ކުރިން ރޭވިފައިވާ ހުރިހާކަމެއްވެސް ބަރާބަރަށް ކުރިއަށްދާނެ – ރައީސް

ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި ކުރެވޭ އެއްވެސް މަސައްކަތެއް ހުއްޓުވާކަން މިސަރުކާރަކުން މަސައްކަތެއް ނުކުރާނެކަމަށާއި، ކުރިން ރޭވިފައިވާ ހުރިހާކަމެއްވެސް ބަރާބަރަށް ކުރިއަށްދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ވިދާޅުވެއްޖެއެވެ.

މިމަހުގެ ސާދަ ވަނަ ދުވަހުން ފެށިގެން މައްކާގައި ކުރިއަށްދާ އޯއައިސީ ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް އެގައުމަށް ފުރާވަޑައިގެންނެވުމުގެ ކުރިން ނޫސްވެރިން ކުރިމަތިކުރި ސުވާލު ތަކުގެ ތެރެއިން، ދިޓިވީން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޑރ. ވަހީދު ވިދާޅުވީ ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި މިސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރަމުން ގެންދާ މަސައްކަތްތަކަކީ ކުރިން ރޭވިފައިވާ މަޝްރޫޢުތައް ހުއްޓާނުލައި ކުރިއަށް ގެންދިއުންކަމަށާއި އެކަން ކުރައްވާނެކަމަށެވެ. މިގޮތުން ބޯހިޔާވަހި ކަމުގެ މަޝްރޫޢުގެ ދަށުން އިމާރާތް ކުރަމުން ފްލެޓްތައް މިއަހަރުގެ ފަހުކޮޅުގައި އޭގެ ހައްގުވެރިންނާއި ހަވާލުކުރެވިގެންދާނެ ކަމަށްވެސް ރައީސް ޑރ. ވަހީދު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މާލޭގައި އިމާރާތްކުރަން ފަށައި ނުނިމި، ހުއްޓިފައިހުރި ތަންތަން ކުރިއަށް ގެންދިއުމަށްޓަކައި ބޭނުންވާ ފައިސާ ހޯދުމަށް މިހާރުވެސް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ވާނީ ހުށައަޅާފައިކަމަށާއި މާލިއްޔަތު ކޮމެޓީން ރުހުން ލިބުނުހާ އަވަހަކަށް އެމަސައްކަތްވެސް ބާރަށް ފެށިގެންދާނެކަމަށެވެ.

ރައީސް ވަހީދު ވިދާޅުވީ ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި މަތީތަޢުލީމް ހާސިލު ކުރުމަށް އެންހާސް ކުދިންނަށް ލޯނާއި ސްކޯލާޝިޕްގެ ފުރުސަތު ދިނުމުގެ އިތުރުން ލ. އަތޮޅު ލިންކް ރޯޑްގައި ތާރު އެޅުމަށްވެސް ސަރުކާރުން ނިންމާފައިވާކަމަށެވެ. އަދި މިއަހަރު ނިމުމުގެ ކުރިން އެމަަސައްކަތް ފެށޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެއިތުރުން މާލޭގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ފަސޭހަ ކުރުމަށްޓަކައި ދެ ސިއްހީ މަރުކަޒު މާލޭގައި ގާއިމު ކުރުމަށް އައިޖީއެމް ހޮސްޕިޓަލުން ނިންމާފައިވާކަމަށްވެސް ރައީސް ވަހީދު ވިދާޅުވިއެވެ.

ސަޢޫދީ ރަސްގެފާނުގެ ދައުވަތަކަށް ރައީސް ޑރ. ވަހީދު ސައުދީ އަރަބިޔާއަށް މިކުރައްވާ ދަތުފުޅަކީ މިމަހުގެ ސާދައިން ސޯޅައަށް މައްކާގައި ކުރިއަށްދާ އޮގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ބައްދަލު ވުމުގައި ބައިވެރިވެ ވަޑައިގަތުމަށްޓަކައި ކުރައްވާ ދަތުރުފުޅެކެވެ.

މިދަތުރުފުޅާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ޑރ. ވަހީދު ވިދާޅުވީ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރުމަށް ހަމަޖެހިފައިވަނީ ސީރިޔާގައި ހިގަމުންދާ ހަގުރާމައާއި، މެދުއިރުމަތީގައި ހިގަމުންދާ ހަމަނުޖެހުންތަކާއި ބެހޭ ގޮތުންކަމަށެވެ. އަދި އިސްލާމިކް މިނިސްޓްރީން ފަށާފައިވާ މިސްކިތް ފަންޑަން ފައިސާ ހޯދުމުގެ މަސައްކަތްވެސް މި ބައްދަލުވުމުގެ ތެރޭގައި ކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޚަބަރު: ދިޓީވީ

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅު

بســم اللّـه الرّحمـن الرّحيــم اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه …

ޚިޔާލެއްދެއްވާ

avatar
wpDiscuz