ބަޣާވާތުގެ އަޑީގައި ހުންނެވީ އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ޑީ އެމް މުލޭ-ރައީސް ނަޝީދު

ވެރިކަން ބަދަލުކޮށްފައިވަނީ ބަޣާވާތަކުންކަމަށް ވިދާޅުވެ އަވަސް އިންތިޚާބެއް ބޭއްވުމަށް ދަޢުވާ ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ނަޝީދު މިދިޔަ މަހުގެ ތޭރަވަނަ ދުވަހު އިންޑިޔާއަށް ކުރެއްވި ޒިޔާރަތުގައި ނިއު ދިއްލީގެ ލަލިޓް ހޮޓަލުގައި، އިންޑިޔާގެ ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ނަޝީދުގެ ފަރާތުން ވާހަކަ ދައްކަވަމުން އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެފައިވަނީ ރައީސް ނަޝީދު ވެރިކަމުގައި ހުންނެވި އިރު އިންޑިޔާއަށް ކުރެއްވި ޒިޔާރަތުގައި މުލޭ ބައިވެރި ކުރެއްވި ކަމަށާއި އަދި ހުރިހާ ބައްދަލުވުންތަކުގައިވެސް މުލޭ ބައިވެރިކުރެއްވިކަމަށެވެ. އަދި އޭގެ ފަހުން މުލޭ ބޭނުންފުޅުވީ އޭނާގެ އެކުވެރި ކުންފުންޏަކަށް ރާއްޖޭގައި ވިޔަފާރި ކުރުމުގެ ފުރުސަތު ދިނުމަށް ކަމަށާއި ނަމަވެސް އެފުރުސަތު ލިބިވަޑައިނުގަތުމުން އިދިކޮޅު ފަރާތްތަކާއި ގުޅުން ބަދަހިކުރައްވާފައިވާކަމަށް މޫސައާއި ހަވާލާދީ އިންޑިޔާގައި ނެރޭ އޯޕަން މަޖައްލާގައި ރިޕޯޓްކޮށްފައިވެއެވެ.

މިއިންޓަރވިއުގައި މޫސަ އިތުރަށް ވިދާޅުވެފައިވަނީ ވެރިކަން ބަދަލުވީ ދުވަހު ކަންތައްތައް ވަމުން ދިޔަ ގޮތާއި ބެހޭ މައުލޫމާތު އިންޑިޔާގެ ސަރުކާރާ ހިއްސާ ކުރުމަށް އެތަކެއް ފަހަރު މަތިން މުލޭގެ އަރިހުން އެދިވަޑައިގެންނެވި ކަމަށާއި ނަމަވެސް އެކަންތައްތަކަށް މުލޭގެ ފަރާތުން އެކަށީގެންވާ އެއްބާރުލުމެއް ލިބިވަޑައިގެންފައިނުވާކަމަށެވެ. އަދި ދެހާސް އެގާރަވަނަ އަހަރުން ފެށިގެން އިދިކޮޅު ޕާޓީތަކާއިއެކު ގާތް ގުޅުމެއް މުލޭ ބާއްވަމުން ގެންދަވާ ކަމަށްވެސް މޫސަ ވިދާޅުވެފައިވާކަމުގައި އޯޕަން މަޖައްލާގައި ރިޕޯޓްކޮށްފައިވެއެވެ.

ވެރިކަން ބަދަލުކުރުމަށް ބަޣާވާތް ގެނައުމަށް ފަންސަވީސް ހާސް އެމެރިކާ ޑޮލަރު ޚަރަދު ކުރި ކަމަށާއި މިފައިސާ ހޭދަކުރި މީހުންގެ ތެރޭގައި އަބްދުﷲ ޔާމިންވެސް ހިމެނޭ ކަމަށް މޫސަ ވިދާޅުވެފައިވެއެވެ. މޫސަގެ ވާހަކައިގާ ރާއްޖޭގައި ހުންނަ އިންޑިޔާގެ ހައިކޮމިޝަނަރ މަސައްކަތް ކުރައްވާފައިވަނީ ހައިކޮމިޝަނަރއެއްގެ ގޮތުގައި ނޫންކަމަށާއި ވެރިކަން ވެއްޓުނު ދުވަހުގެ ދެދުވަސް ކުރިން ޕެރެޑައިސް ރިސޯޓުގައި ބަޣާވާތުގެ ލީޑަރުންނާއެކު މުލޭ ބައްދަލު ކުރެއްވި ކަމަށް ރީކޯ މޫސަ ވިދާޅުވެފައިވެއެވެ.

މޫސަގެ ވާހަކައިގާ މުލޭ އިދިކޮޅު ފަރާތްތަކަށް ތާއީދުކުރައްވަން ފެއްޓެވީ ސަރުކާރުގެ ތެރެއިން މުލޭ ބޭނުންވާގޮތަށް ވިޔަފާރިތަކެއް ހިންގުމުގެ ފުރުސަތު ނުލިބުމުންނެވެ. މުލޭއާއި ރާއްޖޭގެ ބޮޑެތި ވިޔަފާރި ވެރިންނާ ގާތް ގުޅުންތައް އޮންނަކަމަށާއި ބަޣާވާތަށް ޚަރަދުކުރި ފައިސާވެސް ރާއްޖެއަށް ގެނަސްފައިވަނީ އިންޑިއަން ހައިކޮމިޝަން މެދުވެރިކޮށް ޓްރަވެލަރސް ޗެކްގެ ގޮތުގައި ކަމަށް މޫސަ ތުހުމަތު ކުރައްވާފައިވެއެވެ. ހަތެއް ފެބްރުއަރީގައި އިންޑިޔާ ސަރުކާރުން އެހީ ހޯދައިދިނުމުގައި މުލޭ އެހީތެރިވެ ނުދިންކަމަށާއި އޭގެ ބަދަލުގައި މުލޭ މަސައްކަތް ކުރެއްވީ އިދިކޮޅު ލީޑަރުންނާއި އެކުގައި ބަޣާވާތަށް އެހީތެރިވުމަށްކަމަށް ނަޝީދުގެ ޑިފެންސް އެޑްވައިޒަރ އަމީން ފައިސަލާ ހަވާލާދީ އޯޕަން މަޖައްލާގައި ބުނެފައިވެއެވެ.

ނަޝީދުގެ ފަރާތުން ވާހަކަ ދެއްކެވި ރީކޯ މޫސައާއި އަމީން ފައިސަލްވެސް ސިފަކުރައްވާފައިވާ ގޮތުން ނަޝީދުގެ ވެރިކަން ބަދަލު ކުރުމުގައި ހިނގާދިޔަ ކަންތައްތަކުގެ އެންމެ އަޑީގައި ހުންނެވީ އިންޑިޔާގެ ހައިކޮމިޝަނަރއެވެ. ނަމަވެސް މުލޭއާއި ބެހޭގޮތުން ނަޝީދުގެ ފަރާތުން ދައްކާފައިވާ މިވާހަކަތަކަށް ރައްދު ހޯދުމަށް އޯޕަން މަޖައްލާއިން އިންޑިޔާގެ އެކްސްޓަރނަލް އެފެއަރޒާއި ގުޅުމުން، ނަޝީދާ ހަވާލާދީ ބުނެފައިވަނީ ނަޝީދު ވިދާޅުވިކަމަށް މުލޭއާއި ބެހޭގޮތުން އިންޑިޔާގެ ނޫސް މަޖައްލާ ތަކުގައި ލިޔެފައިވާ ލިޔުންތަކަކީ ރަނގަޅު ވާހަކަތަކެއް ނޫންކަމަށެވެ. އަދި މީޑިޔާތަކުން ރިޕޯޓްކޮށްފައިވާ މިވާހަކަތައް ރަނގަޅު ކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވި ކަމަށްވެސް އެކްސްޓަރނަލް އެފެއަރސް މިނިސްޓްރީން ބުނިކަމަށް އޯޕަން މަޖައްލާގައި ބުނެފައިވެއެވެ. ނަމަވެސް ނަޝީދުގެ އެކުވެރިން ނަޝީދާ ހަވާލާދީ ދައްކަވާފައިވާ މިވާހަކަތަކުގެ ރެކޯޑިންގ އޯޕަން މަޖައްލާގައި އެބައޮތް ކަމަށާއި އެވާހަކަތައް ނަޝީދު ދޮގުކުރައްވާފައި ނުވާކަމަށްވެސް އެމަޖައްލާގައި ބުނެފައިވެއެވެ.

ނަޝީދުގެ ވެރިކަން ބަދަލުވީ ގޮތުގެ ވާހަކަ އެކިފަހަރު އެކި ގޮތަށް ދައްކަވަމުން ގެންދަވާއިރު ނަޝީދު ވިދާޅުވާ ބަގާވާތް ގެނައުމުގައި އަޑީގައި ތިބި ބޭފުޅުންނާ ބެހޭގޮތުންވެސް ނަޝީދު ވިދާޅުވަމުން ގެންދަވަނީ އެކި ފަހަރު އެކިގޮތަށްކަން ފާހަގަކޮށްލެވެއެވެ.

ލިޔުނީ: އިރުފާނު ( އިރޭ )

އިރުފާނަކީ އެކިދާއިރާގެ ޚަބަރު ހޫނުކޮށް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ނުޖެހި ހިވާގިކަމާއެކު ކެރިގެން މަސައްކަތްކުރައްވާ ކުރިއަރަމުން އަންނަ ނޫސް ރިޕޯރޓަރެކެވެ.

މިލިޔުންވެސް ކިޔާލާ

ޑްރޮގްބާ ރާއްޖެ އައުމަކީ ސިޔާމް މަޢުރޫފް ސޮކަކަޕްގެ ފުރިހަމަކަން އިތުރަށް ފުރިހަމަވެގެން ދާނެކަމެއް.

ނ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ބާއްވާ ސިޔާމް މައުރޫފް ސޮކާ ކަޕްގެ ފައިނަލް މެޗަށް ޗެލްސީ އަދި އައިވަރީ ކޯސްޓުގެ …

ޚިޔާލެއްދެއްވާ

avatar
އެންޑީޕީ
އެންޑީޕީ

ލަންދޫއިންފޯގަ ކޮމެންޓް ޝާއިއުކުރާއިރު މީހުންގެ އަބުރަށް ހުތުރުވާ ކަހަލަ ކޮމެންޓުތައްވެސް ޖަހާތީ ވަރަށް ކަންބޮޑުވޭ..

ބަބުރު
ބަބުރު

ކިހާދެރަކެެއް ދެން ތީ . ފަހަރަކު މީހަކު ކިޔަމުން ގޮސް އެންމެފަހުން ކަލޭގެ ބަފައޭ . ނޫނީ އަމައޭ . ނުބުނެފިއްޔާ ނަސީބު. ލަދުން ބޯހަލާކު، މުޅިދުނިޔޭގައި ރާޢްޖޭގެ އަގުވައްޓާލައިފި.

wpDiscuz