އިންކުއަރީ ކޮމިޝަނާއި މެދު ސުވާލު އުފައްދަވަނީ ސިޔާސީ ފަރާތްތަކުން ދައްކާ ސިޔާސީ ވާހަކަ ތަކުގެ ތެރެއިން- އިންކުއަރީ ކޮމިޝަން

ރާއްޖޭގެ ވެރިކަން ބަދަލުވިގޮތް ތަހްގީގުކުރެއްވުމަށް އެކުލަވާލެވިފައިވާ އިންކުއަރީ ކޮމިޝަނާއި މެދު ސުވާލު އުފައްދަވަނީ ސިޔާސީ ފަރާތްތަކުން ދައްކާ ސިޔާސީ ވާހަކަ ތަކުގެ ތެރެއިންކަމަށާއި އެއީ ކޮމިޝަނުން ހައްލު ކުރެވޭނެކަމެއް ނޫންކަމަށް އިންކުއަރީ ކޮމިޝަނުން ބުނެފިއެވެ. އިންކުއަރީ ކޮމިޝަންގެ މަސައްކަތްތައް ދާ ގޮތާއި ބެހޭގޮތުން މުލިއާގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެގައި ކޮމިޝަންގެ މުސްތަގިއްލުކަމާއި  ގުޅޭގޮތުން ނޫސްވެރިން ދެންނެވި ސުވާލުތަކަށް ޖަވާބުދެއްވަމުން އެ ކޮމިޝަންގެ ރައީސް އިސްމާއީލް ޝަފިއު ވިދާޅުވީ ކޮމިޝަނުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި އަދި ސިޔާސީ ފަރާތްތަކުން އުފައްދަވާ ސުވާލުތަކާއި ގުޅުވައިގެން ކުރަންޖެހޭ މަސައްކަތްތައްކޮށް ކޮމިޝަނުން ކުރައްވަން ޖެހޭ މަސައްކަތް އެންމެ އެދެވޭ ގޮތައް ނުކުރެވޭނެކަމަށެވެ. އަދި ކޮމިޝަން މަސައްކަތް ކުރަމުން ގެންދަނީ ގާނޫނީ މެންޑޭޓެއްގެ ތެރެއިންކަމަށް ޝަފީއު ވިދާޅުވިއެވެ. ޝަފީއު ވިދާޅުވީ ކޮމިޝަނުގައި ރާއްޖޭގެ ފަރާތެއް ނަމަވެސް އަދި ރާއްޖެއިން ބޭރުގެ ފަރާތެއް ނަމަވެސް ބައިވެރިކުރަން ސިޔާސީ ފަރާތްތަކުން ބޭނުން ކަމުގައި ވަނީނަމަ ސިޔާސީ ހުރިހާ ފަރާތްތެއް އެއްބަސް ވުމަށްފަހު ކޮމިޝަނަށް އެކަން ހުށައެޅުއްވުމުން ކޮމިޝަނުން އެކަން ގަބޫލް ކުރައްވާނެކަމަށެވެ.

އަދި ކޮމިޝަނާއި ގުޅޭގޮތުން އުފެދިފައިވާ ސިޔާސީ ހިޔާލްތަފާތުވުންތައް އެކިއެކި ސިޔާސީ ޕާޓީތައް މަޝްވަރާ ކުރެއްވުމަށްފަހު ހައްލު ހޯއްދެވުމަކީ ރަނަގަޅުގޮތެއްކަމަށް ޝަފީއު ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ކޮމިޝަންގެ މަސައްކަތް މިހާރު ކުރިއަށްދާގޮތް އޮބްޒާވް ކުރުމަށް ރާއްޖޭގެ މިނިވަން މުއައްސަސާތަކަށް އަދި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިވާކަމަށާއި އެކަން ކޮމިޝަނަށް އެންގުމުން އެފުރުސަތު އެމުއައްސަސާތަކަށް ހުޅުވިފައިވާކަމަށް ވެސް  އިންކުއަރީ ކޮމިޝަނުން ބުނެއެވެ. އަންނަ  މޭއި މަހުގެ އެއްތިރީހުގައި ވެރިކަން ބަދަލުވުމުގެ ތަހްގީގީ ރިޕޯޓް ނެރުމަށް އިންކުއަރީ ކޮމިޝަނުން ނިންމާފައިވާއިރު ، މިހާރު ތަހްގީގުގެ ދެވަނަ މަރްހަލާގެ މަސައްކަތް ނިމި ތިންވަނަ މަރްހަލާގެ މަސައްކަތް ފަށާފައިވާކަމަށާއި އަދި ރިޕޯޓް ލިޔުމުގެ މަސައްކަތް ވެސް ފަށާފައިވާކަމަށް ކޮމިޝަނުން މައުލޫމާތު ދެއެވެ. އަދި ކޮމިޝަނަށް ބޭނުންވާ މައުލޫމާތު ހޯދުމަށް އެކިއެކި ފަރާތްތަކާއި އިންޓަވިއުތައް ކުރެވެމުންދާކަމަށާއި މިކަމުގައި ކޮމިޝަނަށް މާބޮޑު ދަތިތަކެއް ނެތްކަމަށް ވެސް ކޮމިޝަނުން ބުނެއެވެ.

ލިޔުނީ: އިރުފާނު ( އިރޭ )

އިރުފާނަކީ އެކިދާއިރާގެ ޚަބަރު ހޫނުކޮށް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ނުޖެހި ހިވާގިކަމާއެކު ކެރިގެން މަސައްކަތްކުރައްވާ ކުރިއަރަމުން އަންނަ ނޫސް ރިޕޯރޓަރެކެވެ.

ޚިޔާލެއްދެއްވާ

avatar
wpDiscuz