ތިޔަހެނެއް ނުކިޔޭނެ!

ދިވެހިރާއްޖޭގެ ޢަދުލު އިންސާފު ޤާއިމުކުރުމުގެ ބާރު ލިބިގެންވަނީ ކޮންފަރާތަކަށްކަން، މިހާރު ޢަމަލުކުރަމުންދާ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގައި (ފެހި ޤާނޫނު އަސާސީގައި) ބަޔާންކޮށްފައި އެބަ އޮތެވެ. މިކަން ބަޔާންވެފައި އޮންނަނީ ޤާނޫނު އަސާސީގެ 7 ވަނަ މާއްދާގައެވެ. މި މައްދާއާ ގުޅިގެން އިތުރަށް ތަފްޞީލު ލިޔެފައިވަނީ އެ ދުސްތޫރުގެ 141 ވަނަ މާއްދާގައެވެ. މި މާއްދާގައި ބަޔާންވެގެން ވާ ގޮތުން ޢަދުލު އިންސާފު ޤާއިމުކުރުމުގެ އެންމެ އިސްފަރާތަކީ ސްޕްރީމް ކޯޓެވެ. މި ބާރު އިތުރަށް ކަށަވަރު ކުރުމުގެ ގޮތުން ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ނ) އޮންނަނީ “އަމިއްލަ ފަރުދަކުވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ޙަވާލުވެހުރި މީހަކުވިޔަސް، ފަނޑިޔާރުންގެ މަސައްކަތާބެހި ނުފޫޒު ފޯރުވައިގެން ނުވާނެ” ކަމުގައެވެ. މިހާރު ޢަމަލުކުރަމުންދާ ޤާނޫނު އަސާސީއާ ޚިލާފަށް 1998 ވަނަ އަހަރުގެ ޤާނޫނު އަސާސީ (ނޫ ޤާނޫނު އަސާސީ) ގައި އެކަން އޮތީ އެހެންނެއް ނޫނެވެ.

2008 ވަނަ އަހަރު އިސްލާހުކުރެވުނު ޤާނޫނު އަސާސީ (ފެހި ޤާނޫނު އަސާސީ) ގައި 3 ބާރު ވަކިކޮށް ޢަދުލު އިންސާފު ޤާއިމުކުރުމުގެ ބާރު ވަކިކުރީ، 3 ބާރު އެއްވުމުގެ ސަބަބުން މިނިވަންކަމާއި އަސާސީ ޙައްޤުތައް ލިބުމުގައި ފުށުއަރާކަމަށް ޤަބޫލުކުރެވިގެންނާއި ޢަދުލު އިންސާފާއި އަސާސީ ޙައްޤުތައް އިތުރަށް ކަށަވަރުކޮށްދިނުމުގެ އިތުރުން، ދުނިޔޭގެ އެހެންވެސް މިނިވަން ޑިމޮކްރެޓިކް ޤައުމުތަކުގައިވެސް އެކަން އެ ގޮތަށް އޮންނާތީ، ދިވެހިން އެ ގޮތަށް ބޭނުންވެގެންނެވެ.

މިހާރު ދިވެހިރާއްޖޭގައި މި އޮތް ދުސްތޫރީ ނިޒާމަކީ، އެއްބާރުން އަނެއްބާރަށް ނުފޫޒު ފޯރުވާ ނުވަތަ ޤާނޫނުން ބާރު ލިބިގެން ކުރާ މަސައްކަތްތަކާ ބެހެވޭ ގޮތަށް އޮތް ނިޒާމެއް ނޫނެވެ. އޭގެ ބަދަލުގައި އެއްބާރުން އަނެއްބާރު ޖަވާބު ދާރީކުރުވުމާއި ފާރަވެރި ވުމާއެކު، އެއްބާރުން އަނެއް ބާރަށް އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ގޮތަށް އޮތް ނިޒާމެކެވެ. އެއްބާރުން އަނެއްބާރަށް ފާރަވެރި ވުމުގެ އެންމެ ބޮޑު ބޭނުމަކީވެސް ރައްޔިތުންގެ މިނިވަންކަމާއި ޙައްޤުތައް ކަށަވަރުކޮށްދިނުމެވެ.

ނަމަވެސް 1998 ގެ ދުސްތޫރުގައި މިކަން އޮތީ މިހެންނެއް ނޫނެވެ. 1998 ގެ ޤާނޫނު އަސާސީގައި ވާގޮތުން އޭރު ފަނޑިޔާރުން ޢައްޔަނުކުރުމާއި ވަކިކުރުންވެސް ކުރިއަށް ގެންދެވުނީ ރައީސުލްޖުމްހޫރިއްޔާގެ ބެލުމުގެ ދަށުންނެވެ. ޢަދުލު އިންސާފު ޤާއިމުކުރުމުގެ ފަހުބަސް ބުނުމުގެ ބާރުވެސް ލިބިދީފައި އޮތީ ރައީސުލް ޖުމްހޫރިއްޔާއަށެވެ. 2008 ގެ ކުރީން ނިމިފައިވާ އެތައް މައްސަލައެއް އޭރު މިގޮތަށް ނިމިފައިވާކަން އޭރުގެ އަރުޝީފުން މިހާރުވެސް ފެންނާން އެބަހުއްޓެވެ.

ދައުލަތުން އިނާޔަތްދޭ އެހެން މުއައްޒަފުންނެކޭ އެއްގޮތަށް ރައީސުލްޖުމްހޫރިއްޔާއަކީ ވެސް ދައުލަތުގެ މުވައްޒަފެކެވެ. އެ މަގާމުގައި ހުންނަ މީހަކު ވެސް ނިންމާފައިވާ ނިންމުމެއް ޤާނޫނުއަސާސީއާ ޚިލާފުވާ ނަމަ އެއީ ބާތިލު ނިންމުމެއް ކަމުގައި ކަނޑައެޅުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިގެންވެ އެވެ. މިފަދަ ނިންމުމެއްގެ ސަބަބުން ބަޔަކަށް ގެއްލުމެއް ލިބިފައިވާ ނަމަ އެ ގެއްލުމުގެ އަދުލުވެރި އިންސާފުވެރި ބަދަލު ލިބިދިނުމަށްޓަކައި އަމުރުތައް ނެރުމުގެ ބާރު ވެސް، ގާނޫނުއަސާސީގެ 144ގެ (ހ) އަދި (ށ) އިން ސުޕްރީމް ކޯޓަށް ލިބިގެންވެ އެވެ. ސްޕްރީމް ކޯޓު އަމިއްލައަށް ބޭނުންވެގެން މައްސަލަތައް ބެލައި ވަކި ގޮތަކަށް ވަކި ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް ދައުލަތުގެ އެންމެހައި މުއައްސަސާތަކަށް އެންގުމުގެ ޤާނޫނީ އިޚްތިޞާޞްވެސް އެ ކޯޓަށް ލިބިގެންވެއެވެ. މި ހުރިހައި ކަމަކުން ވަރަށް ސާފުކޮށް އެނގިގެންދަނީ ސްޕްރީމް ކޯޓަކީ އަމިއްލަ ޒާތުގައި “ޕޮޒިޝަން ޕަވަރ” ލިބިގެންވާ މުއައްސަސާއެއްކަމެވެ.

މީގެ އިތުރުންވެސް ސްޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައިވާ އެތައް އެތައް ޤަޟިއްޔާތަކަކުން ފެންނަން ހުރި ގޮތުގައި ޤާނޫނު އަސާސީއަށާއި ޤާނޫނީ ގޮތުން ނިންމާ ނިންމުންތަކުގެ އެންމެ ފަހުބަސް ބުނުމުގެ ބާރު ސްޕްރީމް ކޯޓަށް ލިބިގެންވާކަން މުޠުލަޤުކޮށް ސާފުކޮށް އެނގެން އެބަ އޮތެވެ. މިފަދަ ނިންމުންތަކަށް ބަލާއިރު، ޤާނޫނު އަސާސީގެ 106 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ “ދައުލަތުގެ އެންމެ މަތީ ވެރިޔަކީ ރައީސުލް ޖުމްހޫރިއްޔާކަމަށް” ބުނެފައިވާ ބުނުން ދުސްތޫރީ ގޮތުން މާނަ ކުރުމުގެ ބާރުވެސް ލިބިގެން ވަނީ ސްޕްރީމްކޯޓަށް ކަން އޮޅުމެއް ނެތް މިންވަރަށް ސާފުކޮށް އެނގެއެވެ.

މިހާ ހިސާބުން ސުވާލު އުފެދެނީ، ދިވެހި ޖުމްހޫރިއްޔާގެ ދުސްތޫރުގައި މިހާ ސާފުކޮށް ސްޕްރީމް ކޯޓުގެ ބާރުތަކުގެ ވާހަކަ ބަޔާންކުރެވިފައި ވަނިކޮން އަދި ރައީސުލް ޖުމްހޫރިއްޔާއަށް ލިބިގެންވަނީ ވެރިކަން ހިންގުމުގެ ބާރުކަން އެނގެން އޮންނަ އިރު “ސްޕްރީމް ކޯޓު ހަމަ މަގަށް އެޅުވުމަކީ ރައީސުލް ޖުމްހޫރިއްޔާގެ މަސްއޫލިއްޔަތެއްކަމަށް” ނުވަތަ ރައީސުލް ޖުމްހޫރިއްޔާއަށް ލިބިފައިވާ ބާރެއްކަމަށް ބުނެވިދާނެ ހެއްޔެވެ؟

ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 7 ވަނަ ނަންބަރުގައިވާގޮތުން ވެރިކަން ހިންގުމުގެ ބާރު ލިބިގެންވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.

ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 115 ވަނަ މާއްދާއަށް ބަލާއިރު، އެ މާއްދާގެ (ށ) ގައި ވާގޮތުން ސަރުކާރުގެ އެންމެހައި އިދާރާތައް ގުޅިގެން މަސައްކަތް ކުރުވުމާއި، (ނ) ގައި ވާގޮތުން ޤާނޫނީ ވެރިކަން ކުރިއަރުވައި އެންމެންގެ ޙައްޤުތަކާއި މިނިވަންކަން ރައްކާތެރިކުރުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ ބާރެކެވެ.

މި ދެ މާއްދާއަށް ބަލާއިރު ރައީސުލް ޖުމްހޫރިއްޔާއަށް ލިބިދިފައިވާ ބާރުގެ ތެރެއިން “ޙައްޤުތަކާއި މިނިވަންކަން ކަށަވަރުކުރުމާއި އިދާރާތައް ގުޅިގެން މަސައްކަތް ކުރުމޭ އެ ބުނާ ބުނުމުން “ސްޕްރީމް ކޯޓު” އިސްތިސްނާ ކުރެވޭނެކަމަކަށް ބައެއް ޤާނޫނީ ވަކީލުން ދެކި ނުލައްވައެވެ. ނުވަތަ މުޅި ޖުޑީޝަރީވެސް އިސްތިސްނާ ވާނެކަމަކަށްވެސް އެ ބޭފުޅުން ދެކި ނުލައްވައެވެ. އަދި ޤާނޫނު ހެދުމުގެ ބާރު ލިބިދީފައިވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންވެސް ވިދާޅުވަނީ، ދައުލަތުގެ އެންމެ އިސްވެރިއަކީ ރައީސުލްޖުމްހޫރިއްޔާކަމަށް ޤާނޫނު އަސާސީގައި އޮންނާތީ، ޖުޑީޝަރީ ހަމައިން ކައްސާލާނަމަ ހަމަ މަގަށް އެޅުވުމަށް ރައީސުލް ޖުމްހޫރިއްޔާއަށް ބާރު ލިބިދެއެވެ.

މި ބާރުގެ ބޭނުން ހިފާގޮތާއި ހިފާފައިވާ ގޮތް ދިވެހި ޖައްވުން ފެންނާންވެސް އެބަ އޮތެވެ. އެއީ ރައީސް މުޙައްމަދު ނަޝީގެ ވެރިކަމުގައި 2012 ވަނަ އަހަރު ކުރިމިނަލް ކޯޓުގެ ޤާޟީ ހައްޔަރުކުރި މައްސަލަ އާއި މިހާރު މިދުވަސް ވަރު ސްޕްރިމް ކޯޓުގެ އަމުރަކަށް ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީނު އިންކާރު ނުކުރެއްވި ނަމަވެސް އެޙުކުމް ތަންފީޒު ވެގެންދާތަން ނުފެނުމެވެ. މި ދެ މައްސަލައިގާވެސް އެއްގޮތް ކަންތައްތަކެއް ހުރިކަމަށް ދަންނަވަމުން މިވާހަކަ މިހާ ހިސާބަށް ކުރުކޮށްލަމެވެ.

ނަމަވެސް މި މައްސަލައިގައި ޚިޔާލުތަފާތުވާ ޤާނޫނީ ބައެއް ވަކީލުން ވިދާޅުވަނީ ޢަދުލު އިންސާފު ޤާއިމުކުރުމުގެ ބާރަކީ ވަކި ބާރަކަށް ވާއިރު، އަދި 1998 ގެ ޤާނޫނު އަސާސިގައި 3 ބާރު އެއްވެފައި ވަނިކޮން ރައީސުލްޖުމްހޫރީއްޔާގެ ބާރުތައް ހަނިކޮށް ޢަދުލުއިންސާފު ޤާއިމުކުރުމުގެ ބާރަކީ ވަކި ބާރަކަށް ވެފައިވެއެވެ. މިހެން މިކަން އޮންނަ އިރު، ކަނޑައެޅިގެން ސްޕްރީމް ކޯޓު ހަމަ މަގަށް އެޅުވުމަކީ ރައީސުލްޖުމްހޫރިއްޔާ ކުރަން ޖެހޭ ކަމެއްކަމަށް ދެކުމަކީ، ނުވަތަ ކުރެވިދާނެ ކަމެއްކަމަށް ދެކުމަކީ، ސީދާ ނުފޫޒު ފޯރުވުންކަމަށް ނުބެލެވުނު ނަމަވެސް، ނުފޫޒުފޯރުވުމަށް މަގުފަހި ވެގެން ދާނޭކަމެއްކަމަށް ބެލުމުގެ ފުރުޞަތު ލިބިދެއެވެ. މި ފުރުޞަތުގެ ބޭނުން ހިފުން  ބިނާވާނީ، ވަގުތާ ޙަލަތާ ދަނޑިވަޅުގެ އިންތަކާ މިންތަކަށް ބެލޭ ގޮތަކުންނެވެ. އެހެންކަމުން އެފަދަ ކަމަކަށް މަގު ފަހި ވުމަކީވެސް ޤާނޫނު އަސާސީއާ ޤާނޫނުތަކުގެ ބާރުކަނޑުވާލުމަށް ކުރެވޭ ކުށުގެ ޢަމަލެއްކަމަށް ބެލެވިދާނެއެވެ.

އެހެން ބައެއް ވަކީލުން ވިދާޅުވަނީ، ޤާނޫނު އަސާސީގައި ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތު ބަޔާންވެފައި އެބަ އޮތެވެ. އެ މަސްއޫލިއްޔަތުގެ ތެރޭގައިވެސް ޖުޑީޝަރީގެ އެއްވެސް މަސައްކަތަކަށް އެއްވެސް މިންވަރަކަށް ރައީސުލްޖުމްހޫރިއްޔާއަށް ބަސްބުނުގެ ބާރެއް ލިބިދީފައެއް ނުވެއެވެ.

އެހެންކަމުން ރައީސުލް ޖުމްހޫރިއްޔާއަކަށް، އެއްވެސް ގޮތަކުން ފަނޑިޔާރުން ނުވަތަ ސްޕްރީމް ކޯޓު ހިނގާ ގޮތް ކަށަވަރުކުރުމަށް ނުވަތަ ހަމަ މަގަށް އަޅުވާ ސްޕްރިމް ކޯޓުގެ ހިންގުމުގެ މަސްޢޫލިއްޔަގެ ތެރެއަށް ވަދެ، ގޮތް ކިޔުމުގެ ބާރެއް ލިބިގެނެއް ނުވެއެވެ.

ލިޔުނީ: ޢަބުދުއްސައްތާރު މުޙައްމަދު

ނ. މިލަދޫ އަށް އުފަން، ޢަބްދުއްސައްތާރު މުޙައްމަދުވަނީ ސަރުކާރުގެ ޚިދުމަތުގައި 20 އަހަރަށްވުރެ ދިގުމުއްދަތެއް ހޭދަކުރައްވާފައެވެ. މި މުއްދަތުގައި އެރަށުކަތީބެއްގެ ހައިސިއްޔަތުން 7 އަހަރު ޚިދުމަތް ކުރައްވާފައިވެއެވެ. މިހާރު ވަޒީފާ އަދާކުރައްވަނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފަރާސްޓްރަކްޗަރ ގައެވެ. މިހާރު ވިލާކޮލެޖުގައި ޝަރިޢާ އެންޑް ލޯ އިން މަތީ ތަޢުލީމް ޙާޞިލުކުރައްވަމުން ގެންދަވާ ޢަބްދުއްސައްތާރު މުޙައްމަދު ވަނީ، އިސްލާމީ ޝަރީޢާގެ ދާއިރާއިން ޑިޕޮލޮމާއެއް އަދި ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓްގެ ދާއިރާއިން ވެސް ޑިޕޮލޮމާއެއް ހޯއްދަވާފައެވެ. މީގެ އިތުރުން ޢަބްދުއްސައްތާރު މުޙައްމަދުވަނީ 2004 ވަނަ އަހަރު މިނިސްޓްރީ އޮފް އެޓޯލްސް ޑިވެލޮޕްމަންޓް އާއި އޭރުގެ ނުރަސްމީ ތަޢުލީމުދޭ މަރުކަޒާ ގުޅިގެން ހިންގެވި "ރައްރަށުގެ ވެރިންތަމްރީނުކުރާ ކޯސް" ބައިވެރިންގެ ތެރެއިން އެއްވަނަ ހޯއްދަވާފައެވެ.

ޚިޔާލެއްދެއްވާ

avatar
މަޓާތޯ
މަޓާތޯ

ޤާނޫނީ މީހުން ކޮންމެ އެއްޗެއް ކިޔަސް ވެރިއަކަށް ހުންނަ މީހަކު ބޭނުން ގޮތަކަށް ކަން ކުރާނެ. ރައީސް މައުމޫނު ވެސް ކަން ކުރީ އެހެން ރައީސް ނަޝީދުވެސް ރައީސް ޔާމީނުވެސް. ދރ ވަހީދު ހެދި އެއްޗެއް ނެންގޭ.

ވައްޑޭ
ވައްޑޭ

ގާނޫނު އަސާސިގައި މިވަރަށް ލިޔެފައ ހުއްޓާ ޕިންކު ކުދިން މި ކިޔަނީ ޙުކުމް ތަންފީޒު ނުކުރާނަމޭ. ރައީސް އެއިވެސް ސަރުކާރު މުއައްޒަފެއް. އެންމެން ދުކޮށްލާ