”ނަންވުން “ ރަށްރަށުގެ ތަރަށްގީއަށް އެޅިފައިވާ ހިޔަންޏެއް

ދިވެހީންގެ ލާމަސީލު ތާރީޚްގައި، އެތަކެއް ބަދަވީންނަކާއި، އެތަކެއް ދަންޑެހެލުންނަކާއި، އެތަކެއް ޣާޒީންނަކާއި، އެތަކެއް ބަޠަލުންނެއް މިދީބުގެ ފަސްގަނޑަށް ނޭވައިލައި، އަދި ފަސްގަނޑުގެ ދަށުގައި ވެލި ފުރޭނި ހިނގައްޖެއެވެ. ދިވެހިންގެ ދީބު ދީބެއްގެ ގޮތުގައި މިހިސާބަށް އައިސްފައިވަނީ، ދިވެހި ދީބުގެ ކަރާމާތާއި އިސްތިޤްލާލާއި، ދީނާއި، އަދި ތަރައްޤީއާއި ކުރިއެރުމަށްޓަކައި، ލެޔާއި ދާ އޮހޮރުވައި، ކަނޑިބަޑިއާއި ރާބައްޖާއި، ބުޅިކަންވާރުން ހަނގުރާމަކޮށް، ކަނޑިއްކާއި ލިބާހުގައި ބަން ދަރުތަކުން ދިޔަފެލައިގެންކަން ކަށަވަރެވެ.

މިދީބުގެ ފަހުލަވާނުންގެ ތެރެއިން އަޅުގަނޑުމެންނަށް ނަން އެނގެނީ އުތީމު ތިން ބަދައްވަކާއި، ދުވާފަރު ދަންޑަހެލަކާއި، ޣާޒި ބަންޑާރައިންނަކާއި މިފަދަ ދެތިން ނަމެކެވެ. ޖާނުދިން އެތައް ބަޔަކު ވަނީ އެމީހުންގެ ގައިން އޮހޮރުނު ލެޔާއިއެކު އެމީހުންގެ ނިޝާންވެސް ބިމުގެ ތެރެއަށް އޮހޮރުވާލައިފައެވެ. މިޤައުމު ޤައުމެއްގެ ގޮތުގައި ތަރައްޤީކުރުމަށް މިދީބުގެ އެތަންމިތަނުން އެތައް ބައެއްގެ އަތުން ދިޔަފެލި ކުރަކިވެ ކަންފަތިވެފައި ވޭބާވައެވެ. އެމީހުންގެ ނަމާއި ނިޝާން މިއަދު އެނގެން ނެތި ކަންކުރި އެތައް ބަޔަކު އެމީހުންގެ ކައްވަޅާއިއެކު އެމީހުންގެ ނަމަށްވެސް ފަސްއަޅައި ފޮރުވާލައިފައި ވިޔަސް، މިދީބު މިއަދާއިހަމައަށް ދިރިގެން އައިސްފައި މިވަނީ އެމީހުންގެ ދިޔައިންކަން ކަށަވަރެވެ.

އަޅުގަނޑުމެންގެ ވަކިވަކި އަތޮޅުތަކާއި ރަށްރަށް އެރަށެއްގެ ޘަޤާފަތާއި ތަރައްޤީގައި ފިޔަޖަހައި ބަބުޅާފައިވަނީ އެރަށުން އުފެދުނު ކަންކޮށް ނަން ލިބުނު ދަރީންނާއި ކަންވެ ނަންނުވި ދަރީންގެވެސް ބުރަ މަސައްކަތުން ކަމާއިމެދަކު ޝައްކެއް ނެތެވެ. ނަމަވެސް އެދުވަހު އެމަސައްކަތްތައް ކާމިޔާބުގެ އައްސޭރިއާއި ހަމައަށް ދިޔައީ އެދަރީންގެ ތެރެއިން ނަންވި ދަރީންނާއި ނަންނުވި ދަރީންގެވެސް އަމާޒާއި އުންމީދަކީ ކަންކުރުން ކަމުގައި ވާތީއެވެ. އެބައިމީހުންގެ ގައިން އޮހޮރުނު ދަލާއި، އަތުން ކުރެވުނު މަސައްކަތުން އިޚްލާސްތެރިކަމާއި ތެދުވެރިކަމުގެ ވަަސް ދުވައި، ކަމަށް ކަމޭހިތުމާއި ކުރާހިތުން ކުރުމުގެ ރަހަ ލީތީއެވެ.

ދިވެހީންގެ ހަރުބަހެއްގައި ވެއެވެ. “ކަންވެ ނަން ނުވިޔަސް، ކަން ނުވެ ނަން ނުވާށެވެ.” ދިވެހި ކާބަފައިން ގައުމު ކިހިއްޔަށް ޖަހައި އުރާލައިގެން މިއަދުގެ ޖީލާއިހަމައަށް ގެނެސްދިނީ މިދެންނެވި ފަލްސަފާގެ މަތިންނެވެ. ނަމަވެސް މިއަދުގެ މުޖުތަމަޢުން މިފެންނަނީ މީގެ ދިމާ އިދިކޮޅެވެ. ބަލާލި ކޮންމެ ދިމާލަކުން ފެންނަނީ އިޚްލާސްތެރިކަމުގެ ބަދަލުގައި “ކަން ނުވިޔަސް ނަންވުމުގެ” ސިޔާސަތެކެވެ. މިއަދު ރާއްޖޭގެ ގިނަ ރަށްތަކުގެ ތަރައްޤީއަށް އެޅިފައިވާ އެންމެ ބޮޑު ހުރަހަކީ ކްރެޑިޓް ނުވަތަ ކަންވުން ކަމުގައި ދެންނެވުމަކީ ކުށަކަށް ނުވާނެއެވެ. އެހެނީ ރަށުގެ ތަރައްޤީއަށް ބަޔަކު ނުވަތަ ވަކި މީހަކު ކަމެއް ކޮށްދޭއިރަށް ނުވަތަ ކަމެއް  ކޮށްދެންފަށާއިރަށް އެކަމެއް ކޮށްދިނީ އަހަރެމެންނޭ ނުވަތަ އަހަރެންނޭ ބުނެ އެކަމުގެ ނަންވެ ފައިދާ ލިބިގަންނަށް މަސައްކަތް ކުރަނީ އަޅުގަނޑުމެންގެ ތެރެއިން މަދުބައެއް ނޫނެވެ.

ކޮންމެ ޒަމާނެއްގައި ކޮންމެ މުޖުތަމަޢްއަކުންވެސް ފެންނަމުންދާނީ އިޚްލާޞްތެރިކަމާއި އެކުގައި މަސައްކަތްކުރާ ބަޔަކާއި ދެއްކުންތެރިކަމުގެ ގޮތުން ނަންވުމަށް މަސައްކަތްކުރާ ބައެކެވެ. ކުރިއާއި ޚިލާފަށް ދިވެހިރާއްޖެއަށް މިއައި ބަދަލާއިއެކު، މިދަންނަވާ  ކްރެޑިޓް ހޯދުމުގެ ކަންތަކުގެ އެންމެ އިސްސަފުގައި ހަރަކާތްތެރިވަމުންދާތަން މިއަދު ފެންނަމުން މިދަނީ ސިޔާސީ ޕާރޓީތަކާއި ، ސިޔާސީ ޕާރޓީތަކުގެ އިސް އެކްޓިވިސްޓުންނާއި އަދި އެހެނިހެން ސިޔާސީ ފަރާތްތަކެވެ. ހިތާމައަކީ މިފަދަ ކޮންމެ ފަރާތެއްގެވެސް މަޤްޞަދުކަމުގައި ބުނަމުން އަންނަނީ ވަކިފަރާތަކަށް ބުރަވުމެއް ތަފާތުކުރުމެއް ނެތި އެންމެންގެ މަސްލަޙަތާއި ކުރިއެރުމަށްޓަކައި “އިޚްލާޞްތެރިކަމާއިއެކު” މަސައްކަތް ކުރާނޭ ވާހަކައެވެ. ވަކި ކުލައަކަށް ނުވަތަ ވަކި މީހަކު ނަންވުމަށް މަސައްކަތްކުރާނެ ވާހަކައެއް ނޫނެވެ.

ނަންވުމުން ރަށްރަށުގެ ތަރަށްޤީއަށް އެޅޭ ހުރަސްތަކަށް ބަލާއިރު، ރަށްރަށުގައި ހިންގޭ ތަފާތު މަޝްރޫޢުތައް އެރަށްރަށުގައި ހިންގަން ފަށާފަހުންވެސް ވަކިބަޔަކު އެކަމުގެ ރީތި ނަމާއި ޝަރަފް ބެނުންވެގެން ހުއްޓާލަން ޖެހިފައިވަނީ މަދުފަހަރެއްގައެއް ނޫނެވެ. ހަމަ އެހެންމެ ރަށުގެ ތަރައްޤީއާއި ކުރިއެރުމަށް މަސައްކަތް ކުރައްވާ ބޭބޭފުޅުންގެ މަސައްކަތްތައް ފައިނަލް ސްޓޭޖާއި ހިސާބަށް ދާފަހުން އެކަންތައްތައް ކޮށްދިނީ ތިމާއޭ ނުވަތަ ތިމާމެންނޭ ބުނެ އަޑު އުފުލަން ފެށުމުން ރަށްރަށުގެ ތަރައްޤީއަށް ހިންގަންޖެހޭ އެތައް އެތައް މަސައްކަތްތަކަކަށް މިއަދު މިވަނީ ހުއްޓުން އަރާފައެވެ.

ޝައްކެއްވެސް ނެތްގޮތުގައި، އިޚްލާޞްތެރިކަމާއި އެކު ރަށަށާއި ޤައުމަށް ހެޔޮއެދޭ މީހާ އެހެން ހުރިހާ ކަމަކަށްވުރެ ބޮޑަށް ވަކި ލޭބަލެއް ޖެހުމަށާއި  ކްރެޑިޓް ހޯދުމަަކަށް ނުވިސްނާނެއެވެ. އެފަދަ ފަރާތްތަކުން އަބަދުވެސް ވިސްނާނީ ރަށުރައްޔިތުންގެ ލާބައާއި މަންފާއަށެވެ. ކޮންމެ މީހަކު ކޮންމެ އެއްޗެކޭ ކިޔަސް ރަށަށާއި ޤައުމަށް އޭނާގެ ފަރާތުން ކަންތައްތަކެއް ކޮށްދެވޭތޯއެވެ.  އެހެންކަމުން މިއަދު  ކްރެޑިޓް ހޯދުމަށް މަސައްކަތްކުރަމުންދާ މީހުންނަކީ އެބައި މީހުން ރަށަށާއި ޤައުމަށް ކޮއްދެއްވާ ކަންތައްތަކުގައި އެއްވެސް އިޙްލާސްތެރިކަމެއް ނެތްމީހުންނޭ ދަންނަވަން ޖެހެއެވެ.

ދިވެހި ދީބުގެ ދިވެހި ދަރިއެއްގެ ހައިޘިއްޔަތުން ގަބޫލުކުރަންޖެހޭ ހަޤީޤަތަކީ މިދީބުގެ ކުރިއެރުމާއި ތަރައްޤީ މިހާހިސާބަށް އައީ ދިވެހި ދަރިންތަކެއްގެ އަމިއްލަ އެދުމެއް ނަންވުމެއް ނެތް ތެދުވެރި މަސައްކަތުންކަމެވެ. މުސްލިމެއްގެ ހައިޘިއްޔަތުން، ރަށަށާއި ތިމާ ދިރިއުޅޭ މުޖުތަމަޢުއަށް ފައިދާ ހުރި ރަނގަޅުކަމެއް އިޚްލާޞްތެރިކަމާއިއެކު ކޮށްދޭ ފަރާތްތައް ނުވަތަ ކޮށްދޭމީހާ އެކޮށްދޭ ރަނގަޅު ކަންތައްތައް މާތްﷲ ސުބުޙާނަހޫ ވަތަޢާލާ ބައްލަވާ ވޮޑިގެންވާ ކަމާއި އެއިލާހުގެ ފަރާތުން އެފަދަ ކަންތައްތައް ކޮށްދެއްވާ ފަރާތްތަކަށް ހެޔޮސަވާބާއި ދަރުމަ ލިބިގެންދާނެކަން ވިސްނޭނަމަ، މިއަދު އަޅުގަނުމެންގެ ތެރޭގައި ބޮޑު ފިތުނައަކަށް ވެގެން މިއުޅޭ ނަންވުމުގެ މައްސަލައެއް މެދުވެރިއެއް ނުވާނެއެވެ. އަޅުގަނޑުމެންނަކީ އީމާންކަން ހަރުދަނާ އިޙްލާސްތެރި ހިތްތަކެއްގެ ވެރިބަޔަކަށް ވެވިއްޖެނަމަ އަޅުގަނޑުމެންގެ ތެރޭގައިމިވާ ފިތުނަ ފަސާދަނެތި ” ކްރެޑިޓް ” ބޭނުންވާ މީހަކު ނެތި ރަށުގެ ތަރައްޤީ އާއި ކުރިއެރުމަށް މަސައްކަތްކުރާ އެކުވެރި އެއްބައިވަންތަ އަޚުންތަކެއް ކަމުގައި ވާނެކަން ކަށަވަރެވެ.

” ރަށުގައި ކުރެވޭ އަތުގެ މަސައްކަތް ފަށުވާޅުކަމާ ކެއްކުންތައް

                ދަށުލައިގެންތިބެ ހޭބޯނާރައި ހަށަވާދަކިޔަން ނުހިނގާށޭ” (1)

(1) ވަޒަނުގެ ކުލުނު- ފަޟީލަތުއްޝައިޚް ހުސައިން ޞަލާހުއްދީން

ނޯޓް: ހަމަ މިލިޔުން ( dhiveshi.com  )  އިންވެސް ފެނިލައްވާނެ

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

ޚިޔާލެއްދެއްވާ

avatar
ގުންޑާ
ގުންޑާ

މަހަމަ ކޮސްވެއްޖައިން ހަމަ ކޮންމެ ބަޔަކު ކުރިއަސް މިރަށުމީހުންނޫންތަ އެކަމެއް އެކުރަނީ. ފަޔާމެންވެސް ދޫކުރަން ވެއްޖެހެން ހީވަނީ

ދަބަރުބެ
ދަބަރުބެ

މ އެމްޑީޕީ މީހުންގެ ހަޔާތެއް ނުހުރެޔޭ . ދެންވާނީ އެހެންނު،.

ސޮނީ ސަން
ސޮނީ ސަން

ވަރަށް ރަގަޅު ލިޔުމެއް މިހާރުދެން މިކަމަކާހެދި ނެތޭ ދިރިއުޅެވޭކަށް.

wpDiscuz