އެމީހުން ވެސް ގަބޫލެއް ނުކުރޭ!

ޑޯންޓް ސޮޑިމައިޒް ޖެރޫސަލަމް” ( ޖެރޫސަލަމް ސަދޫމް ވަންތަ ނުކުރޭ!)

މިޒަމާނުގެ ނަސާރާއިން މިއުޅޭ ދީނަކީ އީސާ ޢަލައިހިއް ސަލާމް ފަތުރުއްވަން މަސައްކަތް ކުރެއްވި ދީން( އިސްލާމްދީން)  ހަވާ ނަފުސާ އެއްގޮތަށް ބަދަލުކުރަމުން ، ބަދަލުކުރަމުން ގޮސް މުޅިން ފަސާދަކޮށްގެން އުފެދިފައިވާ އަމިއްލަ ގޮތްތަކެކެވެ.  މިކަމާ ދެބަސްވާނެ އިސްލާމަކު ނޫޅޭނެއެވެ.

ޢީސާ ޢަލައިހިއްސަލާމަށް ބާވާ ލެއްވި އިންޖީލު ބަދަލުކޮށް، ދީނުގައި ހަރާމް ކަންތައްތައް ހުއްދަކުރިތާ އެތައް ގަރުނެއް ވެ ދިޔައިރު ވެސް އެކަންތަކަކީ ހުތުރު ކަންތައްތައް ކަން ހަމަ ނަޞާރާއިން ވެސް ދިޔައީ ގަބޫލުކުރަމުންނެވެ.

މީގެ ފަންސާހަކަށް ފަސް ދޮޅަހަކަށް އަހަރު ކުރިން ވެސް ކައިވެންޏާ ނުލައި ކުދިން ހޯދުމަކީ ހަމަ ވަރަށް ހުތުރުކަމެއް ކަމަށް ނަޞާރާއިންގެ މަދު މީހަކު ނޫނީ ގަބޫލުކުރާކަމަށް ތާރީހު ހެކިދެއެވެ.

އެކަން މިހާރު ވަނީ ބަދަލުވެފައެވެ. ޔޫރަޕްގެ ގިނަ ގައުމުތަކުގައި މިހާރު އެކަން މައްސަލައަކަށް ނުވެޔޯލައެވެ. ހިލޭމީހުންގެ މެދުގައި އައުރަ ކަޝްފު ވުމަކީ ހުތުރު ކަމެއްގެ ގޮތުގައި އޮތް އޮތުން ނަޞާރާއިންގެ މެދުގައި ވަނީ ނެތި ގޮސްފައެވެ.

 އެއްޖިއްސުން ގުޅުން ހިންގުން ވެސް އެފެންވަރަށް ގެންދިއުމަށް މެދު ނުކެނޑި އެމީހުންގެ ބައެއް މީހުން ދަނީ މަސައްކަތް ކުރަމުންނެވެ. ހަމަ އެހާ  ގިނަ ބަޔަކު އެކަމާ ދެކޮޅަށް ވެސް އަޑު އުފުލަމުން ދެއެވެ.  ” ޑޯންޓް ސޮޑިމައިޒް ޖެރޫސަލަމް” ( ޖެރޫސަލަމް ސަދޫމް ވަންތަ ނުކުރޭ!) އެއްޖިއްސުން ގުޅުން ހިންގުމާ ދެކޮޅަށް ފަލަސްތީނުގެ ނަޞާރާއިންނާއި ޔަހޫދީން ކުރި މުޒާހަރާއެއްގައި ގެންގުޅުނު ބޯޑެއްގައި ލިޔެފައި އޮއްވާ ފޮޓޯއަކުން ދުށީމެވެ.  ބާރުގަދަ ސިޔާސީ މީހުންނާއި މުއްސަނދި ވިޔަފާރިވެރިންގެ ނުފޫޒުން  ބައެއް ގައުމުތަކުގައި އެކަން އެއީ ގާނޫނީ ގޮތުން ހުއްދަ ކަމަށް ހެދިތާ އަހަރުތަކެއް ވެއްޖެއެވެ.

ނުވިތާކަށް އެ ހުތުރު ކަންތަކަކީ އެކަން ކުރަން ބޭނުންވާ މީހުންގެ ހައްގެއް ކަމަށް ބުނެ، އދ. އާއި ދުނިޔެއަށް އަތް ގަދަ ކުރުމަށް ހުޅަނގާއި އެމެރިކާއިން ހަދާފައިވާ ޖަމާއަތްތަކުން ދަނީ ވަކާލާތު ކުރަމުންނެވެ.

އެމީހުން އުޅެނީ ކޮން ހާލެއްގައިތޯ ބަލައި އެކަމާ ބެހޭ ރިޕޯޓްތައް ދަނީ ކޮންމެ އަހަރަކު ނެރެމުންނެވެ.

އެއީ ހައިރާން ވާން ޖެހޭ ކަމެއް ނޫނެވެ. އެމީހުންނަކީ މާއްދިއްޔަތަށް އަޅުވެތި ވެފައިވާ ބައެކެވެ. އެމީހުންގެ މަސައްކަތަކީ ޖަނަވާރުން އުޅޭ އުސޫލުން އެމީހަކު ބޭނުން ކަމެއް ކޮށްގެން އެމީހަކު އުޅޭ އުސޫލު ދުނިޔޭގައި ފަތުރާށެވެ.

ހިތުގައި އުދާސްތަކާއި ސުވާލުތަކާ އެކު މިވާހަކަ މިހެން ދައްކަން މިޖެހެނީ އިސްލާމުން ކަމަށް ބުނާ މީހުން އެމީހުންގެ މަސައްކަތަށް އެއްބާރުލާތަން ފެނުމުންނެވެ.

ސުވާލުތައް އުފެދިފައިވާ މަޒްހަބެއް ކަމަށްވާ ޝިޔައީންގެ އަޣުލަބިއްޔަތު އޮންނަ، އެމީހުންގެ ވެރިކަމެއް ވެސް އޮތް، އީރާނަކީ ހުޅަނގުން ނަފުރަތު ކުރާ ގައުމެކެވެ.

ނިއުކްލިއަ ހަތިޔާރު ހަދަނިއްޔޭ އިންސާނީ ހައްގުތައް ނަގާލަނިއްޔޭ ، މިފަދަ ކޮންމެވެސް ބަހަނާއެއްގައި އދ.ގެ ކޮންމެވެސް މަންދޫބެއް އަބަދުވެސް އީރާނަށް ހުންނަނީ ފޮނުވާފައެވެ.

އެކަން އެހެން ހިނގަމުންދާތާ އަހަރުތަކެއް ފަހުން އެފަދަ މަގާމަކަށް މިއައީ ދިވެއްސެކެވެ. އެދުވަހު ކޮންމެވެސް ވަރަކަށް ހިތްހަމަވެސް ޖެހުނެވެ. އދ. ގެ ހަގީގީ ވެރިޔާކަމަށްވާ އެމެރިކާ ބޭނުންވާހާ ގޮތަކަށް އޭނާ ރިޕޯޓްތައް ނުނެރޭނެ ކަމަށް އުއްމީދުކުރެވުނީމައެވެ.

އޭނާގެ ފުރަތަމަ ރިޕޯޓް މިދާކަށް ދުވަހު ވަނީ އދ.ގެ ހިއުމަން ރައިޓް ކައުންސިލަށް ހުށައަޅާފައެވެ.

ކަމަކު ދާކަށް ނެތެވެ. އިންސާނުންގެ ފިތުރަތާ ވެސް ހިލާފު ، ނަސާރާއިންގެ ނަގާ ކިޔާ ގައުމުތަކުގައި ވެސް އަދިވެސް ހުތުރު ކަމެއް ކަމަށް މީހުން ގަބޫލު ކުރާ އެއްޖިއްސުން ގުޅުން ހިންގައިގެން އަދަބު ދިން މީހުންގެ އަދަދުތައް ވެސް ރިޕޯޓްގައި ވަނީ ހިމަނާފައެވެ. އަދި އެމީހުންނަށް އަދަބު ދިނުން އެއީ އެމީހުންގެ އިންސާނީ ހައްގަށް އަރައިގަތުމެއް ކަމަށް ވަނީ ސިފަކޮށްފައެވެ.

ރުޅި އަރާފައި ހުއްޓާ މިއަދު ކިޔާލި ހަބަރެއްގައި އޮތީ ނަޞާރާއިންގެ އަޣުލަބިއްޔަތު އޮންނަ އެންމެ ބާރުގަދަ އެއް ގައުމު ކަމަށްވާ އިނގިރޭސިވިލާތުގައި އެއްޖިއްސުން ގުޅުން ހިންގާ މީހުންނަށް ހަމަ ހަމަކަން ހޯދަދޭން ކުރި މަސައްކަތެއްގެ ތެރެއިން ވެސް އެ ހަމަ ހަމަކަން ނުދިން ވާހަކައެވެ.

އެބާވަތުގެ މީހުންނަށް ހަމަހަމަކަން ހޯދައި ދިނުމަށް ގޮވާ ގޮވެލިތައް ގިނަވެގެން އެކަން ހޯދަދޭން އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމެރަން މަސައްކަތްތަކެއް ކުރިއްޔޯލައެވެ. އެކަމުގެ ތެރޭގައި އެމީހުންނަށް ކައިވެނި ކުރެވޭ ގޮތަށް ގާނޫނެއް ވެސް ފާސްކުރީއެވެ.

ނަމަވެސް މިއަދު އޮތް ހަބަރުގައި އޮތީ އެގޮތަށް އެކަން ގާނޫނީ ގޮތުން ހުއްދަ ކުރިޔަސް، އެމީހުންގެ ދީނީ އެންމެ މުގައްދަސް ތަން ކަމަށްވާ ޗާޗްތަކުގައި އެފަދަ ކައިވެނި ކުރަން ހުއްދަދޭން އެތާނގެ ޕާލަމެންޓު މެމްބަރުން އެއްބަސްނުވި ވާހަކައެވެ.

އިނގިރޭސި ހޯމް އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ ” ދީނީ ހަފުލާއެއްގައި، ދީނީ ތަނެއްގައި ކައިވެނި ބޭއްވޭނީ  ހަމަ އެކަނި ފިރިހެނަކާ އަންހެނަކާ ދެމެދު ކުރާ ކައިވެނިތައް” ކަމަށެވެ.

މިކަމުން އެނގޭ އެއްޗަކީ އެ ހުތުރު ކަންތަކަކީ އެމީހުން ވެސް އަދިވެސް ގަބޫލު ނުކުރާ ކަމެއް ކަމެވެ. ދެން އެއީ އިންސާނީ ހައްގަކަށް ހަދައިގެން އިސްލާމަކު ކަމަށް ބުނާ މީހަކު އުޅުނީމާ މީހަކު އަޅެ މޮޔައެއް ނުވާނެ ހެއްޔެވެ؟

ލިޔުނީ: ޙަސަން އިބްރާހިމް

ޚިޔާލެއްދެއްވާ

avatar
ދޮންބެ
ދޮންބެ

މިލިޔުމުގައި ވަނީ މުޅިންވެސް ހަމަ ތެދުޙަޤީޤަތެވެ. ޑރ.ޝަހީދުމެން ކަހަލަ ދިވެހި ބޭފުޅަކު އެކަމެއް ކުރުމުން މުޅި އެންމެހައި ދިވެހިންނަށް ރައްދުވެގެންދާ ވިޔާނުދާބަދު ބަސްތައް މިހާރުމިވަނީ އަހަރެމެން ހުރިހާދިވެހިންނަށް ރައްދުވެ މުޅިދުނިޔޭގެ ކުރިމަގައި ދިވެހިންގެ އަގުވެއްޓިފައެވެ. ފައިސާއަށް ހެއްލުނަކަސް މިވަރު ފުކެއް ބޮޑެވެ.

wpDiscuz