ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި އެމްޑީޕީއަށް އެއްބަސް ވެވޭ ކަންކަމުގައި ވެސް އެޕާޓީން ދަނީ ގަސްތުގައި ހިލާފްވަމުން- މެމްބަރު ރިޔާޒް

ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި އެމްޑީޕީން އަށް އެއްބަސް ވެވޭ ކަންކަމުގައި ވެސް އެޕާޓީން ދަނީ ގަސްތުގައި ހިލާފްވަމުންކަމަށް ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެއެވެ.

ރޭ ދިޓީވީ ހަބަރުތެރެއިން ޕްރޮގްރާމުގައި ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން ރިޔާޒް ވިދާޅުވީ ސުލްހައިގެ ވާހަކަތަކުގައި އެއްބަސްވެވޭ ކަންކަމަށް އެމްޑީޕީން ފާޅުގައި ދެކޮޅު ހަދާކަމަށެވެ. އަދި މިހާރު އެމްޑީޕީގެ އިސްސަފުގައި ތިއްބެވި ބެފުޅުންނާއި އެކު ސުލްހަވެރިކަމާއި އެކީ އެއްވެސް ކަމެއް ކުރިއަށް ގެންދިއުމަކީ ދަތިކަމެއްކަމަށް  ރިޔާޒް ވިދާޅުވިއެވެ.

ރޭގެ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު ފުވާދު ގާސިމް ވިދާޅުވީ  ހޮނިހިރުދުވަހުގެ ރޭ ސިޔާސީ ޕާޓީތަކުގެ މަޝްވަރާ ފެށުމުގައި އެމްޑީޕީން އުޒުރެއްކަމުގައި ދެއްކި ކުދި ޕާޓީތައް މަޝްވަރާގައި ބައިވެރި ނުކުރުން އެއީ ތާކުންތާކު ޖެހޭކަމެއް ނޫންކަމަށެވެ. އަދި މިހާރު މި މަޝްވަރާތައް އޮތްގޮތުން އެމްޑީޕީގެ ނިޔަތް މަޝަވަރާތަކުގައި ރަގަޅު ނޫންކަމަށާއި އެހެންކަމުން މި ގޮތައް މަޝްވަރާ ކުރިއަށް ގެންގޮސްގެން މިކަމުން އެދެވޭ ނަތީޖާއެއް ނެރެވިދާނެކަމާއި މެދު ސުވާލު އުފެދޭ ކަމަށް ފުވާދު ވިދާޅުވިއެވެ.

ރައީސް ޑރ. ވަހީދު އެކުލަވާލާފައިވާ މަގުޗާޓަށް މަޝްވަރާ ކުރުމުގެ ގޮތުންނާއި އަދި އެމްޑީޕީން ގޮވާލަމުން ގެންދާ އަވަސް އިންތިހާބަކަށް ފުރުސަތު އޮތްތޯ ބެލުމަށް ހުރިހާ ސިޔާސީ ޕާޓީތަކުގެ މެދުގައި ކުރެވެމުންދާ މަޝްވަރާތައް ހުއްޓުމަކަށް އައިސްފައި އޮތުމަށްފަހު ހޮނިހިރު ދުވަހުގެ ރޭ ބާއްވަން އުޅުނު ބައްދަލުވުން ވެސް ވަނީ ކުރިއަށްގެންދެވޭ ގޮތް ނުވެފައެވެ.

 

ލިޔުނީ: އިރުފާނު ( އިރޭ )

އިރުފާނަކީ އެކިދާއިރާގެ ޚަބަރު ހޫނުކޮށް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ނުޖެހި ހިވާގިކަމާއެކު ކެރިގެން މަސައްކަތްކުރައްވާ ކުރިއަރަމުން އަންނަ ނޫސް ރިޕޯރޓަރެކެވެ.

ޚިޔާލެއްދެއްވާ

avatar
wpDiscuz