ލަންދޫގެ ތަރައްޤީގެ ދުވެލި މަޑުޖެހިފައި
އެއްޒަމާނެއްގައި ލަންދޫއަކީ ނ.އަތޮޅުގެ އުތުރުބިތުގައި އޮތް އެންމެބޮޑަށް ތަރައްޤީވެ ، ތަރައްޤީގެ އެންމެގިނަ މަޝްރޫޢުތައް ކުރިއަށް ގެންދުވުނު ރަށެވެ. ހަމައެހެންމެ އެދުވަސްވަރު ލަންދޫގެ ރައްޔިތުންވެފައިވަނީ ވެރިންނަށް ބޯލަބާ ކިޔަމަންތެރި ރަށުގެ ކުރިއެރުމާއި ތަރްއްޤީއަށް ނުހަނު ގިނަގުނަ މަސައްކަތްތަކެއްކުރި އަތޮޅުގެ އެހެނިހެން ރައްޔިތުންނަށް ހުރި ނަމޫނާބަޔަކަށެވެ.
ޒަމާންބަދަލްވެ މިއަދު ހުރިހާކަމެއްވެސް މިވަނީ ނުވަތު ބުރައްޖަހާފައެވެ. ލަންދޫގެ ތަރައްޤީ އާއި ކުރިއެރުމަށް އެކަށީގެންވާ ރަނގަޅުކަމެއް ނުކުރެވޭތާ ދެތިން އަހަރުވެގެންދަނީއެވެ. ލަންދޫގެ ވަށައިގެން ހުރި ރަށްތަކުގައި ތަރައްޤީގެ ތަފާތު ބޮޑަތި ބިޔަ މަޝްރޫޢުތައް ހިންގަމުންދާއިރު ލަންދޫއަށް ތަރައްޤީގެ އެއްވެސް މަޝްރޫޢުއެއް އަންނާނެކަމުގެ އެއްވެސް ކޮޅުމައްޗެއް ފެންނާކަށް ނެތެވެ.
ލަންދޫގައި ފިރިހެނުން ނަމާދުކުރުމަށް ހެދިފައިވާ ހުކުރު މިސްކިތުގެ ޖާގަ ކުޑަވެ ހުކުރު ދުވަސްދުވަހު މީހުން ބޭރުގައި ނމާދުކުރަން ޖެހިފައިވާއިރު މިކަމަށް ހައްލެއް ލިބޭނެ ދުވަހެއް ނޭގެއެވެ. ޒަމާނުންސުރެ ލަންދޫގެ ރައްޔިތުން އަރާމްކޮށް މުނިފޫހި ފިލުވުމުގެ ގޮތުން ހަދާފައިވާ ފިނިމައިޒާންތައް ހަލާކުވެ ފަނާވެދާއިރު މިތަންތައް މަރާމާތު ކޮށްލެވޭނެ ދުވަހެއް ނޭގެއެވެ.
ލަންދޫގެ މަގުތައްވާވެ ޢާއްމު ރައްޔިތުން ދިރިއުޅޭ ސަރަހައްދުތަކުގައި ބޯޖަންގަލިތައް އުފެދެމުންދާއިރު މިކަންތައްތަކަށް ހައްލެއްހޯދޭނެގޮތެއްނެތެވެ. ލަންދޫގެ ގޮޑުދޮށްތައް ނެޕީން ޖަނޑާވެ މީހުން ދިރިއުޅެމުން ގެންދާ ސަރަހައްދާއި، ދިރިނޫޅެ ސަރަހައްދުތައް ކުނިތަކުން ފުރެމުންދާއިރު މިކަންތަކަށް ހައްލެއް ލިބޭނެ ދުވަހެއް ނޭގެއެވެ.
މިއަހަރުގެ ބަޖެޓްގައި ލަންދޫގެ ނަރުދަމާގެ މަޝްރޫޢު ހިމެނިފައިވީނަމަވެސް ކޮމެޓީ މަރުހަލާ ނިމިގެން އައިއިރު ” ލަންދޫ ނަރުދަމާގެ ” ބަދަލުގައި ” ލަންދޫ ބަނދަރުގެ މަޝްރޫޢު ” ލިޔެވިފައި ވުމުން މިއަހަރުގެ ތެރޭގައި މިކަންތައްވެސް ލަންދޫގައި ފެށުމާއި މެދު މިއަދު މިވަނީ ސުވާލް އުފެދިފައެވެ.
” ނުރޯދަރިޔަކަށް ކިރެއްނުލިބޭނޭ ” ބުނާބަހުން ހިތްވަރުލިބިގަނެ ލަންދޫގެ ރައްޔިތުން ލަންދޫގެ ތަރައްޤީއަށް އިތުރު މަސައްކަތްތަކެއް މިއަދު މިވަނީ ކުރަންޖެހިފައެވެ.


