އިސްލާމު ދީނުގެ ދިފާއުގައި ދިވެހިން

ހަމައެކަނި އިސްލާމުދީނަށް ފުރައްސާރަ ކުރުމުގައި ރައީސް ނަޝީދުގެ ސަރުކާރުން ކޮށްފައިވާ ކަމަށް ބެލެވޭ ބައެއް ކަންކަމަށް ބަލައިލާނަމެވެ.

• މީހުންއުޅޭ ރަށް ރަށުގައި ރާ ވިއްކުން:

މީހުން އުޅޭ ރަށްރަށުގައި ރާ ވިއްކުމުގެ ސިލްސިލާއެއް ފެށުމަށްޓަކައި ނަޝީދު ގެ ސަރުކާރުން އެންމެ ފުރަތަމަ އުޅުނީ މާލޭގެ ބޮޑު ހޮޓަލެއްގައި ރާވިއްކުމުގެ ހުއްދަ ދޭށެވެ. ނަމަވެސް މަދަނީ ޖަމިއްޔާ ތަކާއި ރައްޔިތުންގެ ބަޔަކު ގުޅިގެން ޤައުމީ ފެންވަރުގައި މުޒާހަރާ ކޮށް އިހްތިޖާޖް ކުރުމުން ގޮތް ހުސްވެގެން އެވަގުތަށް ސަރުކާރުން އެކަން މަޑުޖައްސާލީ އެވެ. އެހެނެއް ކަމަކު މީހުން އުޅޭ ރަށްރަށުގައި ރާވިއްކުމުގެ ހުއްދަ އަދިވެސް ދޭން ސަރުކާރުން ބޭނުންވާކަމަށް ގަބޫލު ކުރެވެ އެވެ. މިކަމަށް މަގުފަހި ކުރުމަށްޓަކައި މީހުން އުޅޭ ބޮޑެތި ބައެއް ރަށްރަށުގެ ވަލުތެރޭގެ ބައެއް ސަރަހައްދު އެއީ ފަޅު ރަށް ކަމުގައި ކަނޑައަޅާފައި ވެއެވެ. މިސާލެއްގެ ގޮތުން ޏ. ފުވައްމުލަކާއި ސ. ހިތަދޫ ގެ ބައެއް މިހާރުވަނީ ފަޅުރަށް ކަމުގައި ރައީސް ގެ ގަރާރަކުން ކަނޑައަޅާފަ އެވެ. މިދެންނެވި ސަރަހައްދުތަކުގައި ސިޓީ ހޮޓާ އެޅުމަށްފަހު އެހޮޓާތަކުގައި ރާ ވިއްކުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެ އެވެ. އެއީ ދުވާލުގެ އިރު ފެންނަފަދައިން ހާމަކަން ބޮޑު ގޮތެއްގައި އެނގެން އޮތް ކަމެކެވެ.

• އިޒްރޭލުގެ ލޮލުގެ ޑޮކްޓަރުން ރާއްޖެ ގެނައުން:

އިޒްރޭލުގެ ލޮލުގެ ޑޮކްޓަރުންގެ ޓީމެއް މިސަރުކާރުން މިއަހަރު ކުރީކޮޅު ރާއްޖެ ގެނައެވެ. ދިވެހިންނަށް ހިލޭ ލޮލުގެ ފަރުވާ ދިނުން އެއީ މި ޓީމު ގެނައުމުގެ އަސްލު މަގުސަދު ކަމާ މެދު ސުވާލު އުފެދެ އެވެ. ރައްޔިތުންގެ ގިނަބަޔަކު އެކަމާ ދެކޮޅަށް އިހްތިޖާޖް ކުރުމުން އެޓީމުގެ ޑޮކްޓަރުން ރާއްޖެތެރެއަށް ކުރަން ހަމަޖެހިފަ އޮތް ދަތުރުތައް ކެންސަލުކުރުމަށް ފަހު އެނބުރި އިޒްރޭލަށް ދިޔައީއެވެ.

• އިޒްރޭލްގެ ޤައުމީ އެއާލައިން ރާއްޖެއަށް ދަތުރުތައް ފެށުން

މިހާރު ނަޝީދުގެ ސަރުކާރުން އަމާޒު ހިފާފައިވަނީ އިޒްރޭލުގެ ޤައުމީ އެއަރލައިން ގެ ޝެޑިއުލް ދަތުރުތައް އިޒްރޭލާއި ދިވެހި ރާއްޖެ އާއި ދެމެދު ފެށުމަށެވެ. މިކަން ވެގެންދާނީ ދިވެހި އިސްލާމީ އުއްމަތަށް ފާވާ ބޮޑު ވަބާ އަކާއި ފިތުނައެއް ކަމުގައި ބޭރުގެ ބައެއް ފަރާތްތަކުން ވެސް ބުނެފައިވެއެވެ. ނަމަވެސް މިސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

ރާއްޖޭގެ އެއަރޕޯޓުވެސް އެވަނީ ބޭރުގެ (އިންޑީއާ) ބަޔަކަށް “ވިއްކާލާފަ” އެވެ! އެހެން އެކަން އޮތްއިރު އިޒްރޭލް ގެ ޤައުމީ އެއަރލައިންގެ ފްލައިޓްތައް ޖީ.އެމް.އާރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި ޖައްސަން ފެށުމުން މިސަރުކާރުން ބޭނުން ގޮތަކަށް ދިވެހިންގެ ދީނީ އަޤީދާއާއި ކުޅެލުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެ އެވެ.

• އައްޑޫގައި ބުދު ބެހެއްޓުން:

ސާކް ޤައުމުތަކުގެ ރަމްޒީ ބިނާ ތަކެއްގެ ނަމުގައި އައްޑޫ ސިޓީގެ މަގުތަކުގައި ލޯޑް ބުއްދާގެ ބުދު ނަކަލު ކުރެވިފައިވާ ބިނާ ތަކާއި ސިންގަޅައިން ކިރާ ސިންގާގެ ސިފައަށް ހަދާފައިވާ ބުދުފަދަ ތަކެތި ބެހެއްޓީ ސީދާ މިސަރުކާރުންނެވެ. އެމައްސަލަ ހޫނުވުމުން އެމްޑީޕީގެ ޕާލިމެންޓަރީ މެމްބަރ އިމްތިޔާޒް ފަހުމީ އެކަން ސިފަކުރެއްވީ ސާރކް ޤައުމުތަކުން ކުރި ކަމެއްގެ ގޮތުގައެވެ. އެއީ ދިވެހި ސަރުކާރާ ގުޅުމެއް ނެތް ކަމެއްގެ ގޮތުގައެވެ. ނަމަވެސް މިނިވަން މުސަތަޤިއްލު ޤައުމެއްގައި އެހެން ޤައުމެއްގެ އެފަދަ ބިނާއެއް ބެހެއްޓޭނީ ދެ ޤައުމު ދެމެދުގައި އެއްބަސް ވެވިގެން ދިވެހި ސަރުކާރަށް ވެސް އެކަން އެނގިގެންކަން ކުޑަކުއްޖަކަށް ވެސް އެނގޭނެ އެވެ. ޒިންމާއިން ރެކުމަށްޓަކައި މިކަހަލަ ޓޯއީ ވާހަކަ ދެއްކުމުން އިތުރަށް ބޭޒާރުވުން ނޫން ކަމެއް ނުވާނެއެވެ. އިމްތިޔާޒު ފަހުމީގެ މި ފްލޯކު ވާހަކައަށް ފަހު ދެން އިވުނީ ރައީސް ނަޝީދު ވެސް އެފަދަ ވާހަކައެއް ދެއްކެވި ތަނެވެ. މިފަދަ ބުދު ބެހެއްޓުމުގެ ޒިންމާ އެޅުވީ އައްޑޫސިޓީގެ މޭޔަރުގެ އިސްތަށިފުޅުގައެވެ. އެއީ ދިވެހި ސަރުކާރަށް ނޭނގި އައްޑޫ ސިޓީގެ މޭޔަރު އަމިއްލަފުޅަށް ކުރެއްވި ކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ޒިންމާއިން ބަރީއަ ވުމަށްޓަކައި ކިތައްމެ ފްލޯކު ވާހަކައެއް ދެއްކެވިއަސް މިސަރުކާރުން ދިވެހި ފަސްގަނޑުގައި ލޯރޑް ބުއްދާގެ ސިފައަށް ހަދާފައިވާ ބުދެއް ބެހެއްޓިކަމާއި، އެއީ މި ސަރުކާރުން ރުހިގެން ކުރިކަމެއް ކަން ދިވެހި ރައްޔިތުންނަށް އެނގެއެވެ.

• ޣައިރު މުސްލިމަކު ރާއްޖޭގެ ޕާލިމެންޓުގައި އިސްލާމީ ޝަރީއަތަށް ހަޖޫޖެހުން

އިޒްރޭލުގެ ޤައުމީ އެއަރލައިން ދިވެހި ޤައުމަށް ގެނެސް، މީހުން އުޅޭ ރަށް ރަށުގައި ރާވިއްކައި، ދިވެހި ފަސްގަނޑުގައި ބުދު ބަހައްޓާ، މިހުރިހާ ކަމަކަށްފަހު ދެން ފެންނަނީ ދިވެހި ސަރުކާރުގެ ދައުވަތަކަށް އ.ދ ގެ ބޭފުޅަކު

(ޕިއްލޭ) ގެންނެވި ތަނެވެ. އަދި އެބޭފުޅާ އިސްލާމީ ޝަރީއަތަށް ފުރައްސާރަ ކުރި މަންޒަރެވެ. އެކަމުގެ ޒިންމާއިން ރެކުމަށްޓަކައި ވެސް ސަރުކާރުން ވަރަށް ގިނަ ބަހަނާ ދައްކަވާފައިވެ އެވެ. ޕިއްލޭ ގެނެސް ރާއްޖޭގެ ޕާލިމެންޓަށް ވައްދާ އެތަނުގައި އޭނާ ރާއްޖޭގެ ޤާނޫނު އަސާސީ އަށާއި، އިސްލާމި ޝަރީޢަތަށް ހަޖޫ ކިޔުމުން ވެސް ޒިންމާ ނަގާނެ ފަރާތެއް މިފަސްގަނޑަކުން ނުފެނުނެވެ!

މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން ދިވެހިންގެ އިސްލާމީ ވަހުދަތާ ފުށުއަރާގޮތަށް ކުރަމުންދާ މިފަދަ ތަފާތު ކަންތައްތަކާ ދިވެހި ރައްޔިތުން ދެކޮޅު ކަމާއި، ދިވެހި ރައްޔިތުން ތިބީ އިސްލާމުދީނުގެ ދިފާއުގައިކަން ރައީސް ނަޝީދު އަށް ދެއްކުމަށްޓަކައި 23 ޑިސެމްބަރ ގައި ކުރަން ހަމަޖެހިފައިވާ މުޒާހަރާއަށް ހުރަސް އެޅުމަށްޓަކައި ސަރުކާރުން ވަރަށް ގިނަ އުކުޅުތައް ރާވަމުން އެބަދެއެވެ.

ރައްޔިތުން ރުއްސުމަށްޓަކައި ފްލެޓް ލިބޭނެ ވާހަކައާއި، އެއަރޕޯޓާ ދެމެދު ބްރިޖް އަޅާ ވާހަކަ ދައްކަމުން އެބަދެއެވެ. މުޒާހަރާގެ މަޤްޞަދު އޮޅުވާލުމަށްޓަކައި ދޮގު ޕްރޮޕެގެންޑާ އެބަ ފަތުރައެވެ. ނަމަވެސް ﷲ ގެ ދީނުގެ ދިފާއުގައި ދިވެހި ރައްޔިތުން ތިބިކަން ރައީސް ނަޝީދުއަށް ދައްކަން އެބަޖެހެއެވެ. މުޅި ދުނިޔެއަށް ވެސް މިކަން ދައްކަން އެބަޖެހެއެވެ.

ތޭވީސް ޑިސެމްބަރުގައި ދިވެހިރައްޔިތުންނަށް މިކަން ނުކުރެވިއްޖެނަމަ އެކަމުގެ އަގު އަދާކުރާނީ އަންނަން އޮތް ޖީލުންނެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ޓީމު ލަންދޫގެ ހެޑް ކޯޗް އަހުމަދު އިރުފާން ލަންދޫ އަށް ވަޑައިގަންފި

ޓީމު ލަންދޫގެ ހެޑް ކޯޗް އަލްފާޟިލް އަހުމަދު އިރުފާން މިއަދު ލަންދޫ އަށް ވަޑައިގަންފިއެވެ. ކޯޗް އިރުފާނަށް ލަންދޫއިން ވަނީ …

ޚިޔާލެއްދެއްވާ

avatar
wpDiscuz