ނަޞްލުގެ އެއްބައިވަންތަކަން ދެމެހެއްޓުން

އިސްލާމްދީނުގައި އެންމެހައި ގުޅުންތައް ޤާއިމުކުރަންޖެހޭނީ، އިސްލާމްދީނުގެ އަމާޒު ނުގެއްލޭނޭ ބިންގަލެއްގެ މަތީގައި، ޝަރުޢީ ޙުކުމްތައް ކަނޑައަޅާ ގޮތެއްގެ މައްޗަށެވެ. ނަޞްލުގެ އެއްބައިވަންތަކަން ދެމެހެއްޓުމަށްޓަކައި އިސްލާމްދީނުގައިވަނީ އިސްލާމީ  ޢަޤީދާ ޤަބޫލުކުރާ ހުރިހާ މުޢާމަލާތެއްގައިވެސް ހަމަހަމަކަން ލައްވާފައެވެ. މި ހަމަހަމަކަން ލައްވާފައިވަނީ ނަޞްލުގެ ތަފާތުކުރުމެއް ނެތިއެވެ. ހެޔޮ ޖަޒާދެއްވުމާއި ޢަޛާބު ދެއްވުމުގައިވެސް ތަފާތުކުރެއްވުމެއް ލައްވާފައެއްނުވެއެވެ. އިސްލާމްދީނުގައި މީހާގެ ތަފާތުކަން ދެނެގަންނަން އޮތް ހަމައެކަނި މިންގަނޑަކީ އެ މީހެއްގެ އީމާންތެރިކަމާއި، އެ މީހަކު ﷲ ގެ ހަޟްރަތަށް ތަޤުވާވެރިވީ މިންވަރެކެވެ.

އިންސާނުން އުފައްދަވާފައިވަނީ އެއް ނަޞްލަކުންކަމާއި الله سبحانه وتعالى އަށް ތަޤްވާވެރިވާމީހަކަށް މެނުވީ މާތްކަމެއް ލިބިގެން ނުވާކަން، ކީރިތި ޤުރްއާނުގެ سورة الحجرات ގެ 13 ވަނަ އާޔަތުން އެނގެން އެބައޮތެވެ.

މިއަދު އަޅުގަނޑުމެން އެންމެންގެ ޝަކުވާއަކަށް ވެފައިވަނީ، މުޅި ދުނިޔެއާއި ދިވެހި މުޖުތަމަޢުގައިވެސް، ފަރުދުންނާ ހަމައިން ފެށިގެންގޮސް ބައިނަލްއަގުވާމީ ގޮތުންވެސް ދެފަރާތުގެ ދެމެދުގައި އޮންނަންވާ ޙަޤީޤީ ގުޅުންތައް ދައްވެ ނެތިގެންގޮސް، އޭގެ ސަބަބުން ފަސާދައަށް މަގުފަހިވެގެންދާކަމެވެ.

އިސްލާމްދީނުގައި އިންސާނީ މުޖުތަމަޢުގެ ހަ ފަރާތުގެ ގުޅުމަށްވެސް ގޮވާލައި ބާރުއަޅާ އެ ގުޅުން ރަނގަޅުގޮތުގައި ޤާއިމުކުރުމަށް ﷲ އަންގަވާފައިވެއެވެ. އެހެންކަމުން އަޅުގަނޑުގެ އެންމެ މުހިއްމު އެއްބޭނުމަކީ އިސްލާމްދީނުގައި ނަޞްލުގެ ގުޅުމުގެ މުހިއްމުކަމާއި އެ ގުޅުމުގެ ސަބަބުން އެއްބައިވަންތަކަން އޮތްގޮތުގެ މަތިވެރިކަމާއި، އޭގެ އަސާސްތަކަކީ ކޮބައިކަމާއި، މިޒަމާނުގައި ޤާއިމުކުރެވެމުންދާ ގުޅުންތަކާ ދެމެދު ހުރި ތަފާތުތަކާއި މައްސަލަތައް މި ލިޔުން ވިދާޅުވާ ފަރާތްތަކަށް ފަހުމުވެ، އެނގިގެން ދިއުމެވެ.

ނަޞްލުގެ އެއްބައިވަންތަކަން ދެމެހެއްޓުމަށްޓަކައި އިސްލާމްދީނުގައިވަނީ އިސްލާމީ ޢަޤީދާ ޤަބޫލުކުރާ ހުރިހާ މުޢާމަލާތެއްގައިވެސް ހަމަހަމަކަން ލައްވާފައެވެ. އިންސާފު ލިބިދީފައިވަނީ ނަޞްލުގެ ތަފާތުކުރުމެއް ނެތިއެވެ.

اسلام دين ގެ އުޞޫލުތައް ނިޔާކުރާގޮތުން އިންސާނުންގެ ޢިޖުތިމާޢީ ޙަޔާތް ބިނާވެފައިވަނީ ވަކި އަސާސްތަކެއްގެ މައްޗަށެވެ. އޭގެތެރޭގައި ހިމެނޭ މުހިއްމު އަސާސްތަކަކީ އިންސާނީ ކަރާމަތާއި އިޙްތިރާމު ދެމެހެއްޓުމާއި ދިރިއުޅުމުގައި އިންސާނާގެ މަޤާމާއި، އޭނާގެ ޙުރްމަތްތެރިކަން ކަށަވަރު ކުރުމާއި، އިންސާނާއަކީ މުޖުތަމަޢުގެ ބައެއް ކަމުގައިވުމާއި، ފަރުދީ ހައްޤުތަކާއި ޖަމާއަަތުގެ ހައްޤުތަކުގެ ތިލަފަތް ހަމަހަމަވެފައި އޮތުމެވެ. މި ފަދަ އަސާސްތައް ޤާއިމު ކުރުމަށްޓަކައި ފުރިހަމަވާންޖެހޭ ކަންތައްތަކެއްވެސް اسلام دين ގައި ރޭވިފައިވެއެވެ. މިގޮތުން އެއްކަމަކީ އިންސާނުން އެކަކު އަނެކަކާ މެދު އެއްބައިވަންތަ ގުޅުމެއް އޮތުމެވެ.

اسلام دين ގައި ލައްވާފައިވާ ގުޅުންތަކުގެ ތެރޭގައި މައިގަނޑު 4 ކަމެއް ލައްވާފައިވެއެވެ. އެއީ އިންސާނުގެ މެދުގައިލައްވާފައިވާ ޢަދުލުވެރިކަމާއި، މިނިވަންކަމާއި، އަމަން އަމާންކަމާއި، ކަރާމާތްތެރިކަމެވެ. މިހަތަރުކަމަކީ އެއްކަމެއް އަނެއްކަމަކާގުޅި ލާމެހިވެފައިވާ ހަތަރުކަންތަކެވެ. މީގެ ތެރެއިން އެއްކަމެއް ނެތިގެން ގޮސްފި ނަމަ އަނެއްކަމަކަށް އަސަރުކުރާނެއެވެ. މިސާލަކަށް ބަލާނަމަ އިންސާނީ މުޖުތަމަޢައެއްގައި މިނިވަންކަމާއި ޢަދުލުވެރިކަން ނެތްނަމަ  އިންސާނީ  ކަރާމާތެއް އަދި ނަޞްލުގެ އެއްބައިވަންތަކަމެއް ނޯންނާނެކަން ކަށަވަރެވެ. އަދި ހަމަހަމަ ކަމެއްވެސް ނޯންނާނެއެވެ.

އިންސާނީ ކަރާމާތްތެރިކަމާއި ހަމަހަމަކަން

الله سبحانه وتعالى ވަނީ އެކަލާނގެ އެންމެ ފުރަތަމަ ޚަލްޤުކުރެއްވި އިންސާނާ آدمގެފާނަށް ސަޖިދަ ކުރުމަށް މަލާއިކަތުންނަށް އަންގަވާފައެވެ. ﷲ ގެ މި އެންގެވުމުން ހާމަވެގެންދަނީ އިންސާނާގެ ކަރާމާތްތެރިކަމާއި މާތްކަމެވެ.

އިންސާނާ މައިމީހާގެ ބަނޑުގައި ޤަރުބަ ގަތް ހަމައިން ފެށިގެން ކަށްވަޅަށްދާންދެން، الله سبحانه وتعالى ވަނީ އިންސާނާއަކީ ކަރާމާތްތެރި މަޚުލޫޤެއްކަމުގައި ކަނޑައަޅުއްވާފައެވެ. ނަމަވެސް އިސްލާމްދީން އައުމުގެ ކުރިން އެހެނިހެން ޙަޟާރަތްތަކުގައި އިންސާނީ ކަރާމާތްތެރި ކަމެއް ނެތެވެ. އޭރު މުޅި ދުނިޔޭގައިވަނީ ތަޅާފޮޅުމާއި، ޙައްޤުތަކަށް އަރައިގަތުމާއި، އަޅުވެތިކަމެވެ. ނަޞްލީ އެއްބައިވަންތަކަމެއް ނެތް އެ ދުވަސްވަރުގައި އެންމެ ބޮޑަށް ގެއްލިފައިވަނީ ދެރަ ނިކަމެތިންނާއި އަންހެނުންގެ ޙައްޤުތަކެވެ. ޔަހޫދީންގެ ނުވަތަ ގުރީކުެ ނުވަތަ އިންޑިއާގެ ބައެއް ދަރިކޮޅުގެ ފަލްސަފާއަށް ބެލި ނަމަވެސް މިކަންއޮތީ މިހެންނެވެ. މި ޙަޟާރަތުގެ މީހުން ދެކޭ ގޮތުގައި އަންހެނުންނަކީ ޖެހިފައިވާ ބޮޑު މުޞީބާތެކެވެ. ގްރީކުގައި ހިނގާފައިވާ ބަހުޘްތަކުގައި އަންހެނުންނަކީ އިންސާނެއްތޯ ނުވަތަ އެއީ މަޚުލޫޤެއްތޯ ސުވާލު އުފައްދާފައިވެއެވެ.

ނަމަވެސް އިސްލާމްދީނުގައިވާ ގޮތުން އިންސާނާއަކީ މި ބިމުގައިވާ ﷲ ގެ ޚަލީފާއެވެ. އެހެންކަމުން އިންސާނާ މަރުވުމަށްފަހުވެސް ނުވަތަ ކައްވަޅުން ނެގޭ އިންސާނާގެ ކަށިކޮޅަކަށްވެސް ޙުރްމަތްތެރިކޮށް ހިތަންޖެހެއެވެ.

ކީރިތި ޤުރުއާނުން އެނގޭ ގޮތުގައި ތަފާތުކުރުމެއްނެތި ދެ ޖިންސުގެ އިންސާނުންނަށްވެސް ވަނީ ހަމަހަމަ ކަމާއެކު ނިޢުމަތްތައް ދެއްވާ އިންސާނުންގެ ބުއްދީގެ ސަބަބުން މާތްކުރައްވާ އެހެނިހެން ތަކެތި އިންސާނުންގެ ޚިދުމަތުގައި ލައްވާފައެވެ. ކީރިތި ޤުރްއާނުގައި الله سبحانه وتعالى ވަޙީކުރައްވާފައިވެއެވެ. ﴿وَلَقَدۡ كَرَّمۡنَا بَنِيٓ ءَادَمَ وَحَمَلۡنَٰهُمۡ فِي ٱلۡبَرِّ وَٱلۡبَحۡرِ وَرَزَقۡنَٰهُم مِّنَ ٱلطَّيِّبَٰتِ وَفَضَّلۡنَٰهُمۡ عَلَىٰ كَثِيرٖ مِّمَّنۡ خَلَقۡنَا تَفۡضِيلٗا ﴾ ﴿ سورة الإسراء – 70﴾ މާނައީ: “ހަމަކަށަވަރުން، ތިމަންރަސްކަލާނގެ آدم ގެދަރިން މާތްކުރެއްވީމެވެ. އަދި އެއުރެން އެއްގަމާއި ކަނޑުގައި، އުފުއްލެވީމެވެ. އަދި އެއުރެންނަށް ރަނގަޅު ތަކެތިން رزق ދެއްވީމެވެ. އަދި ތިމަންރަސްކަލާނގެ ހެއްދެވި ތަކެތީގެ ތެރެއިން، ގިނަ ތަކެތީގެ މައްޗަށް އެއުރެން މަތިވެރި ދަރަޖައަކަށް މާތްކުރެއްވީމެވެ.”

މި އާޔަތުގައި ” އާދަމް ގެ ދަރީން މާތްކުރެއްވީމޭ” މިހެން الله سبحانه وتعالى އަންގަވާފައިވާ އެންގެވުމަކީ ވަކި ނަޞްލަކަށް ނުވަތަ ޤަބީލާއަކަށް ނިސްބަތްވާ އެންގެވުމެއްނޫނެވެ. އެއާ ޚިލާފަށް މިއީ މުޅި އިންސާނިއްޔަތަށް ދެއްވާފައިވާ ކަރާމާތްތެރިކަމެއްކަން އެނެގެއެވެ.

ނަޞްލުގެ އެއްބައިވަންތަކަން ދެމެހެއްޓުމަށް ބާރުއަޅުއްވާ އެންމެހާ އިންސާނުން ނަޞްލީ ގޮތުން ހަމަހަމަ ވެގެންވާކަމުގެ ދަލީލަކީ ޣައިރު މުސްލިމުންނާ އެކުވެސް ކުރާ މުޢާމަލާތްތަކުގައި ތެދުވެރިވުމަށާއި އިންސާފުވެރިވުމަށާއި، އަދުލުވެރިވުމަށް ކީރިތި ޤުރުއާނުގައި އަންގަވާފައި ވުމެވެ. ނަޞްލުގެ އެއްބައިވަންތަކަށް ދެމެހެއްޓުމަށް އޮތް އެންމެ ރަނގަޅު އެއް މިންގަނޑަކީ ކިތަންމެ މާތް  ނަސަބަކުން  އައިސްހުރި މީހަކު ނަމަވެސް ކުށެއްކޮށްފިނަމަ އަދަބު ލިބުމުގައި ހަމަހަމަ ވާނެކަން އިސްލާމްދީނުގައި ކަނޑައަޅާފައިވުމެވެ.

އޭގެ މިސާލަކީ، އިސްލާމްދީނުގައި ވައްކަންކުރުމަކީ، ޙަރާމް ކަމެކެވެ. އެއީ ކޮންމެ މީހެއްކަމުގައި ވިޔަސްމެއެވެ. އަދި އެހެންދީނެއްގެ މީހެއްގެ އަތުންވިޔަސް އެއްޗެއް ވަގަށްނެގުމަކީ ޙަރާމް ކަމެކެވެ. ދޮންމީހަކު ކަޅުމީހަކުއަތުން އެއްޗެއް ވަގަށްނެގިޔަސް އެ ޢަމަލަށްވެސް  ޙައްޤު ޖަޒާ ދެވޭނެއެވެ.  ކޮންމެ ފެންވަރެއްގެ މީހަކަސް، ކޮންމެ ނަސަބަކުން އައިސްހުރި މީހަކަސް، ވައްކަން ކޮށްފިއްޔާ ކަނޑައެޅިފައިވާ އުޤޫބާތް ލިބެންޖެހެއެވެ.

ކީރިތި ރަސޫލު محمد صلى الله عليه وسلم ޢަމަލީގޮތުން މި އުޞޫލު ތަންފީޒުކުރައްވާ ޙަދީޘް ކުރައްވާފައިވާކަމަށް ޢާއިޝަތުގެފާނުގެ އަރިހުން ރިވާވެގެން އައިސްފައިވާ މި ދަންނަވާ ޙަދީޘުން ސާބިތުވެއެވެ. (‏وَايْمُ اللَّهِ لَوْ أَنَّ ‏ ‏فَاطِمَةَ بِنْتَ مُحَمَّدٍ ‏ ‏سَرَقَتْ لَقَطَعْتُ يَدَهَا)[1] ޙަދީޘުގެމާނައީ: ”ﷲ ގަންދީ ހުވާކުރަމެވެ. މުޙައްމަދުގެފާނުގެ ދަރިކަނބަލުން ފާޠިމަތުގެފާނު ވައްކަން ކުރެއްވިނަމަ، އެކަމަނާގެވެސް އަތް ކެނޑުއްވީމުހެވެ.”

ނަޞްލުގެ ތަފާފުކުރުމެއްނެތި އެއްބައިވަންތަކަން ދެމެހެއްޓުމަށް ޙައްޤުގޮތުގައި ޙުކުމްތަންފީޒުކުރުމަކީ އިސްލާމްދީނުގެ އަސާސެއްކަން މިދަންނަވާ ހާދިސާއިންވެސް ސާބިތުވެއެވެ.

ކީރިތި ރަސޫލު محمد صلى الله عليه وسلم ގެ ޒަމާނުގައި އެއްފަހަރަކު ވައްކަމުގެ ހާދިސާއެއް ހިނގިއެވެ. ވައްކަންކުރިކަމަށް ޝައްކުކުރެވުނީ ޔަހޫދީއަކަށާއި މުސްލިމަކަށެވެ. ދެން ވައްކަން ކުރީ މުސްލިމު މީހާއަށް ވީހިނދުވެސް، ޔަހޫދީ މީހާގެ ބޮލުގައި ވައްކަން އެޅޭކަހަލަ ޤަރީނާތަކެއް ދައްކައިގެން، މުސްލިމުމީހާ ސަލާމަތްކުރަން އޭނާގެ ބައެއް ގާތްތިމާގެ މީހުން އުޅުނެވެ. ހުށައެޅުނު ޤަރީނާތަކަށް ބައްލަވާފައި، މުސްލިމުމީހާ ބަރީޢަ ކަމަށް ކީރިތި ރަސޫލާ محمد صلى الله عليه وسلم އަށް ހީފުޅުކުރެއްވުނެވެ. މިހެން ހީފުޅުކުރެއްވުމުން އޭނާގެ ދިފާޢުގައި ކީރިތި ރަސޫލާ محمد صلى الله عليه وسلم އަށް ވާހަކަފުޅު ނުދެއްކެވުނީވެސް ކިރިޔާއެވެ. އެހިނދު، އެ ޔަހޫދީ މީހާ ކުށުން ބަރީއަކަން އަންގަވާ، އަދި ޚިޔާނާތްތެރިވީ ކޮންބައެއްކަން ފާޅުކުރައްވާ، ކީރިތި ރަސޫލާއަށް ޢިތާބުކުރައްވާ،  އަދި ޙައްޤު އޭގެ  މަގަށް އަޅުއްވައި، الله سبحانه وتعالى  ވަޙީކުރެއްވި ބަސްފުޅުގެ މާނައިގައި ވެއެވެ. މާނައީ: “ހަމަކަށަވަރުން، حق ގޮތުގައި ތިމަންރަސްކަލާނގެ ކަލޭގެފާނަށް ފޮތް ބާވައިލެއްވީ، ކަލޭގެފާނަށް اللَّه އަންގަވާފައިވާ ގޮތުގެމަތިން، މީސްތަކުންގެ މެދުގައި حكم ކުރެއްވުމަށެވެ. خيانة ތެރިންގެ دفاع ގައި މަސައްކަތް ކުރައްވާ ބޭކަލަކުކަމުގައި ކަލޭގެފާނު ވެވަޑައި ނުގަންނަވާށެވެ!  އަދި، ފާފަފުއްސެވުން އެދި، اللَّه ގެ حضرة އަށް ކަލޭގެފާނު ދަންނަވާށެވެ! ހަމަކަށަވަރުން، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ.  އެއުރެންގެ އަމިއްލަ نفس ތަކަށް خيانة ތެރިވާ މީހުންގެ ފަރާތުން، ކަލޭގެފާނު ޖަދަލު ނުކުރައްވާށެވެ! ހަމަކަށަވަރުން، ފާފަވެރިވެ خيانة ތެރިވާ މީހަކުދެކެ اللَّه ލޯބިވެ ވޮޑިގެނެއް ނުވެތެވެ. އެއުރެން މީސްތަކުންނަށް ވަންހަނާވެގަނެތެވެ. އެކަމަކު، اللَّه ގެ حضرة އަށް އެއުރެންނަކަށް ވަންހަނާވެއެއް ނުގަނެވެތެވެ. އެކަލާނގެ ރުހިވޮޑިގެންނުވާ ބަސްތައް، އެއުރެން ވަންހަނާގައި تدبير ކޮށް އުޅޭހިނދު، އެއުރެންނާ އެކުގައި އެކަލާނގެ ވޮޑިގެންވެއެވެ. އެއުރެން ކުރާ عمل ތައް، ފުރިހަމަޔަށް ދެނެވޮޑިގެންވާ ކަލަކުކަމުގައި اللَّه ވޮޑިގެންވެއެވެ.  ދުނިޔޭގެ حياة ގައި އެއުރެންގެ ފަރާތުން، ތިޔަބައިމީހުން ތިޔަ ޖަދަލު ކުރީއެވެ. قيامة ދުވަހުން އެއުރެންގެ ފަރާތުން اللَّه އާ جدل ކުރާނީ ފަހެ ކާކުހެއްޔެވެ؟ ނުވަތަ، އެއުރެންގެ ކަންތަކާ حوال ވެ دفاع ކުރާނޭ وكيل އަކަށްވާނީ ފަހެ ކާކުހެއްޔެވެ؟ (القران الكريم ގެ ދިވެހި ތަރުޖަމާ، – 2007، ޞ: 191-192)   

އިސްމާޢީލް ނާޖީ (2013) ލިޔުއްވާފައިވާ ގޮތުގައި، އިސްލާމުދީނުގައި ނަޞްލުގެ އެއްބައިވަންތަކަމަށާއި ހަމަހަމަކަމަށް މިހާ ބޮޑަށް ބާރުއަޅުއްވާފައިވީ ނަމަވެސް، ބައެއް އެހެން ދީންތަކުގައި ނުވަތަ އެހެން ޢަޤީދާ ތަކުގައި އެބައިމީހުންގެ ނަޞްލު ނޫން އެހެން ބަޔަކާއެކީ އެބައިމީހުންގެ ނަޞްލަށް ޙަރާމްކަންތަކުގައި އެހެން ނަޞްލެއްގެ ބަޔަކާއެކު މުޢާމަލާތް ކުރާނަމަ އެއީ އެބައި މީހުންނަށް ހުއްދަ މުޢާމަލާތެއްކަމަށް އަމިއްލައަށް ކަނޑައަޅާފައިވެއެވެ. އެހެންނަމަވެސް މިފަދަ މުޢާމަލާތްތަކުގައި ނަޞްލުގެ ތަފާތުކަން ގެނެވިދާނެކަމަށް ސަމާވީ އެއްވެސް ދީނެއްގައި ކަނޑައަޅުއްވާފައެއް ނުވެއެވެ.  މިސާލަކަށް ބަލާނަމަ ޔަހޫދީން ދެކިފައިވާ ގޮތުގައި ރިބާއަކީ ޔަހޫދީންނާއެކު މުޢާމަލާތް ކުރާނަމަ ހުއްދަ އެއްޗެކެވެ. ނަމަވެސް ޔަހުދީންނޫން އެހެން ބަޔަކާއެކު (އެހެން ނަޞްލެއްގެ ބަޔަކާއެކު) ރިބާގެ މުޢާމަލާތަކުރުމަކީ ހުއްދަ މުއާމަލާތެކެވެ. ބަދަލުކުރެވިފައިވާ  ތައުރާތުގެ އައްތަޘްނިޔާ  ފޮތުގައި،  (ޑިއުޓެރޮނޮމީ 23: 19-20) ބުނެފައި ވެއެވެ. ”ކަލޭގެ އަޚާއަށް، ފައިސާއިންވިޔަސް، އަދި ކާއެއްޗަކުންވިޔަސް، އަދި އެނޫންވެސް އެއްޗަކުން ދަރަންޏެއް ދޭއިރު، ރިބާ ނުލާށެވެ.” ”ރިބާ” ލާފައި ކަލެއަށް ބޭރުހިލޭމީހަކަށް ދަރަނި ދެވިދާނެއެވެ. އެކަމަކު ކަލޭގެ އަޚާއަށް ރިބާލާފައި ދަރަނި ނުދޭށެވެ.” މިފަދަ ބާޠިލު ޢަޤީދާތަކުން ސާބިތު އެކުރެވެނީ އިންސާނީ ނަޞްލުގެ އެއްބައިވަންތަކަމުގެ އިދި ކޮޅު ސިފައެވެ.

يهودين އެމީހުންގެ ދީނާއި، ނަޞްލުގެ މީހުންނޫން މީހުންނާ معاملات ކުރާއިރު، އެއްވެސް ކަހަލަ ޖެހިލުމެއް، ކުށް އިޙްސާސުވުމެއްނެތި، ޚިޔާނާތްތެރިވުން (ތަފާފުކުރުންތައް) ހުއްދަކުރާ ވާހަކަ، ކީރިތި قران ގައިވެސް، ބަޔާންވެފައިވެއެވެ. މިގޮތުން ޔަހޫންދީންގެ މިފަދަ ޢަމަލުތައް ބަޔާން ކުރައްވާ މާތް الله سبحانه وتعالى  ވަޙީކުރައްވާފައިވެއެވެ. ﴿ وَمِنْ أَهْلِ الْكِتَابِ مَنْ إِنْ تَأْمَنْهُ بِقِنطَارٍ يُؤَدِّهِ إِلَيْكَ وَمِنْهُمْ مَنْ إِنْ تَأْمَنْهُ بِدِينَارٍ لا يُؤَدِّهِ إِلَيْكَ إِلاَّ مَا دُمْتَ عَلَيْهِ قَائِماً ذَلِكَ بِأَنَّهُمْ قَالُوا لَيْسَ عَلَيْنَا فِي الأُمِّيِّينَ سَبِيلٌ وَيَقُولُونَ عَلَى اللَّهِ الْكَذِبَ وَهُمْ يَعْلَمُونَ﴾ ﴿ سورة آل عمران 75﴾ މާނައީ: “ނުހަނު ގިނަ މުދަލަކުން ކަލޭގެފާނު އެމީހަކާ أمانة حوال ކުރައްވައިފިނަމަ، އެ أمانة ކަލޭގެފާނަށް އަނބުރައި ރައްދުކުރާ މީހުން ފޮތުގެ أهل ވެރިންގެ ތެރެއިންވެއެވެ. އަދި، ދީނާރަކުން ކަލޭގެފާނު އެމީހަކާ أمانة حوال ކުރައްވައިފިނަމަ، (އެ أمانة އަނބުރައި ރައްދުކުރުން އެދިވަޑައިގެން) އެކަމުގެ މަތީގައި ކަލޭގެފާނު قائم ވެވަޑައިގެން ހުންނެވިއްޔާ މެނުވީ، އެ أمانة  ކަލޭގެފާނަށް އަނބުރައި ރައްދު ނުކުރާ މީހުންވެސް އެއުރެންގެ ތެރެއިންވެއެވެ. އެއީ، ހަމަކަށަވަރުން، އެއުރެން ބުނެއުޅެނީ أمّى ންނާ މެދުގައި، (އެބަހީ: عربى ންނާ މެދުގައި) އެހެން ހެދުމަކުން އެއްވެސް ފާފައެއް އަހަރެމެންގެ މައްޗަކަށް ނެތެވެ. ފަހެ، އެއުރެން ދެނެތިބެ اللَّه އާމެދު ދޮގުބަސްތައް ބުނަނީއެވެ.” (القران الكريمގެ ދިވެހި ތަރުޖަމާ، 2007، ޞ: 120)

 ޢަދުލުވެރިކަމާއި އިޙްސާންތެރިކަން

އިސްލާމީ މަންހަޖު މަގުދައްކަނީ އެންމެހައި އިންސާނުންގެ މެދުގައިވެސް ރަނގަޅު އެއްބައިވަންތަ ގުޅުމެއް އޮތުމަށެވެ. މި ގުޅުމުގެ އަސާސަކީ ޢަދުލުވެރިކަމާއި އިޙްސާންތެރި ކަމެވެ. ޢަދުލު ވެރިކަން ފެށިގެން އަންނަނީ އިލާހީ ޙަޟުރަތުންނެވެ. އިންސާނީ ނަޞްލުގެ އެއްބައިވަންތަކަން ދެމެހެއްޓެވުމުގެ އަމުރުވެރިކަން އައިސްފައިވަނީވެސް އިލާހީ ޙަޟުރަތުންނެވެ. މިހެންކަމުން ޙައްޤާއި ބާޠިލު ވަކިކޮށްދީ، ނަޞްލުގެ އެއްބައިވަންތަކަން ގެނުވައިދެނީ ޢަދުލުވެރިކަމުންނެވެ. ޢަދުލުވެރިކަން ގެނުވާދޭ އިންސާނީ ކަރާމާތަކީ  އިލާހީ  އޯގާވަންތަކަމުގެ ތެރެއިން އިންސާނާ މާތްކުރެއްވުމެކެވެ.

ކީރިތި ޤުރުއާނުގެ ސޫރަތުއްނަޚުލުގެ 90 ވަނަ އާޔަތުގައި މީސްތަކުންނަށް އިއްވަވާފައިވާ ވަޢުޡު އިއްވަވާފައިވަނީ މިފަދައިންނެވެ. ﴿إِنَّ ٱللَّهَ يَأۡمُرُ بِٱلۡعَدۡلِ وَٱلۡإِحۡسَٰنِ وَإِيتَآيِٕ ذِي ٱلۡقُرۡبَىٰ وَيَنۡهَىٰ عَنِ ٱلۡفَحۡشَآءِ وَٱلۡمُنكَرِ وَٱلۡبَغۡيِۚ يَعِظُكُمۡ لَعَلَّكُمۡ تَذَكَّرُونَ﴾ މާނައީ: “ހަމަކަށަވަރުން، عدل ވެރިވުމަށާއި، إحسان ތެރިވުމަށާއި، ގާތްތިމާގެ މީހުންނަށް ހެޔޮފޯރުވުމަށް اللَّه އަމުރުކުރައްވަތެވެ. އަދި ހުތުރުކަން ބޮޑުވެގެންވާ ފާފަތަކާއި، منكرات ތަކާއި، އަނިޔާވެރިވެ އުޅުން، އެކަލާނގެ ނަހީކުރައްވަތެވެ. އެކަލާނގެ، ތިޔަބައިމީހުންނަށް، وعظ އިއްވަވަނީ، ތިޔަބައިމީހުން ހަނދުމަކުރުމަށްޓަކައެވެ.” (القران الكريم ގެ ދިވެހި ތަރުޖަމާ، – 2007، ޞ:562)

الله سبحانه وتعالىގެ މިބަސްފުޅުން ލާޒިމްކުރާ ގޮތުގައި، އިސްލާމީ މުޖުތަމައުގެ އަސާސްތަކަށް ލޮޅުމެއް ނާރައި، ހެޔޮ ގޮތުގައި ނަޞްލުގެ ގުޅުން ދެމެހެއްޓުމަށްޓަކައި އަދުލުވެރިކަމާއި އިޙްސާންތެރިކަމުގެ އަސާސްގެމަތީ މުޖުތަމަޢުގެ އެކަކު އަނެކަކާ މެދު އޮންނަންވާ ހަމަހަމަކަމުގެ ޙައްޤު ޤާއިމުކުރެވެން ޖެހޭނެއެވެ. އަދި ހަމަ މި އަސާސްގެ މަތީގައިތިބެ އާއިލާ ތަކުގެ މެދުގައި އެކަކުއަނެކަކާ ގުޅުން ބަދަހިވާން ޖެހެއެވެ. އަދި ހަމަ އެހެންމެ މި އާޔަތުން ބަޔާން ވެގެންވަނީ ޢަދުލުވެރިކަމުގެ މަރުޙަލާތަކަށް ވާޞިލް ވުމަށްޓަކާ ﷲ ޙަރާމްކުރެއްވި ކަންތައްތަކުން ދުރުވެ، އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންވުމާއެކު އަނިޔާވެރިކަން ދޫކޮށްލުން ލާޒިމް ކުރާކަމެވެ. ޙައްޤަށް ވާޞިލް ވެވޭނީ އޭރުންނެވެ. އެހެނީ الله سبحانه وتعالى އިސްލާމީ ޝަރީޢަތް ބާވާލައްވާފައިވަނީ އިންސާނުންގެމެދުގައި ސުލްޙަ މަސަލަސްކަން ޤާއިމުކޮށް އެބައިމީހުންގެ މަސްލަޙަތުތައް ރައްކާތެރިކުރެއްވުމަށާއި، އެއްބައިވަންތަކަން ޤާއިމް ކުރެއްވުމަށްޓަކައެވެ. ޢަދާވާތްތެރިކަމުން ދުރުހެލިވެ އަމާންކަމުގައި އުޅެވޭނޭ ވެއްޓެއް ޤާއިމް ކުރެއްވުމަށްޓަކައެވެ.

ނަޞްލުގެ ގުޅުން ދެމެހެއްޓުމަށްޓަކައި ގާތްތިމާގެ މީހުންނާއި، ޔަތީމުންނާއި މިސްކީނުންނާއި އަދި އެންމެހާ މީސްތަކުންނާމެދު އިހުސާންތެރިވުމަށް ކީރިތި ޤުރްއާނުގެ سورة البقرة ގެ 83 ވަނަ އާޔަތުގައި އަންގަވާފައި ވެއެވެ. ﴿ وَإِذْ أَخَذْنَا مِيثَاقَ بَنِي إِسْرَائِيلَ لَا تَعْبُدُونَ إِلَّا اللَّـهَ وَبِالْوَالِدَيْنِ إِحْسَانًا وَذِي الْقُرْبَىٰ وَالْيَتَامَىٰ وَالْمَسَاكِينِ وَقُولُوا لِلنَّاسِ حُسْنًا وَأَقِيمُوا الصَّلَاةَ وَآتُوا الزَّكَاةَ ثُمَّ تَوَلَّيْتُمْ إِلَّا قَلِيلًا مِّنكُمْ وَأَنتُم مُّعْرِضُونَ﴾  މާނައީ:” إسـرآءيـل ގެ ދަރިންގެ ކިބައިން، ތިމަންރަސްކަލާނގެ ކަށަވަރުވެގެންވާ عهد ހިއްޕެވިހިނދު، ހަނދުމަކުރާށެވެ! އެއީ، اللَّه އަށް މެނުވީ ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށެވެ. އަދި މައިންބަފައިންނާއި، ގާތްތިމާގެ މީހުންނާއި، يتيم ންނާއި، مسكين ންނަށް ހެޔޮކޮށް ހިތުމަށެވެ. އަދި ތިޔަބައިމީހުން މީސްތަކުންނަށް ހެޔޮބަސްބުނާށެވެ! އަދި ތިޔަބައިމީހުން ނަމާދު قائم ކުރާށެވެ! އަދި زكاة ދޭށެވެ! ދެން ތިޔަބައިމީހުން ދެކޮޅުވެރިވެގެންވާ حال، ތިޔަބައިމީހުންގެ ތެރެއިން މަދު ބަޔަކު މެނުވީ (عهد ފުއްދުމަށް) ފުރަގަސްދިނީއެވެ.” (القران الكريم ގެ ދިވެހި ތަރުޖަމާ، – 2007، ޞ:25)

ރުހޭ ޙާލަތްތަކާއި ނުރުހޭ ޙާލަތްތަކާއި އެކުވެރިކަން އޮންނަ ޙާލަތްތަކާއި ރުޅިވެރިކަން އޮންނަ ހާލަތްތަކުގައިވެސް އިންސާނުންގެ މެދުގައިވާ ހުރިހާ ބާވަތެއްގެ ގުޅުންތަކާއި މުޢާމަލާތުތަކުގައި އިހުސާންތެރިވާން ޖެހެއެވެ. އެހެނީ ޢަދުލުވެރިކަމާއި އިޙްސާންތެރިކަމަކީ الله سبحانه وتعالى އިންސާނުންނަށް އެންމެހާ ނިޢުމަތްތަކާމެދު ހެޔޮގޮތުގައި ޢަމަލުކުރާކަން މިންކުރައްވާ މިންގަނޑެވެ.

އެހެންކަމުން  ޢަދުލުވެރި ޝަރުޢީ  ނިޒާމެއް  ނެތްތަނެއްގައި  އޮންނާނީ  ގަޑުބަޑުކަމެވެ.  ފެތުރިފަ އޮންނާނީ ބިރުވެރިކަމާއި ނާމާން ކަމެވެ. ޙައްޤުތައް އޮންނާނީ ގެއްލިފައެވެ. ނަޞްލީ ތަފާތު ކުރުން ތަކުގެ ސަބަބުން މުޖުތަމަޢު އޮންނާނީ ވިއްސި ވިހާލިވެފައެވެ. މިހެންވެ އިސްލާމްދީންއައީ ނަޞްލީތަފާތުކުރުންތައް ނެތިކޮށްލާ އެއްބައިވަންތަ މުޖުތަމަޢަކަށް ގޮވާލައި އަމާންވެއްޓެއް ޤާއިމުކޮށްދޭނޭ ނިޒާމަކާ އެކުއެވެ. އެއީ ޢަދުލުވެރިކަމެވެ.

މިނިވަންކަމާއި އިންސާނީ ޙައްޤުތައް

އިސްލާމްދީނަކީ އިންސާނުންގެ މަޞްލަޙަތު ޙިމާޔަތް ކުރައްވައިފައިވާ ދީނެވެ. އިސްލާމްދީނުގެ މައިގަނޑު މަޤުޞަދަކީވެސް ހެއްދެވި ފަރާތުގެ ކިޔަމަނުގައިތިބެ އިންސާނީ މަޞްލަޙަތު ޙިމާޔަތްކުރުމެވެ. މީގެ އެންމެ ބޮޑު އެއްބޭނުމަކީ ނަޞްލެތަކުގެ މެދުގައި އެއްބައިވަންތަކަން ދަމަހައްޓާ އެންމެން އެއްހަމައެއްގައި ﷲ އިންސާނާއަށް ދެއްވާފައިވާ މިނިވަންކަން އެއީ އެކަލާނގެ ކަނޑައަޅުއްވާފައިވާ ޙުދޫދުގެ ތެރެއިންވާ އިންސާނާގެ ޙައްޤެއްކަމުގައި އިންސާނާ ދެނެގަނެ މިނިވަން މުޖުތަމަޢު އިންސާނާއަށް ކަށަވަރު ކޮށްދިނުމެވެ. މިނިވަންކަމަކީ އިލާހީ ޤާނޫނުތަކާ ޚިލާފު ނުވާގޮތަށް އިންސާނާއަށް ލިބިގެންވާ އިންސާނާގެ ޙައްޤެކެވެ. ޝަރުޢީ މާނައަށް ވިސްނާލާއިރު އިންސާނާއަކީ ﷲ އުފެއްދެވީއްސުރެ  ﷲ ގެ އަޅެކެވެ. މީގެ މާނައަކީ އިންސާނާގެ ވެރިފަރާތަށް ބޯލަނބާ ކިޔަމަންތެރިކަން އަދާކުރުމާއިއެކު ދުނިޔޭގައި ﷲ ލެއްވި މިނިވަންކަމުގެ ހުދޫދުގެ ތެރޭގައި އެކަލާންގެ ދުސްތޫރާ އެއްގޮތަށް އޭނާ އުޅޭހާ ދުވަހެއްގައި އޭނާއަކީ މިނިވަނެކެވެ. އޭނާއަށްޓަކަައިވާ އެންމެހާ ޙައްޤުތަކަކީ ލިބިގަންނަންޖެހޭ ޙައްޤުތަކެކެވެ. މިދެންނެވި ޙައްޤުތައް ލިބިގަންނަން މަސައްކަތް ކުރާއިރު ދުނިޔަވީ އެދުމުގައި އިލާހީ ޙުދޫދުން ބޭރުވެވިގެން ނުވާނެއެވެ. މި ހުދޫދުން ބޭރުވެ މިނިވަންކަމެއް ހޯދަން މަސައްކަތް ކޮށްފިނަމަ އޭނަވާނީ ދުނިޔޭގެ އަޅަކަށެވެ. އެކަމުގެ ސަބަބުން ދެދުނިޔެ އޭނަޔަށް ގެއްލި ޝައިޠާނާގެ އަޅުވެތި ކަމުގެ ތެރޭގައި ބަންދު ވެދާނެއެވެ.

އިންސާނުންގެ ޙައްޤުތަކާބެހޭ ޢާއްމު ޤަރާރު (ދަ ޔުނިވަރސަލް ޑެކްލަރޭޝަން އޮފް ހިޔުމަން ރައިޓްސް) ގެ އެއް ވަނަ މާއްދާގައި [ހުރިހާ އިންސާނުންވެސް ދުނިޔެއަށް އުފަންވަނީ، މިނިވަންކަމުގައި، ހަމަހަމަ ޙައްޤުތަކާއެކު، ހަމަހަމަ ދަރަޖައެއްގައި ކަމޭހިތެވިގެންވާ ބައެއްގެ ގޮތުގައެވެ. ހެޔޮވިސްނުމާއި، ހެޔޮބުއްދީގެ ބާރު އެ މީހުންނަށް ލިބިގެންވެއެވެ. އަދި އެކަކު އަނެކަކާމެދު އެ މީހުން މުޢާމަލާތްކުރަންވާނީ އުޚުއްވަތްތެރިކަމުގެ ރޫޙެއްގައި] ކަމަށް ބަޔާންކޮށްފައިވެއެވެ. މިއީ 10 ޑިސެމްބަރ 1948 ގައި އދ. މަޖިލީހުގެ ޢާއްމު ޖަލްސާއިން ފާސްކޮށް އިޢުލާންކޮށްފައިވާ ޤަރާރެކެވެ. މިއީ ޣައިރު މުސްލިމުން ހޯދާދިން ޙައްޤެއް ކަމަށް އެބައިމީހުން ދައްކަމުންދާއިރު މީގެ 1400 އަހަރު ކުރިން މުޅި އިންސާނިއްޔަތުގެ ޙިމާޔަތާ ރައްކާތެރިކަމަށްޓަކައި އިސްލާމްދީނުގައި މީސްތަކުންނަށް މިޙައްޤު ދެއްވާފައިވެއެވެ.

މީގެ ސާފު ދަލީލަކީ، ކައުއިތުރު ރަސޫލާ محمد صلى الله عليه وسلم ހިޖުރައިން 10 ވަނަ އަހަރު ޛުލްޙިއްޖާމަހު ގެ 9 ވަނަ ދުވަހު ޢަރަފާތުގައި ހުންނަވައިގެން މުޅި އިންސާނިއްޔަތާ މުޚާޠަބުކުރައްވި ބަސްފުޅެވެ. “لا فضل لعربي على عجمي ، ولا لعجمي على عربي ، ولا لأبيض على أسود ، ولا لأسود على أبيض إلا بالتقوى ، الناس من آدم ، وآدم من تراب.” (شرح العقيدة الطحاوية علي بن علي بن محمد بن أبي العز الدمشقي مؤسسة الرسالة سنة النشر: 1417هـ /1997م  رقم الطبعة: — عدد الأجزاء: جزءان) މާނައީ: “ތަޤުވާވެރިކަމުގެ ސަބަބުން ފިޔަވައި އެއްވެސް ޢަރަބީއަކަށް ޢަޖަމީއެއްގެ މައްޗަށް، އަދި ޢަޖަމީއަކަށް ޢަރަބީއެއްގެ މައްޗަށް،  ދޮން މީހަކަށް ކަޅު މީހެއްގެ މައްޗަށް، އަދި ކަޅު މީހަކަށް ދޮން މީހެއްގެ މައްޗަކަށް މާތްކަމެއް ނެތެވެ. ހުރިހާ މީސްތަކުން އުފެދުނީ އާދަމުގެފާނުގެކިބަފުޅުންނެވެ. އާދަމުގެފާނު އުފެއްދެވީ މަށިންނެވެ.”) އެހެންކަމުން އިންސާނުން މިނިވަން ކަމާއެކު ހަމަހަމަކަން  މަތީ އުޅުމަށް އިސްލާމް ދީނުގައި އެންމެ މަތީ ދަރަޖައިގެ އަހަންމިއްޔަތު ދީފައިވާކަން ހަމަ އެކަނި ރަސޫލާ محمد صلى الله عليه وسلم ގެ މި ޙަދީޘުފުޅުންވެސް އެނގެއެވެ.

އިންސާނީ ޙައްޤުތަކާބެހޭ އދ. ގެ ޤަރާރުގެ 3 ވަނަ މާއްދާގައިވަނީ ”  ދިރިހުރުމާއި  މިނިވަންކަމާއި އަމާންކަމުގެ ޙައްޤު ކޮންމެ މީހަކަށްވެސް ލިބިގެންވާ” ކަމުގައެވެ.  އިސްލާމީ ޝަރީޢަތުގެ މައިގަނޑުގެ އެއް މަޤްޞަދަކީ ނަފުސާއި ފުރާނަ ޙިމާޔަތްކުރުމެވެ. ހަމައެކަނި އިރުޝާދު ދެއްވައިފައިވަނީކީ ނޫނެވެ. އެކަމަށްޓަކައި އިސްލާމްދީނުގައި ތަފާތު ފިޔަވަޅުތައްވަނީ އަޅުއްވައިފައެވެ. މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. (مِنْ أَجْلِ ذَلِكَ كَتَبْنَا عَلَى بَنِي إِسْرَائِيلَ أَنَّهُ مَن قَتَلَ نَفْسًا بِغَيْرِ نَفْسٍ أَوْ فَسَادٍ فِي الأَرْضِ فَكَأَنَّمَا قَتَلَ النَّاسَ جَمِيعًا وَمَنْ أَحْيَاهَا فَكَأَنَّمَا أَحْيَا النَّاسَ جَمِيعًا ) (سورة المائدة 32) މާނައީ:”އެކަމަށްޓަކައި إسـرآءيـلގެދަރިންގެ މައްޗަށް، ތިމަންރަސްކަލާނގެ ކަނޑައެޅުއްވީމެވެ. نفسއެއް މަރައިގެން، ނުވަތަ ބިމުގައި فسادއެއް އުފައްދައިގެން ނޫންގޮތަކަށް، نفسއެއް މަރައިފި މީހަކު، އެންމެހާ މީސްތަކުން މެރިފަދައެވެ. އަދި އެ نفس ދިރުވައިފިމީހާ (އެބަހީ: ނުމަރައި ދުނިޔޭގައި ބަހައްޓައިފި މީހާ) އެންމެހާ މީސްތަކުން ދިރުވިފަދައެވެ.” (القران الكريم ގެ ދިވެހި ތަރުޖަމާ، – 2007، ޞ:225)

ޙައްޤަކާ ނުލައި މީހަކު މަރައިފި މީހަކަށް އިސްލާމްދީނުގައި ކަނޑައަޅުއްވައިފައިވާ ހަރުކަށި ޢުޤޫބާތަކީވެސް އެކަން ކުރުމުން މީހުން ދުރުކުރުމަށް އަޅުއްވައިފައިވާ ބާރެއްކަން ކަށަވަރެވެ.

ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި، ވަކިން ޚާއްސަކޮށް ހުޅަނގުގެ ޤައުމުތަކުގައި އިންސާނީ ޙައްޤުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބިދީފައިވާ ކަމަށް ބުނެވެއެވެ. ޔޫރަޕަކީ އިންސާނީ ޙައްޤުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބިދީފައިވާ ޤައުމުތަކުގެ ގޮތުގައިވަނީ ހުނިޖެހި ފާހަގަކުރެވިފައެވެ. ނަމަވެސް އެއީ އެ ގައުމުތަކުގެ މަލަމަތިން ފެންނަ ގޮތެވެ. އެތެރެފުށްއޮތީ އެހާ ފުރިހަމައަށް ހެއްޔެވެ؟ ދީނީ އިމެއްނެތި އިންސާނީ ބުއްދިއަށް އެ ފަހަރަކު ރަނގަޅު ކަމެއްގެ ގޮތުގައި ފެނުނު ކޮންމެ ކަމެއް ކުރުމަކީ އިންސާނީ ޙައްޤުއްގެ ގޮތުގައި ޔޫރަޕްގެ ގައުމުތަކުގައި ޤަބޫލުކުރެއެވެ. އެއްޖިންސުން ގުޅުން ހިންގުމާއި ބަދުއަޚުލާޤީ ޢަމަލުތައް ހިންގުމާއި ބޭނުންވެއްޖެ ހިނދެއްގައި ދީން ބަދަލުކުރުން ފަދަ ކަންކަން އިންސާނީ ޙައްޤުތަކުގެ ތެރޭގައި  ހިމެނިފައި ވަނީ މި އުޞޫލުންނެވެ.

ހުޅަނގުގެ ޤައުމުތަކުގައި ޔަތީމު ޚާނާތައް އުފައްދަން ޖެހުނީވެސް ވަކި އިމެއްނެތި ޖިންސީ ގުޅުން ހުއްދަވެފައި އޮތުމުންނެވެ. ރަށްމެދަށް އުފަންވާ ދަރިން ބެލެހެއްޓުމުގައި ޒިންމާވެ ޚަރަދުބަރަދު ބަލަހައްޓާނެ ފަރާތްތަކެއް ނެތުމުންނެވެ. ނާސިން ހޯމްތަކެއް ނުވަތަ މުސްކުޅިން ބަލަހައްޓާ ގެތައް ހަދަންޖެހުނީ،  ދަރިންގެ މައްޗަށްވާ މައިންބަފައިންގެ ޙައްޤުތައް ޙިމާޔަތްކުރެވިފައި ނެތުމުންނެވެ. މައިންބަފައިން މުސްކުޅިވާ ދުވަހު ދަރިންގެ ފަރާތުން އެ މީހުންނަށް ލިބެންޖެހޭ ޙައްޤުތައް ހޯދައިދެވެން ނެތުމުންނެވެ.

ނަމަވެސް އިސްލާމްދީން  ގޮވައިލަނީ  ޝަރުޢީ  ގުޅުމެއްގެ  ދަށުން މެނުވީ  ދެ ޖިންސުގެ  މެދުގައި  ގުޅުމެއް ނުބޭއްވުމަށެވެ. އެ ދެބައިމީހުންގެ ޙައްޤުތައް ވެސް އެންމެ ފުރިހަމަ ގޮތުގައި ހޯދައިދިނުމަށާއި ލިބޭ ދަރިންގެ ޙައްޤުތައް ވެސް ހިމާޔަތްކުރުމުގެ ގޮތުންނެވެ. އިސްލާމްދީނުގައި އަނބިންނާއި ދަރިން ލައްވަވާފައިވަނީ ބައްޕަގެ ޒިންމާގެ ދަށުގައެވެ. ހަމަ އެފަދައިން މައިންބަފައިން މުސްކުޅިވާ ދުވަހު އެމީހުން ބެލެހެއްޓުމަކީވެސް ދަރިންގެ ކޮނޑުގައި އިސްލާމްދީން އަޅުވާ ޒިންމާއެކެވެ.(ހަވީރު ނޫސް – 2016)

އިސްލާމީ ޤައުމުތަކުގައިވެސް އިންސާނީ ޙައްޤުތަކަށް އަރައިގަނެވިފައިހުރީ އިސްލާމްދީނުގައި އެ ޙައްޤުތައް ޙިމާޔަތްކުރެވިފައިވާ މިންގަނޑު ދޫކޮށްލައި އޭގެ ބަދަލުގައި  ހުޅަނގުގެ އިމެއް ނެތް މިންގަނޑުތައް  ނަމޫނާއަކަށް ބަލައި އޭގެ ހިޔަނީގެ ދަށަށް ވަންނާން އުޅުމުންކަން ސާބިތުކުރެވެއެވެ.

އަމަން އަމާންކަން

އަމަންއަމާންކަމަކީ އިންސާނުން ﷲ އަށް އަޅުވެތިވެ ބިމުގެ ޚަލީފާކަން އަދާކުރުމަށްޓަކައި ހަމަ ކޮންމެހެން ބޭނުންވާ އަދި ﷲ އިންސާނުންނަށް ދެއްވާ ނިޢުމަތެއްވެސްމެއެވެ. އެހެންކަމުން މި ނިޢުމަތަށް ރައްކާތެރިވުމަކީ މުސްލިމުންގެ މައްޗަށް ލާޒިމު ކަމެކެވެ. ކީރިތި ރަސޫލާ محمد صلى الله عليه وسلم ހަދީޘް ކުރައްވާ ބަސްފުޅެއްގެ މާނާގައި ވެއެވެ.” ހަށިގަނޑު ސަލާމަތުންހުރެ ދުވަހުގެ ކޮއްތު ހަމަކޮށްގެން އެމީހަކު އުޅޭތަނެއްގައި އަމާންކަންމަތީ ހުރެވޭނެގޮތް ވެއްޖެ މީހަކަށް މުޅި ދުނިޔެއެކީ ލިބިފައިވުމާ އެއްފަދައެވެ.” (ޙަދީޘްގެ މާނަ: ދަރުމަ މަޖައްލާ ވޮލިއުމް 3 ގެ 12 ވަނަ ޞަފްޙާ) މި ހަދީޘުން ދޭހަވާ ގޮތުގައި އަމާންކަމަކީ މުޅި ދިރިއުޅުމެވެ. އަމާންކަން ނެތިއްޖެނަމަ މުދަލުގެ ބޭނުމެއް ނުހިފޭނެއެވެ. ރަނގަޅު ސިއްހަތަކުން ކުރާނެ ފައިދާއެއް ނެތެވެ. ދިރިއުޅުމަށް ހަމަޖެހުމެއް ނެތެވެ. ތަރައްޤީއެއް ކުރިއެރުމެއް ނެތެވެ. ކުރުކޮށްދަންނަވާނަމަ އަމަންއަމާންކަން ދެމެހެއްޓުމަކީ އިސްލާމްދީނުގައި ޝަރުޢީ ވާޖިބެކެވެ. އެހެނަސް އަމަންއަމާން ކަމަކީ އީމާންވެ ހެޔޮއަމަލުކުރާ މީހުންނަށް ދެއްވުމަށް ﷲ ވަޢުުދުވެ ވޮޑިގަންނަވާފައިވާ ކަމެކެވެ. ހަމައެފަދައިން އެއީ ﷲ ގެ ނިޢުމަތަށް ކުފުރުވެރިވާ މީހުންގެ ކިބައިން ނިގުޅައި ގަނެވޭ ކަމެއްވެސްމެއެވެ. މިއީ އިސްލާމްދީނުގައި އަމަން އަމާންކަމަށް އަހަމިއްޔަތު ކަން ދީފައިވާ މިންވަރެވެ.

އަމަން އަމާންކަން  ދެމެހެއްޓުމަށްޓަކައި  އެންމެ  ފުރަތަމަކަމަކީ  އަމަންއަމާންކަމަށް ލޯބި  ކުރުމުގެ  މައްޗަށް މީސްތަކުން ތަރުބިއްޔަތު ކުރުމެވެ. މިފަދަ ތަރުބިއްޔަތަކީ ތަޥްޙީދުގެ  ޢަޤީދާގެމަތީ ޤާއިމު  ކުރެވޭ  ތަރުބިއްޔަތެވެ. އެހެނީ  އޭގައި އަޚުލާގާއި އުޚުއްވަތްތެރިކަމާއި އެކަކު އަނެކަކަށް އެހީވާން ހިތްވަރު އެކުލެވެއެވެ.

ފިކުރީ ގޮތުން ކިތަންމެ ހައްދު ފަހަނައަޅާފައިވާ ފިކުރަކާ މުޤާބަލާ ކުރިނަމަވެސް އޭގެ ރައްދުގައި މުޖުތަމަޢުގެ އަމާންކަން ގެއްލޭފަދަ ޢަމަލުތަކުން އެއްކިބާވާން ވާނެއެވެ. އެހެނީ ފިކުރަކީ އެއަށް ޙުއްޖަތާއި ދަލީލުން ރައްދު ދެވިދާނެ އެއްޗެއްކަމަށް ވާތީއެވެ. އަދި މުޖުތަމަޢުގެ އަމަންއަމާންކަމަށް އަރައިގަންނަ ހަމަ ކޮންމެ މީހަކަށް ޤާނޫނީ ގޮތުންނާއި ޝަރުޢީ ގޮތުން ދެވެން އޮންނަ އަދަބުތައް ދިނުމުގައި ފަސްނުޖެހުމެވެ. ސަބަބަކީ އަދަބު ދިނުމަކީވެސް ޙަޤީޤަތުގައި ތަރުބިއްޔަތެއް ކަމަށްވުމެވެ. ދެން ތިބި ބަޔަކަށް ޢިބުރަތެއް ކަމުގައި ވުމެވެ. މިގޮތަށް އަދަބު ދެވޭނަމަ އަމާންކަން ދަމަހައްޓަން ބާރު ލިބޭނެއެވެ. މިއިޝާރާތް ކުރެވުނު އިސްލާމީ އިރުޝާދުތަކަށް މުސްލިމުން ތަބާވުމަކީ އަމަންއަމާންކަމުގެ ނޢުމަތް ދެމެހެއްޓުމަށްޓަކައި ހަމަ ކޮންމެހެންވެސް ކުރަން ޖެހޭނެ ކަންކަމެވެ.

މަޢުލޫމާތު ހޯދި ގޮތް

  1. القران الكريم ގެ ދިވެހި ތަރުޖަމާ، (ދިވެހިރާއްޖެ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، ޗާޕު1، 2007)
  2. ޔޫސުފް އަލްޤަރަޟާވީ ، “އިސްލާމް ދީނުގައި ޙަލާލާއި ޙަރާމް” (ތަރުޖަމާ: އިސްމާޢީލް ނާޖީ – 2003 – ދިވެހިރާއްޖެ) ޞ: 59- 60 http://www.kavaasaa.com/ ( މަޢުލޫމާތު ނެގީ 29 ޖެނުއަރީ 2016 ވަނަ ދުވަހުގެ މެނދުރުފަހު: 14:.23 ގައި)
  3. http://www.haveeru.com.mv/dhivehi/opinion/30916 ( މަޢުލޫމާތު ނެގީ 22 ފެބުރުއަރީ 2016 ގެ 8:32 ގައި)
  4. ޢަބްދުﷲ ފާރޫޤް ޙަސަން، ނަބަވީ ސީރަތާއި މިޒަމާނުގެ މައްސަލަތައް، ( ދިވެހިރާއްޖެ، ފުރަތަމަ ޗާޕު، 2013)
  5. ޢަބްދުﷲ ފާރޫޤް ޙަސަން، އިސްލާމްދީން – ރައްވެހި ދުނިޔޭގެ މޭސްތިރި، ( ދިވެހިރާއްޖެ، ދެވަނަ ޗާޕު، 2013)
  6. އަޙްމަދު ފިރާސް، ” އިސްލާމިކް އެކޮނޮމީ ސިސްޓަމް ” ލެކްޗަރަރ ނޯޓްސް،  (ދިވެހިރާއްޖެ، ވިލާކޮލެޖް / 2016) ބެޗްލަރ އޮފް ޝަރީއާ އެންޑް ލޯ / ބެޗް-10
  7. މޫސާ އަންވަރު، ” مدخل إلى العلاقات الدولية ” ލެކްޗަރަރ ނޯޓްސް،  (ދިވެހިރާއްޖެ، ވިލާކޮލެޖް / 2016) ބެޗްލަރ އޮފް ޝަރީއާ އެންޑް ލޯ / ބެޗް-10

ދަރުމަ މަޖައްލާ ވޮލިއުމް 3 ( ދިވެހިރާއްޖެ- ފުރަތަމަ ޗާޕު 2002 )

[1]  الراوي: عائشة – خلاصة الدرجة: صحيح – المحدث: البخاري – المصدر: الجامع الصحيح – الصفحة أو الرقم: 6788

ލިޔުނީ: ޢަބުދުއްސައްތާރު މުޙައްމަދު

ނ. މިލަދޫ އަށް އުފަން، ޢަބްދުއްސައްތާރު މުޙައްމަދުވަނީ ސަރުކާރުގެ ޚިދުމަތުގައި 20 އަހަރަށްވުރެ ދިގުމުއްދަތެއް ހޭދަކުރައްވާފައެވެ. މި މުއްދަތުގައި އެރަށުކަތީބެއްގެ ހައިސިއްޔަތުން 7 އަހަރު ޚިދުމަތް ކުރައްވާފައިވެއެވެ. މިހާރު ވަޒީފާ އަދާކުރައްވަނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފަރާސްޓްރަކްޗަރ ގައެވެ. މިހާރު ވިލާކޮލެޖުގައި ޝަރިޢާ އެންޑް ލޯ އިން މަތީ ތަޢުލީމް ޙާޞިލުކުރައްވަމުން ގެންދަވާ ޢަބްދުއްސައްތާރު މުޙައްމަދު ވަނީ، އިސްލާމީ ޝަރީޢާގެ ދާއިރާއިން ޑިޕޮލޮމާއެއް އަދި ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓްގެ ދާއިރާއިން ވެސް ޑިޕޮލޮމާއެއް ހޯއްދަވާފައެވެ. މީގެ އިތުރުން ޢަބްދުއްސައްތާރު މުޙައްމަދުވަނީ 2004 ވަނަ އަހަރު މިނިސްޓްރީ އޮފް އެޓޯލްސް ޑިވެލޮޕްމަންޓް އާއި އޭރުގެ ނުރަސްމީ ތަޢުލީމުދޭ މަރުކަޒާ ގުޅިގެން ހިންގެވި "ރައްރަށުގެ ވެރިންތަމްރީނުކުރާ ކޯސް" ބައިވެރިންގެ ތެރެއިން އެއްވަނަ ހޯއްދަވާފައެވެ.

ޚިޔާލެއްދެއްވާ

avatar
wpDiscuz