ލެޕްޓޮޕްތައް ފުލުހުންނާ ޙަވާލުކޮށްފި.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ނެކްސް ބިޒްގެ ލެޕްޓޮޕްތައް ފުލުހުންނާ ހަވާލުކޮށްފިއެވެ.

 ފުލުހުންގެ އޮފިޝަލަކު ދިޓީވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ނެކްސްބިޒުން ރިޝްވަތުގެ ގޮތުގައި ދީފައިވާ ކަމަށް ތުހުމަތުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ލެޕްޓޮޕްތައް ފޮރެންސިކް ތަހުގީގުކުރުމަށްޓަކައި ފުލުހުންގެ ފޮރެންސިކް ޑިޕާޓްމަންޓާ ހަވާލުކޮށްފައިވާ ކަމަށާއި އެހެންނަމަވެސް އެކަމާ ގުޅޭ އިތުރު މައުލޫމާތެއް މިވަގުތު ދެވެން ނެތްކަމަށެވެ.

 މިކަމާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނުން ނެރެފައިވާ ނޫސް ބަޔާނެއްގައި ވަނީ ނެކްސްބިޒުން އިމިގްރޭޝަނަށް ދިން ލެޕްޓޮޕްތައް ހޯދައި މައްސަލަ ކުރިއަށް ގެންދިޔަ ތަހުގީގު ޓީމަށް ފުލުހުންގެ ފަރާތުން އެއްބާރުލުން ލިބިފައިވާތީ އެކަމަށް ޝުކުރު އަދާ ކުރާ ކަމަށާއި އޭސީސީގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ލެޕްޓޮޕްތައް ފޮރެންސިކް ތަހުގީގުކުރުމަށްޓަކައި ފުލުހުންގެ ފޮރެންސިކް ޑިޕާޓްމަންޓާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ފުލުހުންގެ އެހީތެރިކަމަކީ ރާއްޖެއިން ކޮރަޕްޝަން ނައްތާލުމަށް އެ މުއައްސަސާ އިން ވެސް އަތުކުރިއޮޅާލާފައިވާ ކަމުގެ ހެއްކެއް ކަމަށް ވެސް އޭސީސީން ބުނެފައިވެއެވެ.

 ކޮރަޕްޝަނަށް މަގުފަހިވާފަދަ ކަންތައްތަކެއް ހިނގާފައިވާތީ ކުރިއަށް ނުގެންދިއުމަށް އޭސީސީން އަންގާފައިވާ ބޯޑަރ ކޮންޓްރޯލް ނިޒާމުގެ ޕްރޮޖެކްޓްގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމިފައިވާނަމަ އެއީ ވަރަށް ދެރަކޮށް ނިންމާފައިވާ ކަމެއްކަމުގައި އޭސީސީން ވަނީ ބުނެފައެވެ.

ފަންސަވީސް އަހަރު ވަންދެން ރާއްޖެ އެތެރެވާ ކޮންމެ ބިދޭސީއެއްގެ އަތުން ދެ އެމެރިކާ ޑޮލަރު ނެކްސް ބިޒް ކުންފުންޏަށް ލިބޭ ގޮތަށް ފަރުމާކޮށްފައިވާ މިޕްރޮޖެކްޓްގެ މަސައްކަތް ހަވާލުކުރުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިމެނޭ ކަމަށް ބުނެ މަޝްރޫއުގެ މަސައްކަތް ހުއްޓާލަން އޭސީސީން އެންގީ މިދިޔަ އަހަރުގެ ޖެނުއަރީމަހުގެ ތެރޭގައެވެ. ރައްޔިތުންގެ ފައިސާއިން ފައްސަތޭކަ މިލިޔަން ރުފިޔާ ހޭދަކޮށްގެން ހިންގަން ނިންމި މިމަޝްރޫޢުގެ މަސައްކަތް ނެކްސް ބިޒާއި ހަވާލުކޮށްފައިވަނީވެސް އިލިޔާސް ކޮންޓްރޯލަރއެއްގެ މަގާމުގައި ހުންނަވައިގެންކަން ފާހަގަ ކުރެވެއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ޚިޔާލެއްދެއްވާ

avatar
wpDiscuz