ރޯދަ

                  މިލިޔުމުގެ މަޢުޟޫޢެއްގެ ގޮތުގައި އިޚުތިޔާރު ކުރެވިފައިވާނީ “ރޯދަ” އެވެ. މީގެބޭނުމަކީ ސްކޫލްތަކުގެ ދަރިވަރުންނަށާއި އަދި ކޮލެޖްތަކުގައި ކިޔަވާ ފަރާތްތަކުގެ އިތުރުން ދީނީ މަޢުލޫމާތު ހޯދަން މަސައްކަތްކުރާ ފަރާތްތަކަށް ލުއިފަސޭހަކަމާއެކު މަޢުލޫމާތު ލިބޭނޭ މަގެއް ފަހިކޮށްދިނުމެވެ. ފުރާވަރުގެ ކުދިންނާއި ބޮޑެތި މީހުންނަށްވެސް ދީނީ މިފަދަ އަޅުކަންތައްކުރާނޭގޮތާއި އަދި މިކަމުގެ ޙުކުމްތަކާއިމެދު ވަނީ އޮޅުން އަރާފައެވެ. މިކަމުގައި މަގެއްހޯދައިދިނުމަކީ ހަމަ ކޮންމެ މުސްލިމެއްގެވެސް ވާޖިބެއްކަމުގައި ނޫނީ ނުވާނެއެވެ.

               މިގޮތުން ރޯދައިގެ މާނައާއި އޭގެ ޙުކުމް ވީއެންމެ ކުރުގޮތަކަށް ބަޔާންކޮށްފައި ވާނެއެވެ. އަދި ދީނީ ޢިލްމުވެރިންގެ ލިޔުއްވުންތަކުންނާއި ކީރިތިޤުރުއާނުގެ އަލީގައި ރޯދައިގެ މުހިއްމުކަމުގެ މައްޗަށް ބަލައިލެވިފައިވާނެއެވެ. މީގެ އިތުރުން ތެދުވެރިކަމާއި އިޚުލާޞްތެރިކަމާއެކު ރޯދައިގެ އަޅުކަން އަދާނުކޮށްފިނަމަ، ހުރިގެއްލުމާއި، އެންމެ ފުރިހަމަގޮތުގައި މިއަޅުކަން އަދާކޮށްފިނަމަ، ތިމާއަށާއި މުޖުތަމަޢަށް ކުރާނެފައިދާތަކުގެ މައްޗަށްވެސް އަލިއަޅުވާލެވިފައިވާނެއެވެ.

             ބަޙުޘް ނިންމާލަފައިވާނީ މަޢުޟޫޢުގައި ދެކެވުނުވާހަކަތަކުގެ ކުރުޚުލާޞާއެއް ބަޔާންކޮށްދިނުމާއި އެކުގައެވެ. މިމަސައްކަތް ފުރިހަމަކުރުމުގެ ހެޔޮތަޢުފީޤް ދެއްވިކަމުގެ މައްޗަށް މާތްﷲއަށް ޙަމްދާއި ޝުކުރުކުރަމެވެ. އަދި މިމާއްދާ އެއްވެސް ފޫހިވުމެއްނެތި ކިޔަވައިދެއްވި އުސްތާޛް ޑޮކްޓަރ ޢަބުދުއްސައްތާރަށް ވަރަށް އިޚުލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ. މާﷲ އަޅުގަނޑުމެން އުނގެނުމަށާއި އުނގަންނައިދިނުމަށް މިކުރާ މިންނެތް މަސައްކަތުގައި ބާއްޖަވެރިކަމާއި ހެޔޮތަޢުފީޤް ދެއްވާށިއެވެ. އާމީން

  ރޯދައިގެ މާނަ: 1. ޢަރަބިބަހުން ރޯދައަށް ކިޔަނީ ”ޞައުމް” އެވެ. ޞައުމް އަކީ ހިފަހެއްޓައިގެން ހުރުމެވެ. އެ ބަހުގެ ޝަރުޢީ މާނައަކީ ވަކި ނިޔަތަކާއި އެކު ﷲއަށް ކުރެވޭ އަޅުކަމެއްގެ ގޮތުން، ފަޖުރުއްސުރެ އިރު އޮއްސެންދެން، ފަރުޖާއި ބަޑުގެ ޝަހުވަތާއި ދުރުހެލިވެ ހުރުމެވެ.

ރޯދައިގެ ޙުކުމް: ރޯދައަކީ މުސްލިމުންގެ މައްޗަށް ފަރުޟެކެވެ. މިކަމުގެ ދަލީލަކީ: 2 يَاأَيُّهَاالَّذِينَ آمَنُواْكُتِبَ عَلَيْكُمُ الصِّيَامُ كَمَاكُتِبَ عَلَى الَّذِينَ مِنقَبْلِكُمْ لَعَلَّكُمْ تَتَّقُونَ މާނައަކީ: ”އޭ އީމާންވެއްޖެ މީސްތަކުންނެވެ. ތިޔަބައި މީހުންގެ ކުރީގެ މީހުންނަށް ފަރުޟު ކުރެއްވުނު ފަދައިން، ތިޔަބައި މީހުންގެ މައްޗަށްވެސް ރޯދަ ފަރުޟު ކުރެއްވިއްޖެއެވެ. އެއީ ތިޔަބައި މީހުން ތަޤުވާވެރިވޭތޯއެވެ.” އަދިވެސް ވަޙީކުރައްވަނީ:3  وَأَن تَصُو مُواْ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ މާނައަކީ: ”އަދި ތިޔަބައި މީހުން ރޯދައަށް ތިބުން (އެބަހީ އުނދަގޫ ކަމާއެކު ކުޅަދާނަވާ މީހާވެސް) ރޯދައަށް ތިބުން ތިޔަބައި މީހުންނަށް ހެޔޮކަން ބޮޑެވެ.” ދެން ވަޙީކުރެއްވައި އިރުޝާދު ދެއްވީ ނިޢްމަތަށް ޝުކުރުވެރިވުމުގެ ގޮތުން ރޯދަ ހިފުމަށެވެ.  އެއީ:4 وَلِتُكَبِّرُواْ اللّهَ عَلَى مَاهَدَاكُمْ وَلَعَلَّكُمْ تَشْكُرُونَ މާނައަކީ: ”އަދި ތިޔަބައި މީހުންނަށް ތެދުމަގު ދެއްކެވިކަން މައްޗަށް، މާތް ﷲގެ ކިބައަށް ތަކުބީރު ކިޔައި އުޅުމަށްޓަކައެވެ. އަދި ތިޔަބައި މީހުން ޝުކުރުވެރިވޭތޯއެވެ . ”

ރޯދައިގެ އަހައްމިއްޔަތު: ﷲ ސުބްޙާނަހޫ ވަތަޢާލާ ވަނީ، އެކަލާނގެ އަޅުތަކުންނަށް އިތުރު ޘަވާބާއި ބަރަކާތް ހޯދައި، ފާފަތައް ފޮހެވި ދަރަޖަ މަތިވެރި ކުރުމުގެ ފުރުޞަތު ލިބޭ މަސްތަކަކާއި ދުވަސްތަކެއް ކަނޑައަޅުއްވާފައެވެ. ރޯދަ ފަރުޟު ކުރެއްވުމަށްފަހު އެންގެވީ ރޯދަ އަކީ ބުރަ އުނދަގޫ ކުރުމުގެ ގޮތުން ފަރުޟު ކުރެއްވުނު އެއްޗެއް ނޫންކަމެވެ.

           އަދި އެއީވަކި ދުވަސްތަކަކު ހިފަންޖެހޭ އެއްޗެއްކަންވެސް އެންގެވިއެވެ. އެ ގޮތުން ވަޙީ ކުރެއްވީ : أَيَّاماًمَّعْدُودَاتٍ މާނައަކީ: 3 ”ޢަދަދު ކަނޑައެޅިގެންވާ ދުވަސްތަކަކަށެވެ.” އިޚުލާޞްތެރިކަމާއެކު ރޯދަހިފައިފި މީހަކަށްހުރި ޘަވާބުގެ ވާހަކަ ބަޔާންކުރައްވާ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. 5″އީމާންކަމާއެކު މާﷲގެ ޙަޟުރަތުން ޘަވާބަށް އެދިގެން ރަމަޞާންމަހުގެ ރޯދަ ހިފައިފި މީހެއްގެ އިސްވެ ގޮސްފައިވާ ފާފަތައް އުއްސަވައިދެއްވާނެއެވެ.”

1   ރޯދައިގެ ހަތްދިހަ މައްސަލަ: އިސްމާޢީލް ނާޖީ (ކަވާސާ.ކޮމް) 11 އޮކްޓޯބަރ 2004

2   އަލްބަޤަރާ 183

3   އަލްބަޤަރާ 184

4   އަލްބަޤަރާ 185

5   ރަވާހުލް ބުޚާރީ ވަ މުސްލިމް

ރޯދައިގެ ފައިދާ: މާތްﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައި ވެއެވެ. 6 “އަދި އުނދަގޫކަމާއެކު އެކަމަށް ކުޅަދާނަވާ މީހާގެ މައްޗަށް އޮތީ ރޯދަ ދޫކޮށްލުމާއެކު ފިދުޔަ ދިނުމެވެ.” މިހެންއަންގަވާފައިވުމުން ތިމާއަށް މިންވަރުކުރައްވާ ލުއިފަސޭހަތައް ހެޔޮގޮތުގައި ބޭނުންކުރުމަށް ހިތްވަރުލިބި ކުށެއްކުރެވިއްޖެނަމަ، އެކަމުގެ އަދަބު ލިބިގަތުމަށް ތަރުބިއްޔަތު ކޮށްދެއެވެ. ކީރިތިރަސޫލާ (ޞ) ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. 7 “ހަމަކަށަވަރުން ސުވަރުގޭގައި ރައްޔާނު ނަމަކަށްކިޔާ ދޮރުކޮޅެއްވެއެވެ. ޤިޔާމަތްދުވަހު އެދޮރުކޮޑުން ވަންނަހުށީ ހަމައެކަނި ރޯދަވެރީންނެވެ. އެހެން އެއްވެސް މީހަކު އެދޮރުކޮޅުން ނުވަންނަ ހުއްޓެވެ. ނިދާ އިއްވެވޭނެއެވެ. ރޯދަވެރީން ކޮބައިތޯއެވެ. ދެންފަހެ، އެމީހުންގެ އެންމެފަހުމީހާ ވަދެ ނިމުމުން އެދޮރުކޮޅު ބަންދުކުރެވޭނެއެވެ.”

ރޯދަވެރިޔާ ދުރުހެލިވާންޖެހޭ ބައެއްކަންތައްތައް: ރޯދަވެރިޔާ ދުރުހެލިވާންޖެހޭ ކަންތަތްއަ ވަރަށް ގިނައެވެ.އެއްކަމަކީ ކެއިންބުއިން މަނާވުމެވެ. މާތްﷲގެ ވަޙީބަސްފުޅެއްގެ މާނައިގައިވެއެވެ. 8 “ފަހެ ތިޔަބައިމީހުންގެތެރެއިން އެމައްސަރުގައި ޙާޟިރުވެހުރެއްޖެމީހާ، އެމަހުގެ ރޯދަ ހިފާހުށިކަމެވެ!”

             ލިޔުއްވުންތަކުގައިވާގޮތުން: 9 “ޙައިޟު ނިފާސް ފިޔަވައި، ރޯދަ ގެއްލޭ ކަންތައްތަކުގައި 3 ޝަރުޠެއް ބޭނުންވެއެވެ. އެއީ އެނގުން، ހަނދާންހުރުން، އިޚްތިޔާރު އޮތުން މިއެވެ. ކެއިން ބުއިމުގެ މާނައިގައި ހިމެނޭ އިންޖެކްޝަން ފަދަ އެއްޗެހިން ރޯދަ ގެއްލޭނެއެވެ. ރޯދައަށް ހުރެ، އިސްތިމްނާކުރުން އެއީ ބޮޑު ޙަރާމްކަމެކެވެ. ރަމަޟާންމަހު ރޯދައަށް ހުރެފައި ޖިމާޢުވެއްޖެނަމަ، މަނި ފޭބިއަސް ނުފޭބިއަސް، އޭނާގެ ރޯދަ ފާސިދުވީއެވެ.”

ރޯދަނުގެއްލޭނެ ބައެއް ޙާލަތްތައް: ދެމަފިރިން ދޮންދިނުމާއި ބެއްދުމާއި އަތްލުމާއި ބެލުމަކީ ރޯދަ ހިފައިގެންވެސް ހުއްދަ ކަމެކެވެ. ބުޚާރީ އަދި މުސްލިމްގައި އައިސްފައިވާ ޙަދީޘެއްގައި ވަނީ: عَنْ ‏ ‏عَائِشَةَ ‏ ‏رَضِيَ اللَّهُ عَنْهَا ‏ ‏قَالَتْ ‏ كَانَ النَّبِيُّ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏يُقَبِّلُ ‏ ‏وَيُبَاشِرُ ‏ ‏وَهُوَ صَائِمٌ وَكَانَ أَمْلَكَكُمْ ‏ ‏لِإِرْبِهِ ‏މާނައަކީ:10 ”ޢާއިޝަތުގެފާނު ރިވާކުރެއްވިއެވެ. ކީރިތި ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ރޯދައަށް ހުންނަވައިގެން، (އަނބިކަބަލުންނާއި) ބޮސްދެއްވާ، ބައްދާލައްވަވާ ހައްދަވައެވެ. އަދި އެކަލޭނގެފާނުވީ ކަލޭމެން އެންމެންނަށްވުރެ، ”ނަފްސު” ހިފެހެއްޓެވޭ ބޭކަލެއް ކަމުގައެވެ.”

6  އަލްބަޤަރާ 184

7  ރަވާހު މުސްލިމް

8  އަލްބަޤަރާ 185

9  ރޯދައިގެ ހަތްދިހަ މައްސަލަ: އިސްމާޢީލް ނާޖީ (ކަވާސާ.ކޮމް) 11 އޮކްޓޯބަރ 2004

10 (ޞަޙީޙް ބުޚާރީ، ކިތާބުއް ޞައުމް/ މުސްލިމް ކިތާބުއް ޞިޔާމް)

               ގަސްތަކާ ނުލާ ހޮޑުލެވުނަސް ރޯދަ ނުގެއްލޭނެއެވެ. ދަލީލަކީ، ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މި ޙަދީޘެވެ. مَنْ ‏ ‏ذَرَعَهُ ‏ ‏قَيْءٌ وَهُوَ صَائِمٌ فَلَيْسَ عَلَيْهِ قَضَاءٌ وَإِنْ ‏ ‏اسْتَقَاءَ فَلْيَقْضِ މާނައަކީ: 11 ”ރޯދައަށް ހުއްޓާ ހޮޑުލެވުނަސް، ރޯދަ ޤަޟާކުރުމެއް ނެތެވެ. އަދި ގަދަކަމުން ހޮޑުލައިފިއްޔާ ރޯދަ ޤަޟާ ކުރާށެވެ.”

ނަމަވެސް، މި ޙަދީޘްގެ ޞައްޙަ ކަމަށް ނުދެކޭ ޢިލްމުވެރިން، ވިދާޅުވަނީ ރޯދަ ނުގެއްލޭނެ ކަމަށެވެ. ބުޚާރީގައި އިމާމް ބުޚާރީ ނަންގަވާފައިވާ ރައުޔަކީ ނުގެއްލޭނެ ކަމަށް ބުނާ ރައުޔެވެ.

          ލިޔުންތަކުން އެނގޭގޮތުގައި: 12 “ފަޖުރުލުމާއި ދޭތެރޭ ވަގުތު އެބައޮތް ކަމަށް ހީކޮށް، އެއްޗެއް ކައި ބޮއެ ނުވަތަ ޖިމާޢުވުމަށްފަހު، ފަޖުރު ލައިފިކަން އެނގުނަސް ރޯދަ ނުގެއްލޭނެއެވެ. ނަމަވެސް މިއީ ފަރުވާ ކުޑަވެގެން ދިމާވާ ގޮތެއް ކަމުގައި ވެގެން ނުވާނެއެވެ. އިބްނު ތައިމިއްޔާގެ ރައުޔަކީވެސް މިއީއެވެ.”

ނިންމާލުން:

މިބަޙުޘްގައި ފާހަގަވެއެނގޭ ބައިތަކުގެ ތެރޭގައި:

– މާތްވެގެންވާ އިސްލާމްދީނުގައި ރޯދައަށް ދެއްވާފައިވާ އަހައްމިއްޔަތަކީ އެއްވެސް ދީނެއްގައި ދީފައިނުވާފަދަ ބޮޑު އަހައްމިއްޔަތެއްކަން.

– ކޮންމެ އަޅުކަމަކީ ވެސް، އެކަން ދަސްކޮށްގެން ކުރަންޖެހޭ ކަމެއްކަމާއި، ޙުކުމްތައް ދަސްކުރަންޖެހޭނެކަން.

– ރޯދަވެރިޔާ ވަކިކަންތައްތަކަކުން ދުރުހެލިވެހުރުމުގެ ސަބަބުން ހައްދަވާ ބޮޑުކުރެއްވިﷲގެ އަމުރުފުޅުތަކަށް ކިޔަމަންވުމަށް ތަރުބިއްޔަތުލިބޭކަން.

– ރޯދަނުގެއްލޭނެ ބައެއް ޙާލަތްތައް އެނގި ވަގުތާއި ގުޅޭނެގޮތުން އެޙާލަތްތަކުގެ ބޭނުން އެންމެ އެދެވޭގޮތުގައި ކުރެވިދާނެކަން.

11 (އަބޫ ދާއޫދް، ބާބުއް ޞައުމް / މާލިކް / އިބްނު މާޖާ / ތިރްމިޛީ)

12 (މަޖްމޫޢުލް ފަތާވާ 29/263)

 ޙަވާލާދެވުނު ލިޔުންތައް:

– ރަމަޟާންމަހަށް މަރުޙަބާކިޔުން: އަޙުމަދު ސަލީމު ޙުސެއިން (ހުކުރު ޚުޠުބާ) 6 އޯގަސްޓް 2010 (މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް)

– ކަވާސާ.ކޮމް (ދީނާއި ދުނިޔެ) ކޮލަމް އިން 1 ފެބުރުއަރީ 2011 ގައި ނަގާފައި

– އިސްލާމިކް އެފެއާރޒް.ޖީއޯވީ.ކޮމް  15 ފެބުރުއަރީ 2011 ގައި ނަގާފައި

– ދި އިސްލާމް.ކޮމް  15 ފެބުރުއަރީ 2011 ގައި ނަގާފައި

– އަޙުކާމުއްޞިޔާމް: މައުމޫނު ޢަބްދުލްޤައްޔޫމް ފުރަތަމަ ޗާޕް 1989 ރައީސުލް ޖުމްހޫރިއްޔާގެ އޮފީސް  ދިވެހިރާއްޖެ

– އަޙުކާމުއްޞިޔާމް: މައުމޫނު ޢަބްދުލްޤައްޔޫމް ދެވަނަަ ޗާޕް 2002 ރައީސުލް ޖުމްހޫރިއްޔާގެ އޮފީސް  ދިވެހިރާއްޖެ

ލިޔުނީ: ޢަބުދުލް ޙަމީދު ޢަބުދުއްރަޙްމާން ( އެޑިޓަރ )

ޢަބުދުލް ޙަމީދަކީ ލިޔުންތެރިކަމުގެ ފަންނުގައި ކޮންމެ ރޮނގަކުންވެސް ލިޔެވިދާނެ ކުޅަދާނެ މައުލޫމާތު ގެ ޚަޒާނާއެކެވެ. ބިޒީ ޝެޑިއުލްގެ ތެރެއިންވެސް ހެޔޮބަސް ބުނުމާއި ހެޔޮކަންކަމަށް ގޮވާލައި ، އޮއްޓަރު ހުރި ޢިލްމީ ދިރާސާތައް ފެންނަމުންދާކަމީ މިކަމަށް ދެއްވާ ޝަޢުޤުވެރިކަން ދޭހަކޮށްދޭ އަލިގަދަ ހެއްކެކެވެ. .

މިލިޔުންވެސް ކިޔާލާ

ރަމަޟާން މަހަށްޓަކައި ތިބާގެ ދަރިން ތައްޔާތު ތޯއެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅޭ އެންމެހައި މުސްލިމުންނަށްވެސް ރަމަޟާން މަހަކީ ވަރަށް ޚާއްޞަ މަހެކެވެ. ރަމަޟާންމަހަކީ އަހަރެމެން ހުރިހާ މުސްލިމުންވެސް އެމަހަކަށްޓަކައި …

ޚިޔާލެއްދެއްވާ

avatar
Ahmed faheem
Ahmed faheem

1-މީހަކު ރަމަޟާންމަހުގެ ރޯދަ ނުހިފާ ދޫކޮށްލައިފިނަމަ އެ މީހަކީ ކާފިރެކެވެ. މި ބަޔާނާއި މެދު ކުޑަވާހަކަކޮޅެއް ދައްކާލަދީ

ހައްޖަ
ހައްޖަ

ވަރަށްވެސް ރަގަޅު ލިޔުމެއް މަޢުލޫމާތު ވަރަށް ފުރިހަމަ ދިރާސާއެއް. މިފަދަ ލިޔުންތަކަށް އިންތިޒާރު ކުރާނަން.

wpDiscuz