نبي صلى الله عليه وسلمގެ ދަރުބާރަށްފަހު

އަހަރުދުވަސް މަސްތަކަކަށް ބަދަލުވެ، އަދި މަސްދުވަހަށްފަހު 20 ދުވަހުން 10 ދުވަހަށް ބަދަލުވެއްޖެއެވެ. 5 ކުން 4 ކުން 3ކަށް އަދި 2، 1 ކަށްފަހު އެދުވަސް ކުރިމަތިލީ ދިގު އިންތިޒާރަކަށް ނިމުމެއް ގެންނަމުންނެވެ. އާދެ، އަޅުގަނޑުމެންނާއި މީގެ 30 ދުވަސް ކުރީން ރަމަޟާންމަސް ބައްދަލުކުރީ ދިގު އިންތިޒާރަކަށް ފަހުގައެވެ. މިއިންތިޒާރުގައި ތިއްބާ އެއްބަޔަކު އަޖަލުގެ ގޮވާލުމަށް އިޖާބަދީ އަޅުގަނޑުމެންނާއި ވަކިވެ، އަޅުގަނޑުމެންގެ އަތްތަކުން ވަޅުލައިފީމެވެ. ﷲ ގެ ރަޙްމަތުން އަޅުގަޑުމެން މި ރަމަޟާންމަހުގެ 30 ދުވަސް ދެކެފީމުއެވެ. އަދި ﷲގެ ރަޙްމަތްފުޅާއިއެކު ޘަވާބާއި ދަރުމައިގެ ފުނިވަރެއް އަޅުގަނޑުމެންގެ އާޚިރަތުގެ ޚަޒާނާއަށް ޖަމާކޮށް، ހެޔޮކަމުގެ ގޮވަތިން އަޅުގަނޑުމެން ބިން ގަނެފީމެވެ.

ރަޙްމަތާއި ބަރަކާތުން ފުރިގެންވާ މޫސުން އަޅުގަޑުމެންނާއި ބައްދަލުކުރި ހިނދު، އެހެން މުސްލިމު އަޚުންނާއި އުޚްތުން ފަދައިން، އަޅުގަނޑުވެސް ޢަޒުމެއް ކަނޑައެޅީމެވެ.  އެއީ، އަޅުގަޑުގެ ޙަޔާތުގައި މާޒީވެދިޔަ އެހެން ހުރިހާ ރަމަޟާންމަހަށްވުރެ އިތުރަށް، މިމަހުގެ ބަރަކާތާއި ހެޔޮ ޘަވާބާއި ދަރުމައާއި ނިއުމަތް އެންމެ ފުރިހަމަ ގޮތުގައި ހޯދުމުގައި ކުރިއަރައި މުރާލިވުމުގެ ޢަޒުމެވެ.

ރަމަޟާންމަހަށް ކުރިމަތިލީ ފުރަތަމަ ރޭގެ ފަތިސްނަމާދުވަގުތެވެ. އާދައިގެމަތިން ފަތިސްނަމާދަށް މިސްކިތަށްގޮސް ޖަމާޢަތުގައި ނަމާދުކުރީމެވެ. ނަމަވެސް ވަރަށްބޮޑު އުފަލަކާއި ހިތްހަމަ ޖެހުމަކާއި އެކުގައެވެ. އެހެންމަސްމަހު ފަތިސްނަމާދު ވަގުުތު ޖަމާއަތުގައި ދެ ސަފު ފުރުނުއިރު މި މާތްމަހުގެ ފުރަތަމަ ފަތިސް ނަމާދު ސިފަކުރެވުނީ ހުކުރު ޖަމާޢަތެއްގެ ގޮތުގައެވެ. ޙަމްދު ހުރީ ﷲ ތަޢާލާއަށެވެ. އަޅުގަނޑުމެންގެ މި ބަރަކާތްތެރި ފަސްގަނޑުގެ މުސްލިމު އަޚުންނާއި އުޚްތުން ރަމަޟާންމަހަށް އިސްތިޤްބާލުކުރިގޮތް އިޢްލާން ނުކުރިނަމަވެސް އެބައިމީހުންގެ ޢަމަލުން އެކަން ފެނިގެން ހިނގައްޖެއެވެ. ލިބުނު އުފަލެއްގެ ބޮޑުކަމުން މިމަސް ފެށުމުގެ ކުރީން ހިތުގައި އަޒުމު ކަޑައެޅި ކަންތައްތައް އިތުރަށް ހަރުދަނާ ވެގެން ދިޔައެވެ.

ކޮން ޢަޒުމެއް ތޯއެވެ؟ ޖަމާޢަތުގައި ނަމާދުކޮށް ފުރަތަމަ ސަފުން  ޖާގަ ހޯދުމުގެ އަޒުމެވެ.. ބަރާބަރަށް ނަމާދު ކުރުމެވެ. ދަމުނަމާދު ކުރުމަށާއި، ޤުރުއާން ކިޔެވުމަށް އެންމެ ފުރަތަމައަށް ހޭލައިގެން މިސްކިތައް ދިއުމުގެ އަޒުމެވެ. އިރުއޮއްސޭ ވަގުތު އަންނަ ދުޢާ އިޖާބަކުރައްވާ ވަގުތު ކޮޅު މިސްކިތުގައި އިނދެ، ހުސްޠާހިރުވަންތަ ﷲ ތަޢާލާގެ ހަޟްރަތުން ފުއްސެވުމާއި ރުއްސެވުންއެދި ދެންނެވުމުގެ ޢަޒުމެވެ. ބެލުންތިރި ކުރުމާއި ، ދޫރައްކާތެރި ކުރުމާއި ، އަޑުއެހުން ކޮންޓްރޯލް ކުރުމުގެ ޢަޒުމެވެ. ނަމަވެސް މިޢަޒުމުގައި މުރާލިވެގެން މިއުޅެވެނީ އަޅުގަނޑަށް އެކަނި ނޫންކަމާއި، އަދި މިއަހަރުގެ ރަމަޟާންމަހު މިކަންކަން ހާޞިލްކުރުމަކީ ފަސޭހަކަމެއް ނޫންކަން އެނގުނީ، އެހެން ބަޔަކުވެސް އަޅުގަނޑުގެ ފަހަތުން އަޅުވައިލައިގެން، ނުވަތަ ކުރީން އޯވަރޓޭކް ކޮށްގެން އުޅޭކަން އެނގުމުންނެވެ.

“މިސްކިތު ދާރަ” އިގެ ގޮތުގައި އެތައް އަހަރެއް ހޭދަކުރި ހަރުމީހުންނާއި ވާދަކުރުމުގެ ވާހަކަ ދެއްކޭވަރަށްވުރެ އަޅުގަނޑުމެން އަދި ހަގެވެ. އެހެންކަމުން ވާދަކުރެވޭތޯ މިއުޅެނީ އަޅުގަނޑުމެންފަދަ ޢަމަލުގެ ގޮތުން ޅަކުދީންނާއެވެ.

އާދެ! ރަމަޟާންމަހަކީ ނަފްސަށް ހިމޭންކަމާއި، މަޑުމައިތިރިކަމާއި ކެތްތެރިކަން ގެންނަން ޖެހޭ މަސްވަރެވެ. އެހެން ނަމަވެސް މި ރަމަޟާންމަހުގައި އަޅުގަނޑު އަޒުމުކަނޑައެޅި ކަންތައްތައް ހާޞިލުކުރުމަށްޓަކައި ޖެހުނީ ފާރަވެރިވާށެވެ. ގަދަޔަށް ޒުވާބުކުރާށެވެ. ގަދަހިފުން ހިފާށެވެ. ޖާސޫސުކުރާށެވެ. ސަބަބަކީ ތޯއެވެ؟ ވާދަވެރިކަމެވެ.

ދަމުނަމާދު ކުރުމަށާއި ރޭގަނޑު ވަގުތު މިސްކިތުގައި މަޑުކޮށް ޤުރުއާން ކިޔެވުމުގައި ވާދަވެރިކަން ގޮސްފައިވާ ހިސާބަކީ،  މިސްކިތައް ދާ ފުރަތަމަ މީހަކަށް ވުމަށް ރޭގަނޑު 1:30 ގައި ހޭލައިގެން ދިޔަޔަސް ލިބެނީ 3 ވަނަ ނުވަތަ 6 ވަނަ އެވެ.

މިސްކިތަށް ވަދެފައި ބައެއްފަހަރު ގަޑިބަލާލެވެނީ މާފަހުން އާދެވުނުކަމުގައި ހީވެގެންނެވެ. އެހެންޏާ ފަހެ، ޒިޔާދުމެން، ޔޫއްޓޭމެން  އައްމަޑޭމެން ، ޒީރޯމެން އަދި ފަޒީލްމެން އެތިބެނީ ރޭގަނޑު ފުރަމެންދަމު ހޭލައެވެ. މުޅި މިިސްކިތްތެރެ އަޑު ބައްދާލައިފައެވެ.

ނަމާދުގެ ޖަމާޢަތުގެ ފުރަތަމަ ސަފުން ޖާގަހޯދުމަކީ ޢާއްމުގޮތެއްގައި މާ އުނދަގޫކަމެއް ނޫނެވެ. ރޯދަމަހުވެސް އެކަން ވަމުން އައީ އެގޮތަށެވެ. އެހެން ނަމަވެސް މިރޯދަމަހުގައި އެކަމުގައިވެސް ޖެހުނީ ” ނޯ” ޖަހާށެވެ. މާކުރީން ރެޑީވެގެން ނާދެވުނިއްޔާ ދެން ޖެހޭނީ ފަހަތު ސަފުން އެއްވަނަ ލިބޭތޯ ބަލާށެވެ. މާޝާﷲ އެވެ. ނަމާދު ވަގުތު ޖަމާޢާތައް ގޮވާލެވޭ ހިނދު ފަޔާއި ފައި ޖައްސާ ކޮޑާއި ކޮޑު ޖައްސަ ގިނަފަހަރަށް ބާާރުކޮށްލާތަން ފެންނަނީ ނޫކަށި ފުރައިގެ ޒުވާން ކުދިންނެވެ. ގިނަފަހަރަށް މި މަސްތެރޭގައި ނަމާދުގެ ޖަމާޢަތުގެ ފުރަތަމަ ސަފުން ޖާގަހޯދަން ޖެހެނީ މިކުދިންނާއި ހިފާ ގަދަވެގެންނެވެ. ފުރަތަމަ ސަފުގައި ޒިޔާދު ހުޝިޔާރުވެ ހުންނަގޮތުން ބައެއްފަހަރު ހީވަނީ، ކުރިން އަޔަސް ފުރަތަމަ ސަފުން ޖާގަލިބޭނީ ޒިޔާދު ޖާގަދިން މީހަކަށް ކަމަށެވެ. ނޫނީ މިސްކިތް ހިފާލައިގެން ތިބޭ ދަރިވަރުންކޮޅު  ސޯއަށް ތަންކޮޅެއް ދައްކާލިއްޔާކަމަށެވެ. ޝަހީދުމެން، ޢަބްދުﷲ ސަޢީދުމެން، ޢަޒީމުމެން، ރިހުޝާނުމެން އެތިބެނީ އެހެން މީހަކު އަރާފާނެތީ ދެއަތް ފުއްޕާލައި މުޅި މިސްކިތް ހިފާލައިގެންނެވެ. ހިތާހިތާ ބުނާކަހަލައެވެ. “ސޯމެން މުސްކުޅިން ތަންކޮޅެއް ފަހަތުގައި ތިބެލާށެވެ! މިއީ އަހަރެމެންގެ ފަހަރެވެ.

އެވަރުން ތަންކޮޅެއް ލިބުނަސް ސިއްރު ސިއްރުން ދެފަރާތް ބަލާލެވެއެވެ. ޝީޓޭމެން ، އައްޔަމެން ޑޭވިޑްމެންގެ ތޫނު ނަޒަރު އަމާޒުވެފައި ހުރިތޯއެވެ. އެމީހުން ހިތުން ޖަމާޢަތުގައި ނަމާދުކުރަން ޖެހޭނީ އެދެމީހުން އެކަންޏެވެ. އެމީހުންނަށްވުރެ ކުރިއަށް އެރިއްޖެނަމަ އެހާވެސް ބޮޑަށް ލޯއަޅާނެއެވެ.

މިދިޔަ އަހަރުގެ މި މާތް މައްސަރުގައި ޤުރުއާން ކިޔެވުމަށް ދެތިން މީހުން މިސްކިތުގައި ތިބި ނަމަވެސް، މިއަހަރު މިއަދަދުވަނީ އެތައްގުނަޔަކަށް އިތުރު ވެފައެވެ. ހުކުރު ދުވަސްތޯއެވެ! ހުކުރުގެ ޖަމާޢަތް ފުރަތަމަ ހޯދާމީހަކަށް ވުމުގެ އަޒުމުގައި 11 ގެ ކުރިން މިސްކިތައް ދިޔަ ކަމުގައި ވީނަމަވެސް ޖަމާޢަތުގެ ގަދަ 10 ގައިވެސް ލައްވާ ނުލައެވެ. މުޅި މިސްކިތް އަޑު ބައްދާލައިފައިވަނީ މަތިވެރި ކަލާމްފުޅުގެ ކީރިތި މޫރިތި އަޑުންނެވެ. އެންމެ ތުއްތު ކުއްޖާއިން ފެށިގެން އެންމެ މުސްކުޅިމީހާވެސް ފެންނަނީ ކީރިތި ޤުރުއާން ކިޔަވަމުންދާ މަންޒަރެވެ. ހުކުރު ނަމާދުކޮށް ނިންމުމަށްފަހުވެސް ޤުރުއާން ކިޔެވުމަށް ވަގުތު ހޭދަކުރަނީ މަދުމީހެއް ނޫނެވެ.

ރޯދަ ވީއްލާ ވަގުތު މީގެ ކުރިން މިސްކިތައް ދެތިން މީހަކު ޖަމާވިނަމަވެސް މިއަދު މިވަނީ ވަރަށް ބޮޑަށް އިތުރުވެ، މަޣުރިބު ނަމާދަށް ބަންގި ގޮވުމުގެ ކުރިން މާތްﷲ ސުބުހާނަޙޫ ވަތަޢަލާގެ ގެ ކޮޅަށް ޖަމާވެ ، ދެއަތްމައްޗަށް އުފުލައި އެއިލާހުގެ ހަޟްރަތައް ދުޢާދަންނަވާ ފަރާތްތައް ގިނަވެފައެވެ. ޚާއްޞަކޮށް ޒަމާނުއްސުރެ ރަށުމީހުންނަށް ވާޖިބެއްގެ ގޮތުގައި އެކަން ކޮށްދެމުން އައި ހަރުމީހުންވެސް، މިއަދު ތިބެނީ ކުޑަކޮށް ޖެހިލުން ވެފައެވެ. ވާނީވެސް އެހެންތާއެވެ. މިދާގޮތަށް ދަންޏާ، އަންނަ ރޯދަމަހު ޅަކުދީން ރޯދަވީއްލާފައި ކަދުރުކޮޅެއްވެސް މުސްކުޅިވެރިންނަށް ބާކީނުވެ، ފެންފުޅިއަކުން، ނުވަތަ މިސްކިތު ވަޅުން ރޯދަވީއްލަން ޖެހުން އޮންނާނީ ވަރަށްވެސް ކައިރީގައެވެ.

ޝައްކެއް ނެތެވެ. މިލިއުމުގައި އެފަރާތްތަކުގެ ނަންގެނެވިފައި ނުވިނަމަވެސް އަޅުގަނޑުމެންގެ ވަރަށް ގިނަ އަޚުންނާއި އުޚްތުންނެއް މި ރަމަޟާންމަހުގައި ވަނީ ހެޔޮކަމުގެ ތިލަފަތް ބަރުކުރުމަށް ޓަކައި ރެޔާއި ދުވާލު ނުހަނު ބުރަ އުފުލައި އަޅުކަމުގައި ހީވާގި ވެފައެވެ. އަޅުގަނޑަށް މިހާ އުފާވެރި ގޮތެއްގައި ރަމަޟާންމަހުގެ އަޅުގަނޑުމެންގެ މުޖުތަމަޢް މި ސިފަކުރެވުނީ ލޮލަށް ފެނި އިޙްޞާޞްވީ ފޮނި އިޙްޞާޞެއްގެ މައްޗަށެވެ. ހެޔޮކަމުގައި އަޅުގަނޑުމެންގެ ޅަކުދީންނާއި ހަރުމީހުން އަދި މުސްކުޅީން އަވަދިނެތި އުޅެމުން ދިޔަތަން ފެނުމުން އަޅުގަނޑަށް އިޙްޞާޞްވީ މާތް نبيصلى الله عليه وسلمގެ ޞަޙާބީން ހެޔޮކަންކަމުގައި ވާދަކުރައްވައި އުޅުއްވި ގޮތުގެ ހާދިސާތަކެވެ. މި ރަމަޟާންމަހުގައި އަޅުގަނޑުމެންގެ މުޖުތަމަޢްއިން ފެނިގެން މިދިޔައީ މުސްލިމު މުޖްތަމަޢްއެއްގައި މުސްލިމު ވެއްޓެއްގައި މުސްލިމުން ކަންތައްކުރާނޭ ގޮތެވެ. އާދެ! نبي صلى الله عليه وسلمގެ ދަރުބާރުން ދުވަހެކެވެ.

މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް އަޅުގަނޑުމެންނާއި ވަކިވީއެވެ. އެއްބަޔަކަށް ހެޔޮކަމުގެ ފަރުބަދަތައް، އަނެއްބަޔަކަށް ޘަވާބުގެ މުންނާރުތައް ހަދިޔާކުރުމަށް ފަހުގައެވެ. ނަމަވެސް ހަނދާން ބަހައްޓަންޖެހޭ ކަމަކީ އަޅުގަނޑުމެން އަޅުކަންކުރީ ރަމަޟާންމަހަށް ނޫންކަމެވެ. އެރަމަޟާންމަހުގައި ބަރަކާތްލެއްވީ މަތިވެރި ﷲ ތަޢާލާއަށް ކަމެވެ.

އެހެންކަމުން ފިތުނަވެރިކަމާއި ފަސާދައިގެ ޒަމާނުގައިވެސް، ރަމަޟާންމަސް ނިމުމަށް ފަހުގައިވެސް އަޅުގަނޑުމެން ހެޔޮކަންކަމުގައި ވާދަކޮށް نبي صلى الله عليه وسلم އާއި ގާތް ބަޔަކުކަމުގައި ވަމާތޯއެވެ. އެކަލޭގެފާނު ލޮލުން ނުދެކި، އެކަލޭގެފާނާއިއެކު ދަރުބާރުކުރުމުގެ ނަސީބު ނުލިބި، އެކަލޭގެފާނުގެ ގޮވާލެއްވުމުގެ އަޑު ނާހާ، އެހެން ނަމަވެސް އެންމެ ދަތިކަމާއި ބީރައްޓެހިކަމުގެ ޒަމާނުގައި އެކަލޭގެފާނަށާއި އެކަލޭގެފާނުގެ ސުންނަތަށް ނަސްރުދީގެން، އެކަލޭގެފާނު އެބައެއްގެ ޚަބަރު ދެއްވާފައިވާ 50 ޞަޙާބީން ޘަވާބާއި ދަރުމަ ލިބެނިވި ބަޔަކުކަމުގައި ވަމާތޯއެވެ. نبي صلى الله عليه وسلم قال *(( إن من وراءكم أيام الصبر المتمسك فيهن يومئذ بما أنتم عليه له كأجر خمسين منكم قالوا يا نبي الله أو منهم قال لا بل منكم)) الطبراني في معجمه الكبير ج 10 މާނައީ، نبي صلى الله عليه وسلمޙަދީޘްކުރެއްވިއެވެ.” ތިޔަބައިމީހުންގެ ފަހުގައި، ކެއްތެރިކަމުގެ ޒަމާނެއް ވެއެވެ. އެޒަމާނުގައި ތިޔަބައިމީހުން ފަދައިން ދީނުގައި ގަދައަޅައި ސާބިތުވެތިބޭ ބަޔަކަށް ތިޔަބައިމީހުންގެ ތެރެއިން 50 މީހުންގެ ޘަވާބާއި ދަރުމަ ލިބޭ ހުއްޓެވެ. ޞަޙާބީން ސުވާލުކުރެއްވިއެވެ. އޭ نبي الله އެވެ. ނުވަތަ އެއީ އެބައިމީހުންގެ ތެރެއިން 50 މީހުންތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. ނޫނެކެވެ. ތިޔަބައިމީހުންގެ (އެބަހީ ޞަހާބީންގެ) ތެރެއިން 50 މީހުންގެ ޘަވާބާއި ދަރުމައެވެ.”

އެހެންކަމުން އަޅުގަނޑުމެންގެ ތެރެއިން އެއްވެސް މީހަކަށް، އަންނަ ރަމަޟާންމަހާއި ބައްދަލުވާނޭކަމުގެ ޔަގީންކަން ނެތް ހިނދު، މިރަމަޟާންމަސް ނިމުމަށް ފަހުގައިވެސް، ރަމަޟާންމަހާއި އެނޫންމަސްތަކުގެ ވެރި ﷲ ޞުބުޙާނަހޫ ވަތަޢާލާއަށް ތަޤްވާވެރިވެ ހެޔޮކަމުގައި ވާދަކޮށް ވާގިވެރިވެ އުޅެމާތޯއެވެ؟ ދީނޮގޮތުން ރަނގަޅު ތަރުބިއްޔަތެއް ލިބި، އަޚްލާޤީގޮތުން ދުޅަހެޔޮ، ބަސްއަހާ ކިޔަމަންތެރި ޖީލެއް އަޅުގަނޑުމެންގެ ފަސްގަނޑުން އުފައްދަމާތޯއެވެ. ﷲ ތަޢާލާ ވަޢްދުވެ ވޮޑިގެންފައިވާ އިލާހީ ނިޢްމަތް އުޑުންނާއި، ބިންގަނޑުން ރިޒުޤުކުރައްވާފަދަ ޞާލިޙު، ހެޔޮޢަމަލުކުރާ ބައްއެއްކަމުގައި އަޅުގަނޑުމެން ވަމާތޯއެވެ. ދުނިޔޭގައި އަމާން އޮމާން ދިރިއުޅުމުގެ ނަމޫނާ މިސާލެއް ކަމުގައިވެ، އާޚިރަތުގައި ހެޔޮކަމުގެ މީޒާން ބުރަހެލިވެގެންވާ ބަޔަކުގަމުގައި އަޅުގަނޑުމެން އެންމެން ލައްވާށިއެވެ. އަޅުގަނޑުމެންގެ ތެރެއިން ދިރި ދުނިޔޭގައި ލެހެއްޓެވި ބަޔަކަށް އަންނަ އަހަރުގެ ރަމަޟާންމަހަކީ މިމަހަށްވުރެ ހުރިހާ ގޮތަކުން ފުރިހަމަ މަހެއްކަމުގައި ލައްވާށިއެވެ. “تَقَبَّلَ اللهُ مِنَّا وَمِنْكَ”، و عيد مباركة.

ލިޔުނީ: މިހާސް

މިހާސްއަކީ ކޮންމެ ދާއިރާއަކުންވެސް ހަބަރުތަކާއި، ރިޕޯޓްތައް އަދި އެހެނިހެން ވެސް ލިޔުންތައް ލިޔުމަށް ކުޅަދާނަ ނޫސްވެރިއެކެވެ. ހާއްޞަ ދާއިރާއަކީ އިޖްތިމާއީ މައްސަލަތަކާއި، އަދި ނ.އަތޮޅުގެ ފުޓްބޯޅަ އާއި ގުޅުންހުރި ރިޕޯޓްތައް ލިޔުމެވެ.

ޚިޔާލެއްދެއްވާ

avatar
ކޭޑީ
ކޭޑީ

ވަރައް ހަބޭސް ދޯ!!!!!!!!

wpDiscuz