ރިސައިކްލް ކުރި ނަރުދަމާފެނުގެ ޙުކުމް

ރަށްވެހިކަމުގެ ޒަމާނީ ތަރައްޤީ އާއެކީ ދުނިޔެއަށް އުފަންކުރުވި އާ މައްސަލަ ތަކަކީ ކުރީޒަމާނުގައި އޮތް މައްސަލަތަކެއް ނޫނެވެ. ސައިންސްގެ ދާއިރާ ކުރިއެރުމުގެ ސަބަބުން ކުރެވޭ ޒަމާނީ މުޢާމަލާތްތަކުގައި، ޝަރުޢީ ގޮތުން މުސްލިމުންނަށް ހުއްދަ އޮތް ކަމެއްތޯ ބަހުސްކުރެވޭ އެތަކެއް މައްސަލަ މިއަދުގެ ދުނިޔޭގައި އެބަވެއެވެ. ވީމާ އެފަދަ އާ މައްސަލައެއްގެ ޙުކުމް ނައްޞުތަކުގެ އަލީގައި ބިނާ ނުކުރެވޭނަމަ އެއީ އިސްލާމީ ފިޤްހަށް އޮތް އުނިކަމަކަށް ވެގެން ދިޔައީހެވެ.

މިގޮތުން ބަލާއިރު، ނަރުދަމާގައި ހުންނަ ފެނަކީ މުޑުދާރު އެއްޗެކެވެ. ހަމަ މިގޮތަށް، ޝަރުޢުގައި ނަޖިސް ކަމުގައި ކަނޑައަޅުއްވާފައިވާ ކޮންމެ އެއްޗަކީ ހަޑިމުޑުދާރު ގެއްލުންހުރި އެއްޗެއްކަން އެނގެއެވެ. އެހެންކަމުން ޝަރުޢީ ދަލީލުތަކުގެ އަލީގައި މިފަދަ އައު މައްސަލަތަކަށް ޙައްލު ލިބުމަކީ އިސްލާމްދީނަށް ލިބޭ މަތިވެރި ކަމެކެވެެ.

މި މައުޟޫޢުއަށް މަޢުލޫމާތު ހޯދުމަށް އަޅުގަނޑު ބެލި ބެލުމުން އެނގުނީ ސީދާ މި މައުޟޫއަށް ދިވެހިރާއްޖޭގައި ދިރާސާއެއް ހެދިފައި ނެތްކަމެވެ. ނަމަވެސް ފިޤްހީ ޤާއިދާއެއް ކަމުގައިވާ (اﻟﻨﱠﺠَﺎﺳَﺔ إِذَا اﺳْﺘَﺤَﺎﻟَﺖ ﻃَﻬُﺮَتْ) މި ޤާއިދާއަށް ނުވަތަ “އިސްތިޙާލާވުން” މި މައުޟޫޢުގައި، 2011 ވަނަ އަހަރު އަދި 2012 ވަނަ އަހަރު މެލޭޝިއާގެ ބައެއް ޔުނިވަރސިޓީ ތަކުގައި އެނަލައިސް ކުރެވިފައި އެބަހުއްޓެވެ.

އަޅުގަނޑުގެ ލިޔުމުގައި އެންމެ ފުރަތަމަ ބަލާލައިފައި ވާނީ ނަޖިހަކީ ކޮބައިކަމާއި ނަޖިސް ތާހިރު އެއްޗަކަށް ޝަރުޢީ ގޮތުން ބަދަލު ކުރުމުގެ މިންގަނޑަކީ ކޮބައިކަމާއި، ޢަމަލީ ގޮތުން ކަންކުރަނީ ކިހިނެއްކަމާއި ފެން ރިސައިކްލް ކުރެވޭ މަރުޙަލާތަކަކީ ކޮބައިކަމާއި މި މައްސަލައިގައި ޢިލްމުވެރީންގެ މެދުގައި ހުރި ޚިލާފުތަކުގެ މައްޗަށެވެ.

މި ދިރާސާ ފުރިހަމަ ކޮށްފައިވާނީ އިތުބާރު ހުރި އިންޓަރނެޓުގެ ސައިޓްތަކުން ލިބުނު މަޢުލޫމާތުގެ އަލީގަ އާއި ޢިލްމުވެރީން ލިއުއްވާފައިވާ ފޮތްތަކުގެ ޒަރީޢާއިން ލިބުނު މަޢުލޫމާތުގެ މައްޗަށެވެ. މިގޮތުން އިބްރާހީމް ރަޝީދު މޫސާ ލިއުއްވާފައިވާ “ފިޤުހުއްނަވާޒިލް” މި ފޮތުން، މި މައުޟޫޢުއާ ގުޅުންހުރި މުހިއްމު މަޢުލޫމާތު ނަގާފައި ވާނެއެވެ. އަޅުގަނޑުގެ އަމިއްލަ ވިސްނުމުގައި ދެކޭގޮތް ނުވަތަ މަޢުލޫމާތެއް ހާމަ ކޮށްފައިވާނީ ކުރެވުނު ދިރާސާގައި ބެލުނު މަޢުލޫމާތުގެ އަލީގައެވެ.

ފެނަކީ އިންސާނުންނާއި ދުނިޔޭގައިވާ ހުރިހާ އެއްޗެއްގެ ދިރުމެވެ. މިހެންކަމުން ފެނުގެ މުހިއްމުކަން ވަރަށް ބޮޑެވެ. މުސްލިމުން ހިނާ ތާހިރުވުމަށާއި ސާފު ތާހިރު ކުރުމަށްވެސް ޢާއްމު ޙާލަތްތަކުގައި ބޭނުންކުރަނީ ފެނެވެ.

މުޙައްމަދު އިބްރާހީމް ނައިފަރު (2008) “ކިތާބުއްޠަހާރާ” މި ފޮތުގެ މުޤައްދިމާގައި ލިޔުއްވާފައިވާ ގޮތުގައި އިންސާނާގެ ޖިސްމު ދެ ގޮތަކުން ނަޖިސްވެއެވެ. އެއީ ޙަޤީޤީ ގޮތުންނާއި ޙުކުމީ ގޮތުންނެވެ.(ޙަޤީޤީ ގޮތުން ނަޖިސްވުން އެއީ ޝަރުޢުގައި ނަޖިސްކަމަށް ކަނޑައެޅިފައިވާ އެއްޗެއް ހަށިގަނޑުގައި ނުވަތަ ތަނެއްގައި ނުވަތަ ފޭރާމުގައި ޖެހުމެވެ. ޙުކުމީ ގޮތުން ނަޖިސްވުން އެއީ ޙަދަޘް ވެރިވުމެވެ.) މީގެން ކޮންމެ ގޮތަކުން އިންސާނާގެ ޖިސްމު ނަޖިސްވިޔަސް ތާހިރު ވުމަށް ބޭނުންކުރާ އެކައްޗަކީ ފެނެވެ. މިގޮތުން ޢިލްމުވެރީން ބައިކުރައްވާފައިވާ ފެނުގެ ތަފާތު ބާވަތްތަކުގެ ތެރޭގައި ހިމެނޭ އެއް ބާވަތަކީ “ނަޖިހެއް ނުވަތަ ނަޖިސް އެއްޗެއް އެކުލެވިފައިވާ ފެނެވެ.” މި ފެނުގައި ދެ ޙާލަތެއްވެއެވެ. މުޙައްމަދު އިބްރާހީމް ނައިފަރު (2008) ވިދާޅުވެފައިވާ ގޮތުގައި ފެނުގެ 2 ބާވަތެއް ވެއެވެ. އެއީ ޢާއްމު ފެނާއި އިސްތިޢުމާލު ކުރެވިފައި ހުންނަ ފެނެވެ. (މި ދެބާވަތުގެ ތެރޭގައި 7 ވައްތަރެއްގެ ފެން ހިމެނެއެވެ. މި ބާވަތްތަކުގެ ތެރޭގައި މުސްލިމުން ވުޟޫކުރުމަށާއި ފެންވަރަން ބޭނުންކޮށްފައި ހުންނަ ފެނަކީ އޭގައި ނަޖިސް އެކުލެވިފައިނުވާ ނަމަ ޠާހިރުފެނެވެ. ނަރުދަމާ ފެނުގެ ޙުކުމާމެދު ސުވާލު އުފެދެނީ އޭގައި ނަޖިސް އެކުލެވިފައިވާކަން ޔަޤީންކުރެވޭތީއެވެ.)

ނަޖިހުގެ ސަބަބުން ފެން ތަޣައްޔަރުވެފައިވާ ޙާލަތު:

މިއީ އެ ފެނަށް އެޅުނު ނަޖިހުގެ ސަބަބުން އޭގެ ކުލަ އާއި ވަހާއި ރަހައަށް ބަދަލު އައިސްވާ ފެނެވެ. މި ޙާލަތުގައި އެ ފެނުން ތާހިރުވުން ހުއްދަވެގެން ނުވާކަމަށް ޢިލްމުވެރީން އިޖުމާޢު ވެފައިވެއެވެ.

ނަޖިހުގެ ސަބަބުން ފެން ތަޣައްޔަރު ނުވާ ޙާލަތު:

މި ޙާލަތުގައި ފެނަށް ނަޖިސް އެޅިފައި ހުރި ނަމަވެސް ފެނުގެ ކުލައަށް ނުވަތަ ވަހަށް ނުވަތަ ރަހައަށް ބަދަލު އައިސްފައި ނުވާނަމަ އެ ފެނަށް ހިނގާނީ އާއްމު ފެނުގެ ޙުކުމެވެ. މީގެ ދަލީލަކީ މަދީނާގައި ހުރި ނަޖިސް އެޅިފައި ހުރި ފެންވަޅަކުން ވުޟޫ ކުރެވިދާނެތޯ ރަސޫލާ محمَّد ﷺ އަށް ދެންނެވުމުން ހަދީޘް ކުރެއްވިކަމަށް، އިމާމު އަޙްމަދު އަރިހުން ރިވާވެގެން އައިސްފައިވާ ބަސްފުޅެވެ.(ﺍﻟﻤﺎﺀﻃﻬﻮﺭﻻﻳﻨﺠﺴﻪﺷﻴﺊ) (މުސްނަދު އަލް އިމާމު އަޙްމަދު 8663/15 ) މާނައީ “އެފެން ތާހިރުވެގެން ވެއެވެ. އެއްވެސް އެއްޗެއް އެ ފެން ނަޖިހެއް ނުކުރެއެވެ.”

މި ދެޙާލަތަށް ބަލާއިރު ނަރުދާމާގައި ހުންނަ ފެން ވަންނަނީ ފުރަތަމަ ޙާލަތުގައި ބަޔާންކޮށްފައިވާ “ނަޖިސް ވެފައިވާ” ފެނުގެ ތެރެއަށެވެ. އެހެންކަމުން ނަޖިސް ވެފައިވާ ފެނުގެ ބާވަތެއް ރިސައިކްލް ކުރުމުން ނުވަތަ ބަދަލުކުރެވިއްޖިއްޔާ (އިސްތިޙާލާވުމުން) ތާހިރު ވާނެ ހެއްޔެވެ؟ މާނައަކީ އެ ފެނަކީ މުސްލިމުން ބޭނުންކުރަން ޝަރުޢީ ގޮތުން ހުއްދަ ވާނެ އެއްޗެއް ހެއްޔެވެ؟

މި ސުވާލުތަކުގެ ޖަވާބަށް ދިއުމުގެ ކުރީން ނަޖިހަކީ ކޮބައިކަން ބަލާލުން މުހިއްމެވެ. ސަބަބަކީ ނަރުދަމާގައި ހުންނަ ފެން ހިމެނިގެން މިދަނީ ނަޖިހުގެ ތެރޭގައިކަން ކުރިން ބަލާލެވުނު މަޢުލޫމާތުން ކަށަވަރުވާތީއެވެ.

ނަޖިސްތަކެއްޗަކީ މުސްލިމުން އެއިން ރައްކާތެރިވާން ޖެހޭ ތަކެތި ކަމަށް ޝާރިޢު އަންގަވާފައިވާ ތަކެއްޗެވެ. ނުވަތަ  ޢާއްމު ބަހުރުވައިންނަމަ ނަޖިސް ތަކެއްޗަކީ ހަޑި ތަކެއްޗެވެ. އަދި الله سبحانه وتعالى އެ އެއްޗަކާމެދު ވަކި ޙުކުމެއް ބާވައިލައްވައިފައި ނުވާ ތަކެއްޗަކީ ތާހިރު ތަކެތި ކަމުގައި ޢިލްމުވެރީން ބަޔާން ކުރައްވާފައި ވެއެވެ. ޝަރީޢަތުގައި ނަޖިސް ތަކެއްޗަކީ އެ އެއްޗަކުން ނަމާދު ޞައްޙަވުން މަނާކުރާ ކޮންމެ އެއްޗެކެވެ. މިފަދަ ތަކެތި ފޭރާމުގައި ނުވަތަ ހަށިގަނޑުގައި ޖެހިއްޖެ ނަމަ އޭގެ ކުލަ އާއި ވަހާއި ރަހަ ފިލުވައިލާ ދޮވެ ސާފު ތާހިރު ކުރަން ޖެހެއެވެ.

އަޙްމަދު ފާރޫޤް މުޙައްމަދު (2012) ވިދާޅުވެފައިވާ ގޮތުގައި “ނަޖިސްތަކެއްޗަކީ މުސްލިމުން އެފަދަ ކޮންމެ އެއްޗަކުން ދުރުހެލިވެ ރައްކާތެރިވުން ވާޖިބު ހަޑި މުޑުދާރު ތަކެއްޗެވެ.”

ކީރިތި ޤުރްއާނުގައި الله سبحانه وتعالى ވަޙީ ކުރައްވާފައިވެއެވެ. ﴿إِنَّمَا حَرَّمَ عَلَيْكُمُ الْمَيْتَةَ وَالدَّمَ وَلَحْمَ الْخِنزِيرِ وَمَا أُهِلَّ بِهِ لِغَيْرِ اللَّـهِ – سورة البقرة: الاية 173  ﴾ މާނައީ:- “ތިޔަބައިމީހުންނަށް އެކަލާނގެ حرام ކުރައްވާފައިވާކަން ކަށަވަރީ، މުޅަ ތަކެއްޗާއި، ލެޔާއި، އޫރުމަހާއި، اللَّه ފިޔަވައި އެހެން ފަރާތެއްގެ ނަންގަނެ ކަތިލާ ތަކެއްޗެވެ.”

އިބްރާހީމްރަޝީދު މޫސާ، (2012) ވިދާޅުވެފައިވާ ގޮތުގައި “މި އާޔަތުގައި މާތް ﷲ ޙަރާމް ކުރައްވާފައިވާ ތަކެއްޗަކީ ނަޖިސް ތަކެއްޗެވެ.”

މަތީގައި ބަޔާން ކުރެވިފައިވާ ޢިލްމީ ދަލީލުތަކުގެ އަލީގައި ސީދާ ނައްޞުން ސާބިތު ވެފައިވާ ނަޖިހަކީ ކޮބައިކަން ވަރަށް ސާފުކޮށް އެނގިގެން ދެއެވެ. އެހެންކަމުން ނަޖިހުން ތާހިރުވާން ބޭނުންކުރާ އެކައްޗަކީ ފެން ކަމަށްވާއިރު ސީދާ ނައްޞުން ނަޖިހެއްކަމަށް އެނގެން ނެތް ނަރުދަމާފެން (ނަޖިސް ވެފައިވާ ފެން) އެހެން އެއްޗަކަށް ބަދަލުކުރުން (އިސްތިޙާލާވުން) ޝަރުޢީ ގޮތުން އޮތީ ކިހިނެއްކަން ބަލަންޖެހެއެވެ. މި މައްސަލައިގާ ފުރަތަމަ ބަލާލަން ޖެހޭނެކަމަށް ދެކެނީ ނަޖިހެއް އެހެން އެއްޗަކަށް ބަދަލުވަނީ ކިހިނެތް ކޮން ގޮތަކަށްތޯއެވެ. ސަބަބަކީ ނަރުދަމާ ފެނަކީވެސް ނަޖިސް އެކުލެވޭ އެއްޗަކަށްވެފައި ރިސައިކްލް ކުރާއިރު އޭގެ ތެރެއިން ފެނާއި ނަޖިސް ވަކިކުރެވޭތީއެވެ.

ނަޖިހެއް އެހެން އެއްޗަކަށް ބަދަލުވުން

މަތީގައިވާ ސުރުޚީއަށް ބަލާއިރު، ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން (2010) ވިދާޅުވެފައިވާ ގޮތުގައި މި މައްސަލައާ ގުޅުންހުރި ފިޤްހީ ޤާއިދާއެއް އޮވެއެވެ. އެއީ “النجاسة إذا استحالت طهرت” – “ނަޖިހެއް އެހެން އެއްޗަކަށް ބަދަލު ވެއްޖެނަމަ ތާހިރު ވާނެއެވެ.”

އެހެންކަމުން މި ދިރާސާއަކީ ނަޖިސްވެފައިވާ ފެން އެހެން ހާލަތަކަށް ބަދަލުވުމުން އޭގެ ޙުކުމް ދެނެގަންނަން ކުރާ ދިރާސާއެއް ކަމަށްވާތީ ދެން މި ބަލާލަނީ މި ޤާއިދާގެ ޝަރަހަ އަށެވެ.

ޤާއިދާގެ ލަފްޒީ މާނަ

(اﻟﻨﱠﺠَﺎﺳَﺔ) ނަޖިސް  (إِذَا اﺳْﺘَﺤَﺎﻟَﺖْ) ބަދަލުވެއްޖެ ނަމަ (އިސްތިޙާލާވުން) (ﻃَﻬُﺮَتْ) ތާހިރު ވާނެއެވެ.

އިސްތިޙާލާވުން

“އިސްތިޙާލާ” މިބަސް ނެގިފައިވަނީ ح ول، (ﺣﺎل) ، އިންނެވެ. މާނައަކީ އެއްޗެއް އެހެން އެއްޗަކަށް ބަދަލުވުމެވެ. ނުވަތަ އެއީ އެއް މެޓީރިއަލް އަނެއް މެޓީރިއަލަށް ބަދަލުވުމެވެ.

ޒުޙައިލީ (1997) ވިދާޅުވެފައިވާ ގޮތުގައި އިސްތިޙާލާގެ މާނައަކީ އެ ބަދަލުވާ ބަދަލު ވުމުގައި އޭގެ މާއްދާތަކާއި އޭގެ ޕްރޮޕަޓީސްގެ ގޮތުގައި  އެކުލެވިގެންވާ ނަޖިސްތަކެތިވެސް ތާހިރު އެއްޗަކަށް ބަދަލު ކޮށްދެއެވެ.

އިބްރާހީމް ރަޝީދު މޫސާ، (2013) ވިދާޅުވެފައިވާ ގޮތުގައި އިސްތިޙާލާ ނުވަތަ “ބަދަލު ވުމުގެ މާނައަކީ އޭގެ ޠަބީޢަތާއި ސިފަތަކާއި ނަން ބަދަލުވުމެވެ.”

“އިސްތިޙާލާވުން” މި ކޮންސެޕްޓް މައިގަނޑު ގޮތެއްގައި ނެގިފައިވާނީ ކީރިތި ޤުރުއާނުންނާއި ރަސޫލާ ﷺ ގެ ސުންނަތުންނާއި ދަންނަބޭކަލުންގެ އިޖްމާޢުއިންނެވެ. ކީރިތި ޤުރުއާނުގައި، މާތް الله سبحانه وتعالى  ވަޙީކުރައްވާފައިވެއެވެ. (وَإِنَّ لَكُمْ فِي الْأَنْعَامِ لَعِبْرَةً، نُّسْقِيكُم مِّمَّا فِي بُطُونِهِ مِن بَيْنِ فَرْثٍ وَدَمٍ لَّبَنًا خَالِصًا سَائِغًا لِّلشَّارِبِينَ – ﺳﻮرة اﻟﻨﺤﻞ: الاية 66) މާނައީ: “އަދި ހަމަކަށަވަރުން، نعم ސޫފީގައި، ތިޔަބައިމީހުންނަށް عبرة އެއް ވާކަން ކަށަވަރެވެ. އޭގެ ބަނޑުގައިވާ ތަކެތިން، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ބުއިމެއް ދެއްވަމެވެ. (ބަނޑުތެރޭގައިވާ) فضولات ތަކާއި، ލެޔާ ދެމެދުން އުފެދިގެން އަންނަ ބުއިމެކެވެ. ބޯމީހުންނަށް ބުއިމަށް ފަސޭހަ، އަދި ސާފުވެގެންވާ ކިރެވެ.”

މި އާޔަތުން އެނގޭގޮތުގައި ބަނޑުތެރޭގައިވާ ﻓﻀﻮﻻت ތަކާއި، ލެޔާ ދެމެދުން އުފެދިގެން އަންނަ ބުއިން ކަމުގައިވާ ކިރު އުފެދިގެން އަންނަނީވެސް އިސްތިޙާލާ ވުމުގެ މަރްޙަލާގެ ތެރެއިންނެވެ.

މި އާޔަތުގައިވާ ﻓﺮث ގެ މާނަ ކަމުގައިވަނީ ބަނޑު ތެރޭގައި ފުރިހަމައަށް ހަޖަމްނުވެ ހުންނަ ކާއެއްޗެއްސެވެ. މި އެއްޗެހިތަކާއި ލެޔާ ދެމެދުން އިސްތިޙާލާ ވެގެން ކިރު އުފެދެއެވެ. އެހެންކަމުން މިއީ ކީރިތި ޤުރުއާނުން ދަލީލު ލިބޭ “އިސްތިޙާލާ” ޞައްޙަ ވުމުގެ މިސާލެކެވެ. އިސްތިޙާލާވުން 3 ބަޔަށް ބެހެވިގެން ވާކަމަށް ޢިލްމުވެރީން ވިދާޅުވެފައި ވެއެވެ. އެއީ:-

އެއްޗެއް ކެމިކަލީ ގޮތުން ބަދަލުވުން.

މި ޙާލަތުގައި މެޓީރިއަލެއްގައި ހުރި ކެމިކަލް މާއްދާއަށް ބަދަލު އަންނާނެއެވެ. މީގެ މިސާލަކީ ރުކުރާ ފަރމެންޓޭޝަން ޕްރޮސެސްގެ (fermentation process) ތެރެއިން ރާހުތައް (vinegar) ބަދަލުވުމެވެ.

އެއްޗެއްގެ ފިޒިކަލީ ސިފަ ނުވަތަ ގޮތް ބަދަލުވުން.

މި ޙާލަތުގައި ރަހަ އާއި ވަހާއި ކުލަ ބަދަލުވާން ޖެހޭނެއެވެ. މިސާލަކަށް ބަލާނަމަ ޖަނަވާރު ތަކުގެ ހަން ދިބާޣު ކުރުމުން އެ ތާހިރު އެއްޗަކަށް ބަދަލުވެއެވެ. ނަމަވެސް އެއީ ކުއްތާ އާއި އޫރު ފިޔަވައެވެ. އިމާމު ޝާފިޢީގެފާނުގެ ރަޢުޔުގައިވާ ގޮތުން ކުއްތާ އާއި އޫރަކީ ޢައިނިއްޔަ ދެ ނަޖިހެވެ.

ކުރީގެ ދެ ގޮތް ނުވަތަ މަރުޙަލާ އެކުވުން.

މިއީ އެއްޗެއްގައި ހިމެނޭ މާއްދާތައް ނުވަތަ ބައިތައް ނުވަތަ ސިފަ (އެއްޗެއް އެހެން އެއްޗަކަށް ބަދަލުވުމުގައި) ކެމިކަލީ ގޮތުންނާއި ފިޒިކަލީ ގޮތުން ބަދަލުވުމުގެ ސަބަބުން އަންނަ ބަދަލުތަކެވެ. މި ޙާލަތުގައި އަޞްލު އެތީގެ ވުޖޫދެއް މާއްދީ ގޮތުން ނޯންނާނެއެވެ. އެހެންކަމުން އެއީ ޖުމްލަކޮށް މުޅިއެއްޗަށް ފުރިހަމައަށް ބަދަލުއައިސް އެހެން ތަފާތު އެއްޗަކަށްވުމެވެ.

މީގެ އެއް މިސާލަކީ ފުއްލާގެ ލޭ ކަސްތޫރިއަށް ބަދަލުވުމާއި ޖަނަވާރުތަކުގެ ގުއި އެންދުމުގެ ސަބަބުން އަޅިއަށްވުމެވެ. އެހެނީ ފުއްލާގެ ލޭ ކަސްތޫރިއަށް ބަދަލުވުމަށްފަހު އޭތި އަނބުރާ ލެއަކަށް ބަދަލެއް ނުވާނެއެވެ. އަދި ގުއި އަންދާލީމާ އަޅިއަށްވުމުގެ ސަބަބުން އެ އަޅި އަނބުރާ އޭގެ އަސްލަކަށް އެ ބަހީ ގުޔަކަށް ބަދަލެއް ނުވާނެއެވެ. ނުވަތަ އެހެން ގޮތަކުންވެސް އެ އަޅިތައް ގުޔަކަށް ބަދަލެއް ނުކުރެވޭނެއެވެ.

އެހެންކަމުން އެނގިގެން މި ދިޔައީ ތިންވަނަ މަރުޙަލާއަކީ، ނަޖިހެއް އެހެން އެއްޗަކަށް ބަދަލު ވުމުގައި ނުވަތަ އިސްތިޙާލާ ވުމުން ތާހިރު އެއްޗަކަށްވީ ކަމުގައި އެންމެ ފުރިހަމައަށް ބެލެވޭނެ ގޮތެވެ. މި ޙާލަތްތަކުގައި ފުރިހަމައަށް އެއްޗެއް ބަދަލު ވެއްޖެކަމަށް ބެލުމުގައި ވަކި ޝަރުޠުތަކެއް ނުވަތަ މިންގަނޑުތަކެއް ވާކަމަށް އިބްރާހީމް ރަޝީދު މޫސާ (2013) ވިދާޅުވެފައި ވެއެވެ. ތިރީގައި މި ބަލާލަނީ އެ މިންގަނޑުތަކަށެވެ.

އިސްތިޙާލާވުން ކަށަވަރުކުރާ މިންގަނޑުތައް

އެއްޗެއްގެ ޙަޤީޤަތް ބަދަލުވެ އަޞްލާ ތަފާތު މާއްދާއަކަށް ނަމުގެ ގޮތުންނާއި ސިފައިގެ ގޮތުން ބަދަލު އަންނަން ޖެހޭނެއެވެ.

މިސާލަކަށް ރުކުރާ، ހުތަށް ބަދަލުވާއިރު، ރަލުގެ ނަން ބަދަލުވަނީ ހުތަށެވެ. ސިފައަށް ބަލާ އިރު ހުތުގެ ރަހަ އާއި ވަސްވެސް ރުކުުރަލުގެ ރަހަ އާއި ވަހާ ތަފާތު ވެގެންދެއެވެ.

އެއްޗެއްގެ ސިފަ އާއި ބައިތައް ބަދަލުވުމުގެ ސަބަބުން، އަޞްލު އެތި މާއްދީގޮތުން ވުޖޫދުގައި އޮވެގެން ނުވާނެއެވެ.

މިސާލަކަށް ނަޖިސް ތެޔޮ ސައިބޯންޏަށް ބަދަލުވުމެވެ. މިތާގައި ތެޔޮ ބަދަލުވެފައި އެވަނީ މުޅިން އެހެން އެއްޗަކަށެވެ. ދިޔާއެއްޗެއް ހަރު އެއްޗަކަށެވެ.

އިސްތިޙާލާވުން ފުރިހަމަވީ ކަމުގައި ނުބެލެވޭ ގޮތް

މަތީގައިވާ ޝަރުޠުތަކަށް ބަލާއިރު، ނަޖިހެއް ކިތަންމެ ގިނައިން ކުދިކުދި ކުރިޔަސް (މިސާލަކަށް މުގުރިޔަސް) އޭގެ އެތި ކޮޅުކޮޅު ހުންނާނެއެވެ. މިޙާލަތުގައި އެއީ އިސްތިޙާލާވުމެއް ނޫނެވެ. މީގެ މިސާލަކަށް ބަލާނަމަ އޫރުގެ ސަރުބީތައް ވިރުވައި ޖެލެޓިންއަށް ބަދަލު ކުރުމަކުން އެ ޖެލެޓިން ހުއްދަވާނެ ކަމަކަށް ނުބުނެވޭނެއެވެ. ހަމަ މިގޮތަށް ސަރުބީތައް ތެލަށް ބަދަލުވުމަކުން މި ސަރުބީގެ ކެމިކަލް ކޮމްޕޯނަންޓްތައް ބަދަލުވެގެން ނުދާހާ ހިނދަކު އެއީވެސް އިސްތިޙާލާ ވުންކަމުގައި ނުބެލެވޭނެއެވެ.

ހަމަ މި މޭރުމުން ބަލާނަމަ ނަޖިހެއް އެހެން އެއްޗަކާއެކު ކެއްކުމަކުން އެއީ އިސްތިޙާލާވުމެއް ނޫނެވެ. މިސާލަކަށް އޫރުމަހަށް ހަވާދު އަޅައިގެން ކެއްކިޔަސް ނުވަތަ ތެލުލިޔަސް އޭގެ މަސް ޙަލާލެއް ނުކުރެވޭނެއެވެ. އެހެނީ މި ޙާލަތުގައި ބަދަލުވާނީ ރަހަ އެވެ. އޭގެ އަޞްލުކަމަށްވާ މަހަކަށް އެއްވެސް ބަދަލެއް ނާދެއެވެ.

އެހެންކަމުން މަތީގައި ބުނެވިފައިވާ ފަދައިން ނަޖިހެއް އިސްތިޙާލާ ވެގެންދާއިރު ނުވަތަ އެހެން އެއްޗަކަށް ބަދަލުވާއިރު އެއީ ތާހިރު ނުވަތަ ހުއްދަ އެއްޗެއް ކަމުގައި ޝަރުޢީ ގޮތުން ކަނޑައެޅުމުގައި ކުރިން ބަޔާން ކުރެވުނު ޝަރުޠުތަކަށް ބަލަންޖެހެއެވެ. އަދި އެ ޝަރުޠުތައް ފުރިހަމަ ވާންޖެހޭނެއެވެ.

ނަރުދަމާގެ ފެން ބޭނުން ކުރުން

“ނަރުދަމާފެން” މީގެ މާނައެއް ކަމަށް އަޅުގަނޑު ދެކެނީ އެއީ ބޭނުން ކުރުމުގެ ސަބަބުން އަލުން އޭގެ ޠަބީޢަތުގައި ބޭނުން ނުކުރެވޭ ޙާލަތުގައި ހުންނަ ފެނެވެ. މިފަދަ ފެން އުފެދެނީ އިންސާނުން ޢާންމު ދިރިއުޅުމުގައި ސާފު ތާހިރު ވުމަށާއި ފެންވެރުމަށާއި ދޮވުން ފަދަ ކަންކަމަށް ބޭނުން ކުރުމުންނެވެ. މި ބާވަތުގެ ފެން ބޭނުންކުރުން ތިން ސަބަބަކާ ހެދި ޙަރާމް ވާނެކަމަށް ޢިލްމުވެރީން ވިދާޅުވެފައި އެބަހުއްޓެވެ.

  1. ނަޖިސް އެކުލެވިފައިވުން.
  2. ގެއްލުން ލިބުން.
  3. މުޑުދާރުވުން.

މީގެ ތަފްޞީލަށް ބަލާއިރު ބަހުސް މި ކުރެވޭ ނަރުދަމާފެނުގައި އިންސާނުންގެ ކުޑަކަމުދާ އެއްޗެއްސާއި ބޮޑުކަމުދާ އެއްޗެހި ހުންނާނެއެވެ. ހަމަ މިގޮތަށް ނަރުދަމާ ފެނުގައި ވަރަށް ގިނަ ބާވަތްބާވަތުގެ ޖަރާސީމާއި ވިހަ ހުންނާނެއެވެ. މިފަދަ ސަބަބުތަކާ ހެދި ނަރުދަމާ ފެނަކީ އިންސާނުންގެ ނަޒަރުގައި ހަޑި މުޑުދާރު ފެނެކެވެ. މިފަދަ ހަޑި މުޑުދާރު އެއްޗެއް ސާފު ތާހިރު ކުރުމަށްފަހު އޭގެ އަސްލު ޙާލަތަށް ރުޖޫޢަ ކުރުމަށްޓަކައި ކުރެވޭ މަސައްކަތްތަކެއް ހުރެއެވެ. މި މަސައްކަތް ފުރިހަމަކުރެވެނީ ކަނޑައެޅިފައިވާ ފަށަލަތަކެއްގައި ވަކި ތަރުތީބަކުންނެވެ. މިގޮތުން ދެން މި ބަލާލަނީ ޢިލްމުވެރީން ގެންނަވާފައިވާ ފަށަލަތަކާއި ތަރުތީބުތަކުގެ މައްޗަށެވެ.

ފުރަތަމަ މަރުޙަލާ

މިއީ ޕްރޮސެސް ކުރުމުގެ މަރުޙަލާއެވެ. މި މަރުޙަލާ ބިނާވެފައިވަނީ 3 ކަމެއްގެ މައްޗަށެވެ.އެއީ:

ނަރުދަމާ ފެނުގެ ތެރޭގައި ހުންނަ ހަރު ތަކެތި ނަގާ ވަކިކުރެއެވެ. މީގެތެރޭގައި ހިމެނެނީ ފެނުގައި ހުންނަ ދަނގަޑާއި ލަކުޑިކޮޅުކޮޅާއި އެކި ކަހަަލަ ކޮތަޅުފަދަ ތަކެތި ނަގާ ސާފުކުރުމެވެ.

ފެނުގައި ހުންނަ ސަރުބީ އާއި ތެޔޮފަދަ އެއްޗެއްސާ ފެނާ ވަކިކޮށް ސާފުކުރުމެވެ.

އަޑިއަށް ފޭދިފައި ހުންނަ ވެލިގާ ނަގާ ސާފުކުރުން.

ދެވަނަަ އަދި ތިންވަނަ މަރުޙަލާ

މި މަރުޙަލާގައި ފުރަތަމަ ކުރާނީ ފެނުގައި ހިމެނޭ އޯގާނިކް މާއްދާތަކާއި (ނަޖިސްތަކާއި ދަގުއިތައް) އޯގާނިކް ނޫން މާއްދާތައް އަޑިއަށް ފެއްތުމެވެ. މިކަން ކުރުމަށްފަހު ވައިގެ ތެރޭގައި އުޅޭ ބެކްޓީރިއާތަކެއް އޭގައި އަށަގަންނަވައިގެން މި މާއްދާތައް އެ ބެކްޓީރިއާތައް ލައްވައި ކައި ހުސްކުރުވައެވެ. އަދި އޭގައި ހުރި ފެންތައް މުޅިން ހިންދައިލައެވެ.

ހަތަރުވަނަަަަ މަރުޙަލާ

މި ފިޔަވަހީގައި ފެނުގައި ހުންނަ ކުނިބުނިތައް ފަދަ ހަރުލަފާއި ހުންނަ ހުރިހައި އެއްޗެއް ފެނުން ވަކިކޮށްލައެވެ. މިއީ ޚާއްޞަ ފިލްޓަރުތަކެއް ބޭނުން ކޮށްގެން ކުރާކަމެކެވެ.

ފަސްވަނަަަަަ މަރުޙަލާ

މި މަރުޙަލާގައިި ފެން ސްޓްރަލައިޒް ކުރެއެވެ. މިކަން ކުރެވޭނީ ކްލޮރިންގްގެެ ތެރެއިން ފެން ދައުރު ކުރުވައިގެންނެވެ.

މި މަރުޙަލާތައް ނިމުން

އިބްރާހީމް ރަޝީދު މޫސާ (2013) ވިދާޅުވެފައިވާ ގޮތުގައި މި ބަލާލެވުނު މަރުޙަލާތަކުގެެ ތެރެއިން ހަތަރުވަނަ މަރުޙަލާ ނިމޭއިރު ފެނުގެ 95 އިންސައްތަ ސާފުވާނެއެވެ. ފަހު މަރުޙަލާ ނިމޭއިރު 100 އިންސައްތަ ފުރިހަމަ ވާނެއެވެ. މާނައަކީ ފެން އޭގެ އަޞްލަށް ރުޖޫޢަވީއެވެ.

މިއާ އެއްގޮތް މިސާލަކަށް ބަލާއިރު، ބިންގަނޑުތެރެއިން ލާފައި ގޮސް ޖަމާވާ ތަންތަނަށް ފެން ޖަމާވާނީ ތާހިރު ވެގެންނެވެ. މި ގޮތަށް ވެލިގަނޑުގެ ތެރެއިން ލާފައި ފެންތައް އަޑިއަށް ދާއިރު އެ ދަނީ ވަރަށް ރަނގަޅަށް ފިލްޓަރުވެ ސާފު ވެގެންކަން ބުއްދީގެ ހަމަތަކުން އެނގެއެވެ. މިއީވެސް ނަޖިހެއް އެހެން އެއްޗަކަށް ބަދަލު ވެއްޖެއްޔާ ތާހިރު ވާނޭކަމުގެ މިސާލެކެވެ.

ދެން އޮތީ މި މަސައްކަތުގެ ޝަރުޢީ ޙުކުމަށް ބެލުމެވެ. މި ގޮތުން ޝަރުޢީ ޙުކުމް ދެބަޔަކަށް ބަހައިލެވެއެވެ.

ފުރަތަމަ 4 މަރުޙަލާގެ ޙުކުމް

އިބްރާހީމް ރަޝީދުމޫސާ (2013) ވިދާޅުވެފައިވާ ގޮތުގައި ޙަދަޘް އެރެގަތުމަށާއި ބުއިމަށް އެ ފެން ބޭނުން ކުރުން ހުއްދަވެގެނެއް ނުވެއެވެ. އެއީ އެ ފެނުގައި 5 އިންސައްތަ ނަޖިސް އަދިވެސް ހުރީތީއެވެ.

ޖުމްހޫރު ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ގަސް ހެއްދުމަށާއި ދަނޑަށް ފެން ދިނުމަށާއި މީހުން އިށީނދެ ނަހަދައި ބަގީޗާތަކާއި ޕާކްތަކަށްވެސް މި ފަދަ ފެން ބޭނުން ކުރުން ހުއްދަ ވާނެއެވެ. ނަމަވެސް އެއީ މީހުން އިށީނދެ ހަދައި ތަނެއް ކަމުގައި ވާނަމަ މި ފެނުން އެފަދަ ތަންތަނަށް ފެން ދިނުން ހުއްދަ ވެގެން ނުވާކަމަށް ޢިލްމުވެރީން ވިދާޅުވެއެވެ.

އިބްރާހީމް ރަޝީދުމޫސާ (2013) ވިދާޅުވެފައިވާ ގޮތުގައި ވަޅުތައް ހިނދިގެން ދިޔަ ނުދިނުމަށްޓަކައި އެ ވަޅުތަކަށް އެޅުމަށް މި ފެން ބޭނުން ކުރުމަކީ ހުއްދަ ކަމެކެވެ. އެހެނީ ބިމާއި ވެއްޔަކީ ތާހިރު އެއްޗެކެވެ. އަބޫހުރައިރާގެ އަރިހުން އައްތިރްމިޛީ ރިވާކުރައްވައިފައިވާ ކީރިތި ރަސޫލާ ﷺ ގެ ޙަދީޡެއްގައި ވެއެވެ. (اﻟﺼﱠﻌِﻴﺪُ اﻟﻄﱠﻴﱢﺐُ وَﺿُﻮءُ اﻟْﻤُﺴْﻠِﻢِ، وَﻟَﻮْ إِﱃَ ﻋَﺸْﺮِ ﺳِﻨِﲔَ) (ސުނަނު އައްތިރްމިޒީ ޙަދީޘް ނަންބަރު: 124 ) މާނައީ ” އޭނާއަށް ދިހަ އަހަރު ފެން ނުލިބުނު ކަމުގައިވިޔަސް ތާހިރު ވެއްޔަކީ މުސްލިމުންގެ ވުޟޫއެވެ.”

ފަހު މަރުޙަލާތަކުގެ ޙުކުމް

އިސްލާމީ ފިޤްހު އެކަޑަމީތަކުގެ ނިންމުންތަކުން އެނގޭ ގޮތުގައި އެ ފެން ބުޔުމަށާއި ތާހިރުވުމަށާއި ނަޖިސް ފިލުވައިލުމަށް ބޭނުން ކުރުން ހުއްދަ ވާނެއެވެ. ސަބަބަކީ ނަރުދަމާފެން އޭގެ ޠަބީޢީ ޙާލަތަށް އަނބުރައި ބަދަލުވާތީ، އެ ފެން ތާހިރު ސާފު އެއްޗަކަށް ވާނެތީއެވެ.

ނައްޞުން ވާރިދު ވެފައި ނުވާ އެއްޗެއް އިޞްތިޙާލާ ވުމުން ތާހިރު ކަމަށް ބެލެވޭ ތަކެތީގެ ތެރޭގައި ގުއި އަނދައިގެން އަޅިއަށްވުމާއި ފުއްލާގެ ލޭ ކަސްތޫރިއަށް ބަދަލު ވުމާއި ބިމުގައި ވަޅުލެވޭ ނަޖިސްތަކުގެ އަސަރު ފިލައިގެން ދިއުމާއި އަދި ނަރުދަމާ ކާނުތަކުގައި ހުންނަ ވެލިތައް، ހިކި އޭގައި ހުރި  ނުބައިވަސް ފިލުން ފަދަ ކަންތައް ހިމެނެއެވެ.

ނައްޞުން ވާރިދުވެފައި ނެތް އެއްޗެއް އިސްތިޙާލާ ވުމުން އޭތި ތާހިރު ވުމުގެ މަސްއަލާގައި ޢިލްމުވެރީންގެ އިޚްތިލާފުތައް ވެއެވެ.

މިގޮތުން، އިބްރާހީމް ރަޝީދު މޫސާ (2013) ވިދާޅުވެފައިވާ ގޮތުގައި، ޙަނަފީންނާއި މާލިކީންނާއި އިމާމީ ޝީޢީންނާއި ޡާހިރީންނާއި ޒައިދީން ބުރަވެ ލައްވަނީ، ނަޖިސް އެއްޗެއް އިސްތިޙާލާގެ ސަބަބުން ތާހިރު އެއްޗަކަށް ވާނެކަމަށެވެ. އިބްނުތައިމިއްޔާ އާއި އިބްނުލްޤައްޔިމާއި ޝަވްކާނީވެސް ތާއީދު ކުރައްވަނީ މި ރައުޔުއަށެވެ. ޖުމްހޫރު ޢިލްމުވެރީންގެ ރައުޔުއަކީވެސް މިއެވެ.

މި މައްސަލައިގައި މި ބޭކަލުންގެ ޙުއްޖަތަކީ:

ރާ، ހުތަށް ބަދަލުވުމުން ތާހިރު ވާނެކަން ޝަރްޢީ ނައްޞުން އެނގެން އޮތުން.

މަރުވެފައިވާ ޖަނަވާރުގެ (މުޅަތަކެތީގެ) ހަން ދިބާޣު ކުރެވިއްޖެނަމަ ތާހިރު ވާނެއެވެ. މިގޮތަށް ތާހިރު ވުމުން އެ ބޭނުން ކުރުންވެސް ހުއްދަވާނެއެވެ. އެއީ ނަބިއްޔާ ﷺ ގެ މިދަންނަވާ ޙަދީޘުން އެކަމަށް ދަލީލު ލިބޭތީއެވެ. (أَيُّمَا إِهَابٍ دُبِغَ فَقَدْ طَهُرَ) (والترمذي في جامع الترمذي، حديث رقم:1728 ) މާނައީ:- “މަރުވެފައިވާ ޖަނާވަރުގެ ހަން ދިބާޣު ކުރެވިއްޖެނަމަ ހަމަކަށަވަރުން ޠާޙިރު ވެއްޖެއެވެ.”

ޚިލާފުވާ ނައްޞެއް ނެތް ނަމަ ހުރިހާ އެއްޗެއްސަކީ ވެސް އަޞްލުގައި ތާހިރު ވުމެވެ. އިބްނު ތައިމިއްޔާ ވިދާޅުވާ ގޮތުގައި ނަޖިހެއް އިސްތިޙާލާ ވެއްޖެނަމަ އެ އެއްޗެއް ތާހިރު ވާނެއެވެ.

ނަމަވެސް ނަޖިސް އެއްޗެއް އިސްތިޙާލާ ވުމަކުން ތާހިރު ނުވާނޭ ކަމަށް ވިދާޅުވެފައިވާ ޢިލްމުވެރީންގެ ތެރޭގައި ޝާފިޢީންނާއި ޙަންބަލީން ހިމެނެއެވެ. ޝާފިޢީން ވިދާޅުވާ ގޮތުގައި ނަޖިސް ތަކެތީގެ ތެރެއިން ތާހިރު ކުރެވޭނީ ތިނެއްޗެކެވެ. އެއީ ބަނގުރާ އޭގެ ޒާތުގައި އަމިއްލައަށް ހުރެ ހުތަށްވުމާއި، ކުއްތާ އާއި އޫރު ފިޔަވައި އެހެން އެއްޗެހީގެ މުޅަތަކެތީގެ ހަން ދިިބާޣު ކުރުމުންނާއި ނަޖިހަކުން އުފެދޭ ކޮންމެ ދިރޭ އެއްޗެކެވެ.

މިފަދަ މައްސަލަތަކުގެ ބައެއް ނަޒަރިއްޔާތަކަށް ބަލާއިރު އިބްރާހީމް ރަޝީދު މޫސާ (2013) ވިދާޅުވެފައިވާ ގޮތުގައި “އެއްޗެއް އެހެން އެއްޗަކަށް އަޅައި އެއްކުރުމުގެ ސަބަބުން އޭތީގެ ސިފަތަކަށާއި ޚާޞިޔަތުތަކަށް ބަދަލު ގެނުވައެވެ. އޭގައި އެޅި އެތި މި ޙާލަތުގައި ހުރި ނަމަވެސް އެއީ ހަލާކު ވެފައިވާ އެއްޗެކެވެ. މިހެންވެ “ޚަބީޘު އެއްޗެއް” އިސްތިހްލާކް ވެއްޖެނަމަ އެ އެއްޗެއްގެ އަސްލު ޙުކުމެއް ނޯންނާނެ ކަމަށް އިބްނު ތައިމިއްޔާ  ވިދާޅުވެފައި ވެއެވެ.”

މިފަދަ މިސާލަކަށް ބަލާނަމަ އަލްކަ ހޯލު ބޭނުން ކޮށްގެން އުފައްދާ އެއްޗެއްސަށް ބަލާއިރު، އެފަދަ ތަކެތި އުފައްދާ ގޮތުން، އަލްކަހޯލްގެ އަސަރެއް ނުހުންނާނެތީ އާއި އޭގެ ސަބަބުން އެ ބޭނުން ކުރިމީހާ މަސްތު ނުވާނެތީ ޖުމްހޫރު ޢިލްމުވެރިންވެސް ވިދާޅުވެފައިވަނީ ނަޖިހެއް އިސްތިޙާލާ ވެއްޖެނަމަ އެ އެއްޗެއް ތާހިރުވާނެ ކަމަށެވެ.

ނަޖިސް ތަކެތިން (މިސާލަކަށް އޫރުގެ ސަރުބީ ފަދަ ތަކެތި) އުފައްދާ، ކްރީމް ފަދަ ރީތިވުމަށް ބޭނުންކުރާ އެއްޗެހީގެ ޙުކުމަކީވެސް އިސްވެދިޔަ ނަރުދަމާ ފެނުގެ ޙާލަތުގެ ބައި ތެރޭގައި ހިމެނޭ ޙުކުމްތަކެވެ. އެހެނީ އޭގެތެރެއަށް ގިރި އެހެން އެއްޗަކަށް ބަދަލު ވެގެންދާނަމަ އެއީ ތާހިރު އެއްޗަކަށް ވެގެން ދާނެއެވެ. ނަމަވެސް މި ނަޖިސް ބަދަލުނުވެ އޭގައި ހުރިނަމަ ނަމާދު ކުރާއިރު މިފަދަ ތަކެތި ބޭނުން ކުރުން ހުއްދައެއް ނުވާނެއެވެ.

ބުރަވެވުނު ގޮތް

ނަރުދަމާފެން ރިސައިކްލް ކޮށްގެން ބޭނުން ކުރުމުގެ މައްސަލައަށް ބަލާއިރު، ނަޖިސްތަކެތި އިސްތިޙާލާވެ އެހެން އެއްޗަކަށް ބަދަލުވުމުން ތާހިރު ވާނެކަމަށް ވިދާޅުވެފައިވާ ޢިލްމުވެރީންގެ ދަލީލުތައް ވަރުގަދަ ވެފައި ބުރަދަން ބޮޑެވެ. ސަބަބަކީ ނަޖިސް އެއްޗެއް އިސްތިޙާލާ ވުމުގެ ސަބަބުން މުޅިން އެހެން އެއްޗަކަށް ބަދަލުވާތީއެވެ. ނުވަތަ އެ އެއްޗެއްގެ ނަމާއި އޭގެ ސިފަތަކާއި ޚަޞާއިޞުތައް ބަދަލު ވެފައިވާތީއެވެ.

ކުއްތާއަކީ ސީދާ ނައްޞުން އެނގެން އޮންނަ ނަޖިހެކެވެ. ކުއްތާ ދޫލައިފި ތަނެއް 7 ފަހަރު ދޮވުން ލާޒިމު ވެގެންވެއެވެ. މީގެތެރެއިން ފުރަތަމަ ފަހަރު ވެލިލައިގެން ދޮންނަން ޖެހޭކަން ކީރިތި ރަސޫލާ ﷺ ގެ ސުންނަތުން ސާބިތުވެއެވެ.

އަބޫހުރައިރާގެ އަރިހުން ރިވާވެގެން އައިސްފައިވާ ކީރިތި ރަސޫލާ ﷺ ގެ ހަދީޘް ބަސްފުޅެއްގެ މާނައިގައި ވެއެވެ. “ތިޔަބައިމީހުންކުރެ މީހެއްގެ ކަންވާރުގައި ކުއްތާ ދޫލައިފިނަމަ އެކަންވާރު 7 ފަހަރު ދޮންނާށެވެ. ފުރަތަމަ ފަހަރު ވެލި ލައިގެންނެވެ.”

މި ހަދީޘުން ސާބިތު ކުރެވޭ ގޮތުގައި ނަޖިސް ވެފައިވާ އެއްޗެއް ވަކިގޮތަކަށް ސާފު ކޮށްފިނަމަ އެ އެއްޗެއް ތާހިރު ވެދެއެވެ. އެހެނީ ކުއްތާ ދޫލުމުން އެ ދޫލި ތަނެއް ނަޖިހަށް ބަދަލުވެއެވެ. ފަހުން އެ ނަޖިސް ސާފު ކުރުމަށްޓަކައި 7 ފަހަރު ދޮންނަން ޖެހެއެވެ. އޭގެ ފުރަތަމަ މަރުޙަލައިގާ ވެލިލައިގެން ދޮންނަން ޖެހެއެވެ.

މި މައްސަލައަށް ޤިޔާސް ކުރާނަމަ، ނަރުދަމާގައި ހުންނަ ފެނަކީ އޭގެ ތެރޭގައި ނަޖިސް އެކުލެވިގެންވާ ފެނެކެވެ. މި ކުޑަ ދިރާސާގައި ވާނީ ޝަރުޢީ ގޮތުން ނަޖިހަކީ ކޮބައިކަން ބުނެދީފައެވެ. އެ ދަލީލުތަކަށް ބަލާއިރު ނަރުދަމާގައި ހުންނަ ފެނަކީވެސް ނަޖިހެކެވެ. އެހެންނަމަވެސް އެއީކީ ސީދާ ނައްޞުން ސާބިތުވެފައިވާ ނަޖިހެއް ނޫނެވެ. ސަބަބަކީ އެ ޒަމާނުގައި ނަރުދަމާ ފަދަ މެކޭނިޒަމްތައް ހެދިފައި ނުވާތީއެވެ. ނަމަވެސް މި ޒަމާނުގައި މިފަދަ ނިޒާމުތަކުގައި ހުންނަ ފެން ތަފާތު މަރުޙަލާތަކެއްގައި ސައިންޓިފިކަލީ ގޮތުން 100 އިންސައްތަ ތާހިރު އެއްޗަކަށް ބަދަލު ކުރެވެއެވެ. މާނައަކީ ފެން އޭގެ އަސްލަށް ރުޖޫޢަ ކުރެވެއެވެ.

މީގެ އިތުރުން، ކުރިންވެސް ބުނެވިފައިވާނޭ ފަދައިން، ފެނުގެ ތެރޭގައި ނަޖިސް އެއްޗެއް އެކުލެވިފައިވީ ނަމަވެސް ފެނުގެ ކުލައަކަށް ނުވަތަ ރަހައަށް ނުވަތަ ވަހަށް އޭގެ އަސަރު ނުކުރާނަމަ (މީގެ މާނައަކީ ނަޖިސް ހުރިނަމަވެސް ފެން އޭގެ ޢާއްމު ޙާލަތުގައި ވުމެވެ.) އެ ފެން ތާހިރު ވާނޭކަން ކީރިތި ރަސޫލާ ﷺ ގެ ޙަދީޘް ބަސްފުޅަކުން ސާބިތުވާން އެބަ އޮތެވެ. އެއީ ނަޖިސްތަކެތި އެޅޭ ގޮތަށް ހުރި ވަޅެއްގެ ފެނުން ވުޟޫކޮށްގެން ޞައްޙަ ވާނޭތޯ ދެންނެވުމުން ޙަދީޘް ކުރެއްވި ބަސްފުޅެވެ. (މާނައިގައިވަނީ “އެ ފެން ތާހިރު ވެގެން ވެއެވެ. އެއްވެސް އެއްޗެއް އެ ފެން ނަޖިހެއް ނުކުރާނެއެވެ.”) މި ބަސްފުޅަށް ބަލާއިރު ނަޖިހެއް ފެނުތެރޭގައި އޭގެ ޒާތުގައި ހުރުމަކުން އެ ފެނެއް ނަޖިހެއް ނުކުރެއެވެ. އެހެންކަމުން ނަޖިސް ވެފައިވާ ފެނުގެ ތެރެއިން ފިލްޓަރ ކުރެވޭ މަރުޙަލާ ތަކެއްގެ ތެރެއިން 100 އިންސައްތަ ޔަޤީން ވާވަރަށް ނަޖިސް ވެފައިވާ ފެން އިސްތިޙާލާ ކުރެވިއްޖެ ނަމަ އެ ފެނުގެ ޢާއްމު ޙާލަތު ފެނަށް ލިބިދެވުނީއެވެ.

އަދި، ނަރުދަމާ ފެނުން ނަޖިސް ވަކިކުރެވޭ އެންމެ ފަހުގެ މަރުޙަލާއަށް ބަލާއިރު ބިމަށް ހިނދޭ ފެން ވެލިގަނޑު ތެރެއިން ލައިފައި އަލުން ވަޅުވަޅަށް އެދާ ގޮތަށް ބާލާއިރު، ފެން ފިލްޓަރވެ ތާހިރު އެއްޗަކަށް ބަދަލު ވުމުގައި އެއްގޮތް ކަންތައްތަކެއް އެބަހުއްޓެވެ. ބިމުން ނެގޭ ފެނަކީވެސް އޭގެ ޒާތުގައި ތާހިރު ފެނެވެ.

މީގެ އިތުރުންވެސް، ޖުމްހޫރު ޢިލްމުވެރީން ބުރަވެލައްވައި ގޮތުގައި ކަންކަމާއި އެއްޗެހީގެ އަސްލަކީ ހުއްދަވުމެވެ. މިއާ ޚިޔާލު ތަފާތުވާ ޢިލްމުވެރިއަކީ އަލްއިމާމް އަބޫ ޙަނީފާއެވެ. ނަމަވެސް ޖުމްހޫރު ޢިލްމުވެރީންވަނީ އަސްލަކީ ހުއްދަވުން ކަމަށް ބުރަވެވޭ ވަރަށް ގިނަ ދަލީލުތައް ގެންނަވާފައެވެ. އެ ގޮތުން ބަޤަރާ ސޫރަތުގެ 29- 173 – 172 މި 3 އާޔަތުން ދަލީލު ދައްކަވައެވެ. މީގެ އިތުރުން ޖާޘިޔާ ސޫރަތުގެ 13 ވަނައާޔަތުގެ މާނައަށް (މިއާޔަތުގެ މާނައިގައި ވަނީ “އަދި އުޑުތަކާއި، ބިމުގައިވާހާ ތަކެއްޗެއް އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި خدمة ތެރިކޮށްދެއްވިއެވެ. އެހުރިހާ ތަކެއްޗެއްވަނީ، އެކަލާނގެ حضرة ންނެވެ. ހަމަކަށަވަރުން، އެކަމުގައި ފިކުރުކުރާ ބަޔަކަށް ހެކިތަކެއްވާކަން ކަށަވަރެވެ.”) ބަލާއިރު މާތް الله سبحانه وتعالى އިންސާނުންނަށް ރަނގަޅު ޙަލާލު ތަކެތި ރިޒްޤު ކުރެއްވިކަން ބަޔާންވެފައި އެބައޮތެވެ.

މި އާޔަތުގެ ތަފްސީރުގައި އިސްމާޢީލް ނާޖީ (2014) ވިދާޅުވެފައިވަނީ “ބިމުގައި ވީހާ އެންމެހައި ތަކެތި ހެއްދެވީ އިންސާނުންނަށްޓަކައި ކަމަށްވީ ހިނދު، އެ ތަކެތީގެ އަސްލަކަށް ވާނީ ވެސް އެއީ އިންސާނުންނަށް ބޭނުންކުރެވޭ ޙަލާލު ތަކެއްޗަށްވުމެވެ. އެހެން ނޫންނަމަ އެ ތަކެތި އިންސާނުންނަށްޓަކައި ހެއްދެވުމުގެ ބޭނުން ކެނޑުނީހެވެ.”

މިވާހަކަތަކަށް ބަލާއިރު، ނަރުދަމާގައި ހުންނަ ފެން ރިސައިކްލް ކުރުމުން އެއީ ފެން އޭގެ އަސްލަށް ރުޖޫޢަކުރުންކަމުގައި ބެލެވޭތީ އެ ފެން ބޭނުންކުރުން ހުއްދަވާނެއެވެ. والله اعلم.

ރިފަރެންސް

  1. القران الكريم ގެ ދިވެހި ތަރުޖަމާ، (ދިވެހިރާއްޖެ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، ޗާޕު 1: 2007)
  2. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން، “ފިޤްހީ ޤަވާޢިދުތައް”، (ދިވެހިރާއްޖެ: ޤައުމީ ޔުނިވަރސިޓީ / ފެކަލްޓީއޮފް ޝަރީޢާ އެންޑް ލޯ، ފުރަތަމަ ޗާޕު: ސެޕްޓެމްބަރ 2010)
  3. އުސްމާނު ޢަބްދުﷲ، “ފިޤްހުއްސުންނާ – ޠަހާރަތުގެ ބައި” (ދިވެހިރާއްޖެ: ކުއްލިއްޔަތުއްދިރާސާތިލް އިސްލާމިއްޔާ، ފުރަތަމަ ޗާޕު: 2011)
  4. އިބްރާހީމް ރަޝީދު މޫސާ، “ފިޤްހުއްނަވާޒިލް”، (ދިވެހިރާއްޖެ: ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާ، 2013)
  5. އިބްރާހީމް ރަޝީދު މޫސާ ” ޒަމާނީ ފިޤްހީ މައްސަލަތަކަށް ނަޒަރެއް”(ދިވެހިރާއްޖެ: ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާ، ޗާޕު1، 2009)
  6. އިބްރާހީމްރަޝީދު މޫސާ، “އަޅައި ބެލުމުގެ ފިޤްހް” (ދިވެހިރާއްޖެ، މައުޙަދުއްދިރާސާތިލް އިސްލާމިއްޔާ، ފުރަތަމަ ޗާޕު 2012)
  7. މުޙައްމަދު އިބްރާހީމް ނައިފަރު “ކިތާބުއްޠަހާރާ – ޠަހާރާތުގެ ޙުކުމް” (ދިވެހިރާއްޖެ: ފުރަތަމަ ޗާޕު، ފެބުރުއަރީ 2008 )
  8. އަޙްމަދު ފާރޫޤް މުޙައްމަދު، “ފިޤުހުއްސުންނާ” – އެއްވަނަބައި / ސާފު ތާހިރުކަން (ދިވެހިރާއްޖެ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، ފުރަތަމަ ޗާޕު: ނޮވެމްބަރ 2012 )
  9. http://www.aensiweb.com/old/aeb/2014/774-780.pdf (މަޢުލޫމާތު ނެގީ: 29 ސެޕްޓެމްބަރ 2017 ގެ ހަވީރު 17:12 ގައި)
  • އިސްމާޢިލް ނާޖީ ” ޤަވާޢިދުލްފިޤްހިއްޔާ” kavaasaa.com

(މަޢުލޫމާތު ނެގީ: 23 މެއި 2017 ގެ ވަހީރު 16:32 ގައި)

  • http://www.emeraldinsight.com/doi/pdfplus/10.1108/17590831211259736 (މަޢުލޫމާތު ނެގީ: 14 ސެޕްޓެމްބަރ 2017 ގެ މެންދުރުފަހު 15:02 ގައި)
  • http://www.academia.edu/4349806/Istihalah_Analysis_on_The_Utilization_of_Gelatin_in_Food_Products (މަޢުލޫމާތު ނެގީ: 14 ސެޕްޓެމްބަރ 2017 ގެ މެންދުރުފަހު 15:02 ގައި)
  1. http://www.hdcglobal.com/upload -web/cms-editor-files/HDC-122/file/PAPER15

(މަޢުލޫމާތު ނެގީ: 14 ސެޕްޓެމްބަރ 2017 ގެ މެންދުރުފަހު 15:02 ގައި)

ލިޔުނީ: ޢަބުދުއްސައްތާރު މުޙައްމަދު

ނ. މިލަދޫ އަށް އުފަން، ޢަބްދުއްސައްތާރު މުޙައްމަދުވަނީ ސަރުކާރުގެ ޚިދުމަތުގައި 20 އަހަރަށްވުރެ ދިގުމުއްދަތެއް ހޭދަކުރައްވާފައެވެ. މި މުއްދަތުގައި އެރަށުކަތީބެއްގެ ހައިސިއްޔަތުން 7 އަހަރު ޚިދުމަތް ކުރައްވާފައިވެއެވެ. މިހާރު ވަޒީފާ އަދާކުރައްވަނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފަރާސްޓްރަކްޗަރ ގައެވެ.
މިހާރު ވިލާކޮލެޖުގައި ޝަރިޢާ އެންޑް ލޯ އިން މަތީ ތަޢުލީމް ޙާޞިލުކުރައްވަމުން ގެންދަވާ ޢަބްދުއްސައްތާރު މުޙައްމަދު ވަނީ، އިސްލާމީ ޝަރީޢާގެ ދާއިރާއިން ޑިޕޮލޮމާއެއް އަދި ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓްގެ ދާއިރާއިން ވެސް ޑިޕޮލޮމާއެއް ހޯއްދަވާފައެވެ.
މީގެ އިތުރުން ޢަބްދުއްސައްތާރު މުޙައްމަދުވަނީ 2004 ވަނަ އަހަރު މިނިސްޓްރީ އޮފް އެޓޯލްސް ޑިވެލޮޕްމަންޓް އާއި އޭރުގެ ނުރަސްމީ ތަޢުލީމުދޭ މަރުކަޒާ ގުޅިގެން ހިންގެވި “ރައްރަށުގެ ވެރިންތަމްރީނުކުރާ ކޯސް” ބައިވެރިންގެ ތެރެއިން އެއްވަނަ ހޯއްދަވާފައެވެ.

މިލިޔުންވެސް ކިޔާލާ

ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ލަންދުއަށް ބޯފެން ފޯރުކޮށްދީފި

ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ނ.ލަންދުއަށް ބޯފެން މިއަދު ފޯރުކޮށްދީފިއެވެ. ވާރޭފެން ނުލިބި ގިނަ ދުވަސްތަކެއް ވުމާއިގުޅިގެން، ލަންދޫގެ ރައްޔިތުންނަށް …

ޚިޔާލެއްދެއްވާ

avatar
wpDiscuz