މާފަރު ޓީމެއްގެ މައްޗަށް ލަންދޫޓީމަކަށް ލިބުނު އެންމެ ބޮޑު ކާމިޔާބު

ލަންދޫގައި މިއަދު ކުޅެވުނު އެކުވެރި ކަމުގެ ފުޓްބޯޅަ މެޗުގައި މާފަރުގެ ޓީމާއި ބައްދަލްކޮށް 8 ލަނޑު 2 ލަނޑުގެ ބޮޑުތަފާތަކުން ލަންދޫޓީމް ކާމިޔާބުކޮށްފިއެވެ.

ލަންދޫގައި މިއަހަރު ކުޅެވުނު އެކުވެރި ކަމުގެ 4 ވަނަ މެޗުގައި އަދި މާފަރު ޓީމަކާއި ދެކޮޅަށް މިއަހަރު ކުޅެވުނު 3 ވަނަ މެޗުގައި މާފަރު ޓީމްގެ ފަރާތުން ފެނިގެންގޮށްފައިވަނީ ވަރަށް ވަރުބަލި ކުޅުމެއްކަން ފާހަގަ ކުރެވެއެވެ. މާފަރުޓީމުން ވަރުބަލިކަން ފެނިގެން ގޮސްފައިވީނަމަވެސް މާފަރުގެ ޓީމްގައި ހިމެނޭ ކުޅުންތެރިންނަށް ބަލާއިރު މާފަރުގައި މިހާރު ތިބި ނަންމަޝްޙޫރު ތަޖުރިބާކާރު ގިނަކުޅުންތެރިންތަކެއް ތިބިކަން ފާހަނގަކޮށްލެވުނެވެ. މީގެ ތެރޭގައި އަންވަރު ، ހަބީ ،  ޝޭޑީ ، ޑޫ ، ތައްޅަ ، ރައްޒާޤް ފަދަ ކުޅުންތެރިންނާއި އަރަމުން އަންނަ ޒުވާންކުޅުންތެރިންވެސް ތިބިތަން ފެނިގެން ގޮސްފައިވެއެވެ.

މިއަދުގެ މެޗަށް ލަންދޫއިން ނެރެފައިވާ ޓީމްގައިވެސް މިވަގުތު ރަށުގައިތިބި ނަންމަޝްޙޫރު ގިނަ ކުޅުންތެރިންނާއި ޒުވާންކުޅުންތެރިންވެސް ހިމެމެނިފައިވެއެވެ. ނަންމަޝްޙޫރު ކުޅުންތެރިންގެ ތެރޭގައި ޔޫއްޓެ، ޖަވާ، ޝަކީބް، ވައްޑެ، ސަމައްޓޭ އަދި ސިންނޭ ހިމެނޭއިރު ޒުވާންކުޅުންތެރިންގެ ތެރޭގައި އާޒިމް، އަޒީމް، ޝަންމޫން، ޞަބާޙް އަދި ޝާތިޢު ފާހަނގަކޮށްލެވެއެވެ.

މިއަދުގެ މެޗުގައި ލަންދޫޓީމަށް އެންމެފުރަތަމަ ލަނޑު ކާމިޔާބު ކޮށްދީފައިވަނީ ޝިންނޭއެވެ. ދެވަނަ ލަނޑު ޕެނަލްޓީއަކުންކާމިޔާބު ކޮށްދީފައިވަނީ ވަސީމް ޢަބްދުއްރަޙްމާން ( ވައްޑޭ ) އެވެ. ލަންދޫޓީމްގެ ތިންވަނަ ލަނޑައި 4 ވަނަ ލަނޑު ކާމިޔާބު ކޮށްދީފައިވަނީ އަރަމުން އަންނަ ޒުވާންކުޅުންތެރިޔާ އަޙްމަދު ޝާތިޢު ( ސާއްތޭ ) އެވެ. ފަސްވަނަ ލަނޑު ޝަކީބު ކާމިޔާބުކޮށްދިންއިރު 6 ވަނަ ލަނޑު ކާމިޔާބު ކޮށްދީފައިވަނީ ޔޫއްޓޭއެވެ. އަދި 7 ވަނަ ލަނޑު ޕެނަލްޓީއަކުން ޖަވާ ކާމިޔާބު ކޮށްދިންއިރު މެޗުގެ އެންމެފަހު ލަނޑު އަދި މެޗުގައި ލަންދޫ ޓީމުންޖެހި 8 ވަނަ ލަނޑު ކާމިޔާބު ކޮށްދީފައިވަނީ މެޗުގެ ފަހުހާގފުގައި ކުޅެން ނިކުތް މުޙައްމަދު ސަމާޙް ( ސަމައްޓޭ ) އެވެ.

މިއަހަރު މިހާތަނަށް ލަންދޫޓީމުން އެކުވެރިކަމުގެ 4 މެޗު ކުޅެވިފައިވާއިރު މީގެތެރެއިން ދެ މެޗުން މޮޅުވެ ދެމެޗުން ބަލިވެފައިވެއެވެ. ލަންދޫޓީމްބަލިވެފައިވަނީ މިއަހަރު ކުޅެވުނު ފުރަތަމަ ދެމެޗުކަމުގައިވާ މާފަރުގެ ސީނިއަރ ޓީމާއި ބައްދަލްކުރި މެޗުންނާއި ށ. ފުނަދޫގެ 1 ނަމްބަރ ޓީމާއި ލަންދޫގެ ސީނިއަރޓީމް ބައްދަލްކުރި މެޗުންނެވެ. ލަންދޫ ޓީމް މޮޅުވެފައި މިވަނީ މާފަރުގެ 18 އަހަރުން ދަށުގެ ޓީމާއި ލަންދޫ 18 އަހަރުން ދަށުގެ ޓީމާއި ބައްދަލް ކުރި މެޗުންނާއި މިއަދު މާފަރުގެ ސީނިއަރ ޓީމާއި ލަންދޫގެ ސީނިއަރ ޓީމް ބައްދަލްކުރި މެޗުންނެވެ.

މިއަދުގެ މެޗުގައި ލަންދޫގެ ޓީމުން އެންމެ ރަނގަޅަށް ކުޅުނު ކަމަށް ގިނަބަޔަކު ޤަބޫލް ކުރަނީ ޔޫއްޓޭ އާއި ޖަވާ އާއި ޝަކީބު ގެ އިތުރުން ޒުވާން ކުޅުންތެރިން ކަމަށްވާ ޞަބާޙް އާއި ޝާތިޢު އެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއަންނަ ހަފްތާގެ ހޮނިހިރުގައިވެސް އެކުވެރިކަމުގެ މެޗެއްގައި ކުޑަފުނަފަރު ރިސޯރޓްގެ ޓިމަކާއި ލަންދޫޓީމް ބައްދަލްކުރާނެއެވެ.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

މިލިޔުންވެސް ކިޔާލާ

ޓީމު ލަންދޫގެ ޕްރެކްޓިސް ދެ ވަނަ މެޗް މާފަރާއި ދެކޮޅަށް

ޔާމް-މަޢުރޫފް ސޮކަކަޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޓީމު ލަންދޫގެ ޕްރެކްޓިސް 2 ވަނަ މެޗް މާފަރު ފުޓްބޯޅަ ޓީމާއި …

ޚިޔާލެއްދެއްވާ

avatar
Mohamma
Mohamma

މާފަރު ޓީމްގައި ހިމެނޭ ހުރިހާ ކުޅުންތެރިން އައީ އަނޫގެ ކެމްޕޭން މަސައްކަތުގައި ރޭގަނޑު ނުނިދާ ހޭލާތިބެފަޔޯ ، އެހެންވެޔޯ މާފަރު ޓީމް އެހާބޮޑަށް ބަލިވީ . ހެހެހެހެހެހެހެހެހެ .

wpDiscuz