މާދަމާ އަޔަދެއްވާށެވެ

“ﷲ ގެ އަމުރުފުޅު އަތުވެއްޖެއެވެ. ފަހެ، ތިޔަބައިމީހުން އެކަން އަވަސްވުމަށް ނޭދޭށެވެ!” (އައްނަޙްލު: 1)
މުސްތަޤްބަލާމެދު ޚިޔާލީ އަރާރުންތަކާއި ހަނގުރާމަތަކުގައި މަޝްޣޫލުވުމާއި، “ޣައިބުގެ ފޮތް” ހުޅުވައިލައިގެން “އެފޮތުގައި” ލަފާކުރެވިފައިވާ ކަންބޮޑުވާފަދަ ޙާދިޘާތަކާމެދު ކަރުނައެޅުމަކީ، ޝަރްޢީގޮތުން ވެސް ރުހެވޭ ކަމެއް ނޫނެވެ. އިންސާނާގެ އެދުންތަކުގެ ނިމުމެއްނެތް ސިލްސިލާއަކަށް ވާތީއެވެ. ވަރަށް ގިނަ ބަޔަކު ދުނިޔޭގެ ކުރިމަގާމެދު ވިސްނަނީ ވަރަށް ނާމާން އަނދިރި ތަނެއްގެ ގޮތުގައެވެ. ބަނޑުހައިހޫނުކަމާއި، ފެންބޮވައިގަތުމާއި، ބަލިތަކާއި، މުޞީބަތްތަކުން ފުރިފައިވާ ތަނެއްގެ ގޮތުގައެވެ. އެކަމަކު އެއީ ހައްތާވެސް ޝައިޠާނާގެ ވަސްވާސްތަކެވެ.

“ފަޤީރުވެދާނެކަމުގެ ބިރުން، ތިޔަބައިމީހުންނަށް ޝައިޠާނާ ބިރުދައްކަތެވެ. އަދި، އެ ޝައިޠާނާ ތިޔަބައިމީހުންނަށް ނުބައި ކަންތަކަށް އަމުރު ކުރެތެވެ. ﷲ ތިޔަބައިމީހުންނަށް ވަޢުދުކުރައްވަނީ، އެކަލާނގެ ޙަޟުރަތުން ތިޔަބައިމީހުންނަށް ފާފަފުއްސެވުމާއި، ފަޟުލުވަންތަކަމަށެވެ. ﷲ އީ، ތަނަވަސްވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.” (އަލްބަޤަރާ: 268)

މާދަމާ ހައިހޫނުކަމުގައި ތިބެން ޖެހިދާނެކަމަށް ހީކޮށް ރޮއި ހިތާމަކުރަނީ ކިތައް މީހުންތޯއެވެ؟ އެއް އަހަރު ފަހުން މަރުވެދާނެތީ ބިރުން ނުނިދިގެން އުޅެނީ ކިތައް މީހުންތޯއެވެ؟ ތިރީސް އަހަރުތެރޭގައި ޣަރަޤުވެދާނެކަމުގެ ބިރުވެރި ޚަބަރު ފަތުރަނީ ކިތައް މީހުންތޯއެވެ؟ ސަތޭކަ އަހަރުން ދުނިޔެ ނިމިދާނެކަމަށް އަޑުއަރުވަނީ ކިތައް މީހުންތޯއެވެ؟ އަނެއްކޮޅުން އަޅުގަނޑުމެންގެ ޢުމުރު ވަނީ އެހެން ފަރާތެއްގެ އިޚްތިޔާރުގައެވެ. އަޅުގަނޑުމެން ދުނިޔެއަށް ލާނެ ނޭވާގެ ޢަދަދާއި ލިބޭނެ ރިޒުޤުގެ މިންވަރަށް ދާންދެން ވަނީ ބަޔާންވެގެންވާ ފޮތެއްގައި ލިޔެވި ޤަރާރުވެފައެވެ. އެކަންކަން ދެނެގަތުމުގެ އެކަށޭނަކަމެއް އަޅުގަނޑުމެންނަކަށް ނުވެއެވެ. އެހެންވީއިރު ނުވާކަމަކާމެދު ކަންބޮޑުވެގެން އުޅެންވީ ކީއްވެތޯއެވެ؟ ވުޖޫދުގައި ނެތް އެއްޗެއް ދެކެ ބިރުން އުޅެންވީ ކީއްވެގެންތޯއެވެ؟

މާދަމާ އަޔަދެއްވާށެވެ. މާދަމާގެ ދާމްދޫމްތަކާ ބެހޭގޮތުން ސުވާލުތައް ގިނަނުކުރައްވާށެވެ. އެހެނީ މިއަދުގެ ހަތަރުދަން ކަލާޔަށް އެބައޮތެވެ. ކަލާގެ މިދުނިޔެ އާރާސްތު ކުރައްވާށެވެ. ކަލާގެ އާޚިރަތުގެ ދަތުރަށްޓަކައި ދަތުރުމަތީގެ ކޮއްތު ތައްޔާރުކުރައްވާށެވެ. މިހުރިހާ ކަމެއް ކުރައްވާއިރު މާދަމާގެ ފިކުރުގައި “ދޮޅިން އަތް ނުނައްޓަވައި” އިންނަވާކަށެއް ކަލާއަކަށް ފުރުޞަތެއް ނެތެވެ.

ބައެއް މީހުން މާދަމާގެ ފިކުރުގައި މިއަދު ދަރަންޏަށް ފައިސާ އެބަނަގައެވެ. އެފައިސާ އަދާކުރާނީ ކޮން ދުވަހަކުންތޯއެވެ؟ އެދުވަހަކަށް އަލިނުވިލޭ ދުވަހެއްގައިތޯއެވެ؟ އެހެންކަމުން ދިގު އިންތިޒާރުތަކުން އެއްކިބާވެވަޑައިގަންނަވާށެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

އެލްޖީއޭގެ ނިންމުމަކީ ކޮންމެހެންވެސް އަޅަންޖެހޭ ފިޔަވަޅެއް – މިނިސްޓަރ

ކައުންސިލްތަކުން ބޭރުގެ މަންދޫބުންނާ ބައްދަލުކުރާނަމަ ހުއްދަ ހޯދަންޖެހޭގޮތަށް ނިންމި ނިންމުމަކީ ރާއްޖޭގެ ސިޔާދަތާއި، ދާޚިލީ މިނިވަންކަން ކަށަވަރު ކުރުމަށް ނިންމި …

ޚިޔާލެއްދެއްވާ

avatar
wpDiscuz