މުދައްރިސް – ދަރިވަރަށް

މުދައްރިސް ހިނގާފައި ދިޔައިރު ދިމާވި ދަރިވަރެކެވެ. އޭނާފެނުމުން މުދައްރިސްގެ ދެލޮލުން ކަރުނަ އޮހިގަތެވެ. ހުރިގޮތުންނެވެ. ޤަބޫލުކުރަން ދަތިވީއެވެ. އެއީހަމަ އެދަރިވަރެވެ. ޔަޤީންކޮށް ބަލައިފީނެވެ. ހާދަހާވާ ދެރައެވެ.

ނިޔަނެތި، ލޮބުވެތި ދަރިވަރެވެ. ތިޔަދަރިވަރު ނުވާނަމަ،މުދައްރިސެއްނުވީހެވެ. ތިޔައީ މުދައްރިސްގެ ދެލޮލުގެ ފިނިކަމެވެ. ތިޔަދަރިވަރު މޮޅުކުއްޖަކަށްވުމަކީ މުދައްރިސްގެ އުއްމީދެވެ. މިވާހަކަތައް މިލިޔެލަނީ ތިޔަދަރިވަރުގެ އެއްމެހައި ޢަމަލުތައް މުދައްރިސް އޮބްޒާރވްކުރާތީ އެވާހަކަ ބުނުމުގެ ބޭނުމަކުނޫނެވެ. ނަމަވެސް ތިބާގެ ޢަމަލުތަކާމެދު އޮތް އިތުބާރެއްގެ ގޮތުންނެވެ.

ސްކޫލް ޢިމާރާތްކުރެވިފައިވަނީ ތިބާއަށްޓަކައެވެ. ތަޢުލީމީ މަންހަޖު އެކުލަވާލެވިފައިވަނީވެސް ހަމަ ތިޔަދަރިވަރުގެ ކުރިއެރުމަށްޓަކައެވެ. އިސްލާމީ މުޖުތަމަޢަށްބޭނުންވާ އަޚުލާޤުރަނގަޅު މުވާޠިނެއް އުފެއްދުމުގެ ނަމުގައެވެ. އަހަރު ފެށުމުގެކުރިން “ސްކީމް އޮފް ވާރކް” އެކުލަވާލެވެނީވެސް ހަމަ، ތިޔަ ދަރިވަރުގެ ކުރިމަގު އުޖާލާކުރުމަށްޓަކައެވެ. ކޯޑިނޭޝަން ބައްދަލުވުންތަކުގައި ތިޔަދަރިވަރުގެ ވާހަކަ ވަރަށްގިނައިން ދެކެވެއެވެ. މިކަންކުރަނީ ނެތިނުބައިމޮށުމުގެ ބޭނުމެއްގައެއްނޫނެވެ. ތިޔަދަރިވަރުގެ އުނގެނުމުގެ ޤާބިލްކަން ދެނެގަނެ ކުރިމަގު އުޖާލާ ކުރެވޭނޭގޮތްތަކާމެދެވެ. އެންމެ ގަޔާވެގެން ފިލާވަޅުގައި ބައިވެރިވާނެގޮތްތަކާމެދެވެ. ކިޔަވައިދިނުމަށް ތައްޔާރުކުރާނެ އެހީތައް ތައްޔާރުކުރާނޭ ގޮތަކާމެދެވެ. މިހުރިހާކަމަކަށް ރިޢާޔަތްކޮށް ފިލާވަޅު ރާވާނޭ ގޮތަކާއިމެދެވެ.

ނިޔަނެތި ދަރިވަރެވެ. މިހުރިހާކަމެއްކުރުމަށްފަހު މުދައްރިސް ކިލާހަށްދަނީ ވަރަށްފޮނި އުއްމީދާއެކުގައެވެ. ނަމަވެސް ތިޔަދަރިވަރަށް މިކަން އެނގޭހެއްޔެވެ؟ މިވާހަކަ މިބުނީ ތިބާއަށް އެކަން ނޭނގޭކަމަށް ހީކޮށެވެ. ސަބަބުތަކެއް ނެތިއެއްނޫނެވެ. ކުލާހަށް ވަނުމާއެކު މުދައްރިސް ތިޔަދަރިވަރަށްޓަކައި ހިނިތުންވެލީމެވެ. ގަޑިނިމެންދެން މިގޮތުގައި ހިފެހެއްޓޭތޯ ބެލީމެވެ. ތައްޔާރުވެވުނުލެއް ފުރިހަމަކަން ހިތަށްވަދެ ޙަމްދުޞަލަވާތުން ގަޑިފެށީމެވެ. ދަރިވަރުގެ ޙަރަކާތްތެރިކަމާއި މުރާލިކަމުން މަސައްކަތްތައް ނިންމާލުމަކީ މުދައްރިސް އެދޭގޮތެވެ. އަދި ބެލެނިވެރިންގެ ބައްދަލްވުންތަކުގައާއި، މުދައްރިސުންގެ ބައްދަލުވުންތަކުގައި ތިޔަދަރިވަރުގެ މޮޅުކަމުގެވާހަކަ ވަރަށް ބުނެލާހިތްވެއެވެ.

ދަރިވަރެވެ. ތިބާހަނދާންއެބަހުރިހެއްޔެވެ؟ ތިބާގެ ބެލެނިވެރިޔާވެސް ބައްދަލުވުންތަކުގައި ދައްކަނީ ތިބާގެ ރަނގަޅުވާހަކައެވެ. އަބަދުފޮތްކިޔާ ކިޔަމަންތެރިކަން އަދާކުރާ ވާހަކައެވެ. މުދައްރިސަށްވާގޮތަކީ ބެލެނިވެރިޔާގެ ކުރިފުޅުމަތީގައި ހަތިޔާރުބަހައްޓާކަށް ނުކެރެއެވެ. އެހުރިހާކަންތައްކުރުމަށްފަހުގައިވެސް މިހިސާބުން އެވާގޮތެއް ބުނެދޭކަށްނޭނގުނެވެ. ނަމަވެސް ބޮޑުވަމުންދާވަރަކަށް އުޅުމަށް ބަދަލުއަންނަވާހަކައާއި، ފިލާވަޅަށް ސަމާލުކަންދިނުމަށާއި، ކިޔަވައިދޭ އަޚުލާޤީ ރިވެތި ސިފަތަށް ދިރިއުޅުމުގައިވެސް ބޭނުންކުރުމަށް ކިޔައިދިނީމެވެ.

މިބުނެވުނުކަންތައްތަކަށް ތިޔަދަރިވަރަށް ސަމާލުކަންދެވުނުހެންހިއެއްނުވެއެވެ. ފުރިހަމަގޮތުގައި ކިޔަމަންތެރިކަން އަދާކުރެވުނުނަމަ، މިއަދު މަގުމަތީގައި ތިޔަހެން ގިނަވެގެން އުޅޭކަށް ނުޖެހުނީހެވެ.

ނިޔަނެތި ދަރިވަރެވެ. ނިކަންދެކިބަލާށެވެ. ތިބާގެ ޙާލާމެދު މުދައްރިސް މިއަދު ހިތާމަކުރަމެވެ. ތިޔަހުރީ މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައެވެ. ލައިގެންހުރި ޖިންސުގަނޑު އެހުރީ ދަށްޅިނދުން ތިރީގައެވެ. ދުލުގަވާގިނެތި ވާހަކަދައްކާއިރުވެސް މުދައްރިސާތިޔަ މުޚާޠަބުކުރަނީ ހާދަހާވާ ހުތުރުބަހުންނެވެ. މުޤައްރަރުގައި ބައެއްމަދުވަނީބާވައެވެ. ނޫންނަމަ، މުދައްރިސްގެވާޖިބު ހެޔޮގޮތުގައި އަދާކުރުމަށް އިހުމާލުވެވުނީ ބާވައެވެ. ނޫންނަމަ، ތަޢުލީމީ މުޅި ނިޒާމުގައި މައްސަލަތަކެއް ހުރީކަމަށްވެސް ވެދާނެއެވެ.

ހެޔޮވާނީ ކިހިނެތްހެއްޔެވެ. އަވަހަށް ހޭއަރާށެވެ. ވަގުތުފާއިތެއްނުވެއެވެ. ތައުބާވާށެވެ. ވެދިޔަތަން ހަނދާންނައްތާލާށެވެ. މާޔޫސްނުވާށެވެ. އަވަހަށް އިޞްލާޙުވަމާހިނގާށެވެ.

ލިޔުނީ: ޢަބުދުލް ޙަމީދު ޢަބުދުއްރަޙްމާން ( އެޑިޓަރ )

ޢަބުދުލް ޙަމީދަކީ ލިޔުންތެރިކަމުގެ ފަންނުގައި ކޮންމެ ރޮނގަކުންވެސް ލިޔެވިދާނެ ކުޅަދާނެ މައުލޫމާތު ގެ ޚަޒާނާއެކެވެ. ބިޒީ ޝެޑިއުލްގެ ތެރެއިންވެސް ހެޔޮބަސް ބުނުމާއި ހެޔޮކަންކަމަށް ގޮވާލައި ، އޮއްޓަރު ހުރި ޢިލްމީ ދިރާސާތައް ފެންނަމުންދާކަމީ މިކަމަށް ދެއްވާ ޝަޢުޤުވެރިކަން ދޭހަކޮށްދޭ އަލިގަދަ ހެއްކެކެވެ. .

މިލިޔުންވެސް ކިޔާލާ

މަސްތުވާތަކެތި- މުޖުތަމައުގެ ހަލާކު

މަސްތުވާތަކެތީގެ ސަބަބުން ހަލާކުވަނީ ކިތައްޒުވާނުންތޯއެވެ؟ ކިތައް އާއިލާތޯއެވެ؟ މިކަމުގެ ވަބައިގައި ތިބެ މަރުވެދަނީ ކިތައް ފުރާނަ ތޯއެވެ؟ އަޅުގަނޑުމެންގެ ތެރޭގައި …

ޚިޔާލެއްދެއްވާ

avatar
މިހާސް
މިހާސް

ވަރަށް ޢިބުރަތްތެރި މޮޅު ލިޔުމެއް ، މިފަދަ ލިޔުންތައް ގިނަގިނައިން ފެންނާނެކަމަށް އުއްމީދުކުރަން

wpDiscuz