ދައުލަތުގެ މަސައްކަތްތައް ހުއްޓާލާފައިވެސް މުޖުތަމައުގެ އާންމުހާލަތު ގާއިމްކުރަންޖެހޭ: އިމްރާން

ރާއްޖޭގައި މިއަދު ހިންގަމުންދާ މާރާމާރީތަކާއި، މީހުން މެރުން ހުއްޓުވުމަށް ދައުލަތުގެ މަސައްކަތްތައް ހުއްޓާލައިގެންވެސް މަސައްކަތް ކުރަންޖެހިފައިވާކަމަށް އަދާލަތް ޕާޓީގެ ރައީސް އައްޝައިހް އިމްްރާން އަބްދުއްﷲ ވިދާޅުވެއްޖެއެވެ.

 ރާއްޖޭގެ އާންމުހާލަތާއި، މުޖުތަމައުގެ ރައްކާތެރިކަން އޮތްމިންވަރަށް އަލިއަޅުވާލައި ދިޓީވީގެ ހަބަރު ތެރެއިން ޕްރޮގުރާމުގައި ވާހަކަ ދައްްކަވަމުން އިމްރާން ވިދާޅުވީ ރާއްޖޭގެ ހާލަތު މިއަދު ގޮސްފައިވާ ހިސާބަކީ ވަރަށްވެސް ނުރައްކާތެރި ބިރުވެރި ހިސާބެއްކަމަށެވެ. ރޭގަނޑާއި ދުވާލުގެ ވަގުތުތަކުގައިވެސް ރައްޔިތުންނަށް މިއަދު ކުރިމަތިވެފައިވަނީ ބިރުވެރިކަމާއި ނުތަނަވަސްކަން ކަމަށާއި، މިކަންކަން ހުއްޓުވުމަށް ދައުލަތުން މިއަދު ކުރަމުންދާ ހުރިހާ މަސައްކަތެއް ހުއްޓާފައިވެސް މަސައްކަތް ފަށަންޖެހޭކަމަށް އިމްރާން ވިދާޅުވިއެވެ. ރައްޔިތުންނަށް ހިދުމަތް ދެވޭނީ އެރައްޔިތުންގެ ތެރޭގައި އަމަންއަމާންކަމާއި ސުލްހަ މަސްލަހަތު ގާއިމްކޮށްގެންކަމަށާއި، އެވަރުގެ އެއްވެސް ޔަގީންކަމެއް މިއަދު އެއްވެސް މީހަކަށް ނެތްކަމަށް އިމްރާން ވިދާޅުވިއެވެ.

 ރާއްޖޭގެ ހާލަތު މިދަރަޖައަށް ދާންޖެހިފައިވަނީ ވަކި ކުރެވިފައިވާ ތިންބާރުގެ ތެރެއިން ކުރަންޖެހޭ މަސައްކަތްތައް ނުކުރެވިގެންކަމަށާއި، ތިންބާރުގެ ތެރެއިން ކުރަންޖެހޭ މަސައްކަތްތައްކޮށް ތަންފީޒް ކުރަންޖެހޭ ކަންކަން ތަންފީޒްކުރިނަމަ މިއަދު މިދަރަޖައަކަށް ގައުމުގެ ހާލަތު ނުވެއްޓުނީސްކަމަށް އިމްރާން ވިދާޅުވިއެވެ. އަދި މިކަމަކީ ހަމައެކަނި ކޮންމެ ފަރާތެއްގެވެސް އަދި ކޮންމެ މީހެއްގެވެސް ޒިންމާއެއް އޮތްކަމަށްދެކި މިކަމުގައި ހައްލުތަކެއް ހޯދަން ވަކިވަކި ފަރުދުންގެ ހައިސިއްޔަތުންވެސް މަސައްކަތް ކުރަން ޖެހިފައިވާ ނުރައްކާތެރި މައްސަލައެއްކަމަށް އިމްރާން ވިދާޅުވިއެވެ.

 ގައުމުގެ ހާލަތާއިމެދު ވަރަށްބޮޑަށް ހިތާމަކުރައްވައި، އަސަރާއިއެކުގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ، ރާއްޖޭގެ ހާލަތު އޮތްގޮތުން ދައުލަތުގެ މަތީފަންތީގެ ބޭފުޅުންނަށް ނުވަތަ މަޖިލިސް މެންބަރުންނަށް އެކަނި ސެކިއުރިޓީ ދީގެން ހައްލެއް ނާންނާނޭކަމަށެެވެ. އަދި މިއަދު ކޮންމެ ރައްޔިތަކީވެސް މި ސެކިއުރިޓީއާއި، ދިރިހުރުމުގެ އިތުބާރު ބޭނުންވެފައިވާ މީހެއްކަމަށާއި، މިއަދު މިވަނީ މުޅި ގައުމަށް ސެކިއުރިޓީ ބޭނުންވެފައިކަމަށް އިމްރާން ވިދާޅުވިއެވެ.

 އިމްރާން ވިދާޅުވީ ގައުމުއްގެ އާންމު ހާލަތާއި، ރައްޔިތުންގެ މަސްލަހަތު ހިފައްޓާ އެންމެ މުހިންމު ބާރަކީ ޝަރުއީ މަރުހަލާކަމަށެވެ. ނަމަވެސް ވަކި މީހެއްގެ ނުވަނަ ވަކި ބައެއްގެ މައްސަލަތަކެއް ކޯޓްތަކަށް ހުށަހެޅި ބަލެން ފެށުމުން ޝަރުއީ ދާއިރާގެ ހުރުމަތް ކަޑާލައި، ކޯޓްތަކުގެ ހުކުމްތައް ގަބޫލް ނުކުރުމަކީ ގައުމުގެ އަދާލަތް ގެއްލިގެން ދިއުމަށް ދިމާވާ އެންމެ ބޮޑު އެއްސަބަބުކަމަށް އިމްރާން ވިދާޅުވިއެވެ.

ސޯސް: ދިޓީވީ

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

އަދާލަތު ފައިސާއަށް ނުވިކޭނެ – ޝެއިޚް އިމްރާން

އަދާލަތު ޕާޓީގެ ސިޔާސަތު ފައިސާއަށް ނުވިނެކަމަށާއި، އެފަދަ ތުހުމަތުތައް އޭރުވެސް މިހާރުވެސް އަދާލަތު ޕާޓީގެ ބޮލުގައި އަޅުވަމުން އެދަނީ ރައްޔިތުންގެ …

ޚިޔާލެއްދެއްވާ

avatar
wpDiscuz