އިއްތިހާދުގެ އޯޑިއޯތަކަކީ އެޑިޓްކޮށްގެން ލީކްކުރަމުންދާ އޯޑިއޯ ތަކެއް – ޒުވާނުންގެއިއްތިހާދު

ޒުވާނުންގެ އިއްތިހާދުގެ ފަރާތުން ރާއްޖޭގެ ސިޔާސީ މަޝްރަހާގުޅޭގޮތުން ސިޔާސީ ޕާޓީ ތަކުގެ އިސްވެރިންނާއި ބައްދަލުކޮށް ދެކެވުނު ވާހަކަތަކެއްގެ އޯޑިއޯ ތަކެއް ލީކުކުރަމުންދާ ކަމަށާއި ލީކް ކުރަމުން ދަނީ އެޑިޓް ކުރެވިފައިވާ އޯޑިއޯތަކެއް ކަމަށް އެއިއްތިހާދުން މިރޭ ބުނެފިއެވެ.

 ޒުވާނުންގެ އިއްތިހާދުގެ ފަރާތުން ނެރުނު ނޫސް ބަޔާނެއްގައި ވަނީ އެބައްދަލުވުންތަކުގެ އޯޑިއޯތައް ރިކޯޑް ކުރެވިފައިވަނީ އެއިއްތިހާދުން ނިންމައިގެންނޫން ކަމަށާއި ނަމަވެސް ބައްދަލުވުމަށް ދިޔަ އިއްތިހާދުގެ ބަޔަކު  ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންތައް ސިއްރިޔާތުގައި ރިކޯޑްކުރިކަން އެނގުނު ކަމަށެވެ. އަދި ހިންގާ ކޮމިޓީ އިން އެއޯޑިއޯ ތައް ލީކް ނުކުރުމަށް ނިންމި ކަމަށާއި ނަމަވެސް އިއްތިހާދުގެ ހިންގާ ކޮމިޓީ އިން ބަޔަކު އިސްތިއުފާ ދިނުމަށްފަހު އޯޑީއޯތައް އެޑިޓްކުރުމަށް ފަހު ލީކް ކުރަން ފަށާފައިވާކަމަށެވެ.

 ”ވީމާ އާއްމު ރައްޔިތުންނަށް މިފަދަ އޮޅުވާލުމެއް އޮޅުވާލަމުން ދާހިނދު އަޅުގަނޑުމެންގެ ހިންގާ ކޮމިޓީއިން ނިންމީ ހަޤީގަތް ސާފުވާނޭ ފަދަގޮތަކަށް މިކަން އަންގާދިނުމަށެވެ. އެގޮތުން ލީކްކޮށްލާފައިވާ އޯޑިއޯތަކުގެ އަސްލު އާންމުކުރަމެވެ.” އިއްތިހާދުން ނެރުނު ބަޔާނުގައިވެ އެވެ.

 އޯޑިއޯތައް އެޑިޓް ކުރުމަށްފަހު ލީކްކުރަމުންދާތީ ޒުވާނުންގެ އިއްތިހާދުގެ ފަރާތުން ވަނީ އެއަމަލު އެންމެ ހަރުކަށި އިބާރާތުން ކުއްވެރިކޮށްފައެވެ. އަދި ކުރިޔަށް އޮތްތާގައިވެސް ވަކި ސިޔާސީ ފިކުރަކަށް ބުރަވުމެއްނެތި ޤައުމު އިސްކޮށް ޒުވާނުންގެ ކުރިއެރުމަށް މަސައްކަތް ކުރުމުގައި ދެމިތިބޭނެ ކަމުގެ ޔަޤީންކަން އަރުވާ ކަމަށް އެއިއްތިހާދުން ބުނި އެވެ.

 ޒުވާނުންގެ އިއްތިހާދުގެ ފަރާތުން އާންމުކުރި އޯޑިއޯތަކުގެ އަސްލުތަކުގެ ތެރޭގައި ދާދިފަހުން ލީކްވި ކުރީގެ ރައީސް ނަޝީދުގެ އޯޑިއޯ ކްލިޕްވެސް ހިމެނެއެވެ.  މީގެ ކުރިން އެޑިޓްކޮށްގެން ލީކްކޮށްލާފައިވާ ހަތަރު ސުކުންތުގެ އެއޯޑިއޯ ކްލިޕްގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ ”އަޅުގަނޑަށް ފެންނަނީ ހަކުރު ބޯ ކުދިންނަށް ގަންޖާދޭން”  މިގޮތަށެވެ.

 ނަމަވެސް މިރޭ ޒުވާނުންގެ އިއްތިހާދުން މީޑިއާތަކަށް ވަނީ އެއްމިނަޓް 17 ސުކުންތުގެ އޯޑިއޯ ކްލިޕެއް އާންމުކޮށްފައެވެ.

 ”ލެޖިސްލޭޝަންގައި އެޑްރެސް ކުރަން އެބަޖެހޭ ޑްރަގް، އެއްކަލަ ސޮފްޓަރ ޑްރަގްސް އާއި ހާޑާރ ޑްރަގްސް ވަކިކޮށްފައި މިކަންކަން އެގޮތަށް އެބަހަދަންޖެހޭ. ވަރަށް ގޯސް ވާހަކައަކަށް ވަނީ އަޅުގަނޑު މިހެން ދެންނެވީމަ، އަޅުގަނޑަށް ފެންނަނީ ހަކުރު ބޯ ކުދިންނަށް ގަންޖާދޭން. އެމީހުން ހަކުރުން ހަމަ ނައްޓުވާލެވޭތޯ ބަލަން. ލޭޓަސްޓް ސްޓޭޖެއްގައި އަނެއްކާ އެޓެމްޕްޓް ކުރެވިދާނެ، އޭރުން މައިލްޑް އެއްޗެއް (ސާފެއް ނޫން) އެހެންނޫނީ މިހާރު މިދަނީ މިމެތަޑޯން. މިދިޔަ ދެއަހަރު ޑްރަގް އެބިއުސް ކުދިން މަދެއްނޫންތޯ، އެއިހަމަ މެތަޑޯން ދެމުންގޮސް،  އެއީ އެއްވެސް ގޮތަކަށް މީހަކު ޓްރީޓް ވެގެން ދިޔައީކީ ނޫން”. ރައީސް ނަޝީދު ވިދާޅުވެފައިވެ އެވެ.

 މިއޯޑިއޯ ކްލިޕްގައި ރައީސް ނަޝީދު ވިދާޅުވީ  ޑްރަގްސް ބޭނުން ނުކުރާ މިހާކުނެތް އާއިލާއެއް ނުހުންނާނެ ކަމަށާއި،  އެއްމެން ރީހެބް ކުރެވި މުޖުތަމައުން އެމީހުން ބަލައިގަންނަންޖެހޭ ކަމަށެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ޚިޔާލެއްދެއްވާ

avatar
wpDiscuz