ލަންދޫގެ ބައެއްމީހުން ދަރު އުނދުނާއި ދިމާލަށް

ޒަމާން ތަރައްޤީވެ ، މީހުންގެ ދިރިއުޅުން ބަދަލްވެ ، އެއްޗެތީގެ އަގު އަތްނުފޯރާ ފަށަށް އެރުމާއި ގުޅިގެން ލަންދޫގެ ރައްޔިތުންގެ ތެރެއިން  ގޭސްބޭނުންކޮށްގެން ކައްކަމުންދިޔަ ބައެއް މީހުން މިއަދު އެބުރި ދަރު އުނދުން ބޭނުންކުރަންފަށައިފިއެވެ.

ދަރު އުނދުނުން ކައްކަމުން އަންނަ ފަރާތްތަކުން މަޢުލޫމާތު ދެއްވާ ގޮތުގައި އެފަރާތްތަކުން ދަރު އުނދުނުގައި ކައްކަނީ ވަކި ކަހަލަ ބާވަތްތަކެވެ. މިފަދަ ތަކެތީގެ ތެރޭގައި ހިމެނެމެނީ ގަރުދިޔައާއި ، ބަތާއި އަދި ތެލުލުމަށް ބޭނުންކުރާ ބައެއް ތަކެއްޗެވެ.

ލަންދޫ ރައްޔިތުންގެ ތެރެއިން ބައެއްމީހުން އާއްމު ދިރިއުޅުމުގައި ކޮންމެދުވަހަކު ކައްކައްޖެހޭ ބައެއްތަކެތި ދަރު އުނދުނުން ކެއްކުމަށް މިއަދު ބަދަލްކުރަމުންދާއިރު މިއަދާއިޖެހެންދެންވެސް ބަބުކިޔޮ ތެލުލުން ، މަސްކެއްކުން ކުޅި ކާޖާހެދުން އަދި ހަވާދު ދެވުންފަދަ ކެއްކުންތަކުގައި ބޭނުންކުރަމުން އައީވެސް ދަރު އުނދުނެވެ.

ލަންދޫގެ ބައެއް ރައްޔިތުން ދަރު އުނދުނަށް ކެއްކުން ބަދަލްކޮށްފައިވާއިރު އެމީހުން ބޭނުންކުރާ އުނދުންވެސް މިއަދު މިވަނީ ބަދަލްވެފައެވެ. އިހުޒަމާނުގައި ބަދިގެ އަޅައި ، އެބަދިގޭގެ ތެރޭގައި އަޅިން އުނދުންޖަހައިގެން ކެއްކިނަަވެސް މިއަދު ދަރުން ކެއްކުމަށް ބޭނުންކުރަނީ އެއްތަނުން އަނެއްތަނަށް އުފުލާ ގެންގުޅެވޭފަދަ އުނދުންތަކެވެ. މިއަދު ދަރުން ކެއްކުމަށް ތައްޔާރުކޮށްފައިވާ އުނދުންތަކަކީ ތާގީއެއް ނުވަތަ ޑަބިޔަލެއް ނޫނީ ގޭސްފުޅިއެއް ފަދަ އެއްޗެއް ބުރިކޮށްލައިގެން ތައްޔާރުކޮށްފައިވާ އުނދުންތަކެވެ.

ލަންދޫގައި ދަރު އުނދުން ބޭނުންކޮށްގެން ކައްކަށް ފަށާފައިވާ އަންހެނަކު މަޢުލޫމާތު ދެއްވިގޮތުގައި ދަރުން ކައްކަން ފެށުމާއި ގުޅިގެން މީގެކުރިން ކެއްކުމަށް ކުރި ޚަރަދުން ބޮޑުބައެއްވަނީ ސަލާމަތް ކުރެވިފައެވެ.

ލަންދޫއަކީ މާސިންގާ ބޮޑު ރަށެއްކަމުން ރަށުގެ އާއްމުދިރިއުޅުމުގައި ބޭނުންކުރާވަރަށް މިއަދުވެސް ދަރުލިބެމުން އަންނަކަމަށް ދަރު އުނދުނުގައި ކައްކަމުން ގެންދާ ފަރާތްތަކުން މަޢުލޫމާތު ދެއެއެވެ.

ކުރިއަށް އޮތީ ބަބުކިޔޮ މޫސުން ކަމުން ބަބުކިޔޮ ތެލުލުމަށް ޓަކައި ލަންދޫގެ ގިނަބަޔަކު މިހާރު އަންނަނީ ވަލަށްވަދެ ދަރުހޮވުމުގެ މަސައްކަތް ކުރަމުންނެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

ޚިޔާލެއްދެއްވާ

avatar
wpDiscuz