އަބްދުﷲ ގާޒީ މައްސަލާގައިވެސް ދައުވާކުރަނީ ނަޝީދު އާއި ދެކޮޅަށް..

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނު އަސާސީއާ ހިލާފަށް، ސަލާމަތީ ބާރުތަކުން އެކަހެރިކޮށްގެން ގިރިފުށީގައި ގެންގުޅުނު މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކުރަން ފުލުހުން ފޮނުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފިއެވެ.

 އަބްދުﷲ ގާޒީ 22 ދުވަސް ވަންދެން ބަންދުކުރި މައްސަލަ ފުލުހުން ޕީޖީ އަށް ފޮނުވީ މިއަދުއެވެ. ޕީޖީ އޮފީހުގެ އިސް އޮފިޝަލަކު ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލާގައި ދައުވާ ރައްދުވެފައި ވަނީ ގ. ކެނެރީގޭ މުހައްމަދު ނަޝީދު ގެ މައްޗަށް ކަމަށާއި އިތުރު މީހަކު އެ މައްސަލާގައި ހިމަނާފައި ނުވާ ކަމަށެވެ. އެ މައްސަލަ ޕީޖީ އޮފީހުން މިހާރު ދިރާސާކުރަމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

 ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެ މައްސަލަ ޕީޖީ އަށް ފޮނުވީ ހުރިހާ ބަޔާންތައް ފުރިހަމަކުރުމަށް ފަހުކަމަށެވެ . އެ ތަހުގީގުގައި ނަޝީދުގެ ބަޔާން ނެގުމަށް ވެސް ފުލުހުން އެދުނުނަމަވެސް އެ ބަޔާން ދެއްވުމަށް ނަޝީދު އިންކާރުކުރެއްވުމާ ގުޅިގެން، އެމަނިކުފާނުގެ ބަޔާނާ ނުލައި ތަހުގީގު ނިންމާނެ ކަމަށް ފުލުހުން އޭރު ބުނެފައިވެއެވެ.

ފުލުހުންގެ ތަހުގީގަށް ހާޒިރުނުވެ، ހިއުމަން ރައިޓްސް ކޮމިޝަނަށް ވަޑައިގެން ނަޝީދު ވިދާޅުވެފައި ވަނީ އަބްދުﷲ ގާޒީއާ ދޭތެރޭ ފިޔަވަޅު އެޅީ ޑިފެންސް މިނިސްޓްރީން ކަމަށެވެ. ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމްކަލޭފާނު ވިދާޅުވެފައިވާ ގޮތުގައި އަބްދުﷲ ގާޒީ ހައްޔަރުކުރީ އޭރުގެ ހޯމް މިނިސްޓަރު ހަސަން އަފީފާއި އޭރުގެ ޕޮލިސް ކޮމިޝަނަރު އަހުމަދު ފަސީހު ވިދާޅުވެގެންނެވެ.

 ފުލުހުންގެ ތަހުގީގުގައި ހަސަން އަފީފް ވިދާޅުވެފައި ވަނީ އަބްދުﷲ ގާޒީއާ ދޭތެރޭ ފިޔަވަޅު އެޅުމަށް އޭނާ އެދިވަޑައިގެންނެވީ ގާޒީގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ފުލުހުން އެންގުމުން ކަމަށެވެ. އަބްދުﷲ މުހައްމަދު ގިރިފުށީގައި ބަންދުކޮށްގެން ގެންގުޅު މައްސަލަ ފުލުހުންގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް އަންނަނީ ތަހުގީގުކުރަމުންނެވެ. އެ ތަހުގީގު ނިންމައި ވަރަށް އަވަހަށް ރިޕޯޓް އާއްމުކުރާނެ ކަމަށް އެ ކޮމިޝަނުން ވެސް ވަނީ ބުނެފައެވެ.

ލިޔުނީ: އިރުފާނު ( އިރޭ )

އިރުފާނަކީ އެކިދާއިރާގެ ޚަބަރު ހޫނުކޮށް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ނުޖެހި ހިވާގިކަމާއެކު ކެރިގެން މަސައްކަތްކުރައްވާ ކުރިއަރަމުން އަންނަ ނޫސް ރިޕޯރޓަރެކެވެ.

މިލިޔުންވެސް ކިޔާލާ

ކުރީގެ ރައީސް މުހައްމަދު ނަޝީދު ގަނޫނާއި ހިލާފަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ ހައްޔަރުކޮށްފައިވާ މައްސަލަ ޕީޖީ އޮފީހުން ބޭރުކޮއްލުމަށް އިންތި ގޮވާލައިފި.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ގަނޫނާއި ހިލާފަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ ހައްޔަރުކޮށްފައިވާ މައްސަލަ ޕީޖީ އޮފީހަށް ހުށައަޅާފައިވާ …

ޚިޔާލެއްދެއްވާ

avatar
wpDiscuz