އުއްތަމަ ފަނޑިޔާރު އަލްއުސްތާޒު އަބްދުﷲ ސައީދުގެ ގާނޫނީ ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން / ފޮޓޯ:ވީމީޑިއާ

އުއްތަމަ ފަނޑިޔާރު ސަސްޕެންޑް ކުރިމައްސަލަ މަޖިލީހަށް ހުށަހަޅާނަން – ވަކީލުން

އުއްތަމަ ފަނޑިޔާރު އަލްއުސްތާޒު އަބްދުﷲ ސައީދު ސަސްޕެންޑް ކުރި މައްސަލަ ރައްޔިތުންގެ މަޖްލީހަށް ހުށަހަޅާނެކަމަށް އެމަނިކުފާނުގެ ވަކީލުން ވިދާޅުވެއްޖެއެވެ.

އުއްތަމަ ފަނޑިޔާރުގެ ވަކީލުންގެ ޓީމުން މިކަން ހާމަކޮށްފައިވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ވަކީލު ހިސާން ހުސައިން ވިދާޅުވީ އުއްތަމަ ފަނޑިޔާރަށް ފަނޑިޔާރެއްގެ މަސްއޫލިއްޔަތު ވަގުތީގޮތުން އަދާނުކުރެވޭނެ ކަމަށް ޖޭއެސްސީން ނިންމާފައިވަނީ އެކޮމިޝަންގެ ގާނޫނާއި ފަނޑިޔާރުންގެ ގާނޫނާ ކަނޑައެޅިގެން ޚިލާފަށް ކަމަށެވެ.

އުއްތަމަ ފަނޑިޔާރު ސަސްޕެންޑް ކުރީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކަމަށާއި ފުލުހުން ގޮތެއް ނިންމައި ކޮމިޝަނަށް އެންގުމުން އަނެއްކާ ކޮމިޝަނުން އެކަން ބަލައި ގޮތެއް ކަނޑައަޅަންދެން އުއްތަމަ ފަނޑިޔާރު ސަސްޕެންޑް ކުރީ ކަމަށް ޖޭއެސްސީން ބުނެފައިވާ ކަމަށް ހިސާން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ ޖޭއެސްސީން މިފަދަ މައްސަލަތަކުގައި އަމަލުކުރަންޖެހޭ އުސޫލުތަކެއް ގާނޫނުގައި ބަޔާންވެގެންވާ ކަމަށާއި އެގޮރުން ތުހުމަތުވާ ފަރާތާ ސުވާލުކުރެވި، އެމީހެއްގެ ބަހެއް ހޯދުމަށްފަހު ނޫނީ އިދާރީ ފިޔަވަޅެއް ވެސް ފަނޑިޔާރަކާ މެދު ނޭޅޭނެ ކަމަށެވެ. ނަމަވެސް އުއްތަމަ ފަނޑިޔާރާ މެދު ޖޭއެސްސީން ފިޔަވަޅު އެޅީ އެއްވެސް ސުވާލެއް ނުކޮށް، ޖަވާބުދާރީވުމުގެ ފުރުސަތު ނުދީ ކަމަށް ޙިސާން ވިދާޅުވިއެވެ.

ޖޭއެސްސީގެ ނިންމުމަކީ ގާނޫނީ އިޖުރާއަތާއި ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައިވާ ނިންމުންތަކާއި ގާނޫނުތަކާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ހިސާން ވިދާޅުވިއެވެ. އެހެންކަމުން މިމައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ. ޖޭއެސްސީ ޖަވާބުދާރީ ކުރުވުމަށް ގާނޫނުއަސާސީގައި ކަނޑައަޅާފައިވަނީ ރައްޔިތުންގެ މަޖިލީސްކަން ވެސް ހިސާން ފާހަގަކުރެއްވިއެވެ.

ކުއްލިޙާލަތު އިއުލާން ކުރެއްވުމާއި ގުޅިގެން މަޖްލިސްގެ ޖަލްސާތައްވަނީ މެދުކަނޑާލައިފައެވެ. ކުއްލިޙާލަތު އުވާލުމުން ޖަލްސާތައް ކުރިއެކޭވެސް އެއްގޮތަށް ކުރިއަށްދާނެކަމަށް ސަރުކާރުންބުނެއެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ޚިޔާލެއްދެއްވާ

avatar
wpDiscuz