ޤުދުސް މިލުކު ކުރާއިރު އިސްލާމީ ވެރިން “އޯކޭ” ބޯޑު އަޅުވައިގެން..

ޤުދުސަކީ އިސްރާޢީލުގެ ވެރިރަށްކަމުގައި ކަނޑައަޅައި އެކަން މިއަދު އިޢުލާންކުރުމަށް އެމެރިކާގެ ރައީސް ނިންމަވާފައިވާއިރު އެކަމާ އަޑު އުފުލާ އެމެރިކާއަށް ހަރުކަށި އިންޒާރެއް ދިނުމަށް އިސްލާމީ ބޮޑަތި ޤައުމުތަކުން ވަނީ ނުކުޅެދިފައެވެ.

އިސްލާމީ އުންމަތުގެ ބައްޕައިންކަމަށް ދަޢުވާކުރަމުން ބޮޑަތި އިސްލާމީ ޤައުމުތަކުގެ ވެރިން އެކަމާއި މާބޮޑަށް އަޅާލާތަނެއް ފެނިގެނެއްނުދެއެވެ. ސަޢުދީ ޢަރަބިއްޔާއިންވެސް އެކަމާއި ދެކޮޅަށް އާދައިގެ ބަޔާނެއް ނެރުން ނޫން ކަމެއް ކުރެވުނު ތަނެއް ފެނިގެނެއް ނުދެއެވެ.

ފަލަސްޠީނުގެ ޤުދުސަކީ އިސްލާމުންނާއި އިސްލާމީ އުންމަތާއި ނުހަނު ބޮޑަށް ގުޅި ލާމެހިފައިވާ ތަނަކަށްވާއިރު އެތަން ހަރުބީ ކާފަރުން ޔަހޫދީންގެ އަތްމައްޗަށް ދޫވެގެން ދިއުމަކީ މިއަދު އިސްލާމީ އުންމަތް ބަލިކަށިވެފައިވާކަމުގެ އަލިގަދަ ދަލީލެކެވެ.

އިސްލާމީ އުންމަތް މިހާރުވެސްވަނީ ބަލިކަށިވެގެން ގޮސްފައެވެ. އެކަމުގެ ނާޖާއިޒު ފައިދާ އިތުރަށް ނެގުމަށް ޓެރަރިސްޓް އެމެރިކާއިން ނިންމާފައިވާއިރު އެކަމާއިދެކޮޅަށް އިސްލާމީ އުންމަތް ތެދުވަން ނުކެރޭނެކަންވެސް އެމެރިކާއަށްވަނީ ޔަޤީންވެ ކަށަވަރު ވެފައެވެ.

އެހެނީ އިސްލާމީ ކުދި ޤައުމުތަކަށް ތެދުވެވެން އަންނަނީ އިސްލާމީ ބޮޑަތި ޤައުމުތަކުން އެކަމާއިދެކޮޅަށް ތެދުވެގެންނެވެ. ނަމަވެސް ސަޢުދީ ޢަރަބިޔާ ވެސް ވަނީ އެމެރިކާގެ މަކަރުވެރި ރޭވުންތަކުގައި ޖެހި ރަނގަޅަށް ބަނދެވި އަނގަ ބަންދުވެފައެވެ. އެމެރިކާއާއި ދެކޮޅަށް އުފުލާނެ ހަތިޔާރެއް ސަޢުދީ ވެރިންގެ އަތަކު ނެތެވެ.

ތުރުކީގެ ރައީސް އުރުދުޣާން ވަނީ އެމެރިކާއިން އެކަންކޮށްފިނަމަ އެ ޤައުމާއި ދެމެދު އޮންނަ ގުޅުންތައް ކަނޑާލާނެކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް މިފަދަ ބަހަކުން އެމެރިކާ މިއަދު ނުސީހޭނެކަމީ މުޅި ދުނިޔެ ޤަބޫލުކުރާ ޙަޤީޤަތެކެވެ.

ސަޢުދީ ޢަރަބިޔާ އިން އެޤައުމުގެ އެކިއެކި ސިޔާސަތު ތަކަށް ގެންނަމުންދާ ކުއްލި ބަދަލުތަކާއި ގުޅިގެންވެސް އެމެރިކާއަށް މިކަން ކުރުމަށްވަނީ ބޮޑު ހިތްވަރެއް ލިބިގެން ގޮސްފައެވެ. އެގޮތުން ކުރިން އިސްލާމް ދީނުގެ މަތިވެރި އުޞޫލުތައް ތަންފީޒު ކުރުމަށް މަނާކުރެވިފައިވާ އެތައްކަމެއް މިއަދު ސަޢުދީ ޢަރަބިޔާގެ ވެރިންވަނީ ހުއްދަކޮށްފައެވެ. އޭގެ ތެރޭގައި އިސްލާމްދީން ކަނޑައެޅިގެން ޙަރާމްކުރައްވާފައިވާ އެތައްކަމެއްވެސްވަނީ ހުއްދަކޮށްފައެވެ. މުޅި ދުނިޔެއަށާއި އެކިއެކި ދީންތަކަށްވެސް ސަޢުދީ ހުޅުވާލާނެކަމަށް ބުނެ ސަޢުދީގެ ވަލީއަހުދު ދަނީ ކެނޑިނޭޅި އެކަމަށް މަސައްކަތް ކުރަމުންނެވެ. އެކިއެކި ދީންތަކަށް ހުޅުވާލާނަމޭ ބުނުމުން ދޭހަވެގެންދަނީ މިބައިމީހުންވެސް އިސްލާމްދީން ނޫން އެހެން ދީނެއް ވާކަމަށް ޤަބޫލުކުރާކަމެވެ.  އިސްރާޢީލާ ވެސް ސިއްރު ގުޅުންތަކެއް ބާއްވަމުން އަންނަކަމަށް ފަޅާއަރާފައިވާ މިދަނޑިވަޅުގައި ޓެރަރިސްޓް އެމެރިކާ އަށާއި ޓެރަރިސްޓް އިސްރާޢީލަށް މިކަން ކުރުމަކީ މާ އުނދަގޫކަމަކަށް ނުވާނެއެވެ.

ފަލަޞްޠީނުގެ ރައީސް މަހަމޫދު އައްބާސް އަށް ފޯނުން ގުޅާ އެމެރިކާގެ ރައީސް ޓެރަރިސްޓް ޓްރަންޕް ވަނީ އެކަން އެގޮތަށް ކުރާނެކަމަށް ބުނެފައެވެ. އެހެންނަމަވެސް ފަލަޞްޠީނުގެ ރައީސްވަނީ އެކަމަށް އިންކާރު ކުރައްވާފައިކަންވެސްދަނީ މީޑިޔާތަކުން ބުނަމުންނެވެ.

ކޮންމެއަކަސް މައްސަލައަކީ މުޅި އިސްލާމީ އުންމަތާއި ގުޅިފައިވާ މައްސަލައެކެވެ. އެހެނަސް އިސްލާމީ އުންމަތް ހަމަ ރަނގަޅަށްވެސް ވަނީ ނިދާފައެވެ. ދުނިޔޭގެ މަޖަލާއި އަރާމަށް ގެއްލި ފައިސާގެ ދަހިވެތިކަމުގައި ސައުދީ ޢަރަބިޔާގެ ވެރިންތައްވެސް ވަނީ ކަސްދޮޅު އެޅިފައެވެ. ތަނެއް ހިރުވާވެސް ނުލެވޭ ވަރަށް އެމެރިކާއިންވަނީ ސައުދީ އަރަބިޔާ ރަނގަޅަށް ބަނދެލައިފައެވެ.

އިސްލާމީ އުންމަތުގެ ދެރަނިކަމެތިން މަރާ ހުސްކުރާއިރުވެސް އިސްލާމީ ވެރިންތަކެއް އުޅެނީ ބޮޑަތި ޕްރޮޖެކްޓްތައް ހުއްޓިދާނެތީ ނުވަތަ ނުހިންގިދާނެތީ އެކަމާއި ކަންބޮޑު ވެގެންނެވެ. އިސްލާމީ ލަޝްކަރުތައް ނެރެ އެކަންކަން މިއަދު ނުހުއްޓުވައިފިނަމަ އިސްލާމީ އުންމަތުގެ ޙާލަތު ދުލަކުން އަދި ގަލަމަކުންވެސް ބަޔާން ނުކޮށްދެވޭނެއެވެ.

ﷲ އިރާދަކުރެއްވިއްޔާ އެމެރިކާގެ މި ނުބައި ރޭވުން ކާމިޔާބެއް ނުވާނެއެވެ.

ލިޔުނީ: ޢަލީ ޒިޔާދު / އަސްރަފީގެ ، ނ.ލަންދޫ

ޢާންމުކޮށް ލިޔެ އުޅެނީ ދީނީ ލިޔުންތަކެވެ. އިޖުތިމާޢި ދާއިރާތަކުންނާއި އެހެނިހެން ދާއިރާތަކުންވެސް ތަފާތު ލިޔުންތައް ލިޔެހަދައެވެ.

ޚިޔާލެއްދެއްވާ

avatar
wpDiscuz