އައްސިޔާސަތުއް ޝަރުޢިޢްޔާ

އިސްލާމީ ޝަރީޢަތަކީ ފުރިހަމަ ޝަރީޢަތެއް

ތަޢާރަފް

          އަޅުގަނޑުމެން އެއްޗެއް އުފެއްދުމަށްފަހު ބާޒާރަށް ނެރޭނަމަ، ޢާއްމުކުރަނީ އެއެއްޗެއް ބޭނުންކުރާނެ ގޮތުގެ އިރުޝާދާއެކުގައެވެ. މިގޮތުން އަލަށް މޮބައިލް ފޯނެއް ތަޢާރަފް ކުރިނަމަވެސް ބާޒާރަށް ނެރެނީ އޭގެ މެނުއަލް އަކާއެކުގައެވެ. ސަބަބަކީ މީސްތަކުން އެއަށް އަހުލުވެރިކުރުމާއި، އެބޭނުންކުރަންވާ ގޮތް ރަނގަޅަށް އޮޅުން ފިލުވައިދިނުމެވެ. ނޫންނަމަ، ބޭނުންކުރަންނޭންގި އެއެއްޗެއް މައްސަލަޖެހި ހަލާކުވެދިއުމަކީ ވަރަށްގާތުގައިވާ ކަމެކެވެ.

          ސަލާމްލެއްވި އާދަމްގެފާނުއްސުރެ އެންމެހައި އުއްމަތްތަކަށް ޝަރީޢަތެއްވަނީ މާތްﷲ ބާވައި ލައްވާފައެވެ. މިކަމުގެ ޙިކުމަތަކީވެސް އިންސާނާއަށް އޭނާ އުޅޭނޭ ގޮތް ބަޔާންކޮށްދެއްވުމެވެ. ކުރަންވީ ކަންތަކާއި ކޮށްގެންނުވާނެ ކަންތައްތައް އަންގައި ދިނުމެވެ. މިއުއްމަތައްވެސް ވަނީ ޝަރީޢަތެއް ބާވައިލައްވާފައެވެ. އެއީ ކީރިތި ޤުރުއާނެވެ. އެފޮތް ބާވައިލެއްވުމުން އޭގެކުރީގެ އެންމެހައި ޝަރީޢަތްތައް ވަނީ މަންސޫޚު ކުރައްވާފައެވެ. ވުމާއެކު ޤުރުއާނަށް އީމާންވުމުން ކުރީގެ އެންމެހައި ޝަރީޢަތްތަކަށްވެސް އީމާން ވެވުނީއެވެ.

          އިސްލާމީ ޝަރީޢަތުގެ ފުރިހަމަކަމަކީ ޣައިރު މުސްލިމުންވެސް އެކަމާ އެއްބަސްވާ ކަމެކެވެ. އެފޮތަކީ ހުރިހާ ޒަމާނަކާއި ތަނަކަށް އެކަށޭނަ ގޮތުން ބާވައިލެއްވިފައިވާ މާތްﷲގެ ކަލާމްފުޅެވެ. ވުމާއެކު އިސްލާމީ ޝަރީޢަތުގެ ފުރިހަމަކަމުގެ މައްޗަށް އަލިއަޅުވާލާ ވާހަކަ ދެއްކުމަކީ ކޮންމެހެން ކުރަންވެއްޖެ ކަމެކެވެ. އަޅުގަނޑުމެން ދުނިޔެއަށް ފޮނުވުނު މަޤުޞަދުތައް ދެނެ އެއާއި އެއްގޮތަށް އުޅުމަށްޓަކާވެސް މެއެވެ.

          މިއެސައިންމަންޓްގައި ޝަރީޢަތަކީ ކޮބައިކަމާއި، އިސްލާމީ ޝަރީޢަތަށް ލިބިފައިވާ ރިވެތި ސިފަތަށް ބަޔާންކޮށްދެވޭނެއެވެ. އަދި އެ ޝަރީޢަތަކީ އަޚުލާޤީ، ރޫޙާނީ، އިޖުތިމާޢީ އަދި އިޤުތިޞާދީ ޝަރީޢަތެއްކަން ކީރިތިޤުރުއާނާއި މާތް ރަސޫލާގެ ސުންނަތުގެ އަލީގައި އޮޅުން ފިލުވައިދެވޭތޯ ބަލާފައިވާނެއެވެ. އިސްލާމީ ޝަރީޢަތަށް ޢަމަލުކުރުމުގެ މުހިއްމުކަމާއި، އެފަދަ މުޖުތަމަޢަކާއި އެނޫން މުޖުތަމަޢަކާހުރި ތަފާތު ބަޔާންކޮށްދިނުމާއެކު ޝަރީޢަތުގައި އަންގަވާފައިވާ ގޮތަށް އުޅުމުން އަޅުގަނޑުމެންނަށް ދުނިޔެއާއި އާޚިރަތުގައި ލިބޭނޭ ޘަވާބާއި ދަރުމައިގެ މައްޗަށް ބަލާލެވިފައި ވާނެއެވެ.

ޝަރީޢަތަކީ ކޮބާ؟

             އިސްލާމީ ޝަރީޢަތް ބާވައިލެއްވުނުއިރު ދުނިޔޭގެ  ޙާލަތުވަނީ ވަރަށް ދަށު ދަރަޖައަކަށް ވެއްޓިފައެވެ. ޖާހިލުކަމާ ޝިރުކުގެ ނުބައި ސުންޕާ ބަލީގައި ޖެހި އިންސާނުން އުޅެމުން  ދިޔައީ އަޑުގަދަމީހާ ރުއްގިނަވާ އުޞޫލުންނެވެ. ދިރިތިއްބާ ފިރިހެން ދަރިން މަރަމުން ދިޔައެވެ. އަންހެންދަރިން ދިރިތިއްބާ  ވަޅުލަމުން ދިޔައެވެ. ބުދައްއަޅުކަންކުރުމާއި ޒިނޭކުރުމާއި، ޤަޛްފުކުރުމާއި ރިބާކެއުމުގައި އިންސާނުންވީ ހައްދު ފަހަނަ އަޅާފައެވެ. އަނިޔާވެރިކަންވަނީ ހައްދުފަހަނަ އަޅާފައެވެ. އަންހެނުންވަނީ ނިކަމެތިވެފައެވެ. ހަރުދަނާ ލީޑަރޝިޕަކަށް މުޅި އިންސާނިއްޔަތު ވަނީ ބޭނުން ވެފައެވެ. މިހެންވެފައިވަނިކޮށް މާތްﷲ ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އެންމެ ފަހުގެ ޝަރީޢަތާއިގެން ވަޑައިގަތެވެ. މާތްﷲ ވަޙީކުރެއްވިއެވެ. ﴿ يَا أَيُّهَا النَّاسُ قَدْ جَاءَتْكُمْ مَوْعِظَةٌ مِنْ رَبِّكُمْ وَشِفَاءٌ لِمَا فِي الصُّدُورِ وَهُدًى وَرَحْمَةٌ لِلْمُؤْمِنِينَ ﴾  މާނައީ : [ އޭމީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން ތިޔަބައިމީހުންގެ ގާތަށް ވަޢުޡަކާއި ހިތްތަކުގައިވާ ބަލިތަކަށް ޝިފާއަކާއި މުއުމިން ތަކުންނަށް ތެދުމަގަކާއި ރަޙްމަތެއް އަތުވެއްޖެކަން ކަށަވަރެވެ.] މިފަދަ މަތިވެރި ނިދާއަކުން އިންސާނިއްޔަތާ މުޚާޠަބު ކުރެއްވައި ﷲ އެކަލާނގެ ޝަރީޢަތް އިޢުލާންކުރެއްވިއެވެ.  [1]

              އަދިވެސް އެކަލާނގެ ވަޙީކުރައްވާފައިވެއެވެ.ثُمَّ جَعَلْنَاكَ عَلَى شَرِيعَةٍ مِّنَ الْأَمْرِ فَاتَّبِعْهَا وَلَا تَتَّبِعْ أَهْوَاء الَّذِينَ لَا يَعْلَمُونَ  މާނައީ “ދެން ތިމަންރަސްކަލާނގެ ދީނުގެ ކަންތަކުގައި (ފާޅުވެގެންވާ) ޝަރީޢަތެއްގެ މަތީގައި ކަލޭގެފާނު ލެއްވީމެވެ. ފަހެ، ކަލޭގެފާނު އެއަށް ތަބާވެވަޑައިގަންނަވާށެވެ! އަދި ނުދަންނަމީހުންގެ އެދުންތަކަށް ކަލޭގެފާނު ތަބާވެވަޑައި ނުގަންނަވާށެވެ!” [2] މިއާޔަތުން އެނގޭގޮތުގައި އިންސާނާ އުފައްދަވާފައިވަނީ ބޭކާރު ގޮތުގައެއްނޫނެވެ. އަދި އާދަމުގެފާނުއްސުރެ ޝަރީޢަތެއް ބާވައިލެއްވުމުގެ މަޤުޞަދަކީ އިންސާނީ ދަރިފަސްކޮޅު ރައްކާތެރިކޮށްދިނުމާއި އަޅުގަނޑުމެންގެ މަސްލަޙަތު ޙިމާޔަތްކޮށްދިނުންކަން ކަށަވަރެވެ.

              ޢަބްދުލްމަޖީދު (2011) ބަޔާންކުރާ ގޮތުގައި (ތަފްސީރުއްޠަބަރީ) ގައިވެއެވެ. ޢަބުދުﷲ ބުނު ޢައްބާސް އަރިއަހުން އަލްއިމާމު މުޙައްމަދު ބުނު ޖަރީރުއްޠަބަރީ ރިވާކުރެއްވިއެވެ. “އެކަލޭގެފާނު ވިދާޅުވިއެވެ. އާދަމްގެފާނާއި ނޫޙުގެ ފާނާއި ދެމެދު ދިހަޤަނު ވަންދެން މީސްތަކުން އުޅެމުންއައީ ޙައްޤު ދީންމަތީ ﷲ ބާވައިލެއްވި ޝަރީޢަތަށެވެ. ދެން އެއަށްފަހު އެބައިމީހުންގެ މެދުގައި ޝިރުކުގެ ބަލި ފެތުރި، މީސްތަކުންގެ މެދުގައި ޚިލާފުތައް އުފެދެން ފެށުމުން، އާޚިރަތްދުވަހުގެ އުފާވެރިކަމާއި ބިރުވެރިކަމުގެ ޚަބަރު ދެއްވާނޭ ނަބީބޭކަލުން ކީރިތިވަންތަ ﷲ އެބައިމީހުންގެ ގާތަށް ފޮނުއްވިއެވެ.” [3]

              ބަޔާންވެދިޔަ ޙުއްޖަތްތަކުގެ އަލީގައި ޝަރީޢަތަކީ މުކައްލަފުންގެ ޢަމަލުތަކާމެދު ޙުކުމް ކަނޑައަޅުއްވާ ފަރާތުގެ އެންގެވުންތަކޭ ދެންނެވިދާނެއެވެ. އޭގައި އިންސާނާގެ ދިރިއުޅުމާ ގުޅިފައިވާ އެންމެހައި ކަންތައްތައް ހިމެނެއެވެ.

ޝަރީޢަތުގެ ފުރިހަމަކަމާއި އޭގެ ބޭނުންތެރިކަން

            އިސްލާމީ ޝަރީއަތަކީ ރޫޙާނީ އެއްޗަކަށްވުމުން ތިމާއާ އެއްކައުވަންތަ މާތްﷲ އާއި ގުޅުވައިދޭ ބާރެއްގެ ގޮތުގައި ވެއެވެ. ޝަރީޢަތަށް ލިބިފައިވާ އެންމެ ފުރިހަމަކަމަކީ، އެއީ ރޫޙާނީ، ސިއްޙީ، އިޖުތިމާޢީ، އިޤުތިޞާދީ އަދި އަޚުލާޤީ އެއްޗަކަށްވުމެވެ. ކޮންމެ އަޅުކަމެއްގައިވެސް މިދެންނެވި ސިފަތަކެއް އެކުލެވިފައިވެއެވެ.

            މިގޮތުން ޢިބާދާތުގެ ކަންތައްތަކަށް ބަލާއިރު ނަމާދަކީ ހުތުރުވެގެންވާ ފާޙިޝް ކަންތައްތަކާއި މުންކަރާތްތައް ނަހީކުރާ ކަމެއްކަމުގައި އަންގަވާފައިވެއެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. إِنَّ الصَّلَاةَ تَنْهَى عَنِ الْفَحْشَاء وَالْمُنكَرِ [4] މާނައަކީ “ހަމަކަށަވަރުން ނަމާދަކީ ފާޙިޝް ކަންތައްތަކާއި މުންކަރާތްތައް ނަހީކޮށް ދުރުކުރާ އެއްޗެކެވެ.” އަދި މީގެ އިތުރުން ނަމާދަކީ ﷲ އަށް ކުރެވޭ ޒިކްރެކެވެ. ދެންނެވޭ ދެންނެވުމެކެވެ. މާތްﷲ އާ ތިމާ އެންމެ ބޮޑަށް ކުއްތަންވެވޭ ވަގުތަކީ ސަޖިދައިގައި އޮންނަވަގުތުކަމުގައި ޢިލްމުވެރިން އިއްތިފާޤުވެފައިވެއެވެ. ނަމާދުކުރުމަށްޓަކައި ކުރެވޭ ވުޟޫއަކީ ދެނަމާދު ދޭތެރޭ ކުރެވޭ ކުދި ފާފަތައް ފުހެވިގެންދާ ކަމެއްކަމުގައި އަންގަވާފައިވެއެވެ. ހަށިގަނޑަށް ކަސްރަތު ލިބުމުގެ އިތުރުން މީސްތަކުނަގެ މެދުގައި އެއްބައިވަންތަކަން ޤާއިމުވެއެވެ. އަދި އެއްއިމާމެއްގެ ފަހަތުގައި ނަމާދުކުރުމުން ވެރިންނަށް ކިޔަމަންވުންފަދަ އަޚުލާޤީ އެތައް ސިފަތަކެއް ލިބިދެއެވެ.

               ޙައްޖު ފަރުޟު ކުރެއްވީ ކަނޑައެޅި އެނގިގެންވާ ދުވަސްތަކެއްގައި އެއުރެން ﷲ ގެ އިސްމުފުޅު ހަނދުމަކޮށް ދީނީ އަދި ދުނިޔަވީ މަންފާތަކެއް ލިބިގަތުމަށްޓަކައި ކަމުގައި އަންގަވާފައިވެއެވެ. [5]  ޙައްޖުގެ އަޅުކަމުގައި އިންސާނާގެ ނަފްސު ޠާހިރުކޮށްދިނުން ހިމެނެއެވެ. މަބްރުރޫރު ޙައްޖެއްގެ ޖަޒާއަކީ ސުވަރުގެ ފިޔަވާ އެހެންތަނެއްނޫންކަމުގައި އަންގަވާފައިވެއެވެ. ޙައްޖުގެ ސަބަބުން ކުރީގެ ނަބީބޭކަލުންގެ ހަނދާންއާވެ ހެޔޮ ޢަމަލުކުރުމުގައި ދެމިހުރުމުގެ ޢަޒުމު އާކުރެވެއެވެ.

               ޢަރަފާތު ބިމުގައި މީސްތަކުން ޙާޟިރުވެ ތިބޭހިނދު ޤިޔާމަތްދުވަސް ހިތްމައްޗަށް ގެނެސް ޢަރަފާތުބިމުގައި މީސްތަކުން ވާދުވަސް ޚިޔާލުކުރެވި އެދުވަހަށް ތައްޔާރުވުމުގެ ހިތްވަރު ލިބިގަނެވެއެވެ. އަހަރަކު އެއްފަހަރު އަންނަ އެންމެ ބޮޑު އެއްވުން ކަމުގައިވުމުން އިޖުތިމާޢީ އެތައް ފައިދާތަކެއް ޙާޞިލް ކުރެވެއެވެ. މިގޮތުން އެކުވެރިކަން ބަދަހިވުމާއި، އެހެންމީހުންނަށްޓަކައި ހެޔޮފޯރުވައިދިނުމުގެ އާދަ އަށަގަނެއެވެ.

               ރޯދައިގައި ލައްވާފައިވާ ޙިކުމަތްތަކުގެ ތެރޭގައި މާތްﷲ އަށް ބިރުވެތިވެ ތަޤުވާވެރިވެ އެކަލާންގެ ދެއްވި ނިޢުމަތަށް ޝުކުރުވެރިވެ އުޅުމަށް ހިތްވަރު ލިބެއެވެ. ރޯދަވެރިޔާ ކެއިންބުއިމާއި ދުރުވެހުންނަނީ އެކަލާނގެ އެންގެވި އެންގެވުމަކަށް ތަބަޢަވުމުގެ ގޮތުންނެވެ. ވުމާއެކު އަމުރަށްކިޔަމަންވުމުގެ ފިލާވަޅުލިބި ވަކި ޤަވާޢިދަކުން ކެއިންބުއިމުގެ ކަންތައްތައް އިންތިޒާމްކުރުމަށް ދަސްވެއެވެ. އަދި ފިޠުރުޒަކާތުގެ ސަބަބުން ނިކަމެތިންގެ އިޙުސާސްތައް ދެނެގަނެވެއެވެ. އެމަހުގައި ޤުރުއާން ބާވައިލެއްވުމާއި، އެއްހާސްމައްސަރަށްވުރެ ހެޔޮކަން ބޮޑުވެގެންވާ ރެއެއްކަމުގައި ލައިލަތުލްޤަދިރި ވިލޭރޭ ލެއްވުމުން އިންސާނާއަށް ގޯސް ޢަމަލުތަކާއި ދުރުވެ، އަމާންކަމުގެ އައްސޭރިއަށް ދިއުމަށް މަގުފަހިވެގެންދެއެވެ. ބަލިމީހުންނާއި ދަތުރުވެރިންނަށް ރަމްޟާންމަހުގެ ރޯދަ ނުހިފައި ދޫކޮށްލުމުގެ އިޚްތިޔާރު އޮވެއެވެ. ނަމަވެސް އެހެންދުވަސްތަކަކު ޢަދަދު ހަމަކުރުމަށްވަނީ އަންގަވާފައެވެ.  فَمَن شَهِدَ مِنكُمُ الشَّهْرَ فَلْيَصُمْهُ وَمَن كَانَ مَرِيضًا أَوْ عَلَى سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ. [6] ހަމަ މިއާޔަތުގައި ﷲ އެދިވޮޑިގެންވަނީ މީސްތަކުންނަށް ލުއިފަސޭހަ ގޮތް މެދުވެރި ކުރެއްވުމަށްކަން އަންގަވާފައިވެއެވެ. އަދި ދަތި އުނދަގޫގޮތް މެދުވެރި ކުރައްވަން އެދިވޮޑިނުގަންނަވާކަމާއި، އެއީ އެކަލާނގެ ދެއްވި ނިޢުމަތްތަކަށް މީސްތަކުން އެކަލާނގެއަށް ޝުކުރުވެރި ވުމަށް ކަން އަންގަވާފައިވެއެވެ.

           ޝަރީޢަތުގައި ކޮންމެ ކަމެއްވެސް ކަނޑައަޅުއްވާފައިވަނީ މީސްތަކުނަށް ސިއްޙީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ނުވަތަ އިޤްތިޞާދީގޮތުން ފައިދާތަކެއް އެކަމުގައި ލައްވާފައެވެ. މިގޮތުން ނަމާދުކުރުމުގެ ކުރިން ވުޟޫކޮށް ސާފު ތާހިރުވުމަށް އެންގެވިއެވެ. ޖުނުބުވެރި ވެއްޖެނަމަ ހިނައި ތާހިރުވުމަށް އެންގެވިއެވެ. ފެން ނުލިބިއްޖެނަމަ ތަޔައްމަމްކުރުމަށް އެންގެވިއެވެ. މިކަން ބަޔާންކުރައްވާ މާތްﷲ ވަޙީކުރައްވާފައިވެއެވެ. يَا أَيُّهَا الَّذِينَ آمَنُواْ إِذَا قُمْتُمْ إِلَى الصَّلاةِ فاغْسِلُواْ وُجُوهَكُمْ وَأَيْدِيَكُمْ إِلَى الْمَرَافِقِ وَامْسَحُواْ بِرُؤُوسِكُمْ وَأَرْجُلَكُمْ إِلَى الْكَعْبَينِ وَإِن كُنتُمْ جُنُبًا فَاطَّهَّرُواْ وَإِن كُنتُم مَّرْضَى أَوْ عَلَى سَفَرٍ أَوْ جَاء أَحَدٌ مَّنكُم مِّنَ الْغَائِطِ أَوْ لاَمَسْتُمُ النِّسَاء فَلَمْ تَجِدُواْ مَاء فَتَيَمَّمُواْ صَعِيدًا طَيِّبًا فَامْسَحُواْ بِوُجُوهِكُمْ وَأَيْدِيكُم مِّنْهُ. [7] މިހެންގޮސް ޝަރީޢަތުގައި މީސްތަކުންގެ އެންމެހައި މަޞްލަޙަތުތަކެއް ރައްކާތެރިކުރެވޭނޭގޮތް ވަނީ ލައްވާފައެވެ. މިއީ ޝަރީޢަތުގެ ކިހާ ފުރިހަމަ ސިފައެއްތޯއެވެ.

            ޝަރީއަތުގެ ފުރިހަމަކަން ހާމަވާ އަނެއްކަމަކީ، މުދަކުގެ ޒަކާތެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. خُذْ مِنْ أَمْوَالِهِمْ صَدَقَةً تُطَهِّرُهُمْ وَتُزَكِّيهِم بِهَا وَصَلِّ عَلَيْهِمْ (ތައުބާ: 103) މާނައަކީ “އޭގެ ސަބަބަން ކަލޭގެފާނު އެއުރެން ޠާހިރު ކުރައްވާނޭއަދި އެއުރެންނަށް ހެޔޮކަން އިތުރުކޮށްދެއްވާނޭ ޞަދަޤާތެއް އެއުރެންގެ މުދަލުން ކަލޭގެފާނު ނަންގަވާށެވެ.” މިހުރިހާ ފައިދާތަކެއް ޢިބާދާތުގެ އެންމެހައި ކަންކަމުގައި ލެއްވުމާއެކު އެކަންތައްތައް ބަރާބަރަށް އަދާކުރަމުން ގެންދިއުމަށް އަމުރުކުރައްވާފައިވެއެވެ. އެއީ ހަމަ އަޅުގަނޑުމެންގެ ސަލާމަތާއި ރައްކަލަކަށްޓަކައެވެ. އަޅުގަނޑުމެންގެ މަޞްލަޙަތަށްޓަކައެވެ.

                އިސްލާމީ ޝަރީޢަތުގެ ފުރހަމަ ކަމުގެ ވާހަކަދައްކާއިރު، ފާހަގަކުރެވެލީ މިދެންނެވި ފަރުޟުތަކާއިމެދު ފަރުވާކުޑަކޮށް ނުވަތަ އިންކާރުކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށްވެސް އަންގަވާފައިވާކަމެވެ. މިގޮތުން ޒަކާތްދިނުމަށް އިންކާރުކުރާމީހާއާއި، ފަރުޟު ނަމާދާއިމެދު އިންކާރުކޮށް ނަމާދު އަޅައިފިމީހަކީ މުރުތައްދުވެފައިވާ މީހަކަށް ވެއެވެ. އަދި އެފަދަމީހުންނާ ދެކޮޅަށް އަބޫބަކުރުގެފާނުގެ ޒަމާނުގައި ހަނގުރާމަކޮށް މުސައިލަމަތުލް ކައްޒާބުފަދަ ދޮގުވެރިން ޤަތުލުކުރައްވާފައިވާކަން ފާހަގަކޮށްލަންޖެހެއެވެ.

                މިގޮތަށް މިފަދަ އަދަބުތައް ކަނޑައަޅުއްވާފައިވުކަމީ އިސްލާމީ ޝަރީޢަތަކީ މީސްތަކުންނަށް ބިރުދެއްކުމާއި، މީސްތަކުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދާ އެއްޗެއްކަމުގައި ނުވިސްނޭ ބައެއް މީހުން ހީކުރެއެވެ. ނަމަވެސް ޝަރީއަތުގައި އަދަބެއް ކަނޑައެޅިފައިވަނީ ހަމަ މީސްތަކުންގެ މަޞްލަޙަތަށްޓަކައެވެ. މިގޮތުން ޢަމްދުން މީހަކު މަރައިފިނަމަ، ޤިޞާސް ހިފުން ޝަރުޢުކުރައްވާފައިވާއިރު ވާރުތަވެރިޔާއަށް މަޢާފްކުރުމުގެ ބާރާއި އަދި ދިޔަދިނުންވެސް ވަނީ ކަނޑައަޅުއްވާފައެވެ. ވުމާއެކު ދެންނެވޭނީ އިސްލާމީ ޝަރީޢަތަކީ ފުރިހަމަ ޝަރީޢަތެއްކަމެވެ.

                ދީނުގައި ޝަރުޢުކުރައްވާފައިވާ ކޮންމެކަމެއް މީސްތަކުންގެ މަޞްލަޙަތު ހިފެހެއްޓި ރައްކާތެރި ކޮށްދެއެވެ. މީސްތަކުންނަށް ގެއްލުންހުރި އެންމެހައި ކަންކަމުން އެބައިމީހުން ރައްކައުތެރިކޮށް ދުރުހެލިކޮށްދެއެވެ. މީސްތަކުންގެ މުދާ އެބައިމީހުންނަށް އެނގުމަކާއި ނުލައި ބާޠިލް ގޮތުގައި ކައިއުޅުމާއި، ކާބޯތަކެތި ނުވިއްކައި ހިފަހައްޓައި އަގުބޮޑުކޮށް ވިއްކުމާއި ޙަރާމްކުރައްވާފައިވާ ތަފާތު ވަޞީލަތްތަކުން ރިބާ ކެއުން ޙަރާމް ކުރެއްވިއެވެ. މާތްﷲ ވަޙިކުރައްވާފައިވެއެވެ. الْمَالُ وَالْبَنُونَ زِينَةُ الْحَيَاةِ الدُّنْيَا [8] މާނައަކީ “މުދަލާއި ދަރިންނަކީ ދުނިޔޭގެ ދިރިއުޅުމުގެ ޒީނަތްތެރިކަމެވެ.” ވިޔަފާރި ހުއްދަކުރެއްވުމާއެކު ރިބާ ޙަރާމްކުރައްވާ ވަޙީކުރައްވާފައިވެއެވެ. وَأَحَلَّ اللّهُ الْبَيْعَ وَحَرَّمَ الرِّبَا [9] މާނަ: އަދި ކީރިތި ﷲ ވިޔަފާރި ހުއްދަ ކުރެއްވިއެވެ. އަދި ރިބާ ޙަރާމް ކުރެއްވިއެވެ.

                 ނަފްސުގައިވާ ދަހިވެތިކަން ފިލައި ރޫޙާނީ ބައި އިތުރު ވުމުގެ މަޤްޞަދުގައި ޒަކާތް ނެރުމަށް އެންގެވިއެވެ. އަދި ހަމައެހެންމެ، ނަސްލު ރައްކާތެރި ކުރުމަށްޓަކައި ކައިވެނި ޝަރުޢު ކުރައްވައި ޒިނޭކުރުން ޙަރާމް ކުރެއްވިއެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. وَمِنْ آيَاتِهِ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا [10] މާނައަކީ “ތިޔަބައިމީހުންނަށްޓަކައި ތިޔަބައި މީހުންގެ ނަފްސުތަކުން އަނބިން ހެއްދެވިކަމީ އެކަލާނގެ ހެކިތަކުގެތެރެއިން ވާކަމެކެވެ.”

                 އިސްލާމީ ޝަރީޢަތަށް ލިބިގެންވާ ޚާއްޞަ ސިފަތަކެއްވެއެވެ. އެއީ އިލާހީ ޝަރީޢަތެކެވެ. އަދި އަޚުލާޤީ ޝަރީޢަތެކެވެ. ލުއިފަސޭހަ ޝަރީޢަތެކެވެ. ޝާމިލް ޝަރީޢަތެކެވެ. އަދި ހަމަހަމަކަން ލިބިފައިވާ ޝަރީޢަތެކެވެ. އިސްލާމީ ޝަރީޢަތުގައި މަޞްލަޙަތެއް ކަމުގައި ބެލެވިފައިވަނީ ޝަރީޢަތުގެ މަޤުޞަދުތައް ރައްކާތެރިކުރާ ކަންކަމެވެ. ޝަރީޢަތުގެ މަޤުޞަދަކީ ނުވަތަ ބޭނުމަކީ ގެއްލުންހުރި އެންމެހައި ކަންތައްތަކުން އިންސާނުންގެ ދިރިއުޅުން ރައްކާތެރިކޮށް ޙިމާޔަތްކަން ހޯދައިދިނުމެވެ. މިގޮތުން ބަލާއިރު ކޮންމެހެން ޙިމާޔަތްކުރެވެންޖެހޭ ޒަރޫރީ ފަސްކަމެއް ވެއެވެ. އެއީ “الضروريات الخمسة” އެވެ. އެއީ މީސްތަކުންނަށްޓަކައި އެބައިމީހުންގެ ދީނާއި، ފުރާނައާއި، ބުއްދިއާއި، ނަސްލު ނުވަތަ އަބުރާއި، އަދި މުދާ ރައްކާތެރިކުރުމެވެ.

                 މިއިންކަމެއް ރައްކާތެރިކޮށްދޭ ކޮންމެ ކަމަކީ ޝަރީޢަތުގައި މަޞްލަޙަތެކެވެ. އަދި މިއިން ކަމަކަށް ގެއްލުން ލިބޭނަމަ އެއީ ޝަރުޢީގޮތުން މަޞްލަޙަތު ގެއްލޭ ކަމެކެވެ. ވުމާއެކު އެފަދަކަމެއް ހުއްޓުވުމީ މަޞްލަޙަތުހުރި ކަމެކެވެ. އިސްލާމީ ޝަރީޢަތުގައި ކޮންމެ ޙުކުމެއްވެސް އައިސްފައިވަނީ އެކަމެއްގެ ޢިއްލަތު ނުވަތަ ސަބަބާއި އޭގައިވާ ސިފައާއި ދެމެދުވާ ގުޅުމަށް ބަލާފައެވެ. ފުރަތަމަ ސިފައަކީ ޝަރީޢަތުގައި މަޞްލަޙަތެއް ކަމުގައި ބެލެވޭ އިސްވެ ދިޔަ ފަސް ކަންތަކެވެ.

                ދެވަނަ ސިފައަކީ އެކަމަކީ މަޞަލަޙަތެއްކަމުގައި ޝަރީޢަތުގައި ބަލާފައި ނުވާ ކަންތަކެވެ. މިސާލަކަށް ޒިނޭކުރާ މުޙުސަނެއްގެ ޙައްދަކީ ރަޖަމުކުރުން ކަމުގައިވާއިރު އޭނާގެ ފުރާނަ ސަލާމަތްކޮށް ދިނުމުގެ ގޮތުންނޭ ބުނެ 100 އެތިފަހަރުން ތައުޒީރުކޮށް ގޭގައި ބަންދުކުރުމަށް ޙުކުމް ކުރުމެވެ. ނަމަވެސް މިއީ މަޝްލަޙަތެއްކަމުގައި ބަލާ އެގޮތަށް ޙުކުމެއް ނުކުރެވޭނެއެވެ. އެއީ މިޙުކުމް “ނައްޞު” އާއި ތަޢާރުޒު ވާތީއެވެ.

                ތިންވަނަ ސިފައަކީ މަޞަލަޙަތެއްކަމުގައި ޤަބޫލުކުރާކަން ނުވަތަ ނޫންކަން ނައްޞަކުން ވިއްސަ އަދި އިޖުމާޢަކުން ވިއަސް އެގެންނެތް “މުރުސަލް” ސިފަތަކެވެ. އެއީ ބަކިގޮތެއް ކަނޑަނޭޅި ދޫކޮށްލެވިފައިވާތީއެވެ. މިސިފަތަކުގެ ޢިއްލަތު ބަޔާންކުރުމުގައި ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވެއެވެ.

                 މަޞްލަޙަތުގެ ބާރުގެ ބޮޑުކުޑަމިނަށްބަލާ ބެހެވިގެންވާ ތިންބަޔަކީ މަތީގައި ބަޔާންކުރެވުނު ޟަރޫރިއްޔާތު (ޙަޔާތުގެ ކަންތައްތަކުގެ ތެރެއިން މީސްތަކުންގެ ދީނީ އަދި ދުނިޔަވީ އެންމެހައި ކަންތައް އެއާއިނުލައި ނުވާނޭކަންކަމާއި)، އަލްޙާޖިޔާތު (ދިރިއުޅުމުގެ ކަންތައް ފަސޭހަކޮށް ދަތިތަކާއި އުނދަގޫތަށް ދުރުކުރުމުގެ ގޮތުން އެބައިމީހުންނަށް ބޭނުންވާނޭ މަޞްލަޙަތު މިސާލަކަށް ޢުޤޫބާތުގެ ތެރެއިން ވަލީވެރިޔާއަށް ޤިޞާޞް ހިފުމުން މަޢާފުކުރުން ޝަރުޢު ކުރައްވާފައިވެއެވެ.) ތިންވަނަ ބަޔަކީ އަޚުލާޤާއި އާދަކާދައިތެރެއިން ރިވެތި ކަންތަކުގައި ހިފުމަށްޓަކައި ޝަރުޢު ކުރައްވާފައިވާ ކަންތައްތަކެވެ. މިއިންކަމެއްނެތުމުން ދިރިއުޅުމުގެ ނިޒާމަކަށް ބަދަލެއް ނާންނާނެއެވެ. އަދި ޙާޖިޔާތުގެ ކަމެއްނެތުމުން ދިމާވާގޮތަށް ދަތިއުނދަގުލެއްވެސް ނުވާނެއެވެ. ނަމަވެސް މިކަމަކީ މީސްތަކުންގެ ނަޒަރުގައި އެބައިމީހުންގެ ދިރިއުޅުމަކީ ހުތުރު ދިރިއުޅުމެއްކަމުގައި ބެލެވޭފަދަ ކަންކަމެވެ. މިސާލަކަށް މުޢާމަލާތުގެ ތެރޭގައި އެކަކު ކާވެންޏަށް އެދި އެއްބަސްވެފައިވަނިކޮށް އަނެކާ އެކާވެންޏަށް ނޭދުން ހިމެނެއެވެ.

                ދީނޭ ބުނުމުން ޢަޤީދާ، ޢިބާދާތު، މުޢާމަލާތު، މާތްﷲ އާއި މީސްތަކުންނާ ދެމެދު އޮންނަންވާ ގުޅުމާއި ދޭދޭ މީހުންގެ ދެމެދުގައި އޮންނަ ގުޅުންފަދަ އެންމެހައި ކަންތައްތައް ހިމެނިގެންވެއެވެ. މާތްވެގެންވާ އިސްލާމް ދީނަކީ މީސްތަކުން އުޅުމަށް މާތްﷲ ބާވައިލެއްވި ހަމައެކަނި ދީނެވެ. އިސްލާމްދީން ފެތުރުމަށް ދަޢުވަތު ދިނުމާއި އެދީން ފެތުރުމަށް އެޅޭ ހުރިހައި ހުރަހެއް ނައްތާލުމަށް އަންގަވާފައިވެއެވެ. ދީނުގެ ދިފާޢުގައި ހަނގުރާމަކޮށް ދީނަށްޓަކައި ޖިހިހާދު ކުރުމަށް ވަނީ އަންގަވާފައެވެ. އަދި ދީން ދޫކޮށް މުރުތައްދުވުން ބޮޑު ފާފައެއްގެ ގޮތުގައި ކަނޑައޅުއްވައި މުރުތައްދުވާ މީހުންނަށް ވަރުގަދަ ޢުޤޫބާތް ކަނޑައަޅުއްވާފައިވެއެވެ.

                އިންސާނާ މާތް ޚަލްޤެއްކަމުގައި ލެއްވުނީ ބުއްދީގެ ސަބަބުނެވެ. ބުއްދި ނެތްނަމަ އިންސާނާ ޙައިވާނުންގެ ދަރަޖައަށް ވެއްޓިދާނެއެވެ. ބުއްދި ސަލާމަތްކުރުމަށްޓަކައި، މަސްތުވާތަކެތި ޙަރާމްކުރެއްވިއެވެ. ޝަރީޢަތުގައި ދިރިހުރުމުގެ ޙައްޤު އިންސާނާއަށް ލެއްވިއެވެ. ޙައްޤަކާއިނުލައި އެއްވެސް ނަފްސެއް މެރުމަކި ނުބައިވެގެންވާ ފާފައެއްކަމުގައި ކަނޑައެޅުއްވިއެވެ. ދީނުގައި އަންގަވާފައިވަނީ ފުރާނައަކަށް ފުރާނައެކެވެ. ލޮލަލަކަށް ލޮލެކެވެ. ނޭފަތަކަށް ނޭފަތެކެވެ. ކަންފަތަކަށް ކަންފަތެކެވެ. ދަތަކަށް ދަތެކެވެ. ހާނީއްކަތަކަކީ ޤިޞާޞް ހުރިކަމެކެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. أَنَّ النَّفْسَ بِالنَّفْسِ وَالْعَيْنَ بِالْعَيْنِ وَالأَنفَ بِالأَنفِ وَالأُذُنَ بِالأُذُنِ وَالسِّنَّ بِالسِّنِّ وَالْجُرُوحَ قِصَاصٌ [11]

                މުދަލަށް ރައްކާތެރިވުމުގެ ގޮތުން ޝަރީޢަތުގައި ވައްކަމާއި، ފޭރުމާއި ޚިޔާނާތުގެ ޙައްދު ޤާއިމް ކުރެއްވިއެވެ. ނަސްލު ޙިމާޔަތްކުރުމުގެ ގޮތުން ކައިވެނި ޙަލާލު ކުރައްވައި ޒިނޭ ޙަރާމް ކުރެއްވިއެވެ. ޒިނޭއަކީ ދީނުގައިވާ އެންމެ ފާޙިޝްކަން ބޮޑު ޢަމަލުކަމުގައި ކަނޑައެޅުއްވިއެވެ. މިކަމުގައިވެސް ފޮރުވިފައިވާ ޙަޤީޤަތްވަނީ ބަޔާންވެފައެވެ. އެއީ ޒިނޭގެ ސަބަބުން މަސްއޫލުވެރިވާނެ ފަރާތެއްނެތް އެތައް ދަރިންނެއް އުފަންވުމެވެ. ޢިއްޒަތުއްނަފްސު ޙިމާޔަތް ކުރުމަށް ޤަޛުފުގެ ޙައްދު ޝަރުޢު ކުރެއްވިއެވެ. ހަމައެހެންމެ ޣީބަބުނެ ފުރައްސާރަކޮށް، މީސްތަކުންގެ އައިބުތައް ހާމަކުރުން މަނާކުރެއްވިއެވެ.

               ވުމާއެކު ބޮޑުވެގެންވާ ފާފަތަކަށް އަރައިގަތުމަށްފަހު އެއްވެސް މަޚުލޫޤަކަށް އެއީ ޝަރީޢަތުގައިވާ އުނިކަމެއްކަމުގައި ބަޔާންކޮށްދެވޭނެ އެއްވެސް ޖާގައެއް ނޯންނާނެއެވެ. އަބޫ ހުރައިރާގެ އަރިހުން އައިސްފައިވާ ސަލާމާއި ޞަލަވާތްލެއްވި އިތުރުއެކަލޭގެފާނު ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. “ޒިނޭކުރާ މީހާ މޫމިނަކަށްހުރެ ޒިނޭއެއް ނުކުރާނެއެވެ. ރާބޯމީހާ މުއުމިނަކަސްހުރެ ރަލެއް ނުބޯނެއެވެ. ވައްކަންކުރާ މީހާ މުއުމިނަކަށްހުރެ ވައްކަމެއް ނުކުރާނެއެވެ. އަދި މީހުންގެ ބެލުންތައް ހުއްޓުވޭގޮތަށް ލޫޓުވާމީހާ މޫމިނަކަށް ނުވާނެއެވެ.” [12]

ޝަރީޢަތަށް ޢަމަލުކުރުމުން ލިބޭ ފައިދާ

                    ޝައްކެއްނެތް ގޮތުގައި ތަޅާ ފޮޅުމާއި، މާރާމާރީއާއި، މަސްތުވާތަކެތި ބޭނުންކުރުމާއި، މީސްތަކުންގެ ޙައްޤުތަކަށް އަރައިގަތުމަކީ އިސްލާމީ ޝަރީޢަތުގައި ނޫނަސް އެހެނިހެން މުޖުތަމަޢުތަކުގައިވެސް ބަލައިގަންނަ ކަންތައްތަކަކަށް ނުވެއެވެ. މާތްވެގެންވާ އިސްލާމްދީނަކީ މިހުރިހާ ކަންތައްތަކެއް ނަހީކޮށް ރަނގަޅުކަންތައްތަކަށް ގޮވާލާ ހަމައެކަނި ޝަރުޢުކުރައްވާފައިވާ ދީންކަމުގައި ވުމުން އެދީނުގައި އަންގަވާފާއިވާ ގޮތަށް އަޅުގަނޑުމެންގެ އުޅުން ބައްޓަންކޮށްފިނަމަ، ދެދުނިޔޭގެ ފަލާޙާއި ކާމިޔާބުލިބޭނެކަމީ ޝައްކެއް އޮތް ކަމެއްނޫނެވެ.

                  އެޝަރީ ޢަތުގައިވާ އެންމެ ބޮޑު ފުރިހަމަކަމަކީ މީސްތަކުންގެ މަޞްލަހަތަށް ރިޢާޔަތް ކުރެވިފައިވުމެވެ. ޝަރީޢަތުގެ މަޤުޞަދަކީ ދީން، ފުރާނަ، ބުއްދި، އަބުރު އަދި މުދާ ރައްކާތެރިކުރުމެވެ. ދީނުގެ އެންމެހައި ކަންތައްތައް ޝަރުޢުކުރައްވާފައިވަނީ މިފަސްމަޤުޞަދު ރައްކާތެރިކުރުމަށެވެ.

                  މީގެއިތުރުން އިސްލާމީ ޘަރީޢަތަކީ ލުއިފަސޭޙަ ޝަރީޢަތަކަށްވުމުން މީސްތަކުންނަށް އުފާފާގަތިކަމާއެކު ދީނީ ވާޖިބުތައް އޭގެ އެންމެ ފުރިހަމަގޮތުގައި އަދާކުރުމަށް މަގުފަހިވެގެންދެއެވެ. މިގޮތުން ފެން ނުލިބުމުން ނުވަތަ ލިބިފައިވާ ފެނުން ނުފުދިއްޖެނަމަ، ތަޔައްމަމު ކުރެވުމާއި، ދަތުރުވެރިންނަށާއި، ބަލިމީހުންނަށާއި ޢުޒުރުވެރިންނަށް ނަމާދު ޤަޞްރުކުރުމާއި ޖަމްޢު ކުރެވޭގޮތް ޝަރުޢުގައި ވަނީ ލައްވާފައެވެ. ހަމައެފަދައިން ޙައިޟުވެރިޔާއާއި ނިފާސްވެރިޔާ އެދެކަންތަކުގެ ދުވަސްތަކުގައި ގެއްލޭ ނަމާދު ޤަޟާކުރަން ނުޖެހުމަކީވެސް ޝަރުޢުގައި މީސްތަކުންގެ ތަކުލީފްތަކަށް ރިޢާޔަތްކުރައްވާފައިވާ މިންވަރު ހާމަވެގެންދާ ކަމެކެވެ.

                 އިސްލާމީ ޝަރީޢަތަކީ އިޖުތިމާޢީ، އިޤްތިޞާދީ، ރޫޙާނީ އަދި އަޚުލާޤީ އެންމެހާ ކަންތައްތަކެއް އޭގައި އެކުލެވިފައިވާ އެއްޗަކަށް ވުމުން، މީސްތަކުން ހިނިތުންވުމާއެކު އެކަކުއަނެކަކާ ބައްދަލުވެ މުޢާމަލާތުކޮށް ހަދާނެއެވެ. ފިތުނަވެރިކަމުގެ ސަބަބުން ނިތްކުރިއަށް އަރަމުންދާ ރޫތައްފިލައިގެންދާނެއެވެ. އެހެންމީހުންވެސް ތިމާމެންނަށް އިޙުތިރާމާއި ޤަދަރުކުރާނެއެވެ. ކީރިތި ޤުރުއާނާއި، ސަލާމާއި ޞަލަވާތްލެއްވި މާތް ރަސޫލާގެ ދިރިއުޅުއްވުމުން ރިވެތި ނަމޫނާ ލިބިގަނެވި ސުވަރުގެދިއުމަށް މަގުފަހިވެގެންދާނެއެވެ. އަމާން ކަމާއެކު އުފާވެރި މުޖުތަމަޢެއް ބިނާކުރެވޭނެއެވެ. ކުށެއްކުރުމުން ދީނުގައި ކަނޑައެޅިފައިވާ ޙައްދު ޤާއިނުކުރެވުމުން ދެވަނަ ފަހަރަށް އެކުށް ތަކުރާރު ކުރާތަން ފެނިގެނެއް ނުދާނެއެވެ. އިސްލާމީ ތާރީޚު ހެކިދޭ ގޮތުގައި މިކަން ވަރަށް ރަނގަޅަށް ސާބިތުވެގެން ދެއެވެ. މުސްލިމުންގެ ދެވަނަ ޚަލީފާ ޢުމަރުގެފާނުގެ ދުވަސްވަރު މީހަކު ވައްކަންކުރުމުން އަތްކެނޑުނެވެ. އަދި މިކަމުގެ ސަބަބުން މުޅި އެޚިލާފަތުގައިވެސް ދެވަނަފަހަރަށް އެފަދަ އަދަބެއްދޭން ނުޖެހުނުކަމީ ކަމަށް އޮތް ޙައްލު ފެނިގެންދިޔަކަމެކެވެ. ވުމާއެކު މިފަދަ ކަންތައްތަކުން ޢިބުރަތްނިބިގަނެ އަޅުގަނޑުމެންގެ މިކުޑަރާއްޖެ ކުއްތަކުން ސަލާމަތްކޮށް އިޞްލާޙުކުރުމަށް އޮތް އެންމެބޮޑު ހަތިޔާރަކީ މިފުރިހަމަ ޝަރީޢަތް މިރާއްޖޭގައި ޤާއިމުކުރުމެވެ.

   ޙަވާލާދެވުނު ލިޔުންތައް

–         ޝަފީޢު ޢަބްދުﷲ، އިސްލާމީ ޝަރީޢަތަކީ މާތް މަތިވެރި ޝަރީޢަތެކެވެ. 3، 10 މާޗް 2012 ދި އިސްލާމް ޑޮޓް ކޮމް

–         މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ﷲގެ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކުރަމާ! 2010 މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، ދިވެހިރާއްޖެ

–         މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ދީނީ ހަރުކަށި ޚިޔާލާއި ސަބަބު އަދި އެކަމުގެ ޙައްލު 2010 މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، ދިވެހިރާއްޖެ

–         މުޙައްމަދު ރަޝީދު އިބްރާހީމް ރަޝިދު، މުޖުތަމަޢުގައި އަމަން އަމާންކަން ޤާއިމުވެ އޮތުމުގެ މުހިއްމުކަން، (17.02.2012) ހުކުރު ޚުޠުބާ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، ދިވެހިރާއްޖެ

–         ޑޮކްޓަރ ޢަބްދުލް މަޖީދު ޢަބްދުލް ބާރީ، މިނިވަންކަމުގެ ރަމްޒަކީ އިސްލާމްދީން، (24.02.2012) ހުކުރު ޚުޠުބާ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، ދިވެހިރާއްޖެ

–         ޑޮކްޓަރ ޢަބްދުލް މަޖީދު ޢަބްދުލް ބާރީ، ރިބާއާއި ބޭންކް އިންޓަރެސްޓް، (2010) މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، ދިވެހިރާއްޖެ

–         އަޙުމަދު ފަހުމީ ދީދީ، ހެޔޮކަންތަކަށް އަމުރުކުރުމާއި ނުބައިކަންތައް ނަހީކުރުން، ހިދާޔަތުގެ އަލި 12، (25 ފެބުރުއަރީ 2011) ޞ 4، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، ދިވެހިރާއްޖެ

–         ޑޮކްޓަރ ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާންގެ ބަސްދީގަތުން (2011) ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ، ޤައުމީ ޔުނިވަރސިޓީ، ދިވެހިރާއްޖެ

–         ޝަފީޢު ޢަބްދުﷲ، އިސްލާމީ ޝަރީޢަތަކީ މާތް މަތިވެރި ޝަރީޢަތެކެވެ. 1، 22 ޑިސެމްބަރ 2011 ދި އިސްލާމް ޑޮޓް ކޮމް

–         ޝަފީޢު ޢަބްދުﷲ، އިސްލާމީ ޝަރީޢަތަކީ މާތް މަތިވެރި ޝަރީޢަތެކެވެ. 2، 14 ޖެނުއަރީ 2012 ދި އިސްލާމް ޑޮޓް ކޮމް


[1] – ( يونس 57 )

[2] – (سورةالجاثية: 18)

[3]  މަޤާޞިދުއްޝަރީޢާ އަލް އިސްލާމިއްޔާ (އަލް މަޞްލަޙަތުލް މުރުސަލާ) ސުރުޚީގެ ދަށުން ދެއްވި ދަރުސް 22 އޮކްޓޯބަރ 2011 ވިލާކޮލެޖް ދިވެހިރާއްޖެ

[4]  (ޢަންކަބޫތު 45)

[5]  (ޙައްޖު 27،28)

[6]  (ބަޤަރާ 185)

[7]  (އަލްމާއިދާ6)

[8]  (ކަހުފު 46)

[9]  (ބަޤަރާ 275)

[10]  (އައްރޫމް 21)

[11]  (އަލް މާއިދާ 45)

[12]  ބުޚާރީ: 6390

ލިޔުނީ: ޢަބުދުލް ޙަމީދު ޢަބުދުއްރަޙްމާން ( އެޑިޓަރ )

ޢަބުދުލް ޙަމީދަކީ ލިޔުންތެރިކަމުގެ ފަންނުގައި ކޮންމެ ރޮނގަކުންވެސް ލިޔެވިދާނެ ކުޅަދާނެ މައުލޫމާތު ގެ ޚަޒާނާއެކެވެ. ބިޒީ ޝެޑިއުލްގެ ތެރެއިންވެސް ހެޔޮބަސް ބުނުމާއި ހެޔޮކަންކަމަށް ގޮވާލައި ، އޮއްޓަރު ހުރި ޢިލްމީ ދިރާސާތައް ފެންނަމުންދާކަމީ މިކަމަށް ދެއްވާ ޝަޢުޤުވެރިކަން ދޭހަކޮށްދޭ އަލިގަދަ ހެއްކެކެވެ. .

މިލިޔުންވެސް ކިޔާލާ

ޓީމު ލަންދޫގެ ހެޑް ކޯޗް އަހުމަދު އިރުފާން ލަންދޫ އަށް ވަޑައިގަންފި

ޓީމު ލަންދޫގެ ހެޑް ކޯޗް އަލްފާޟިލް އަހުމަދު އިރުފާން މިއަދު ލަންދޫ އަށް ވަޑައިގަންފިއެވެ. ކޯޗް އިރުފާނަށް ލަންދޫއިން ވަނީ …

ޚިޔާލެއްދެއްވާ

avatar
ޢަބްދުﷲ
ޢަބްދުﷲ

މާޝާ ﷲ! ޙަމީދުގެ މަސައްކަތުގައި ބަރަކާތް ލައްވައި، ދެދުނިޔޭގެ ބާއްޖަވެރިކަން މިންވަރު ކުރައްވާށި!

wpDiscuz