ތިމާގެ އަޚާއަށް ޖެއްސުން ކުރަން ހެޔޮނުވާނެއެވެ.

އިސްލާމްދީނުގައި އެކަކު އަނެކަކަށް ހެޔޮހިތުމަށާއި، އެކަކަށް ލިބޭ ހިތާމައެއްގައި އަނެކަކު ބައިވެރިވެ ހަމްދަރުދީ ފާޅުކޮށް އުޅުމަށް ވަނީ އަންގަވާފައެވެ. އަދި ޚާއްޞަކޮށް ތިމާގެ އާއިލާގެ މީހުންނާއި، ގާތްތިމާގެ މީހުންނާއި، ކައިރި އަވަށްޓެރިންނަށް ހެޔޮކޮށް ހިތުމަކީ ނުހަނު ބޮޑު ސަވާބާއި ދަރުމަ ލިބޭކަމެކެވެ. އަދި ހަމަ އެހެންމެ އެފަދަމީހުންނަށް ޖެއްސުންކޮށް ފުރައްސާރަކޮށް އެކި ޒާތްޒާތުގެ އުދަނގޫކުރުމަކީ ނުހަނު ބޮޑު އަޒާބު ޤިޔާމަތް ދުވަހުން ކަނޑައެޅިގެންވާ ކަމެކެވެ.

އަވަށްޓެރިޔާ އަށް ހެޔޮކޮށް ހިތުމަށް ކީރިތި ގުރްއާނުގައި މާތްﷲ ވަނީ ވަޞިއްޔަތް ކުރައްވާފައެވެ. ނިސާ ސޫރަތުގެ 36 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވާފައި ވެއެވެ. (وَاعْبُدُوا اللَّـهَ وَلَا تُشْرِ‌كُوا بِهِ شَيْئًا ۖ وَبِالْوَالِدَيْنِ إِحْسَانًا وَبِذِي الْقُرْ‌بَىٰ وَالْيَتَامَىٰ وَالْمَسَاكِينِ وَالْجَارِ‌ ذِي الْقُرْ‌بَىٰ وَالْجَارِ‌ الْجُنُبِ وَالصَّاحِبِ بِالْجَنبِ وَابْنِ السَّبِيلِ وَمَا مَلَكَتْ أَيْمَانُكُمْ ۗ إِنَّ اللَّـهَ لَا يُحِبُّ مَن كَانَ مُخْتَالًا فَخُورً‌ا) މާނައަކީ: ” ތިޔަބައިމީހުން، اللَّه އަށް އަޅުކަންކުރާށެވެ! އަދި، އެކަލާނގެއަށް އެއްވެސް އެއްޗެއް شريك ނުކުރާހުށިކަމެވެ! އަދި، މައިންބަފައިންނަށާއި، ގާތްތިމާގެ މީހުންނަށާއި، يتيم ންނަށާއި، مسكين ންނަށާއި، ގާތް އަވަށްޓެރިޔާއަށާއި، ދުރު އަވަށްޓެރިޔާއަށާއި، ކައިރި އެކުވެރިޔާއަށާއި، ދަތުރުވެރިޔާއަށާއި، ތިޔަބައިމީހުންނަށް މިލްކުވެގެންވާ އަޅުންނަށް ހެޔޮކޮށް ހިތާށެވެ! ހަމަކަށަވަރުން، ތިމާގެމޮޅުކަން ތިމާޔަށްފެނި، ބޮޑާވެގެންއުޅޭ މީހަކުކަމުގައި ވެއްޖެ މީހަކުދެކެ، اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ.”

ކަންމިހެން ހުރިނަމަވެސް މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢުތަކުން މިފެންނަނީ ތިމާފިޔަވާ އަނެއް އަޚާއާއިމެދު އިހާނެތި ކޮށް ލެވޭތަނެވެ. ކައިރިއަވަށްޓެރިމީހާއަކީ އެންމެ ބޮޑު ދުޝްމަން ކަމުގައި ހަދާތަނެވެ. ތިމާއާއި، އަބަދާ އަބަދު ދެބަސްވެ އަރައިރުންވެ އެކިފާޑުފާޑު ޖެއްސުންތައް ކުރާތަނެވެ. ތިމާމެންނަކީ ހަށިގަނޑުގައި ވަރުހުރި ޒުވާނުންނަށް ވީތީ އެބާރުދައްކައިގެން ތިމާގެ އަޚާއަށްބިރުދައްކާ މަންޒަރެވެ. އެއީ ސިއްރާއި، ފާޅުގައިވެސްމެއެވެ.

އަޅުގަނޑުމެން އެންމެންވެސް ޤަބޫލުކުރަން ޖެހޭ ޙަޤީޤަތަކީ އަޅުގަނޑުމެން އެންމެންނަކީވެސް އެކެއްގެ ފުށުން ދުނިޔެއަށް އައިސްތިބި އެއްބައެއްކަމެވެ. އާދަމް އަލައިހިއްސަލާމް މެދުވެރިކުރައްވާ ދުނިޔެއަށް ފޮނުވެއްވި އެންމެެންނަކީވެސް އެއްބަނޑު އެއްބަފާ އަޚުންތަކެއްކަމުގައެވެ.

ކީރިރަސޫލާ ޞައްލަﷲ އަލައިހިވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ. (مَنْ كَانَ يُؤْمِنُ بِاللهِ وَِالْيَوْم الْآخِر فَلْيُحْسِنْ إِلَى جَارِهِ) މާނައަކީ: “ﷲ އާއި އާޚިރަތް ދުވަހަށް އީމާންވާމީހާ އޭނާގެ އަވަށްޓެރިޔާއަށް ހެޔޮކޮށްހިތާހުށި ކަމެވެ.”

އެހެންކަމުން ގާތްތިމާގެ މީހުންނަށާއި، ތިމާގެ އަޚާއަށް ޖެއްސުންކޮށް ހަދާ ފަރާތްތަކުން މިއީ ކިހާވަރެއްގެ ނުބައިކަމެއްކަން ދެނެގަނެ މިފަދަ ފާފަތަކުން ސަލާމަތް ވަމާތޯއެވެ. ދުނިޔެއާއި، އާޚުރަތުގެ ހެވާއި ދަރުމަ ލިބޭތޯ ތިމާގެ އަމަލުތައް ސީދާ ކުރަމާތޯއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ޚިޔާލެއްދެއްވާ

avatar
wpDiscuz