ޓެބްލެޓް ބޭނުންކުރިޔަސް ޓެކްސްޓް ފޮތްތައް އުވައެއްނުލާނެ – މިނިސްޓްރީ

ކިޔަވައިދިނުމުގައި ޓެކްނޮލޮޖީގެ ބޭނުން އިތުރުކޮށް، މި އަހަރު ކިޔަވައިދިނުމުގެ އުސޫލުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް މި ދިރާސީ އަހަރުގެ ޖޫން މަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާސްކޫލްތަކެއްގެ  ހުރިހާ ކުދިންނަށް ޓެބްލެޓް ފޯރުކޮށްދެވޭނެ ކަމަށާއި، އެހެންނަމަވެސް ޓެބްލެޓް ބޭނުން ކުރިޔަސް މިހާރުވެސް ބޭނުންކުރަމުން އަންނަ ކުދިންގެ ޓެކްސްޓް ފޮތްތައް ބާކީ ނުވާނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މިހެން ބުނެފައިވަނީ ރާއްޖޭގެ ސްކޫލްތަކުގެ ދަރިވަރުންގެ ބެލެނިވެރިންނަށް ސްކޫލްތައް މެދުވެރިކޮށް އަންގަވަމުން ގެންދަވާ ލިޔުމެއްގައެވެ. ބެލެނިވެރިޔާއަށް އެޑްރެސްކޮށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ނެރެފައިވާ އެ ލިޔުމުގައި ވާގޮތުން  2018 ވަނަ އަހަރުގެ ދިރާސީ އަހަރަށް މަރުޙަބާ ކިޔަނީ، ސްކޫލްތަކުގައި އުނގަންނައިދިނުމަށް ގެނެވިފައިވާ މުހިންމު ބަދަލުތަކަކާއެކުގައެވެ. އެގޮތުން ދަރިވަރުންނަށް ދެވޭ ތަޢުލީމަކީ އެދަރިވަރާ އެންމެ ގުޅޭ ގޮތަށް ބައްޓަން ކުރެވިގެން ޒަމާނީ ވަސީލަތްތަކުގެ އެހީގައި ދެވޭ ތަޢުލީމަކަށް ހެދުމަށް މިއަހަރުގެ ތެރޭގައި ވަރަށް ބޮޑު އިސްކަމެއް ދިނުމަށް ހަމަޖެހިފައިވާކަމަށް އެލިޔުމުގައި ވެއެވެ.

އަދި ޑިޖިޓަލް ސްކޫލް ޕްރޮޖެކްޓަކީ ދިވެހި ސަރުކާރުގެ ތަޢުލީމީ ސިޔާސަތު ތަންފީޒްކުރުމުގެ ގޮތުން ތަޢުލީމީ ދާއިރާއަށް އިތުރުކުރެވިގެންދާ މުހިންމު ބޮޅެއްކަމަށާއި، މި ޕްރޮޖެކްޓްގެ ދަށުން ސަރުކާރު ސްކޫލްތަކުގެ ގްރޭޑް 1 ން ފެށިގެން ގްރޭޑް 12 އަށް ތަޢުލީމް ހާސިލްކުރަމުންދާ ކޮންމެ ދަރިވަރަކަށް ޓެބްލެޓެއް، މި ދިރާސީ އަހަރުގެ ޖޫން މަހުގެ ތެރޭގައި ފޯރުކޮށްދެވޭނެކަމަށް އެ ލިޔުމުގައި ބުނެފައިވެއެވެ. ނަމަވެސް މި ޓެބްލެޓް، ސްކޫލްތަކުގައި ބޭނުންކުރެވޭނީ އުނގެނުމާއި އުނގަންނައި ދިނުމަށްކަމަށާއި، މިގޮތުން މި ޓެބްލެޓްތަކުގައި އުނގަންނައިދިނުމަށް ބޭނުންކުރެވޭ ޚާއްޞަ ސޮފްޓްވެއަރތަކާއި އެ ގްރޭޑަކަށް ކަރިކިއުލަމްގައި ކަނޑައެޅިފައިވާ ޓެކްސްޓް ފޮތްތައް ހިމެނިފައިވާނެކަމަށް ލިޔުމުގައި ވެއެވެ. އަދި ޓެބްލެޓް ބޭނުންކޮށްގެން ކިޔަވައިދިނުމަކީ، ދަރިވަރުންނަށް ދެވިފައިވާ ޓެކްސްޓް ފޮތްތައް ބޭނުންކުރުން އުވިގެންދާ ގޮތަށް ކުރިއަށް ގެންދެވޭ މަސައްކަތެއް ނޫންކަމަށާއި، ޓެބްލެޓް ބޭނުންކުރެވޭނީ އުނގެނުމާއި އުނގަންނައި ދިނުމުގައި ބޭނުންކުރެވޭ އިތުރު ވަސީލަތެއްގެ ގޮތުގައިކަމަށްވެސް ބެލެނިވެރިންނަށް ފޮނުވާފައިވާ މިލިޔުމުގައި ވެއެވެ.

މިފަދަ ވަސީލަތެއް ތަޢުލީމީ ނިޒާމުގެ ތެރެއަށް ތަޢާރަފްވެގެންދާތީ، ބެލެނިވެރިން މިކަމަށް އަހުލުވެރިކުރުމަކީ އެހާމެބޭނުންތެރިކަމެއްކަމުން، މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ހުރިހާ ބެލެނިވެރިންނަށް ޑިޖިޓައިޒޭޝަނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމްތަކެއް ހިންގޭނެކަމަށްވެސް އެލިޔުމުގައިވެއެވެ.

ލިޔުން ނިންމާލައްވަމުން އިތުރަށް ހާމަކޮށްފައިވަނީ މިއަދު އަޅުގަނޑުމެން އެންމެން ގުޅިގެން ކުރަމުން މިގެންދާ މަސައްކަތަކީ މާދަމާ ޤައުމުގެ އިސް ސަފުގައި އެކި ގޮތްގޮތުން ޤައުމަށް ޚިދުމަތް ކުރުމަށް ތައްޔާރުވެފައިވާ ހަރުދަނާ ޒުވާން ޖީލެއް އުފެއްދުންކަމަށްވާތީ ދަރިވަރުންގެ ތަޢުލީމީ ޙަޔާތް އާރާސްތުކުރުމަށްޓަކައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރެވިގެންދާނެކަމަށެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ރާއްޖޭގެ ހުރިހާ ބެލެނިވެރިންނަށް އެޑްރެސްކުރައްވާ ސްކޫލްތައް މެދުވެރިކުރައްވާ މިފަދަ ލިޔުމެއް ބެލެނިވެރިންނަށް ފޯރުކޮށްދެއްވުމުގެ އިންތިޒާމްތައް ހަމަޖައްސަވަމުން ގެންދަވާއިރު ސްކޫލްތަކުގައި ޓެބްލެޓް ބޭނުންކުރުމާމެދު އެކިފާޑުފާޑުގެ ޚިޔާލުތަކާއި، ޝުޢޫރުތައް މީސްމީޑިއާގައި ޢާއްމު ފަރާތްތަކުން ދަނީ ފާޅުކުރަމުންނެވެ. މިއީ ވަރަށް ރަގަޅު ހަރުދަނާ ޒަމާނާގުޅޭ ހެޔޮ ބަދަލެއްކަމުގައި ގިނަބަޔަކު ބަލައިގަތަސް އަނެއްބަޔަކު ބުނަނީ ދަރިވަރުން ޓެބްބޭނުން ކުރުމުގެ ނުރައްކާތެރިކަން ސިއްޙަތަށާއި، ޢާއްމު ދިރިއުޅުމަށް މާބޮޑު ކަމަށެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

މިލިޔުންވެސް ކިޔާލާ

ޓެބްލެޓް ޙަވާލުކުރި އެންމެ ފުރަތަމަ ސްކޫލަކީ އިސްކަންދަރު

ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ޓެކްނޮލޮޖީގެ އެހީގައި ކިޔަވައިދިނުމަށްޓަކައި ބޭނުންވާ ޓެބްލެޓްތަކުގެ ތެރެއިން ޓީޗަރުންނަށް ދޭ ޓެބްލެޓްތައް އެޑިޔުކޭޝަން މިނިސްޓްރީން ސްކޫލްތަކާ …

ޚިޔާލެއްދެއްވާ

avatar
އިއްސޭ
އިއްސޭ

ޓެބް ބޭނުންކުރުމަކީ މަގޭ ދެކޭގޮތުގައި މިޒަމާނަށް ބަލާއިރު ވަރަށް މުހިއްމު ކަމެއް.