ގްރޫޕް ތަކުގެ އުދަގޫ ބޮޑުވާންފަށައިފި

ލަންދޫގައި މިދުވަސްކޮޅު ގްރޫޕް ހަދައިގެން އުޅުމަކީ އާއްމުކަމަކަށް ވާންފަށައިފިއެވެ. މިގޮތުން މިދުވަސްކޮޅު ދެތިން ހަތަރު ގްރޫޕެއް ލަންދޫތެރޭގައި އުޅޭކަމަށްވެއެވެ.

މިގްރޫޕްގައި އުޅޭ ކުދިންގެ ތެރޭގައި ގިނައިން ހިމެނެނީ ކޮންމެވެސް ސަބަބުތަކަކާއި ހެދި ކިޔެވުމުން މަހުރޫމްވެފައިވާ ކުދިންނާއި މާލޭގެ ގްރޫޕްތަކުގައި އުޅުމަށްފަހު ލަންދޫއަށް އައިސްގެން އުޅޭކުދިންނެވެ. މިއަދު މިކުދިންގެ ސަބަބުން ލަންދޫގެ ޢާއްމުރައްޔިތު އެތައް ބަޔަކަށް އަންނަނީ ތަފާތު އުދަގޫތައް ފޯރަމުން ކަމުގައި ލަންދޫގެ އާއްމުގިނަބޔަކު ބުނަމުން ގެންދެއެވެ.

” މިއަދު އުޅެންޖެހިފައި މިވަނީ ވަރަށްބޮޑު ބިރުވެރިކަމެއްގެ ތެރޭގައި ، ދެނަމާދު ދޭތެރެވަގުތު ގޭގައި ދަރިފުޅަށް ޤުރުވާން ކިޔަވާލެވެން ނޯވޭ ” ގްރޫޕްތަކުގެ އުދަގުލާއި ކުރިމަތިލާން ޖެހިފައިވާ ދެ ކުދިންގެ މަންމައަކު ބުނެލިއެވެ. ” ރޭ 1:30 ގައި ސިއްސައިގެން ގޮސް ހޭލެވުނީ ގޭދޮށުގައި ބަޔަކު ހަޅޭލަވާ އަޑަށް ބޭރަށް ނިކުތްއިރު 4 ކުދިންގެ ގްރޫޕެއް މަގުމަތީގައި ތިބެ މަޖަލަށް ތަޅާފޮޅާ ހަޅޭލަވަނީ ” ދެބައި އުމުރަށްދާ 4 ކުދިންގެ މަންމައަކު ދެރަވެހުރެ ބުނެލިއެވެ.

މިއީ މިހާތަނަށް ވަރަށް އަމާން އޮމާންކަމާއިއެކު ރޭދުވާ ހޭދަކުރަމުންއައި ދެ އަންހެނެއްގެ ވާހަކައެކެވެ. ހަމަ ޙަޤީގަތުގައިވެސް މިއަދު މިވަނީ ގްރޫޕްތަކުގެ އުދަގޫ ލަންދޫ ރައްޔިތުންނަށް ވަރަށްބޮޑަށް ކުރަން ފަށާފައެވެ. މަގުމަތީގައި ހުންނަ ހޮޅިބުރިތައް ނިއްވާލުމާއި ހަޅޭލަވަމުން ގޭގޭގެ ވަލުމަގުތަކުގައި ދުވުމާއި، ގޭގޭގައި ހުންނަތަކެއްޗަށް ގެންލުން ދިނުމުގެ އިތުރުން ވައްކަށް ކުރުމުގެ ކަންތައްތައްވެސް މިއަދު މިވަނީ ޢާއްމުވާން ފަށާފައެވެ.

މިކަމަކީ މިއަދުން މިއަދަށް ފިޔަވަޅު ނޭޅިއްޖެނަމަ އާޚިރުގައި މިއަށްވުރެމާ ހިތާމަވެރި ކަންތައްތަކެއް ފެންމަތިވެގެން ހިނގައިދާނެފަދަ ކަމަކަށްވާތީ އެންމެންގުޅިގެން މިކަމަށް ހައްލެއްފެނޭތޯ ބެލުން ވަރަށް މުހިއްމުކަމުގައި ދެކެމެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

ޚިޔާލެއްދެއްވާ

avatar
އިންޤިލާބު
އިންޤިލާބު

ލަންދޫގައި މުޑުވައް ކޮށްގެން ގެންދަނީ މާލެއަށް ނާސަރީއަށް އެތަނުން ޓްރެއިން ދީފައި ދެން އަނބުރާ މިފޮނުވާލަނީ ރަށަށް. ޕްރެކްޓިކަލް ޖައްސަން. ތި ގުރޫޕްތަކުގައި ހަމަ ގިނަވާނީ އެއް އާއިލާއަކަށް ނިސްބަތްވާ ކުދިން. އެންމެ ފަހުން އައިސް ގުޅިފަ އިންނާނީ ހަމަ … އާ.

wpDiscuz