ސިޔާސީ ބޭފުޅުން އޮފީހަށް ހާޒިރުނުވާ ދުވަސްތަކަށް މުސާރަ ނުހިނގާ ގޮތަށް ހަމަޖައްސަވައިފި

ސިޔާސީ މުވައްޒަފުން ސަލާމް ބުނުމުގައާއި ޗުއްޓީ ނެންގެވުމުގައި ވަކި އުސޫލުތަކެއް ކަނޑައަޅުއްވައި، އެއުސޫލުތަކާއި ޚިލާފަށް މަސައްކަތަށް ހާޒިރުނުވާ ދުވަސްތަކަށް މުސާރަ ނުލިބޭ ގޮތަށް ސިޔާސީ މުވައްޒަފުންގެ ވަޒީފާގެ ސުލޫކީ އުސޫލުތައް ރައީސް ޑރ. ވަހީދު ކަނޑައަޅުއްވައި، މިއަދުން ފެށިގެން އެއުސޫލުތަކަށް އަމަލުކުރައްވަން ފަށައިފިއެވެ.

ގާނޫނު އަސާސީގެ ސަތޭކަ ފަނަރަ ވަނަ މާއްދާގެ ޅަވިޔަނީގެ ދަށުން ވަޒީރުން ފިޔަވައި ސިޔާސީ މުވައްޒަފުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ބޭފުޅުން އަމަލުކުރައްވަންޖެހޭ ގޮތަށް މިއަދު އަމަލުކުރަން ފެށި މިއުސޫލުގެ ދަށުން ސިޔާސީ މުވައްޒަފުންގެ ގޮތުގައި ބެލުމަށް ހަމަޖައްސާފައިވަނީ ރައީސުލްޖުމުހުރިއްޔާ ނުވަތަ ކެބިނެޓް ސެކްރެޓަރީ ސޮއިކުރައްވާ ލިޔުމަކުން ވަޒީފާ ހަމަޖައްސަވާ ފަރާތްތައް ކަމަށް ރައީސް އޮފީހުން ބުނެއެވެ. ސިޔާސީ މުވައްޒަފުން އަމަލުކުރަންޖެހޭ އުސޫލުތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމަނާފައިވަނީ މުވައްޒަފުންގެ ގައިގައި ހުންނަންޖެހޭ އަސާސީ ސިފަތަކާއި، ސިޔާސީ މުވައްޒަފުންގެ ސުލޫކީ މިންގަނޑާއި، ސިއްރު ހިފެހެއްޓުމާއި، ބާރާއި އިޚްތިޔާރު ބޭނުންކުރުމާއި، ހާޒިރީގެ ކަންތައް ހަމަޖެހިފައިވާ ގޮތާއި، ޗުއްޓީއާއި، ދަތުރުތައް ކުރެވޭނެ ގޮތާއި މަސައްކަތުގައި އުޅޭ އިރު ހެދުން އަޅަންވީގޮތާއި، އިސްތިއުފާ ދިނުމާއި މަގާމުން ވަކިކުރުމާއި ގުޅޭ ބައިތަކެވެ.

ވަޒީރުން ފިޔަވައި ސިޔާސީ މުވައްޒަފުންގެ ގޮތުގައި ރައީސުލްޖުމުހުރިއްޔާ އައްޔަންކުރައްވާ މުވައްޒަފުންގެ ގައިގައިހުންނަންޖެހޭ އަސާސީ ސިފައެއްކަމަށް ބުނެފައިވަނީ މުވައްޒަފުންގެ އާންމު ދިރިއުޅުމުގައްޔާއި، ސިޔާސީ މައިދާނުގައި ހަރަކާތްތެރިވުމުގައްޔާއި، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އެންމެ މަތީ ދަރަޖައަކަށް ސުލޫކީ މިންގަނޑު ހިފެހެއްޓުމާއި، ސަރުކާރުގެ ސިޔާސަތު ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އިޚްލާސްތެރިކަމާއެކު ގާނޫނު އަސާސީއާއި، ގާނޫނުތަކާއި ގަވާއިދުތަކާއި އެއްގޮތަށް ތަންފީޒް ކުރުމަށް މަސައްކަތް ކުރުމެވެ.

އަދި ސިޔާސީ މުވައްޒަފުންގެ ސުލޫކީ މިންގަނޑުގައިވާ ގޮތުން މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ރައީސަށާއި، ރައީސުލްޖުމުހުރިއްޔާގެ ނައިބަށާއި، މުވައްޒަފުން ވަޒީފާ އަދާކުރާ ދާއިރާގެ ވަޒީރަށް ނުވަތަ އޮފީހުގެ އިސްވެރިޔާއަށް ފުރިހަމައަށް ޖަވާބުދާރީ ވުމާއި ދައުލަތާއި، ރައްޔިތުންގެ މަސްލަހަތަށް އަބަދުވެސް އިސްކަންދިނުންވެސް މިއަދު އަމަލުކުރަން ފެށި އުސޫލުގައި ހިމަނާފައިވެއެވެ.

މީގެއިތުރުން ސަރުކާރުން ނިންމާ ނިންމުންތައް ބަލައިގަނެ، އެނިންމުންތަކަށް ހުރުމަތްތެރިކޮށް ހިތާ ސަރުކާރުގެ ސިޔާސަތުތަކާއި ތަފާތު ވިސްނުމެއް ނުވަތަ މުވައްޒަފުންގެ މަސްއޫލިއްޔަތާއި ފުށުއަރާ ކަމަކަށް މަގުފަހިވެދާނެ އުސޫލުތަކެއް ނުގެންގުޅުމާއި އެއްވެސް މީހެއްގެ އަބުރަށް ނުވަތަ އިއްޒަތަށް އުނިކަމެއް ލިބޭނެ ފަދަ އެއްވެސް އަމަލެއް ނުކުރުމަށްވެސް މި އުސޫލުތަކުގައި ހިމަނާފައިވެއެވެ. އަދި މަގާމުގެ ނުފޫޒް ބޭނުންކޮށްގެން އަމިއްލަ މަންފާއެއް ހާސިލްކުރުމަށް ނުވަތަ އެހެން ފަރާތަކަށް މަންފާއެއް ހާސިލްކޮށްދިނުމަށް މަސައްްކަތް ނުކުރުމަށާއި ސަރުކާރުގެ އެއްވެސް މުދަލެއް ފައިސާއެއް ނުވަތަ ވަސީލަތެއްވެސް ނަހަމަގޮތުގައި ބޭނުން ނުކުރުމަށްވެސް މި މިންގަނޑުގައި ހިމަނާފައިވެއެވެ.

މީގެއިތުރުން ސިޔާސީ މުވައްޒަފުން އޮފީހަށް އަންނަންޖެހޭ ގަޑިތަކާއި، ޗުއްޓީ ލިބޭނެގޮތްވެސް މި އުސޫލުގައި ކަނޑައަޅާފައިވެއެވެ. ރައީސް ޑރ. ވަހީދުގެ ސަރުކާރުން އެކުލަވާލަފައިވާ މި މިންގަނޑަކީ ފުރަތަމަ ފަހަރަށް ރާއްޖޭގެ ސަރުކާރަކުން ސިޔާސީ މަގާމްތަކުގައި ތިއްބަވާ ބޭފުޅުން އަމަލުކުރެއްވުމަށް އެކުލަވާލި މިންގަނޑުކަން ފާހަގަކޮށްލެވެއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ޓީމު ލަންދޫގެ ހެޑް ކޯޗް އަހުމަދު އިރުފާން ލަންދޫ އަށް ވަޑައިގަންފި

ޓީމު ލަންދޫގެ ހެޑް ކޯޗް އަލްފާޟިލް އަހުމަދު އިރުފާން މިއަދު ލަންދޫ އަށް ވަޑައިގަންފިއެވެ. ކޯޗް އިރުފާނަށް ލަންދޫއިން ވަނީ …

ޚިޔާލެއްދެއްވާ

avatar
wpDiscuz