މަސްތުވާ ތަކެތީގެ ނުރައްކަލުން ޤައުމާއި ރައްޔިތުން ސަލާމަތްކުރުން

ތަޢާރަފް

ދިވެހިންނަކީ އެއްބަހަކުން ވާހަކަދައްކާ، އެއްދީނަކަށް އުޅޭ އަދި އެއްކަހަލަ ޘަޤާފަތަކާއި އާދަކާދަތަކެއް ގެންގުޅޭ ބައެކެވެ. މިއީ ޣައިރުމުސްލިމުން މިކަމާ ޙަސަދަވެރިވުން އެކަށީގެންވާ ކަންތައްތަކެކެވެ.  މިފަދަ އަމާން އޮމާން މާޙައުލެއްގައި މިފަހަކަށްއައިސް އާދަޔާއި ޚިލާފަށް ތަޅާފޮޅުމާއި މާރާމާރީ ގިނަވެފައިވާކަމީ އެންމެންވެސް ޤަބޫލުކުރާ ޙަޤީޤަތެކެވެ.

        އުފެދޭ ސުވާލަކީ ރަލުގެ މަސްތުގައި ރެއަކާއި ދުވާލު ކިތައް ޤަތުލުއާންމު ހިންގާފައިވޭތޯއެވެ؟ ކިތައް ވައްކަން ހިންގާފައިވޭތޯއެވެ؟ ގަދަކަމުންކިތައް ބަދުއަޚްލާޤީ އަމަލު ހިންގާފައިވޭތޯއެވެ؟ ކިތައް ފޭރުން ހިންގާފައިވޭތޯއެވެ؟ މުޖުތަމަޢުގެ އަމަން އަމާންކަން ގެއްލި، ބިރުވެރި ހާލަތަކަށް ވެއްޓިގެން ނުދޭތޯއެވެ؟ މަސްތުގައި ހުރި މީހަކު ތިމަންނައަށްތޫނު އެއްޗަކުން ހަމަލާ ދީފާނެކަމުގެ ބިރު ހީފުޅުނުވޭތޯއެވެ؟ މަސްތުގައިހުރި މީހަކު ތިމަންނަގެ އަންހެން ދަރިފުޅާ ބެހި ގޯނާކޮށްފާނެކަމުގެ ބިރުހީފުޅުނުވޭތޯއެވެ؟ މަސްތުގައި ހުރި މީހަކު ތިމަންނަގެ ގެއަށްވަދެދާނެ ކަމުގައި ބިރު ހީފުޅުނުވޭތޯއެވެ؟

       “މަސްތުވާތަކެތީން ދިވެހިރާއްޖެ ސަލާމަތްކުރުން” އަޅުގަނޑުގެ ދިރާސާއަށް މިމަޢުޟޫޢު ކަނޑައެޅީ މިއަދު ދިވެހިރާއްޖޭގައި މަސްތުވާތަކެތީގެ ބޭނުންކުރުން  އިންތިހާއަށް އިތުރުވެ މީސްތަކުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދާފައިވާތީ، މި މަސައްކަތުގެ ސަބަބުން މިކަން މެދުވެރިވާ ސަބަބުތައް ދެނެގަނެވި މިކަން ހުއްޓުވުމަށްޓަކައި އެންމެހައި ދިވެހި ފަރުދުންނަށް މަސައްކަތްކުރުމަށް ދޮރެއް ހުޅުވައި ދިނުމެވެ. އަދި އަދުގެ ކިޔަވާކުދިންނަށް މިފަދަ ޢަމަލުތަކާއި ދުރުހެލިވުމަށްޓަކައި ކުރެވިދާނެ ކަންތައްތަކެއް ޢިލްމީ ދިރާސާއެއްގެ އަލީގައި ބަޔާންކޮށްދިނުމެވެ.

       މިކުރު އެސައިންމަންޓްގައި މަސްތުވާތަކެއްޗަކީ ކޮބައިކަމާއި، ރާއްޖޭގައި މީގެ ނުރައްކާތެރިކަން އިތުރުވެފައިވާ މިންވަރާއި، އެކަމުގެ ސަބަބުތައް ބަޔާންކޮށްދެވިފައިވާނެއެވެ. އަދި މިކަންހުއްޓުވުމަށްޓަކައި ކުރެވިދާނެ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލެވިފައި ވާނެއެވެ. ލިޔުން ނިންމާލާފައިވާނީ މަސްތުވާތަކެތިން ސަލާމަތްވެފައިވާ މުޖުތަމަޢެއް ބިނާކުރެވިއްޖެނަމަ، ކުރާނެ ފައިދާތައް ބަޔާންކޮށްދިނުމާއެކުގައެވެ. މިއެސައިންމަންޓް ލިޔުމަށްޓަކައި ކަމާގުޅޭ މުއައްސަސާތަކުންނާއި އެކިއެކި ފޮތްތަކުން މަޢުލޫމާތު ހޯދިފައި ހުންނާނެއެވެ. މިގޮތުން މިލިޔުން މާދިގުނުވެ ކިޔާ ފަރާތްތަކަށް މަޢުލޫމާތު ހޯދޭނެގޮތަށް އެކުލަވާލެވޭތޯ ބަލާފައިވާނެއެވެ.

މަސްތުވާތަކެއްޗަކީ ކޮބާ؟

      ދިވެހިބަހުގެ ރަދީފުގައިވާ ގޮތުން މަސްތުވާތަކެތީގެ މާނައަކީ އަމަލުވާ ކޮންމެއެއްޗެކެވެ. މިއާއި ގުޅުންހުރި ބަނގުރަލުގެ މާނައަކީ މަސްތުވާ ދިޔާތަކެއްޗެވެ. މުސްލިމުންގެ ދެވަނަ ޚަލީފާ ޢުމަރުގެފާނު ވިދާޅުވެފައިވާ ގޮތުން ބުއްދީގެ މައްޗަށް ފަރުދާ އެޅޭ ކޮންމެ އެއްޗަކީ މަސްތުވާތަކެއްޗެވެ.

    ޝައިޚުލް އިސްލާމް އިބުނު ތައިމިއްޔާ ވިދާޅުވެފައިވާ ގޮތުގައި “މަސްތުވާތަކެތި މުސްލިމުންގެތެރޭގައި ބޭނުންކުރަން ފެށުނީ ތަތާރުން ފާޅުވީ ހިސާބުންނެވެ. މިފަދަ މަސްތުވާތަކެތީގެ މަދު ނުވަތަ ގިނަ މިންވަރެއް ބޭނުންކުރުމަކީ ރާބުއިމުގެ ޙައްދުޖަހަންޖެހޭ ކަމެކެވެ. އެއީ ސާޅީސް އެތިފަހަރު ނުވަތަ އައްޑިހަ އެތިފަހަރެވެ. އިންސާނީ މުޖުތަމަޢުތަކުގައި ދިމާވެފައިވާ އެންމެ ބޮޑެތި މުޞީބާތްތައް ދިމާވެފައިވަނީ ރަލުގެ ސަބަބުންނެވެ. ނުވަތަ މަސްތުވާތަކެތީގެސަބަބުންނެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލަހި ވަސައްލަމް ބަނގުރާސިފަކުރައްވަމުން ޙަދީޘްފުޅު ކުރައްވާފައިވަނީ، ހުރިހާ ނުބައިކަމެއްގެމަންމައަކީ ރާ ކަމުގައެވެ.

      މާތްވެގެންވާ އިސްލާމްދީނުގައި މަސްތުވާތަކެތި ޙަރާމްކުރައްވާފައިވަނީ އޭގެސަބަބުން އިސްލާމްދީން ބާވާލެއްވި ފަސް މަޤުޞަދުގެ ތެރެއިން އެންމެ މުހިއްމު އެއްމަޤުޞަދު ކަމުގައިވާ ވިސްނުމާއި ބުއްދި ފިލާދާތީއެވެ. މާތްﷲ ވަޙީ ކުރައްވާފައިވެއެވެ. وَلَاتُلْقُوا بِأَيْدِيْكُمْ إِلَى التَّهلُكَةِ وَأَحْسِنُوا [1] މާނައީ “އަދި ތިޔަބައިމީހުންގެ އަތްތަކުން ތިޔަބައިމީހުންގެ ނަފްސުތައް ޙަލާކުގެތެރެއަށް އެއްލައިނުލާށެވެ.” ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. لَاضَرَرَ وَلَاضِرَارَ [2] މާނައަކީ “ގެއްލުމެއް ލިބިގަތުމެއް އަދި ގެއްލުމެއް ދިނުމެއް ނެތެވެ.” މާތްﷲ ވަޙީކުރައްވާފައިވެއެވެ. إِنَّمَا جَزَاؤُاْ الَّذِيْنَ يُحَارِبُونَ الله وَرَسُوْلَهُ وَيَسْعَوْنَ فِى الأَرْضِ فَسَادًا أَنْيُقَتَّلُواْ أَوْيُصَلَّبُواْ أَوْتُقَطَّعَ أَيْدِيْهِمْ وَأَرْجُلُهُم [3] މާނައަކީ “ﷲއާއި ރަސޫލާއާ ހަނގުރާމަކޮށް އުޅޭ މީހުންނާއި، ބިމުގައި ފަސާދަ ކުރުމަށް މަސައްކަތްކޮށް އުޅޭ މީހުންގެ ޖަޒާއެއްކަމުގައި ވާކަންކަށަވަރީ އެއުރެން މެރުމެވެ. ނުވަތަ ޞަލީބަށް އެރުވުމެވެ. ނުވަތަ ތަފާތުކޮށް އެއުރެންގެ އަތްފައި ބުރިކުރުމެވެ. ނުވަތަ ރަށުން ފޮނުވާލުމެވެ.” މިއާޔަތުން އެފަދަމީހުންގެ އަދަބަކީ މެރުންކަން އެނގި ކަށަވަރުވެގެންދެއެވެ.

ރާއްޖޭގައި މަސްތުވާ ތަކެތީގެ ނުރައްކާތެރިކަން އިތުރުވެފައިވާ މިންވަރު

          ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ނަޒަރުހިންގާލި ކަމުގައިވިއަސް ފެންނަނީ އެއްވެސް ހަމައެއްނެތި މަގުމަތީގައި ފޭރުމާއި، މާރާމާރީ ހިންގުމާއި، ޖެހިލުމެއްނެތި މީހުންގެ ޢިއްފަތްތެރިކަމަށް އަރައިގަތުމެވެ. ޒިނޭކުރުމާއި، ޙައްޤަކާއިނުލައި ވަޅިން ނުވަތަ ކަޓަރަކުން ހަމަލާދީ ޤަތުލުކޮށްލުމެވެ. މިފަދަ މަންޒަރުތަކަކީ ސައްތައިންސައްތަ މުސްލިމްޤައުމެއްގައި ފެނިގެންވާނެ މަންޒަރުތަކެއްނޫނެވެ. މިކަންތައްތައް ތަކުރާރުވުމަކީ އަންނަންއޮތް ޖީލަށްވެސް އެކަމުގެ ނޭދެވޭ އަސަރުތައް ކުރާނެ ކަމެކެވެ. މުޅި ދަރިފަސްކޮޅު ހަލާކުވެގެންދާއިރު އަޅުގަނޑުމެންނަށް މަޑުންތިބެވެންނެތްކަން ހެޔޮވިސްނޭ ކޮންމެމީހަކުވެސް ޤަބޫލުކުރާނެއެވެ.

         މިކަމަކީ އަޅުގަނޑުމެންގެ ކާބައިން އަޅުގަނޑުމެންނަށް ގެނެސްދިން ޘަޤާފަތާއި އާދަކާދައޭ ބުނެވޭނެ އެއްވެސް ޖާގައެއްނެތެވެ. ސަބަބަބީ އެޒަމާނުގައި ގިނިކަންޏާ މަގުމައްޗަށް ނިކުންނަން ނުކެރޭ ހިސާބަށް ދުވަހަކުވެސް ކަންތައް ގޯސްވެފައިނުވާތީއެވެ. މަގުމަތީގައި މަސްތުވެފައިތިބޭމީހުން ހިފާހައްޔަރުކޮށް އެމީހުންނަށް ރީހެބިލިޓޭޝަން ސެންޓަރ ތައް އެޅުމަށާއި ފަރުވާދިނުމަށް ދައުލަތުން އަހަރަކު އެތައްމިލިޔަން ރުފިޔާއެއް ދަނީ ޚަރަދުކުރަމުންނެވެ. ރާއްޖޭގައި ސަލާމަތީ ކަންކަން ބަލަހައްޓާ މުއައްސަސާތައްވަނީ މިކަމުގައި ފެއިލްވެފައެވެ.

             އެތައްމައިންނަކާއި ބަފައިންނެތް، ދަރިން މަސްތުވާތަކެތީގެ ވަބާގައި ޖެހުމުގެ ސަބަބުން ހިތާމައިން ހިތްފަޅައިގެންގޮސް މިދުނިޔެއާއި އަލްވަދާޢު ކިޔަމުންދަނީއެވެ. ފިރިން މަސްތުވާތަކެތީގެ ޝިކާރައަކަށް ވުމުގެ ސަބަބުން ހުވަފަތްވެފައިވާ އެތައް އަނބިންނެތް މިރާއްޖޭގައި އެބަތިއްބެވެ. އަނެއްކޮޅުން ލޯބިވާ ފިރިމީހާއަކީ އެފަދަ ޢަމަލުކުރާ މީހަކަށްވުމުން އެތައްއަނބިންނެތް މީގެ އަވާގައި ޖެހިފައިވެއެވެ.

            ހިތާމައިގެ ކޮޅެއްވެސްނެތެވެ. މިއީކީ ދިވެހި އެއްވެސް ދަރިއަކު ދެކެންބޭނުންވާނެ މަންޒަރުތަކެއްނޫނެވެ. އަދި އިންސާނީ އެއްވެސް މުޖުތަމަޢަކުން ބަލައިގަންނާނެ މަންޒަރުތަކެއްނޫނެވެ. މަގުމަތީގައާއި، ގޭތެރޭގައިވެސް މިކަމުގެ ގިނިރޯވެ އަނދަނީއެވެ. ސްކޫލްތަކުގައާއި އިޖްތިމާޢީ މައިދާންތަކުގައިވެސް މަސްތުވާތަކެތީގެ ދަންތުރަ ޖެހިފައިވާ އެތައްބަޔަކު އެބައުޅެއެވެ.

          ފުލުހުންގެ ރިޕޯރޓްތައް ބުނާގޮތުން ކޮންމެ އަހަރަކު އެތައްސަތޭކަ ޒުވާނުންނެތް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެގެން އެމުއައްސަސާއަށް ގެނެވެއެވެ. އަދި މިޢަދަދު އެއްއަހަރުން އަނެއް އަހަރަށް ދަނީ އިތުރުވަމުންނެވެ. މިއީ ފަހެ ކަންބޮޑުވާންޖެހޭ ކަމެއްނޫންތޯއެވެ؟

މަސްތުވާ ތަކެތީގެ ނުރައްކާތެރިކަންއިތުރުވެފައިވާ ސަބަބުތައް

       މިކަމުގެ ސަބަބުތަކަކީ ކޮބައިތޯ ބަލާއިރު އެއްވެސް ފަރާތަކަށް އަނެއްމީހަކާއި ދިމާއަށް އިގިލި ދިއްކުރެވޭކަށްނެތެވެ. ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ އިންސާނާ ދުނިޔެއަށް އަންނަނީ ފިޠުރަތުގެ ސާފުކަންމަތީގައެވެ. އެކުއްޖާ ޔަހޫދީއަކަށް ނުވަތަ ނަޞާރާއަކަށް ހަދަނީވެސް އެކުއްޖެއްގެ މައިންބަފައިންނެވެ.

          އަޅުގަނޑުމެންގެ މުޖުތަމަޢުގައި މިކަމުގެ ޒިންމާ ނަގަންޖެހޭފަރާތްތައް ވަރަށްގިނައެވެ. މައިންބަފައިންނާއި، މުދައްރިސުންނެވެ. ވެރިންނާއި ރައްޔިތުންގެ މަޖިލިސްގެ މެމްބަރުންނެވެ. އަމިއްލަ މުއައްސަސާތަކާއި ހިލޭސާބަހަށް މަސައްކަތްކުރާ އެންމެހައި ފަރާތްތަކެވެ. މިގޮތުން ކުދިބޮޑު އެންމެންނެވެ.

          އެއްވެސް ފަރާތަކުން އިހުމާލުވެއްޖެނަމަ، އޭގެ ނުރައްކާތެރިކަން މުޅިމުޖުތަމަޢަށް ފޯރާނެކަމީ އެއްވެސް ޝައްކެއްއޮތް ކަމެއްނޫނެވެ. ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކޮށް އޭގެ ވިޔަފާރިކުރާ ގިނަމީހުންނަކީ ޒުވާނުންނެވެ. މީގެތެރޭގައި މަންމައިންނާ އެތައްބައްޕައިންވެސް ހިމެނޭކަމީ ހިތާމަހުރި ކަމެކެވެ.

          ދިރާސާތަކުންދައްކާ ގޮތުން މިފަހަކަށްއައިސް ރާއްޖޭގައި ވިހާއިރު ޢައިބުތައްހުންނަ ކުދިން ގިނަވުމާއި އަދި ވިހެއުމުގެތެރޭގައި އަނިޔާދީ ކުދިންމަރާލުމާއި، މިފަދަ އެތައްއަނިޔާއެއްދީގެންވެސް މުޖުތަމަޢަށް އެތައްކުދިންނެއް ބިކަވެ ދޫކޮށްލެވިފައިވެއެވެ. ސަބަބަކީ މަސްތުވާތަކެތީގެ ވަބާގައިޖެހިދިއުމަށް މައިންބަފައިންނަށް ދަރިފުޅު ދޮންފުތުކޮށް ދޫކޮށްލެވުނީމައެވެ. ސްކޫލްތަކުން އެމީހުންގެ ވާޖިބު އެންމެ އެދެވޭގޮތުގައި އަދާނުކުރެވުނީމައެވެ. ޙާކިމަށް އޭނާގެ ވާޖިބުވެސް އަދާނުކުރެވުނީމައެވެ. ދައުލަތުގެ އެންމެހައި މުއައްސަސާތަކަށްވެސް އެކަމުގައި ވަނީ އިހުމާލުވެވިފައެވެ.

            މިފަދަކުދިންނަށް އަޅާލާ ބެލެހެއްޓުމަށްޓަކައި ދިވެހި ދައުލަތުން ވަރަށްބޮޑު ޚަރަދެއް ކުރިނަމަވެސް ނަތީޖާ ނިކުންނަމުންދާގޮތަށް އެކަންކުރަމުން ނުދެއެވެ. މާތްﷲ ޙަރާމްކުރެއްވި މަސްތުވާތަކެތީގެ މަދުމިންވަރު ދީގެންނާއި ދެވަނަ ފުރުޞަޠުދީގެން މަސްތުގާތިބިމީހުން މުޖުތަމަޢަށް ނެރުމަށް މިޤައުމުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތަކީ އަޅުގަނޑުދެކޭގޮތުގައި އިސްލާމީ ޝަރީޢަތާއިއެއްގޮތައް ކުރެވޭ މަސައްކަތްތަކެއްނޫނެވެ. ސަބަބަކަށްވަނީ ޒުވާނުންގެތެރެއިން އިތުރު ބަޔަކު މިވަބާގައިޖެހުމެވެ.

           އަނެއް މައްސަލައަކީ ކިޔަވާކުދިންނަށް މިކަމާއި ގުޅޭގޮތުން ހޭލުންތެރިކުރުވިފައިވާ މިނަވަރު ދަށްކަމެވެ. މަސްތުވާތަކެތީގެ ނުރައްކާތެރިކަމާބެހޭގޮތުން ސްކޫލްތަކުގެ ދަރިވަރުންނަށް ދީނީ މަޢުލޫމާތު ދެވެނީވެސް ވަރަށް މަދު މިންވަރަކަށެވެ. ތަޢުލީމީ މަންހަޖުގައި މިކަމަށް ރިޢާޔަތްކުރެވިފައިވަނީ  ހަމައެކަނި ގުރޭޑު 10ގެ ދަރިވަރުންނަށް ކިޔަވައިދޭ ސުރުޚީއެއްގެ ގޮތުގައެވެ. ވުމާއެކު ދަރިވަރުން ދުންފަތުގެ އިސްތިޢުމާލުކުރުންފަދަ ނޭދެވޭ ޢަމަލުތަކުގެތެރެއިން މަސްތުވާތަކެތީގެ ވަބާގައި ޖެހެއެވެ. އަދި މިނޫނަސް ސްކޫލް މާހައުލުގައި ކުށްކުރާކުދިންނަށް އަޅަންޖެހޭ ފިޔަވަޅުތައް އެދެވޭ ހަރުދަނާ ގޮތެއްގައި ޤާއިމުވެފައި ނުވެއެވެ.

         މިސާލަކަށް ކުއްޖަކާދިމާއަށް ހަޑިހުތުރު ބަސްތައްބުނެ ކުދިންނަށް އުނދަގޫކޮށް ގޯނާކުރުމުންވެސް މާބޮޑުކަމަކަށް ބައެއް ސްކޫލްތަކުންނުހަދައެވެ. ހަމައެކަނި ކައުންސެލަރގެ ގާތަށް ޙާޟިރުކޮށް ނަޞޭޙަތްތެރިވުމަށްފަހު ތަކުރާރުކޮށް ފޮނުވަނީ ކުލާހަށެވެ. މިހެންވުމުގެ ސަބަބުން ކުށްކުރުމާއި މާރާމާރީ ސްކޫލްތަކުގައިވެސްވަނީ ކަންބޮޑުވާވަރަށް އިތުރުވެފައެވެ.

           ހަޑިހުތުރުބަހުން ވާހަކަދެއްކުމާއި، ދުވަސްވީ މީހުންނަށް ކަމޭނުހިތުމާއި، ކުޑަކުދިންނަށް އޯގާތެރިކޮށް ނުހިތުމަކީވެސް ދިވެހިންގެތެރޭގައި މިފަދަ ވަބާތަކަށް މަގުފަހިވެގެންދިޔަ ކަމެކެވެ. އަޅުގަނޑު އެންމެ ކަންބޮޑުވާ ކަމަކީ މާތްﷲގެ ޝަރީޢަތް މިބިމުގައި ތަންފީޛްކުރުމަށް ދައުލަތުގެ މުއައްސަސާތަކާއި، ފަނޑިޔާރުންނާއި، ޤާނޫނުހަދާ މަޖިލީހުން މަސައްކަތްކުރަމުން ނުދާތީއެވެ. އިލާހީ ޤާނޫނު އެއްކިބާކޮށް ހުޅަގުނގެ ޤައުމުތަކުގައި ކަންތައްކުރެވެމުންދާ ގޮތަށް ވަޟަޢީ ޤާނޫނު ކުރިއަށްނެރެގެން މަސައްކަތްކުރާ ބަޔަކަށް މިއަދު ދިވެހިންވަނީ ވެފައެވެ. މިއީ ހިތާމަކުރަންޖެހޭ ކަމެކެވެ.

ޤައުމާއި ރައްޔިތުން ސަލާމަތްކުރުމަށް ކުރެވިދާނެ ކަންތައްތައް

        ދިވެހިޤައުމާއި ރައްޔިތުން މިނުރައްކާތެރި ވަބާއިން ސަލާމަތްކުރުމަށްޓަކައި އެންމެ ފުރަތަމަވެސް މާތްވެގެންވާ އިސްލާމްދީނުގައި އަންގަވާފައިވާ ގޮތަށް އަޅުގަނޑުމެންގެ އުޅުމާއި ގުޅުންތައް ބަހައްޓަންޖެހެއެވެ. މިގޮތުން އަޅުގަނޑުމެން ހަދާ ވަޟަޢީ ޤާނޫނުތަކަށް ބަރޯސާވުމުގެ ބަދަލުގައި އިލާހީ ޤާނޫނަށް ޢަމަލުކުރަންޖެހެއެވެ.

         މަސްތުވާތަކެތީގެ އަދަބެއްގެ ގޮތުން ޝަރީޢަތުގައި އަންގަވާފައިވާ ޙައްދު ޤާއިމުކުރަންޖެހެއެވެ. އެއީ ސާޅީސް އެތިފަހަރުޖެހުމެވެ. ނަމަވެސް އަލްމާޢިދާ ސޫރަތުގެ 33 ވަނައާޔަތުގައި އަންގަވާފައިވާ މާތްﷲއާއި އެކަލާނގެ ރަސޫލާއާއި ހަނގުރާމަކޮށް ފަސާދަކުރާ މީހުންގެ ޖަޒާއަކީ މަރު ކަމުގައި އަންގަވާފައިވުމުން މިދިވެހި ފަސްގަނޑުގައި އެޙުކުމްވެސް ކަނޑައަޅަން އެބަޖެހެއެވެ. ސައްތައިން ސައްތަ މުސްލިމް ޤައުމަކަށްވީތީއެވެ.

          އިސްލާމީ ޝަރީޢަތާއި ވަޟަޢީ ޤާނޫނުތަކުގައި ހުރި ތަފާތަކީވަޟަޢީ ޤާނޫނަކީ އިންސާނުންގެ އިޚްތިރާމް ލިބޭ އެއްޗެއް ނޫނެވެ. އޭގައި،އެއްވެސް ހައިބަތެއް ނުހުރެއެވެ. ނަމަވެސް، އިސްލާމީ ޝަރީޢަތަށް މުސްލިމުންއިޙްތިރާމު ކުރެއެވެ. އޭގައި ހައިބަތު ހުރެއެވެ. އެހެނީ، އެއީ މާތް ﷲ ގެޙަޟްރަތުން ބާއްވައިލެއްވުނު ޝަރީޢަތަކަށްވާތީއެވެ. އެފަރާތަކީ ސިއްރާއިފާޅު މޮޅަށް ދެނެވޮޑިގަންނަވާ ފަރާތްކަމުގައި ވާތީއެވެ. އެއީ އިންސާނުންގެވެރި ރައްބު ކަމުގައި ވާތީއެވެ.

          އެހެންކަމުން، އިސްލާމީ ޝަރީޢަތުން ނަތީޖާނެރެދައްކާނެއެވެ. އިސްލާމީ ޝަރީޢަތުގައި، ރަލުގެ ވަބާއަށް ހައްލުގެންނަނީ، އެތިއެތި ކޮޅުން ދީގެނެއް ނޫނެވެ. އަދި ހަމައެހެންމެ، ބާރު ދެރައެއްޗެހި ދީގެނެއްވެސް ނޫނެވެ. އިސްލާމީ ޝަރީޢަތުގައި ރަލުގެ ވަބާހައްލުކުރަނީ އަޤީދާ ވަރުގަދަ ކޮށްގެންނެވެ. އިންސާނާގެ ވެރި ރައްބާ ގުޅުންބަދަހިކޮށްގެންނެވެ. އެ އިލާހީ އިންސާނުން އިމްތިޙާނު ކުރައްވާ އިލާހެވެ.އެ އިލާހީ އިންސާނުންނަށް ތައުފީޤު ދެއްވާ އިލާހެވެ. އެކަނލާގެއީ އިންސާނުންނަށް ކެތްތެރިކަން ދެއްވާ އިލާހެވެ. ރަލުގެ ވަބާގައި ޖެހިފައިވާމީހުން އެވަބާއިން ނެރުމަށް އިލާހީ “ޕްރްގްރާމް” ވަނީ ކުރި ހޯދާފައެވެ.ޞަޙާބީންގެ ޒަމާނުން ފެށިގެން މިއަދާ ހަމައަށްވެސް މި ޙަޤީޤަތް ދަނީއަޅުގަނޑުމެންނަށް ފެންނަމުންނެވެ. މީޑިއާތަކުގައި މިއަޑުތައް އިއްވަންޖެހެއެވެ.

         އަޅުގަނޑުމެން ޅަ ސިކުނޑިތަކަށްވިސްނައިދޭންވީ މިފަދައިންނެވެ. ވަޙީގެ ޒަމާނުގައި ރާ ބުއިމަކީ ފެންބުއިން ފަދައިންމީހުން ކޮށްއުޅުނު ކަމެކެވެ. ބަނގުރާ ބުއިމަށް އާދަވެފައި ތިބި ޞަޙާބީންރަލާ ދުރުވީ ވަޙީގެ އެންމެ ކަލިމައެއް ކަންފަތުގައި ޖެހުމާއެކުއެވެ. ((فاجتنبوه)) މިކަލިމައެވެ. (ތިޔަބައިމީހުން އެކަމުން ދުރުވާށެވެ.) މިކަލިމައެވެ. އެއާއެކު އަނގައިގެ ތެރޭގައި ހުރި ރާފޮދުވެސްބޭރުކޮށްލީއެވެ. ރުނބާތަކުގައި ހުރި ރާވެސް މަގަށް އޮއްސާލީއެވެ. މުޅިމަދީނާގެ މަގުތަކުން ރަލުގެ ސޭލުތައް ދެމިގެން ދިޔައެވެ. އެއީ އިސްލާމީޝަރީޢަތުގެ ހައިބަތެވެ. އެއަށް ދެވިފައިވާ ޤަދަރެވެ. އޭގެ މަތިވެރިކަމެވެ.

          އަނެއްކަމަކީ ރިވެތި މިސާލުދެއްކުމެވެ. މައިންބަފައިންނާއި ބެލެނިވެރިން ހަމައެކަނި ދަރިންގެގާތުގައި ނަމާދަށްދާށޭ ނުވަތަ ޤުރުއާން ކިޔަވާށޭ ބުނުމުގެ ބަދަލުގައި އެކުއްޖާއާއެކު ޤުރުއާން ކިޔެވުމެވެ. ނުވަތަ ބަރާބަރަށް ދަރިފުޅުގޮވައިގެން ބައްޕައާއެކު ނުވަތަ މަންމައާއެކު ނަމާދު ކުރުވުމެވެ. ދަރިންގެ ކުރިމަތީ ހަޑިހުތުރު ބަހުން ވާހަކަނުދެއްކުމާއި، ދުންފަތުގެ އިސްތިޢުމާލުކުރުންފަދަ ވިޔާނުދާ ޢަމަލުތައް ކުދިންގެ ކުރިމަތީ ނުހިންގުމަކީ ކޮންމެހެންވެސް ކުރަންޖެހޭނެކަމެކެވެ.

           ކުރީގެ އުއްމަތްތަކުގެ މީހުންނަށް ﷲ ފޮނުއްވި ކޯފާތަކުގެ ވާހަކައާއި ޞާލިޙު ހެޔޮލަފާ މީހުންނަށް އެކަލާނގެ މިންވަރުކުރައްވާފައިވާ “ޢަދުނު” އޭ ކިޔުނު ސުވަރުގެތަކުގެވާހަކަވެސް ދަރިންނަށް ކިޔައިދެވިދާނެއެވެ. މިގޮތުން ފާޙިޝް ޢަމަލުތައް ހިންގުމުގައި ހައްދުފަހަނަ އަޅާފައިވާ ޘަދޫމު ޤައުމުގެ މީހުންނަށް ވެގެންދިޔަ ގޮތްތައްފަދަ ކަންތައްތައް ކުދިންނަށް ކިޔައިދެވިދާނެއެވެ.

          ދެވަނަކަމަކީ ކީރިތިޤުރުއާނުގައި އަންގަވާފައިވާ ވަޢީޡުގެ ބަސްފުޅުތަށް ކުދިންނަށް ކިޔައިދިނުމެވެ. އަދި  އިންޒާރު ދެއްވާފައިވާ ފަދައިން މިފަދަކުށްތައް ކުރާ ފަރާތްތަކަށް ހަރުކަށި އަދަބު ދިނުމެވެ. މަސްތުވާތަކެތީގެ އަދަބަކީ ސާޅީސްއެތިފަހަރުން ތައުޒީރުކުރުން ކަމުގައި ވިއަސް އަޅުގަނޑުމެންގެ ޤައުމު މިއޮތްޙާލަތުން މިފަދަކުށްތައް ކުރާ މީހުންނަށް މަރުގެއަދަބުދެވޭނެކަމުގައި ކީރިތިޤުރުއާނުގެ އަލްމާޢިދާ ސޫރަތުގެ 33 ވަނައާޔަތުން ބަޔާންވެ އެނގެއެވެ.

           ތިންވަނަކަމަކީ ސަލަފުއްޞާލިޙުންގެ ޢަމަލުފުޅުތައް ކުދިންނަށް ކިޔައިދީ އެފަދަ ވާހަކަތަކަށް ކުދިން ލޯބިޖެއްސުމެވެ. މަކަރާއި ހީލަތްހަދާ ކާޓޫނުތައް ކުދިންނަށް ދެއްކުމުގެ ބަދަލުގައި ޢިބުރަތްތެރި ވާހަކަތަކުގެ މައްޗަށްބިނާކޮށް ކުޑަކުދިންގެ ފިލްމުތައް އުފެއްދިދާނެއެވެ. އޭރުން ލާދީނީ ކަންތައްތަކަށް ކުއްޖާގެ ސިކުޑި ހޭނުވުނުގެ ބަދަލުގައި އިސްލާމީ ޢުޞޫލުތަކަށް ލޯބިކުރާކުއްޖަކަށްވާނޭކަން ކަށަވަރެވެ.

           ހަތަރުވަނަކަމެއްގެ ގޮތުގައި އަޅުގަނޑު ފާހަގަކޮށްލާނީ އަޅުގަނޑުމެންގެތެރެއިން އަދީބުންނާއި ޢިލްމުވެރިން ލިޔުއްވާފައިވާ އެކިއެކި ފޮތްތައް ކުދިންނަށް ހޯދައިދީ އެފޮތްތަކަށް އެކުދިން އަހުލުވެރި ކުރުވުމެވެ. މިގޮތުން ޢިބުރަތްތެރި ޅެންތައްވެސް ކުދިންނަށް ކިޔައިދީ، ޅެން ޝަރަޙަ ކުރުމަށާއި މާނަލިޔުމަށް ދެވިދާނެއެވެ. މިގޮތުން މީހަކުދޭހާއެއްޗެއްގައި ނުހިފުމަށާއި ގޮތްނޭނގޭމީހުން ދޭއެއްޗެތި ކައިބޮއި ނޫޅުމަށްވެސް އިރުޝާދުދީފައިވާ ޅެންތައް ހުންނަކަން ފާހަގަކޮށްލަމެވެ. މިސާލެއްގެ ގޮތުން މިފަދަބައިތެއް ހިމަނާލާނަމެވެ.

ބޮނިކޮށް ވެދާފަދަ އެހިނދު މަރު ފޮނިއެއްޗެތީ ގިނަވޭ ޒަޚަރު،

    ކޮނެބިންނެގޭ ނެތަކަސް އެޒަރު އޮނިގަނޑުގެ ބަލަ ވިސްނާށެ ވަރު    = ޢަބުދުﷲ   ޖަލާލުއްދީން =

މަސްތުވާތަކެތީން އެއްކިބާވެފައިވުމުން ކުރާނެ ފައިދާތައް

          ޝައްކެއްނެތް ގޮތުގައި މަސްތުވާތަކެތި ބޭނުންކުރުމަކީ އިސްލާމީ މުޖުތަމަޢު ނޫނަސް އެހެނިހެން މުޖުތަމަޢުތަކުގައިވެސް ބަލައިގަންނަ ކަންތައްތަކަކަށް ނުވެއެވެ. މާތްވެގެންވާ އިސްލާމްދީނަކީ މިހުރިހާ ކަންތައްތަކެއް ނަހީކޮށް ރަނގަޅުކަންތައްތަކަށް ގޮވާލާ ހަމައެކަނި ޝަރުޢުކުރައްވާފައިވާ ދީންކަމުގައި ވުމުން އެދީނުގައި އަންގަވާފާއިވާ ގޮތަށް އަޅުގަނޑުމެންގެ އުޅުން ބައްޓަންކޮށްފިނަމަ، ދެދުނިޔޭގެ ފަލާޙާއި ކާމިޔާބުލިބޭނެކަމީ ޝައްކެއް އޮތް ކަމެއްނޫނެވެ. ދަރިފަސްކޮޅު އޮޅިގެންދިއުމުން ދިމާވާ އެންމެހައި މައްސަލަތައް ނެތިގޮސް ޢިއްޒަތުއްނަފްސު ރައްކާތެރިވެފައިވާ ވެއްޓެއް ޤާއިމުކުރެވޭނެއެވެ.

           މީސްތަކުން ހިނިތުންވުމާއެކު އެކަކުއަނެކަކާ ބައްދަލުވެ މުޢާމަލާތުކޮށް ހަދާނެއެވެ. ފިތުނަވެރިކަމުގެ ސަބަބުން ނިތްކުރިއަށް އަރަމުންދާ ރޫތައްފިލައިގެންދާނެއެވެ. އެހެންމީހުންވެސް ތިމާމެންނަށް އިޙުތިރާމާއި ޤަދަރުކުރާނެއެވެ. ސިއްޙީގޮތުން ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރެވޭނެއެވެ. ސަލާމާއި ޞަލަވާތްލެއްވި މާތް ރަސޫލާގެ ދިރިއުޅުއްވުމުން ރިވެތި ނަމޫނާ ލިބިގަނެވި ސުވަރުގެދިއުމަށް މަގުފަހިވެގެންދާނެއެވެ.

       އަނެއްކަމަކީ އަމާން ކަމާއެކު އުފާވެރި މުޖުތަމަޢެއް ބިނާކުރެވޭނެއެވެ. ކުށްކުރުން މަދުވެ އަދި އެފަދަ ކުށެއްކުރުމުން ދީނުގައި ކަނޑައެޅިފައިވާ ޙައްދު ޤާއިނުކުރެވުމުން ދެވަނަ ފަހަރަށް އެކުށް ތަކުރާރު ވެގެން ނުދާނެއެވެ. ހުރިހާ ނުބައިކަމެއްގެ މަންމަ ކަމުގައިވާ މަސްތުވާތަކެތި މިޤައުމުން ފުހެލެވިއްޖެނަމަ، ފާޙިޝް ޢަމަލުތައް ހުއްޓި އަބުރު ރައްކާތެރިކުރެވޭނެއެވެ.

        މުނާފިޤުންގެ ސިފަތައްކަމުގައިވާ ދޮގުހެދުމާއި، ވަޢުދާއި ޚިލާފުވުމާއި، އަމާނާތެއްކުރެވޭހިނދު ޚިޔާނާތްތެރިވުން ފަދަ ނިފާޤްގެ ބަލިތައް މީސްތަކުންގެ ކިބައިން ފުހެވިދާނެއެވެ. މިސްކިތްތައް ފަޅުފިލައިގެން ދިއުމާއި، ކުށްކުރާ މީހުންނަށް ދައުލަތުން ކުރަންޖެހޭ ޚަރަދުތަށް ކުޑަވުމުން ތަރައްޤީގެ އެކިއެކި މަޝްރޫޢުތައް ހަލުއިކަމާއެކު ކުރިޔަށްދާނެއެވެ. އަދި ބޭރުތަކެއްޗަށް އަޅުގަނޑުމެން ރޭރުވެގެން ތިބެންޖެހުމުގެ ބަދަލުގައި ޣައިރުމުސްލިމުންޖެހޭނީ އަޅުގަނޑުމެންގެ ހިޔަލުގައި ޖިޒީ ދީގެން ތިބޭށެވެ.

       އިސްލާމީ ތާރީޚު ހެކިދޭ ގޮތުގައި މިކަން ވަރަށް ރަނގަޅަށް ސާބިތުވެގެން ދެއެވެ. މުސްލިމުންގެ ދެވަނަ ޚަލީފާ ޢުމަރުގެފާނުގެ ދުވަސްވަރު މީހަކު ވައްކަންކުރުމުން އަތްކެނޑުނެވެ. އަދި މިކަމުގެ ސަބަބުން މުޅި އެޚިލާފަތުގައިވެސް ދެވަނަފަހަރަށް އެފަދަ އަދަބެއްދޭ ނުޖެހުނުކަމީ ކަމަށް އޮތް ޙައްލު ފެނިގެންދިޔަކަމެކެވެ. ވުމާއެކު މިފަދަ ކަންތައްތަކުން ޢިބުރަތް ލިބިގަނެ އަޅުގަނޑުމެންގެ މިކުޑަރާއްޖެ ކުއްތަކުން ސަލާމަތްކޮށް އިޞްލާޙުކުރުމަށް އެންމެން އަތުކުރި އޮޅާލަމާ ހިންގަވާށެވެ!

ނިންމާލުން

         ރާއްޖޭގައި އާދަޔާއި ޚިލާފަށް މަސްތުވާތަކެތީގެ ބޭނުންކުރުން އިތުރުވެފައިވާ ސަބަބުތަކުގެ މައްޗަށް ނިކަމެތި އަޅުގަނޑު އެކުލަވާލި މިކުރު ލިޔުން ތައްޔާރުކުރުމަށް ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއި އެއްބާރުލެއްވުން ލިބިފައިވާކަން ވަރަށް ޝުކުރުވެރިކަމާއެކު ފާހަގަކުރަމެވެ.

        މިބާވަތުގެ މަޢުލޫމާތުތަކަކީ ބައެއްފަރާތްތަކުން ހާމަކުރުމަށް ޖެހިލުންވާ މަޢުލޫމާތު ކަމުގައި ވީނަމަވެސް އަޅުގަނޑު އިންޓަވިއު ކުރި ފަރާތްތަކުން މިކަމަށް ވަގުތު ހުސްކޮށްދެއްވާ އެދެއްވި އެހީތެރިކަމަށްޓަކައި ވަރަށް އިޚުލާޞްތެރިކަމާއެކު ޝުކުރުދަންނަވަމެވެ.

        އަޑުގަނޑުގެ އުއްމީދަކީ ދިވެހިރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ އިތުރުވެފައިވާ ސަބަބުތައް މިލިޔުމުން  ގިނަބަޔަކަށް ހާމަވެ އެނގުމެވެ. އަދި މީގެ އަލީގައި މިކަމަށްހުރި ހުރަސްތައް ނެތިކޮށް ދިވެހިރާއްޖޭގެ ކުރިމަގު އުޖާކާލާކުރުމަށް ކޮންމެ ދިވެއްސަކުވެސް ގަދައަޅާ މަސައްކަތް ކުރުމެވެ.

ޙަވާލާދިން ލިސްޓް

–         މިނިސްޓްރީ އޮފް އެޑިޔުކޭޝަން ދިވެހިރާއްޖެ

–         ކްރިމިނަލް ކޯޓް ދިވެހިރާއްޖެ

–         މޯލްޑިވްސް ޕޮލިސް ސަރވިސް، ދިވެހިރާއްޖެ

–         އަލްފާޟިލް ޢަޒްލީން އަޙުމަދު (ޑެޕިއުޓީ މިނިސްޓަރ އޮފް އެޑިޔުކޭޝަން)

–         އަލްޤާރީ ޢަބުދުއްރަޙުމާން އާދަމް

–         ފަޟީލަތުލް އުސްތާޛުއްޝައިޚް މުޙައްމަދު ރަޝީދު އިބުރާހީމް

–         ރާމް މޯހަން ބާލާޖީ ޕްރަޝާދު (އިންޑިޔާ)

–         އާދަމް ނަސީމް، ޙަލާލު ތަކެތި ބޭނުންކުރުމާއި މުއްސަނދިވުން، ހުކުރު ޚުޠުބާ (02.09.2011) މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، ދިވެހިރާއްޖެ


[1]  (ބަޤަރާ 195)

[2]  (އަޙުމަދު/އިބުނު މާޖާ)

[3]  އަލް މާއިދާ 33

ލިޔުނީ: ޢަބުދުލް ޙަމީދު ޢަބުދުއްރަޙްމާން ( އެޑިޓަރ )

ޢަބުދުލް ޙަމީދަކީ ލިޔުންތެރިކަމުގެ ފަންނުގައި ކޮންމެ ރޮނގަކުންވެސް ލިޔެވިދާނެ ކުޅަދާނެ މައުލޫމާތު ގެ ޚަޒާނާއެކެވެ. ބިޒީ ޝެޑިއުލްގެ ތެރެއިންވެސް ހެޔޮބަސް ބުނުމާއި ހެޔޮކަންކަމަށް ގޮވާލައި ، އޮއްޓަރު ހުރި ޢިލްމީ ދިރާސާތައް ފެންނަމުންދާކަމީ މިކަމަށް ދެއްވާ ޝަޢުޤުވެރިކަން ދޭހަކޮށްދޭ އަލިގަދަ ހެއްކެކެވެ. .

މިލިޔުންވެސް ކިޔާލާ

ދުނިޔޭގައި ފެތުރިފައިވާ އެންމެބޮޑު ވަބާ!

ލިޔުނީ : ފާތުމަތު ސުޙާ / ގްރޭޑް 9 ހަށިގަނޑަށް ގެއްލުން ހުރިކަމެކެވެ. ބައެއް ޒުވާނުން އަދި މެދުޢުމުރުފުރާގެ ބައެއް …

ޚިޔާލެއްދެއްވާ

avatar
ދޮންބެ
ދޮންބެ

މިރިޕޯޓް ދިގުވެފައި ކިތަންމެ މޮޅަސް މީގައި މަސްތުވާތަކެތީގެ ކަންކަން ހުއްޓުވުަމަށް ކުރެވިދާނެ ކަމެއްގެ ވާހަކަ ގެނެސްދީފާ ނެއްކަން ފާހަގަކޮށްލަމެވެ. އެހެނަސް މިފަދަ ލިޔުންތަކަކީ މިއަދު މި މުޖުތަމަޢުއަށް ވަރަށްބޮޑަށް ބޭނުންވެފައިވާ ލިޔުންތަކެކެވެ.

މުސްކުޅިވެރިޔާ
މުސްކުޅިވެރިޔާ

ވަރަށް ޢިބްރަތްތެރި ލިޔުމެއް. އެހެން ނަމަވެސް އެއްފަހަރާ ގެނެސްދިނުމަށް މާ ދިގީ…..

wpDiscuz