ކައުންސިލް އިސްވެ އޮވެގެން ލަންދޫގެ މަގުތައް ރަގަޅު ފެންވަރަކަށް ހަދަނީ.

ނ.ލަންދޫގައި އަލަށް އިތުރުކުރެވޭ މަގުތައް ރަގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނޭކަމަށް ލަންދޫކައުންސިލް އިދާރާއިން މިރޭ ހާމަކޮށްފިއެވެ.

ލަންދޫ ކައުންސިލްގެ މެމްބަރ އަލްފާޟިލް އިބްރާހިމް ލަތީފުއާއި، އެކައުންސިލްގެ ޒިންމާދާރު އިސްވެރިޔާ އަލްފާޟިލް ހަސަން ނަޞީރު މިރޭ ލަންދޫއިންފޯއަށް މިކަމާގުޅޭގޮތުން ދެއްވި ބަސްދީގަތުމެއްގައި އިބްރާހީމް ވިދާޅުވީ މަގުތައް ހެދުމުގެ މަސައްކަތް ކައުންސިލް އިސްވެއޮވެގެން ވަރަށް އަވަހަށް ފަށާނެކަމަށެވެ. ނަސީރުވިދާޅުވީ އެ މަސައްކަތުގެ ދަށުން މިހާރު ރުއްގަހަށް ބަދަލުދިނުމުގެ މަސައްކަތް ފަށާފައިވާކަމުގައެވެ.

ނަސީރު އިތުރަށް ވިދާޅުވީ މިމަސައްކަތް ކުރަން ނިންމާފައިވަނީ ކައިރި ރިސޯޓަކާއި ގުޅިިގެން ކަމަށެވެ. ނަޞީރު އިތުރަށް ތަފްޞީލް ދެއްވަމުން ވިދާޅުވީ ރަގަޅު ފެންވަރަކަށް މަގުތައް ހެދުމަށް އެރިސޯޓްގެ ފަރާތުން އެކްސްކަވޭޓަރެއްވެސް ވަރަށް އަވަހަށް ގެންނާނެކަމަށެވެ. “އަހަރެމެން މިބަލަނީ މޭ 1 އަށް އެކްސް ކަވޭޓަރު ލަންދޫއަށް އެރުވޭނެކަމަށް، އޭރުން އަމަލީ މަސައްކަތް ފެށޭނީ، އެހެންނަމަވެސް އޭގެ ކުރިންވެސް ރުއްގަސް ކެނޑުންފަދަ ކަންކަން ކުރެވޭނެކަމަށް މިބަލަނީ” ނަޞީރު ވިދާޅުވިއެވެ.

ނަޞީރު ވިދާޅުވީ ރިސޯޓްމީހުން ނަށް އެމަގުގައި ހުރި ރުއްގަސް ދޭގޮތަށް ހަމަޖެހިފައިވާކަމަށާއި، އެއީ މަގުތައް ހަދައިދޭތީ އެމީހުންނަށް އެކަމުގެ ބަދަލެއްގެ ގޮތުން ދޭންނިންމި ތަކެތި ކަމަށެވެ.

ކައުންސިލްގެ މެމްބަރ އިބްރާހީމް ލަތީފްވެސް ނަޞީރުގެ ވާހަކަތަކަށް ބާރު ދެއްވަމުން ވިދާޅުވީ މިހާރު އެމަސައްކަތަށް ބޭނުންވާ ފައިސާވެސް ހުރީ ކައުންސިލް ބަޖެޓްގެ މިދިޔައަހަރުގެ އައިޓަމް ބާކީ ތަކުން ބާކީކޮށްގެން ލިބިފައިކަމަށެވެ.

އެދެބޭފުޅުން އިތުރަށް ވިދާޅުވީ މިމަސައްކަތުގެ ދަށުން ފުރަތަމަ ހަދާނީ ބަނދަރަށް ދާން އޮންނަ މަގުކަމަށާޢި، އޭގެފަހުން އެހެންމަގުތައްވެސް ހަދާނެކަމަށެވެ. ޗަކަބިން ހިމެނޭ ސަރަހައްދުތަކަށް ވެލިވެސް އަޅާ ރީތިކުރާނެކަމަށްވެސް ވިދާޅުވިއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

މަގޭ ރަށް – ސާފު ލަންދޫ ޝިޢާރުގެ ދަށުން ލަންދޫ ސާފު ކުރުމުގެ ބޮޑު ޙަރަކާތެއް މިއަދު ހިންގައިފި

އިންޓަރނޭޝަނަލް ކޯސްޓަލް ކްލީންއަޕް ޑޭ 2017 ކުލަގަދަގޮތެއްގައި ފާހަގަ ކުރުމުގެ ގޮތުން މަގޭ ރަށް – ސާފު ލަންދޫގެ ނަމުގައި …

ޚިޔާލެއްދެއްވާ

avatar