” ކޮކާ ކޯލާ ” ޙަރާމް !!!؟؟؟؟؟

ލިޔުނީ : އައްނޫނީ

” ކޮކާކޯލާ މީރުހެއްޔެވެ؟ ވަރަށް މީރެވެ. އެއީ ހަރާމްއެއްޗެކޭ ބުނެފިނަމަ ބޯނަންހެއްޔެވެ؟ އޫ…… ނޭނގެ ދޯ! އޭގައި “ޙަލާލް” ލޭބަލް އިނދެއެއްނު! އަނެއްކާ ޝެއިޚުންވެސް ނުބުނޭ ޙަރާމެކޭ! ޙަރާމޭ ބުނާ ޝެއިޚަކާ ދިމާވެއްޖެއްޔާ އޯ؟ ދެން ޖެހޭނީ ވިސްނާލަން.. އެކަމް ވަރަށް ބޯހިއްވޭ!” މިއީ ކޮކާ ކޯލާ އާއި ބެހޭގޮތުން ޢާމްމު މީހަކާ ސުވާލުކޮށްލުމުން ޢައްމުކޮށް ދޭ ޖަވާބެވެ.

” ދެން ކުއްޖަކު އެގޮތަށް ދެކެންޏާ ނުބުއިން ރަނގަޅީ! ޝައްކުވަންޏާ އެއާ ދުރުހެލިވާނީ.. އެކަމް އެހެންމީހުން ކައިރީގައި އެވާހަ ދައްކަމުން ޙަރާމޭ ގޮވަމުން ހިނގާނެކަމެއް ނެތް!” މިއީ ރާއްޖޭގެ މަޝްހޫރު  ޝެއިޚަކު ދެއްވި ޖަވާބެވެ.

” ފިޤުހީ ގޮތުން ބަލާއިރު ބައެއް ޙަރާމް އެއްޗެހި ތާހިރު އެއްޗެއްސާ އެކުވެގެންގޮސް އޭގެ ނަޖިސްކަން ކެނޑޭ… މިގޮތުން ގަނޑުލޮނު ވަޅަކަށް ވެއްޓިި މަރުވެފައިވާ ކުއްތާ އެވަޅުގައި އޮވެ ގިނަދުވަސްވުމުން އޭގެ ބައިތައް ވަކިވަކިވެ މަސްތަކާއި ކަށިތަކާއި އަދި ހަންގަނޑާއި ކެހެރިތައްވެސް ލޮނަށް ބަދަލުވޭ… އޭގެ އަސްލު ގޮތް ކެނޑި ލޮނަށްވުމުން އެތަކެތި ޙަލާލުވާނޭކަމަށް ބައެއް ފިޤުޙު ޢިލްމުވެރިން ވިދާޅުވޭ.. ވީމާ ކޮކާކޯލާ ހުއްދަވަނީވެސް އެފަދަ ގޮތަކުން ކަމަށް ވެދާނެ” ޢަރަބި ޤައުމެއްގައި ކިޔަވާ ބޭރުގެ ޤައުމެއްގެ ކުއްޖަކު ބުންޏެވެ.

” އޭތި އުފެއްދުމުގެ ތެރޭގައި “އަލްކަހޯލް” އުފެދޭ ބައެއް އެއްޗެހި، މިސާލަކަށް ބަނަސް ތައްޔާރުކުރާއިރު ޠަބީޢީގޮތުން އޭގައި އަލްކަހޯލް އުފެދޭ.. ނަމަވެސް އެ އާތްވަށްވެގެން ދަނީ.. ނުވަތަ ކޭކު އަދި މަސްފިހާއިރު އަޅާ ވައިން.. މިފަދަ ތަކެތިވެސް އާތްވައްވެގެން ދާނަމަ އެތަކެތި ހުއްދަކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވެފައި އެބަހުރި… ކޯކް ހުއްދަކުރަނީވެސް އެފަދަގޮތަކަށް ކަމަށް ވެދާނެ” ރާއްޖޭގެ ޢިލްމީ ޝައިޚަކު ޖަވާބުދެއްވަމުން ވިދާޅުވިއެވެ.

“ބޮއިގެން ނުވާނެ! އެއީ ޙަރާމް އެއްޗެއް” ރާއްޖޭން ބޭރުގައިވެސް ދަރުސްދެއްވާ އަދި ދުނިޔޭގެ މަޝްރަޙައް ލޯހުޅުވިފައިވާ ޝެއިޚަކު ޖަވާބުދެއްވަމުން ވިދާޅުވިއެވެ.

ކޯކްް” ހަދަނީ ކޮން އެއްޗަކުން؟

ކޮކާ ކޯލާގެ ފޯމިއުލާއަކީ ސިއްރެއްކަމުގައި ކޮކާ ކޯލާ ކުންފުނިން ދައުވާކުރެއެވެ. ކޯކްގެ އިންގްރަޑިއަންޓްސް ބޭރުފުށަށް ބަލާއިރު އާއްމު ބުއިންތަކާއި މާބޮޑު ތަފާތެއް ނުހުރެއެވެ. ނަމަވެސް  2011 ވަނަ އަހަރު ދުނިޔޭގެ ބޮޑަތި މީޑިޔާތަކުގައި ބަޔާންކޮށްފައިވާ ގޮތުގައި ލީކްވެފައިވާ ކޯކްގެ ފޮމިއުލާ (Merchandise 7X) ގައި ވާގޮތުން އޭގައި އަލްކަހޯލް ހިމެނެއެވެ. ކޯކްގެ އިންގްރެޑިއަންޓްސްގައި ކޯކްފުޅީގައި މި ފޯމިއުލާރ ލިޔެފައިވަނީ ނެޗުރަލް ފްލެވަރ “NATURAL FLAVOR”ގެ ގޮތުގައެވެ.

ބައެއް ފަރާތްތަކުން ދައުވާކުރާ ގޮތުގައި 7X ފޯމިއުލާގައި އަލްކަހޯލްގެ އިތުރުން ކޮކެއިން (cocaine) ވެސް ހިމެނެއެވެ. ކޮކެއިން އަކީ އެމެރިކާ ބައްރުގެ ޤައުމުތަކުގައި ހެދޭ “ކޮކާ” ކިޔާ ބާވަތެއްގެ ގަހެއްގެ ފަތުން އުފައްދާ މަސްތުވާ އެއްޗެކެވެ. އަދި މީގެ އިތުރުން ކޯކްގައި ބޭނުންކުރާ ޖެލީ (glycerine) އަކީ ވަލުއޫރު(hog) ގެ ސަރުބީގެ ބަދަލުގައި ގެރީގެ ސަރުބީ ބޭނުންކޮށްގެން ހަދާއެއްޗެއްކަމަށް ކޮކާކޯލާ ކުންފުނިން ދައުވާކުރެއެވެ.  އެއީ ޔަހޫދީންނާއި މުސްލިމުންނަށް މާކެޓްކުރުމަށްޓަކައެވެ. ނަމަވެސް ސަރުބީ ނެގުމަށް ބޭނުންކުރާ ގެރިއަކީ ހުއްދަގޮތުގައި ޒަބަޙަކުރެވިފައިވާ އެއްޗެއްތޯ ބަލާފައިވަނީ ކޮން މުސްލިމެއްބާވައެވެ.

 

ކޮކާކޯލާގެ ބާނީ (John S. Pemberton) 1888ވަނަ އަހަރު އޭނާގެ ޑައިރީގައި ލިޔެފައިވާ ކޯކްގެ ރެސިޕީ

Ingredients:

1 oz (28 g) caffeine citrate

3 oz (85 g) citric acid

1 US fl oz (30 ml) vanilla extract

1 US qt (946 ml) lime juice

2.5 oz (71 g) “flavoring,” i.e., “Merchandise 7X”

30 lb (14 kg) sugar

4 US fl oz (118.3 ml) fluid extract of coca leaves (decocainized flavor essence of the coca leaf).

2.5 US gal (9.5 l; 2.1 imp gal) water

caramel sufficient to give color

“Mix caffeine acid and lime juice in 1 quart boiling water add vanilla and flavoring when cool.”

Flavoring (Merchandise 7X):

1 qrt alcohol

80 oil orange

40 oil cinnamon

120 oil lemon

20 oil coriander

40 oil nutmeg

40 oil neroli

“Let stand 24 hours.”

 އެމެރިކާގެ މުސްލިމް ކޮންސިއުމާރސް ގްރޫޕް ފޯރ ފުޑް ޕްރޮޑަކްޓްސް (MCG) ގެ ޓެކްނިކަލް އެސެސްމެންޓް

16 ފެބްރުއަރީ 2011 ވަނަ ދުވަހު ދުނިޔޭގެ މަޝްހޫރު ނޫސްތައް ކަމުގައިވާ “ސީ އެން އެން”، “ލޮސްއެންޖެލްސް ޓައިމްސް” އަދި އަލްޖަޒީރާ ފަދަ ނޫސްތަކުގައި އާދަޔާއި ޚިލާފު ޚަބަރެއް ފެތުރިގެން ދިޔައެވެ. ދުނިޔޭގެ އެންމެ މަޝްހޫރު ބުއިން ކަމުގައިވާ ” ކޮކާ ކޯލާ” ގެ ފޯމިއުލާ ސިއްރުކޮށްގެން އުޅޭތާ ޤަރުނަކަށްވުރެވެސް ގިނަދުވަސް ވީފަހުން، ކޯކްގެ ރެސިޕީ ނުވަތަ މަޝްހޫރު (Merchandise 7X) ފޯމިއުލާ ފަޅާއެރި ވާހަކައެވެ. މިކަމާއި ގުޅިގެން އެމެރިކާގެ މުސްލިމުންނަށް ކާނާގެ ޙަރާމް ހަލާލު ބަލައި ތަޙްލީލުކޮށް ކަޑައަޅާ ބޯޑެއްކަމުގައިވާ (Muslim Consumer Group For Food Products USA) ގެ ފަރާތުން ކޮކާ ކޯލާގެ ރެސިޕީ ދިރާސާކުރުމަށްފަހު ކޯކްގެ ޓެކްނިކަލް އެސެސްމެންޓެއް ވަނީ ނެރެފައެވެ.

ޓެކްނިކަލް އެސެސްމެންޓްގެ ނަތީޖާ

މި އެސެސްމެންޓުން ދައްކާގޮތުގައި  (Merchandise 7X) ގެ ފްލެވަރ ގައި ސޯލްވެންޓް(solvent) (އެއްޗެއް ގިރުމަށް ބޭނުންވާ ދިޔާ އެތި) ގެ ގޮތުގައި ބޭނުންކޮށްފައި ވަނީ އަލްކަހޯލެވެ. އަދި  (Merchandise 7X) ފްލެވަރ ގެ 95-98% އަލްކަހޯލް ހިއްސާކުރާއިރު އެހެނިހެން ޕްލެވަރގެ ހިއްސާއަކީ އެންމެ 2-5% އެވެ. ކޮންމެ ފްލެވަރއެއްގައިވެސް ގިރުމުގައި އޭގެ އެންމެ ބޮޑު ބައެއް ޙިއްޞާކުރާނީ (solvent)  އެވެ. ސީ.އެން.އެން އިން ވެސް ވަނީ ކޯކް ގިރާފައިވާގޮތުގެ ތަފްސީލު ވެބްސައިޓްގައި ޝާއިޢުކޮށްފައެވެ.

ހ. ލުނބޯ ތެޔޮ(Lemon oil)، ތަކޫވަށް ތެޔޮ (Nutmeg oil) އޮރެންޖް މާ ނުވަތަ ޅައޮރެންޖްގެ ތެޔޮ(Coriander Neroli )، އަދި ފޮނިތޮށި(Cinnamon) އަކީ ފަސޭހަކަމާއިއެކު އަލްކަހޯލަށް ގިރިގެންދާ ތަކެއްޗެވެ. ސެންޓްގެ ބާވަތްތަކުގައި 20% ތެޔޮ 80% އަލްކަހޯލާއި އެއްކުރެއެވެ.

ށ. ގިރުމަށް އަލްކަހޯލްގެ ބަދަލުގައި  ޙަލާލު ތަރުކާރީ ތެޔޮ (vegetable oil) ނުވަތަ ޕެރަޕެލިން ގްލައިކޯލް(Propylene Glycol) ބޭނުންކޮށްފިނަމަ ދެމައްސަލައެއް ދިމާވާނެއެވެ. ފުރަތަމަ މައްސަލައަކީ މިބޭނުންކޮށްފިނަމަ  މަތީގައި ބަޔާންކުރި ބާވަތްތަށް ގިރިގެން ދާނީ ވަރަށް ކުޑަކޮށެވެ. ދެވަނަ މައްސަލައަކީ ތަރުކާރީ ތެޔޮ ކޮކާ ކޯލާގެ ފެނާއި އެއްނުކުރެވުމެވެ. ތެލާއި ފެން އެއްކުރުމަށް ބޭނުންކުރާ (emulsifier) ކޯކްގެ  އިންގްރެޑިއަންޓްސް ސްޓޭޓްމަންޓްގައި ނުހިމެނެއެވެ.

ނ. ސޯލްވެންޓް(solvent) އެއްގެ ގޮތުގައި މިހުރިހާ ކަމަކަށް ޙައްލު ގެނެވޭނެ އެއްޗަކީ ހަމައެކަނި އަލްކަހޯލެވެ. އެހެންކަމުން (Merchandise 7X) ގައި ސޯލްވެންޓަކަށް ޔަގީނުންވެސް ބޭނުންކުރެވިފައި ވާނީ އަލްކަހޯލެވެ.

ރ. މަތީގައި ބަޔާންކުރެވުނު ހުރިހާ އިންގްރެޑިއަންޓްސްއެއް އެއް އިންގްރެޑިއަންޓްގެ ގޮތުގައި ކޮކާ ކޯލާގެ އުފެންދުންތަކުގައި ހިމަނާފައިވަނީ “ނެޗުރަލް ފްލެވަރ”(NATURAL FLAVOR) ގެ ނަމުގައެވެ.

ޤަބޫލުކުރާނީ ކާކުގެ ވާހަކައެއްބާ؟

ޤަބޫލުކުރާނީ މަތީގައި ބަޔާންވެދިޔަ ރިޕޯޓްތައް ހެއްޔެވެ؟  ނުވަތަ ކޮކާކޯލާ ކުންފުނީގެ ސްޓޭޓްމަންޓްގައި ބަޔާންކޮށްފައިވާ ފަދައިން  ކޮކާކޯލާގެ އިންގްރެޑިއަންޓްސް ލީކުނުވާ ކަމަށް ހެއްޔެވެ؟

ކޮކާކޯލާ ކުންފުނިން ދަނީ ކޮކާކޯލާއަކީ އަލްކަހޯލިކް ބުއިމެއް ނޫންކަމަށް ބުނެ ކޯކް ބޭނުންކުރާ ފަރާތްތަކަށް ސިޓީފޮނުވަމުންނެވެ.  އަދި އެސިޓީގައި މުސްލިމު ޤައުމުތަކަށް ކޮކާކޯލާ ވިއްކާ ވާހަކައާއި މުސްލިމުންގެ ކެއުންބުއިމުގެ ޤަވާއިދުތަކާއި އެއްގޮތަށް ޢަމަލުކުރާކަމަށް ބަޔާންކޮށްފައި ވެއެވެ. ކޮކާކޯލާގައި އަލްކަހޯލް ހުރިނަމަވެސް އެ އެތެރެކުރުމުގެ ހުއްދަ މުސްލިމު ޤައުމުތަކުން ދޭނެކަމަށް ޤަބޫލުކުރެވެއެވެ. ހަޤީޤަތަކީ، ސަޢޫދީ ޢަރަބިއްޔާ، އިންޑޮނޭޝިޔާ، އަދި މެލޭޝިޔާއަށް ޔޫ. އެސް (އެމެރިކާ) ގައި އުފައްދާ އަލްކަހޯލް ހިމެނޭ ފްލެވަރގެ ކާބޯތަކެތި އެތެރެކުރަން ހުއްދަދޭކަމެވެ.

ލެބޯޓްރީ ޓެސްޓަކުން އަލްކަހޯލް ހުރިމިންވަރު ދަނެގެނެވިދާނެއެވެ. ނަމަވެސް (HPLC graph) އަކުން އަލްކަހޯލް އައިގޮތެއް ބުނެއެއް ނުދޭނެއެވެ. އެއީ އެއަށް އަލްކަހޯލް އަޅާފައި ހުރީކަމެއް ނުވަތަ ބޭނުންކުރާ (Merchandise 7X) އިންގްރެޑިއަންޓްސްގައި ގުދުރަތީގޮތުން އަލްކަހޯލް ހިމެނެނީކަމެއް ވަކިނުވުމެވެ.

ވަކިވަކި ކޮންމެ މުސްލިމަކަށްވެސް އޭނާ ބޭނުންވާ ގޮތެއް ނިންމެދާނެއެވެ. ނަމަވެސް (MCG) އަކުން އެއްވެސް މުސްލިމަކަށް ކޯކްގެ ބާވަތްތައް ބޭނުންކުރުމަކަށް ރުހުމެއް ނުދޭނަމެވެ.

ސަޢީދު ރަޝީދުއްދީން އަޙްމަދު

އެމެރިކާގެ މުސްލިމް ކޮންސިއުމާރސް ގްރޫޕް ފޯރ ފުޑް ޕްރޮޑަކްޓްސް (MCG)

www.muslimconsumergroup.com
www.canadianhalalfoods.com

 

އެމް. ސީ. ޖީ (MCG)ގެ އެސެސްމެންޓް ލިންކް:

 http://www.sunniforum.com/forum/showthread.php?69103-Alcohol-is-used-as-a-solvent-in-natuiral-flavor-of-Coca-Cola-products-in-USA

އަސްލު: ދިވެށި.ކޮމް

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

ޚިޔާލެއްދެއްވާ

avatar
wpDiscuz