ރައްކާތެރިގޮތުގައި ކުނިނައްތާލުން – ލަންދޫ ވަރަށް ކާމިޔާބު

ނ.ލަންދޫގައި ރައްކާތެރިގޮތުގައި ކުނިނައްތާލުމަށް ލަންދޫކައުންސިލުން އިސްނަގައިގެން ވެމްކޯ މޯލްޑިވްސް އާއި ގުޅިގެން ކުރިއަށް ގެންދާ ޚިދުމަތަށް މިހިނގާ ފެބްރުއަރީ މަހުގެ 4 ވަނަދުވަހަށް މަހެއް ވެފައިވާއިރު މިޚިދުމަތާމެދު ލަންދޫރައްޔިތުން ތިބީ ވަރަށްބޮޑަށް ހިތްހަމަޖެހިގެންނެވެ.

ވަރަށްގިނަ ދިރާސާތަކަށްފަހު ލަންދޫކައުންސިލުން ފެށި މިޚިދުމަތުގައި ކޮންމެ ގޭބިސީއަކުން މަހަކަށް ކުލީގެ ގޮތުގައި -/150ރ. ނެގި ނަމަވެސް މިއީ މިފަދަ ބޭނުންތެރި މުހިއްމު ޚިދުމަތަކަށް ބަލާއިރު މާބޮޑު ޚަރަދެއްނޫންކަމުގައި ރަށުގެ ގިނަމީހުންބުނެއެވެ. އަދި ވިޔަފާރި ކުރާތަންތަނުންނާއި، ކުންފުނިތައް ފަދަ ޢާއްމު ގޭބިސީތައްނޫންތަންތަނަށްވެސް -/200ރ. ގެ މަހުފީއަކާއެކު މިޚިދުމަތްދަނީ ކައުންސިލުން ފޯރުކޮށްދެމުންނެވެ.

ރައްކާތެރިގޮތުގައި ކުނިނައްތާލުމުގެ ޚިދުމަތް ފެށިފަހުން މަހެއް ވެފައިވާއިރު ރަށުގެ އެކިއެކި ސަރަޙައްދުތަކުގައި މީގެކުރިން ހެދިފައިހުރި ކުނިގޮނޑުތަކާއި، ވަކި އުޞޫލެއްނެތި އެކިއެކި ދިމަދިމާއަށް އުކަމުންއައި ކުނި ކޮންޓްރޯލްކުރެވި ރަށުތެރެއާއި، ވަލުތެރޭގެ އެކިއެކި ހިސާބު މިހާރުފެންނަނީ ވަރަށް ބޮޑަށް ސާފުތާހިރުވެ ހިތްގައިމު ތަންތަނުގެ ގޮތުގައެވެ. ކުރިން ކުނިއަޅާ ހަޑިކޮށްފައިވާ ގޮނޑުދޮށުގެ އެކިއެކި ހިސާބުތައްވެސް މިވީ އެއްމަސްދުވަހުގެ ތެރޭގައި ފެންނަމުންދަނީ ވަރަށް ސާފު ހުދު ދޮންވެލި ހިތްގައިމު ރީތި ބީޗްގެ ގޮތުގައެވެ.

ވަރަށް ގިނަގޮންޖެހުންތަކާއެކު ލަންދޫކައުންސިލުން ފެށި މިޚިދުމަތުގައި މިވީ ދުވަސްތަކުގައި އަދިވެސްވަނީ ބޮޑުގޮންޖެހުމަކާ ކުރިމަތިލާންޖެހިފައެވެ. އެގޮތުން އެންމެބޮޑު ގޮންޖެހުމެއްކަމަށް ކައުންސިލުންބުނީ ކުނިނައްތާލުމުގެ މަސައްކަތުގައި ބޭނުންކުރަންޖެހޭ މުވައްޒަފުން ނުލިބުމުގެ މައްސަލަކަމަށެވެ. މިވީހާތަނަށް މިކަމަށްރަށުން 11 މުވައްޒަފުން ނަގާފައިވާއިރު އަދިވެސް ދާއިމީކޮށް މި ކަމުގައި މަސައްކަތް ކޮށްދޭނެ މުވައްޒަފުން ލިބުމުގެ ދަތިކަން މިވަނީ ކުރިމަތިވެފައެވެ.

މުވައްޒަފުންނަށް މުސާރަދިނުމާއި، ކުނިކޮށްޓަށް ކުނިއުފުލުމަށް ބޭނުންކުރާ ވެހިކަލަށް ފައިސާ ދިނުމާއި، ވެމްކޯއަށް ދައްކަންޖެހޭ ފީ ދެއްކުމަށްވެސް ޚަރަދުކުރެވެމުންދަނީ ޚިދުމަތް ލިބިގަންނަފަރާތްތަކުން ނަގާ ޚިދުމަތުގެ ފީ އިންނެވެ. އެހެންކަމުން މުވައްޒަފުންނަށްވެސް މުސާރަކަނޑައެޅިފައިވަނީ އެކަށީގެންވާ މިންވަރަކަށް ކަމުގައިވިޔަސް އެންމެރަގަޅު މުސާރަނޫންކަމުގައި ކައުންސިލުންވެސް ޤަބޫލުކުރެއެވެ. އަދި މިޚިދުމަތް ފުޅާވެ ގިނަދުވަސް ވަމުން ދާވަރަކަށް ހުރިހާކަމެއްވެސް ހަމައަކަށްއެޅި ކަންކަން ރަގަޅުވަމުންދާނެކަމަށް ލަންދޫކައުންސިލުން އުންމީދުކުރައްވައެވެ.

ކުނިކޮށީގައި ރައްކާތެރިކަމާއެކު ކޮންމެ ދުވަހަކު ކުނިނައްތާލަމުންދާއިރު ނައްތާނުލެވޭ ކުނި ވެމްކޯގެ ފަރާތުން ރ.ވަންދުއަށް ގެންދިއުމަށް މަދުވެގެން މަހަކު އެއްފަހަރު އަންނަގޮތަށް ހަމަޖެހިފައިވާއިރު ކައުންސިލުން ބުނީ މާދަމާ ނުވަތަ އަނެއްދުވަހު އެ އުޅަނދު ލަންދުއަށް ފުރަތަމަ ފަހަރަށް އައުމަށް މިހާރުވަނީ ހަމަޖެހިފައިކަމަށެވެ. އެއީ ރައްޔިތުންނާއި، ކައުންސިލްގެ ކަންބޮޑުވުމަކަށް ވާއިރު އިރާދަކުރެއްވިއްޔާ އެކަންވެސް ހައްލުވެގެންދާނެކަމަށް ކައުންސިލުންބުނެއެވެ.

ކޮންމެއަކަސް ތިމާވެށީގެ މައްސަލަތަކާއި، ބަލިމަޑުކަމާއި، ކުނިގިނަވުމާއި ގުޅިފައިވާ އެހެނިހެންވެސް އިޖުތިމާއީ ބޮޑެތި މައްސަލަތައް ހައްލުވެ ޢާއްމުންގެ ގޯތިތަކާއި، މަގުތަކުގެ އިތުރުން ރަށުތެރެސާފުތާހިރުވެ އެންމެ ހިތްހަމަޖެހޭ މާހައުލަކަށް ލަންދޫ ބަދަލުވަމުންދާކަމީ އަޅުގަނޑުމެން އެންމެވެސް ޤަބޫލުކުރަންޖެހޭ ޙަޤީޤަތެކެވެ. ލަންދޫ ރައްޔިތުން އެދެނީ މިޚިދުމަތް މިއަށްވުރެވެސްފުޅާވެ ގިނަދުވަސްތަކަކަށް މިޚިދުމަތް ކުރިއަށްދިއުމެވެ.

ލިޔުނީ: އަޙްމަދު ދާއޫދު / ލަންދޫ

ޚަބަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިންނާއި، ސިޔާސީ މައިދާނުގައި އަހްމަދުގެ ލިޔުންތައް އަންނަނީ ކުރިއަރަމުންނެވެ. ވިސްނުންތެރިކަމާއި، ޙިކުމަތްތެރިކަމާއެކު ލިޔެފައި ހުންނަ މަޒުމޫނުތަކާއި، ދިރާސީ ރިޕޯޓްތައް ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ޚިޔާލެއްދެއްވާ

avatar
ޢަލީ
ޢަލީ

މިކަން ލަންދޫގައި މިހާ ރަނގަޅަށް މިދަނީ ފަޟީލް ޙަސަން ގެ މިންނެތް މަސައްކަތުންކަން އަޅުގަނޑު ޤަބޫލުކުރަނީ. އަސްލުގައިވެސް ފަޟީލް ޙަސަން ވަރަށް ރަނގަޅަށް މިކަން ވަރަށް ގާތުންބަލާ. ޝުކުރިއްޔާ ފައްޖޭ