ބަދީލީ މަންމަ

ދަރިޔަކު ހޯދަންވެން އެހެން އަންހެނެއްގެ ރަޙިމު ކުއްޔަށްހިފުމަކީ މިފަހަކަށްއައިސް ކުރިއަރަމުންއަންނަ ހުޅަނގުގެ ވަރަށްގިނަ ޤައުމުތަކުގައި ކުރަމުންއަންނަކަމެކެވެ. ކަމެއްކުރެވެއިރު އެކަމަކީ ޝަރުޢީގޮތުން ހުއްދަކަމެއްތޯ ބެލުމަކީ މުސްލިމުން ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މިކަމަށް (ސެރަގޮޓް މަދަރ) އޭވެސް ކިޔާއުޅެއެވެ.

އަންހެނެއްގެ ރަޙިމު ކުއްޔަށް ހިފަނީ ކީތްވެ؟

މިކަމުގައި ވަރަށްގިނަ ސަބަބުތަކެއްވާކަމަށް ދިރާސާތަކުންދައްކައެވެ. އެއްކަމަކީ ދަރިފުޅު އުފެދުމަށްބޭނުންވާ ކަންތައްތައް ރަހިމުން ނުލިބުމެވެ. ނުވަތަ ރަޙިމު ދަރިފުޅުގެ ޖަގަހައަކަށް ނުވުމެވެ. ދެވަނަ ސަބަބެއްކަމަށް ވަނީ ރަޙިމަކީ ރަނގަޅަށް ބިސް އުފައްދައިދޭ ތަނަކަށްނުވުމެވެ. އަދި މީގެއިތުރުން ބަނޑުބޮޑުވުމުން އުފުލަންޖެހޭ ވޭން އުފުލަން ބޭނުންނުވާ މީހުންނާއި، ރީތިކަމުގައި ހުރުމުގެ ބޭނުމުގައި ނުވަތަ ދުޅަހެޔޮކަން ދެމެހެއއްޓުމަށްޓަކައި މިކަންކުރާ މީހުންވެސް ހިމެނެއެވެ. އިމާމު ޣަޒާލީ ވިދާޅުވަނީ މިކަމަށްޓަކައިވެސް ދޭތެރެދުރުކުރެވިދާނެއެވެ. ނަމަވެސް މިކަމަކީ ދޭތެރެ ދުރުކުރުމާއި މުޅިން ތަފާތުކަމެކެވެ.

ފިރިމީހާގެ މަނިފަނި ގެންގޮސް އަނބިމީހާގެ ބިސްނަގައިގެން އެއްޗަކަށްލައިގެން ދަރިމައިކުރުވަނީއެވެ. ދެން އެބިސް ގެންގޮސް އެހެން އަންހެނެއްގެ ރަމުގައި އިންދަނީއެވެ. ލިބޭ ދަރިފުޅުގެ މަންމައަކީ ކާކުހޭ؟ ލިބުނު ކުއްޖާގެ ބައްޕައަކީ ކާކުހޭ؟ މިހުރީ ހައްތާވެސް އުފެދޭ ސުވާލުތަކެވެ.

މިކަމުގެ ޝަރުޢީ ޙުކުމަކީ ކޮބާ؟ 

މިކަމަކީ ކަނޑައެޅިގެން ޙަރާމް ކަމެކެވެ. ސަބަބަކީ މަނީގެ ވެރިފަރާތާއި ރަޙިމުގެވެރިފަރާތާއެކު ކާވެނީގެ ގުޅުމެއްނެތުމެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. وَاللَّـهُ جَعَلَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا وَجَعَلَ لَكُم مِّنْ أَزْوَاجِكُم بَنِينَ وَحَفَدَةً وَرَزَقَكُم مِّنَ الطَّيِّبَاتِ ۚ أَفَبِالْبَاطِلِ يُؤْمِنُونَ وَبِنِعْمَتِ اللَّـهِ هُمْ يَكْفُرُونَ ނަޙުލު 72 މާނައަކީ ” އަދި اللَّه، ތިޔަބައިމީހުންގެ ތެރެއިން، ތިޔަބައިމީހުންނަށްޓަކައި، އަނބިންލައްވައި، އަދި ތިޔަބައިމީހުންގެ އަނބިންގެ ކިބައިން، ދަރިންނާއި، ދަރިންގެދަރިން ލައްވައި، އަދި ރަނގަޅު حلال ތަކެތިން، ތިޔަބައިމީހުންނަށް رزق ދެއްވިއެވެ. ފަހެ، އެއުރެން إيمان ވަނީ، باطل އަށް ހެއްޔެވެ؟ އަދި އެއުރެން كافر ވަނީ، اللَّه ގެ نعمة އަށް ހެއްޔެވެ؟

ސުންނަތަށް ބަލާއިރު މިކަމަށް ކަނޑައެޅިފައިވާ ރަޙިމަކުން ޖިންސީ އަރާމު ޙާޞިލްކުރުމުގެ ހުއްދަ ޝަރުޢީގޮތުން ފިރިހެނާއަށް ލިބިގެން ނުވެއެވެ. ކީރިތި ރަސޫލާ ޙަދީސްކުރައްވާފައިވަނީ “ދަރިލައްވާނީ ތަންމައްޗަށެވެ.” الولد للفراش މިއެވެ. އެހެންކަމުން ފިރިހެންމީހާއަށް އޭނާގެ އަނބިމީހާ ވިހާދަރި ބަލައިގަތުމާއި ބަލައިނުގަތުމުގެ ޙައްޤު ލިބިގެންވީނަމަވެސް މިޙާލަތުގައި ފިރިމީހާ ދަރިފުޅު ބަލައިގަނެގެން ނުވާނެއެވެ.

އަނެއް ސަބަބަކީ ރަޙިމަކީ މީހަކު ޢާރިޔާގެ ގޮތުގައިވެސް ބޭނުންކޮށްފައި ގެނެވޭޒާތުގެ އެއްޗެއްކަމަށް ބުއްދި ޤަބޫލުނުކުރެއެވެ. އެހެންވެއްޖެނަމަ، ނަސަބު އޮޅި، ދަރިފުޅާމެދު ޝައްކު އުފެދޭނެއެވެ. އަދި އިސްލާމްދީނުގެ ޟަރޫރިއްޔަތުލް ޚަމްސި އާއި ތަޢާރުޟުވާ ކަމެކެވެ.

މީސްތަކުންގެ މެދުގައި އަރާރުން އުފައްދާ ކޮންމެ ކަމެއް ޝަރުޢުގައި މަނާކުރައްވާފައިވެއެވެ. ކުރެވޭ އެއްބަސްވުންތަކުގައި އަރާރުން އުފެދޭނެ އެއްވެސްކަމެއް އޮވެގެން ނުވާނެއެވެ. މިސާލަކަށް މިގޮތަށް ލިބުނު ދަރިފުޅު ބަލިކުއްޖަކަށްވުމުން އެއްކަލަ ފިރިހެނާ ޙަވާލުނުވެއެވެ. އަނެއް ގެއްލުމަކީ މިގޮތަށް ކުއްޔަށް ހިފައިގެން އެއްއަހަރުފަހުން ޑީއެންއޭ ޓެސްޓްކުރިއިރު ގަތް އަންހެނާ އޭނާގެ ފިރިމީހާގެ ދަރިޔަކަށްވެސް ވުމަކީ އެކަށީގެންވާ ކަމެކެވެ.

ސީދާ ޒިނޭކަމަށްނުވާތީ އޭނާގެމައްޗަށް ޙައްދު ޤާއިމު ނުކުރެވޭނެއެވެ. ނަމަވެސް މިއީ ޒިނޭގެ ބާވަތެކެވެ. ސަބަބަކީ ތިމާއެމީހެއްގެ ޖިންސީއަރާމު ޙާޞިލްކުރުން ޙަރާމް އަންހެނެއްގެ ރަޙިމަށް ފިރިހެނާގެ މަނިފަނި ވެއްދޭތީއެވެ. ނަސަބު އޮޅޭކަމަކަށްވުމުންވެސް މިކަމަކީ ޙަރާމްކަމެކެވެ. ދަރިންގެ ހަމަތައްވެސް ގެއްލިދެއެވެ.

މިކަމަކީ އަރާރުން އުފެދުމެވެ. ދެއަނބިން ތިބޭ ފިރިހެނުންވެސް މިކަންކުރުން ހުއްދައެއްނޫނެވެ. ސަބަބަކީ ދެއަނބިންގެ މެދުގައި އަރާރުން އުފެދޭތީއެވެ.

ހުއްދަކަމަށް ބުނާ މީހުންގެ ރަޢުޔު:

މިގޮތަށް ބުރަވާ ބޭކަލުން ދެކިލައްވާ ގޮތުގައި ކުއްޖާގެ މަންމައަކީ ފިރިމީހާއަށް އަރާމުޙާޞިލްކުރުން ހުއްދަ އަންބަކަށްވާންޖެހެއެވެ. ނަމަވެސް ބަދީލީ ކުރުމުގައި ޢަމަލުކުރެވެނީ މިގޮތަށްހެއްޔެވެ؟ އަނެއްބަޔަކު ދެކިލައްވާ ގޮތުގައި ބޭސްފަރުވާގެތެރޭގައިކަމުގައިވާނަމަ، މިކަން ހުއްދަވާނެއެވެ. އަދި ހެޔޮކަމެއްކޮށްދިނުމުގެ ނިޔަތުގައި އެކަންކުރެވިދާނެއެވެ.

މިކަން މިހެންވާނެނަމަ، ދަރީންގެ ބައްޕައަކީ ކާކު؟ ނަސަބުގެގޮތުން ދަރިފުޅުގެ ބައްޕައަކަށްވާނީ ރަޙިމުގެ ވެރި އަންހެނާގެ ފިރިމީހާއެވެ. ނަމަވެސް މައިމީހާގެ ކިބައިގައިވާ ކުލުނާއި ލޯބި ކިރުމައިމީހާގެ ކިބައިގައި ނުހުންނާނެއެވެ. އަނެއްކޮޅުން ބަލާއިރު މާބަނޑުމީހާ އުފުލަންޖެހޭވޭން ކިރުމައިމީހާ އުފުލާކަށް ނުޖެހެއެވެ. ދަރިޔަކު ހޯދުމަށްޓަކައި ކައިވެނީގެ އަޤުދަކަށް ބޭނުންވެއެވެ. އަދި މިކަމުގެ ސަބަބުން ދަރިންގެ ޙައްޤުތައް ގެއްލުމެވެ.

ނަސަބު އޮޅުން

ރަޙިމުގެ ވެރިއަންހެނާއީ މީހަކާއިނދެގެން ނޫޅޭ އަންހެނެއްނަމަ، ބައްޕައަކީ މަނިފަނީގެ ވެރިޔާއެވެ. ނަމަވެސް މީހަކާ އިނދެގެން އުޅޭނަމަ، ވަރަށްގިނަ މައްސަލަތައް މިކުންނާނެއެވެ. އަންހެނާ މީހަކާ އިނދެގެން އުޅޭނަމަ، ނަސަބުގެ ގޮތުން ބައްޕައަކަށްވާނީ ރަޙިމްގެ ވެރި އަންހެނާގެ ފިރިމީހާއެވެ. ކީރިތި ރަސޫލާ ހަދީޘްކުރައްވާފައިވަނީ “ދަރިލައްވާނީ ތަންމައްޗަށެވެ.”

ރަޙިމުގެ ވެރި އަންހެނާގެ ފިރިމީހާއަށް އެއީ އޭނާގެ ދަރިއެއްނޫންކަން ޔަޤީންވާނަމަ، އޭނާ އެކަން ނަހީކުރަންޖެހޭނެއެވެ. ވުމާއެކު އެކުއްޖާ ވިހޭ ރަޙިމުގެ ވެރި އަންހެނާގެ ފިރިމީހާއަށް އެކުއްޖާ ނިސްބަތެއްނުކުރެވޭނެއެވެ.

ތިންވަނަ ރައުޔަކީ ރަޙިމުގެ ވެރި އަންހެނާ ވިހޭ ކުއްޖާ ނިސްބަތްކުރެވޭނީ އެމަނިފަނީގެ ވެރިޔާއަށެވެ. ޙަޤީޤަތުގައި ބައެލޮޖިކަލް ބައްޕައަކީ އެއީއެވެ. މިތާންގައި އެކުއއްޖާ އެވިހެއީ އެފިރިހެނޭގެ ސަބަބުންކަން އެމީހުންނަށް ކަށަވަރުވެއެވެ. އެއަންހެނާގެ ފިރިމީހާއަކާ އެއްވެސް ގުޅުމެއްނެތެވެ. އަންހެނާގެ ފިރިމީހާ ދެކޮޅުނުހަދައިފިނަމަ ޝަރުޢީގޮތުން ދަރިލައްވާނީ އަންހެންމީހާގެ ފިރިމީހާއަށެވެ.

މަންމައަކީ ކާކު؟

ފުރަތަމަ ރައުޔަކީ ބައޮލޮޖިކަލް މަންމައަކަށްވާނީ ބިހުގެ ވެރިމީހާއެވެ. ސަބަބަކީ އޭނާއަށް ހުރިހާ ސިފަތަކެއް ލިބެނީ ބިހުގެ ވެރި މަންމަގެ ފަރާތުންނެވެ. ރަޙިމުގެ ވެރިޔަކީ ކިރުމައެއްކަހަލަ މީހެކެވެ. އޭނާ އެކުއްޖާއަށް ކާންދީ ކިރުދީ ބެލެހެއްޓީއެވެ.

އެކުއްޖާ އުފެދުނީ ޝަރުޢީގޮތުން ޙަލާލު ދެމަފިރިންގެ ފަރާތުންނެވެ. އަޅުގަނޑުމެން އަނބުގަހެއް ކޮންމެތަނެއްގައި ހެއްދިނަމަވެސް، ހެދުނުބިމުގެ ސަބަބުން އެއްވެސް މައްސަލައެއް ނުޖެހޭނެއެވެ. ބަލަންޖެހޭނީ އޮށުގެވެރިޔާއަށެވެ. އިންދާތަން ތަފާތުވުމމަކުން ގަހުގެ ޠަބީޢަތަށް އެއްވެސް ބަދަލެއްނާދެއެވެ.

ދެވަނަ ރައުޔަކީ ވިހޭމީހާ މަންމައަކަށްވުމެވެ. ތުރާލާ އުނދަގުލާ އުފުލީ ރަޙިމުގެ ވެރިޔާއެވެ. މިއަންހެނާއަށް މަންމައެއްގެފަރާތުން ލިބެންޖެހޭ ހުރިހާ ޙައްޤެއް ލިބޭނެއެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. إِنْ أُمَّهَاتُهُمْ إِلَّا اللَّائِي وَلَدْنَهُمْ ۚ މާނައަކީ “އެއުރެންވިހޭ ކަނބަލުން މެނުވީ، އެއުރެންގެ މައިންކަމުގައި ނުވެތެވެ. ”  މިއާޔަތް ބާވަތްލެއްވީ ޡިހާރުގެ މައްސަލައިގައެވެ. ވީމާ މިކަމަކާ ގުޅުމެއްނެތްކަމަށް ކުރީގެ ރައުޔަށް ތަބާވާމީހުން ބުނެއެވެ.

އަނެއްބަޔަކު ދެކޭގޮތުގައި އެދެމީހުންކުރެ އެކަކުވެސް މަންމަކަމުގައި ނުވެއެވެ. ސަބަބަކީ މަންމައެއްގެ ހުރިހާ ޝަރުޠު އެތަނުން އެކަކުވެސް ފުރިހަމަ ނުވާތީއެވެ. ދުނިޔޭގެ ވަޟުޢީ ޤާނޫނަށް ބަލާއިރު މިމައްސަލައަކީ ޙައްލުވެފައިވާ މައްސަލައެއްނޫނެވެ.

އިނގިރޭސި ވިލާތުގައި ރަޙިމުގެ ވެރިއަންހެނާއަކީ މަންމައެވެ. ނަމަވެސް އެމެރިކާގެ ކެލިފޯނިޔާގައި މަންމައަކީ ބިހުގެވެރި އަންހެނާއެވެ. އިޓލީގައި އަގެއްނުނަގާ މަންމައަކަށްވެދާނެއެވެ. މިތާނގައި ލިބޭ ދަރިފުޅާ، މަންމައާއި އޭނާގެ މާމަވެސް އޮޅިގެންދާނެއެވެ. ސަބަބަކީ އަންހެންދަރިއަކަށް އޭނާގެ މަންމަގެ ބިސްނަގާފައި ލުމުން ލިބޭ ދަރިފުޅުގެ މަންމައާއި މަންމަގެ އުޚުތުވެސް އެކައްޗަކަށްވެއެވެ. މިމައްސަލަ ނިކުންނާނީ ތިމާގެމީހުންނަމައެވެ. ޔަހޫދީ ޤާނޫނުގައި ސެރިގޮޓްމަދަރ ހުއްދައެއްނޫނެވެ. އެމީހުންގެ ގާތުގައި ޔަހޫދީއަކަށްވާނީ ޔަހޫދީ މަންމައަކަށް ލިބޭ ދަރިންނެވެ. އިސްލާމީ ޤައުމުތަކުގައި މިކަމަކީ މަނާކަމެކެވެ.

ދެވަނަ އަނބިމީހާ ސެރިގޮޓްމަންމައެއްގެގޮތުގައި ބޭންދުން

ޝަރުޢީގޮތުން ދަރިން ހޯދުން އޮތީ ކައިވެނިކޮށްގެންނެވެ. އެކަންވަނީ ކުރެވިފައެވެ. ފުރަތަމަ އަނބިމީހާއަށް ދަރިއަކު ހޯދުމަށްޓަކައި ދެވަނަ އަނބިމީހާ ބޭނުންކުރުން ޝަރުޢުގައި މަނާކަމެއްހެއްޔެވެ؟ ހުއްދަނުކުރައްވާ ބޭފުޅުން ވިދާޅުވަނީ ދަރިން ނުލިބުމަކީ ބަލިމަޑުކަމެކެވެ. ޝަރުޢީ އިމުގެތެރެއިން ދަރިޔަކު ހޯދުމަށްޓަކައި ހުރިހާ ވަޞީލަތްތައްވެސް ބޭނުންކުރެވޭނެކަމަށް ބައެއްބޭފުޅުން ވިދާޅުވެއެވެ. ފިޤުހުއެކަޑަމީގެ 1405 ގެ ޤަރާރުގައި މަނާކުރައްވާފައިވެއެވެ. ސަބަބަކީ މިހެން ހެދުމުގެ ސަބަބުން ދެކުދިން އުފެދި އެއީ ކާކުކުއްޖެއްކަމެއްކަން ނޭނގިދާނެއެވެ. އަނެއް ސަބަބަކީ އެހެންބިހެއް ޤަރުބަގަނެ ޝައްކުގެމަތީގައި ވާކަމަކަށް ވެދެއެވެ.

ޑޮކްޓަރ ޔޫސުފުލް ޤަރުޟާވީ ވިދާޅުވާގޮތުގައި ރަޙިމުގެވެރި ފިރިމީހާގެ މައްޗަކަށް ޙުކުމްތަކެއްނުދާނެއެވެ. އެއުފެދުނުކިރާއި އެފިރިމީހާއަކާ އެއްވެސް ގުޅުމެއްނެތެވެ. ނަމަވެސް ޝަރުޢީގޮތުން ދަރިފުޅުލައްވައިފިނަމަ މިޙުކުމްތަފާތުވެއެވެ.

ރަޙިމު ކުއްޔަށް ހިފުމާއި ޒިނޭކުރުމާއި އެއްވެސް ގުޅުމެއްވޭހެއްޔެވެ؟

މިކަމުގައި އަންހެނެއްގެ ބިސް ގެންގޮސް އެހެން އަނެހެނެއްގެ ރަޙިމަށްލައިގެން އޭނާ ބަލިވެ އިންނަނީ އެވެ. ވީމާ ޒިނޭއަކަށްވާނެއެވެ. ނަމަވެސް މިޒިނޭއަކީ ޙައްދުޤާއިމުކުރަންޖެހޭ ޒިނޭއެއްނޫނެވެ. ވުމާއެކު އެމީހުންނަށް ތަޢުޒީރީ އަދަބެއްދިނުމަށް ޤާނޫނުގައި ބަޔާންވެފައިވާންޖެހޭނެއެވެ. ސަބަބަކީ ފިރިހެންމީހާގެ މަނިފަނި ސީދާ އަންހެނާގެ ރަޙިމުގައި ނޯންނާތީއެވެ. ޒިނޭއަކާއި ވައްތަރުވަނީ އެއަންހެނާ ބަލިވެއިންނާތީއެވެ. ބޮދަށް މިމައްސަލަނިކުންނާނީ އެއަންހެނާގެ ފިރިއަކު ނެތްނަމައެވެ. ފިރިއަކުހުރިނަމަ އެފިރިމީހާގެ ދަރިއެއްގެ ގޮތުގައި ބެލިދާނެއެވެ.

ޒިނޭއެކޭ ވިދާޅުވާ ބޭފުޅުންގެ ރައުޔަކީ ޙަލާލުނޫން ހިރިހެނެތްގެފެން ޙަލާލުނޫން އަންހެނެއްގެ ރަޙިމުގެތެރެއަށް ވެއްދޭތީއެވެ. ނަމަވެސް އަނެއްކޮޅަށް ވާހަކަދައްކަވާ ބޭފުޅުން ވިދާޅުވަނީ މަނިފަންޏާއި ބިހާ އެއްވެގެން އެހެންއެއްޗަކަށް ބަދަލުވެގެން ރަޙިމުގެތެރެއަށް ވަންނާތީ ޒިނޭއަކަށްނުވާނެއެވެ. ދަރިޔަކު އުފެދިގެން ބޮޑުވަނީ ހިލޭފިރިހެނެއްގެ ސަބަބުންނެވެ. ކޮންމެކަމެއްގައިވެސް ބަލާނީ އަސްލަށެވެ. އަންހެނާގެ ރަޙިމްގައި އެއޮތީ އެފިރިހެނާގެ މަނިފަންޏެވެ.

ޤަރީނާ

ޢަރަބިބަހުގައި ބަހަވީގޮތުން ބަލާއިރު އޭގެމާނަތަކުގެތެރޭގައި ނަފްސު، އަނބިމީހާ (އަބަދު އޭނާއާއެކު ގުޅިފައިވާ މީހަކަށްވުން)، ޢަލާމާތް، އަދި މީހަކު ދައްކާ ވާހަކައަކުން ނުވަތަ ކުރާކަމަކުން ދޭހަވާ މާނަ (ޝަރީޢަތުގައި ބޭނުންކުރާ މާނަ) ހިމެނެއެވެ.

މީހަކާ ކައިވެނި ނުކުރާ އަންހެނަކު ބަލިވެއިނދެއްޖެނަމަ، ޒިނޭކޮށްފިނަމަ ބެލެވޭނެއެވެ. މަލާލެވިފައިވާ މީހެއްގެ ލޭ އެހެންމީހެއގެ ހެދުމުގައި ޖެހިފައި ހުރެއްޖެނަމަ އޭނާއަކީ ޤާތިލްކަމަށް ބެލެވޭނެ ޤަރީނާއަކަށްވާނެއެވެ. ވުމާއެކު ޤަރީނާއަކީ ސާބިތުވުމެއްނޫނެވެ އެއީ ތުހުމަތެކެވެ. ޝައްކެކެވެ.

ދަންނަބޭކަލުން އެއްބަސްވެ ވަޑައިގަންނަވާގޮތުގައި ޙުއްޖަތެއްނެތި ޙުކުމެއްނުއިއްވޭނެއެވެ. ޤރީނާ ބޭނުންކުރުމުގައި ޢިލްމުވެރިންގރ މެދުގައި ޚިޔާލުތަފާތުވެފައި ވެއެވެ. މާތްﷲ ވަޙިކުރައްވާފައިވެއެވެ. وَجَاءُوا عَلَىٰ قَمِيصِهِ بِدَمٍ كَذِبٍ ۚ قَالَ بَلْ سَوَّلَتْ لَكُمْ أَنفُسُكُمْ أَمْرًا ۖ فَصَبْرٌ جَمِيلٌ ۖ وَاللَّـهُ الْمُسْتَعَانُ عَلَىٰ مَا تَصِفُونَ ޔޫސުފް 18 މާނައަކީ ” އަދި އެއުރެން އެކަލޭގެފާނުގެ ގަމީސްކޮޅުގައި ދޮގު ލެޔެއް އުނގުޅައިގެން ގެނައޫއެވެ. (يعقوب ގެފާނު) ވިދާޅުވިއެވެ. އެހެންނަކުންނޫނެވެ. ތިޔަބައިމީހުންގެ އަމިއްލަ نفس ތައް (ނުބައި) ކަމެއްކުރުމަށް، ތިޔަބައިމީހުންނަށް ތަންދިނީއެވެ. ފަހެ، (ތިމަންކަލޭގެފާނަށް އޮތީ) ރިވެތިވެގެންވާ ކެތްކުރުމެކެވެ. އަދި ތިޔަބައިމީހުން، ސިފަކޮށް ބުނާ އެއްޗެއްގެ މައްޗަށް (ކެތްކުރުމުގައި) އެހީދެއްވާ ފަރާތަކީ اللَّه އެވެ.” فَلَمَّا رَأَىٰ قَمِيصَهُ قُدَّ مِن دُبُرٍ قَالَ إِنَّهُ مِن كَيْدِكُنَّ ۖ إِنَّ كَيْدَكُنَّ عَظِيمٌ ﴿٢٨﴾ މާނައަކީ ” ފަހެ، އެކަލޭގެފާނުގެ ގަމީސްކޮޅު ފުރަގަހުން ވީދިފައިވާތަން ފެނުމުން، އޭނާ (އެބަހީ: އެކަނބުލޭގެ ފިރިމީހާ) ބުންޏެވެ. ހަމަކަށަވަރުން، އެއީ ތިޔަކަނބަލުންގެ މަކަރުވެރިކަމުގެ ތެރެއިން ކަމެކެވެ. ހަމަކަށަވަރުން، ތިޔަކަނބަލުންގެ މަކަރުވެރިކަމަކީ، ބޮޑުވެގެންވާ ކަމެކެވެ.” މިދެއާޔަތުންވެސް ކީރިތި ޤުރުއާނުގައި ޤަރީނާ ބޭނުންކުރައްވާފައިވާކަން ސާބިތުވެއެވެ.

ސުންނަތަސް ބަލާއިރު ޤަސާމާގެ މައްސަލައެއްގައި ތުހުމަތުކުރެވޭމީހާގެ ހެދުމުގައި ނުވަތަ ހަށިގަނޑުގައި ލޭހުރުމުން އެމީހުންގެމައްޗަށް 50 ހުވާކުރުމަށް އަންގަވާ ހުވާކުރުމުން މަރުގެދިޔަދޭން ކީރިތި ރަސޫލާ އެންގެވިއެވެ. ޚައިބަރު ހަނގުރާމައިގައި ޙުޔައްޔު ބުނު އަޚުޠަބުގެ ބޮޑުބޭބެގެ މުދާ ފޮރުވާފައި ބަހައްޓާފައި ހުސްވެއްޖެކަމަށް ބުނުމުން ކީރިތި ރަސޫލާ  ޙަދީޘްކުރެއްވީ “އަދި މާގިނަ ދުވަހެއްނުވެއެވެ. އެމުދާ ހުސްކޮށްލެވެވަރަށްވުރެ މާގިނައެވެ.”

މިގޮތުން ނަސަބު ސާބިތުކުރުމުގައި ބެލެވޭ ކަންތައްތަކަކީ

–         ތަންމަތި “ދަރިލައްވާނީ ތަންމައްޗަށެވެ.”

–         އިޢުތިރާފުވުން (އެއްބަސްވުން) ކީރިތި ޤުރުއާނުގައިއަންގަވާފައިވަނީ “ތިޔަބައިމީހުންގެ އަމިއްލަ ނަފްސުގެމައްޗަށް ކަމުގައިވިއަސް ހެކިބަސް އަދާކުރާށެވެ.”

–         ހެކިބަސް: ދެމަފިރިންގެ ކަންތަކުގައި ހެކިބަހެއްނޯވެއެވެ. އެތާންގައި އޮންނަނީ ލިޢާންކުރުމެވެ. ޖާހިލިއްޔަ ޒަމާނުގައި ޢަމްރުބުނުލް ޢާޞްގެ މަންމަގެ ގާތަށް އަލް ޢާޞް އާއި އަބޫ ސުފިޔާން އެއްދާން ކުރުމަށް އައެވެ. ނަމަވެސް އެއަންހެނާ އެދަރި ނިސްބަތްކުރީ އަލް ޢާޞްއަށެވެ. ސަބަބަކީ މުއްސަންޖަކަށްވުންކަމުގައި ތާރީޚު ހެކިދެއެވެ. ޤާޟީގެ މަސައްކަތަކީ ޙައްޤު ތަޢުރީފުކުރުން ނުވަތަ ނަފީކުރުމެވެ. އޭނާގެ ކުރިމައްޗަށް އަންނާނީ މުބްދަޢީ އާއި މުބްދާ ޢަލައިހި އެވެ. މުބްދަޢީ ގެ މަސައްކަތަކީ ދަޢުވާކުރުމެވެ. މުބްދާ ޢަލައިހިގެ މަސައްކަތަކީ އެކަން ނަފީކުރުމެވެ. ނުވަތަ އެއްބަސްވުމެވެ.

ލިޔުނީ: ޢަބުދުލް ޙަމީދު ޢަބުދުއްރަޙްމާން ( އެޑިޓަރ )

ޢަބުދުލް ޙަމީދަކީ ލިޔުންތެރިކަމުގެ ފަންނުގައި ކޮންމެ ރޮނގަކުންވެސް ލިޔެވިދާނެ ކުޅަދާނެ މައުލޫމާތު ގެ ޚަޒާނާއެކެވެ. ބިޒީ ޝެޑިއުލްގެ ތެރެއިންވެސް ހެޔޮބަސް ބުނުމާއި ހެޔޮކަންކަމަށް ގޮވާލައި ، އޮއްޓަރު ހުރި ޢިލްމީ ދިރާސާތައް ފެންނަމުންދާކަމީ މިކަމަށް ދެއްވާ ޝަޢުޤުވެރިކަން ދޭހަކޮށްދޭ އަލިގަދަ ހެއްކެކެވެ. .

މިލިޔުންވެސް ކިޔާލާ

މަގޫދޫގައި ބަށިކޯޓެއް އަޅާނެ ބަޔަކު ހޯދަނީ

ނ.މަގޫދޫގައި ބަށިކޯޓެއް އަޅާނެ ބަޔަކު ހޯދުމަށް، މަގޫދޫ ކައުންސިލުން އިއުލާނު ކޮށްފިއެވެ. މި ބަށިކޯޓް އެޅުމަށް ހަމަޖެހިފައިވަނީ، މިނިސްޓްރީ އޮފް …

ޚިޔާލެއްދެއްވާ

avatar
އަޒޭ
އަޒޭ

ވަރަށް ބޮޑު ދިރާސާއެއް. ވަރަށް މުހިއްމު ލިޔުމެއް. އަޅުގަނޑުމެން މިކަހަލަ ކަންތައްތަކަށް ހޭލުންތެރިވާން އެބަޖެހޭ/.

wpDiscuz