އުތީމު އަލިފަތަކުރުފާނުގެ ޒިޔާރަތުގެ ހާލަތު ބަލަން ދިޔަ ހެރިޓޭޖް ޑިޕާޓްމަންޓްގެ މުވައްޒަފުންނަށް އެރަށު ކައުންސިލުން ހުރަސްއަޅާއިފި.

ހއ. ތަކަންދޫގައި ހުންނަ އުތީމު އަލިފަތަކުރުފާނުގެ ޒިޔާރަތުގެ ހާލަތު ބަލަން ދިޔަ ހެރިޓޭޖް ޑިޕާޓްމަންޓްގެ މުވައްޒަފުންނަށް އެރަށު ކައުންސިލުން ހުރަސްއަޅައިފިއެވެ. ހެރިޓޭޖް ޑިޕާޓްމަންޓްގެ ފަރާތުން ތަކަންދުއަށް ޒިޔާރަތް ކުރެއްވި އުތީމް ބޮޑުތަކުރުފާނުގެ ހަދާނީ މަރުކަޒުގެ އިސް ފަރާތެއްކަމަށްވާ އަބްދުލަތީފް އިބްރާހިމް ވިދާޅުވީ އަލިތަކުރުފާނުގެ ޒިޔާރަތުގެ ހާލަތު ބަލާލަން މިދިޔަ ހޮނިހިރު ދުވަހު އެޑިޕާޓްމަންޓްގެ މުވައްޒަފުން ތަކަންދު އަށް ދިޔައީ ބޮޑުތަކުރުފާނާ ގުޅުން ހުރި އެންމެހައި ތަންތަނަށް ކުރާ ޒިޔާރަތެއްގެ ތެރެއިން ކަމަށެވެ. އަދި ވިދާޅުވީ ތަކަންދުއަށް ދިއުމުގެ ކުރިންއެ ރަށު ކައުންސިލަށް އެކަން އެސްއެމްއަސްއަކުން އެންގި ކަމަށާއި އަދި އޭގެ ޖަވާބުގައި ކައުންސިލުން އެއްބާރުލުން ނުދޭނެ ވާހަކަ ކައުންސިލުން ބުނެފައިވާ ކަމަށެވެ. އަދި ތަކަންދުއަށް ފޭބުމާ އެކު އެރަށުގައި ތިބި އެމްޑީޕީ އަށް ތާއީދުކުރާ މީހުން މެގަފޯނެއް ހިފައިގެން އައިސް ހެރިޓޭޖް ޑިޕާޓްމަންޓްގެ ޓީމުގެ ފަހަތުން ހަޅޭއް ލަވަމުން ހިނގި ކަމަށް ލަތީފް ވިދާޅުވިއެވެ. އަދި އަލިތަކުރުފާނުގެ ޒިޔާރަތަށް ވަންނަން އުޅުމުން އެކަމަށް ހުރަސް އެޅުމުގެ ސަބަބުން އެތަން ބެލޭ ގޮތް ނުވި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

 އަދި ވިދާޅުވީ ސްޓޭޓް މިނިސްޓަރެއް ފިޔަވައި އެ ދަތުރުގައި ސިޔާސީ އެއްވެސް ފަރާތެއް ބައިވެރި ނުވާ ކަމަށާއި އެދަތުރުގައި ދިޔައީ އެޑިޕާޓްމަންޓްގެ ސިވިލް ސާވިސް މުވައްޒަފުން ކަމަށެވެ. ލަތީފް ވިދާޅުވީ އެއީ ސިޔާސީ ކަމަކަށް ނުވާއިރު އެކަމުގައި ވެސް ކައުންސިލްގެ އިސްވެރިން ހިންގި އަމަލާއި މެދު ކަންބޮޑުވާކަމަށެވެ.

މިކަމާއި ބެހޭގޮތުން ތަކަންދޫ ކައުންސިލްގެ ރައީސް އަބުދުﷲ ސޯދިގު ވިދާޅުވީ ވެރިކަން ބަދަލުވި ގޮތް ތަހުގީގު ނުކުރެވެނީސް މިހާރު އޮތް ސަރުކާރު ގަބޫލުނުކުރާނެ ކަމަށް ބުނެ އެ ކައުންސިލުން ގަރާރެއް ފާސްކޮށްފައި ވާނެ ކަމަށެވެ. އަދި ވިދާޅުވީ ހެރިޓޭޖް ޑިޕާޓްމަންޓުން ފޮނުއްވި މެސެޖްގައި އޮތީ ޑެޕިއުޓީ މިނިސްޓަރު ވަޑައިގަންނަވާނެ ވާހަކަ ކަމަށާއި އެއްބާރުލުން ނުދޭނެ ވާހަ އެންގީ އެހެންވެ ކަމަށެވެ.

މިކަމާއި ބެހޭގޮތުން ކައުންސިލްތަކުގެ ބެލެނިވެރިފަރާތްކަމުގައިވާ ލޯކަލް ގަވަރް މަންޓް އޮތޯރިޓީގެ ސީއީއޯ އަހުމަދު ޝުކުރީ ވިދާޅުވީ ރަށުގެ އެފަދަކަންކަމަށް ކައުންސިލުން އެއްބާރުލުން ނުދިނުކީ އެކަމާއި ކަންބޮޑުވާކަމެއްކަމަށެވެ. ނަމަވެސް އެމައްސަލަ އަދި  އެލޖީއަށް ހުށައަޅާފައި ނުވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެނާ ވިދާޅުވީ ސަރުކާރު ސަހައްތޯ ނުވަތަ ނޫންތޯ ބަލައި އަދި ސަރުކާރު ގަބޫލް ނުކުރާކަމަށް ކަނޑައެޅުމުގެ ބާރެއް ކައުންސިލްތަކަށް ލިބިގެން ނުވާކަމަށެވެ.

ލިޔުނީ: އިރުފާނު ( އިރޭ )

އިރުފާނަކީ އެކިދާއިރާގެ ޚަބަރު ހޫނުކޮށް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ނުޖެހި ހިވާގިކަމާއެކު ކެރިގެން މަސައްކަތްކުރައްވާ ކުރިއަރަމުން އަންނަ ނޫސް ރިޕޯރޓަރެކެވެ.

ޚިޔާލެއްދެއްވާ

avatar
wpDiscuz