ފަހު 10 ގެ މާތްކަން ލިބިގަތުމަށް އަޒުމް ކަޑައަޅަމާތޯއެވެ.

އިއްޔެ އަޅުގަނޑުމެން ވަރަށް ހޫނު މަރުހަބާއެއް ކިޔައި، އިސްތިގުބާލުކުރި އިތްޒަތްތެރި މެހެމާނު އަޅުގަނޑުމެންނާ ވަކިވެދާން ގާތް ވެއްޖެއެވެ. މާތްވެގެންވާ ރަމަޟާންމަސް އަޅުގަނޑުމެންގެ ގާތަށް އައީ އިއްޔައެވެ.  މިއަދު މިވަނީ އަޅުގަނޑުމެނާއި ވަކިވެ، އަލްވަދާއު ކިޔުމުގެ ވަގުތު ޖެހިފައެވެ.

މާތް ﷲ އެމައްސަރުގައި ލައްވަވާފައިވަނީ ހުސް ހެޔޮކަމެވެ. އަމާންކަމާއި ،  އީމާންކަމެވެ. ސަލާމަތްތެރިކަމާއި އިސްލާމްކަމެވެ. އޯގާތެރިކަމާ ހަމްދަރުދީއެވެ. އެހީތެރިކަމާ ތައާވުނެވެ.   ފުއްސެވުމާއި ރުއްސެވުމެވެ.

ރޯދަމަހުގެ ރޭތަކާއި ދުވަސްތައް މާތް ކުރެއްވިފައިވަނީ އައްރަހުމާނުގެ ރަހުމަތް ބެއްސެވުމާއި އަލް ޣައްފާރުގެ ފުއްސެވުމާއި އަލްޖައްބާރުގެ އަޛާބުން މިންޖު ކުރެއްވޭ މޫސުމެއްކަމުގައެވެ. އެހެން ހުރިހާ މައްސަރަކަށްވުރެ އެހުރިހާ ކަމެއްވެސް މިމައްސަރުގައި އިތުރުވެގެންވެއެވެ.

ރޯދަމަހުގެ ފަހު ދިހަޔަކީ އެމައްސަރުގެ އެއްމެ ފުރިހަމަ ބައެވެ. ހެޔޮއަމަލު ތަކާއި، ހެޔޮބަސްތައް އެއްމެ ގިނަކުރަންވީ ދުވަސްތަކެވެ.  ދަރުމަޔާ ޘަވާބަށް އެއްމެ ދަހިވެތި ވާންވީ ވަގުތުކޮޅެވެ. ﷲ ސުބްހާނަހޫ ވަތައާލާގެ ފުއްސެވުމާއި ރުއްސެވުމަށް އެދިގެންވާ މީހުންނަށް އެއްމެ ބޭނުންވާނެ ކަމަކީ އެކަލާނގެ ކޯފާ އާއި އަޛާބުން މިންޖު ވުމެވެ. މީ އެކަމަށްޓަކައި ޚާއްސަ ވަގުތެވެ.

ކޮންމެ ކަމެއް، އަދި ކޮންމެ އެއްޗެއްގެވެސް އޭގެ ނިމުން ރަނގަޅުވެއްޖެ ނަމަ އެއީ ވަރަށްބޮޑު ކާމިޔާބެކެވެ. އެގޮތުން ރަމަޟާން މަހުގެ ފަހު ދިހައެއް ތަޤުވާގެ މަތިވެރި ސިފަތަކާއެކުގައި ހާސިލު ކުރުމަށްޓަކައި، ރޯދަމަހުގައި އަޅުގަނޑުމެން ކުރަމުން އައި ހުރިހާ ހެޔޮ އަމަލު ތަކެއް ދެގުނަޔަށް އިތުރު ކުރަންވީއެވެ. ހެޔޮ އަމަލުތަކުގައި ފަރުވާކުޑަކުރެވުނު ނަމަ މިވަގުތުކޮޅު ޣަނީމާކުރަންވީއެވެ.

أم المؤمنين عائشة رضي الله عنها ވިދާޅުވެއެވެ. رسول الله صلى الله عليه وسلم އެހެން ވަގުތެއްގައި އަޅުކަމަށް މަސައްކަތް ނުކުރައްވާހާ ގިނައިން ފަހު ދިހައެއްގައި މަސައްކަތް ކުރައްވައެވެ. ( އެހެން ރިވާޔަތެއްގައި ވެއެވެ. [ފަހު ދިހައެއް އައުމުން، އެކަލޭގެ ފާނުންގެ އިޒާރު ބަނދެލައްވައެވެ. ރޭގަނޑު އިހްޔާކުރައްވައެވެ.] އެބަހީ ފަހުދިހައެއްގައި އަނބިއަނބި ކަނބަލުންނާ ދުރުހެލިވެ ވަޑައިގަންނަވައެވެ. އަޅުކަމަށް ހުސްވެވަޑައިގަންނަވައެވެ. އެބޭފުޅެއްގެ އިސްފަހުގެ އެއްމެހާ ފާފައެއް ފުއްސެވިފައިވާ ބޭފުޅާގެ އަމަލުފުޅު މިދުވަސްވަރުގައި ބެހެއްޓެވިގޮތެވެ.

އަޅުގަނޑުމެންގެ ހާލަކީ ކޮބައިތޯއެވެ!؟ ރެއާދުވާލު ފާފަ ކުރުވޭ، ހެޔޮއަމަލުތައް ކުރުމުގައި ފަރުވާކުޑަ އަޅުގަނޑުމެންގެ އަމަލު ހުރީ ކޮންގޮތަކަށް ހެއްޔެވެ!؟ އެކަލޭގެފާނު ފަދައެއް އެއްވެސް މީހަކަށް ނުވެވޭނެއެވެ. ނަމަވެސް އެކަލޭގެފާނު ނަމޫނާއެއްކަމުގައި ބަލައި، މިމަތިވެރި ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފޭތޯ ބަލަމާ ހިނގާށެވެ. އަދި ވަގުތު ފާއިތެއް ނުވެއެވެ.

ރަމަޟާންމަހުގެ ފަހު ދިހައެއްގައި އެއްހާސް މައްސަރަކަށްވުރެ ހެޔޮކަން ބޮޑުވެގެންވާ ރެޔެއް ވެއެވެ. އެއީ ލައިލަތުލް ގަދްރި ވިލޭރެއެވެ. އެރޭ ލިބިގަތުމަށްޓަކައި ހިތްވަރާއެކުގައި މަސައްކަތް ކުރާށެވެ. އިތުރު އެކަލާގެފާނުން އެރޭގެ އަޅުކަން ލިބިގަތުމަށް އެދިގެން، ފަހުދިހައެއްގެ ރޭތަކުގައި އަޅުކަންކުރެއްވުމުގައި ހޭލާ ހުންނެވިއެވެ. އަދި އަނބިއަނބި ކަނބަލުންވެސް ނެންގެވިއެވެ.

ރޭއަޅުކަން ކުރުމާއި، ކީރިތި ޤުރުއާން ކިޔެވުމާއި، ޛިކުރު އަޛްކާރު ކުރުމާއި، ތިމާއަށް ކުރެވިފައިވާ ފާފަތަކުން ތައުބާވެ، އިސްތިޣްފާރުކޮށް، ﷲގެ ހަޟުރަތަށް ދުއާކޮށް ދެންނެވުމުގައި މިދުވަސްކޮޅު ހޭދަކުރަމާ އަންނާށެވެ.

އިތުރު އެކަލޭގެފާނުން ހަދީޘްކުރައްވާފައިވެއެވެ. [ ކޮންމެ ރެއެއްގެ ތިންވަނަބައިގައި ﷲ އައްޒަ ވަޖައްލަ ދުނިޔޭގެ އުޑަށް ފައިބައިވޮޑިގެން ވަހީ ކުރައްވައެވެ. ކަމަކަށް އެދި ދަންނަވާނެ މީހަކު ވޭހެއްޔެވެ. ތިމަން އިލާހު އެމީހަކަށް ފުއްދަވާދެއްވާނަމެވެ. އެއްޗަކަށް އެދޭނެ މީހަކު ވޭހެއްޔެވެ؟ ތިމަން އިލާހު އެމީހަކަށް އެއެއްޗެއް ދެއްވާނަމެވެ. ފާފަ ފުއްސެވުމަށް އެދޭނެ މީހަކު ވޭހެއްޔެވެ؟ ތިމަން އިލާހު އެމީހެއްގެ ފާފަ ފުއްސަވާނަމެވެ.] މިފަދައިން ފަތިސްވެއްޖައުމަށް ދާންދެން އެކަލާނގެ ވޮޑިގެންވެއެވެ.

މާތް ނަބިއްޔާ ހަދީޘް ކުރައްވާފައިވެއެވެ. ރޯދަމަހުގެ އެއްމެ ފަހު ރޭގައި ރޯދަވެރިޔާގެ ހުރިހާ ފާފައެއް ފުއްސެވެއެވެ. ދެންނެވުނެވެ. އެއީ ލައިލަތުލް ގަދުރި ވިލޭރެކަމުގައި ވެގެން ތޯއެވެ؟ ހަދީޘްކުރެއްވިއެވެ. ( އަދިކިޔެއް އާމިލު މީހާއަށް އޭނާގެ އުޖޫރަ ފުރިހަމަޔަށް ދެވޭހުށީ އޭނާގެ މަސައްކަތް ނިމުމުންނެވެ.) ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ!  މިމަތިވެރި މަސްވަރު އަޅުގަނޑުމެނާއި ވަކިވާއިރު، މާތް ﷲ މިމައްސަރުގައި އެކަލާނގެ އަޛާބުގެ ގޯތި، ނަރަކައިން މިންޖު ކުރައްވާ މީހުންގެ ތެރޭގައި ވޭތޯ ގަދައަޅައި މަސައްކަތް ކުރަމާހެއްޔެވެ. ގިނަ ގިނައިން ހެޔޮ އަމަލުތައް ކުރަމާ އަންނާށެވެ.

ލައިލަތުލް ޤަދްރިވިލޭރޭ ދިމާވެއްޖެނަމަ ދަންނަވާނެ ދުޢާއަކާއިމެދުގައި އުންމުލް މޫމިނީން އާއިޝާ ރަޟިޔަﷲ އަންހާ އިތުރުއެކަލޭގެފާނަށް ދެންނެވުމުން ދަސްކޮށްދެއްވީ  اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي ( އޭ ﷲ! އިބަރަސްކަލާނގެއީ އަފޫކުރައްވާ، އަފޫކުރެއްވުމަށް ލޯބިވެވޮޑިގަންނަވާ ރަސްކަލާނގެއެވެ. އަޅުގެ ފާފަ ފުއްސަވާންދޭވެ ! )

މި މާތްމަހުގެ ، އެންމެމާތް 10 ދުވަހުގެވެސްެ ހެޔޮ ސަވާބާއި ދަރުމަ އަޅަމެން އެންމެންނަށް މިންވަރު ކޮށްދެއްވާށިއެވެ. އާމީން

މިލިޔުންކޮޅު ހެޔޮ ބަދަލަކާއިއެކު ނަކަލު ކުރެވިފައިވަނީ http://www.raajjeislam.com   އިންނެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ކެނދިކުޅުދޫގެ ދަނޑުތައް ރޯދައަށް ފައްކާވެފައި

ބަރަކާތްތެރި ވެގެންވާ ރަމަޟާން މަހަކީ ޒަމާނުން ސުރެ އަޅުގަނޑުމެން އެންމެހައި މުސްލިމް އަޚުންނާއި އުޚްތުން އެމަހަކަށް ޓަކައި ވަރަށް ރަނގަޅަށް …

ޚިޔާލެއްދެއްވާ

avatar
އުސްމާން
އުސްމާން

ހެޔޮ ބަދަލާއެކު ޖަހާފަ އިނީމަ ހީވަނީ ރާއްޖެއިސްލާމްގައި މިލިޔުން ލިޔެފައިވަނީ ކޮންމެވެސް ވަރެއްގެ މިސްޓޭކްތަކަކާއެކުހެން. މިހާސް އޭތި މާނަކުރަނީ ކިހިނެތް ކަމެއް ނޭންގެ.

Anonymous
Anonymous

ވަރަށްރަގަޅުލިޔުމެއް

Anonymous
Anonymous

ވަރަށް ބޭނުންތެރި ލިޔުންކޮޅެކެވެ.

wpDiscuz