ފޮރިން އިންވެސްޓަރުންގެ ހައްޤުތައް ރައްކާތެރިކުރައްވާނެކަމަށް ރައީސް ވަހީދު ވިދާޅުވެއްޖެ

ދިވެހިރާއްޖެއަކީ އަބަދުވެސް ބޭރުގެ އިންވެސްޓަރުންނަށް އިހުތިރާމްކުރާ އަދި އަބަދުވެސް ބޭރުގެ އިންވެސްޓަރުންގެ ހައްޤުތައް ރައްކާތެރިކޮށްދޭނޭ ޤައުމެއްކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު ވަހީދު ހަސަން މަނިކް ވިދާޅުވެއްޖެއެވެ.

 ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު ވަހީދު މިހެން ވިދާޅުވެފައިވަނީ، ސްރީލަންކާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، އެޤައުމުގެ ވިޔަފާރިވެރިންނާއިއެކު އިއްޔެ ހެނދުނު ހިލްޓަން ކޮލަމްބޯގައި ބޭއްވި ބައްދަލުވުމެއްގައެވެ. ސްރީލަންކާ، މޯލްޑިވްސް ބައިލެޓްރަލް ބިޒްނަސް ކައުންސިލުން އިންތިޒާމްކުރި މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ ވަހީދު ވިދާޅުވީ، ރާއްޖޭގެ ކުދި ރަށްރަށުގައި ދިރިއުޅެމުންގެންދާ އާބާދީތައް ބޮޑެތި އާބާދީތަކާއި ގުޅާލައި، މީގެ ސަބަބުން ހުސްވެގެންދާ ކުދި ރަށްތަކަކީ އިޤްތިސޯދީ މަސައްކަތްތައް ކުރުމަށް ބޭނުންކުރެވިދާނޭ ރަށްތަކެއްކަމަށެވެ. މިގޮތުން މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު އޮތްކަމަށް ރައީސް ޑރ ވަހީދު ވިދާޅުވިއެވެ.

ރާއްޖޭގައި ހުރި އިންވެސްޓްމެންޓްތަކުގެ ފުރުސަތުތަކާއި ބެހޭގޮތުން މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޑރ ވަހީދު ވިދާޅުވީ، ރާއްޖޭގެ އިޤްތިސާދު މައިގަނޑު ގޮތެއްގައި ފަތުރުވެރިކަމުގެ ދާއިރާއަށް މިހާރު ބިނާވެފައިއޮތްނަމަވެސް، ރާއްޖޭގައި ކުރިން ވަރަށް ފުޅާދާއިރާއެއްގައި ޝިޕިންގ އިންޑަރސްޓްރީގެ މަސައްކަތް ކުރިއަށްގެންގޮސްފައިވާކަމަށާއި، ނަމަވެސް މިހާރު އެވިޔަފާރި މުޅިންހެން ހުއްޓުމަކަށް އައިސްފައިވާކަމަށެވެ.

މިގޮތުން ޝިޕިންގގެ ވިޔަފާރި އަލުން ހަރުދަނާކޮށް ހިންގުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށާއި، ލަންކާއާއި ރާއްޖެއާއި ދެމެދު އޮންނަ ވިޔަފާރީގެ ގުޅުންތަކުގެ ތެރެއިން މިކަމަށް މަގުފަހިކުރެވެން ހުރި ގޮތްތަކަކީ ކޮބައިތޯބެލުން މުހިއްމުކަމަށް ޑރ ވަހީދު ވިދާޅުވިއެވެ. މިބައްދަލުވުމުގައި އިތުރަށް ވާހަކަފުޅުދައްކަވަމުން ރައީސް ޑރ ވަހީދު ވިދާޅުވީ، ރާއްޖޭގެ ރިސޯޓްތައް މިހާރު ތިމާވެއްޓާ ރައްޓެހިގޮތަކަށް ބަދަލުކުރެވެމުންދާކަމަށާއި، އިޔާދަކުރުވަނިވި ހަކަތައިގެ ދާއިރާއިން އިންވެސްޓްކުރުމުގެ ފުރުސަތުވެސް މިހާރު ހުޅުވާލާފައިވާކަމަށެވެ.

ރައީސް ޑރ ވަހީދުވަނީ، މި ބައްދަލުވުމުގައި ރާއްޖޭގެ ސިޔާސީ މަސްރަހާއި، އިޤްތިސާދީ ހާލަތުގެ މައްޗަށް ބައްލަވާލައްވައި، ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި އެކަންކަން ހައްލުކުރެއްވުމަށް ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާއި ބެހޭ މައުލޫމާތު މި ބައްދަލުވުމުގެ ބައިވެރިންނާއިއެކު ހިއްސާކުރައްވާފައެވެ. ސްރީލަންކާގެ ވިޔަފާރީގެ ދާއިރާގެ އިސް ބޭފުޅުންނާއިއެކު، ހިލްޓަން ކޮލަމްބޯގައި މިއަދު ހެނދުނު ބޭއްވި މި ބައްދަލުވުމުގައި، ޓޫރިޒަމް މިނިސްޓަރ އަހުމަދު އަދީބާއި، އިކޮނޮމިކް މިނިސްޓަރ އަހުމަދު މުހައްމަދުވަނީ ރާއްޖޭގައި ހުރި އިންވެސްޓްމެންޓް ފުރުސަތުތަކާއި ބެހޭގޮތުން އެފަރާތްތަކާއިއެކު މައުލޫމާތު ބަދަލުކުރައްވާފައެވެ.

ސޯސް: ދިޓީވީ

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅު

بســم اللّـه الرّحمـن الرّحيــم اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه …

ޚިޔާލެއްދެއްވާ

avatar
wpDiscuz