އިކޮނޮމިކް މިނިސްޓްރީގެ ދައުރު ފުޅާކުރަންޖެހިފައި.

ތަކެތީގެ އަގާއި، ޚިދުމަތުގެ އަގު ދުވަހެއް ދުވަހަކަށް މިދަނީ އުފުލެމުންނެވެ. ރާއްޖެއަށް އެތެރެކުރެވޭ ގިނަ ބާވަތްތަކަކުން ޑިއުޓީ ކަނޑާލުމުންވެސް އަގަކަށް ބަދަލެއް ނާދެއެވެ. މިދެންނެވީ ހެޔޮ ނުވާވާހަކައެވެ. ފިޔާކިލޯއެއް 25 ރުފިޔާ އަށް ހުރިއިރު ކެރެޓް ކިލޯއެއް މިއުޅެނީ 50 ރުފިޔާ އަށެވެ.

ޑިއުޓީ ކަނޑާލުމުންވެސް އަގުހެޔޮނުވާތީ އެކަމާ ރައްޔިތުން ޝަކުވާކުރަންފެށުމުން ވިޔާފާރިވެރިން ފުރަތަމަ ބުނީ ޑިއުޓީ ކަނޑާލިނަމަވެސް  އަގުހެޔޮނުވި ސަބަބަކީ ވިއްކަންޖެހިފައިވަނީ ސްޓޮކްގައި ހުރި މުދާކަމަށްވީތީއެވެ. އެއީ ޑިއުޓީ ދައްކައިގެން ގެނެސްފާ ހުރި މުދާކަމަށްވީމާ އެމުދާހުސްވަންދެން އަގުހުންނާނީ ހަމަ ބޮޑުކޮށް ކަމުގައެވެ.

މިހާރު މިއޮތީ އަހަރުގެ މެދަށްވުރެ ބޮޑަށް ގޮސްފައެވެ. އަދިވެސް ހަމަ ދަނީ އަގުތައް އުފުލެމުންނެވެ. މިހާރު ވިޔަފާރިވެރިން ބުނަނީ އަގުހެޔޮވެއްޖެކަން ރައްޔިތުންނަށް އިހްސާސް ނުވަނީ ޖީއެސްޓީ ނަގާތީކަމުގައެވެ. އެއީ ބައެއް ވިޔަފާރިވެރިންގެ ބަހެވެ. އަނެއްބަޔަކު ބުނަނީ ޑިއުޓީ ކަނޑާލިއިރު ދިވެހިރުފިޔާގެ އަގު 20 ޕަސަންޓް ދައްވެފައި ވާކަމަށާއި، މަޖޫރީ އަގާއި، އިމާރާތްތަކުގެ ކުލީގެ އަގު ބޮޑުވެގެން ދިޔުމުގެ ސަބަބުން ވިޔާފާރިވެރިންގެ އަތުން ޚަރަދުވާ ބަޔަށް އެއްވެސް ލުއިކަމެއްނާންނަކަމަށެވެ.

މިވާގޮތެއް ރައްޔިތުންނަށް އޮޅުން ފިލަން އެބަޖެހެއެވެ. އިކޮނޮމިކް މިނިސްޓްރީއެއްވެސް އެބަހުރޭމެއެވެ. އެފަދަ މިނިސްޓްރީ ތަކުން އެކަށީގެންވާ މިންވަރަކަށް މިކަންކަން މޮނިޓަރ ކުރެވޭބާއެވެ.

ކުރިމަތިވެގެން މިއަންނަނީ ބަރަކާތްތެރި ރަމަޟާން މަހެވެ. ދިވެހިން އެންމެ ގިނައިން ކާބޯތަކެތި ގަންނަ މަހެވެ. ޚާއްޞަކޮށް ބިސް، އަލުވި، ފިޔާ ފަދަ ޢާއްމުކޮށް ބޭނުންކުރާ ތަކެތީގެ ޑިމާންޑް އިންތިހާއަށް އަރައިގެންދާ މަހެވެ.

މިދައްކާލެވުނީ އަދި ރާއް ޖޭން ބޭރުން ރާއްޖެއަށް އިންޕޯޓްކުރާ މުދަލުގެ ވާހަކައެވެ. އެނޫން އެއްޗެތީގެ ހާލު ވެސް ހަމަ މިފަދައެވެ. އެއެއްޗަކާ ނުލައި ދިވެހިންނަށް ދިރިއުޅެން އެންމެ އުނދަގޫ އެކައްޗަކީ ކަނޑުމަހެވެ. މިއަދު ކަނޑުމަސް ކިލޯއެއް މިވަނީ 50 ރުފިޔާއަށްއަރާފައެވެ. އަދި މާދަމާ ( ރޯދަމަހު ) މިއަގު ބަދަލުވެގެން ދާނީ ކިހާމިންވަރަކަށް ކަމެއްވެސް ނޭންގެއެވެ.

އެހެންކަމުން ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީތަކުގެ ޒިންމާއެއް މިކަމުގައި އެބަ އޮތްކަމަށް އަޅުގަނޑުދެކެމެވެ. މުދަލުގެ އަގުތަކާއި، ޚިދުމަތުގެ އަގުތައް މޮނިޓަރ ކޮށް ބައްލަވާ އެއަގުތައް ބޮޑުވެގެން އެދަނީ އެކަށީގެންވާ މިިންވަރަކަށްތޯ ބައްލަވަން ޖެހޭނެއެވެ. އަދި ވިޔާފާރި ވެރިންނާއި މިކަމުގައި މަޝްވަރާ ކުރައްވާ ތަކެތީގެ އަގުތައް އެކަށީގެންވާ މިންވަރެއްގައި ރައްޔިތުންނަށް ފޯރުކޮށްދެވޭތޯ ކުރެވެން ހުރި ހުރިހާ މަސައްކަތެއް ސަރުކާރުން ކުރައްވަންޖެހޭނެއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ތަކެތި އަގުބޮޑު ކުރާނަމަ ފިޔަވަޅު އަޅާނަން – އިކޮނޮމިކް މިނިސްޓްރީ

މިރޯދަމަހު މަޤްބޫލު އުޒުރެއްނެތި ތަކެތީގެ އަގު ބޮޑުކުރާ ފަރާތްތަކާއިމެދު ފިޔަވަޅު އަޅުއްވާނޭކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކުރައްވައިފިއެވެ. އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި …

ޚިޔާލެއްދެއްވާ

avatar
wpDiscuz