މި މުޖުތަމަޢު މިހާލަތުން އަރައިގަތުމަށް ބޭނުންވާ އެންމެ މުޙިއްމު ކަންތައް

އަޅުގަޑުމެންގެ މުޖްތަމަޢަށް ނަޡަރު ހިންގާލައިފިނަމަ ފެންނަނީ މީގެ ކުރިން ދުވަހަކުވެސް މުޖްތަމަޢެއް ވެއްޓިގެން ނުދާހާ ދަށު ދަރަޖައަކަށް ވެއްޓިގެން ގޮސްފައިވާ ތަނެވެ.  ފޭރުމާއި ވައްކަން ކުރުމާއި ބަދުއަޙްލާޤީ ޢަމްލަތައް ހިންގުމާއި ، މީހުންނާއި ދިމާލަށް އާޑަފުރައްސާރަކުރުމާޢި ، މީހުންގެ އިއްޒަތުން ނަފްސް ކަތިލުމާއި އެއްވެސް ކުށެއްނެތް މައުސޫމް ފުރާނަތައްތައް އެއްވެސް ޖެހިލުމެއް ، ބިރެއްނެތި ކަތިލުން މިވަނީ ޢާއްމުކަމަކަށް ވެފައެވެ. މިއަދު ދަރިންމިވަނީ މައިންބަފައިނަށާއި މާމައާއި ކާފައަށް ޢަމުރު މަޢުރޫފް ހިންގާ އިސްފަރާތައްވެފައެވެ. ކުޑަކުދިން ބޮޑަތި މީހުންނަށް ބޭނުންގޮތެއް ހަދަމުންދަނީއެވެ. އަޅުގަނޑުމެންގެ މި މުޖުތަމަޢު މިހާލަތައް މިދިޔައީ ކީއްވެގެންބާވައެވެ !!؟

ކުޑަވެސް ޝައެއްކެތްނެތް ގޮތުގައި އަޅުގަނޑުމެންގެ މި މުޖުތަމަޢު މިހާލަތައް ގޮސްފައިމިވަނީ އަޅުގަނޑުމެންގެ ދަރިންނަށް ދޭންޖެހޭ ރަނގަޅު ތަރުބިއްޔަތު ނުދެވުމުންނެވެ. މިކަމުގެ ޙައްލަކަށް އޮތީ އިސްލާމީ ތަރްބިއްޔަތުން އަޅުގަޑުމެންގެ ދަރިންނަށް ތަރްބިއްޔަތު ދިނުމެވެ. ކީރިތި ރަސޫލާ- ޞައްލަﷲ ޢަލައިހިވަސައްލަމަ- އަދި ޞަޙާބީން އަދި އޭގެފަހުން ވަޑައިގެންނެވި ތާބިޢީން ތަރްބިއްޔަތުގެ މައިދާނުގައި ގެންގުޅުއްވި އުކުޅުތައް ދަސްކޮށް އަދި އަޅުގަޑުމެންގެ ދަރީން އެގޮތުގައި ތަރްބިއްޔަތު ކުރުމަށް ގަދައަޅައި މަސައްކަތް ކުރުމެވެ.

ކޮންމެ އަކަސް ކުދިންނަށް އިސްލާމީ ރިވެތި އަޚްލާގް ގެ މައްޗަށް ބިނާވެފައިވާ ރަގަޅު ތަރްބިއްޔަތަކުން ތަރްބިއްޔަތު ދިނުމަކީ ކޮންމެ މަންމަ އަކާއި ބައްޕަ އެއްގެ ބޮލުގައި އެޅިފައިވާ ވަރަށްވެސް ބޮޑު ޒިންމާ އެކެވެ. މިކަމުގައި ދިމާވާ ދަތިތަކާއި ހުރަސްތައް ކަޑައްތުކޮށް އެކަމުގައި ހަރުދަނާވާން ޖެހެއެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައިވެއެވެ. (يَأْتِي عَلَى النَّاسِ زَمَانٌ الصَّابِرُ فِيهِمْ عَلَى دِينِهِ كَالْقَابِضِ عَلَى الْجَمْرِ) މާނައަކީ: “މީސްތަކުންގެ ތެރެއަށް ޒަމާނެއް އަންނާނެއެވެ. އެދުވަސްވަރުގައި އެމީހެއްގެ ދީންމަތީގައި ކެތްކޮށްގެން ހުރުމަކީ އަލިފާން ދަރުގަނޑެއްގައި ހިފަހައްޓައިގެން ހުރުންފަދަ އުނދަގޫ ކަމެކެވެ. ”
ޝައްކެތްނެތް ގޮތުގައި ކަމަކީ ބުރަކަމެކެވެ. ނަމަވެސް އިންސާނަކަށް ކުރެވޭނެ އެންމެ މަތިވެރި އެއްކަމަކީ އޭނާގެ ދަރީން ހެޔޮގޮތުގައި ތަރްބިއްޔަތު ކުރުމެވެ. އެއީ ތިމާގެ ހަށިގނޑުގެ ބަޔެކެވެ. ހިތުގެ މޭވާ އެވެ. ތިމާގެ ދިރިހުރުން އެކަމެއްގެ މައްޗަށް ބިނާވެފައިވާ ކަންތަކެވެ. މީހާ އަތުގައި ހުރިހާ ކަމެއް ފުރިހަމަވެފައި ހުރިކަމުގައިވީނަމަވެސް ދަރީންނަކީ ރަގަޅު ބަސްއަހާ ކުދިންތަކެއް ކަމުގައި ނުވެއްޖެނަމަ އެއްވެސް އުފަލެއް ނެތެވެ. އެހެންކަމުން ތިމާ މިދުނިޔެމަތީގައި އުފަލުގައި އުޅެ، އަދި މަރުވުމަށްފަހުގައިވެސް ތިމާއަށް ފައިދާ އެއް ކުރުވަނިވި ކަމެއް ދުނިޔެއަށް ދޫކުރަން ބޭނުންނަމަ ދަރީން ހެޔޮގޮތުގައި ތަރްބިއްޔަތު ކުރަން ޖެހެއެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. “އާދަމްގެ ދަރިޔާ މަރުވުމަށްފަހުގައި ތިންކަމަކުން މެނުވީ އޭނާގެ ޢަމަލުތައް ހުއްޓިގެންދެއެވެ. އޭގެ ތެރެއިން އެއް ކަމަކީ އޭނާ އަށްޓަކައި ދުޢާކޮށް ދޭނެ ހެޔޮލަފާ ޞާލިޙް ދަރިޔެކެވެ”.

ދަރިންދެކެ ޙަޤީގީ ލޯބިވުމަކީ ، ދަރިންނަށް ޙަޤީގީ ލޯބި ދިނުމަކީ އެކުދިން އެދޭހައެއްޗެއް ހޯދައިދީ އެކުދިން އެދޭހަކަމެއް ކޮށްދިނުމެއް ނޫނެވެ. ދަރިންނަށް ހެޔޮ އެދުމަކީ ، ދަރިންދެކެ ލޯބިވުމަކީ އެކުދިން އިސްލާމީތަރުބިއްޔަތު މަތީގައި ގެންގުޅެބަލާ ބޮޑުކޮށްދިނުމެވެ.

ތިމާމެންގެ ބެލުމުގެ ދަށުގައިވާ ދަރިންނަކީ މާތްﷲ ސުބުޙާނަހޫ ވަތަޢަލާ ދެއްވާފައިވާ ބޮޮޑުހަދިޔާއެއްކަންދަނެ މިހަނދިޔާގެ ބޭނުން އެންމެ ބޭނުންތެރި ގޮތުގައި ހިފޭތޯބަލަންޖެހެއެވެ. އެކުއްޖާގެ ޚަރަދު ބަރަދު ބެލެހެއްޓުމަކީ ތިބާގެ ބޮލުގައި އެޅިފައިވާ ވާޖިބެއް ފަދައިން އެދަރިފުޅަށް ރަގަޅު ތަރްބިއްޔަތެއްދީ، ހެޔޮމަގަށް އެޅުވުމަކީ ތިމާމެންގެ ކޮޑުގައި އެޅިފައިވާ މަސްޢޫލިއްޔަތެއްކަން ޤަބޫލްކުރަން ޖެހެއެވެ. ކުއްޖާގެ ކަންތަކާއި ފަރުވާ ކުޑަކޮށް ދުނިޔޭގެ ޒީނަތްތެރިކަން ހޯދަން މަސައްކަތްކޮށްފިމީހާ އަކީ ދެދުނިޔެއިން ފެއިލްވެފައިވާ މީހެއްކަން ދަންނަންޖެއެވެ. އެހެންކަމުން، ވަގުތު ފާއިތުވުމުގެ ކުރިން އެކަމަށް ފިޔަވަޅު އަޅަންޖެހެއެވެ. ނޫންނަމަ ތިމާގެ އަތުގައިވާ އެންމެ އަގުބޮޑު ހަދިޔާ ގެއްލިގެން ހިގައިދާނެއެވެ.

ކީރިތި މާތް ނަބިއްޔާ މުޙައްމަދު ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވާ ފަދައިން އިންސާނާ ދުނިޔެއަށް އުފަންވަނީ ފިޠުރަތުގެ ސާފް ތާހިރުކަންމަތީ ގައެވެ. އަދި އެކުއްޖާ ނަސާރާއަކަށް، ޔަހޫދީއަކަށް ނުވަތަ މަޖޫސީއަކަށް ހަދަނީ އެކުއްޖާގެ މައިންބަފައިން ނެވެ. މިހެންކަމާއި އެކު އަޅުގަނޑުމެންގެ ދަރިން އަޅުގަނުމެން ހޭނުވިގޮތަކަށް ، އަޅުގަނޑުމެން ބައްޓަށް ކުރިގޮތަކަށް ، އަޅުގަނޑުމެން ތަރުބިއްޔަތުކުރި ގޮތަކަށް ބޮޑު ކުރެވޭނެއެވެ. މިކަމުގައި ބޭނުންވަނީ މަތިވެރި އިސްލާމްދީނުގައި އަންގަވާފައިވަ ގޮތްތަކުގައި އަޅުގަނޑުމެން މައިންބަފައިން ހިފުމެވެ.

އަޅުގަނޑުމެންގެ ދަރިންނަށް އިސްލާމީ ތަރުބިއްޔަތުން ތަރުބިއްޔަތު ދެވިއްޖެކަމަށްވާނަމަ އަޅުގަނޑުމެންގެ މުޖުތަމަޢު ވެއްޓިފައިމިވާ ބިރުވެރި ނާމާން ފުން ވަޅުގަނޑުން އަރައިގަނެވޭނެކަން ކަށަވަރެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

ޚިޔާލެއްދެއްވާ

avatar
xeiroz
xeiroz

 Ahmed Dawood Landhoo  Testing….
 

wpDiscuz