…..އެމީހުން ރަށްޔިތުން މަގުފުރަށްދާ ވާހަކަ ނުޖަހާތީ ސުވާލު އުފެދޭ

wpDiscuz