ޤިޔާސް: ޝަރުޢީ ޙުކުމްތަކުގެ 4 ވަނަ ދަލީލު

ޢާއްމު ގޮތެއްގައި ކޮންމެ ޝަރީޢަތެއްގައިވެސް އައިސްފައިވަނީ މައިގަނޑު ހަމަތަކާއި އުޞޫލުތަކާއި ޤަވާޢިދުތަކެވެ. އެހެންކަމުން ޝަރީޢަތުގެ ޙުކުމްތައް ބިނާކުރުމަށް ހަމައެކަނި ޤުރުއާނާއި ސުންނަތުން ނުފުދޭނެއެވެ. އެހެންކަމުން ޤިޔާސް ވެގެން ގޮސްފައިވަނީ އިޖުތިހާދާއި އިޖުމާޢު ފަދައިން މި ދެ ނައްސަށް އެހީވެދޭ ވަސީލަތަކަށެވެ.

ދުނިޔެ ދެމި އޮތްހާ ހިނދަކު މީސްތަކުންނަށް ދިމާވާ ކަންކަމާއި ފިޤުހީ މައްސަލަތަކަކަށް ނިމުމެއް ނާންނާނެއެވެ. އެހެންވީމާ ހަމައެކަނި ޤުރްއާނުން އިސްލާމީ ޝަރީޢަތުގެ ނިމުމެއް ނުވާ މައްސަލަތަކަށް ޙުކުމެއް ނުނެގޭނެއެވެ. ޤިޔާސްކުރަން ޖެހެނީ މި ސަބަބަށްޓަކައި އާމައްސަލަތަކަށް ޙުކުމް ނެގުމަށެވެ.

ޙުކުމް ބިނާކުރެވޭ ނައްޞުތައް އިސްލާމްދީނުގައި ހަނިނަމަ އެއީ އެ ދީނަށް އޮތް އުނިކަމަކަށް ވެގެން ދިޔައީހެވެ. ކަންމިހެން އޮތުމުން ޤިޔާސްވެފައިވަނީ، މިގޮތަށް ދިމާވާ އާ ކަންކަމާއި މައްސަލަތަކުގެ އެއް ހަމައެއްގައި ކުރިއަށްދާ އެއްޗަކަށެވެ.

ޢަރަބި ބަހުގައި ޤިޔާސް ދެ މާނައެއްގައި ބޭނުންކުރެއެވެ. އެއީ:- 1- މިންކުރުން ނުވަތަ މިންވަރު އެނގުން. 2- އެއްވަރުކުރުން ނުވަތަ ހަމަހަމަ ކުރުން. މިއެވެ.

މިންކުރުމުގެ މިސާލު: މީޓަރުން ނުވަތަ ފީތާއެއްފަދަ އެއްޗަކުން ފޮތިގަނޑެއްގެ ނުވަތަ ހެދުމެއްގެ ވިޔަސް މިން ބެލުމަށް ޢަރަބި ބަހުގައި ފޮތިގަނޑު ޤިޔާސް ކޮށްފީމޭ ބުނެވިދާނެއެވެ. އެބަހީ ފޮތިގަޑުގެ މިން ބަލައިފީމެވެ.

އެއްވަރުކުރުމުގެ މާނައިގައި ޤިޔާސް ބޭނުންކުރެވެނީ، އެއާ އެއްފަދަ އެއްޗަކުން މިންކުރުމުގެ މާނައިގާ ދެ އެއްޗެއް އެއްވަރުކުރުމެވެ. އެއީ ޙިއްސީ އެއްޗެއް ނުވަތަ މަޢުނަވީ އެއްޗެއްކަމުގައި ވީނަމަވެހެވެ.

އެއްވަރުކުރުމުގެ މިސާލު: މިވެނި މީހަކާއި އެވެނި މީހެއް ޤިޔާސް ނުކުރެވޭނެއެވެ. މާނައަކީ މިދެމީހުން އެއްވަރު ނުކުރެވޭނެއެވެ. ނަމަވެސް ފަހަކަށް އައިސް ދެ އެއްޗެއް، ހަމަހަމަ ކުރުމުގެ މާނައިގައިވެސް ޤިޔާސް މިލަފްޡު ބޭނުން ކުރެވެއެވެ.

ޙަނަފީ މަޛްހަބާއި ޙަންބަލީ މަޛުހަބު އަދި މާލިކީ މަޛުހަބާއި ޝާފިއީމަޛުހަބުގެ ޖުމްހޫރު ޢިލްމުވެރިންދެކެވަޑައިގަންނަވާ ގޮތުގައި، ޤަބޫލުކުރެވޭ ޢިއްލަތެއް ލިބި އޭގެ ނަޡީރެއްއޮވެ އެކަމުގައި ހަމަހަމަކަން އޮވެއްޖެނަމަ ޙުކުމެއް ނެތް ކަމަކަށް ކަމަކަށް ޤިޔާސް ކުރެވިދާނެއެވެ.

ނަމަވެސް އިމާމު މާލިކު ވަނީ ޤިޔާސްއަށްވުރެ މަދީނާގެ އަހުލުވެރީންގެ ޢަމަލަށް އިސްކަން ދެއްވާފައެވެ. އިމާމު އަޙްމަދު ބުނު ޙަންބަލު ޤިޔާސްކުރައްވަނީ ޟަރޫރީ ޙާލަތްތަކުގައެވެ.

ޤިޔާސް ކުރުމުގެ އިޞްޠިލާޙަކީ، އެ މައްސަލައެއްގެ ޙުކުމް ބަޔާންކުރާ ނައްސެއް އައިސްފައި ނެތް  މައްސަލައަކަށް، ނައްޞަކުން ޙުކުމް އައިސްފައިވާ މައްސަލައެއްގެ ޙުކުމް ދިނުމެވެ. އެއީ، އޭގެ މައްޗަށް އެޙުކުމް ބިނާވެފައިވާ ޢިއްލަތް، އެ ދެމައްސަލައިގައިވެސް ޙާޞިލުވެފައި ވާތީއެވެ. ނުވަތަ އެއީ މައްސަލައެއްގެ ޙުކުމެއް އެހެން މައްސަލައެއްގެ ޙުކުމާއި ޢިއްލަތުގެ ގޮތުން އެއްގޮތްވާތީވެ ގުޅުވާލުމެވެ. ނުވަތަ ކުރީމައްސަލައަށް ދިން ޙުކުމް ފަހު މައްސަލައަށްވެސް ދިނުމެވެ. ޝަރުޠަކީ ދެމައްސަލައިގެވެސް ޢިއްލަތަކީ އެކައްޗަކަށްވުމެވެ.

ޢިއްލަތުގެ މާނައަކީ ޙުކުމް އަންގައިދޭ އެއްޗެވެ ނުވަތަ އެއީ ޙުކުމާއި ޢިއްލަތާ ދެމެދު މުނާސަބު ގުޅުމެއް އެނގުނު ސަބަބެވެ. މިޘާލަކަށް ރާ ޙަރާމްކުރެއްވީ މަސްތުވާތީވެއެވެ. އެހެންކަމުން ކޮންމެ މަސްތުވާ އެއްޗެއް ރަލަށް ޤިޔާސް ކުރުމަށްފަހު ބުނެވޭނީ އެއީ  ޙަރާމް އެއްޗެއް ކަމަށެވެ. މިތަނުގައި ޢިއްލަތަކީ މަސްތުވުމެވެ. ބައެއް ޢިލްމުވެރީން ޢިއްލަތަކީ ސަބަބާ ތަފާތު އެއްޗެއްކަމަށް ވިދާޅުވެއެވެ. އެކަމަކު އަނެއްބައި އިލްމުވެރީން މިއާތަފާތެވެ. އެހެންކަމުން ކޮންމެ ސަބަބަކީ ޢިއްލަތެއް ނޫނެވެ. އެކަމަކު ކޮންމެ ޢިއްލަތަކީ ސަބަބެކެވެ. މިއީ ޖުމްހޫރު އިލްމުވެރިން ބުރަވެލައްވާ ގޮތެވެ.

ނުވަތަ އެއީ އަޞްލުގައި ހިމެނި، އޭގެ މައްޗަށް ޙުކުމް ބިނާވެފައިވާ، އަދި ފަރުޢުގައި ވެސް އެ ޙުކުމް އޮންނަކަން ކަނޑައަޅަން ބެލޭ ސިފައެކެވެ. ނުވަތަ އެއީ އޭގެ މައްޗަށް ޙުކުމް ބިނާވެފައިވާ، ވަކިހަމަ ތަކަކަށް ފެތިފައިވާ ފާޅުވެ، ހާމަވެ ފެންނަން އޮންނަ ޚާއްޞަ ސިފައެކެވެ. ޙުކުމް އޮތުމާއި ނެތުން ވެސް ބިނާވަފައި އޮންނަނީ މި ޢިއްލާގެ މައްޗަށެވެ. އެހެންކަމުން މި ޢިއްލާގެ މައްޗަށް ޙުކުމް ބިނާކޮށްފިނަމަ، ޙުކުމް ތަޝްރީޢުކުރެއްވި މަޤްޞަދުވެސް އޮންނާނީ ހާސިލުވެފައެވެ. އެހެނީ ޢިއްލަތަކީ ޙުކުމްޝަރުޢުކުރެވުނު މުނާސަބު ސިފައެވެ.

މިސާލު: މަސްތުވުމަކީ ރަލުގައި ހިމެނޭ ސިފައެކެވެ. އޭގެ މައްޗަށް ޙުކުމްވެސް ބިނާފެފައިވެއެވެ. އެގޮތުން މަސްތުވާ ކޮންމެ އެއްޗެއް (ނަބީޛެއްވެސް) ޙަރާމްކަން އެނގެނީ އޭގައިވާ މަސްތުގެ ސިފައިންނެވެ. ހަމަމިމޭރުމުން ބަލާއިރު އެހެން މީހަކު ގަންނަންއުޅޭ އެއްޗެއް ގަތުން ޙަރާމްވި ޚާއްޞަ ސިފައަކީ މީހެއްގެ ޙައްޤަކަށް އަރައިގަތުމެވެ. އެހެން މީހަކު ކުއްޔަށް ހިފަން އުޅޭ އެއްޗެއް ކުއްޔަށް ހިފުން ވެސް ޙަރާމްކަން ކަނޑައެޅޭނީ، ޙަރާމްވުމުގެ މުނާސަބު ސިފަ މިތަނުގައިވެސް އޮތުމުންނެވެ.

މިސާލު: ހަތަރު ރަކްޢަތް ނަމާދު ދަތުރުވެރިއާ ޤަޞްރުކުރަން ތަޝްރީޢުކުރުމުގެ ޙިކުމަތަކީ ލުއިކުރުމާއި އުނދަގޫ ދުރުކުރުމެވެ. ވީމާ  ދަތުރުވެރިޔާ ނަމާދު ޤަޞްރުކުރުމުގެ ޙިކުމަތަކީ ދަތި އުނދަގޫކަން ދުރުކުރުމެވެ. އަދި ނަމާދު ޤަޞްރުކުރުމުގެ ޙުކުމުގެ ޢިއްލާއަކީ ނުވަތަ ސަބަބަކީ ދަތުރެވެ.

ޤިޔާސްއަކީ އިސްލާމީ ޝަރީޢަތުގެ ހަތަރުވަނަ މަޞްދަރަށް ވީ ހިނދު، އޭގައި ދެ ވައްތަރެއްވެއެވެ. އެއީ ޤިޔާސް ޖަލީ އަދި ޤިޔާސް ޚަފީއެވެ. ޤިޔާސް ޖަލީ: އެއީ ނައްޞަކުން ނުވަތަ އިޖްމާޢިން ނުވަތަ އަޞްލާއި ފަރްޢުގައި ތަފާތެއް ނެތުމުން  ޢިއްލަތު އެނގެން އޮތް ކަންތަކެވެ.

ގިޔާސް ޚަފީ: އެއީ އެކަމެއްގެ ޢިއްލަތު އިސްތިންބާތަކުން ނެގޭ ކަންތަކެވެ. އަދި އަޞްލާއި ފަރްޢުގެ ތަފާތެއް ނެތްކަން ޔަގީން ނުވާ ކަންތަކެވެ.

ޤިޔާސްކޮށްގެން ޝަރުޢީ މައްސަލަތަކުގެ ޙުކުމް ނެގުމާމެދު ޢިލްމުވެރީންގެ ރަޢުޔުވެސް ދެ ބަޔަކަށް ބެހިފައިވެއެވެ. އެއް ބަޔަކީ ޤިޔާސް ސާބިތުކުރާ މަޒުހަބުގެ މީހުންނެވެ. ދެވަނައީ ޤިޔާސް ނަފީކުރާ މަޒުހަބުގެ މީހުންނެވެ.

މުތަކައްލިމުންނާއި ފިޤްހު ޢިލްމުވެރިންގެ ތެރެއިން ޖުމްހޫރުންގެ ގާތުގައި، ކަމެއްގެ ޙުކުމް ނައްޞުން ނުވަތަ އިޖްމާޢުންވެސް ނެތިއްޔާ، އަދި ޙުކުމް އައިސްފައިވާ މައްސަލައެއްގެ ޢިއްލަތާ ޤިޔާސްކުރެވޭ މައްސަލައިގެ ޢިއްލަތާ އެއްވަރުވެއްޖެ ނަމަ ޤިޔާސްއަކީ މުކައްލަފުން މި ޙުކުމަށް ތަބާވެ އެއަށް ޢަމަލުކުރުން ވާޖިބުވެފައިވާ، ޝަރުޢީ ގޮތުން 4 ވަނަ ދަރަޖައިގެ ޙުއްޖަތެކެވެ.

ޖުމްހޫރުން ފިޔަވައި ބައެއް އެހެން މަޒްހަބުތައް ކަމަށްވާ ނައްޡާމިއްޔާ އާއި ޡާހިރިއްޔާ މަޛްހަބާއި ޝީޢީންގެ ބައެއް ޢިލްމުވެރިން ދެކިލައްވާ ގޮތުގައި ޤިޔާސްއަކީ އޭގެ މައްޗަށް ޝަރުޢީ ޙުކުމްތައް ބިނާކުރެވޭނޭ ޙުއްޖަތެއް ނޫނެވެ. މި މަޒްހަބުތަކުގެ މީހުންވަނީ ސުބުހަ އުފައްދާ ޤިޔާސްގެ ހުއްޖިއްޔާތުކަން އޮޅުވާލާފައެވެ. އެހެނީ ޞަޙާބީންގެ ޒަމާނުން ފެށިގެން މިއަދާ ހަމައަށްވެސް މި އުއްމަތުގެ އިތުބާރު ހިފޭ ހުރިހާ ދަންނަބޭކަލުން ޤިޔާސަކީ ޙުއްޖަތެއް ކަމަށް އެއްބަސްވެ ވަޑައިގަންނަވައެވެ.

ޤިޔާސް ސާބިތުކުރާ ޢިލްމުވެރީންވަނީ ކީރިތި ޤުރުއާނުންނާއި ރަސޫލާގެ ސުންނަތުގެ އިތުރުން ޞަޙާބީންގެ ބަސްފުޅުންނާއި ބުއްދީގެ ދަލީލުތައްވެސް ގެންނަވާފައެވެ. މީގެ އިތުރުން، ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ޤުރުއާނުގައިވާ ޙުކުމްތަކުގެ އާޔަތްތަކުގެ ތެރެއިން ވަރަށް ގިނަ އާޔަތްތަކުގައި ޙުކުމްވަނީ އޭގެ ޢިއްލަތާ ގުޅިފައެވެ. ޤިޔާސަކީ ޙުއްޖަތެއްކަމަށް ދަލީލުކޮށްދޭ އާޔަތްތަކަށް ބާރު ލިބިދީފައިވާ އެހެން އާޔަތްތައްވެސް ޤުރުއާނުގައި އެބަވެއެވެ. އެފަދަ އާޔަތްތަކުން އިޝާރާތްކޮށްދީފައިވަނީ ޙުކުމްތައް ބިނާވެފައިވަނީ މަޞްލަޙަތަށްކަމެވެ. ނަމަވެސް ޙުކުމްތައް ގުޅިފައިވަނީ ސަބަބުތަކާކަމެވެ. ހަމައެހެންމެ، ޙުކުމް އޮންނާނީ އޭގެ ސަބަބު އޮތިއްޔާކަމާއި، ޙުކުމް ބިނާވިކަމެއް އޮންނަންޖެހޭނޭ ކަންވެސް މިފަދަ އާޔަތްތަކުން އެނގެއެވެ.

މިސާލަކަށް ބަލާނަމަ، ސޫރަތުލް ޙަޝްރުގެ 2 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރެއްވިއެވެ. (فَاعْتَبِرُوا يَا أُولِي الأبْصَارِ) މާނައީ:  ” އޭ ބުއްދީގެ އަހުލުވެރިންނޭވެ! ތިޔަބައިމީހުން ޢިބްރަތް ލިބިގަންނާށެވެ.”

މި އާޔަތުގައި އައިސްފައިވާ “الاعتبار” ގެ މާނައަށް ބަލާއިރު، ޢަރަބިބަހުގައި މިބަހުގެ މާނައަކީ އެއްޗަކުން އެހެން އެއްޗަކަށް ފަހަނައަޅައި ދިއުންކަމަށް ޢިލްމުވެރިން ވިދާޅުވެފައިވެެވެ. އެހެނީ މިބަސް ނެގިފައިވަނީ “العبور” މިބަހުންނެވެ. عبور ގެ މާނައަކީ ހުރަސްކުރުމެވެ. ޤިޔާސަކީވެސް ޤިޔާސްކުރާ އެތީގައި އޮތް ޙުކުމް ޤިޔާސް ކުރެވޭ އެއްޗަށް ގެންދިއުމެވެ. އެހެންކަމުގައިވާނަމަ اعتبار ކުރުމަށް މިއާޔަތުގައި އަމުރު ކުރައްވާފައިއޮތުމުން ޤިޔާސްކުރުމަށްވެސް އެވަނީ އަމަރު ކުރެވިގެންނެވެ. އަދި އެއީ ވާޖިބު ކަމެއްވެސް މެއެވެ. އެހެންކަމުން ވާޖިބު ކަމެއް މަނާކަމަކަށް ނުވާނެއެވެ. ނަމަވެސް މިއާޔަތުން ޤިޔާސް ކުރުމަށް ދަލީލު ނުލިބޭކަމަށް ވިދާޅުވެ ބައެއް ބޭކަލުން ޢިލްމީ ރައްދު ދެއްވާފައިވެސް ވެއެވެ.

އަލްއަންބިޔާ ސޫރަތުގެ 104 ވަނަ އާޔަތް، މާތް ﷲ ވަޙީ ކުރައްވައެވެ. (كَمَا بَدَأْنَا أَوَّلَ خَلْقٍ نُعِيدُه) މާނައީ: “އެންމެ ފުރަތަމަ އުފެއްދެވި ފަދައިން އެތަކެތި އަލުން އިޢާދަ ކުރައްވާ ހުށީމެވެ.”

ފާޠިރު ސޫރަތުގެ 9 ވަނަ އާޔަތް، ވަޙީ ކުރައްވާފައިވެއެވެ. (وَاللَّهُ الَّذِي أَرْسَلَ الرِّيَاحَ فَتُثِيرُ سَحَاباً فَسُقْنَاهُ إِلَى بَلَدٍ مَيِّتٍ فَأَحْيَيْنَا بِهِ الْأَرْضَ بَعْدَ مَوْتِهَا كَذَلِكَ النُّشُورُ) މާނައީ: “އަދި ﷲ އީ، ވައިރޯޅި ފޮނުއްވި އިލާހެވެ. ފަހެ، އެ ވައިރޯޅި ވިލާތައް އުފުލައެވެ. އަދި މަރުވެފައިވާ ރަށަކަށް، ތިމަން ﷲ އެވިލާތައް ގެންދެވީމެވެ. ފަހެ، ބިންގަނޑު މަރުވެފައި އޮތުމަށްފަހު، އެ ވިލާތަކުގެ ފެނުން ތިމަން ﷲ އެ ބިން ދިރުއްވީމެވެ. ޤިިޔާމަތް ދުވަހުން އަލުން ދިރުއްވައި ފޮނުއްވުންވަނީވެސް އެފަދައިންނެވެ.”

މި ދެ އާޔަތަށް ބަލާއިރު، ފުރަތަމަ އާޔަތުގައި ޚަލްގުތަކުން އިޢާދަ ކުރެއްވުން ވައްތަރު ކުރައްވާފައިވަނީ އެތަކެތި އުފެއްދެވުމާއެވެ. އަދި މީސްތަކުން މަރުވުމަށްފަހު އަލުން ދިރުއްވުން ވައްތަރު ކުރައްވާފައިވަނީ ބިންގަނޑު ދިރުއްވުމާއެވެ. މިގޮތަށް ވައްތަރު ކުރެއްވުމަކީ ޤިިޔާސް އެވެ.

މުޢާޛުގެފާނު ޔަމަނުގެ ޤާޟީއަކަށް ފޮނުއްވުމުގެ ކުރިން ޙުކުމްކުރައްވާނެ ގޮތަކާމެދު ކީރިތި ރަސޫލާ محمَّد ﷺ އެކަލޭގެފާނަށް ސުވާލުކުރެއްވިއެވެ. އެހިނދު މުއާޛުގެފާނު ދެއްވި ޖަވާބުގެ ތެރޭގައި އެންމެ ފަހުން ވިދާޅުވެފައިވަނީ، “……އަޅުގަނޑުގެ ރައުޔަށް އިޖްތިހާދުކުރާނީއެވެ. އަދި ގަދައަޅައި މަސައްކަތް ކުރައްވާނަމެވެ.”

މި ހާދިސާއިން ދަލީލު ލިބޭ ގޮތުގައި މުއާޛުގެފާނުންގެ ބަސްފުޅަށް ކީރިތި ރަސޫލާ محمَّد ﷺ އިޤްރާރުވެވަޑައިގެންފައިވެއެވެ. އިޖްތިހާދުގެ މާނައިގާ ޙުކުމަށް ވާޞިލުވުމަށްޓަކައި ގަދައަޅައި މަސައްކަތްކުރެވޭ ހިނދު އޭގައި ޤިޔާސްވެސް ހިމެނެއެވެ. އެހެންކަމުން، ޤިޔާސަކީވެސް އިޖްތިހާދުކޮށް ދަލީލުދެއްކުމުގެ ވައްތަރެކެވެ.

އެހެން ހަދީޘެއްގައިވަނީ، އަންހެނަކު ކީރިތި ރަސޫލާ محمَّد ﷺ އަރިހަށް އައިސް ދެންނެވިއެވެ: “ޙައްޖު ވާޖިބުވެފައިވާ އަޅުގަނޑުގެ ބައްޕައަކީ، ޙައްޖުވުމަށް ކުޅަދާނަ ނޫން މުސްކުޅިއެވެ. ފަހެ ބައްޕަގެ ފަރާތުން އަޅުގަނޑު ޙައްޖުވެއްޖެއްޔާމު، ބައްޕައަށް ނަފާކުރާނެތޯއެވެ؟ އެހިނދު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: ކަނބުލޭގެ ބައްޕަގެ މައްޗަށް ދަރަންޏެއް އޮތިއްޔާ، ކަނބުލޭގެ އެ ދަރަނި އަދާކޮށްފިއްޔާ، އެކަމުން ބައްޕައަށް ނަފާއެއްކުރާނެހެއްޔެވެ؟” އާދޭހޭ ޖަވާބުގައި ދެންނެވީމާ ޙަދީޘްކުރެއްވީ: “ފަހެ ﷲގެ ދަރަނި އަދާކުރުން މާ ޙައްޤުކަންބޮޑެވެ.”

ޞައްޙަ ސުންނަތުން ސާބިތުވެފައިވާގޮތުން، ކީރިތި ރަސޫލާ محمَّد ﷺ އަށް ހުށައެޅުނު، ވަރަށް ގިނަ މައްސަލަތަކުގައި، (އޭގެ ޙުކުމާމެދު ވަޙީ ބާވައިނުލެއްވޭ) އެކަލޭގެފާނުވަނީ ޤިޔާސުކުރައްވައިގެން އޭގެ ޙުކުމް ދައްކަވާފައެވެ. ކީރިތި ރަސޫލާ محمَّد ﷺ މިގޮތަށް ކަންކުރެއްވީ، އެއީ އެކަލޭގެފާނުގެ އުއްމަތަށްވެސް އެގޮތް ތަޝްރީޢު ކުރެއްވުމަށްޓަކައެވެ. ވީމާ ނައްޞެއް ނެތް ކަންކަމުގައި ޤިޔާސްކުރުމަކީ، ކީރިތި ރަސޫލާ محمَّد ﷺ ގެ ސުންނަތުގެ ތެރެއިންވާ ކަމެކެވެ.

ޤިޔާސަކީ ޝަރުޢީ ޙުއްޖަތެއްކަމަށް، ޞަޙާބީންގެ ބަސްފުޅާއި ޢަމަލުފުޅުން ވަރަށް ބޮޑަށް ހާމަވާން އެބައޮތެވެ. ނައްޞެއް ނެތް ކަންކަމުގައި އެބޭކަލުން އިޖްތިހާދުކުރައްވައި އުޅުއްވިއެވެ. އަދި ނައްޞެއް ނެތް ކަންކަމަށް، ނައްޞެއް އޮތް ކަންކަން ޤިޔާސްކުރައްވައި، އެއްޗަކާ އެއްފަދަ އެއްޗަކަށް ބައްލަވައި ހައްދަވައެވެ. މިގޮތުން އަބޫބަކުރުގެފާނުވަނީ ރަސޫލާ محمَّد ﷺ އަށް ޤިޔާސްކުރައްވައި، ޒަކާތް ދިނުމާ ދެކޮޅުހެދިމީހުންނާ ހަނގުރާމަ ކުރައްވާފައެވެ. ޒަކާތްދޭން ދެކޮޅުހެދި މީހުން ދެއްކި ބަހަނާއަކީ، ޒަކާތަކީ ހަމައެކަނި ރަސޫލާއަށް ނެންގެވޭނެ އެއްޗެކެވެ. އަބޫބަކުރުގެފާނު ދެކެވަޑައިގަތީ، ރަސޫލާ محمَّد ﷺ ނަންގަވަމުން ދިޔަ ޒަކާތް، އެކަލޭގެފާނުގެ ޚަލީފާއަށްވެސް ނެންގެވޭނެ ކަމަށެވެ.

ޢުމަރުގެފާނުގެ ޚިލާފަތުގެ ދުވަސްވަރުގައި އަބޫމޫސަލް އަޝްޢަރީއަށް ފޮނުއްވި ފަތްކޮޅެއްގައި ވިދާޅުވެފައިވެއެވެ. “ކަލޭގެފާނު އަރިހަށް ހުށައެޅޭ މައްސަލަތަކުގެ ތެރެއިން ޤުރުއާނާއި ސުންނަތުގައި ނުވާ މައްސަލަތަކުގައި، ރަނގަޅަށް ވިސްނަވާ ވަޑައިގަންނަވާށެވެ. އެއަށްފަހު ކަންކަމުގެ މެދުގައި ޤިޔާސްކުރައްވާށެވެ. އަދި އެއްކަހަލަ ކަންކަން ދެނެވަޑައިގަންނަވާށެވެ. ދެން އެއަށްފަހު، މާތް ﷲ އެންމެ ލޯބިވޮޑިގަންނަވާނެ، އަދި ޙައްޤާ އެންމެ ގާތް ކަމަށް ކަލޭގެފާނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ޙުކުމްކުރައްވާށެވެ.”

މީގެ އިތުރުންވެސް ޢިލްމުވެރީން، ކީރިތި ރަސޫލާ محمَّد ﷺ ގެ ޞަޙާބީން އިޖްތިހާދުކުރައްވައި، ޤިޔާސުގެ މަގުން ދެއްވާފައިވާ އެތަކެއް ފަތުވާ ގެންނަވާފައި އެބަހުއްޓެވެ. ރަސޫލާ محمَّد ﷺ އެކަލޭގެފާނުގެ ޙަޔާތްޕުޅުގައި ދުވަހަކުވެސް ޞަޙާބީއަކު އިޖްތިހާދުކުރައްވައިގެން، ކަމެއް އެއާ އެއްވައްތަރު ކަމަކަށް ޤިޔާސްކުރައްވައިގެން އެކަމާ އިންކާރުކުރައްވާފައި ނެތެވެ. ވީމާ ޤިޔާސްގެ ހުއްޖަތްކަމާމެދު އިންކާރުކުރުމަކީ، ޞަޙާބީން ކުރެއްވި އިޖްތިހާދުތަކާއި ޤިޔާސްތަކަކީ ނުބައި އެއްޗެއްކަމަށް ދުށުމެވެ. އެބޭކަލުންގެ ޢަމަލުފުޅާއި ބަސްފުޅުން އެއްބަސްވެވަޑައިގެންފައިވާ ކަމަކަށް އިންކާރުކޮށް ދެކޮޅު ހެދުމެވެ.

ޤިޔާސްއަކީ ސާބިތު ދަލީލެއްކަމަށް ޢިލްމުވެރިން ވަރަށް ގިނަ މިސާލުތައް ގެންނަވާފައި ވެއެވެ. އެ ގޮތުން ޤިޔާސްގެ ހުއްޖިއްޔާތުކަމާމެދު ބުއްދީ ގެ ބައެއް މިސާލު ވެއެވެ. މި ގޮތުން ޤިޔާސަކީ، ސަލާމަތް ފިޠުރަތާއި ރަނގަޅު ވިސްނުންވެސް އެއަށް ތާއީދުކުރާނެ ދަލީލެކެވެ.

  1. ރަލަކީ މަސްތުވާއެއްޗެކެވެ. މާތް ﷲ ގެ އަޅުތަކުންގެ ބުއްދި ސަލާމަތްކުރުމަށްޓަކައި އެ ޙަރާމްކުރެއްވިއެވެ. ރަލުގެ ޚާއްޞަ ސިފަކަމުގައިވާ މަސްތުވުން ހުރި، އެހެން އެއްޗެއް ޙަރާމް ނުވާނަމަ ނުވަތަ މަސްތުވާ އެހެން އެއްޗެހީގެ ޙުކުމް ތަފާތުކުރެވިއްޖެނަމަ އެކަންވެގެންދާނީ، އެކަތިން ބުއްދި ސަލާމަތްކޮށްފައި އަނެކަތިން ބުއްދި ފިލައިދާން ދޫކޮށްލުން ކަމުގައެވެ. މިއީ ހަމަ ބުއްދި ހުރި މީހަކު ޤަބޫލުކުރާނެ އެއްގޮތް ކުރުމެއް ނޫނެވެ.
  2. ރުޅިއައިސްގެން ހުރެ ޙުކުމްކުރުން ގާޟީންނަށްވަނީ މަނާ ކުރެވިފައެވެ. އެޔަށް ގިޔާސްކޮށް ބަނޑުހައިވެފައިހުންނަ ގާޟީވެސް ޙުކުމް ކުރުން މަނާކުރެވެއެވެ. މި ޤިޔާސްގައިވެސް ޢިއްލާ އެގޮތެވެ. ސަބަބަކީ އިންސާނާ ބަނޑުހައިވެފައި ހުންނަގަޑީގައި އަދި ރުޅިގަދަވެފައި ހުންނަ ގަޑީގައި އޭނާގެ ސިކުނޑި ރަނގަޅަށް މަސައްކަތް ނުކުރާނެތީވެއެވެ. މި ޢިއްލަތަކީވެސް ދަންނަބޭކަލުންގެ އިޖްމާޢިން ޘާބިތު ޢިއްލަތެކެވެ.
  3. ދެކަމެއްގެ ދެމެދުގައި ތަފާތެއް ނެތިއްޔާ، އެއްކަމަށް ހިނގާ ޙުކުމެއް އަނެއްކަމަށްވެސް ހިނގާނެކަމާމެދު، އެއްވެސް މީހަކު ދެ ބަހެއް ނުވާނެއެވެ. މީގެ މިސާލަކީ މަސްތުވާ އެއްޗެއް އެތެރެކުރުން ހުއްދަނޫން ޤައުމަކަށް މަސްތުވާ އެއްޗެއް އެތެރެކޮށްގެން މުއްސަނދިވުމުގެ ނިޔަތްއޮވެގެން، އެ ޢަމަލު ހިންގި ފަހުން، އެމީހަކު އެތެރެކުރީ މަސްތުވާ އެއްޗެހި ނޫންކަމާ އެއީ މަސްތުވާ އެއްޗަކާ ވައްތަރު އެއްޗެއްކަން ފަހުން އެނގުނު ނަމަވެސް ކަންކުރިމީހާގެ ނިޔަތުގައި އޮތީ މަސްތުވާ އެއްޗެހި އެތެރެކުރުންކަމަށް ބަލައި ޙުކުމް ކޮށްފައިވެއެވެ. މިތަނުގައި އެއް ގޮތްވި އެއްޗަކީ އަދި ޙުކުމް ބިނާކުރި ޢިއްލާއަކީ ޢަމަލާއި ނިޔަތަށެވެ. އެތެރެކުރި އެއްޗަކީ މަސްތުވާ އެއްޗެއްކަމަށް ވުން ކޮންމެހެން ލާޒިމެއް ނުކުރެއެވެ. މިތަނުގައި ވަޟުޢީ ގޮތުން، ޙުކުމުން ޙިމާޔަތްކޮށްފައި އެވަނީ މީހުން ނުބައިކަންތައްތަކަށް އަރައިގަތުމުގެ ނިޔަތެވެ.

ޤިޔާސް ނަފީކުރާ މީހުންގެ ބައެއް ޝުބުހާތައް

ޤިޔާސް ނަފީކުރާ މީހުންގެ އެންމެ ބޮޑު ޒުވާބަކީ، ޤިޔާސް ބިނާވެފައިވަނީ، ނައްޞުގައިވާ ޙުކުމުގެ ޢިއްލާއަކީ މިވެނި މިވެނި ކަމެކޭ ހީކޮށް، އެ ހީގެ މައްޗަށްކަމަށް ބުނުމެވެ. އެހެންކަމުން ހީގެ މައްޗަށް ބިނާކުރާ ޤިޔާސް ގެ ޙުކުމް ޞައްޙައެއް ނުވާނެކަމަށް ބުނެއެވެ. މި ގޮތުން އެބައިމީހުން ބުނެފައިވަނީ މާތް ﷲ ވަނީ ހީއަށް ތަބާވާމީހުނަށް އިންކާރުކުރައްވާފައެވެ. މީގެ ދަލީލަކަށް ނަގާފައިވަނީ އިސްރާ ސޫރަތުގެ 36 ވަނަ އާޔަތުގައިވާ ( وَﻻَ ﺗَـﻘْﻒُ ﻣَﺎ ﻟَﻴْﺲَ ﻟَﻚَ ﺑِﻪِ ﻋِﻠْﻢٌ ) މާނައީ،” އަދި ތިބާޔަށް އެކަމަކާމެދު އެނގުމެއް ނުވާކަމަކަށް، ތިބާ ﺗﺒﻊ ނުވާށެވެ!” )

ޢިލްމުވެރީން ވިދާޅުވާ ގޮތުގައި މިއީ ވަރަށް ބަލިކަށި އޮޅުމެކެވެ. އެހެނީ މިއާޔަތަކީ ޢަމަލީ ޙުކުމްތަކާ މެދު އޮތް އާޔަތެއް ނޫނެވެ. މި އާޔަތުގައި ނަހީކުރައްވާފައި އެވަނީ ޢަޤީދާގައި ހީއަށް ތަބާވުމެވެ. ޢަމަލީ ޙުކުމްތަކުގައި ހުރި ގިނަ ދަލީލުތަކަކީ ހީ ނުވަތަ ޡައްނީ އެއްޗެހިކަމަށް ބަލައިފިނަމަ ޝަރީޢަތުގައިވާ ގިނަ ދަލީލުތަކަކީ އެއަށް ޢަމަލުކުރެވޭނެ އެއްޗެއް ނޫނެވެ. އެެހެންކަމުން ސުބުހާއަކީ ބާޠިލު އެއްޗެކެވެ.

މި ސުބުހާގައި ބުނާގޮތުން ޤިޔާސް ބިނާވެފައިވަނީ، ޙުކުމްތަކުގެ ޢިއްލާ ކަނޑައެޅުމުގެ މައްޗަށެވެ. އެހެންކަމުން ޤިޔާސަށް ޢަމަލުކުރާނަމަ އެކަންވެގެންދާނީ، ޙުކުމްތައް އިޚްތިލާފުވާ އެއްޙުކުމް އަނެއްޙުކުމާ ފުށުއަރާ ކަމަކަށެވެ. ނަމަވެސް، އެމީހުން ބުނާ ގޮތުގައި، ﷲ ބާވައިލެއްވި ޝަރީޢަތެއްގައި މިފަދަ ފުށުއެރުންތަކެއް ނުހުންނާނެއެވެ.

  • ޤިޔާސް ގެ ރުކުންތަކުގެ ތަފްޞީލް
ޤިޔާސް އަލްއަޞްލް /

ޤިޔާސްކުރެވޭއެތި

މިއީ އޭގެ ޙުކުމާމެދު ނައްޞެއް އައިސްފައިވާ އެއްޗެވެ. އެއަށް ކިޔޭ ނަންތަކުގެ ތެރޭގައި ޤިޔާސްކުރެވޭއެތި ނުވަތަ  އަޅާބެލޭއެތި ނުވަތަ އެއްގޮތްކުރެވޭ އެތި ހިމެނެއެވެ.
އަލްފަރްޢު /

ޤިޔާސްކުރާއެތި

މިއީ އޭގެ ޙުކުމާމެދު ނައްޞެއް އައިސްފައި ނުވާ އެއްޗެވެ. އެއަށް ކިޔޭ ނަންތަކުގެތެރޭގައި ޤިޔާސްކުރާއެތި، އަޅާބަލާއެތި ނުވަތަ އެއްގޮތްކުރާއެތި ހިމެނެއެވެ.
އަސްލުގެ ޙުކުމް މިއީ އަސްލާ މެދު ނައްޞުން އައިސްފައިވާ ޝަރުޢީ ޙުކުމެވެ. އަދި ހަމައެހެންމެ އެއީ ފަރުޢަށް ދޭން އުޅޭ ޙުކުމުވެސް މެއެވެ.
ޢިއްލާ / ސަބަބު އަސްލުގެ ޙުކުމް އޭގެ މައްޗަށް ބިނާވި ސިފައެކެވެ. އެ ސިފަ ފަރުޢުގައިވެސް ހުރެއްޖެނަމަ، އަސްލާ ފަރުޢުގެ ޙުކުމްވެސް އެއްގޮތްކުރެވެއެވެ.

    

މި ހަތަރު ރުކުނުގެ ތެރެއިން ފުރަތަމަ ދެ ރުކުންކަމުގައިވާ އަސްލު އަދި ފަރްޢު އަށް ބަލާއިރު، އެއީ ދެތަނެކެވެ. ނުވަތަ ދެ ކަމެކެވެ. އެހެންކަމުން ކޮންމެވެސް އެކައްޗެއްގެެ ޙުކުމް ނައްޞުން އައިސްފައި އޮންނާނެއެވެ. އަނެކަތީގެ ޙުކުމް ނައްޞުން ލިބޭކަށް ނޯންނާނެއެވެ. ވީމާ ޙުކުމް ހޯދަން ޖެހޭނީ ނައްޞުން ޙުކުމް ލިބެން ނެތް މައްސަލައަށެވެ. ނުވަތަ އެއްޗަށެވެ. ދެ ރުކުނުގައިވެސް ކުރެވޭ ޝަރުޠަކީ، އަސްލުގެ ޙުކުމް ނައްޞުން ސާބިތުވެފައި އޮތުމާއި، ފަރުޢުގެ ޙުކުމް އަނެއް ތިން ދަލީލުން (ޤުރްއާނާއި ސުންނަތް އަދި އިޖްމާޢަކުންވެސް) ސާބިތުވެފައި ނެތުމާއި، އަދި ދޭތީގެ ޙުކުމް އެއްގޮތްވުމަށް ހުރަސްއަޅާ ތަފާތެއް ދޭތީގައި ނެތުމެވެ.

މީގެ މިސާލަކީ، ރާބުއިމަކީ އަސްލު އެވެ. އަދި އެކަމުގެ ޙުކުމް ނައްޞުން އައިސްފައި އެބައޮތެވެ. ޢިލްމުވެރިން ވިދާޅުވާ ގޮތުގައި سورة المائدة ގެ 90 ވަނަ އާޔަތުގައިވާ (فَاجْتَنِبُوهُ) މި ބަސްފުޅުން ދަލީލުކޮށްދެނީ ރާބުއިމަކީ ޙަރާމްކަމެއްކަމެވެ. ކަދުރުން ހަދާފައި ހުންނަ ނަބީޛަކީ (ވައިން) ފަރުޢެކެވެ. ސަބަބަކީ އޭގެ ޙުކުމެއް ނައްޞުން އައިސްފައި ނެތެވެ. ރަލާއި މި ނަބީޛާއި ދެމެދު ހުރި އެއްގޮތްކަމަކީ މަސްތުވުމެވެ. އެއްވެސް ގޮތަކުން އެއްގޮތްކުރަނީކީ ކަދުރު ރަލަށް ބަދަލުވުމެއް ނޫނެވެ. މިހެންވެ ދޭތީގެ ޙުކުމްވެސް އެއްގޮތްކުރެވި ޙަރާމްކުރެވެއެވެ. މިފަދަ ޙުކުމްތަކަކީ މާނަ އެނގޭ ޙުކުމްތަކެވެ. އަސްލުގައި އޮތް ޙުކުމް އެހެން އެއްޗަކަށް ގެންދެވެނީ މިފަދަ ޙުކުމްތަކުގައެވެ. އެހެންވީމާ ރިބާއާގުޅޭ ގޮތުން އޮންނަ ޙަދީޘްގައި ހިމެނޭ 6 ބާވަތުގެ ތެރޭގައި ހިމެނޭ ގޮދަނާއި ހިމަގޮދަނަށް ޤިޔާސްކޮށްގެން ޒުވާރިއާއި ހަނޑުލުގައިވެސް ރިބާ ހިނގާނެ ކަމަށް ކަނޑައެޅިފައިވެއެވެ.

ޤިޔާސްކުރުމުގެ ރުކުންތަކުގެ ތެރޭގައި ހިމެނޭ ޢިއްލާ ނުވަތަ ސިފައަކީވެސް މުހިއްމު ބަޔެކެވެ. އެހެނީ ޢިލްމުވެރިންވަނީ ޢިއްލަތުގައިވެސް ހުރުން ލާޒިމުވާ ޝަރުޠުތަކެއް ކަނޑައަޅުއްވާފައެވެ. އެގޮތުން، އެއަށް ނުބަލަން ޝަރޢަތުން ދަލީލު ލިބިފައިވާ ޢިއްލަތަކަށް ނުވުމާއި ހަމައެކަނި އަސްލަށް ހަނިވެފައިވާ ސިފައެއްގެ ބަދަލުގައި އެތަކެއް ޙާލަތަށް ފެތޭ ސިފައަކަށް ވުން ހިމެނެއެވެ. މީގެ އިތުރުން ޢިއްލާ ވާންޖެހޭނީ ޙުކުމުގެ މަޤްޞަދު ޙާޞިލުކުރެވޭ ސަބަބަކަށެވެ. މިސާލަކަށް ރާ ޙަރާމްކުރެވުނީ ބުއްދި ރައްކާތެރިކުރުމަށެވެ. ޤިޞާޞް ޝަރުޢުކުރެވުނީ މީހުންގެ ފުރާނަ ރައްކާތެރިކުރާށެވެ. ވައްކަންކުރުމަކީ، އަތްކެނޑުން ވާޖިބުކުރުން މުނާސިބުކަމެކެވެ. އެހެނީ ވައްކަންކުރީމާ އަތްކެނޑުމުން މީސްތަކުންގެ މުދާ ރައްކާތެރިކުރެވެއެވެ.

ޤިޔާސްކުރުމުގެ ހަމަތަކަށް ބަލާއިރު ނައްޞުން ޙުކުމެއް އައިސްފައިނުވާ މައްސަލައަށްވުރެ، މައްސަލައަކަށް ޙުކުމް ހޯދުން އައުލާވެގެންވުންވެސް ހިމެނެއެވެ. މީގެ މިސާލަކަށްބަލާއިރު މައިންބަފައިންނަށް އުއްފު ވެސް ބުނުން އެއީ ހުއްދަކަމެއް ނޫންކަން ނައްޞުން ސާބިތުވާން އެބައޮތެވެ. ވީމާ މައިންބަފައިން ގައިގައި ޖެހުން ޙަރާމްކުރެވޭ ކުރެވުން އެއީ ފާޅުކަން ބޮޑު ޤިޔާސެވެ. ހަމަ މިމޭރުމުން ބަލާއިރު ޙުކުމްއައި ކަންތަކާއި ޙުކުމް ނާންނަ ކަންތައް، ޙުކުމް އައުމަށް މުނާސަބުވުމުގައި އެއްވަރުވެގެންވުންވެސް ހިމެނެއެވެ. މީގެ މިސާލަކީ ޔަތީމުންގެ މުދާ ކެއުން ޙަރާންކުރެވިފައިވުމާ އަޅާކިޔާ އިރު، އެއްވެސް ގޮތަކުން  އެފަދަ މުދާ ނެތިކޮށްލުންވެސް ޙަރާމްވާނެއެވެ.

މަތީގައި ބަޔާންކުރެވިފައިވާ ޤިޔާސްގެ ކޮންމެ ރުކުނަކަށްވެސް ޝަރުޠުތަކެއް ވާކަމަށް ޢިލްމުވެރީން ގެންނަވާފައިވެއެވެ. އެހެންކަމުން ނައްޞުން ސާބިތުވާ ކޮންމެ ޙުކުމަކީ ޤިޔާސްއަށް ގެންދެވޭނޭ ޙުކުމެއް ނޫނެވެ.

ޤިޔާސްކުރެވޭ އެތީގައި ހުރުން ލާޒިމުވާ ޝަރުޠުތައް

  • ޤިޔާސްކުރެވޭ އެތި އެއީ އެހެން ޙުކުމެއްގެ ފަރުޢެއްކަމުގައި ނުވުމެވެ.

އަޞްލުގައި އޮންނަ ޙުކުމުގައި ހުރުން ލާޒިމުވާ 4 ޝަރުޠެއް ވެއެވެ.

  • އެއީ އެޙުކުމަކީ، އަޞްލަށް ޚާއްޞަވެގެންވާ ޙުކުމެއްކަމުގައި ނައްޞަކުން ކަނޑައެޅިފައި ނުވުން.
  • އިންސާނާގެ ބުއްދިއަށް ވިސްނައިގަނެވޭ ފަދަ ޢިއްލަތެއްގެ މައްޗަށް ބިނާވެފައިވާ ޙުކުމެއްކަމުގައިވުން.
  • ފަރުޢުގައި އެޙުކުމް ވާކަމުގެ ނައްޞެއް އައިސްފައި ނުވުން.
  • ފަރުޢަށްވުރެ ކުރިން އަޞްލުގައި އޮތް ޙުކުމް ޝަރުޢުކުރެވިފައިވުން.

މީގެ އިތުރުން، ފަރުޢުގައި އަދި ޝަރުޠުތަކަކާއި ޢިއްލަތުގައި ހުރުން ލާޒިމުވާ ޝަރުޠުތަކެއްވެއެވެ.  އެހެންކަމުން، މިކަންކަމަށް ބަލާއިރު، ފަރުޢެއްގެ މައްޗަކަށް ފަރުޢެއް ޤިޔާސެއް ނުކުރެވޭނެއެވެ. ޤިޔާސް ކުރާ ކަންތަކުގެ މައްޗަކަށް އެހެން އެއްޗެއް ނުވަތަ އެހެން ކަމެއް ޤިޔާސެއް ނުކުރެވޭނެއެވެ. އަދި  ޤިޔާސްއާ ޚިލާފަށް އައިސްފައިވާ ކަންކަމުގެ މައްޗަކަށް ޤިޔާސެއް ނުކުރެވޭނެކަމަށްވެސް ޢިލްމުވެރިން ވިދާޅުވެއެވެ.

މީގެ މިސާލަކީ ދަތުރުކުރުމާއި ބަލިވުމަކީވެސް ދަތުރުވެރިއާއަށާއި ބަލިމީހާއަށް ރޯދަ ދޫކޮށްލުން ހުއްދަވާ ހަނިވެގެންވާ ޢިއްލާއެކެވެ. މާނައަކީ މި ދެ ސިފަ ހުންނާނީ މި ދެމީހުންކިބައިގާ އެކަންޏެވެ. މި ޢިއްލާއަށް ބަލައިގެން، ބޯޓުދެލި ނަގާ މީހުންނާއި ދަނޑުވެރިން ފަދަ ބުރަކޮށް މަސައްކަތްކުރާ މީހުންގެ ރޯދައަށް ޤިޔާސެއް ނުކުރެވޭނެއެވެ.

ޤިޔާސްގެ ބައެއް މިސާލު

އިސްމާޢީލް ނާޖީ (2012) ވިދާޅުވާގޮތުގައި، ވަކި މައްސަލައެއްގެ ޙުކުމަށް ނައްޞުން ދަލީލެއް އޮވެފައި، އަދި  ޙުކުމްތަކުގެ ޢިއްލަތްތައް އެނގޭ ގޮތްތަކުގެ ތެރެއިން ގޮތަކުން މި ޙުކުމުގެ ޢިއްލާ އެނގިފައި އޮއްވާ، މި ޢިއްލާއާ އެއްވަރުގެ ޢިއްލާއެއް އޮތް، ނައްޞުން ޙުކުމް ނެތް އެހެން މައްސަލައެއް ފެނުމުން ޖެހެނީ، ނައްޞުން ޙުކުމް އައިސްފައިވާ މައްސަލައާ ޙުކުމުގެ ގޮތުން އެއްވަރުކުރާށެވެ. އެއީ ދޭތީގެވެސް ޢިއްލާ އެއްވަރުކަމަށްޓަކައެވެ. ފަހެ ޙުކުމެއްގެ ޢިއްލާ އޮތްތަނެއްގައި އެ ޙުކުމެއް އޮންނާނެއެވެ.

ތިރީގައި މިވަނީ ބައެއްކަހަލަ ޤިޔާސްތަކުގެ މިސާލެވެ. މިއިން ކޮންމެ މިސާލެއްގައި ވެސް ވަނީ، ޙުކުމުގެ ޢިއްލާ އެއްވަރުވުމުން، ޙުކުމަށް ނައްޞެއް ނެތް މައްސަލަތައް، ޙުކުމަށް ނައްޞެއް އޮތް މައްސަލައަކާ އެއްވަރުކުރެވި، އެއް ޙުކުމެއް ދެވިފައެވެ. މިގޮތަށް ދެކަމެއްގެ ޢިއްލާ އެއްވަރުވުމުން ދެކަމުގެ ޙުކުމް އެއްވަރުކުރުމަކީ، އުޞޫލީންގެ އިޞްޠިލާޙުގައި ޤިޔާސް އެވެ.

މަސްތުވާ ކޮންމެ އެއްޗެއް (ޑްރަގްސް) ޙަރާމްވުން

ރާބުއިމަކީ އޭގެ ޙުކުމް ނައްޞުން ސާބިތުވެފައިވާ މައްސަލައެކެވެ. އެއީ މިއަންނަނިވި އާޔަތުން ދަލީލުކޮށްދީ ޙަރާމްކުރުމެވެ. (يَا أَيُّهَا الَّذِينَ آمَنُوا إِنَّمَا الْخَمْرُ وَالْمَيْسِرُ وَالْأَنصَابُ وَالْأَزْلَامُ رِجْسٌ مِّنْ عَمَلِ الشَّيْطَانِ فَاجْتَنِبُوهُ لَعَلَّكُمْ تُفْلِحُونَ( )سورة المائدة 90 ( މާނައީ: “އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން، ރާއާއި، ޖުވާކުޅުމާއި، އަޅުކަންކުރަން ހަދާފައި ހުންނަ ބުދުތަކާއި نصيب ހުރިގޮތް ބަލަން ގެންގުޅޭ ދުނިދަނޑިތަކަކީ، شيطان އާގެ عمل ތަކުގެ ތެރެއިންވާ މުޑުދާރު ތަކެއްޗެވެ. ފަހެ، ތިޔަބައިމީހުން އެކަންތަކާ ދުރުވެގަންނާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި نصيب ލިބުމަށްޓަކައެވެ.”

މިއާޔަތުގައި ރާ ޙަރާމްވުމުގެ ޢިއްލާއަކީ (ސަބަބަކީ) މަސްތުވުމެވެ. ވީމާ މި ޢިއްލާ ހިމެނިގެންވާ ކޮންމެ އެއްޗެއް (ނަބީޛެއްވެސް) ޙުކުމުގައި ރަލާ އެއްވަރުކުރެވި، ބުއިން ޙަރާމްވެއެވެ.

އެހެން އަންހެނެއްގެ ރަހިމުގައި ދަރިމައި ކުރުވުން

ކޮންމެސް މައްސަލައެއް ދިމައިވުމުގެ ސަބަބުން ދަރިން ނުލިބޭ ދެމަފިރިންނަށް ދަރިން ހޯދުމުގައި ރަހިމު ކުއްޔަށް ހިފައިގެން އެ ރަހިމުގައި ބިސް ފަރޓިލައިޒްކޮށް ދަރިން ހޯދުމަކީ މިޒާމާނުގައި ކުރަމުންއަންނަ ކަމެކެވެ. މި މައްސަލައިގައި އިސްލާމްދީނުގެ ޢިިލްމުވެރީންގެ ރަޢުޔު ތަފާތުވެފައިވެއެވެ. މާނައަކީ މިކަމަކީ ވަކި ޙާލަތެއްގައި ވަކި ޝަރުޠުތަކަކާއެކު ކުރެވިދާނެކަމަށް ދެކިލައްވާ ޢިލްމުވެރިންނާއި މިއީ ހުއްދަ ކަމެއް ނޫންކަމަށް ދެކިލައްވާ ޢިލްމުވެރީން އެބަތިއްބެވިއެވެ. ހުއްދަކުރައްވާ ޢިލްމުވެރީންގެ އެންމެ މުހިއްމު ޝަރުޠަކީ ބިސް އިންދާ، ރަހިމުގެ ވެރިމީހާއަކީވެސް ފަނީގެ ވެރިމީހާގެ އަންބަކަށް ވާންޖެހެއެވެ.

މިމައްސަލައިގައި މިއީ ހުއްދަކުރެވިދާނެ ކަމެއްކަމަށް ދެކިލައްވާ ޢިލްމުވެރީންވަނީ ނައްޞުން އައިސްފައިވާ ޙުކުމަކަށް ޤިޔާސްކުރައްވާފައެވެ. އެއީ ނިސާ ސޫރަތުގެ 23 ވަނަ އާޔަތާއި އަހްޒާބު ސޫރަތުގެ 6 ވަނަ އާޔަތަށެވެ. މި މައްސަލައިގެ ޢިއްލާކަމަށް ނަންގަވާފައިވަނީ ކުއްޖާގެ މަންމަކަމަށްވާނީ ހަމައެކަނި ކުއްޖާ ވިހާމީހާ ނޫންކަމަށެވެ. މިފަދަ ޢިލްމުވެރީން ގެ ޚިޔާލުގައި ކިރުދިނުމާއި ބިސް ދިނުމުގެ ޢިއްލާ އެއްގޮތް ކުރައްވައެވެ. ނިސާ ސޫރަތުގެ 23 ވަނަ އާޔަތުގައިވަނީ ކިރުދޭ މައިންގެ ވާހަކައެވެ. އަހްޒާބު ސޫރަތުގެ 6 ވަނައާޔަތަށް ބަލާއިރު ކީރިތި ރަސޫލާގެ އަނބިއަނބިކަނބަލުންނަށް މަންމައިންގެ ދަރަޖަ ދެއްވާފައިވާކަމަށް ޢިލްމުވެރީން ވިދާޅުވެފައިވެއެވެ.

ވަޞިއްޔަތްކުރި މީހާ މަރާލި މީހާއަށް ވަޞިއްޔަތުގެ ބައި ޙައްޤު ނުވުން

ވާރުތަވެރިޔާ އޭނާއަށް ވާރުތަކޮށްދޭމީހާ ޤަތުލުކުރުމުގެ މައްސަލައަކީ އޭގެ ޙުކުމް ނައްޞުން ސާބިތުވެފައިވާ ކަމެކެވެ. އެއީ ޤާތިލަށް ވާރުތައިން އެއްޗެއް ލިބުން މަނާކުރުމެވެ. މިޙުކުމުގެ ދަލީލަކީ: “ޤާތިލަށް ވާރުތަނުވާނެއެވެ.” މި ޙުކުމުގެ ޢިއްލާއަކީ، ޤާތިލު އެމީހާ މަރާލަނީ، ވާރުތަވުމުގެ ވަގުތުޖެހުމުގެ ކުރިން ވާރުތަވުން އަވަސްކުރުމަށްޓަކައެވެ. އެހެންވެ އޭނާގެ މަޤްޞަދާ އިދިކޮޅަށް އޭނާއާމެދު ކަންކުރެވި، ވާރުތައިން މަޙްރޫމުކޮށްލެވެއެވެ.

އެހެންކަމުން މިމައްސަލައަށް ބަލާލާއިރު، ވަޞިއްޔަތްކުރެވުނު މީހާ ވަޞިއްޔަތްކުރި މީހާ ޤަތުލުކުރުމުގައިވެސް މި ޢިއްލާ އެބައޮތެވެ. މިހެންވެ، ވާރުތަކޮށްދޭ މީހާ ޤަތުލުކުރުމަށް ޤިޔާސްކުރެވި، ވަޞިއްޔަތްކުރި މީހާ ޤަތުލުކުރުމުން ވަޞިއްޔަތުން މަޙްރޫމުވާނެކަމަށް ޙުކުމްކަނޑައެޅެއެވެ.

ހުކުރު ދުވަހުގެ ބަންގިއަށްފަހު, ހުކުރު ނަމާދު ނިމެންދެން މަސައްކަތްކުރުން ޙަރާމްވުން

ހުކުރު ވަގުތުގައި ވިޔަފާރި ކުރުން ޙަރާމްވީ ނައްޞުން ޘާބިތުވެގެންނެވެ. އަލްޖުމުޢަތު ސޫރަތުގެ 9 ވަނަ އާޔަތުގެ މާނައިގައި ވެއެވެ. ” އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ހުކުރު ދުވަހުގެ (ހުކުރު) ނަމާދަށް ގޮވާލެވޭ ހިނދު, ތިޔަބައިމީހުން ޛިކުރު (ޚުޠުބާ އަޑުއެހުން, ﷲ ހަނދުމަކުރުން) ކުރުމަށް އަވަސްވެގަންނާށެވެ! އަދި ތިޔަބައިމީހުން ވިޔަފާރިކުރުން ދޫކޮށްލާށެވެ!”

މި ޙުކުމުގެ ޢިއްލާއަކީ ވިޔަފާރީގައި މަޝްޣޫލުވެ ނަމާދުގެ މަތިން ހަނދާންނެތި ޣާފިވެގެން މީސްތަކުން ދިޔަނުދިނުމެވެ. ނަމާދަށް ޣާފިލުވުމަކީ ހަމަ ކޮންމެ ދުނިޔަވީ މުޢާމަލާތަކުންވެސް ވެދާނެކަމެކެވެ. ވިޔަފާރީގެ މުޢާމަލާތާއި އެހެން މުޢާމަލާތްތަކާހުރި މި އެއްގޮތްކަމުގެ ސަބަބުން,  ނަމާދަށް ހުރަސްއަޅާ ހުރިހާކަމެއް މީގެ ތެރެއަށް ވާންނާނެކަމަށް އިލްމުވެރީން ވިދާޅުވެފައި ވެއެވެ. އެގޮތުން، ހުކުރު ނަމާދު ވަގުތުގައި ކުއްޔަށް ދޫކުރުމުގެ މުޢާމަލާތާއި, ހުކުރު ވަގުތު ޕިކްނިކް ދިއުން ފަދަ ކުޅިވަރުކުޅެ މަޖާކުރުންފަދަ ކަންކަން މަނާވެގެންވެއެވެ.

އިނގިލީގެ ނިޝާންޖެހި ލިޔުން

މީހަކު ސޮއިކޮށްފައި އޮންނަ ލިޔުމެއްގެ ޙުކުމަކީ، ނައްޞުން އޭގެ ޙުކުމް ސާބިތުވެފައިވާ އެއްޗެކެވެ. މަދަނީ ޤާނޫނުގެ ނައްޞުން ދަލީލުކޮށްދެނީ، މީހަކު ސޮއިކޮށްފައި އޮންނަ ގަނޑަކީ އޭނާގެ މައްޗަށް އޮތް ހުއްޖަތެއްކަމުގައެވެ. މި ޙުކުމުގެ ޢިއްލާއަކީ، ސޮއިކުރާ މީހާގެ ސޮޔަކީ، އޭނާގެ ޝަޚްޞަށް ދަލީލުކޮށްދޭ އެއްޗެކެވެ. ހަމަ މިބީދައިން، އިނގިލީގެ ނިޝާންޖަހާފައިވާ ކަރުދާސް ގަނޑުގައިވެސް މި ޢިއްލާ އެބައޮތެވެ.

ވީމާ އިނގިލީގެ ނިޝާންޖަހާފައިވާ ލިޔުން، ސޮއިކޮށްފައިވާ ލިޔުމަށް ޤިޔާސްކުރެވި، އިނގިލީގެ ނިޝާން ޖަހާފައިވާ ލިޔުމަކީ ނިޝާނުގެ ވެރިފަރާތުގެ މައްޗަށް އޮތް ޙުއްޖަތެއްކަމަށް ނިންމެއެވެ.

ޢާއިލީ މީހުން ކުރާ ވައްކަން

ޣައިރު މުސްލިމު ބައެއް ޤައުމުތަކުގެ ޤާނޫނުލް ޢުޤޫބާތުގައި އޮންނަ ގޮތުން މައިންބަފައިންނާއި ދަރިންގެ ދެމެދުގައި އަދި ދެމަފިރިންގެ ދެމެދުގައި ހިނގާ ވައްކަމުގައި، ވައްކަންކުރެވުނު މީހާ އެދިގެން މެނުވީ، ވައްކަންކުރިމީހާގެ މައްޗަށް ޝަރީޢަތް ނުހިންގޭނެއެވެ. މިގޮތަށް މި ޙުކުމް އޮތުމުގެ ޢިއްލާއަކީ ތިމާގެކަމާއި ދެމަފިރިކަމެވެ.

ކަންމިހެން އޮތުމުން، ޙީލަތްހެދުމާއި ގަދަކަމުން ފައިސާ ފޭރުމާއި ބައުންސް ޗެކުދިނުމާއި ފައިސާ ނަގައިލުންފަދަ ކުށްތައްވެސް، ވައްކަމަށް ޤިޔާސްކުރެވި، މައިންބަފައިންނާއި ދަރިންނާއި ދެމަފިރިންގެ މެދުގައި ހިނގާ މިބާވަތުގެ ކުށްތަކަށް، ވައްކަމުގައި އޮންނަ ޙުކުމްދެވެއެވެ. މާނައަކީ ގެއްލުން ލިބުނު މީހާ އެދިގެން ނޫން ގޮތަކުން ދަޢުވާ ނުކުރެވެއެވެ.

އެހެންކަމުން މިއިން ކޮންމެ މިސާލެއްގައިވެސްވަނީ، ޙުކުމުގެ ޢިއްލާ އެއްވަރުވުމުން، ޙުކުމަށް ނައްޞެތް ނެތް މައްސަލަތައް، ޙުކުމަށް ނައްޞެއް އޮތް މައްސަލައަކާ އެއްވަރުކުރެވި، އެއް ޙުކުމެއް ދެވިފައެވެ. މިގޮތަށް ދެކަމެއްގެ ޢިއްލާ އެއްވަރުވުމުން ދެކަމުގެ ޙުކުމް އެއްވަރުކުރުމަކީ، އުޞޫލީންގެ އިޞްޠިލާޙުގައި ޤިޔާސް އެވެ.

މަޢުލޫމާތު ހޯދި ގޮތް

  1. القران الكريم ދިވެހި ތަރުޖަމާ، (ދިވެހިރާއްޖެ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، ޗާޕު1، 2007)
  2. އިބްރާހީމް އަޙްމަދު، “އިސްލާމީ ޝަރީޢާގެ ތާރީޚާއި މަޞްދަރުތައް” (ދިވެހިރާއްޖެ: އެމް. އެން.ޔޫ، ޗާޕު1، 2012)
  3. އިބްރާހީމް ޒަކަރިއްޔާ މޫސާ، އުޞޫލުލް ފިޤްހު1 (ދިވެހިރާއްޖެ، ވިލާ ކޮލެޖް، ފޮޓޯކޮޕީ ޗާޕު 1، 2012)
  4. އަފްރާޝީމް ޢަލީ ” އުޞޫލުލްފިޤްހް 2″ (ދިވެހިރާއްޖެ: ވިލާކޮލެޖް ނޯޓްސް، ދެލިކޮޕީ ޗާޕު1، 2011)
  5. އިސްޙާޤު މުޙައްމަދު، މޮޑިއުލް ” الحد يث الشريف 2″ (ދިވެހިރާއްޖެ، ވިލާކޮލެޖް، ލެކްޗަރަރ  ނޯޓްސް، 2016) ބެޗްލަރ އޮފް ޝަރީއާ، ބެޗް-10
  6. ސާމިޔާ ޒަކަރިއްޔާ، މޮޑިއުލް ” އުސޫލުލްފިޤހް 2″ (ދިވެހިރާއްޖެ، ވިލާކޮލެޖް، ލެކްޗަރަރ  ނޯޓްސް، 2016) ބެޗްލަރ އޮފް ޝަރީއާ، ބެޗް-10
  • އިންޓަރނެޓް ވެބްސައިޓްތައް
  1. މުޙައްމަދު ޢިޔާޟު ޢަބްދުއްލަޠީފް – ދަރުމަ މަޖައްލާ- 2012، ޞ: 18-21

http://www.dharumamajalla.com/downloads/2012/january/Jan-2012-006.pdf

(މައުލޫމާތުނެގީ: 26 އޮކްޓޯބަރ 2016 ގެ މެންދުރު 14:51 ގައި)

  1. އިސްމާޢިލް ނާޖީ ” އުސޫލުލް ފިޤްހް1″ http://kavaasaa.com/dheen/thaareekh/usoolulfiqh.html

(މަޢުލޫމާތު ނެގީ: 23 ޖެނުއަރީ 2015 ގެ ވަހީރު 16:32 ގައި)

  1. މުޙައްމަދު ޢިޔާޟު ޢަބްދުއްލަތީފް “ޤިޔާސްގެ ޙުކުމަކީ ކޮބާ؟”http://www.raajjeislam.com/13618

(މަޢުލޫމާތު ނެގީ: 23 އޮކްޓޯބަރ 2016 ގެ ވަހީރު 16:32 ގައި)

 

  1. ޖަންނަތު ސަޢީދު “ޙަނަފީ މަޒުހަބު: މަޞްދަރުތައް”

http://kavaasaa.com/dheen/thaareekh/hanafee-mazuhab-3.html

(މަޢުލޫމާތު ނެގީ: 23 ސެޕްޓެމްބަރ 2016 ގެ ހަވީރު 17:30 ގައި)

 

 

ލިޔުނީ: ޢަބުދުއްސައްތާރު މުޙައްމަދު

ނ. މިލަދޫ އަށް އުފަން، ޢަބްދުއްސައްތާރު މުޙައްމަދުވަނީ ސަރުކާރުގެ ޚިދުމަތުގައި 20 އަހަރަށްވުރެ ދިގުމުއްދަތެއް ހޭދަކުރައްވާފައެވެ. މި މުއްދަތުގައި އެރަށުކަތީބެއްގެ ހައިސިއްޔަތުން 7 އަހަރު ޚިދުމަތް ކުރައްވާފައިވެއެވެ. މިހާރު ވަޒީފާ އަދާކުރައްވަނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފަރާސްޓްރަކްޗަރ ގައެވެ. މިހާރު ވިލާކޮލެޖުގައި ޝަރިޢާ އެންޑް ލޯ އިން މަތީ ތަޢުލީމް ޙާޞިލުކުރައްވަމުން ގެންދަވާ ޢަބްދުއްސައްތާރު މުޙައްމަދު ވަނީ، އިސްލާމީ ޝަރީޢާގެ ދާއިރާއިން ޑިޕޮލޮމާއެއް އަދި ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓްގެ ދާއިރާއިން ވެސް ޑިޕޮލޮމާއެއް ހޯއްދަވާފައެވެ. މީގެ އިތުރުން ޢަބްދުއްސައްތާރު މުޙައްމަދުވަނީ 2004 ވަނަ އަހަރު މިނިސްޓްރީ އޮފް އެޓޯލްސް ޑިވެލޮޕްމަންޓް އާއި އޭރުގެ ނުރަސްމީ ތަޢުލީމުދޭ މަރުކަޒާ ގުޅިގެން ހިންގެވި "ރައްރަށުގެ ވެރިންތަމްރީނުކުރާ ކޯސް" ބައިވެރިންގެ ތެރެއިން އެއްވަނަ ހޯއްދަވާފައެވެ.

ޚިޔާލެއްދެއްވާ

avatar
wpDiscuz