އެސް އެމް އެސް ބެކަޕް ޕްލަސް – ވަރަށް ސަޅި އެޕްލިކޭޝަނެއް

އެސް އެމް އެސް އާއި، އެމް އެމް އެސް ގެ މުހިއްމުކަން ވަނީ މިފަހަކަށްއައިސް ގިނަބަޔަކަށް ބޮޑުވެފައެވެ. ވަރަށް ގިނަމުޢާމަލާތްތައް މިދެންނެވި ދެ ވަސީލަތުގެ ބޭނުންކޮށްގެން ކުރަމުން ގެންދެއެވެ. ދޭދޭ ރައްޓެހިންގެ މެދުގައެވެ. ކިޔަވަކުދިންނާއި، ވިޔަފާރިވެރިންނެވެ. ލޯބިވެރިންނާއި، ދުޝްމަނުންވެސް މިއަދު ދަނީ ވަރަށްފުޅާދާއިރާއެއްގައި މިދެވަސީލަތުގެ ބޭނުން އެކިގޮތްގޮތަށް ހިފަމުންނެވެ.
އެހެންކަމުން މިފަދަ ކޮންމެ މީހެއްގެ ފޯނުގައިވެސް ފުދޭވަރެއްގެ ގިނަ އެސް އެމް އެސް އާއި، އެމް އެމް އެސް ސްޓޯރ ވެފައިހުރެއެވެ. އަދި އޭގެ ތެރޭގައި ވަރަށް މުހިއްމު މެސެޖްތައްވެސް ހިމެނެއެވެ. މިފަދަ ގިނަ އަދި މުހިއްމު މެސެޖްތަކެއް ފޯނުގައި ރައްކާކޮށްފާ ވަނިކޮށް ފޯނަށް ދިމާވާ ކޮންމެވެސް މައްސަލައަކާއި ގުޅިގެން މެސެޖްތައް ޑިލީޓްވެގެން ގޮސްފިނަމަ އެ ލިބުނީ ބައެއްފަރާތްތަކަށް ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެކެވެ. އަދި އަލުންއަނބުރާ އެ މެސެޖްތައް ހޯދުމަށް ވަރަށްބުރަ އުނދަގޫ މަސައްކަތްތަކެއް ކޮށްގެންވެސް ބައެއްފަހަރު ރީސްޓޯރ ކުރެވޭގޮތްވެސް އޮންނަނީ ނުވެފައެވެ.
މިހެން މިކަން ދިމާވަމުންދާތީ ކޮންމެ ބޭފުޅަކުވެސް ވަނީ މިކަމުގެ ހައްލަކަށްބޭނުންވެފައެވެ. މިއަދު މިއޮތީ އޭގެ ހައްލު ފެނިފައެވެ. ފޯނުގައި ހުންނަ މެސެޖްތަކާއި، ކޯލް ލޮގް ތައް ރައްކާކޮށްފާ ގިނަދުވަހަށް ބެހެއްޓުމަށް މިވަރެއް ނެތޭ ދެންނެވުމަކީ ދޮގަކަށްނުވާނެއެވެ.
އެންޑްރޮއިޑް މާރކެޓުން ފްރީކޮށް ލިބޭ މިއެޕްލިކޭޝަން އިންސްޓޯލްކޮށްލުމުން އެތައްޒަމާނެއް ވަންދެން ރައްކާކޮށްފައިވާ މެސެޖްތަކާއި، ކޯލްލޮގްތައް ފޯނަށް އަލުން ރިސްޓޯރ ކޮށްލެވެއެވެ. މި އެޕްލިކޭޝަން ފަރުމާކުރި ފަރާތުން ހާމަކޮށްފައިވާ ގޮތުގައި އަދި މިވަގުތައް އެމްއެމް އެސް ރިސްޓޯރ ނުކުރެވުނަސް ކައިރި މުސްތަޤުބަލެއްގައި އެކަންވެސް ކުރެވޭގޮތަށް މި އެޕްލިކޭޝަންގެ އަޕްޑޭޓް ލިބޭނެއެވެ.
މި އެޕްލިކޭޝަނުން ކޮށްދޭ ކަމަކީ ނެޓް ތުރޫކޮށް ގޫގުލް އެކައުންޓަށް ( ޖީމެއިލް އަށް ) ކަނެޓްކޮށްލުމުން އެމީހެއްގެ ފޯނުގައި ހުންނަ މެސެޖްތައް އެމެއިލަށް އޮޓޮމެޓިކުން ބެކަޕެއް ހަދާލަނީއެވެ. މި ބެކަޕް ކިތަންމެ ގިނަދުވަހަކަށްވެސް މެއިލްގެ ވަކިފޯލްޑަރ އެއް (sms) ގައިރައްކާކުރެވިފައި ހުންނާނެއެވެ. އަދި ބޭނުންވެއްޖެ ކޮންމެ ވަގުތެއްގައި އަލުން ފޯނަށް ރިސްޓޯރ ކުރެވޭނެއެވެ.
އަދި އޮޓޯއިން ބެކަޕް ނެގޭގޮތަށް ސެޓިން ހެދޭގޮތަށްވެސް މި އެޕްލިކޭޝަން ވަނީ ފަރުމާކުރެވިފައެވެ.
މިފަދަ އެތައް ބައިވަރު އެޕްލިކޭޝަންތަކެއް ގޫގުލް މާކެޓުން ލިބެންހުއްޓަސް އަޅުގަނޑަށް ދެންނެވޭނީ އެންމެބޮޑަށް ޔުސަރފްރެންޑްލީ ވެފައި ފަސޭހައީ މި އެޕްލިކޭޝަން ކަމުގައެވެ. އަޖުމަ ބަލާލުމަށް މިއީ ވަރަށް ރަގަޅު އެޕްލިކޭޝަނެއް ކަމުގައި ދެކެމެވެ.
download SMS Backup +

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ޚިޔާލެއްދެއްވާ

avatar
wpDiscuz