ރިސޯޓްތަކުގެ ސްޕާތަކަށް ސަރުކާރުން ހިފި އަމާޒު!

އިސްލާމް ދީން ހިމާޔަތްކުރުމަށް ގޮވާލައި މިދިޔަ ހަފުތާގައި ބޭއްވި ބޮޑު މުޒާހަރާގައި ސަރުކާރަށް ޕްރެޝަރުކުރި އެއް ކަމަކީ ހަށިވިއްކުމުގެ ވިޔަފާރި ހިންގާ މަސާޖް ޕާލާތަކާއި ސްޕާތައް ބަންދުކުރުމެވެ. މިއީ ސަރުކާރަށް ބަޔަކު އަލަށް ހުށަހެޅި ކަމެއް ނޫނެވެ. މާލެ އާއި ރަށްރަށުގައި ފުޅާ ދާއިރާއެއްގައި ހިންގާ އެ ވިޔަފާރި ހުއްޓުވުމަށް ސިޔާސީ ޕޯޑިއަމްތަކުގައި ތަކުރާރުކޮށް ސަރުކާރަށް ގޮވާލާފައިވާއިރު ނޫސްވެރިން ވެސް އެފަދަ ތަންތަން ފަޅާއަރުވާލާފައި އެބަ ހުއްޓެވެ. އެފަދަ ކަންކަމާ ގުޅިގެން ވަގުތީ ގޮތުން ބަންދު ނަން ބޯޑު އެޅުވި ނަމަވެސް އަނެއްކާ ވެސް ހިދުމަތުގެ ނަން ބަދަލުކޮށްގެން ވިޔަފާރި ފަށަ އެވެ.

ދިވެހި ބޭހާއި އޯލްޓަނޭޓިވް ހިދުމަތުގެ ނަމުގައި ހިންގާ ތަންތަނުގައި ފުޅާ ދާއިރާގައި ހަށިވިއްކުމުގެ ވިޔަފާރި ހިންގާކަން އެނގި ތިބެ ވެސް އެކަން ހުއްޓުވުމަށް ހަރުދަނާ ފިޔަވަޅުތަކެއް ސަރުކާރުން މިހާތަނަށް އަޅާފައެއް ނުވެ އެވެ. އެފަދަ ތަންތަން ހިންގުމަށް ހުއްދަ ދީފައި ނުވާނެ ކަމަށް ބުނެ އަޅާނުލައި ދޫކޮށްލަނީ އެވެ. ނަމަވެސް މުޒާހަރާގައި ހަށިވިއްކުމުގެ ވިޔަފާރި ހުއްޓުވުމަށް ގިނަ އަދަދެއްގެ ރައްޔިތުން އެދިފައިވާތީ އެކަންތައް ހުއްޓުވާނެ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފަ އެވެ.

އެކަމަކު ސަރުކާރުން އެ މަސައްކަތް ފެށި ގޮތާ މެދު މިހާރު ވަނީ ސުވާލު އުފެދިފަ އެވެ. މީގެ ކުރިން އެއްވެސް ރިސޯޓެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރާކަން އެނގިފައެއް ނުވެ އެވެ. އަދި ރިސޯޓްތަކުގައި ސްޕާތައް ހިންގަނީ މާލޭގައި އެތަންތަން ހިންގާ ގޮތަށް ވުރެ ބޮޑަށް، ޓޫރިސްޓުންނަށް ދޭ ޚިދުމަތެއްގެ ގޮތުގަ އެވެ. އެހެންނަމަވެސް މާލެ އާއި ބައެއް ރަށްރަށުގައި އެކި ނަންނަމުގައި ހިންގާ ތަންތަން ބެހެއްޓުމަށް ފަހު ސަރުކާރުގެ ވިސްނުން ހުރީ ފުރަތަމަ ރިސޯޓްތަކުން ފެށުމަށެވެ. ހުރިހާ ރިސޯޓެއްގެ ވެސް ސްޕާތައް ބަންދުކުރާނެ ކަމަށް ސަރުކާރުން ބުނެފައިވާއިރު، އެންމެ ފުރަތަމަ ވެސް ބަންދުކުރީ ބޮޑު މުޒާހަރާގައި ސަރުކާރުގެ ދީނީ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި ގާސިމް އިބްރާހީމްގެ ރިސޯޓްތަކުގެ ސްޕާތަކެވެ.

ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި މިއީ ސިޔާސީ މަގުސަދުތަކެއް ހާސިލްކުރުމުގެ ފިޔަވަޅެކެވެ.

ޑީއާރްޕީގެ ޑެޕިއުޓީ ލީޑަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވީ ރާއްޖޭގައި ހަށިވިއްކާ ގިނަ ތަންތަން ހުރިއިރު، ހަމައެކަނި ގާސިމްގެ ރިސޯޓުގައި ހަށިވިއްކާކަމަށް ތުހުމަތުކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އެހެންކަމުން އެ ތަންތަން ބަންދުކުރީ ސިޔާސީ ބޭނުމެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ.

“އެއްގޮތަކަށް ވެސް ނޭނގޭ ރާއްޖޭގައި އެތައް ރިސޯޓެއް ހުރެފައި، އެތަންތަނުގައި ސްޕާތައް ހުންނައިރު ގާސިމް ހިންގަވާ ރިސޯޓުތަކުގައި ހަށިވިއްކާ ކަމަށް ތުހުމަތު ކުރެވެންވީ އެއްވެސް ސަބަބެއް. ތުހުމަތެއްގެ މައްޗަށް ބިނާކޮށް އެއްވެސް ކަހަލަ ތަހުގީގެއް ނުކޮށް ތަނެއް ބަންދުކުރުން އެއީ ގަބޫލުކުރެވޭ ކަމެއް ނޫން،” ޝަރީފް ވިދާޅުވި އެވެ. “އެއީ ސިޔާސީ ބޭނުމެއްގައި ކޮށްފައިވާ ކަމެއް ކަން އަޅުގަނޑުމެން އެންމެންނަށް ވެސް އެނގޭ.”

އޭނާ ވިދާޅުވީ ގިނަ ރިސޯޓުތަކުގައި ސްޕާތައް ހިންގަނީ ވަރަށް ޕްރޮފެޝަނަލްކޮށް ކަމަށާއި އެކަމަކު އެއްވެސް ތަހުގީގެއް ކުރުމަކާ ނުލައި އެފަދަ ތަންތަން ބަންދުކުރުމުން އޭގެ ގެއްލުން ރާއްޖޭގެ އިގްތިސޯދަށް ކުރާނެ ކަމަށެވެ.

ނަމަވެސް އެކަމާ ގުޅިގެން ރައީސް އޮފީހުން ދީފައި ވަނީ ފިނި ޖަވާބެކެވެ. އެ އޮފީހުން ބުނީ ސްޕާތަކާއި މަސާޖްކުރާ ތަންތަން ބަންދުކުރަނީ ރައްޔިތުންގެ އަޑުއަހައި ރައްޔިތުންގެ ވިންދާ އެއްގޮތަށް އަމަލުކުރުމަށް ކަމަށެވެ. ސްޕާތައް ބަންދުކުރުން މުޒާހަރާގައި ގޮވާލުމަކީ ރިސޯޓްތަކުގެ ސްޕާތައް ވެސް ބަންދުކުރުން ކަމަށް ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހެއިރު ވިދާޅުވި އެވެ. އެހެންކަމުން އެއީ ސަރުކާރުގެ ވަކި މަގްސަދެއް އޮވެގެން ކުރާ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

“އެތަންތަން ބަންދުކުރުމަށް ފުރަތަމަ ހައިސިއްޔަތަކީ ސަރުކާރެއް ނޫން. އެ ބޭފުޅުން [މުޒާހަރާގެ ބައިވެރިން] ބެލި ގޮތަކަށް ބެލުމަށް ފަހު އެ ބޭފުޅުން އެބަ ވިދާޅުވޭ ތިމަންނާމެންނަށް ވަރަށް ބޮޑަށް ތުހްމަތުކުރެވޭ މިއީ ހަށިވިއްކުމަށް މަގު ފަހިކޮށްދޭ ތަންތަނޭ. އެބޭފުޅުން އެދިވަޑައިގަތް ފުރިހަމަ މާނަ އިން މި ދޭހަވަނީ މަސާޖްކުރާ ތަނެއް ވެއްޖިއްޔާ އެ ތަނަކީ ހަށިވިއްކުމަށް މަގުފަހިކޮށްދޭ ތަންތަނޭ،” ޒުހެއިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވެސް މަސާޖްކުރަން ވަޑައިގަންނަވާ ކަމުގެ ތުހްމަތުކުރެވޭ ތަންތަން ބެހެއްޓުމަށް ވުރެ ސަރުކާރުން އިސްކަންދޭނީ އެތަންތަން ބަންދުކުރުމަށް ކަމަށެވެ. އެހެންކަމުން ވަކި ތަރުތީބަކުން ގޮސް ސްޕާތަކާއި މަސާޖްކުރާ ތަންތަން ސަރުކާރުން ބަންދުކުރާނެ ކަމަށް ވެސް ޒުހެއިރު ވިދާޅުވި އެވެ.

ހަށިވިއްކުމުގެ ވިޔަފާރި ހިންގާ ތަންތަން ފުލުހުން މީގެ ކުރިން ވެސް ބަންދުކޮށްފައިވެ އެވެ. އަދި އެތަންތަނުގައި ހަށިވިއްކަމުން ދިޔަ މީހުން ޑީޕޯޓް ވެސް ކޮށްފައިވެ އެވެ. އެކަމަކު ރާއްޖޭގެ ފެންވަރު މަތީ ރިސޯޓްތަކުގައި ހިންގާ ޕްރޮފެޝަނަލް ސްޕާތަކާ ދިމާއަށް ދުވަހަކު ވެސް ފުލުހުން ގޮސްފައެއް ނުވެ އެވެ. މީގެ ކުރިން ވެސް ސްޕާތަކާ ދެކޮޅަށް އެތައް ބަޔަކު އަޑުއުފުލާފައިވާ އިރު ރިސޯޓްތަކުގެ ނަން ވެސް ސަރުކާރުން ގެނެސްފައެއް ނުވެ އެވެ. އެހެންކަމުން މުޒާހަރާގައި މަސާޖުކުރާ ތަންތަނުގައި ހަށިވިއްކުމުގެ ނުބައި ވިޔަފާރި ހިންގާ ކަމަށް ގޮވާލާފައި ވަނީ ބޮޑަށް މާލޭގައި ހިންގާ ތަންތަނަށް އަމާޒުކޮށްފަ އެވެ.

ހެލްތު މިނިސްޓްރީން ބުނީ މަސާޖްކުރުމާއި ސްޕާގެ ނަމުގައި ހުއްދަ ދޫކުރުން 2006 ވަނަ އަހަރުން ފެށިގެން އެ މިނިސްޓްރީން ހުއްޓާލާފައިވާ ކަމަށެވެ. އެހެންކަމުން އެކި ނަންނަމުގައި ހިންގާ އެފަދަ ތަންތަނާ މެދު އެ މިނިސްޓްރީން ޒިންމާވާން ޖެހޭ ކަމަށް ނުދެކޭ ކަމަށް ވެސް ހެލްތުން ބުނެފައިވެ އެވެ.

މާލޭގެ އިތުރުން އައްޑު އަތޮޅު ގަމުގައި ހިންގާ މަސާޖުކުރާ ތަނަކުން ހަށިވިއްކުމުގެ ވިޔަފާރި ކުރަނިކޮށް ދިވެހި ޒުވާނަކާ އެކު ބޭރު ބަޔަކު ފުލުހުން އަތުލާފައިވެ އެވެ. އެހެންކަމުން މަސާޖުކުރާ ތަންތަން މާލެ އާއި ބައެއް ރަށްރަށުގައި އަމާޒުކޮށްފައި ވަނީ ދިވެހިންނަށްކަން އެނގެ އެވެ.

ހުރިހާ ސްޕާތަކަށް އަމާޒުކޮށްގެން ސަރުކާރުން ތަންތަން ބަންދުކުރަން ފެށި ކަމަށް ބުންޏަސް، އިއްތިފާގަކުން ވިޔަސް ނުވިޔަސް ހަމައެކަނި ގާސިމްގެ ރިސޯޓްތަކަށް ސަރުކާރުން ސިޓީ ފޮނުވުމަކީ ކޮން ކަހަލަ ހެކިތަކެއް ހުރެގެން ކުރި ކަމެއްކަން ބުނެފައެއް ނުވެ އެވެ. އެ ހެކިތައް ހާމަވެ، އެތަންތަނުގައި ހަށިވިއްކުމުގެ ވިޔަފާރި ކުރިކަން ސާބިތުނުކޮށްދެވޭހާ ހިނދަކު ސަރުކާރުގެ އެ ފިޔަވަޅާ މެދު ސުވާލު އުފެއްދޭނެ ޖާގަ އެބަ އޮތެވެ. އަދި އެއީ މުޒާހަރާގައި ކުރި ޑިމާންޑަށް ހެޔޮހިތުން ސަރުކާރުން އިޖާބަ ދިނުންތޯ އުފެދޭ ސުވާލަށް ޖަވާބު ވެސް ބޭނުންވެ އެވެ. އެގޮތުން ރާއްޖޭގެ ގިނަ ރިސޯޓްތަކުގައި ހިންގާ ސްޕާތައް ބަންދުކުރާނެތޯ އާއި އެތަންތަނުގައި ހަށިވިއްކާކަން ސާބިތުކޮށްދެވިދާނެތޯ އެއީ ވެސް ވަރަށް ބޮޑު ސުވާލުތަކެކެވެ.

ސްޕާތަކުގެ މައްސަލަ މިހާރު މި އޮތީ މާލޭގެ ތޮށިން ބޭރުވެ ރާއްޖޭގެ އަގުބޮޑު ޓޫރިޒަމްއާ ގުޅިފަ އެވެ. އެހެންކަމުން މިއީ މުޅި އިންޑަސްޓްރީ އަށް އަސަރު ފޯރާނެ ކަމެކެވެ. އަދި ސަރުކާރުގެ މައްޗަށް މިހާރު ލާޒިމްވެގެން ވަނީ ރިސޯޓްތަކުގެ ސްޕާތަކުގައި ހަށިވިއްކާކަން ސާބިތުކޮށްދިނުމެވެ. އެހެން ނޫނީ ސަރުކާރުގެ ފިޔަވަޅާ މެދު ދެކެވޭނީ، ޑީއާރުޕީގެ ޝަރީފާއި އިދިކޮޅު ސިޔާސީ ފަރާތްތަކުން ބުނާ ގޮތަށް، ހަމައެކަނި ސިޔާސީ އަމަލެއްގެ ގޮތުގަ އެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

މިހާތަނަށް ރާއްޖެ ދުށް އެންމެ އިޚްލާސްތެރި ނާއިބު ރައީސަށް އަޅުގަނޑު ވާނަން – ޑރ.ޝަހީމް

މިހާތަނަށް ރާއްޖެ ދުށް އެންމެ އިޚްލާސްތެރި ނާއިބު ރައީސަށް ވެވަޑައިގަންނަވާނެ ކަމަށް ރައީސް ޢަބްދުﷲ ޔާމީންގެ ރަނިންގ މޭޓަކަށް ހަމަޖައްސާފައިވާ …

ޚިޔާލެއްދެއްވާ

avatar