ތަރިކައިން ކާފައަށް މުދާ ލިބޭ ޙާލަތްތައް!

ފަރާއިޟް ޢިލްމަކީ މުސްލިމުން އެ ޢިލްމެއް ޙިމާޔަތްކޮށް އާލާކޮށް ކުރިމަގުގެ ޖީލުތަކަށް ފޯރުކޮށްދޭން ކޮންމެހެން ޖެހޭ ވަރަށް ފުން ޢިލްމެކެވެ. އެހެނީ މި ޢިލްމު އުނގަންނައި ދިނުން މެދުކެނޑިއްޖެނަމަ މީސްތަކުންގެ ސިކުނޑިތަކުން މި ޢިލްމުގެ އަސާސްތައް ފޮހެވިގެން ހިނގައިދާނެއެވެ. އެހެންކަމުން ޢިލްމުވެރީން ވިދާޅުވެފައިވަނީ މި ޢިލްމު އުނގަންނައި ދިނުމަކީ، ދުނިޔެވީ އެހެން ޢިލްމުތަކާ ޚިލާފަށް މުސްލިމުންގެ މައްޗަށް ކިފާޔަތުގެ ފަރުޟެކެވެ.

މި ޢިލްމު އުނގަންނައި ދިނުމަށް ބާރުއަޅުއްވައި ކީރިތި ރަސޫލާ محمَّد  صلى الله عليه وسلم ޙަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. “ތިޔަބައި މީހުން ފަރާއިޟް ޢިލްމު އުނގެނި އެ ޢިލްމު މީސްތަކުންނަށް އުނގަންނައި ދޭށެވެ. ފަހެ ހަމަކަށަވަރުން އެއީ ޢިލްމުގެ ދެބައިކުޅަ އެއްބައެވެ. އެއީ ހަނދާންނެތިވެ ދަނިވި ޢިލްމެކެވެ. އެއީ ތިމަންކަލޭގެފާނުގެ އުއްމަތުގެ ކިބައިން އެންމެ ފުރަތަމަ ނިގުޅައި ގަނެވޭނެ ޢިލްމެވެ.” (މުޙައްމަދު ރަޝީދު އިބްރާހީމް “އިސްލާމީ ފިޤްހު:2 ޞ:166)

ޞަޙާބީ ބޭކަލުންގެ ތެރޭގައި މި ޢިލްމަށް ވަރަށް ކުޅަދާނަ ބޭފުޅުން ތިއްބެވިއެވެ. މި ގޮތުން ޢުމަރުގެފާނުވަނީ ތަރިކައިގެ އެތައް މައްސަލައެއް ޙައްލު ކޮށްދެއްވާފައެވެ. ޢުމަރުގެފާނު ވިދާޅުވެފައިވާ ގޮތުގައި ފަރާއިޟް ޢިލްމަކީ އިސްލާމްދީނުގެ ބައެކެވެ.

ފަރާއިޟް ޢިލްމުގެ މައުޟޫޢުގައި މި ރާއްޖޭގައިވެސް ޢިލްމީ ބައެއް ލިޔުން ޕަބްލިޝް ކުރެވިފައި އެބަހުއްޓެވެ. މި ގޮތުން އެންމެ ދުވަސްވީ ލިޔުމެއްގެ ގޮތުގައި އަޅުގަނޑަށް ފެނުނީ، މި މައުޟޫޢު ހިމަނުއްވައިގެން މީގެ ސާޅީހަކަށް އަހަރު ކުރީން އަލްމަރްޙޫމް މޫސާ ފަޠުޙީ، ލިޔުއްވާފައިވާ “މުއާމަލާތައް މަގެއް” މި ފޮތެވެ. މީރާޘް ޢިލްމުގައި އެންމެ ފަހުގެ ދިރާސާއަކަށް ފެންނާން އޮތީ އިބްރާހީމް ރަޝީދު މޫސާ (2017) ލިޔުއްވާފައިވާ “ފަސޭހަމަގުން – ތަރިކައަށް ވަނުން” މި ފޮތެވެ.

ޢިލްމުވެރީންގެ ފަތްފުށްތަކުން އެނގޭ ގޮތުގައި ތަރިކަ މުދަލާބެހޭ ވަރަށް ގިނަ ތަފާތު ޙާލަތްތަކެއް ވެއެވެ. މި ހުރިހާ ޙާލަތްތަކާއި ބައިތަކުގެ ތެރެއިން، މި ލިޔުމުގައި ބަލައިލެވިފައި ވާނީ، މީހަކު ނިޔާވުމުން އޭނާގެ ޙާލަތާ ގުޅިފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ އެއްކަމެއް ކަމުގައިވާ ވާރުތަ މުދަލުގެ ތެރެއިން، މައްޔިތާގެ ކާފައަށް ލިބޭނީ މުދަލުގެ ކިހާ މިންވަރެއްކަމެވެ. މިގޮތުން ޝަރުޢީ ހަމަތަކާއި ދަލީލުތަކުގެ އަލީގައި، ޢިލްމު ގޮތުން ބައެއް ޙާލަތްތައް މިސާލުތަކާއެކު ބަޔާން ކޮށްދެވޭތޯ ބެލިފައި ވާނެއެވެ. މި ގޮތުން މި ލިޔުމުގައި ބެލިފައިވާނީ ވާރިޘުންގެ ތެރެއިން ހަމައެކަނި ކާފަގެ ޙާލަތްތަކަށެވެ.

މައްޔިތާގެ ކާފަގެ ޙާލަތާ ގުޅޭ މައްސަލަތަކާ ގުޅުންހުރި މިސާލުތަކާއި އަޅުގަނޑަށް ފެންނަ ގޮތް ހުށަހަޅައިދީފައި ވާނީ ބެލުނު ފޮތްތަކުން ލިބުނު މަޢުލޫމާތުގެ އަލީގައި އަޅުގަނޑު އަމިއްލައަށެވެ.

ޢަރަބި ބަހުގައި ތަރިކަ އޭ ބުނަނީ ދޫކުރާ ކޮންމެ އެއްޗަކަށެވެ. މީހަކު މަރުވުމުން އޭނާގެ ތަރިކައޭ ބުނަނީ، އޭނާ ނިޔާވި އިރު ދޫކޮށްފައި ދިޔަ އެއްޗަކަށެވެ. މީގެ ތެރޭގައި އުފުލޭ މުދަލާއި ނުއުފުލޭ މުދާވެސް ހިމެނޭނެއެވެ.

އިޞްޠިލާޙީ ގޮތުން ބަލާއިރު 4 މަޒްހަބުގެ އިމާމުންގެ ރަޢުޔުގެ ޢިބާރާތްތަކުގައި ތަފާތުތަކެއް ހުރިނަމަވެސް ދޭހަވަނީ ދާދި އެއް މާނައެކެވެ. މިގޮތުން ބަލާއިރު ” ތަރިކަ އަކީ މީހާ މަރުވި އިރު ދޫކޮށްފައި ދިޔަ މާލީ ޙައްޤުތަކާއި މުދަލެވެ.” މުޙައްމަދު ރަޝީދު އިބްރާހީމް ލިޔުއްވާފައިވާ ގޮތުގައި މިއީ ޖުމްހޫރު ޢިލްމުވެރީން ބުރަވެލައްވާ ގޮތެވެ.

ވާރުތަވުމަކީ ވަކި މީހަކަށް ނުވަތަ ޚާއްޞަ ބަޔަކަށް، މަރުވި މީހާގެ ހުރިހާ މުދަލެއް ޙައްޤުވުމެވެ. މި ޙައްޤު ލިބުމުގެ ކުރިން، ތަރިކައާ ގުޅިފައިވާ ޙައްޤުތަކެއް ޢިލްމުވެރީން ގެންނަވާފައި ވެއެވެ. އެއީ މައްޔިތާގެ ކަށުކަމާކެމީ ކަންތައް ނިންމުމާއި ދަރަންޏެއް އޮތްނަމަ އަދާކުރުމާއި ވަޞިއްޔަތްތައް ފުއްދުމެވެ. ތަރިކަ މުދާ ބެހުން އޮތީ މީގެފަހުގައެވެ.

ވާރުތަ ވާނީ ދެ ގޮތަކުންނެވެ. އެއީ ފަރްޟުގެ ގޮތުންނާ ޢަސަބަތުގެ ގޮތުންނެވެ. ފަރްޟުވެރިންނަކީ ސީދާ ނައްސުން ސާބިތުވާ ފަރާތްތަކެވެ. މިއީ ތަރިކަ ބެހުމުގައި އިސްކަން ދޭންޖެހޭ ފަރާތްތަކެވެ. ޢަސަބަތުގެ ގޮތުން ލިބުމަކީ ފަރްޟުވެރިންގެ ބައި ނެގުމަށްފަހު ބާކީ ލިބުމެވެ. މިއީ ބައެއް ޙާލަތުގައި މުޅި ތަރިކަ އެއްކޮށް ލިބުންކަމަށްވެސް ވެއެވެ. އެއީ ފަރްޟު ވެރިއަކު ނެތުމުންނެވެ. މުދަލުގެ ބާކީ އެއްޗެއް ނެތްނަމަ ޢަސަބާއިންނަށް އެއްވެސް އެއްޗެއް ނުލިބޭނެއެވެ.

ޢިލްމުވެރީން ވިދާޅުވެފައިވާ ގޮތުގައި ޢިލްމުލް ފަރާއިޟްގައިވަނީ ވާރުތަ މުދަލުން ޙައްޤުވާ މީހުންނާއި ޙައްޤުވާ މިންވަރު ބަޔާންކޮށްދޭ ހިސާބުތަކާއި ފިޤްހީ ޤަވާޢިދުތަކެވެ. ޢިލްމުލް މީރާޘްގައިވަނީ ވާރުތަމުދާ ލިބޭ މީހުންނާއި ނުލިބޭ މީހުންނާއި ލިބޭ މިންވަރުގެ ޢިލްމެވެ. އެހެންކަމުން މި ދެބަޔަށް ވިސްނާލުމުން އެނގެނީ، ނަތީޖާ އެކައްޗަކަށް ވީނަމަވެސް، ޙައްޤުވާ މީހުންނާ ލިބޭ މީހުން އިޞްޠިލާޙީ ގޮތުން ވަކިކުރެވިފައިވާކަމެވެ. ތަރިކަ މުދާ ބެހުމުގެ މި ހަމަތަކުގެ މަޞްދަރަކީ ކީރިތި ޤުރްއާނެވެ.

މިގޮތުން އިސްލާމީ ޝަރީޢަތުގައި ވާރުތަ މުދާ ބަހާނެ ގޮތުގެ މައިގަނޑު ހުރިހާ އަސާސެއް ސީދާ ކީރިތި ޤުރުއާނުން އެނގެން އެބަ އޮތެވެ. އެއީ ނިސާ ސޫރަތުގެ 11 ވަނަ އާޔަތާއި 12 ވަނަ އާޔަތާއި 176 ވަނަ އާޔަތުންނެވެ. ނިސާ ސޫރަތުގެ 11 ވަނަ އާޔަތުގައިވަނީ މައްޔިތާގެ މުދަލުން އޭނާގެ ދަރިންނަށް ލިބޭނޭ މިންވަރެވެ. އެސޫރަތުގެ 12 ވަނަ އާޔަތުގައި ވަނީ، މައްޔިތާ ކޮށްފައިވާ ވަސިއްޔަތެއް އޮތްނަމަ ނުވަތަ އޭނާގެ ދަރަންޏެއް އޮތްނަމަ އެ ދެ ކަންތައް ޚަލާޞް ކުރުމަށްފަހު މައިގަނޑު 5 ފަރާތަކަށް މުދާ ލިބޭނެ މިންވަރު ކަނޑައަޅުއްވާފައެވެ. 176 ވަނަ އާޔަތުގައި ބަޔާންވެގެން ވަނީ ކަލާލަތާމެދު ﷲ އަންގަވާފައިވާ ގޮތެވެ.

ކީރިތި ޤުރުއާނުގެ އިތުރުން ރަސޫލާ محمَّد  صلى الله عليه وسلم ގެ ސުންނަތުންނާއި މި އުއްމަތުގެ ޢިލްމުވެރީންގެ އިޖުމާޢުންވެސް މި ޢިލްމުގެ ހުއްޖިއްޔާތުކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުކުރެވިފައި ވެއެވެ.

ވާރުތަ މުދަލުން ކާފައަށް ލިބޭނޭ ކަމާމެދު ޢިލްމުވެރީން އިޖްމާޢު ވެލައްވައެވެ. އަދި ކީރިތި ރަސޫލާ محمَّد  صلى الله عليه وسلم ގެ ސުންނަތުން ސާބިތުވެއެވެ.

ކާފައަށް ލިބޭ މިންވަރާ ގުޅިގެން ޢުމަރުގެފާނުގެ ޚިލާފަތުގައި ހިނގި މައްސަލައެއްގައި، ކާފައަށް މީރާޘް ދެއްވިކަން އެނގޭތޯ ބެލުމަށް ޢުމަރުގެފާނު ކުރެއްވި ސުވާލަކާ ގުޅިގެން، އަޞްޙާބު ބޭކަލަކު (މަޢުޤަލު ބުނު ޔަސާރުލްމުޒްނީ) ވަނީ ހަބައިކުޅަ އެއްބައި ކާފައަށް، ކީރިތި ރަސޫލާ محمَّد  صلى الله عليه وسلم ދެއްވިކަމަށް ހެކިވެ ވަޑައިގެންފައެވެ. (ފައްޔާޟް ޢަލީ މަނިކު “ތަރިކަ ބެހުމަށް ފަހި މަގެއް” ޞ: 109)

މުޤާސަމާކުރުން

މީގެ މާނައަކީ ވަކި ޙާލަތްތަކެއްގައި މުދާ ބެހުމުގައި ކާފައަށް މޮޅުގޮތް ހެދުމުގެ ގޮތުން މުދާ ބަހާ މީހުންގެ އަޚެއްގެ ގޮތުގައި ބަލައިގެން ކާފައަށް ބައި އެޅުމެވެ. މުޤާސަމާ ކުރުމަކީ ކާފައަށް ބައި ދިނުމުގައި އެންމެ ބޮޑަށް ބަހުޘް ހިނގާފައިވާ ޙާލަތެވެ.

މުޤާސަމާ ކުރެވޭނެކަމަށް ބުރަވެލައްވާ ޢިލްމުވެރީންގެ އެއް ދަލީލަކީ ނިސާ ސޫރަތުގެ 7 ވަނަ އާޔަތެވެ. އެ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. (لِّلرِّجَالِ نَصِيبٌ مِّمَّا تَرَكَ الْوَالِدَانِ وَالْأَقْرَبُونَ وَلِلنِّسَاءِ نَصِيبٌ مِّمَّا تَرَكَ الْوَالِدَانِ وَالْأَقْرَبُونَ مِمَّا قَلَّ مِنْهُ أَوْ كَثُرَ نَصِيبًا مَّفْرُوضًا) މާނައިގައި ވަނީ، “މައިންބަފައިންނާއި، ތިމާގެމީހުން ދޫކުޅަ ތަކެތީގެ ތެރެއިން، ފިރިހެނުންނަށް ބަޔެއް ވެއެވެ. އަދި، މައިންބަފައިންނާއި ތިމާގެ މީހުން ދޫކުޅަ ތަކެތީގެ ތެރެއިން އަންހެނުންނަށްވެސް ބަޔެއް ވެއެވެ. އެ ދޫކުޅަ ތަކެތީގެ ތެރެއިން މަދު އެއްޗަކުންނާއި، ގިނަ އެއްޗަކުންވެސް ކަނޑައެޅިގެންވާ ބަޔެއްގެ ގޮތުގައެވެ.”(القران الكريم ގެ ދިވެހި ތަރުޖަމާ، ޞ:158)

މި އާޔަތުން އެނގޭ ގޮތުގައި ގާތް ތިމާގެ މީހުންނަށް ތަރިކައިން ބައެއް ދިނުން ހުއްދަކުރެއެވެ. ކާފައާ އަޚުންނަކީ މައްޔިތާގެ ތިމާގެ މީހުންނެވެ.

ބައެއް ޢިލްމުވެރީން ވިދާޅުވާ ގޮތުގައި ވާރުތަ މުދާ ލިބުމުގައި ކާފައާއެކު އަޚުން ހަމަހަމަ ވެގެން ވެއެވެ. އެހެނީ ކާފައަކީ ބައްޕަގެ ބައްޕައަށް ވާއިރު އަޚުންނަކީ ބައްޕަގެ ދަރީންނެވެ. އެހެންކަމުން ކާފަ އާއި ބައްޕަގެ ދަރިންނަށް މުދާ ލިބެންވާނީ އެއްވަރަށް ކަމަށް ޙުއްޖަތް ދައްކަވައެވެ. ނަމަވެސް އިމާމު ޝާފިޢީ ވިދާޅުވެފައިވާ ގޮތުގައި މައްޔިތާގެ ބައްޕަގެ ދަރީން ކާފައަށްވުރެ މައްޔިތާއާ ތިމާގެކަން ކައިރި ވާނެއެވެ. އެއީ ކާފަ ގުޅިފައި ވަނީ ބައްޕައާ ކަމަށްވެފައި ދަރިން ގުޅިފައިވަނީ ބައްޕަގެ ފަރާތުން މައްޔިތާއަށް ކަމަށްވާއިރު ބަހަން މި އުޅެނީ ދަރިއެއްގެ މުދާކަމަށް ވާތީއެވެ. އެހެންކަމުން މުދާ ބެހުމުގައި މައްޔިތާގެ އަޚުން ބައިވެރި ކުރަން ޖެހޭނެއެވެ.

ޙަޖްބުވުން

ޙަޖްބު މި ބަސް ނެގިފައިވަނީ ޙިޖާބު މި މަޞްދަރުންނެވެ. މާނައަކީ ނިވާވުމެވެ. ނުވަތަ މީގެ މާނައަކީ ކަމަކަށް ހުރަހެއް ކުރިމަތި ވުމެވެ. މީރާޘްގައި މީގެ މާނައަކީ ވަކި ޙާލަތެއްގެ ސަބަބުން ނުވަތަ ވަކި މީހަކު ހުރުމުން، ވަކި މީހަކަށް ތަރިކަ މުދާ ލިބުން މަޙްރޫމު ވެގެން ދިއުމެވެ.

މިސާލަކަށް ކާފަގެ ޙާލަތްތަކަށް ބަލާއިރު ބައްޕަ ހުރުމުގެ ސަބަބުން ކާފަ ޙަޖުބު ވާނެއެވެ. މާނައަކީ މީހަކު ނިޔާވި އިރު ކާފަ އާއި ބައްޕަ ދުނިޔޭގައި ހުރިނަމަ މުދާ ލިބޭނީ ހަމައެކަނި ބައްޕައަށެވެ. ހަމަމިގޮތަށް، ކާފަ ހުރުމުގެ ސަބަބުން މަންމަ ފަރާތު އަޚުންނާއި އުޚުތުންވެސް ޙަޖްބު ވާނެއެވެ.

ކާފަ އާއި ބައްޕަގެ ތަފާތު

ވާރުތަމުދާ ބެހުމުގެ ބައެއް ޙާލަތްތަކުގައި ބައްޕާއާ ކާފާގެ ޙާލަތްތައް އެއް ގޮތެވެ. މި ގޮތުން ބައެއް ޢިލްމުވެރިން ވިދާޅުވެފައިވާ ގޮތުން ބައްޕަ ނެތް ޙާލަތްތަކުގައި 3 ގޮތަކުން މެނުވީ ބައްޕައާ ކާފަގެ ޙާލަތް އެއްގޮތެވެ. މިގޮތުން އިތުރަށް ތަފްޞީލު ކުރާނަމަ ބައްޕައާ ކާފަގެ 5 ތަފާތެއް ފެނިގެން ދެއެވެ. މި ނޫން ކޮންމެ ޙާލަތެއްގައި ބައްޕައާ ކާފަގެ ޙާލަތް ތަރިކަ މުދާ ބެހުމުގައި އެއް ގޮތެވެ. ތިރީގައިމިވަނީ ބައްޕައާ ކާފައާ ތަފާތުވާ ޙާލަތްތަކެވެ.

ކާފަ ބައްޕަ
ބައްޕަ ދުނިޔޭގައި ހުރިނަމަ ކާފަ ޙަޖްބުވާނެއެވެ. ކޮންމެ ޙާލަތެއްގައިވެސް ބައްޕައަށް ބައިލިބުން.
ކާފަ ހުރުމުން ބައްޕަ ފަރާތު މާމަ ޙަޖްބެއް ނުވާނެއެވެ. މި ޙާލަތުގައި ބައްޕަ ހުރުމުން އެ މާމަ ޙަޖްބުވުން.
ކާފަގެ ދައުރަކުން މަންމަގެ ބައިން އުންޏެއް ނުވާނެއެވެ. ބައެއް ޙާލަތުގައި ބައްޕަގެ ދައުރެއްގެ ސަބަބުން މަންމަގެ ބައި އުނިވުން.
އެއްބަފާ އަދި އެއްބަނޑު އެއްބަފާ އަޚުންނާއި އުޚުތުންނާއެކު ކާފަ އަޚަކަށް ބަދަލުވާނެއެވެ. އެއްބަފާ އަދި އެއްބަނޑު އެއްބަފާ އަޚުންނާއި އުޚުތުން ޙަޖްބުވުން.
ކާފަ ހުރިނަމަ އެއްބަނޑު އަޚުންނާއި އުޚުތުން ޙަޖްބުވާނެއެވެ. ބޮޑުބޭބެ ޙަޖްބެއް ނުވާނެއެވެ. ހުރިހާ ބާވަތެއްގެ އަޚުންނާއި އުޚުތުންނާއި ބޮޑު ބޭބެއިން ޙަޖްބުވުން.

ކާފައަށް މުދާ ލިބޭ ޙާލަތްތައް

ކާފަގެ ޙާލަތްތައް ޢިލްމުވެރީން ގެންނަވާފައިވާ ގޮތަށް ބަލާއިރު ކާފައަށް ތަރިކައިން މުދާ ލިބޭ ޙާލަތްތައް ބެހިގެން ދަނީ ދެބަޔަކަށެވެ. އެއީ އަސްލުކާފަގެ ހިއްސާ އަދި ކާފައާއެކު އިޚްވަތުގެ ހިއްސާއެވެ. މި ގޮތުން ފުރަތަމަ ބައިގައިވާ އަޞްލު ކާފަަގެ ހިއްސާ، ޙަޖްބުވާ ޙާލަތާއެކުނަމަ ޖުމްލަ 4 ޙާލަތަކަށް ބެހެއެވެ. 2 ވަނަ ބައިގައި ހިމެނޭ އިޚްވަތުގެ ހިއްސާއާއެކު ކާފައަށް ލިބޭ ބައި ބެހެނީ 4 ޙާލަތަކަށެވެ. މި 4 ޙާލަތުގެ ތެރޭގައި ހިމެނެނީ ފަރުޟުން ނެތި، މުދާ ލިބޭ 2 ޙާލަތާއި ފަރްޟުން ތިބުމުން، މުދާ ލިބޭ 2 ޙާލަތެވެ. ތިރީގައި ބަލާފައި މިވަނީ މި 4 ޙާލަތެވެ.

ފުރަތަމަ ބައި: އަޞްލުކާފަގެ ޙިއްސާ

ބައެއް ޢިލްމުވެރީން ލިޔުއްވާފައިވާ ގޮތުން މި ބައިގާ 3 ޙާލަތު އޮންނާނީ ކާފަ ޙަޖްބުވާ ޙާލަތު ނުލާނަމައެވެ. ވީމާ އެއީ ހަމައެކަނި ފަރްޟު ލިބޭ ޙާލަތާއި ހަމައެކަނި ބާކީ ލިބޭ ޙާލަތަކާއި މި ދެބައި އެއްކޮށް ލިބޭ ޙާލަތެވެ. މި ބައިތަކުގެ އިތުރު ތަފްޞީލް ޓޭބަލްގައި މިވަނީއެވެ. މިއީ ޢާއްމު ގޮތުގައި ކާފައަށް ލިބޭ ޙިއްޞާއެވެ. މިބަޔާމެދު ޢިލްމުވެރީންގެ މެދުގައި އިޚްތިލާފެއް ނުވެއެވެ.

އަސްލު ކާފަގެ ޙިއްޞާ (ޢާއްމު ޙާލަތުގައި)
1 6/1 ހަމައެކަނި ފަރްޟް މަންމަ ނުވަތަ ބައްޕަ ދުނިޔެގައި ނެތިފައި ވާރުތަވެރި ފިރިހެން ފަރްޢު ދުނިޔޭގައި ތިބި ނަމަ
2 ބާކީ ތަޢުޞީބް އަންހެން ނުވަތަ ފިރިހެން ފަރްޢު ދުނިޔޭގައި ނެތް ނަމަ
3 ބާކީ + 6/1 ދެ ބައި އެއްކޮށް އަންހެންް ފަރްޢު ދުނިޔޭގައި ތިބި ނަމަ
4 ނުލިބޭނެ ޙަޖްބު ބައްޕަ ނުވަތަ ޙަޖްބުވާ ކާފައަށްވުރެ މަތިން ކާފައެއް ހުރުން

 

މިޓޭބަލްގައި ޢާއްމު ޙާލަތުގައި ކަމަށް ބުނެފައި އެވަނީ ކާފައާއެކު އެއްބަނޑު އެއްބަފާ ނުވަތަ އެއްބަފާ އަޚަކު ނުވަތަ އުޚުތަަކަށް ވާރުތަ ނުވާ ޙާލަތްތަކުގައެވެ. މިބައިތަކުގެ އިތުރު ތަފޞީލުގައި ކާފަ ޙަޖްބު ގޮތުގެ މިސާލެއް ގެނެސްދީފައެއް ނުވާނެއެވެ. އެއީ ކާފަ ހަޖުބުވާ ހަމައެކަނި ޙާލަތް ކުރިން ހުށަހެޅިފައިވާނެތީއެވެ.

މި ބައިގެ އިތުރު ތަފްޞީލު

މައްސަލަ 1: މި ޙާލަތުގައި ކާފައަށް ލިބޭނީ ހަމައެކަނި ފަރްޟް ބައެވެ. އެއީ 6/1 އެވެ. އެއީ މައްޔިތާގެ ފިރިހެން ދަރިން ދުނިޔޭގައި ތިބެފައި މައްޔިތާގެ ބައްޕަ އަދި މަންމަ ނެތް ނަމައެވެ.

މައްސަލައިގެ މިސާލު:

ލިބޭބައި ވާރިޘުން އަސްލު
6/1 ކާފަ 1
ބާކީ ފިރިހެންދަރި 5

މީހަކު މަރުވި އިރު އޭނާގެ ވާރިޘުންގެ ތެރެއިން ދުނިޔޭގައި ހުރީ ފިރިހެން ދަރިއަކާއި ކާފައެވެ. މި ޙާލަތްގައި މުދާ ބެހޭނީ 6 ބަޔަށެވެ. މީގެން 5 ބައި (އެއީ ބާކީ އެވެ. ނުވަތަ މުޅި މުދަލުގެ 6/5 ބައި) ލިބޭނީ ފިރިހެން ދަރިއަށެވެ. ކާފައަށް ލިބޭނީ 6/1 އެވެ.

 

މައްސަލަ 2: ފަރްޟުބަޔާއެކު ބާކީ (ޢަސަބާ) ބައި ލިބުން. އެއީ 6/1 + ބާކީ އެވެ. މި ޙާލަތުގައި އެއީ މައްޔިތާގެ ބައްޕަ އަދި މަންމަ ނެތްނަމަ އަދި އަންހެން ދަރީން ދުނިޔޭގައި ތިބި ނަމައެވެ.

މައްސަލައިގެ މިސާލު:

  • މީހަކު މަރުވިއިރު ވާރިޘުންގެ ގޮތުގައި ދުނިޔޭގައި ތިބީ ހަމައެކަނި އަންހެން ދަރިއަކާއި ކާފަ އާއި އަނބިމީހާއެވެ. މި ޙާލަތުގައި މުދާ ޖުމްލަ 24 ބަޔަށް ބެހޭނެއެވެ. ކާފައަށް ފަރްޟުބައިގެ އިތުރުން ބާކީ ލިބޭތީ ކާފައަށް ޖުމްލަ މުދަލުގެ 8/3 ލިބޭނެއެވެ. މިޙާލަތުގައި އެއީ ހަބައިކުޅަ އެއްބަޔާއެކު (ފަރްޟުބަޔާއެކު) ބާކީ ލިބޭތީއެވެ. ފަރްޟުންގެ ތެރޭގައި ހިމެނޭ ދެ މީހުންނަށް ލިބޭނީ 8/5 އެވެ. އެއީ އަންހެންދަރިއަށް 2/1 އަނބިމީހާއަށް 8/1 އެވެ.

 

ފުރަތަމަ ގޮތް މުދާ ބެހޭނެ ދެ ގޮތް ދެވަނަ ގޮތް
ލިބޭބައި އަސްލު ވާރިޘުން އަސްލު ލިބޭބައި
6/1 + ބާކީ 9 ކާފަ 1 6/1 + ބާކީ
2/1 12 އަންހެން ދަރި 1 2/1
8/1 3 އަނބި މީހާ  
  • އަނތްބަކު ނެތި ހަމައެކަނި ކާފަ އާއި އަންހެން ދަރިއަކު ހުރިނަމަ މީގެ ނަތީޖާއަކީ ކާފައާއި އަންހެން ދަރި ހަމަހަމަ ވުމެވެ. މާނައަކީ އޭރުން ހިސާބު ހަދައި ނިމޭއިރު އަސްލުގައި މުދާ ބެހޭނީ 2 ބަޔަށެވެ. އެއީ އަންހެން ދަރިއަށް ފަރްޟުން ލިބޭ  2/1 + 6/1 ނެގުމަށްފަހު ބާކީ ކާފައަށް ލިބޭތީއެވެ.

މައްސަލަ 3:

ހަމައެކަނި ބާކީ (ޢަޞަބާ) ބައި ލިބުން އެއީ ވަކި ޙާލަތުގައި މައްޔިތާގެ މުޅި މުދާ އެއްކޮށް ލިބުން ކަމުގައިވެސް ވެދެއެވެ. މި ޙާލަތުގައި ކާފައަށް މައްޔިތާގެ މުދާ އެއްކޮށް ލިބޭނީ މައްޔިތާގެ ބައްޕަ އަދި މަންމަ ނެތްނަމަ އަދި އަންހެން އަދި ފިރިހެން ފަރުޢު ދުނިޔޭގައި ނެތް ނަމައެވެ. ފިރިހެން އަދި  އަންހެން ދަރިންނެތި އަނބިމީހާ އާއި މަންމަ ދުނިޔޭގައި ތިބި ނަމަ ލިބޭނީ ހަމައެކަނި ބާކީ އެވެ. މި ޙާލަތުގައި ފަރްޟުބައި ނުލިބޭނެއެވެ.

މައްސަލައިގެ މިސާލު:

ލިބޭ ބައި ވާރިޘުން އަސްލު
4/1 އަނބި މީހާ 3
3/1 މަންމަ 4
ބާކީ ކާފަ 5

މައްޔިތާ ނިޔާވިއިރު ބައްޕަވެސް އަދި ދަރިއަކުވެސް ނެތި ދުނިޔޭގައި ތިބީ މަންމަ އާއި އަނބި މީހާ އާއި ކާފަ ނަމަ މި ޙާލަތުގައި މުދާ ބެހޭނީ 12 ބަޔަށެވެ. އަނބި މީހާ އާއި މަންމައަށް ފަރްޟްބައި ނެގުމަށްފަހު، މި މިސާލުގައި ކާފައަށް ލިބޭނީ ބާކީއެވެ. މުޅި މުދަލެއް ނޫނެވެ. އެހެންވީމާ އެއީ މުޅި މުދަލުގެ 12/5 އެވެ. ކާފައަށް މުޅި މުދާ ލިބޭނީ ކާފަ ފިޔަަވައި އެެހެން އެއްވެސް ވާރިސަކު (އިޚްވަތުންގެ ތެރޭގައި ހިމެނޭ މީހަކުވެސް) ދުނިޔޭގައި ނެތްނަމައެވެ.

 

 

 

 

 

ދެވަނަބައި: އިޚްވަތުންނާއެކު ކާފަގެ ޙިއްޞާ

ކާފައާއެކު އިޚްވަތުންގެ މައްސަލައިގައި ޢިލްމުވެރީން ވަނީ ވަރަށް ގިނަ ތަފާތު ގޮތްގޮތަށް ރަޢުޔު ދެއްވާފައެވެ. މި ގޮތުން ބޮޑަށް ބުރަވެވޭ ކަމަށް ބައެއް ޢިލްމުވެރީން ވިދާޅުވެފައިވަނީ ކާފަ ހުރުމުގެ ސަބަބުން އިޚްވަތުންނަށް ނުލިބޭނެކަމަށެވެ. މާނައަކީ ޙަޖްބު ވާނެއެވެ.

ކާފަ ހުރުމުގެ ސަބަބުން، އިޚްވަތު ކޮންމެ ފަޅިއަކުން އައިކަމުގައި ވިޔަސް އެ ބަޔަކު ޙަޖްބުވާނެކަމަށް ވިދާޅުވާ ޢިލްމުވެރީންގެ އެއް ދަލީލަކީ ޙައްޖު ސޫރަތުގެ 78 ވަނައާޔަތެވެ. އެ އާޔަތުގެ މާނައިގައި ވެއެވެ.”…. ތިޔަބައި މީހުންގެ ބައްޕަ ކަމުގައިވާ އިބްރާހީމް ޢަލައިހިއްސަލާމްގެ މިއްލަތެވެ.” މި ގޮތަށް ބުރަވެލައްވާ ޢިލްމުވެރީން ވިދާޅުވެފައިވާ ގޮތުގައި މި އާޔަތުގައި ﷲ މިވަނީ ކާފައަށް ބައްޕަގެ ނަން ދެއްވާފައެވެ. މި ނޫންވެސް އިތުރު ދަލީލުތައް ޢިލްމުވެރީން ގެންނަވާފައިވެއެވެ. މިގޮތުން އަބޫބަކުރުގެފާނާއި ޢާއިޝަތުގެފާނާއި އިތުރު ބައެއް ޞަހާބީންނާއި އަބޫޙަނީފާވެސް ބުރަވެލައްވަނީ މިގޮތަށް ކަމަށް ބަޔާންވެފައިވެއެވެ.

އަނެއްބައި ޢިލްމުވެރީންގެ ރަޢުޔުއަކީ ކާފަ ހުރި ނަމަވެސް އިޚުވަތުންގެ މީރާޘް ޤުރްއާނުން ސާބިތު ވެފައިވާތީ ޙަޖްބު ނުވާނެ ކަމުގައެވެ. މި ގޮތަށް ވިދާޅުވެފައިވާ ބޭކަލުންގެ ތެރޭގައި އިބްނު މަސްޢޫދާއި ޒައިދު ބުނު ޘާބިތު ހިމެނި ވަޑައިގަންނަވައެވެ. އަލްއިމާމު ޝާފިޢީ އާއި އިމާމު މާލިކްވެސް ވިދާޅުވެފައިވަނީ ޙަޖްބު ނުވާނެ ކަމުގައެވެ.

އިބްރާހީމް ރަޝީދު މޫސާ (2017) ވިދާޅުވެފައިވާ ގޮތުގައި ބައްޕަގެ ސަބަބުން އަޚުން ޙަޖްބުވީ ނަމަވެސް ހުރިހާ ޙާލަތްއްގައި ކާފައަށް އެ ޙުކުމް ހިނގާނަމަ އަޞްޙާބު ބޭކަލުންގެ މެދުގައި ޚިޔާލު ތަފާތެއް ނުހިނގާނެއެވެ. ޚުލަފާއުއްރާޝިދީންގެ 3 ޚަލީފާއިންނާ އަދި މަޝްހޫރު 4 އިމާމުންގެ ތެރެއިން 3 އިމާމުންގެ ރަޢުޔުއަކީ ކާފައާއެކު މުދާ ބެހުމުގައި އަޚުން ބައިވެރި ކުރުމެވެ.

މި ޙާލަތްތަކުގެ މައިގަނޑު މައްސަލައެއްކަމަށް ފެންނަނީ ކާފަ އާއި އަޚުން ގުޅުވައިދީފައިވަނީ ބަައްޕަ ކަމަށް ވުމެވެ. މީގެ މިސާލެއްކަމަށް ޢިލްމުވެރީން ވިދާޅުވެފައިވަނީ ކާފައަކީ ގަހެއްނަމަ ބައްޕައަކީ ގޮފި ގަނޑެކެވެ. ދަރިންނަކީ އެ ގޮފިން ކަފި ފަޅައިގެން ހެދިފައިވާ އޮފިތަކެވެ. މި މިސާލުން އެނގޭ ގޮތުގައި މައްޔިތާގެ ކާފައާ މައްޔިތާގެ އަޚުންނާ ގުޅުވައިދެނީ ބައްޕަކަން އެނގެއެވެ. އެހެންކަމުން ބައްޕަ ނެތް ޙާލަތުގައި ވާރުތަ މުދާ ލިބޭނީ މައްޔިތާގެ އަޚުންނަށްތޯ ނުވަތަ ކާފައަށްތޯ މީ ކުރެވޭ ސުވާލެކެވެ. މި މައްސަލައިގައި ޚިޔާލު ތަފާތު ވެފައިވާ ސަބަބަކީ ކުރިންވެސް ބުނެވުނުހެން ސީދާ ސާފުކޮށް ނައްސުން އަޚުންގެ މިންވަރު އެނގެން ނެތުމެވެ.

މިހެންވުމުން މައްޔިތާގެ ބައްޕަވެސް ދުނިޔޭގައި ނެތްނަމަ ބައެއް ޙާލަތުގައި އެކަކު ނުވަތަ އެއަށްވުރެ ގިނަބަޔަކުވެސް ދެ ޖިންސު ހިމެނޭ ގޮތުން ކާފައާއެކު ވާރުތަ އަރާގޮތަށް ތިބެދާނެއެވެ. ޢިލްމުވެރީންގެ މި އިޚްތިލާފުތައް އަޅާކިޔައި ދިރާސާކުރުމުން އަޅުގަނޑަށް ބޮޑަށް ބުރަވެވުނީ، ކާފައާއެކު އެއްބަފާ އަޚުންނާއި އެއްބަނޑު އެއްބަފާ އަޚުންނަށް މުދާ ވާރުތަ ކުރެވިދާނެ ކަމަށެވެ. ސަބަބަކީ ކަނޑައެޅިގެން ބައްޕަ ފަރާތުގެ އަޚުންނާއި އުޚުތުން ޙަޖްބުވާނެކަން އެނގޭ ނައްސެއް ނެތުމާއި ޞަޙާބީންގެ ޢަމަލުފުޅުތަކުން މި ގޮތް ރަނގަޅުކަން ސާބިތުވާތީ އާއި ވާރުތަވަނީ އަޚެއްގެ މުދާކަމަށްވާއިރު ކާފަ ގުޅެނީ ބައްޕައާކަމަށްވެފައި އަޚުންގެ ގުޅުން، މައްޔިތާއާ ކާފައަށްވުރެ ކައިރި ވުމެވެ. ބައެއް ޙާލަތުގައި ކާފައަށް ބައްޕަގެ ދަރަޖަ ދެވުނު ނަމަވެސް އެއީ މަޢުނަވީ ގޮތުން ބަލާބެލުމެކެވެ. އެހެންކަމުން އަޚުންނާއި އުޚުތުން ނުހިމަނާ މުދާ ބެހުން ޢަދުލުވެރިކަމާ ދުރުކަމަށް ފެންނާތީއެވެ.

މި ޙާލަތުގައި ކާފައަށް މުދާ ލިބޭ ގޮތްތައް ތިރީގައިމިވަނީއެވެ. މި ގޮތްތަކުގެ އެންމެ ވަރުގަދަ އަސާސަކީ ކާފައަށް ރަނގަޅުވާނޭ ގޮތް ހޯދައި ބަލައިގެން، އެ ގޮތަށް އިޚުވަތުންނާއެކު ކާފަ ބައިވެރިކޮށްގެން މުދާ ބެހުމެވެ. މިއީ ސުރުޚީގައި ބުނެވިފައިވާ ފަދައިން ކާފައަށް މުދާ ވާރުތާވާ 2 ވަނަ ގޮތުގެ ހަތަރު ޙާލަތެވެ.

  • ފުރަތަމަ 2 ގޮތް: ފަރްޟުން ލިބޭ މީހުން ނެތުން.

މައްސަލަ 4.1.1 : އަޚެއްގެ ގޮތުގައި ބަލައިގެން މުޤާސަމާ ކުރުން ނުވަތަ މުޅި މުދަލުގެ 3/1 ކާފައަށް ދިނުން. މި ގޮތުގެ މަތީން ކާފައަށް ޙިއްޞާ ދެވޭނީ އިޚްވަތުގެ ތެރެއިން ހަމައެކަނި އެއްބަނޑު އެއްބަފާ ނުވަތަ ހަމައެކަނި އެއްބަފާ މީހުން ތިބުމެވެ. މި ޙާލަތްގައި ފަރުޟުން ލިބޭ އެއްވެސް ބަޔަކު ތިބެގެން ނުވާނެއެވެ.

މައްސަލައިގެ މިސާލު:

މައްޔިތާގެ ފަރުޟްވެރިއަކު ނެތި ތިބީ 2 އުޚުތުންނަމަ ކާފައަށް ރަނގަޅީ ކޮން ގޮތެއްތޯ ބެލުމަށް ދެ ގޮތެއް އެބަ އޮތެވެ. އެއް ގޮތަކީ މުޅި މުދަލުގެ 3/1 ކާފައަށް ފުރަތަމަވެސް ދިނުމެވެ. އަނެއް ގޮތަކީ ކާފައަކީ އަޚެއްކަމުގައި ބަލައިގެން މުޤާސަމާކުރުމެވެ. މިޙާލަތްގައި ބަލާނީ ކާފައަކީ 2 އުޚުތުން ކަމުގައެވެ. އޭރުން ޖުމްލަ ތިބޭނީ 4 އުޚުތުންނެވެ. އޭރުން މުދާ ބެހޭނީ 4 ބަޔަށެވެ. ކާފައަށް ލިބޭނީ 2 ބައެވެ. އަނެއް ދެ އުޚުތުންނަށްވެސް ލިބޭނީ 2 ބަޔަވެ. އެއީ ކާފައަށް 4/2 އުޚުތުންނަށް 4/2 އެވެ. މީގެ ނަތީޖާއަކީ މުޅި މުދަލުގެ 3/1 ކާފައަށް ދިނުމަށްވުރެ ރަނގަޅީ މުޤާސަމާކުރުމެވެ. އޭރުން ކާފައަށް މުޅި މުދަލުގެ 2/1 ލިބެއެވެ. 3/1 އަށްވުރެ 2/1 ބައި ބޮޑުވާނެއެވެ.

މައްސަލަ 4.1.2 : މުޅި މުދަލުގެ 3/1 ނުވަތަ ކާފައަށް މޮޅުވާ ގޮތަކަށް ދިނުން. މި ޙާލަތުގައި ފަރްޟުން ލިބޭ އެހެން ބަޔަކު ނެތުމާއެކު ކުރިން ބުނެވުނު އިޚްވަތުގެ ތެރޭގައި ހިމެނޭ ދެބައި މީހުންވެސް ތިބެން ވާނެެއެވެ.

މައްސަލައިގެ މިސާލު:

މީހަކު މަރުވިއިރު ކާފައާއެކު ދުނިޔޭގައި ތިބީ އިޚްވަތުގެ ތެރޭގައި ހިމެނޭ ދެބައި ކަމުގައިވާ އެއްބަނޑު އެއްބަފާ އަޚަކާއި އެއްބަނޑު އުޚުތަކާ ނަމަ ކާފައަށް މޮޅުގޮތް ހޯދާނީ 5 ބައި ކަމަށް ބަލައިގެންނެވެ. އެއީ އަޚަކީ 2 އަދި ކާފައަކީ 2 އަދި އުޚުތަކީ 1 ކަމުގައި ބަލައިގެންނެވެ. މިތަނުގައި ބޭނުންކުރަންޖެހޭނީ (للذكر مثل حظ الانثيين) މި ފޯމިއުލާއެވެ. އެއީ ކާފަ އަދި އެއްބަފާ އަޚުވެސް އެއީ ދެ އުޚުތުން ކަމަށް ބަލައިގެންނެވެ. މި ގޮތަށް ބެލުމުން ހުރިހާ އެންމެންނަށް ހަމަހަމަ ވާގޮތަށް 5 ބަޔަށް ބަހާލެވޭނެއެވެ. އޭރުން ކާފައަށް ލިބޭނީ 5/2 އެވެ. ދެން ބަލަން ޖެހޭނީ މުޅި މުދަލުގެ 3/1 އަށްވުރެ މުޤާސަމާ ކުރުމުން ލިބުނު ނަތީޖާ ރަގަނޅުތޯއެވެ. ނަތީޖާއަކީ 5/2 އަށްވުރެ މުޅި މުދަލުގެ 3/1 ކުޑަވުމެވެ. ވީމާ ކާފައަށް ރަނގަޅުވާނީ 5/2 ދިނުމެވެ. މި ޙާލަތުގައި އުޚުތަށް ލިބުނު 5/1 ބައި ދޭންޖެހޭނީ އަޚަށެވެ.

  • ފަހު 2 ގޮތް: ފަރްޟުން ލިބޭ މީހުން ތިބުން.

މައްސަލަ 4.2.1 : ފަރުޟުން ލިބޭ މީހުންނަށް އެ ބައިތައް ނެގުމަށްފަހު، ބާކީ އޮތީ 6/1 އަށްވުރެ މަދު އެއްޗެއްނަމަ ކާފައަށް ފަރްޟު މިންވަރު (6/1) ލިބި ދެވޭނެއެވެ. މިޙާލަތުގައި އަޚުންނަށް އެއްވެސް އެއްޗެއް ނުލިބޭނެއެވެ. މި ޙާލަތުގައި ބާކީ އޮތީ 6/1 އަށްވުރެ ގިނަ އެއްޗެއްނަމަ ކާފަގެ އިޚްތިޔާރަށް 3 ގޮތެއް ލިބި ދެވޭނެއެވެ. އެއީ މުޤާސަމާ ނުވަތަ ބާކީ ގެ 3/1 ނެގުން ނުވަތަ މުޅި މުދަލުގެ 6/1 ނެގުމެވެ. މި ޙާލަތުގައި ކާފައާއެކު ތިބެންވާނީ އިޚްވަތުގެ ތެރެއިން ކޮންމެވެސް އެއް ބާވަތެކެވެ. މި ޙާލަތުން އިސްތިސްނާ ކުރެވިފައިވަނީ الأكدية އޭ ކިޔުނު މައްސަލަތަކެވެ.

މައްސަލައިގެ މިސާލު:

މީހަކު މަރުވި އިރު ތިބީ އަނބިމީހާ އާއި ކާފަ އާއި އެއްބަނޑު އެއްބަފާ އަޚެއްނަމަ މި ޙާލަތްގައިވެސް ބެލޭނީ ކާފައަށް ރަނގަޅު ގޮތެވެ. އަނބި މީހާއަށް ދަރިއަކު ނެތީމާ ލިބޭނީ 4/1 އެވެ. ދެން ބާކީ އޮންނާނީ 4/3 އެވެ. އެހެންވީމާ ދެން ބަލާނީ ބާކީގެ 3/1 ދިނުންތޯ ނުވަތަ ދެން މުޤާސަމާކުރާނީތޯ ނުވަތަ މުޅި މުދަލުގެ 6/1 ނަގާނީ ތޯއެވެ. މުޤާސަމާ ކުރާނަމަ މި ޙާލަތްގައި ބަލަން ޖެހޭނީ ކާފައަކީ އަޚެއްކަމަށެވެ. އޭރުން ލިބޭނީ ފަރްޟުބައި ނެގުމުން މިހާރު ބާކީ އޮތް 4/3 ބަހަންޖެހޭނީ ދެ ބަޔަށް އެއްވަރަށެވެ. އޭރުން އެއީ 8/3 އެވެ. ބާކީ އޮތް 4/3 ގެ 3/1 ކާފަ ނަގައިފިނަމަ އެ ލިބެނީ 4/1 އެވެ. އެހެންވީމާ 8/3 ގިނަވާތީ މި ޙާލަތުގައި ކާފައަށް ރަނގަޅުވާނީ މުޤާސަމާ ކުރުމެވެ.

މައްސަލަ 4.2.2 : މި ޙާލަތަކީ 3 ގޮތެއްގެ ތެރެއިން ކާފައަށް އެންމެ ރަނގަޅު ގޮތަކަށް މުދާ ލިބިދެވޭ ޙާލަތެވެ. އެއީ މުޤާސަމާ ނުވަތަ މުޅި މުދަލުގެ 6/1 ނުވަތަ ބާކީ ހުންނަ އެއްޗެއްގެ 3/1 އެވެ. މި ޙާލަތުގައި ފަރްޟުން ލިބޭ އެހެން ބަޔަކު ތިބުމާއެކު ކުރިން ބުނެވުނު އިޚްވަތުގެ ތެރޭގައި ހިމެނޭ ދެބައި މީހުންވެސް ތިބެން ވާނެެއެވެ. ނަމަވެސް މި ޙާލަތް ތަފާތު ކުރެވިފައިވަނީ ވަކި 2 ޝަރުޠު ލާފައިވާތީއެވެ.

އެއީ (ހ) ބާކީ ހުންނަ އެއްޗެއް 4/1 އަށްވުރެ މަދުވުން (ށ) އަދި ކާފައަށް ލިބޭ އެއްޗެއްގެ 2/1 އަށްވުރެ،   އެއްބަނޑު އެއްބަފާ އަޚުންނަށް ލިބޭ އެއްޗެއް މަދުވުމެވެ.

މިސާލެއް:

ވާރުތަވެރިން ގޮތުގައި ތިބީ އަޚަކާއި މާމަ އާއި އަނތްބަކާއި ކާފައާނަމަ ފުރަތަމަ ދޭނީ ފަރްޟުވެރީންނަށެވެ. އެއީ ދަރިއަކު ނެތީމާ އަނބި މީހާއަށް ލިބޭ 4/1 އާއި މާމައަށް ލިބޭ 6/1 އާއެކު ޖުމްލަ ދެ ފަރްޟުވެރީންނަށް 12/5 އެވެ. މިޙާލަތުގައި ދެން ބާކީ އޮންނާނީ 12/7 އެވެ. ކާފައަށް ރަނގަޅު ގޮތް ހޯދާނީ މިހާ ހިސާބުންނެވެ.

ބާކީ އޮތް 12/7 ގެ 3/1 އަށް ވާނީ 36/7 އެވެ. އެހެންކަމުން މި ބައި މުޅި މުދަލުގެ 6/1 އަށްވުރެ ބޮޑުވެއެވެ. އެހެނީ 6/1 އެއީ 36/6 އެވެ.

ކާފަ އެއީ އަޚެއްކަމުގައި ބަލައި މުޤާސަމާ ކުރާނަމަ ބާކީ އޮތް 12/7 ބަހަންޖެހޭނީ ކާފަ އެއީ އަޚެއްކަމުގައި ބަލައިގެން ދެ މީހުންނަށް ހަމަހަމަ ކޮށެވެ. އޭރުން ކާފައަށް މި ލިބެނީ 12/7 ގެ 2/1 އެވެ. އެއީ 24/7 އެވެ.

– މައްސަލައިގައިވާ ޝަރުޠަށް ބެލުން

އެހެންކަމުން ބާކީ އޮތް މި ނަތީޖާތަކަށް ބަލާއިރު، 4 ވަނަ ޙާލަތުގައި ބުނެފައިވާ 2 ޝަރުޠު މި މިސާލުގައި ފުރިހަމައެއް ނުވާނެއެވެ. އެއީ:- (ހ) ބާކީ އޮތް 12/7 މުދަލުގެ 4/1 އަށްވުރެ ބޮޑުވުން. ޝަރުޠުގައި ބުނަނީ ބާކީ 4/1 އަށްވުރެ މަދުވާން ޖެ ހޭނެކަމަށެވެ.

(ށ) މުޤާސަމާކުރުމުން އަޚަކަށް ލިބެނީ 24/7 އެވެ. އެއީ ބާކީ އޮތް 12/7 ދެ ބަޔަށް އެއްވަރަށް ބެހުމުންނެވެ. އަޚަށް ލިބުނު 24/7 ކާފައަށް ލިބޭ އެއްޗެއްގެ 2/1 އަށްވުރެ އިތުރެވެ. ޝަރުޠު ފުރިހަމަވާނީ 2/1 އަށްވުރެ މަދު ނަމައެވެ. ވީމާ 4 ވަނަ ޙާލަތުގައިވާ މިސާލުގައި މި 2 ޝަރުޠު ފުރިހަމަ ވާނީ ވާރުތަވެރިންގެ ގޮތުގައި މަދުވެގެން 2 އަޚުން ތިބުމާއެކު 2 ފަރްޟްވެރިންނާއި ކާފައާއެކު ޖުމްލަ 4 ވާރިޘުން ތިބެގެންނެވެ. އެޙާލަތްގައި ހިސާބު ހަދައިގެން ބަލާނީ ބުނެފައިވާ ޝަރުޠުތައް ފުރިހަމަ ވުމާއެކު ކާފައަށް އެންމެ މޮޅީ ކޮން ގޮތެއްތޯއެވެ.

އަޅުގަނޑަށް ބެލުނު މަޢުލޫމާތުތަކުން އެނގުނު ގޮތުގައި އިސްލާމްދީން ބާރުއަޅަނީ ތަރިކަ މުދާ އޭގެ ޙައްޤުވެރީންނަށް ރައްކާތެރިކަމާއި ހަމަހަމަ ކަމާއެކު ލިބި ދިނުމަށެވެ. އެ ގޮތުން ވަކި ޙާލަތްތަކެއްގައި ޚަރަދުކުރުން ލާޒިމްވާ ފަރާތަށް އެ ޙާލަތަށްޓަކައި ވަކި މިންވަރެއް އިތުރަށް ލިބި ދެވެއެވެ.

މާލޭން އުތުރުގެ 7 ރަށެއްގެ ޤާޟީންނާ އަޅުގަނޑު ސުވާލުކޮށް ބެލުމުން އެނގުނު ގޮތުގައި، 2016 ވަނައަހަރުގެ ނިޔަލަށް ޝަރުޢީ ކޯޓެއްގައި ކާފައަށް މުދާ ލިބޭ ޙާލަތެއްގެ މައްޗަށް ޤަޟިއްޔާއެއް ހިންގިފައެއް ނުވެއެވެ. އެހެންކަމުން ޙަޤީޤީ މައިދާނުގައި ކާފަގެ ޙާލަތުގެ ނާދިރުކަން އެނގުނެވެ. އެކަމަކު މި ނާދިރު ޙާލަތަށްވެސް ޙައްލު މި ޢިލްމުގައި ﷲ ލައްވާފައި އެބަ އޮތެވެ.

މީރާޘް ޢިލްމުގެ ތަރާދުގެ އެންމެ ފުރިހަމަ ކަމެއްކަމަށް ސާބިތުވީ، މި ޢިލްމުގައިވާ ވަށާޖެހުމުގެ ހަމަތަކެވެ. އެހެންކަމުން ތަރިކައިގެ މުދަލުގެ މައްސަލަތަކަށް 360 ޑިގްރީގެ ޙައްލު މި ޢިލްމުގައި ﷲ ވަނީ ލައްވާފައެވެ.

މައްޔިތާގެ ކާފައާ ގުޅިފައިވާ ބެހެނި ވެރިންނަކީ ކޮބައިކަމާއި، ޢިލްމުވެރީންގެ ވިސްނުން ކަފިވެފައިވާ މިންވަރާއި، ކާފައަށް ތަރިކަ މުދާ ބެހުމާ ބެހޭ ގޮތުން ޢުމަރުގެފާނު ވިދާޅުވެފައިވާ ބަސްފުޅުތަކަށް ބަލާއިރު ކާފަގެ ޙާލަތްތަކަކީ ވަރަށް ޙައްސާސީ ޙާލަތްތަކެކެވެ. އެހެންކަމުން އެ ޙާލަތަކަށް ވަރަށް ބޮޑަށް ރައްކާތެރިވާން ޖެހޭނެއެވެ. والله اعلم

މައުލޫމާތު ހޯދި ގޮތް:

  1. القران الكريم ގެ ދިވެހި ތަރުޖަމާ، (ދިވެހިރާއްޖެ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، ފުރަތަމަ ޗާޕު: 2007)

 

  1. ފައްޔާޟް ޢަލީ މަނިކު، “ތަރިކަ ބެހުމަށް ފަހި މަގެއް”، (ދިވެހިރާއްޖެ: ޤައުމީ ޔުނިވަރސިޓީ / ފެކަލްޓީއޮފް ޝަރީޢާ އެންޑް ލޯ، ނޮވެލްޓީ ޕްރިންޓަރސް، ދެވަނަ ޗާޕު: ސެޕްޓެމްބަރ 2012)
  2. އިބްރާހީމް ރަޝީދު މޫސާ، “ފަސޭހަ މަގުން – ތަރިކައަށް ވަނުން” (ދިވެހިރާއްޖެ: ކީރިތި ޤުރުއާނާބެހޭ މަރްކަޒު، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، ފުރަތަމަ ޗާޕު: 2017 )
  3. އިބްރާހީމް ރަޝީދު މޫސާ، “އަޙްކާމުލްމީރާޘް” (ދިވެހިރާއްޖެ: ކުއްލިއްޔަތުލްދިރާސާތިލްއިސްލާމިއްޔާ، ތިންވަނަ ޗާޕު: 2011 )
  4. އިބްރާހީމް ރަޝީދު މޫސާ، “އަޙްކާމުލްމީރާޘް” (ދިވެހިރާއްޖެ: ކުއްލިއްޔަތުލްދިރާސާތިލްއިސްލާމިއްޔާ، 1ވަނަ ޗާޕު: އޭޕްރީލް 2006 )
  5. އިބްރާހީމް ރަޝީދު މޫސާ، “ތަރިކަ މުދަލާއި ކާފަ” (ދިވެހިރާއްޖެ:ކުއްލިއްޔަތުލްދިރާސާތިލް އިސްލާމިއްޔާ، ފުރަތަމަ ޗާޕު: ޖޫން 2012 )
  6. ހުސްނުއްސުޢޫދު “އިސްލާމީ ޝަރިޢަތުގައި ތަރިކަ މުދާ ބެހުން” (ދިވެހިރާއްޖެ: ފުތަމަ ޗާޕު، ފެބުރުއަރީ 2017)
  7. މުޙައްމަދު ރަޝީދު އިބްރާހީމް، “އިސްލާމީ ފިޤްހު 2” (ދިވެހިރާއްޖެ: ފުރަތަމަ ޗާޕު ، 2004)
  8. ޢަބްދުއްޞަމަދު އަޙްމަދު، “ޢިލްމުލްފަރާއިޟް” މޮޑިއުލް / ލެކްޗަރަރ ނޯޓްސް، (ދިވެހިރާއްޖެ: ވިލާކޮލެޖް، ސެޕްޓެމްބަރ 2017 ) ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ، ބެޗް-10

ލިޔުނީ: ޢަބުދުއްސައްތާރު މުޙައްމަދު

ނ. މިލަދޫ އަށް އުފަން، ޢަބްދުއްސައްތާރު މުޙައްމަދުވަނީ ސަރުކާރުގެ ޚިދުމަތުގައި 20 އަހަރަށްވުރެ ދިގުމުއްދަތެއް ހޭދަކުރައްވާފައެވެ. މި މުއްދަތުގައި އެރަށުކަތީބެއްގެ ހައިސިއްޔަތުން 7 އަހަރު ޚިދުމަތް ކުރައްވާފައިވެއެވެ. މިހާރު ވަޒީފާ އަދާކުރައްވަނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފަރާސްޓްރަކްޗަރ ގައެވެ. މިހާރު ވިލާކޮލެޖުގައި ޝަރިޢާ އެންޑް ލޯ އިން މަތީ ތަޢުލީމް ޙާޞިލުކުރައްވަމުން ގެންދަވާ ޢަބްދުއްސައްތާރު މުޙައްމަދު ވަނީ، އިސްލާމީ ޝަރީޢާގެ ދާއިރާއިން ޑިޕޮލޮމާއެއް އަދި ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓްގެ ދާއިރާއިން ވެސް ޑިޕޮލޮމާއެއް ހޯއްދަވާފައެވެ. މީގެ އިތުރުން ޢަބްދުއްސައްތާރު މުޙައްމަދުވަނީ 2004 ވަނަ އަހަރު މިނިސްޓްރީ އޮފް އެޓޯލްސް ޑިވެލޮޕްމަންޓް އާއި އޭރުގެ ނުރަސްމީ ތަޢުލީމުދޭ މަރުކަޒާ ގުޅިގެން ހިންގެވި "ރައްރަށުގެ ވެރިންތަމްރީނުކުރާ ކޯސް" ބައިވެރިންގެ ތެރެއިން އެއްވަނަ ހޯއްދަވާފައެވެ.

ޚިޔާލެއްދެއްވާ

avatar
wpDiscuz